1. ތަޢާރުފާއި ނަން
(ހ) މިއީ، ޤާނޫނު ނަންބަރު 24/2014 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) ގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޑިވެލޮޕަރުންނާއި އިންވެސްޓަރުން މީރާއަށް މަޢުލޫމާތު ހުށަހެޅުމުގެ ގަވާއިދު" އެވެ.
2. މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި ހިންގޭ އިޤްތިޞާދީ ހަރަކާތްތަކުގެ ކުޑަބޮޑުމިން ދެނެގަތުމަށާއި، ޤާނޫނުގެ ދަށުން ޒޯން ޑިވެލޮޕަރުންނަށާއި އިންވެސްޓަރުންނަށް ދެވޭ ޢިނާޔަތްތަކުގެ "ޓެކްސް އެކްސްޕެންޑިޗަރ" ހިސާބުކުރުމުގެ ބޭނުމަށް، ޒޯން ޑިވެލޮޕަރުންނާއި އިންވެސްޓަރުން މީރާއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ކަނޑައެޅުމާއި އެ މަޢުލޫމާތު ހުށަހަޅަންޖެހޭ ގޮތް ބަޔާންކުރުމެވެ.
3. ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
(ހ) ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކުރާ ތާރީޚުން ފެށިގެން އެ އެގްރީމަންޓުގެ ދަށުން ތަރައްޤީކުރުމަށް ދީފައިވާ ޒޯނުގައި ޑިވެލޮޕަރު ހިންގާ އެންމެހައި ހަރަކާތްތަކާ ގުޅޭ ލިޔެކިޔުންތަކާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ޒޯނުގެ ޑިވެލޮޕަރު ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) ޤާނޫނުގެ ދަށުން ކަނޑައަޅައިފައިވާ ޒޯނެއްގައި ހަރަކާތްތެރިވުމަށް ނުވަތަ ވިޔަފާރިކުރުމަށް ނުވަތަ އިޤްތިޞާދީ މަސައްކަތްކުރުމަށް ޒޯނުގެ ޑިވެލޮޕަރާއެކު އެއްބަސްވުމެއް ޤާއިމުކުރާ ތާރީޚުން ފެށިގެން، ޒޯނުގައި އިންވެސްޓްކުރާ ފަރާތުން ޒޯނުގައި ހިންގާ އެންމެހައި ހަރަކާތްތަކާ ގުޅޭ ލިޔެކިޔުންތަކާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް އިންވެސްޓަރު ބަލަހައްޓަންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތައް ބަލަހައްޓަންވާނީ، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ރ) މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް އިލެކްޓްރޯނިކް ފޯމެޓެއްގައި ބަލަހައްޓާ ނަމަ ބަލަހައްޓަންވާނީ، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ބ) މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް، އެ މަޢުލޫމާތާއި ލިޔެކިޔުންތައް ނިސްބަތްވާ ކަލަންޑަރު އަހަރު ނިމޭތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ.
4. ޑިވެލޮޕަރުންނާއި އިންވެސްޓަރުން މަޢުލޫމާތު ހުށަހެޅުން
(ހ) ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި ހިންގޭ އިޤްތިޞާދީ ހަރަކާތްތަކުގެ ކުޑަބޮޑުމިން ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތާއި، ޤާނޫނުގެ ދަށުން ޒޯން ޑިވެލޮޕަރުންނަށާއި އިންވެސްޓަރުންނަށް ލިބިދޭ ޢިނާޔަތްތަކުގެ "ޓެކްސް އެކްސްޕެންޑިޗަރ" ހިސާބުކުރުމަށް ބޭނުންވާ މަޢުލޫމާތު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި، ޒޯން ޑިވެލޮޕަރުންނާއި އިންވެސްޓަރުން، ކޮންމެ ކަލަންޑަރު އަހަރަކު މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މަޢުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކުން، ކޮންމެ ކަލަންޑަރު އަހަރަކަށް ހުށަހަޅަންޖެހޭ މަޢުލޫމާތު، ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.
