ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) އުނިކުރުން.
3. (ރ) (އުނިކޮށްފައި).
2. ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އުނިކުރުން.
13. އުޖޫރައިގެ މާނައިގައި ނުހިމެނޭ ޢިނާޔަތާއި މަންފާ (އުނިކޮށްފައި).
3. ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
14. ޢިނާޔަތާއި މަންފާ
ޓެކްސް ނެގުމުން އިސްތިސްނާވާނެ ކަމަށް ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދާނީއަކަށް ނުވާ، އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް، ފައިސާއިން ނުވަތަ ފައިސާއިން ނޫން ގޮތަކަށް ވިޔަސް ދޭ ކޮންމެ ޢިނާޔަތަކާއި މަންފާއަކީ އުޖޫރައިގެ މާނައިގައި ހިމެނޭ ޢިނާޔަތާއި މަންފާއެކެވެ. އަދި މި ބާބުގައި ބަޔާންކޮށްފައިވާ ޢިނާޔަތާއި މަންފާތަކަކީ އުޖޫރައިގެ މާނައިގައި ހިމެނޭ ހުރިހާ ޢިނާޔަތަކާއި މަންފާތަކެއް ނޫނެވެ.
4. ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
33. ވިތުހޯލްޑިންގ ޓެކްސް
މި ބާބުގައި "ވިތުހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހަށާއި، ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަށާއި، ޤާނޫނުގެ 1-50 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރަންޖެހޭ ޓެކުހަށެވެ.
5. ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
35-1. ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް
(ހ) ޤާނޫނުގެ 1-50 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރަންޖެހޭ ޓެކުހަށް މި ގަވާއިދުގައި ހަވާލާދޭނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް" މިފަދައިންނެވެ.
(ށ) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް އުނި ނުކޮށް ފައިސާ ލިބޭ ފަރާތަށް ވިތުހޯލްޑިންގ އޭޖެންޓް ފައިސާ ދައްކައިފިނަމަ، ވިތުހޯލްޑިންގ އޭޖެންޓް މީރާއަށް ދައްކަންޖެހޭ ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކުހުގެ އަދަދު ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
A×0.1
A = ފައިސާ ލިބޭ ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު
6. ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
40. (ހ) ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޖޫރަ ދެނީ، ނުވަތަ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ ނުވަތަ ޤާނޫނުގެ 1-50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ދައްކަނީ ރުފިޔާއިން ކަމުގައި ނުވާނަމަ، މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި އެ ފަރާތަކުން އެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ އެ ފައިސާ އުނިކުރަންޖެހުނު ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކޮށްފައިވާ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯރ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ. އަދި އެކްސްޗޭންޖް ރޭޓް ބެލުމުގައި ރިޢާޔަތް ކުރަންވާނީ އެއް މަސްދަރަކަށެވެ.
7. ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) އުނިކުރުން.
41.
(ށ) (އުނިކޮށްފައި)
(ނ) (އުނިކޮށްފައި).
(ރ) (އުނިކޮށްފައި).
8. ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
41. (ބ) އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އުޖޫރަ ލިބޭ މީހެއްނަމަ، އެ މީހާގެ ޓެކްސް-ފްރީ ތްރެޝޯލްޑް ބޭނުންކުރާނެ އުޖޫރަ ދޭ 1 (އެކެއް) ފަރާތް އިޚްތިޔާރު ކުރަންވާނެއެވެ. މި ގޮތަށް އިޚްތިޔާރު ކުރުމަށް، އުޖޫރަ ދޭ ފަރާތްތަކަށް ހުށަހަޅާނީ "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ފޯމެވެ.
9. ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
41. (1-ބ) މި މާއްދާގެ (ބ) ރައްދުވާ މީހަކު، އެ މީހާގެ ޓެކްސް-ފްރީ ތްރެޝޯލްޑް ބޭނުންކުރާނެ ފަރާތެއް އިޚްތިޔާރުކޮށްފައި ނުވާނަމަ، އެ މީހާގެ ޓެކްސް-ފްރީ ތްރެޝޯލްޑް ބޭނުންކުރާނެ އުޖޫރަ ދޭ ފަރާތް ކަނޑައަޅާނީ މީރާއިންނެވެ.
10. ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ޅ) އާއި (ކ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
41.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތުން ނުވަތަ މި މާއްދާގެ (1-ބ) ގެ ދަށުން މީރާއިން ކަނޑައަޅާ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ ޓެކްސް-ފްރީ ތްރެޝޯލްޑް ބްރެކެޓް ވެސް ހިމެނޭގޮތުން ކޮންމެ ބްރެކެޓަކަށް ވަކިން ހިސާބުކުރުމަށް ފަހުގައެވެ.
(ކ) މި މާއްދާގެ (ބ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތް ފިޔަވައި އަދި މި މާއްދާގެ (1-ބ) ގެ ދަށުން މީރާއިން ކަނޑައަޅާ ފަރާތް ފިޔަވައި، އެހެން ފަރާތްތަކުން، އެ މީހަކަށް އެ މަހަކަށް ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލައިން، %8 (އަށެއް އިންސައްތަ) ގެ ރޭޓުގައި، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.
11. ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
41. (ތ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ލާޒިމުނުވާ އުޖޫރަ ދޭ ފަރާތްތަކަށް، މި މާއްދާގެ (ބ) އިން ފެށިގެން (ދ) ގެ ނިޔަލަށް ހުރި އަކުރުތައް ރައްދެއް ނުވާނެއެވެ.
12. ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
42. (ށ) އެއްވެސް މީހަކަށް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދަކީ، -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުނޫން އަދަދެއް ނަމަ، އަދި އެ ޓެކްސް އަހަރުގައި އެ މީހާއަށް ދޭ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރުނުވާނެކަމަށް އަންދާޒާކުރެވޭނަމަ، އެ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވިޔަސް، އެ މަހަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ލާޒިމެއް ނޫނެވެ.
13. ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (1-ށ) ގެ މައިގަނޑު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
(1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދަކީ -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުނޫން އަދަދެއް ކަމުގައި ވިޔަސް، އެއްވެސް މަހެއްގެ އުޖޫރައިގެ އަދަދު ހިމެނުމުން އެ މަހުގެ ނިޔަލަށް އެއްވެސް މީހަކަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދު -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އަންނަނިވި ގޮތަށް ހިސާބުކުރުމަށްފަހު، އެ އަހަރު ނިމެންދެން ކޮންމެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ. މި ގޮތަށް ހިސާބުކުރާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދުގައި، އެ އަހަރުގައި ކުރިން ފާއިތުވެފައިވާ މަސްތަކުގައި އުނިކުރަންޖެހުނު މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދެއް ނުހިމެނޭނެއެވެ.
14. ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
52-1. މީރާއިން ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތައް
ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، މީރާއިން ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކަކީ، މި ގަވާއިދުގެ 52 ވަނަ މާއްދާގެ ދަށުން ކޮމިޝަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކެވެ.
15. ބުނެވިދިޔަ ގަވާއިދުގެ 58 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
58.
(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ އަދި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތެއް ނަމަ، އެ ފަރާތުގެ ހިސާބުކުރާ މުއްދަތަކީ އެ ފަރާތަށް ދިވެހިރާއްޖެއިން އާމްދަނީ ލިބެން ފެށި ތާރީޚުން ފެށިގެން އަންނަނިވި ތާރީޚުތަކުގެ ތެރެއިން ކުރިން އަންނަ ތާރީޚެއްގެ ނިޔަލަށެވެ.
(1) އެ ފަރާތަށް ދިވެހިރާއްޖެއިން އާމްދަނީ ލިބުން ނިމުމަކަށް އައި ތާރީޚު؛
(2) އެ ޓެކްސް އަހަރުގެ 31 ޑިސެންބަރު.
16. ބުނެވިދިޔަ ގަވާއިދުގެ 64 ވަނަ މާއްދާ އުނިކުރުން.
64. ނުއުފުލޭ މުދަލުން ލިބޭ އާމްދަނީ (އުނިކޮށްފައި).
17. ބުނެވިދިޔަ ގަވާއިދުގެ 95 ވަނަ މާއްދާގެ (ށ) އާއި (ނ) އުނިކުރުން.
95.
(ށ) (އުނިކޮށްފައި)
(ނ) (އުނިކޮށްފައި).
18. ބުނެވިދިޔަ ގަވާއިދުގެ 96 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
96. (1-ނ) އެއްވެސް މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމުގެ ކުރިން، އެ މަހުގެ ކުރިން ނިމިފައިވާ މަސްތަކަށް ހުށަހަޅަން ލާޒިމުވެފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅާންވާނެއެވެ.
19. ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
99-1. ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން
(ހ) ޤާނޫނުގެ 1-50 ވަނަ މާއްދާގެ (ނ) ގެ ދަށުން، މީރާއިން ކަނޑައަޅާ ފޯމަށް، މި ގަވާއިދުގައި ހަވާލާދޭނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން" މިފަދައިންނެވެ.
(ށ) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 608) ފޯމެވެ.
20. ބުނެވިދިޔަ ގަވާއިދުގެ 1-100 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
100-1. (ށ) ޤާނޫނުގެ 43 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ އަދަދު، އެ ފަރާތުން އެ މުއްދަތަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓުގެ އަދަދުން ޓެކްސް ކްރެޑިޓެއްގެ ގޮތުގައި އުނިކުރެވިދާނެއެވެ.
21. ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
101. (އ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ އޮފީހަކުން އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. މި މާއްދާގެ (ޅ) އަށް ޢަމަލުކުރާނީ މި އަކުރާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
22. ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.
102.
(ބ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް، ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީ ޓެކްސް އަހަރުގައި ލިބިފައިވާނަމަ، އެ އާމްދަނީގެ ގޮތުގައި އިންކަމް ޓެކްސް ބަޔާނުގައި ހިމަނާ އަދަދުގެ ޞައްޙަކަން ޔަގީންކޮށްދޭ، އޮޑިޓަރުގެ ރިޕޯޓެއް އެ ބަޔާނާއެކު ހުށަހަޅާންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް، ޓެކްސް އަހަރުގައި ލިބިފައިވާ ހަމައެކަނި އާމްދަނީއަކީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމުގައިވާނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓު ފިޔަވައި އިތުރު މާލީ ހިސާބެއް އެ ޓެކްސް އަހަރަށް ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއެކު ހުށަހަޅާކަށް ނުޖެހޭނެއެވެ.
(ކ) ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ޓެކްސް އަހަރުގައި، ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް އެހެން އާމްދަނީއެއް ލިބިފައިވާނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓުގެ އިތުރުން، އެ ދާއިމީ މަރުކަޒަށް ނިސްބަތްވާ މާލީ ހިސާބުތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާންވާނެއެވެ. މި އަކުރަށް ޢަމަލުކުރާނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ އޮޑިޓަރަކީ، ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމަށް ކަމާބެހޭ އިދާރާއިން ހުއްދަ ދީފައިވާ މުސްތަޤިއްލު އޮޑިޓަރެއް ކަމުގައި ވާންވާނެއެވެ.
23. ބުނެވިދިޔަ ގަވާއިދުގެ 1-102 ވަނަ މާއްދާގެ (ނ) އުނިކުރުން.
102-1. (ނ) (އުނިކޮށްފައި).
24. ބުނެވިދިޔަ ގަވާއިދުގެ 2-102 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
102-2. (ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަމެއް ހިނގުމުގެ 15 (ފަނަރަ) ދުވަސް ކުރިން، އެ ކަމެއް ހިނގާނެކަމަށް ލަފާކުރެވޭ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާންވާނެއެވެ.
25. ބުނެވިދިޔަ ގަވާއިދުގެ 2-102 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
102-2. (ވ) މި މާއްދާގެ (ޅ) ނުވަތަ (އ) ގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަނާޅައިފިނަމަ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
26. ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
107. ބަޔާން ތައްޔާރުކުރަންޖެހޭ ކަރަންސީ
(ހ) އިންޓެރިމް ބަޔާނާއި އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރަންވާނީ އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީންނެވެ.
(ށ) އަންނަނިވި ބަޔާންތައް ތައްޔާރުކުރަންވާނީ ދިވެހި ރުފިޔާއިންނެވެ.
(1) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
(2) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
(3) ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން؛
(4) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން.
27. ބުނެވިދިޔަ ގަވާއިދުގެ 108 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
108. (ރ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ ދިވެހި ރުފިޔާއިންނެވެ.
28. ބުނެވިދިޔަ ގަވާއިދުގެ 109 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
109. (ށ) ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށް ޓަކައި، އެ މީހާ މަރުވި ދުވަހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމަކީ އޭނާގެ ވާރިސުންގެ ޒިންމާއެކެވެ.
