ޤާނޫނާއި ގަވާއިދު

×

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު

2021/R-55

ނެރުނު ތާރީޚް: 19 އެޕްރީލް 2021
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 19 އެޕްރީލް 2021
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1. ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

42. (ހ) މި މާއްދާ ހިނގާނީ، މި ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން ޓެކްސް-ފްރީ ތްރެޝޯލްޑް ބޭނުންކުރުމަށް އިޚްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރުމުގައެވެ.

 

2. ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

42.

(1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ރައްދުވާ މީހަކަށް، އެއްވެސް މަހެއްގެ އުޖޫރައިގެ އަދަދު ހިމެނުމުން އެ މަހުގެ ނިޔަލަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދު -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އަންނަނިވި ގޮތަށް ހިސާބު ކުރުމަށްފަހު އެ އަހަރު ނިމެންދެން ކޮންމެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ. މި ގޮތަށް ހިސާބުކުރާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދުގައި، އެ އަހަރުގައި ކުރިން ފާއިތުވެފައިވާ މަސްތަކުގައި އުނިކުރަންޖެހުނު މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު ނުހިމެނޭނެއެވެ.

އެ މަހުގެ ނިޔަލަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ރޭޓު
-/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް -/1,200,000 (އެއް މިލިޔަން ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ)
-/1,200,000 (އެއް މިލިޔަން ދެ ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/1,800,000 (އެއް މިލިޔަން އަށް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 8% (އަށެއް އިންސައްތަ)
-/1,800,000 (އެއް މިލިޔަން އަށް ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/2,400,000 (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 12% (ބާރަ އިންސައްތަ)
-/2,400,000 (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާއަށްވުރެ ބޮޑު 15% (ފަނަރަ އިންސައްތަ)

(2-ށ) މި މާއްދާ ރައްދުވާ އުޖޫރަ ލިބޭ މީހާގެ އެ ޓެކްސް އަހަރަށް ނިމޭ ހިސާބުކުރާ މުއްދަތު 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހަށްވުރެ ކުރުނަމަ، އެ މުއްދަތުގެ ނިސްބަތުން، މި މާއްދާގެ (ށ) އާއި (1-ށ) ގައި ބަޔާންކޮށްފައިވާ -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާގެ ތްރެޝޯލްޑް އަދި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓްތައް ކުޑަކުރަންވާނެއެވެ.

 

3.  ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

52. (ށ) އެ ވިޔަފާރި އޮޕަރޭޓުކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެ ވިޔަފާރި ރެގިއުލޭޓްކުރާ ފަރާތުން، ހައުސިންގ ފައިނޭންސް ވިޔަފާރި ނުވަތަ ލީސިންގ ފައިނޭންސް ވިޔަފާރި ކުރުމަށް ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛

 

4. ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

52.

(1-ށ) ޑިވެލޮޕްމަންޓް ފައިނޭންސް ވިޔަފާރިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛

(2-ށ) އިންޝުއަރެންސް ވިޔަފާރިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛

 

5. ބުނެވިދިޔަ ގަވާއިދުގެ 57 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

57. (ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

 

6. ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

59. (ކ) ކެޕިޓަލް ގެއިން ހިސާބުކުރުމަށާއި ކެޕިޓަލް ލޮސް ހިސާބުކުރުމަށް މި މާއްދާގެ (ބ) އާއި (ޅ) ރައްދެއް ނުވާނެއެވެ.

 

7.  ބުނެވިދިޔަ ގަވާއިދުގެ 72 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

