ޤާނޫނާއި ގަވާއިދު

×

މާލީ ހިސާބުތައް ހުށަހެޅުމާއި އޮޑިޓަރުން ޢައްޔަންކުރުން (ކޮންސޮލިޑޭޓް ކުރެވިފައި)

TR-2018/B63

ނެރުނު ތާރީޚް: 05 އެޕްރީލް 2018
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 11 ޖުލައި 2019
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގގައި ބަޔާންކޮށްފައި ވާނީ:

(ހ) ޓެކްސް ދައްކާ ފަރާތްތަކުން މާލީ ހިސާބުތައް ހުށަހަޅަންޖެހޭ ގޮތް؛ އަދި

(ށ) އެކި ގިންތިތަކުގެ ޓެކްސް ދައްކާ ފަރާތްތަކުން އޮޑިޓަރުން ޢައްޔަންކުރާނެ ގޮތް؛ އަދި

(ނ) އޮޑިޓަރުން މީރާގައި ރަޖިސްޓަރީކުރުމުގައި ޢަމަލުކުރާނެ އުސޫލެވެ.

2. މި ރޫލިންގއަށް ޢަމަލުކުރަން ފެށުމުން، ޓެކްސް ރޫލިންގ TR-2017/B57 (މާލީ ހިސާބުތައް ހުށަހެޅުމާއި އޮޑިޓަރުން ޢައްޔަންކުރުން) އުވުނީއެވެ.

3. ގަވާއިދުގެ 8 ވަނަ މާއްދާގައި ވަނީ:

ހިސާބުކުރުމުގެ އުސޫލުތައް

...

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ އައި.އެފް.އާރް.އެސް ނުވަތަ އެމް.އައި.އާރ.އޭ އިން ގަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް" ބޭނުންކޮށްގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ޖުމުލަ އާމްދަނީ އަހަރަކަށް 10,000,000/- (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، އެ ފަރާތެއްގެ ހިސާބު ތައްޔާރުކުރުމަށް "ކޭޝް ބޭސިސް" އިޚްތިޔާރު ކުރެވިދާނެއެވެ.

(ބ) ޓެކްސް ރޫލިންގ TR-2017/B56 މެދުވެރިކޮށް މި މާއްދާގެ (ރ) އަށް ގެނެވުނު އިޞްލާޙަށް ޢަމަލުކުރާނީ ޓެކްސް އަހަރު 2016 އިން ފެށިގެންނެވެ.

4. ގަވާއިދުގެ 13 ވަނަ މާއްދާގައި ވަނީ:

މާލީ ހިސާބުތައް ހުށަހެޅުން

(ހ) އެމް.އައި.އާރ.އޭ އިން އެ ފަރާތެއް އިސްތިސްނާ ނުކުރާހާ ހިނދަކު، ޓެކްސް ބަޔާނާއެކު އެ ފަރާތެއްގެ މާލީ ހިސާބުތައް އެމް.އައި.އާރ.އޭ އަށް ހުށައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ އިސްތިސްނާއެއް، އެއް ފަރާތަށް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަށްވެސް ދެވިދާނެއެވެ.

5. ގަވާއިދުގެ 14 ވަނަ މާއްދާގައި ވަނީ:

އޮޑިޓަރުން ޢައްޔަންކުރުން

އެއްވެސް ޓެކްސް އަހަރެއްގައި އެއްވެސް ފަރާތަކުން އޮޑިޓަރަކު ޢައްޔަންކުރުމަށް އެމް.އައި.އާރ.އޭ އިން ލާޒިމުކުރާނަމަ، އެމް.އައި.އާރ.އޭ ގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އެ ފަރާތަކުން ޢައްޔަންކޮށް، މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުށައަޅާ މާލީ ހިސާބުތަކާއެކު އެ ފަރާތެއްގެ އޮޑިޓަރުގެ ރިޕޯޓު ހުށައަޅަންވާނެއެވެ.

 

ރޫލިންގ

މާލީ ހިސާބުތައް ހުށަހެޅުން

6. ގަވާއިދުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގެ ދަށުން، ޓެކްސް ދައްކާ ފަރާތެއްގެ ބީ.ޕީ.ޓީ ބަޔާނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) އާމްދަނީ އާއި ޚަރަދުގެ ބަޔާން (Statement of Profit or Loss and Other Comprehensive Income)؛

(ށ) ބެލެންސް ޝީޓް (Statement of Financial Position)؛

(ނ) ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާން (Statement of Cash Flows)؛

(ރ) ޙިއްސާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާން (Statement of Changes in Equity)؛

(ބ) މާލީ ހިސާބުތަކާ ގުޅޭ ނޯޓްސް (Notes to the financial statements)؛

(ޅ) ޑިރެކްޓަރުންގެ ރިޕޯޓް؛

(ކ) އޮޑިޓަރުގެ ރިޕޯޓް.

7. މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ރޫލިންގގެ 18 ވަނަ ޕެރެގްރާފްގެ (ރ) ގައި މާނަކޮށްދީފައިވާ އެންމެ ކުދި ވިޔަފާރިތަކުން މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގެ (ކ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓް ހުށަހެޅުން ލާޒިމެއް ނޫނެވެ. އަދި މި ފަދަ ފަރާތަކުން ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) އިޚްތިޔާރުކޮށްފައިވާނަމަ، މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން ވެސް އެ ފަރާތް އިސްތިސްނާވާނެއެވެ.

8. މި ރޫލިންގގެ 6 ވަނަ ޕެރެގްރާފާއި 7 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކަށް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ހަމައެކަނި އާމްދަނީއަކީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށްވާނަމަ، އަދި ޓެކްސް އަހަރެއްގައި އެ ފަރާތަކުން ޤާނޫނުގެ 9 ވަނަ މާއްދާ އިޚްތިޔާރުކުރާނަމަ، މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގެ (ހ) އިން (ކ) އަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން އެ ފަރާތް އިސްތިސްނާވާނެއެވެ. މި ޕެރެގްރާފަށް ޢަމަލުކުރާނީ މި ރޫލިންގގެ 9 ވަނަ ޕެރެގްރާފާ ޚިލާފުނުވާނެ ގޮތުގެ މަތިންނެވެ.