(ނ) ޒޯނުގައި ޑިވެލޮޕަރު ހިންގާ އެންމެހައި ހަރާކާތްތަކާ ގުޅޭ މަޢުލޫމާތާއި ލިޔެކިޔުން މި ގަވާއިދުގައިވާ ގޮތުގެމަތީން ތައްޔާރުކޮށް ބެލެހެއްޓުމާއި، މީރާއަށް އެ މަޢުލޫމާތާއި ލިޔެކިޔުން ހުށަހެޅުމަކީ ޒޯނުގެ ޑިވެލޮޕަރުގެ ޒިންމާއެކެވެ. އަދި ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރު، ޒޯނުގައި ހިންގާ އެންމެހައި ހަރާކާތްތަކާ ގުޅޭ މަޢުލޫމާތާއި ލިޔެކިޔުން މި ގަވާއިދުގައިވާ ގޮތުގެމަތީން ތައްޔާރުކޮށް ބެލެހެއްޓުމާއި، މީރާއަށް އެ މަޢުލޫމާތާއި ލިޔެކިޔުން ހުށަހެޅުމަކީ އެ އިންވެސްޓަރެއްގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޒޯނުގެ ޑިވެލޮޕަރު، އެ ޒޯނެއްގައި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކޮންޓްރެކްޓް އުސޫލޫން ތިންވަނަ ފަރާތެއް އައްޔަނުކުރާ ހާލަތުގައި އެ ތިންވަނަ ފަރާތުން ޒޯނުގައި ހިންގާ އެންމެހައި ހަރަކާތްތަކާ ގުޅޭގޮތުން މި ގަވާއިދުގައިވާ ގޮތުގެމަތީން މަޢުލޫމާތާއި ލިޔެކިޔުން ތައްޔާރުކޮށް ބެލެހެއްޓުމާއި މީރާއަށް އެ މަޢުލޫމާތާއި ލިޔެކިޔުން ހުށަހެޅުމަކީ އެ ތިންވަނަ ފަރާތުގެ ޒިންމާއެކެވެ.
5. މާލީ ހިސާބުތައް ތައްޔާރުކުރުން
މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޢުލޫމާތު ހުށަހަޅަންޖެހޭ ކޮންމެ ފަރާތަކުން، ކޮމިޝަނަރ ޖެނެރަލް ގަބޫލުކުރާ ބައިނަލްއަގުވާމީގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، "އެކްރޫއަލް ބޭސިސް" އަށް، މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.
6. މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ކަރަންސީ
މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީންނެވެ.
7. ޕްރެޒެންޓޭޝަން ކަރަންސީ
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މީރާއަށް ހުށަހަޅާ ކަރަންސީއަކީ އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއެވެ.
(ށ) އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ކަމުގައިވާ ނަމަ، އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ ރުފިޔާއެވެ.
(ނ) އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ކަމުގައިވާ ނަމަ، އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ އެމެރިކާ ޑޮލަރެވެ.
(ރ) މި މާއްދާގެ ބޭނުމަށް ކަރަންސީ ބަދަލުކުރަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
8. ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
(1) ސްޕެޝަލް އިކޮނޮމިކް ޒޯން ބަޔާން؛
(2) އާމްދަނީއާއި ޚަރަދުގެ ބަޔާން؛
(3) ބެލެންސް ޝީޓް؛
(4) ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާން؛
(5) ހިއްސާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާން؛
(6) މާލީ ހިސާބުތަކާ ގުޅޭ ނޯޓްސް؛
(7) ޑިރެކްޓަރުންގެ ރިޕޯޓު؛
(8) އޮޑިޓަރުގެ ރިޕޯޓު؛
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުނިތައް ފިޔަވައި އެ ނޫން ފަރާތްތަކުން މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅާކަށް ނުޖެހޭނެއެވެ. ކުންފުނިތަކުން ޑިރެކްޓަރުންގެ ރިޕޯޓު ތައްޔާރުކުރަންވާނީ، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 185 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ހުރިހާ މަޢުލޫމާތެއް ހިމެނޭ ގޮތުންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އޮޑިޓަރަކީ، ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމަށް ކަމާބެހޭ އިދާރާއިން ހުއްދަ ދީފައިވާ މުސްތަޤިއްލު އޮޑިޓަރެއް ކަމުގައި ވާންވާނެއެވެ.
9. ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން
(ހ) މި ގަވާއިދުގެ ދަށުން ލިޔެކިޔުން ތައްޔާރުކޮށް ބަލަހައްޓަންޖެހޭ ކޮންމެ ފަރާތަކުން ވެސް އެ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރާ ކޮންމެ މުޢާމަލާތަކާ ގުޅޭ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި މަޢުލޫމާތު ހިމެނޭ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓްސް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކޮށް ބަލަހައްޓަންޖެހޭ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓްސް، އެ ޑޮކިއުމަންޓްސްއާ ގުޅޭ މުޢާމަލާތް ނިސްބަތްވާ ކަލަންޑަރު އަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން ބަޔާން ހުށަހަޅަންޖެހޭ ސުންގަޑީގެ ނިޔަލަށް ތައްޔާރުކޮށް ނިންމަންވާނެއެވެ. އަދި މީރާއިން ކަނޑައަޅާ ސުންގަޑިއެއްގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.
10. ޑިވެލޮޕަރުންނާއި އިންވެސްޓަރުންގެ ގޮތުގައި ހުއްދަދެވޭ ފަރާތްތަކާއި ހުއްދަ ބާޠިލުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު
ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ކޮންމެ ޒޯނަކަށް ކަނޑައަޅާ ޒޯން ސުޕްރިންޓެންޑެންޓް، އެ ޒޯނުގައި ހަރަކާތްތެރިވުމަށް ހުއްދަ ދީފައިވާ ޑިވެލޮޕަރުންނާއި އިންވެސްޓަރުންގެ މަޢުލޫމާތާއި ހުއްދަ ބާޠިލުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު، ކޮންމެ ކަލަންޑަރު ކުއާޓަރަކު ވެސް، އެ ކުއާޓަރެއް ނިމުމުން ފެށޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ފޮނުވަންވާނެއެވެ.
11. ސިއްރު ހިފެހެއްޓުން
(ހ) ޤާނޫނުގެ ބޭނުމަށް މި ގަވާއިދުގެ ދަށުން ޒޯނެއްގައި ހަރަކާތްތެރިވާ ފަރާތަކުން މީރާއަށް ހުށަހަޅާ އެންމެހައި މަޢުލޫމާތަކީ ސިއްރު މަޢުލޫމާތެވެ. އަދި މީރާއިން އެފަދަ މަޢުލޫމާތު އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި ހިންގޭ އިޤްތިޞާދީ ހަރަކާތްތަކުގެ ކުޑަބޮޑުމިން ދެނެގަތުމަށާއި ޤާނޫނުގެ ދަށުން ޒޯން ޑިވެލޮޕަރުންނަށާއި އިންވެސްޓަރުންނަށް ދެވޭ ޢިނާޔަތްތަކުގެ "ޓެކްސް އެކްސްޕެންޑިޗަރ" ހިސާބުކުރުމުގެ ބޭނުމަށް، އެ މިންވަރަށް، އެފަދަ މަޢުލޫމާތު ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއާ ހިއްސާކުރުމަކީ މި މާއްދާގެ (ހ) އާ ޚިލާފުވުން ކަމުގައެއް ނުބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މީރާއިން ހާމަކުރާ ސިއްރު މަޢުލޫމާތުގެ ސިއްރުކަން އެ މަޢުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަންވާނެއެވެ. އަދި މި މާއްދާގެ (ށ) ގެ ދަށުން އެ މަޢުލޫމާތު ލިބޭ ފަރާތުން އެ މަޢުލޫމާތު އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
12. މާނަކުރުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ތިރީގައިވާ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ޢިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ އެ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(1) "ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެ ޤާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހާއަށެވެ.
(2) "މީރާ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
(3) "ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 24/2014 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށެވެ.
(ށ) މި ގަވާއިދުގެ ބޭނުމަށް، ޢިބާރާތްކުރުމުގައި، ގިނަނަމުގެ ތެރޭގައި އެކަހެރި ނަން އަދި އެކަހެރި ނަމުގެ ތެރޭގައި ގިނަނަން ހިމެނެއެވެ.
13. ގަވާއިދަށް ޢަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.