72-1. އޮޕަރޭޓިންގ ލީސްއެއްގެ ދަށުން ދައްކާ ކުލި

(ހ) ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އޮޕަރޭޓިންގ ލީސްއެއްގެ ދަށުން ދައްކާ ކުއްޔާ ގުޅިގެން އުނިކުރެވޭނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އެ ހިސާބުކުރާ މުއްދަތުގެ ޚަރަދެއްގެ ގޮތުގައި ހިމަނާފައިވާ އަދަދެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ ޓެކްސް އަހަރެއްގައި އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ޓެކްސް ރޫލިންގ ނަންބަރު  TR-2018/B64 (ތިން ކެޕިޓަލައިޒޭޝަން) ގެ  11 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކޮށްފައި އޮތުމުގެ ސަބަބުން، ލީސްގެ މުއްދަތުގައި އެ ލީސްއާ ގުޅިގެން އުނިކުރެވޭ ޖުމުލަ އަދަދު، ލީސްގެ މުއްދަތުގައި ދައްކާ ކުލީގެ ޖުމުލަ އަދަދަށްވުރެ މަދުވާނެ ހާލަތުގައި، އެ މަދުވާ މިންވަރު ޓެކްސް އަހަރު 2020 ގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ ޓެކްސް އަހަރެއްގައި އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ޓެކްސް ރޫލިންގ TR-2018/64 (ތިން ކެޕިޓަލައިޒޭޝަން) ގެ 11 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކޮށްފައި އޮތުމުގެ ސަބަބުން، ލީސްގެ މުއްދަތުގައި އެ ލީސްއާ ގުޅިގެން އުނިކުރެވޭ ޖުމުލަ އަދަދު، ލީސްގެ މުއްދަތުގައި ދައްކާ ކުލީގެ ޖުމުލަ އަދަދަށްވުރެ އިތުރުވާނެ ހާލަތުގައި، އެ އިތުރުވާ މިންވަރު ޓެކްސް އަހަރު 2020 ގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އާމްދަނީގެ ގޮތުގައި ބަލަންވާނެއެވެ.

 

8. ބުނެވިދިޔަ ގަވާއިދުގެ 91 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

91-1. ކެޕިޓަލައިޒްކުރާ ބޮރޮވިންގ ކޮސްޓް

(ހ) މި ބާބުގެ ބޭނުމަށް ކެޕިޓަލް އެސެޓެއް ގަތް އަގުކަމަށް ބަލާނީ، ބޮރޮވިންގ ކޮސްޓްގެ ގޮތުގައި ކެޕިޓަލައިޒްކޮށްފައިވާ އަދަދު ނުހިމަނައި އޮންނަ އަގެވެ.

(ށ) ބޮރޮވިންގ ކޮސްޓް އުނިކުރެވޭނީ، ޤާނޫނުގެ 22 ވަނަ މާއްދާއާއި 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

(ނ) ޓެކްސް އަހަރު 2020 ގެ ކުރީގެ މުއްދަތެއްގައި އެ ކެޕިޓަލް އެސެޓެއްގެ އަގުގެ ތެރޭގައި ބޮރޮވިންގ ކޮސްޓް ހިމަނާފައިވާ ކެޕިޓަލް އެސެޓަކަށް މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.

91-2.  ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ ގޮތް ބަދަލުކުރުން

(ހ) ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ ގޮތް، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ކުރިން ބަދަލުކުރުމަށް ބޭނުންވާނަމަ، ކޮމިޝަނަރ ޖެނެރަލްގެ ހުއްދައަށް އެދި  ހުށަހަޅާނީ ލިޔުމުންނެވެ.

(ށ) ނުއުފުލޭ މުދަލެއް ކުއްޔަށްދީގެން ހޯދާ އާމްދަނީއާ ގުޅިގެން އެއްވެސް ޓެކްސް އަހަރެއްގައި ޤާނޫނުގެ 28 ވަނަ މާއްދާގެ  (ހ) އަށް ޢަމަލުކުރުމަށް އިޚްތިޔާރުކޮށްފައިވާނަމަ، އެގޮތަށް ޢަމަލުކުރުމަށް އިޚްތިޔާރު ނުކުރިނަމަ، މި ބާބުގެ ދަށުން އުނިކުރެވޭނެ ކެޕިޓަލް އެލަވަންސްގެ އަދަދު، އެ އިޚްތިޔާރު ބަދަލުކޮށްފައިވާ އަހަރެއްގައި އެ ނުއުފުލޭ މުދަލުގެ ޓެކްސް ރިޓްން ޑައުން ވެލިއު ހިސާބުކުރުމުގައި އުނިކުރަންވާނެއެވެ.

 

9. ބުނެވިދިޔަ ގަވާއިދުގެ 97 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

97. ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން

(ހ) ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން ނިސްބަތްވާ ޓެކްސް އަހަރުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއް ހުށަހަޅަން ލާޒިމުވި ފަރާތްތަކުގެ ތެރެއިން މީރާއިން ކަނޑައަޅާ ފަރާތްތަކުން، ޤާނޫނުގެ 59 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން މީރާއިން ކަނޑައަޅާ ސުންގަޑިއަކަށް ހުށަހަޅަންވާނެއެވެ. 

 

10. ބުނެވިދިޔަ ގަވާއިދުގެ 97 ވަނަ މާއްދާގެ (ނ) އުނިކުރުން.

97. (ނ) (އުނިކުރެވިފައި)

 

11. ބުނެވިދިޔަ ގަވާއިދުގެ 98 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

98. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން

(ހ) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 602) ހުށަހަޅަންޖެހޭނީ، ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ  (ށ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ފައިސާއެއް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާނަމަ، އެ ދައްކާ މަހަކަށެވެ.