9. މި ރޫލިންގގެ 6، 7 އަދި 8 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުނިތައް ފިޔަވައި އެ ނޫން ފަރާތްތަކުން މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގެ (ޅ) ގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާކަށްނުޖެހޭނެއެވެ. ކުންފުނިތަކުން ޑިރެކްޓަރުންގެ ރިޕޯޓް ތައްޔާރުކުރަންވާނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ފޯމެޓާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

10. މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގެ (ކ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭ ޖެހުމުން އިސްތިސްނާ ލިބިދީފައިވާ ފަރާތަކުން އޮޑިޓަރުގެ ރިޕޯޓެއް ހުށަހަޅާ ނުވަތަ ހުށަހަޅަންޖެހޭ ޓެކްސް އަހަރަށްފަހު އެ އިސްތިސްނާ ނިމުމަކަށް އަންނާނެއެވެ.

11. މި ރޫލިންގގެ 10 ވަނަ ޕެރެގްރާފް އެއްވެސް ފަރާތަކަށް ރައްދުވުމަށްފަހު، މި ރޫލިންގގެ 18 ވަނަ ޕެރެގްރާފްގެ (ރ) ގައި މާނަކޮށްދީފައިވާ އެންމެ ކުދި ވިޔަފާރިތަކުގެ ގިންތީގައި ވިދިވިދިގެން ދެ އަހަރު އެ ފަރާތް ހިމެނިއްޖެނަމަ، އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭ ޖެހުމުން އަލުން އިސްތިސްނާކޮށްދިނުމަށް އެދި ކޮމިޝަނަރ ޖެނެރަލްގެ ކިބައިން އެ ފަރާތަށް އެދެވިދާނެއެވެ. އަދި އެ ފަދަ ހުށަހެޅުންތައް މީރާއިން ރިވިއުކުރުމަށްފަހު ކޮމިޝަނަރ ޖެނެރަލް އެ ކަމަށް ހުއްދަ ދިނުމާ ހަމައަށް އެ ފަރާތުން އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަމުން ގެންދަންވާނެއެވެ. އަދި މި ރޫލިންގގެ 10 ވަނަ ޕެރެގްރާފް އެއްވެސް ފަރާތަކަށް ރައްދުވެއްޖެނަމަ، ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ކޮމިޝަނަރ ޖެނެރަލް އެހެން ގޮތަކަށް ހުއްދަ ދިނުމާ ހަމައަށް އެ ފަރާތުގެ ހިސާބުތައް ތައްޔާރުކުރަމުން ގެންދަންވާނީ އެކްރޫއަލް ބޭސިސް ބޭނުންކޮށްގެންނެވެ.

12. މި ރޫލިންގގެ 10 ވަނަ ޕެރެގްރާފާއި 11 ވަނަ ޕެރެގްރާފަށް ޢަމަލުކުރަން ފަށާނީ ޓެކްސް އަހަރު 2016 އިން ފެށިގެންނެވެ. އެބަހީ، ޓެކްސް އަހަރު 2015 ގައި އެ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ ދަށްނަމަ، ޓެކްސް އަހަރު 2016 އަދި އޭގެ ފަހުން އަންނަ ޓެކްސް އަހަރެއްގައި އެ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނަމަ އެ ޓެކްސް އަހަރުތަކަށް އެ ފަރާތުން އޮޑިޓަރުގެ ރިޕޯޓް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ޓެކްސް އަހަރު 2015 ގައި އެ ފަރާތުގެ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުނަމަ، މި ރޫލިންގގެ 11 ވަނަ ޕެރެގްރާފާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނަރ ޖެނެރަލް ހުއްދަ ނުދޭހާ ހިނދަކު، ޓެކްސް އަހަރު 2016 އަދި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށް އެ ފަރާތުން އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަންވާނެއެވެ.

މާލީ ހިސާބުތައް އޮޑިޓްކުރުން

13. މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގެ (ކ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓުގައި، އެ ފަރާތުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅާއިރު މީރާގައި ރަޖިސްޓަރީކޮށްފައިވާ މުސްތަޤިއްލު އޮޑިޓަރަކު ސޮއިކުރަންވާނެއެވެ.

14. މި ރޫލިންގއާ އެއްގޮތްވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕަކުން ދޫކުރާ އޮޑިޓަރުގެ ރިޕޯޓުތަކުގައި ސޮއިކުރަންވާނީ މި ރޫލިންގގެ 23 ވަނަ ޕެރެގްރާފްގެ (ނ)، 24 ވަނަ ޕެރެގްރާފްގެ (ނ) ނުވަތަ 26 ވަނަ ޕެރެގްރާފްގައިވާ ޝަރުތުތައް ފުރިހަމަވާ، އަދި އެ ޕާޓްނަރޝިޕްގައި އޭނާ މަސައްކަތްކުރާކަން މީރާއަށް އަންގައިފައިވާ ޕާޓްނަރެކެވެ. އޮޑިޓަރުގެ ރިޕޯޓުގައި ކުރަންވާނީ އެ ޕާޓްނަރުގެ އަމިއްލަ ސޮއެވެ.

15. މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގެ (ކ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓުގައި، "އެހެނިހެން ޤާނޫނީ އަދި ރެގިއުލޭޓަރީ ޒިންމާތަކާ ގުޅޭ ރިޕޯޓް" ގެ ނަމުގައި ވަކި ބައެއް ހިމަނައި ނުވަތަ އޮޑިޓަރުގެ ރިޕޯޓުގެ އިތުރުން ވަކި ރިޕޯޓެއްގައި، އަންނަނިވި ކަންކަމާ ގުޅޭގޮތުން އޮޑިޓަރު ދެކޭ ގޮތް ބަޔާންކުރަންވާނެއެވެ.

