ޤާނޫނާއި ގަވާއިދު

×

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

22/2024

ނެރުނު ތާރީޚް: 05 ނޮވެމްބަރު 2024
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 05 ނޮވެމްބަރު 2024
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1. ބުނެވިދިޔަ ޤާނޫނުގެ 2-1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

2-1. ޑިޕާޗަރ ޓެކްސް

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގޭނެއެވެ.

(1) 1 ޖަނަވަރީ 2022 އިން ފެށިގެން 30 ނޮވެންބަރު 2024 ގެ ނިޔަލަށް:

ދަތުރުކުރާ ކްލާސް ދިވެހިންގެ އަތުން ބިދޭސީންގެ އަތުން
އިކޮނޮމީ ކްލާސް 12 އެމެރިކާ ޑޮލަރު 30 އެމެރިކާ ޑޮލަރު
ބިޒްނަސް ކްލާސް 60 އެމެރިކާ ޑޮލަރު 60 އެމެރިކާ ޑޮލަރު
ފަސްޓް ކްލާސް 90 އެމެރިކާ ޑޮލަރު 90 އެމެރިކާ ޑޮލަރު
ޕްރައިވެޓް ޖެޓް 120 އެމެރިކާ ޑޮލަރު 120 އެމެރިކާ ޑޮލަރު

(2) 1 ޑިސެންބަރު 2024 އިން ފެށިގެން:

ދަތުރުކުރާ ކްލާސް ދިވެހިންގެ އަތުން ބިދޭސީންގެ އަތުން
އިކޮނޮމީ ކްލާސް 12 އެމެރިކާ ޑޮލަރު 50 އެމެރިކާ ޑޮލަރު
ބިޒްނަސް ކްލާސް 120 އެމެރިކާ ޑޮލަރު 120 އެމެރިކާ ޑޮލަރު
ފަސްޓް ކްލާސް 240 އެމެރިކާ ޑޮލަރު 240 އެމެރިކާ ޑޮލަރު
ޕްރައިވެޓް ޖެޓް 480 އެމެރިކާ ޑޮލަރު 480 އެމެރިކާ ޑޮލަރު

 

2. ބުނެވިދިޔަ ޤާނޫނުގެ 1-2 ވަނަ މާއްދާގެ (ށ) އުނިކުރުން.

 

3. ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

3. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ

(ހ) (2) 1 ޖަނަވަރީ 2022 އިން ފެށިގެން 30 ނޮވެންބަރު 2024 ގެ ނިޔަލަށް:

ދަތުރުކުރާ ކްލާސް ދިވެހިންގެ އަތުން ބިދޭސީންގެ އަތުން
އިކޮނޮމީ ކްލާސް 12 އެމެރިކާ ޑޮލަރު 30 އެމެރިކާ ޑޮލަރު
ބިޒްނަސް ކްލާސް 60 އެމެރިކާ ޑޮލަރު 60 އެމެރިކާ ޑޮލަރު
ފަސްޓް ކްލާސް 90 އެމެރިކާ ޑޮލަރު 90 އެމެރިކާ ޑޮލަރު
ޕްރައިވެޓް ޖެޓް 120 އެމެރިކާ ޑޮލަރު 120 އެމެރިކާ ޑޮލަރު

 

4. ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

3. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ

(ހ) (3) 1 ޑިސެންބަރު 2024 އިން ފެށިގެން:

ދަތުރުކުރާ ކްލާސް ދިވެހިންގެ އަތުން ބިދޭސީންގެ އަތުން
އިކޮނޮމީ ކްލާސް 12 އެމެރިކާ ޑޮލަރު 50 އެމެރިކާ ޑޮލަރު
ބިޒްނަސް ކްލާސް 120 އެމެރިކާ ޑޮލަރު 120 އެމެރިކާ ޑޮލަރު
ފަސްޓް ކްލާސް 240 އެމެރިކާ ޑޮލަރު 240 އެމެރިކާ ޑޮލަރު
ޕްރައިވެޓް ޖެޓް 480 އެމެރިކާ ޑޮލަރު 480 އެމެރިކާ ޑޮލަރު

 

5. ބުނެވިދިޔަ ޤާނޫނުގެ 8-1 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

8-1. ޤާނޫނާ ޚިލާފަށް ނަގާ ޓެކްސްއާއި ފީ ފަސިންޖަރުންނަށް އަނބުރާ ދެއްކުން

(ހ) މި ޤާނޫނުގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުން ހުއްދަ ނޫން ފަރާތަކުން އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގާފައިވާނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ނުޖެހޭ ފަރާތެއްގެ އަތުން އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގާފައިވާނަމަ، އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ މުއްދަތުގެ ކުރިން އެ ފައިސާ، އެ ފަސިންޖަރަށް އަނބުރާ ދޭންވާނެއެވެ. އަދި އެފަދައިން އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދޭހާ ހިނދަކު، އެ ފައިސާ މީރާއަށް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެއްވެސް ފަރާތެއްގެ އަތުން ނަގާފައިވާ ފައިސާއެއް އެ ފަރާތަކަށް އަނބުރާ ދީފައިވާނަމަ އަދި އެ ފައިސާ މީރާއަށް ދައްކާފައިވާނަމަ، އެ ފައިސާ ދިން މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާނުގައި ހިމަނައި، އެ ފައިސާ އަނބުރާ ހޯދުމަށް މީރާއަށް ހުށަހެޅިދާނެއެވެ.

 

6. ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

13. ގަވާއިދު ހަދައި ހިންގުން

(ހ) މި ޤާނޫނު ތަންފީޛުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ޤާނޫނު ތަންފީޛުކޮށް، މި ޤާނޫނުގައިވާ އެންމެހައި ކަންކަން ހިންގައި ބަލަހައްޓާނީ މީރާއިންނެވެ. މިގޮތުން މީރާއިން ހަދާ ގަވާއިދުގައި، މި ޤާނޫނުގެ ދަށުން އެއަރލައިންތަކާއި އެއަރޕޯޓް ހިންގާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި، އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުގެ އުސޫލުތަކާއި، ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުގައި ދަތުރުކުރާ ކްލާސްތައް ކަނޑައަޅާނެ މިންގަނޑުތަކާއި، މި ޤާނޫނުގެ ދަށުން ނަގާ ޓެކްސްއާއި ފީއަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ޓެކްސްއާއި ފީ ނެގުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުސޫލުތައް ކަނޑައަޅަންވާނެއެވެ.

 

7. ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

8. މި ޤާނޫނުން ބުނެވިދިޔަ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.

 

9. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

 

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