(ށ) ޤާނޫނުގެ 12 މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދަ މުޢާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ނެގުމުން ނުވަތަ އުނިކުރުމުން އިސްތިސްނާކޮށްފައިވާ ފައިސާއަކަށް މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި ވެސް، މި މާއްދާގެ (ހ) އަށް ޢަމަލުކުރަންވާނެއެވެ.

 

12. ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

99.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭންކުތަކުން އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންކަމް ޓެކްސް ބަޔާން - ބޭންކު" (MIRA 606) ފޯމެވެ.

(ބ) ޤާނޫނުގެ ދަށުން ޓެކްސް އަހަރަކަށް އިންޓެރިމް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން، އެ ޓެކްސް އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ކުރިން އެ ޓެކްސް އަހަރަށް ހުށަހަޅަންޖެހޭ އިންޓެރިމް ބަޔާންތައް ހުށަހަޅަންވާނެއެވެ.

 

13. ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

101. އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވުން

(ހ) އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާ ފަރުދަކު އެ ޓެކްސް އަހަރަކަށް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(1) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000/- (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި 

(2) ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000/- (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި

(3) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000/- (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި

(4) ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000/- (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން.

(ށ) އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާނަމަ، ފަރުދުންނާއި ބޭންކުތައް ފިޔަވައި، އެހެން ފަރާތްތަކުން އެ ޓެކްސް އަހަރަކަށް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(1) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި

(2) ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި

(3) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000/- (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި

(4) ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000/- (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހިސާބުކުރާ މުއްދަތު 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހަށްވުރެ ކުރު ނަމަ، އެ މުއްދަތުގެ ނިސްބަތުން، އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ އަދަދުތައް (ތްރެޝޯލްޑްތައް) ކުޑަކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރެއްގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީއަކީ ވަޒީފާ ދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަކަމުގައިވާނަމަ، އެ ޓެކްސް އަހަރަށް އެ ފަރުދަކު އިންކަމް ޓެކްސް  ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ބ) ޓެކްސް އަހަރުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި  އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކަށް، އެ ޓެކްސް އަހަރުގައި ނިމޭ ހިސާބުކުރާ މުއްދަތުގައި ދިވެހިރާއްޖެއިން ލިބުނު ޖުމުލަ އާމްދަނީއަކީ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމުގައިވާނަމަ، އެ ޓެކްސް އަހަރަށް އެ ފަރާތުން އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތަކުން އެ ޓެކްސް އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންވާނެއެވެ.

(1) ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދާނީ ލިބޭ ފަރާތްތައް؛

(2) އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތައް؛

(3) އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާ ފަރުދުން.

(i) އެ މީހަކަށް ދިވެހިރާއްޖޭގައި އަދާކުރާ ވަޒީފާއަކުން އުޖޫރަ ލިބުން؛

(ii) އެ މީހަކަށް އުޖޫރަ ދޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށްވުން؛

(iii) އެ މީހަކަށް އުޖޫރަ ދޭ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތުން؛

(iv) ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޓެކްސްގެ ގޮތުގައި އަދަދެއް ދައްކަންޖެހޭ ފަރާތަކަށްވުން.

(ކ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތައް ހިނގާނީ ޓެކްސް އަހަރު 2021 އިން ފެށިގެންނެވެ.

 

14.  ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގެ މައިގަނޑު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

102. އިންކަމް ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭ މާލީ ހިސާބުތައް

(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

15. ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

102.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ރައްދުވާ ފަރާތެއްގެ ޖުމުލަ އާމްދަނީ އަހަރަކަށް 10,000,000/- (ދިހަ މިލިޔަން) ރުފިޔާއަށް ވުރެ އިތުރު ނުވާނަމަ، މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓު ހުށަހެޅުން ލާޒިމެއް ނޫނެވެ. އަދި އެ ފަދަ ފަރާތްތަކުން މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) އިޚްތިޔާރުކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގެ (2) އާއި  (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން ވެސް އިސްތިސްނާވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ރައްދުވާ ފަރާތަކަށް، ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ހަމައެކަނި އާމްދަނީއަކީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށްވާނަމަ، އަދި ޓެކްސް އަހަރެއްގައި އެ ފަރާތަކުން ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރުކުރާނަމަ، މި މާއްދާގެ (ހ) ގެ (1) އިން (7) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން އެ ފަރާތް އިސްތިސްނާވާނެއެވެ. މި އަކުރަށް ޢަމަލުކުރާނީ މި މާއްދާގެ (ރ) އާ ޚިލާފު ނުވާނެ ގޮތުގެ މަތިންނެވެ.

