1. ތަޢާރުފާއި ނަން
(ހ) މިއީ މީރާއަށް ދައްކަންޖެހިފައިވާ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ މީރާއަށް ދެއްކުމުގެ ގޮތުން، ފައިސާ ދައްކަން ޖެހޭ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ "މީރާއަށް ދައްކަންޖެހޭ ފައިސާ ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާއާ އަޅައިކެނޑުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.
2. މަޤުޞަދު
މި އުސޫލުގެ މަޤުޞަދަކީ މީރާއަށް ދައްކަންޖެހޭ ޓެކުހާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދެއްކުމުގެ ގޮތުން، އެ ފަރާތަށް ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާ ނަމަ، އެ ފައިސާއަކާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖެއްސައިދިނުމުގައި ޢަމަލުކުރާނެ އާންމު އުސޫލެއް ކަނޑައެޅުމެވެ.
3. ފައިސާ އަޅައިކަނޑައި ދިނުމަށް އެދޭ ފަރާތްތައް
މީރާއަށް ފައިސާ ދައްކަންޖެހިފައިވާ ފަރާތަކަށް ދައުލަތުގެ އިދާރާއަކުން ފައިސާ ނުލިބިވާ ނަމަ، ނުލިބިވާ ފައިސާއާއި އެ ފަރާތުން މީރާއަށް ދައްކަންޖެހިފައިވާ ފައިސާއާ އަޅައިކަނޑައިދިނުމަށް އެދި ހުށަހެޅިދާނެއެވެ.
4. ފައިސާ އަޅައިކަނޑައި ދިނުމަށް އެދި ހުށަހެޅުން
މި އުސޫލުގެ ދަށުން ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާނީ މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ MIRA 904 (އެޖަސްމަންޓް/ރީފަންޑަށް އެދުން) ފޯމު މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
5. ފައިސާ އަޅައިކަނޑައި ދިނުމުގައި ބަލާނެ އާންމު މިންގަނޑު
(ހ) މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް އެދެނީ ދައުލަތުގެ އިދާރާއަކުން އެ ފަރާތަށް ލިބެންޖެހޭ ފައިސާއަކާ ނަމަ، އަޅައިކެނޑުމަށް އެދޭއިރު، އެ ފައިސާގެ ތަފްޞީލު ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ އަދަދުތަކުގެ ސައްޙަކަން، މީރާއިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ފަބްލިކް އެންޓަރޕްރައިޒަސް މެދުވެރިކޮށް ކަށަވަރު ކުރަންވާނެއެވެ.
(ށ) ދައްކަންޖެހިފައިވާ ފައިސާ އަޅައިކަނޑަންވާނީ ނުދައްކައިވާ ފައިސާގެ ތަރުތީބުން އެ ފަރާތުން ދައްކަންޖެހިފައިވާ ޕްރިންސިޕަލް އަދަދު، އެއަށްފަހު ޖޫރިމަނާ، އެއަށްފަހު އިންޓްރެސްޓެވެ. ނަމަވެސް، ދައްކަންޖެހި ނުދައްކައިވާ ޕްރިންސިޕަލް އަދަދެއް ނެތްނަމަ، ސުންގަޑި ހަމަނުވާ މުއްދަތުތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާގެ އަދަދުތަކާ ވެސް އަޅައިކަނޑައިދެވިދާނެވެ.
(ނ) އެއްވެސް ފައިސާއެއް އަޅައިކަނޑައިދޭންވާނީ، ދައުލަތުގެ އިދާރާއަކުން އެ ފައިސާއެއް މީރާއަށް ޖަމާކުރުމުންނެވެ. އަދި ފައިސާ ދައްކަންޖެހޭ ފަރާތުން މީރާއަށް އެ ފައިސާ ދެއްކި ތާރީޚުގެ ގޮތުގައި ރެކޯޑްކުރާނީ މީރާއަށް އެ ފައިސާ ލިބުނު ތާރީޚެވެ.
7. ޢަމަލުކުރަން ފެށުން
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު މީރާގެ ވެބްސައިޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.