(ހ) ފައިނޭންޝަލް ރިޕޯޓިންގއަށް ބޭނުންވާ އިންޓަރނަލް ކޮންޓްރޯލްތައް އެކަށީގެންވާ މިންވަރަށް އެ ފަރާތުން ޤާއިމްކޮށްފައިވާކަން ނުވަތަ ނޫންކަން؛

(ށ) ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 27 ވަނަ މާއްދާއާއި ގަވާއިދުގެ 16 ވަނަ މާއްދާގެ (ކ) އަދި (އ) ގެ ދަށުން ބެލެހެއްޓުން އެ ފަރާތަށް ލާޒިމުކުރާ ރިކޯޑުތައް، އެކަށީގެންވާ މިންވަރަށް، އެ އޮޑިޓް ރިޕޯޓު ރައްދުވާ ހިސާބުކުރާ މުއްދަތުގައި، އެ ފަރާތުން ބަލަހައްޓައިފައިވާކަން ނުވަތަ ނޫންކަން؛

16. މި ރޫލިންގގެ 15 ވަނަ ޕެރެގްރާފްގެ (ހ) ގެ ބޭނުމަށް، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ  އިންޓަރނަލް ކޮންޓްރޯލް ފްރޭމްވަރކްއެއް ބޭނުންކުރެވިދާނެއެވެ. މިގޮތުން އޮޑިޓަރު އިޚުތިޔާރުކުރާ ފްރޭމްވަރކްއަކީ ޓެކްސް ދައްކާ ފަރާތުން ބޭނުންކުރާ ފްރޭމްވަރކްއަކަށްވުން ލާޒިމެއް ނޫނެވެ.

17. ޤާނޫނުގެ ބޭނުމަށް ކުރެވޭ އޮޑިޓްތައް ހުންނަންވާނީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް ((IFAC ގެ އިންޓަރނޭޝަނަލް އޮޑިޓިންގ އެންޑް އެޝޫރެންސް ސްޓޭންޑަރޑްސް ބޯޑު (IAASB) އިން ޝާއިޢުކުރާ އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (ISA) އަދި  އެއާގުޅޭ  ޙާލަތުތަކުގައި އިންޓަރނޭޝަނަލް ސްޓޭންޑަރޑް އޮން އެޝޫރެންސް އެންގޭޖްމަންޓްސް (ISAE) ނުވަތަ އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭޝަން ފޮރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް (AAOIFI) ގެ އެކައުންޓިންގ އެންޑް އޮޑިޓިންގ ސްޓޭންޑަރޑްސް ބޯޑުން ޝާއިޢުކުރާ އޮޑިޓިންގ ސްޓޭންޑަރޑްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އޮޑިޓަރުން ޢައްޔަންކުރުން

18. މި ރޫލިންގގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތްތައް ގިންތިކޮށްފައި ވާނީ، އަންނަނިވި ގޮތުގެ މަތިން، އެންމެ ކުދި، ކުދި، މެދުފަންތި އަދި ބޮޑު ވިޔަފާރިތަކަށެވެ.

(ހ) ބޮޑު ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި 100 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ވިޔަފާރިތަކެވެ.

(ށ) މެދުފަންތީގެ ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 100 މިލިއަން ރުފިޔާއަށްވުރެ ދަށް، އަދި 60 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު ވިޔަފާރިތަކެވެ.

(ނ) ކުދި ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 60 މިލިއަން ރުފިޔާއަށްވުރެ ދަށް، އަދި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު ވިޔަފާރިތަކެވެ.

(ރ) އެންމެ ކުދި ވިޔަފާރިތަކަކީ އަހަރެއްގެ ތެރޭގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކެވެ.

19. ބޮޑެތި ވިޔަފާރިތަކުން، މި ރޫލިންގއާ އެއްގޮތްވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކޮށްފައިވާ ކެޓަގަރީ A ގެ އޮޑިޓަރަކު ޢައްޔަންކުރަންވާނެއެވެ.

20. މެދުފަންތީގެ ވިޔަފާރިތަކުން، މި ރޫލިންގއާ އެއްގޮތްވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކޮށްފައިވާ ކެޓަގަރީ A ނުވަތަ ކެޓަގަރީ B ގެ އޮޑިޓަރަކު ޢައްޔަންކުރަންވާނެއެވެ.

21. ކުދި ވިޔަފާރިތަކުން، މި ރޫލިންގއާ އެއްގޮތްވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކޮށްފައިވާ ކެޓަގަރީ A ނުވަތަ ކެޓަގަރީ B ނުވަތަ ކެޓަގަރީ C ގެ އޮޑިޓަރަކު ޢައްޔަންކުރަންވާނެއެވެ.

22. މި ރޫލިންގގެ 19، 20 އަދި 21 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ވިޔަފާރިތަކުން، މި ރޫލިންގއާ އެއްގޮތްވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކޮށްފައިވާ ކެޓަގަރީ A ގެ އޮޑިޓަރަކު ޢައްޔަންކުރަންވާނެއެވެ.

(ހ) މާލީ އިދާރާތައް؛

(ށ) ޕަބްލިކް ލިމިޓެޑް ކުންފުނިތައް.

ކެޓަގަރީ A ގެ އޮޑިޓަރުން

23. މި ރޫލިންގގެ ބޭނުމަށް، އަންނަނިވި ޝަރުތުތައް ފުރިހަމަވާ ޕާޓްނަރޝިޕްތައް ހިމެނޭނީ ކެޓަގަރީ A ގައެވެ.

(ހ) އެ ޕާޓްނަރޝިޕްގެ ދާއިމީ އޮފީހެއް ހުރުން؛ އަދި

(ށ) މުޅި އަހަރުގެ ތެރޭގައި މަދުވެގެން 10 (ދިހައެއް) ފުލްޓައިމް މުވައްޒަފުން އެ ޕާޓްނަރޝިޕްގައި ތިބުން؛ އަދި

(ނ) އެ ޕާޓްނަރޝިޕްގައި އޭނާ މަސައްކަތްކުރާކަން މީރާއަށް އަންގައިފައިވާ އަދި އަންނަނިވި ޝަރުތުތައް ހަމަވާ ޕާޓްނަރަކު އެ ޕާޓްނަރޝިޕްގައި ހުރުން:

(1) އެ މީހަކު ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން؛ އަދި

(2) ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދުގެ ދަށުން އޮޑިޓަރ ޖެނެރަލް ދޫކުރައްވާ ޕްރެކްޓިސިންގ ސެޓްފިކެޓް ލިބިފައިވުން؛ އަދި

