ޤާނޫނާއި ގަވާއިދު

×

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފަރުދުން ރަޖިސްޓަރީކުރުން

TR-2013/A1

ނެރުނު ތާރީޚް: 29 ސެޕްޓެންބަރު 2013
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 29 ސެޕްޓެންބަރު 2013
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގގައި ތަފުސީލުކޮށްދީފައިވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީރާގައި ފަރުދުން ރަޖިސްޓަރީކުރަންޖެހޭ ގޮތެވެ.

2. ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ގައި ވަނީ:

""ޓެކްސް ނެގުމާބެހޭ އިދާރީ" ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މީރާއިން ބަލަހައްޓަންޖެހޭ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީ ފުރިހަމަކުރުމުގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން އެ ވިޔަފާރި ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މީރާގައި އެ ފަރާތް ރަޖިސްޓަރީކުރުމަށް "ޓެކްސް ދައްކާ ފަރާތް ރަޖިސްޓަރީކުރުން" (MIRA101) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ."

3. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 77 ވަނަ މާއްދާގެ (ނ) ގައި ވަނީ:

""ވިޔަފާރި" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި "ވިޔަފާރި" އަށް ދެވިފައިވާ މާނައިގައެވެ."

4. ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި ވަނީ:

""ވިޔަފާރި" ކަމަށް ބުނެފައި އެ ވަނީ، ވަޒީފާ އަދާކުރުން ނުހިމެނޭގޮތަށް ތިރީގައިވާ ކަންކަމަށެވެ.

(1) ހުރިހާ ބާވަތެއްގެ ފަންނީ އަދި އެނޫންވެސް މަސައްކަތާއި، އެންމެހައި ވިޔަފާރިއާއި، އުފެއްދުންތެރިކަމާއި، ދަނޑުވެރިކަމާއި، ދަނޑުގޮވާން ކުރުމާއި، ހޯޓިކަލްޗަރއާއި، ލަކުޑި ގަސްހެއްދުމާއި، ފެނުގައި ގަސްގަހާގެހި ހެއްދުމާއި، ކުކުޅުހާ ފަދަ ދޫނީގެ ބާވަތްތައް ގެންގުޅުމާއި ނުވަތަ ގެރިބަކަރި ފަދަ ޖަނަވާރު ގެންގުޅުން، މަސްވެރިކަމާއި، މަސްމަހާމެހި ދިރުވައި ގެންގުޅުމާއި، އަދި އެނޫންވެސް މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ބޭނުމުގައި ހިންގާ އެންމެހައި ޙަރަކާތްތައް.

(2) ކޮންމެވެސް އަގެއްހުރި މުޤާބިލަކަށް ނުއުފުލޭ މިލްކިއްޔާތެއް ބޭނުންކުރުމުގެ ޙައްޤުދިނުން."

 

ރޫލިންގ

5. ވިޔަފާރި ކުރާ ފަރުދުންގެ ތެރެއިން އަންނަނިވި ހުރިހާ ޝަރުތެއް ފުރިހަމަވާ ފަރުދުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ ދަށުން މީރާގައި ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.

(ހ) އެ މީހަކު ހިންގާ އެއްވެސް ވިޔަފާރި ހަރަކާތެއް ހިންގުމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ދޫކުރާ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަން ނުޖެހުން؛ އަދި

(ށ) އެ މީހަކަށް އެހެން މީހަކު ކޮށްދޭ މަސައްކަތަކަށް އެއްވެސް މުޤާބިލެއް އަދާ ނުކުރުން؛ އަދި

(ނ) އެ މީހަކު ހިންގާ ހުރިހާ ވިޔަފާރި ހަރަކާތަކުން 12 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް އެ މީހަކަށް ލިބޭ ޖުމުލަ އާމްދަނީ 20,000 (ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވުން.

6. މި ރޫލިންގގެ 5 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރުދުން:

(ހ) އަމިއްލަ އިޚްތިޔާރުގައި މީރާގައި ރަޖިސްޓަރީކުރެވިދާނެއެވެ.

(ށ) ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިސާބުތައް ބަލަހައްޓަންވާނެއެވެ.

 

ޢަމަލުކުރަން ފެށުން

7. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ. 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