ޤާނޫނާއި ގަވާއިދު

×

އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު

2015-R147

ނެރުނު ތާރީޚް: 23 ޖޫން 2015
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 19 އެޕްރީލް 2018
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

1. ތައާރަފާއި ނަން

(ހ) މިއީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އިލެކްޓްރޯނިކް ޒަރީޢާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު" އެވެ.

2. މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޓެކްސްއާބެހޭ ޤާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް އިލެކްޓްރޯނިކް ޒަރީޢާ މެދުވެރިކޮށް ހުށަހެޅުމުގައްޔާއި އަންގަން ޖެހޭ އެހެނިހެން އެންގުންތައް އެންގުމުގައްޔާއި މީރާއަށް ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމުގައި ޓެކްސް ދައްކާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތާއި، އެ ކަންކަމާ ގުޅޭ ގޮތުން މީރާއިން ޢަމަލުކުރާނެ ގޮތް ތަފުސީލުކޮށްދިނުމެވެ.

3. މީރާކަނެކްޓް އެކައުންޓަކަށް އެދި ހުށަހެޅުން

(ހ) މީރާކަނެކްޓް އެކައުންޓަކަށް އެދޭ ފަރާތްތަކުން MIRA111 (މީރާކަނެކްޓް އެކައުންޓް ރިކުއެސްޓް) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ. މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ އާމްދަނީގެ ބާވަތެއް ދައްކާ ކޮންމެ ފަރާތަކަށްމެ މީރާކަނެކްޓް އެކައުންޓަކަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު، މީރާގެ ވެބްސައިޓް www.mira.gov.mv މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅިދާނެއެވެ.

(ނ) މީރާކަނެކްޓް އެކައުންޓަކަށް އެދި ހުށަހަޅާއިރު، އަންނަނިވި 3 ބާވަތުންކުރެ ބާވަތެއްގެ އެކައުންޓަކަށް އެދެވިދާނެއެވެ.

(1) ޓެކްސް ދައްކާ ފަރާތަށް ދޫކުރެވޭ "މީރާކަނެކްޓް ޕްރައިމަރީ އެކައުންޓް"؛ ނުވަތަ

(2) ގަވާއިދު ނަންބަރު 2014/R-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) ގެ ދަށުން، ޓެކްސް ދައްކާ ފަރާތަކުން ޢައްޔަންކުރާ ޓެކްސް އޭޖެންޓުންނަށް ދޫކުރެވޭ "ޓެކްސް އޭޖެންޓް އެކައުންޓް"؛ ނުވަތަ

(3) މި މާއްދާގެ (ނ) ގެ (1) އަދި (2) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ޓެކްސް ދައްކާ ފަރާތެއްގެ މީރާކަނެކްޓް އެކައުންޓް ބޭނުންކުރާ އެހެނިހެން މީހުންނަށް ދޫކުރެވޭ "ޓެކްސް އެކައުންޓަންޓް އެކައުންޓް".

4. މީރާކަނެކްޓް ޕްރައިމަރީ އެކައުންޓް

(ހ) މީރާކަނެކްޓް ޕްރައިމަރީ އެކައުންޓަކަށް އެދި ހުށަހަޅާނަމަ، އެ ޓެކްސް ދައްކާ ފަރާތުގެ މީރާކަނެކްޓް ޕްރައިމަރީ އެކައުންޓް ބަލަހައްޓާ ފަރާތުގެ ގޮތުގައި އެ މީހާ ޢައްޔަންކުރިކަން އަންގައިދޭ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު ނުވަތަ ޕަވަރ އޮފް އެޓަރނީ ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާކަނެކްޓް ޕްރައިމަރީ އެކައުންޓަކަށް އެދި ހުށަހަޅަނީ އަމިއްލަ ފަރުދެއް ކަމުގައި ވާ ނަމަ، އަދި އެ ފަރާތުގެ މީރާކަނެކްޓް ޕްރައިމަރީ އެކައުންޓް ބަލަހައްޓާ ފަރާތަކީ ސީދާ އެ ފަރާތް ކަމުގައި ވާ ނަމަ، ޕަވަރ އޮފް އެޓަރނީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