(3) މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ ފުލީ ކޮލިފައިޑް މެންބަރަކަށްވުން؛ އަދި

(4) އެހެން ފަރމްއެއްގައި ވަޒީފާ އަދާނުކުރުން؛ އަދި

(5) ކޮލިފިކޭޝަން ހާސިލުކުރުމަށްފަހު އޮޑިޓުގެ ޚިދުމަތް ނުވަތަ އެޝޫރެންސްގެ ޚިދުމަތް ދިނުމުގައި މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމާއެކު، އޮޑިޓަރެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މީރާގައި ރަޖިސްޓަރީކޮށްފައިވާ މީހަކަށްވުން، ނުވަތަ ކޮލިފިކޭޝަން ހާސިލުކުރުމަށްފަހު އޮޑިޓުގެ ޚިދުމަތް ނުވަތަ އެޝޫރެންސްގެ ޚިދުމަތް ދިނުމުގައި މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމާއެކު، ކެޓެގަރީ A ގެ އޮޑިޓަރެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕެއްގެ ޕާޓްނަރެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން. 

ކެޓަގަރީ B ގެ އޮޑިޓަރުން

24. މި ރޫލިންގގެ ބޭނުމަށް، އަންނަނިވި ޝަރުތުތައް ފުރިހަމަވާ ޕާޓްނަރޝިޕްތައް ހިމެނޭނީ ކެޓަގަރީ B ގައެވެ.

(ހ) އެ ޕާޓްނަރޝިޕްގެ ދާއިމީ އޮފީހެއް ހުރުން؛ އަދި

(ށ)  މުޅި އަހަރުގެ ތެރޭގައި މަދުވެގެން 5 (ފަހެއް) ފުލްޓައިމް މުވައްޒަފުން އެ ޕާޓްނަރޝިޕްގައި ތިބުން؛ އަދި

(ނ) އެ ޕާޓްނަރޝިޕްގައި އޭނާ މަސައްކަތްކުރާކަން މީރާއަށް އަންގައިފައިވާ އަދި އަންނަނިވި ޝަރުތުތައް ހަމަވާ ޕާޓްނަރަކު އެ ޕާޓްނަރޝިޕްގައި ހުރުން:

(1) ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދުގެ ދަށުން އޮޑިޓަރ ޖެނެރަލް ދޫކުރައްވާ ޕްރެކްޓިސިންގ ސެޓްފިކެޓް ލިބިފައިވުން؛ އަދި

(2) މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ ފުލީ ކޮލިފައިޑް މެންބަރަކަށްވުން؛ އަދި

(3) އެހެން ފަރމްއެއްގައި ވަޒީފާ އަދާނުކުރުން؛ އަދި

(4) ކޮލިފިކޭޝަން ހާސިލުކުރުމަށްފަހު އޮޑިޓުގެ ޚިދުމަތް ނުވަތަ އެޝޫރެންސްގެ ޚިދުމަތް ދިނުމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމާއެކު، އޮޑިޓަރެއްގެ ގޮތުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހު މީރާގައި ރަޖިސްޓަރީކޮށްފައިވާ މީހަކަށްވުން، ނުވަތަ ކޮލިފިކޭޝަން ހާސިލުކުރުމަށްފަހު އޮޑިޓުގެ ޚިދުމަތް ނުވަތަ އެޝޫރެންސްގެ ޚިދުމަތް ދިނުމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމާއެކު، ކެޓެގަރީ A ގެ އޮޑިޓަރެއްގެ ގޮތުގައި ނުވަތަ ކެޓެގަރީ B އޮޑިޓަރެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕެއްގެ ޕާޓްނަރެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.

25.  މި ރޫލިންގގެ ބޭނުމަށް އަންނަނިވި ޝަރުތުތައް ފުރިހަމަވާ މީހުން ހިމެނޭނީ ކެޓަގަރީ B ގައެވެ.

(ހ) ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދުގެ ދަށުން އޮޑިޓަރ ޖެނެރަލް ދޫކުރައްވާ ޕްރެކްޓިސިންގ ސެޓްފިކެޓް ލިބިފައިވުން؛ އަދި

(ށ) މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ ފުލީ ކޮލިފައިޑް މެންބަރަކަށްވުން؛ އަދި

(ނ) ކޮލިފިކޭޝަން ހާސިލުކުރުމަށްފަހު އޮޑިޓް ނުވަތަ އެޝޫރެންސްގެ ޚިދުމަތް ދިނުމުގައި މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.

ކެޓަގަރީ C ގެ އޮޑިޓަރުން

26. މި ރޫލިންގގެ ބޭނުމަށް، އަންނަނިވި ޝަރުތުތައް ފުރިހަމަވާ މީހުން ހިމެނޭނީ ކެޓަގަރީ C ގައެވެ.

(ހ) ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދުގެ ދަށުން އޮޑިޓަރ ޖެނެރަލް ދޫކުރައްވާ ޕްރެކްޓިސިންގ ސެޓްފިކެޓް ލިބިފައިވުން؛ އަދި

(ށ)

(1) މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ ފުލީ ކޮލިފައިޑް މެންބަރަކަށްވުމާއެކު، ކޮލިފިކޭޝަން ހާސިލުކުރުމަށްފަހު އޮޑިޓުގެ ޚިދުމަތް ނުވަތަ އެޝޫރެންސްގެ ޚިދުމަތް ދިނުމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން؛ ނުވަތަ

(2) އެކައުންޓަންސީގެ ދާއިރާއިން ނުވަތަ އޮޑިޓިންގގެ ދާއިރާއިން އަންޑަގްރެޖުއޭޓް ކޮލިފިކޭޝަނެއް ނުވަތަ ގްރެޖުއޭޓް ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާ މީހަކަށް ނުވަތަ މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ އެފިލިއޭޓް މެންބަރަކަށްވުމާއެކު، ކޮލިފިކޭޝަން ހާސިލުކުރުމަށްފަހު އޮޑިޓުގެ ޚިދުމަތް ނުވަތަ އެޝޫރެންސްގެ ޚިދުމަތް ދިނުމުގައި މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.