 

16. ބުނެވިދިޔަ ގަވާއިދުގެ 1-102 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

102-1. ބައެއް ހާލަތުތަކުގައި ޓެކްސް ބަޔާން ހުށަހެޅުމަށް ކޮމިޝަނަރ ޖެނެރަލް އެންގުން

(ހ) ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އާމްދަނީއަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަމާއި ހާލަތުތައް ހިމެނެއެވެ.

(1) އެހެން ޤައުމެއްގައި ދާއިމީކޮށް ދިރިއުޅުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން؛

(2) 5 (ފަހެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ވަޒީފާއެއް އަދާކުރުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން؛

(4) ޤާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (2) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރޝިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ވެލިއުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނިސްބަތްވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށްވެފައި، އެއިން ފަރާތެއްގެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކުރުން؛

(ށ) ޤާނޫނުގެ 48 ވަނަ މާއްދާއަށް ޢަމަލުކުރުމަށް، އެ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ ކަންތައްތައް:

(1) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ނިސްބަތްވާ އެސެޓެއް ނުވަތަ އެސެޓްތަކެއް، ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ހެޑްއޮފީހަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ބަދަލުކުރުން؛

(2) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ހެޑްއޮފީހަށް ނިސްބަތްވާ އެސެޓެއް ނުވަތަ އެސެޓްތަކެއް، ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ބަދަލުކުރުން؛

(3) ހެޑްއޮފީސް ބަދަލުކުރުމުގެ ސަބަބުން ނުވަތަ ހިންގުމާއި ކޮންޓްރޯލް ބަދަލުކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ނިމުމަކަށް އައުން.

(4) ޤާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (2) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރޝިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ވެލިއުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ނިސްބަތް ވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށްވެފައި، އެއިން ފަރާތެއްގެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކުރުން؛

(5) ޤާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (3) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްގެ ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕެއްގެ ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓެއްގެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކުރުން.

(ނ) މި މާއްދާގެ (ށ) ގެ (1) ނުވަތަ (2) ނުވަތަ (3) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބަދަލުކުރެވޭ އެސެޓަކީ، ޤާނޫނުގެ 3 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ފަދަ މުދަލެއްނަމަ، އެ އެސެޓެއް ބަދަލުކުރުމަކީ މި ގަވާއިދުގެ 73 ވަނަ މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ "ރެލަވަންޓް އިވެންޓް" އެކެވެ.

(ރ) މި މާއްދާގެ (ށ) ގެ (1) ނުވަތަ (2) ނުވަތަ (3) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބަދަލުކުރެވޭ އެސެޓަކީ، ޤާނޫނުގެ 3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދަ މުދަލެއްނަމަ، އެ އެސެޓެއް ބަދަލުކުރުމަކީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދަ ތަޞައްރުފުކުރުމެއްކަމަށް ބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި، މި މާއްދާގެ (ނ) އާއި (ރ) ގެ ބޭނުމަށް، ތަޞައްރުފުކުރި އަގުކަމަށް ބަލާނީ، އެ އެސެޓް ތަޞައްރުފުކުރި ވަގުތުގައި، އެ އެސެޓުގެ އޯޕަން މާކެޓް ވެލިއުއެވެ.

(ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ހިނގުމުގެ 15 (ފަނަރަ) ދުވަސް ކުރިން، އެ ކަމެއް ހިނގާނެކަމަށް ލަފާކުރެވޭ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނުގައި، މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތަށް އެސެޓެއް ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީގެ އިތުރުން، އެ ބަޔާން ތައްޔާރުކުރަންޖެހޭ މުއްދަތުގެ ނިޔަލަށް އެ ޓެކްސް އަހަރުގައި ލިބިފައިވާ ޖުމުލަ އާމްދަނީ ހިމަނަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގެ ދަށުން ހުށަހަޅާ ބަޔާނުގައި ހިމަނާފައިވާ އާމްދަނީގެ އަދަދު އިތުރުވެއްޖެނަމަ، އެ ބަދަލު އައި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.

(ވ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަނާޅައިފިނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

17. ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

106. (ހ) ޓެކްސް ބަޔާންތަކާއި، މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މީރާއަށް ހުށަހަޅާ ކަރަންސީއަކީ އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއެވެ.

