މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގ އެކެވެ. އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގ އަށް ތަބާވުމަށް ޤާނޫނީގޮތުން ލާޒިމުކުރެއެވެ.
ތަޢާރުފް
1. މި ރޫލިންގ ގައި ތަފްޞީލުކޮށްދީފައި ވާނީ، ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ގެ ތަރަހައެވެ.
2. ޤާނޫނުގެ 6 ވަނަ މާއްދާގައި ވަނީ:
"(ހ) ތިރީގައި ބަޔާންކުރެވޭގޮތަށް ދައްކާ ފައިސާއަކީ، އެއްވެސް ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ދިރިއުޅެމުން ނުގެންދާ މީހަކަށް ދައްކާފައިވާ، ނުވަތަ އެ ޓެކްސް އަހަރުގައި ދައްކަންޖެހިފައިވާ ފައިސާއެއްނަމަ، އެ ފައިސާ ދައްކާ ފަރާތުން މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭނެ ފައިސާއެވެ.
...
(4) ހިންގުމުގެ ގޮތުން، އަމިއްލަގޮތުން ނުވަތަ ޓެކްނިކަލްގޮތުން ދޭ ޚިދުމަތަށް ދައްކާ ފައިސާ، އަދި ވަޒީފާއަކުން ލިބޭ އާމްދަނީއަކަށް ނުވާ އެނޫންވެސް ފީއެއް ނުވަތަ ކޮމިޝަނެއް؛"
ރޫލިންގ
3. ހިންގުމުގެ ގޮތުން، އަމިއްލަގޮތުން ނުވަތަ ޓެކްނިކަލްގޮތުން ދޭ ޚިދުމަތް ދެވެނީ ކޮންމެ ތަނެއްގައި ކަމަށްވިޔަސް، އެފަދަ ޚިދުމަތަށް ދައްކާ ފައިސާއަކީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނެ ފައިސާއެކެވެ.
4. ވަޒީފާއަކުން ލިބޭ އާމްދަނީއަކަށް ނުވާ ފީ ނުވަތަ ކޮމިޝަނުން، ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ، އަންނަނިވި ޝަރުތުތައް ފުރިހަމަވާނަމައެވެ.
(ހ) އެ ފީ ނުވަތަ ކޮމިޝަން ދައްކަނީ ދިވެހިރާއްޖޭގައި ދެވޭ ޚިދުމަތަކާ ގުޅިގެން ކަމަށް ވުން؛ ނުވަތަ
(ށ) އެ ފީ ނުވަތަ ކޮމިޝަން ދައްކަނީ:
(1) ދިވެހިރާއްޖޭގައި ބޭނުންކުރާ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭ ފަރާތަކަށް، ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކަށް، ދެވޭ ޚިދުމަތަކާ ގުޅިގެން ކަމަށް ވުން؛ އަދި
(2) އެ ޚިދުމަތް ދެވުނީ އެފަދަ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދިނުމާ ގުޅޭގޮތުން ކަމަށް ވުން.
5.
(ހ) މި ރޫލިންގގެ 4 ވަނަ ޕެރެގްރާފްގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް އެސްޓެބްލިޝްމަންޓަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އޮންލައިން ޓްރެވަލް އޭޖެންސީތައް ހިންގާ ފަރާތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ކޮމިޝަނުން ވިތްހޯލްޑިންގ ޓެކްސް ދައްކަން ޖެހޭނީ، އޮންލައިން ޓްރެވަލް އޭޖެންސީއަށް އެ ފައިސާ ދެއްކީ ނުވަތަ ދައްކަންޖެހެނީ ޓޫރިސްޓް އެސްޓެބްލިޝްމަންޓުން ކަމުގައިވާނަމައެވެ.
(ށ) މި ޕެރެގްރާފްގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް އެސްޓެބްލިޝްމަންޓުން އޮންލައިން ޓްރެވަލް އޭޖެންސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމް އެ ދެ ފަރާތުގެ ދެމެދުގައި ވަކިގޮތަކަށް ހަމަޖައްސުމުގެ އެއް މަޤްޞަދަކީ ވިތްހޯލްޑިންގ ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ދައްކަންޖެހޭ ޓެކްސްގެ މިންވަރު މަދުކުރުން ކަމުގައިވާނަމަ އެ މުޢާމަލާތުން، އެ މިންވަރަށް ވިތްހޯލްޑިންގ ޓެކްސް ދައްކަން ޓޫރިސްޓް އެސްޓެބްލިޝްމަންޓަށް އެންގުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
6. މި ރޫލިންގ ގެ 4 ވަނަ ޕެރެގްރާފްގެ (ހ) ގެ ބޭނުމަށް:
(ހ) ޚިދުމަތެއް ދެވެނީ ދިވެހިރާއްޖޭގައި ކަމަށް ބެލެވޭނީ، އެ ޚިދުމަތް ފޯރުވައިދިން ފަރާތް ނުވަތަ އެ ފަރާތުގެ މުވައްޒަފަކު ނުވަތަ އޭޖެންޓަކު، އެ ފީ ނުވަތަ ކޮމިޝަން ދައްކާ ޚިދުމަތާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުމަށް ދިވެހިރާއްޖޭގައި ހުރިނަމައެވެ؛ އަދި
(ށ) ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ ދިވެހިރާއްޖޭގައި ކުރި މަސައްކަތަކަށް ނިސްބަތްވާ ފީ ނުވަތަ ކޮމިޝަނުން އެކަންޏެވެ. އެ އަދަދު ހިސާބުކުރާނީ މަސައްކަތް ކުރުމަށް ހޭދަވާ ދުވަހުގެ ނިސްބަތުން ނުވަތަ މީރާއަށް ގަބޫލުކުރެވޭ އެނޫންވެސް އުސޫލަކުންނެވެ.
7. މި ރޫލިންގ ގެ 4 ވަނަ ޕެރެގްރާފުގެ (ށ) ގެ ބޭނުމަށް، މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތާ ގުޅުންހުރި ފަރާތެއް ކަމަށް ބުނެފައި އެ ވަނީ:
(ހ) މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތުގެ އެއްވެސް ހިއްސާއެއްގައި މަޞްލަޙަތެއް އޮތް ފަރާތެއް؛ ނުވަތަ
(ށ) އެ ފަރާތެއްގެ އެއްވެސް ހިއްސާއެއްގައި، މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތުގެ މަޞްލަޙަތެއް އޮތް ފަރާތެއް؛ ނުވަތަ
(ނ) ޤާނޫނުގެ 45 ވަނަ މާއްދާގެ (ކ) ގައި މާނަކޮށްދީފައިވާގޮތުން، މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތާ ގުޅުންހުރި ފަރާތެއް؛ ނުވަތަ
(ރ) މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތާ (މި ރޫލިންގ ގައި ވާ ގޮތުން) ގުޅުންހުރި ފަރާތަކާ ގުޅުންހުރި އެހެން ފަރާތެކެވެ.
ޢަމަލުކުރަން ފެށުން
8. މި ރޫލިންގ އަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ދުވަހުން ފެށިގެންނެވެ.