27. މި ރޫލިންގގެ ބޭނުމަށް، އެ ޕާޓްނަރޝިޕްގައި އޭނާ މަސައްކަތްކުރާކަން މީރާއަށް އަންގައިފައިވާ އަދި މި ރޫލިންގގެ 26 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ޕާޓްނަރަކު އެ ޕާޓްނަރޝިޕްގައި ހުންނަ ޕާޓްނަރޝިޕްތައް ހިމެނޭނީ ކެޓަގަރީ C ގައެވެ.

28. މި ރޫލިންގގެ ދަށުން ރަޖިސްޓަރީކުރާ އޮޑިޓަރުންގެ އެކަޑަމިކް/ޕްރޮފެޝަނަލް ކޮލިފިކޭޝަންއާއި ތަޖުރިބާގެ ޝަރުތުތައް، މި ރޫލިންގއަށް ޢަމަލުކުރަން ފަށާއިރު އޮޑިޓަރުންގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށާއި މީހުންނަށް ރައްދެއްނުވާނެއެވެ.

ވަރކް ވީޒާ އޮންނަންޖެހުން

29. މި ރޫލިންގގެ 23، 24 ނުވަތަ 27 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ޕާޓްނަރަކީ ދިވެހިރައްޔިތަކަށްނުވާނަމަ، ދިވެހިރާއްޖޭގައި އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް، އެ ޕާޓްނަރޝިޕްގެ ނަމުގައި ދޫކޮށްފައިވާ ސައްހަ ވަރކް ވީޒާއެއް އެ ޕާޓްނަރުގެ އަތުގައި އޮންނަންވާނެއެވެ.

30. މި ރޫލިންގގެ 25 ނުވަތަ 26 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ މީހަކީ ދިވެހިރައްޔިތަކަށްނުވާނަމަ، ދިވެހިރާއްޖޭގައި އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް، ދޫކޮށްފައިވާ ސައްހަ ވަރކް ވީޒާއެއް އެ މީހާގެ އަތުގައި އޮންނަންވާނެއެވެ.

ޕާޓްނަރަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްތޯ ބަލާނެ ގޮތް

31. މި ރޫލިންގގެ 23 ވަނަ ޕެރެގްރާފްގެ ބޭނުމަށް، ޕާޓްނަރަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހެއް ކަމަށް ބެލެވޭނީ، 12 މަސްދުވަހުގެ މުއްދަތެއްގައި 183 (ސަތޭކަ އައްޑިހަ ތިނެއް) ނުވަތަ އެއަށްވުރެ ގިނަ ދުވަސް އޭނާ ދިވެހިރާއްޖޭގައި ހޭދަކޮށްފައިވާނަމައެވެ.

އޮޑިޓް ނުވަތަ އެޝޫރެންސްގެ ޚިދުމަތުގެ ތަޖުރިބާ ބަލާނެ ގޮތް

32. މި ރޫލިންގގެ ބޭނުމަށް، އޮޑިޓް ނުވަތަ އެޝޫރެންސް ޚިދުމަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ  މާލީ ހިސާބުތަކުގެ އެކްސްޓަރނަލް އޮޑިޓްކުރުމުންނާއި، އިންޓަރނަލް އޮޑިޓްކުރުމުން ލިބިފައިވާ ތަޖުރިބާ އެކަންޏެވެ. މީގެ ތެރޭގައި އެހެނިހެން އެކައުންޓަންސީ ނުވަތަ އެޑްވައިޒަރީ ޚިދުމަތްތަކެއް ނުހިމެނޭނެއެވެ.

މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީތައް

33. މި ރޫލިންގގެ ބޭނުމަށް، "މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީތައް" ކަމަށް ބުނެފައި އެ ވަނީ އަންނަނިވި ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީތަކަށެވެ.

(ހ) ދަ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (ACCA)؛

(ށ) ދަ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އޮފް ދަ ޔުނައިޓެޑް ކިންގްޑަމް (CIMA)؛

(ނ) ސީ.ޕީ.އޭ އޮސްޓްރޭލިއާ (CPA Australia)؛

(ރ) ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ސްރީލަންކާ (ICAS)؛

(ބ) ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް އިންޑިއާ (ICAI)؛ އަދި

(ޅ) ދަ އެމެރިކަން އިންސްޓިޓިއުޓް އޮފް ސަރޓިފައިޑް ޕަބްލިކް އެކައުންޓަންޓްސް (AICPA).

34. މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްގެން، މި ރޫލިންގގެ 33 ވަނަ ޕެރެގްރާފްގައިވާ، މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

އޮޑިޓަރުން ރަޖިސްޓަރީކުރުން

35. މި ރޫލިންގއާ އެއްގޮތްވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކުރަން އެދޭ މީހުންނާއި ޕާޓްނަރޝިޕްތަކުން، "އޮޑިޓަރުން ރަޖިސްޓަރީކުރުން" (MIRA 109) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.

36. މި ރޫލިންގގެ 35 ނުވަތަ 39 ވަނަ ޕެރެގްރާފްގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ މީހަކީ ދިވެހިދައުލަތުގެ މުއައްސަސާއެއްގެ މުވައްޒަފެއްނަމަ ނުވަތަ އެ ހުށަހެޅުން ނިސްބަތްވަނީ ޕާޓްނަރޝިޕަކަށް ކަމުގައިވާނަމަ އެ މީހަކީ އެ ޕާޓްނަރޝިޕް ފިޔަވައި އެހެން ވިޔަފާރި ޝަޚްސެއްގެ މުވައްޒަފެއްނަމަ، މީރާގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރުމަށް އޭނާ ވަޒީފާ އަދާކުރާ މުއައްސަސާއިން ނުވަތަ ވިޔަފާރި ޝަޚްސުން އިއުތިރާޒުނުކުރާކަމަށް ސާފުކޮށް ބަޔާންކޮށް އެ މުއައްސަސާއިން ނުވަތަ ވިޔަފާރި ޝަޚްސުން ދޫކޮށްފައިވާ ލިޔުމެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

37. ގަވާއިދުގެ 14 ވަނަ މާއްދާއާއި މި ރޫލިންގގެ ދަށުން އޮޑިޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕެއްގެ ޕާޓްނަރަކު އެ ޕާޓްނަރޝިޕްގެ ޕާޓްނަރެއްގެ ގޮތުގައި ދެމިހުރިހާ ހިނދަކު، އޭނާގެ އަމިއްލަ ހައިސިއްޔަތުން އޮޑިޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

38. ރަޖިސްޓަރީކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް ހުއްދަދޭ ފަރާތްތަކަށް، އެ މީހެއްގެ ނުވަތަ އެ ޕާޓްނަރޝިޕެއްގެ "އޮޑިޓަރ ރަޖިސްޓްރޭޝަން ނަންބަރު" އަދި ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ތާރީޚު ހިމެނޭ، ރަޖިސްޓަރީކުރިކަމުގެ ސެޓްފިކެޓެއް ދޫކުރެވޭނެއެވެ.