 

18. ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

123.

(ނ) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި އުޖޫރަ ދޭ ފަރާތަކުން މީރާއަށް ދައްކާ ފައިސާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރެވުނު މުވައްޒަފު ދައްކާ ޓެކުހެވެ. އެބަހީ، ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިޞްލާޙުކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގެ ނަތީޖާއަކީ އުޖޫރަ ދޭ ފަރާތުން އިތުރަށް ޓެކްސް ދެއްކުން ކަމަކަށް ނުބެލެވޭނެއެވެ.

(ރ) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އާމްދަނީއަކާ ގުޅިގެން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން މީރާއަށް ދައްކާ ފައިސާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރެވުނު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ދައްކާ ޓެކުހެވެ. އެބަހީ، ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިޞްލާޙުކޮށްފައިވާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގެ ނަތީޖާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތުން އިތުރަށް ޓެކްސް ދެއްކުން ކަމަކަށް ނުބެލެވޭނެއެވެ.

 

19. ބުނެވިދިޔަ ގަވާއިދުގެ 128 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

128-1. ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން

(ހ) ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކުރުމަކީ، އެ އިންތިޒާމެއްގެ ނުވަތަ މުޢާމަލާތެއްގެ އެއް މަޤްޞަދަކީ ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުންކަމުގައި ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނެ އެކަށީގެންވާ ސަބަބެކެވެ.

(1) މުޢާމަލާތް ހިންގި ނިޔަތް ރަނގަޅު ނުވުން؛

(2) ވިޔަފާރީގެ ބުރަދަނެއް ނެތް މުޢާމަލާތެއް ހިންގުން؛

(3) އެ ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރުން؛

(4) އިންތިޒާމެއްގެ ނުވަތަ މުޢާމަލާތެއްގެ އަސްލު ބަދަލުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، އަންނަނިވި ހާލަތުތަކުގައި، މުޢާމަލާތަކާ ގުޅޭގޮތުން ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގައި ބެލެވޭނެއެވެ.

(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް ނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ ޓެކްސް ރޭޓަށްވުރެ ދަށް އިފެކްޓިވް ޓެކްސް ރޭޓެއް އޮންނަ ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިވެގެން، ނުވަތަ އެފަދަ ޤައުމެއްގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް ނުވަތަ ދާއިމީ މަރުކަޒުތަކެއް މެދުވެރިވެގެން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒުގެ މިލްކުވެރިކަން ނުސީދާ ގޮތެއްގައި އެހެން ފަރާތަކަށް ނިސްބަތްވުން؛ ނުވަތަ

(2) ޑަބަލް ޓެކްސް އެގްރީމަންޓެއް ދިވެހިސަރުކާރާއެކު ވެފައިވާ ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ:

(i) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް   އެ ފަރާތުން ކޮންޓްރޯލްކުރުން، ނުވަތަ، އެ ފަރާތުގެ ނުވަތަ ދާއިމީ މަރުކަޒުގެ މިލްކުވެރިކަމުގައި އެ ފަރާތުގެ މަޞްލަޙަތު އޮތުން، ނުވަތަ އެނޫންވެސް ގޮތަކުން އެ ފަރާތާ ނުވަތަ ދާއިމީ މަރުކަޒާއި އެ ފަރާތާ ގުޅުން އޮތުން؛ އަދި

(ii) އެފަދަ ޤައުމެއްގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ނުވަތަ ޑަބަލް ޓެކްސް އެގްރީމަންޓެއް ދިވެހިސަރުކާރާއެކު ވެފައިނުވާ ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތަކުން، ސީދާކޮށް ނުވަތަ ނުސީދާކޮށް އެ ފަރާތް ކޮންޓްރޯލްކުރުން ނުވަތަ މިލްކުވެރިކަން އޮތުން.

 

20. ބުނެވިދިޔަ ގަވާއިދުގެ 129 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

129.

(1-ހ) "އިންޓްރެސްޓް" ގެ މާނައިގެ ތެރޭގައި، މި ގަވާއިދުގައި މާނަކޮށްދީފައިވާ އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ދައްކާ އިންޓްރެސްޓް ނުހިމެނެއެވެ.

(2-ހ) "އޮޕަރޭޓިންގ ލީސް" ކަމަށް ބުނެފައި އެވަނީ، ފައިނޭންސް ލީސްގެ މާނައިގެ ތެރޭގައި ނުހިމެނޭ ލީސްއަށެވެ.

 

21. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