29. ބުނެވިދިޔަ ގަވާއިދުގެ 119 ވަނަ މާއްދާއާއި 120 ވަނަ މާއްދާ އުނިކުރުން.
119. ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ (އުނިކޮށްފައި).
120. ދިރިއުޅޭ ތަން ނުވަތަ ދިރިއުޅުން މައިގަނޑު ގޮތެއްގައި ޤާއިމުވެފައިވާ ތަން (އުނިކޮށްފައި).
30. ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
123. (ހ) ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނުވަތަ އިޞްލާޙުކުރުމުގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ދައްކައިފައި ވުން ކަމަށް ވާނަމަ، އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ރީފަންޑް ކުރުމުގައި ޢަމަލުކުރާނީ، މި މާއްދާގެ (ނ) އާއި (ރ) އާ ޚިލާފުނުވާ ގޮތުގެ މަތީން، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައިވާ ގޮތަށެވެ.
31. ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ށ) އުނިކުރުން.
123. (ށ) (އުނިކޮށްފައި).
32. ބުނެވިދިޔަ ގަވާއިދުގެ 127 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
127. ނުއުފުލޭ މުދާ
ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، "ނުއުފުލޭ މުދާ" ކަމަށްބުނެފައި އެވަނީ، އަންނަނިވި މުދަލަށެވެ.
(ހ) އިމާރާތްތަކާއި، ގުދަންތަކާއި، ޕްލާންޓްތަކާއި، ކާރުޚާނާތަކާއި، ބިންތަކާއި، ފަޅުރަށްރަށާއި، ފަޅުތަކާއި، ފަރުތަކާއި، ގިރި ފަދަ ތަންތަނާއި ބިނާތަކާއި އަދި އެނޫންވެސް އެފަދަ މުދާ؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލަކަށް ގެނެވޭ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓް ނުވަތަ އެއިން މުދަލެއްގައި ނުވަތަ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓެއްގައި ހިމެނޭ މަޞްލަޙަތު؛
(ނ) ސަބްލީސް ވެސް ހިމެނޭ ގޮތުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލެއްގެ ލީސް ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓެއްގެ ލީސް؛
(ރ) ލައިވްސްޓޮކާއި، ދަނޑުވެރިކަމަށް ނުވަތަ ފޮރެސްޓްރީއަށް ބޭނުންކުރާ އިކުއިޕްމަންޓާއި ލޭންޑެޑް ޕްރޮޕަޓީއަކާ ގުޅިގެން ޤާނޫނެއްގެ ދަށުން ލިބޭ ޙައްޤުތަކާއި، ވަގުތީގޮތުން ދެވަނަ ފަރާތެއްގެ ނުއުފުލޭ މުދަލަކުން ފައިދާއެއް ލިބިގަތުމުގެ ޙައްޤާއި، މަޢުދަން ނުވަތަ އެހެން ނެޗުރަލް ރިސޯސްއެއް ނެގުމުގެ މަސައްކަތާ ގުޅިގެން މުޤާބިލެއް ލިބުމުގެ ޙައްޤާއި، އެފަދަ މަސައްކަތެއް ކުރުމުގެ ޙައްޤާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހިރާއްޖޭގެ ބަޔަކަށް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ލައިސަންސް ނުވަތަ ހުއްދަ؛
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މުދަލަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ބޭނުންކުރާ މުދާ.
33. ބުނެވިދިޔަ ގަވާއިދުގެ 1-128 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
128-2. ވަކި ޚިދުމަތަކަށް ނުވަތަ ހިންގުމާ ގުޅިގެން ދައްކާ ކަމިޝަން
ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، ދާއިމީ މަރުކަޒަށް ފޯރުވައިދީފައިވާ ވަކި ޚިދުމަތަކަށް ނުވަތަ ހިންގުމާ ގުޅިގެން ދައްކާ ކަމިޝަނުގެ މާނައިގެ ތެރޭގައި ފައިދާގެ މިންވަރަށް ނުވަތަ އާމްދަނީގެ މިންވަރަށް ބިނާކޮށް ވަކި ޚިދުމަތަކަށް ދައްކާ އެންމެހައި ފައިސާއާއި، ފައިދާގެ މިންވަރަށް ނުވަތަ އާމްދަނީގެ މިންވަރަށް ބިނާކޮށް ހިންގުމާ ގުޅިގެން ދައްކާ އެންމެހައި ފައިސާ ހިމެނެއެވެ.
34. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.