39. ރަޖިސްޓަރީ އައުކުރަން އެދޭ ފަރާތްތަކުން، އެ ރަޖިސްޓަރީ ބާޠިލުވުމުގެ ކުރިން، ރަޖިސްޓަރީ އައުކުރުމަށް އެދި "އޮޑިޓަރުން ރަޖިސްޓަރީކުރުން" (MIRA 109) ފޯމު ފުރިހަމަކުރުމަށްފަހު މީރާއަށް ހުށަހަޅަންވާނެއެވެ. ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މި ފަދަ ހުށަހެޅުމެއް ހުށަހަޅައިފައިނުވާނަމަ، ރަޖިސްޓަރީ ބާޠިލުވި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ފާއިތުވުމުން މެނުވީ އެ ފަރާތް އަލުން ރަޖިސްޓަރީކުރުމަށް އެދި ހުށައެއްނޭޅޭނެއެވެ.

40. މި ރޫލިންގގެ 35 ނުވަތަ 39 ވަނަ ޕެރެގްރާފްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރުން، "އިންޓަރނޭޝަނަލް އެތިކްސް ސްޓޭންޑަރޑްސް ބޯޑު ފޯ އެކައުންޓަންޓްސް" ގެ "ކޯޑް އޮފް އެތިކްސް އޮފް ޕްރޮފެޝަނަލް އެކައުންޓަންޓްސް" ގެ 225.20 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޓެކްސް ދައްކާ ފަރާތުން ޓެކްސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާނަމަ ނުވަތަ ތުހުމަތު ކުރެވޭނަމަ، އެކަން މީރާއަށް އަންގަންވާނެއެވެ.

41. މި ރޫލިންގގެ 40 ވަނަ ޕެރެގްރާފްގައިވާ ގޮތާ ޚިލާފުވާ އޮޑިޓަރުންނަށް މި ރޫލިންގގެ 43 ވަނަ ޕެރެގްރާފްގެ (ށ) ރައްދުވާނެއެވެ. 

42. މި ރޫލިންގގެ 35 ނުވަތަ 39 ވަނަ ޕެރެގްރާފްގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ މީހެއް ނުވަތަ ޕާޓްނަރޝިޕެއް، އޮޑިޓްކުރުމުގައި އިހުމާލުވެފައިވާކަމަށް ނުވަތަ ޕްރޮފެޝަނަލް ނޫން ކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ އެ ފަރާތުގެ ހުށަހެޅުން ބަލައިނުގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

43. އަންނަނިވި ޙާލަތުތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، މީހަކަށް ނުވަތަ ޕާޓްނަރޝިޕަކަށް ދޫކޮށްފައިވާ ރަޖިސްޓަރީކުރިކަމުގެ ސެޓްފިކެޓް ކޮންމެ ވަގުތެއްގައި ވެސް ހިފެހެއްޓިދާނެއެވެ. ނުވަތަ ބާޠިލުކުރެވިދާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ޝަރީޢަތުން އެ  މީހެއްގެ މައްޗަށް ސާބިތުވުން؛ ނުވަތަ

(ށ) "އިންޓަރނޭޝަނަލް އެތިކްސް ސްޓޭންޑަރޑްސް ބޯޑް ފޮރ އެކައުންޓަންޓްސް" ގެ "ކޯޑް އޮފް އެތިކްސް ފޮރ ޕްރޮފެޝަނަލް އެކައުންޓަންޓްސް" އާ އެ ފަރާތަކުން ޚިލާފުވުން؛ ނުވަތަ

(ނ) އެ މީހާ ނުވަތަ އެ ޕާޓްނަރޝިޕް ރަޖިސްޓަރީކުރުމަށް މި ރޫލިންގގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަނުވުން.

44. ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ފަރުދުން މީރާގައި ރަޖިސްޓަރީކުރުމުގެ ޝަރުތުތައް، ޓެކްސް ރޫލިންގ TR-2017/A11 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފަރުދުންނާއި "ޑީމްޑް ޕާޓްނަރޝިޕް" ރަޖިސްޓަރީކުރުން) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ރޫލިންގގެ ދަށުން ރަޖިސްޓަރީކުރާ އޮޑިޓަރުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންވާނެއެވެ.

45.  (އުވައިލެވިފައި) 

46. މި ރޫލިންގގެ 35 ނުވަތަ 39 ވަނަ ޕެރެގްރާފްގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމުން މެނުވީ އެ ފަރާތަށް އޮޑިޓަރ ރެޖިސްޓްރޭޝަން ސެޓްފިކެޓް ދުލެއްނުކުރެވޭނެއެވެ. ހުށަހެޅުން ނިސްބަތްވަނީ ޕާޓްނަރޝިޕަކަށް ކަމުގައިވާނަމަ އެ ޕާޓްނަރޝިޕްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ޕާޓްނަރުންނަށް ވެސް މި ޕެރެގްރާފް ރައްދުވާނެއެވެ.

އަހަރީ ރިޕޯޓް ހުށަހެޅުން

47. މި ރޫލިންގގެ ދަށުން މީރާގައި ރަޖިސްޓަރީކުރާ ކޮންމެ އޮޑިޓަރަކު ވެސް، ވޭތުވެދިޔަ އަހަރުގެ ޖުލައި މަހުގެ 1 އިން ފެށިގެން ހިނގާ އަހަރުގެ 30 ޖޫންގެ ނިޔަލަށް އެ އޮޑިޓަރު ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު އަންގައިދޭ އަހަރީ ރިޕޯޓެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް، ކޮންމެ އަހަރެއްގެ 30 ސެޕްޓެންބަރުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

48. މި ރޫލިންގގެ 47 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ރިޕޯޓު، ކަނޑައަޅައިފައިވާ ސުންގަޑިން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހުށަނާޅައިފިނަމަ އެ ސުންގަޑިން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފާއިތުވުމުން މެނުވީ އެ ފަރާތް އަލުން ރަޖިސްޓަރީކުރުމަށް އެދި ހުށައެއްނޭޅޭނެއެވެ.

މީރާގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރުންގެ ހިސާބުތައް އޮޑިޓްކުރާނެ ފަރާތެއް ޢައްޔަންކުރުން

49. މި ރޫލިންގގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރެއްގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރަކު ޢައްޔަންކުރުމަށް މި ރޫލިންގ ލާޒިމުކުރާނަމަ، އެ އޮޑިޓަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް:

(ހ) މި ރޫލިންގގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އެހެން އޮޑިޓަރެއް ޢައްޔަންކުރަންވާނެއެވެ؛ ނުވަތަ

(ށ) ދިވެހިރާއްޖެއިން ބޭރުގެ އޮޑިޓަރަކު ޢައްޔަންކުރުމުގެ ހުއްދައަށް އެދި ކޮމިޝަނަރ ޖެނެރަލަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

50. މި ރޫލިންގގެ 49 ވަނަ ޕެރެގްރާފްގެ (ށ) ގެ ބޭނުމަށް، ދިވެހިރާއްޖެއިން ބޭރުގެ އޮޑިޓަރަކު ކަމަށް ބުނެފައި އެ ވަނީ، އެ އޮޑިޓަރަކު މަސައްކަތްކުރާ ގައުމެއްގެ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ މެންބަރެއް ނުވަތަ ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، އެ ނޫން ވެސް ގައުމެއްގެ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ މެންބަރަކަށެވެ.

ގިންތި ބަދަލުވާ ޙާލަތުގައި އޮޑިޓަރު ބަދަލުކުރަން ނުޖެހުން

51.

(ހ)

(1) އެއްވެސް އަހަރެއްގައި (މީގެ ފަހުން "ފުރަތަމަ އަހަރު")، ޓެކްސް ދައްކާ ފަރާތަކީ ކުޑަ ވިޔަފާރިއެއްގެ ގޮތުގައި މި ރޫލިންގގެ 18 ވަނަ ޕެރެގްރާފްގެ (ނ) ގެ ދަށުން ގިންތިކޮށްފައިވާނަމަ؛ އަދި

(2) ޖެހިގެން އަންނަ އަހަރު (މީގެ ފަހުން "ދެވަނަ އަހަރު")، އެ ޓެކްސް ދައްކާ ފަރާތަކީ މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި މި ރޫލިންގގެ 18 ވަނަ ޕެރެގްރާފްގެ (ށ) ގެ ދަށުން ގިންތިކޮށްފައިވާނަމަ؛ އަދި

(3) އެ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށްފައިވަނީ ކެޓަގަރީ C ގެ އޮޑިޓަރަކު ކަމުގައިވާނަމަ، ކޮމިޝަނަރ ޖެނެރަލްގެ ހުއްދައާއެކު، އެ ޓެކްސް ދައްކާ ފަރާތުގެ ދެވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އެ އޮޑިޓަރު ޢައްޔަންކުރެވިދާނެއެވެ.

(ށ)

(1) ޓެކްސް ދައްކާ ފަރާތަކީ މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި މި ރޫލިންގގެ 18 ވަނަ ޕެރެގްރާފްގެ (ށ) ގެ ދަށުން ފުރަތަމަ އަހަރު ގިންތިކޮށްފައިވާނަމަ؛ އަދި

(2) އެ ޓެކްސް ދައްކާ ފަރާތަކީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި މި ރޫލިންގގެ 18 ވަނަ ޕެރެގްރާފްގެ (ހ) ގެ ދަށުން ދެވަނަ އަހަރު ގިންތިކޮށްފައިވާނަމަ؛ އަދި

(3) އެ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށްފައިވަނީ ކެޓަގަރީ B ގެ އޮޑިޓަރަކު ކަމުގައިވާނަމަ،

ކޮމިޝަނަރ ޖެނެރަލްގެ ހުއްދައާއެކު، އެ ޓެކްސް ދައްކާ ފަރާތުގެ ދެވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އެ އޮޑިޓަރު ޢައްޔަންކުރެވިދާނެއެވެ.

(ނ)

(1) ޓެކްސް ދައްކާ ފަރާތަކީ ކުޑަ ވިޔަފާރިއެއްގެ ގޮތުގައި މި ރޫލިންގގެ 18 ވަނަ ޕެރެގްރާފްގެ (ނ) ގެ ދަށުން ފުރަތަމަ އަހަރު ގިންތިކޮށްފައިވާނަމަ؛ އަދި

(2) އެ ޓެކްސް ދައްކާ ފަރާތަކީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި މި ރޫލިންގގެ 18 ވަނަ ޕެރެގްރާފްގެ (ހ) ގެ ދަށުން ދެވަނަ އަހަރު ގިންތިކޮށްފައިވާނަމަ؛ އަދި

(3) އެ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށްފައިވަނީ ކެޓަގަރީ C ގެ އޮޑިޓަރަކު ކަމުގައިވާނަމަ،
ޤާނޫނާއި ގަވާއިދުގެ ބޭނުމަށް، އެ ޓެކްސް ދައްކާ ފަރާތުގެ ދެވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އެ އޮޑިޓަރު ޢައްޔަންކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް އެ ޓެކްސް ދައްކާ ފަރާތުގެ ދެވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރަން ފެށުމުގެ ކުރިން އެ އޮޑިޓަރަކީ ކެޓަގަރީ A ގެ އޮޑިޓަރެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފިނަމަ، އެ ޓެކްސް ދައްކާ ފަރާތުގެ ދެވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އެ އޮޑިޓަރު ޢައްޔަންކުރެވިދާނެއެވެ.

ލައިސަންސިންގ ކޮމިޓީ

52. މި ރޫލިންގ ތަންފީޒުކުރުމުގައި ކޮމިޝަނަރ ޖެނެރަލަށް ލަފާ ދިނުމަށްޓަކައި މީރާގެ ކަމާގުޅޭ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ހިމެނޭ ލައިސަންސިންގ ކޮމިޓީއެއް ކޮމިޝަނަރ ޖެނެރަލް އެކުލަވައިލަންވާނެއެވެ.

53. މި ރޫލިންގގެ 52 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ލައިސަންސިންގ ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ:

(ހ) މި ރޫލިންގގެ 35 ނުވަތަ 39 ވަނަ ޕެރެގްރާފްގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތްތަކާ އިންޓަވިއުކުރުން.

(ށ) އޮޑިޓަރުން ރަޖިސްޓަރީކުރުމާއި، ރަޖިސްޓަރީ އައުކުރުމާއި ހިފެހެއްޓުމާއި ބާޠިލުކުރުން.

(ނ) އޮޑިޓަރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުން.

(ރ) މި ރޫލިންގގެ 42 ނުވަތަ 43 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަމެއް ފާހަގަކުރެވިއްޖެނަމަ އެ ފަދަ އޮޑިޓަރަކު ހާޒިރުކުރުން.

(ބ) އޮޑިޓަރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ތަހުގީގުކުރުން.

(ޅ) އޮޑިޓަރުންނާމެދު އިސްލާހީ ފިޔަވަޅު އެޅުން.

(ކ)  މި ރޫލިންގގެ 58 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފެންވަރު ދެމެހެއްޓުމުގެ ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

54. މި ރޫލިންގގެ 52 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ލައިސަންސިންގ ކޮމިޓީއަށް އަންނަނިވި ލިޔެކިޔުންތައް ހޯދުމުގެ ބާރު ލިބިގެންވެއެވެ.

(ހ) އޮޑިޓް ކުރުމުގައި ބޭނުންކުރާ "ސަބްސްޓެންޓިވް ޕްރޮސިޖަރ" ތަކާ ގުޅޭ ލިޔެކިޔުންތައް؛

(ށ) އޮޑިޓަރުގެ އަތުގައިވާ، އޮޑިޓަކާ ގުޅޭ އެހެން އެއްވެސް ލިޔެކިޔުމެއް. 

55. މި ރޫލިންގގެ 23، 24 އަދި 25 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،  މި ރޫލިންގެ 35 ނުވަތަ 39 ވަނަ ޕެރެގްރާފްގެ ދަށުން ރަޖިސްޓަރީކުރުމަށް އެދޭ ފަރާތަކީ އޮޑިޓްކުރުމުގެ އެކަށީގެންވާ ޤާބިލުކަން ނެތް ފަރާތެއްކަމުގައި ލައިސަންސިންގ ކޮމިޓީއަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ އެ ފަދަ ފަރާތަކުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު ބަލައިނުގަތުމުގެ އިޚުތިޔާރު ލައިސަންސިންގ ކޮމިޓީއަށް ލިބިގެންވެއެވެ.

56. މި ރޫލިންގގެ 39 ނުވަތަ 48 ވަނަ ޕެރެގްރާފްގެ ދަށުން އެއްވެސް އޮޑިޓަރެއްގެ ރަޖިސްޓަރީ ބާޠިލުކޮށްފިނަމަ، އެ އޮޑިޓަރު ކުރާ އިލްތިމާސަކާ ގުޅިގެން އެ ނިންމުން އަލުން ބެލުމުގެ އިޚްތިޔާރު ލައިސަންސިންގ ކޮމިޓީއަށް ލިބިގެންވެއެވެ.

57. މި ރޫލިންގގެ 39 ނުވަތަ 48 ވަނަ ޕެރެގްރާފްގެ ދަށުން ފިޔަވައި އެ ނޫން ސަބަބަކާހުރެ އެއްވެސް އޮޑިޓަރެއްގެ ރަޖިސްޓަރީ ބާޠިލުކޮށްފިނަމަ، ރަޖިސްޓަރީ ބާޠިލުކުރި ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފާއިތުވުމުން މެނުވީ އެ ފަރާތް އަލުން ރަޖިސްޓަރީކުރުމަށް އެދި ހުށައެއްނޭޅޭނެއެވެ.

ފެންވަރު ދެމެހެއްޓުމުގެ ޕްރޮގުރާމް

58. މި ރޫލިންގގެ ދަށުން އޮޑިޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުން އަދި ޕާޓްނަރޝިޕްތަކުގެ އޮޑިޓް ޕާޓްނަރުން، އޮޑިޓަރުންގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން މީރާއިން ހިންގާ ޕްރޮގްރާމް (CPD) ފުރިހަމަ ކުރަންވާނެއެވެ.

59. މި ރޫލިންގގެ ދަށުން އޮޑިޓަރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުންނާއި އޮޑިޓް ޕާޓްނަރުން، މި ރޫލިންގގެ 58 ވަނަ ޕެރެގްރާފްގެ ދަށުން މީރާއިން އިންތިޒާމްކުރާ ހުރިހާ ސެޝަންތަކަށް ހާޒިރުވާންވާނެއެވެ.

60. މި ރޫލިންގގެ 58 އަދި 59 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ އޮޑިޓް ޕާޓްނަރަކީ، ޕާޓްނަރޝިޕެއްގެ ޕާޓްނަރުންގެ ތެރެއިން، މި ރޫލިންގގެ 23 ވަނަ ޕެރެގްރާފްގެ (ނ)، 24 ވަނަ ޕެރެގްރާފްގެ (ނ) ނުވަތަ 26 ވަނަ ޕެރެގްރާފްގައިވާ ޝަރުތުތައް ފުރިހަމަވާ، އަދި އެ ޕާޓްނަރޝިޕްގައި އޭނާ މަސައްކަތްކުރާކަން މީރާއަށް އަންގައިފައިވާ ޕާޓްނަރެވެ.  

 

ޢަމަލުކުރަން ފެށުން

61. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