5. ޓެކްސް އޭޖެންޓް އެކައުންޓް

ޓެކްސް އޭޖެންޓް އެކައުންޓަކަށް އެދެވޭނީ ގަވާއިދު ނަންބަރު 2014/R-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) ގެ ދަށުން މީރާއިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެ ފަދަ ޓެކްސް އޭޖެންޓަކަށް، ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ މުއާމަލާތްތައް މީރާކަނެކްޓް މެދުވެރިކޮށް ކުރެވޭނީ އެ ދެ ފަރާތުން ހުށަހަޅާ MIRA114 (ޓެކްސް އޭޖެންޓު ޢައްޔަންކުރުން) ފޯމުގައި، އެ ޓެކްސް ދައްކާ ފަރާތުގެ ޓެކުހުގެ މުއާމަލާތްތައް މީރާކަނެކްޓް މެދުވެރިކޮށް އެ ޓެކްސް އޭޖެންޓް ކުރުމާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުނުކުރާ ކަމަށް އިގުރާރުވެފައި ވާނަމައެވެ.

6. ޓެކްސް އެކައުންޓަންޓް އެކައުންޓް

(ހ) ޓެކްސް އެކައުންޓަންޓް އެކައުންޓަކަށް އެދި ހުށަހަޅާނަމަ، އެ ޓެކްސް ދައްކާ ފަރާތުގެ ޓެކްސް އެކައުންޓަންޓް އެކައުންޓް ބަލަހައްޓާ ފަރާތެއްގެ ގޮތުގައި އެ މީހާ ހަމަޖެއްސިކަން އަންގައިދިނުމަށްޓަކައި ޓެކްސް ދައްކާ ފަރާތުން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ށ) ޓެކްސް ދައްކާ ފަރާތެއްގެ ނަމުގައި 1 (އެކެއް) ޓެކްސް އެކައުންޓަންޓް އެކައުންޓަށްވުރެ ގިނަ ޓެކްސް އެކައުންޓަންޓް އެކައުންޓް، މީރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވިދާނެއެވެ. މި ގޮތުން އެދޭ ކޮންމެ ޓެކްސް އެކައުންޓަންޓް އެކައުންޓަކަށް MIRA111 ގެ ވަކި ފޯމެއް ހުށަހަޅަންވާނެއެވެ.

7. މީރާކަނެކްޓް އެކައުންޓް ހުޅުވުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ލިބޭ ހުށަހެޅުމަކާ ގުޅިގެން މީރާކަނެކްޓް އެކައުންޓެއް ހުޅުވުމަށްފަހު، ކަމާ ގުޅޭ އިރުޝާދުތަކާއެކު އެ ކަން ޓެކްސް ދައްކާ ފަރާތަށް އީމޭލް މެދުވެރިކޮށް އެންގޭނެއެވެ. މި އީމޭލް ފޮނުވޭނީ އެ ފަރާތުން ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ އީމޭލް އެޑްރެހަށެވެ.

(ށ) މީރާކަނެކްޓް އެކައުންޓަކަށް ލޮގިން ވާ ފުރަތަމަ ފަހަރު، އެ އެކައުންޓް ނިސްބަތްވާ ފަރާތުން އެ އެކައުންޓުގެ ޕާސްވަރޑް ބަދަލުކުރަންވާނެއެވެ.

8. މައުލޫމާތު ބަދަލުވުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ފޯމުގައި ހިމެނޭ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލު އައި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކަން އެ އެކައުންޓް ނިސްބަތްވާ ފަރާތުން ލިޔުމުން މީރާއަށް އަންގަންވާނެއެވެ.

(ށ) ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މީރާއަށް އަންގަންޖެހޭ އެންގުންތައް މީރާކަނެކްޓް މެދުވެރިކޮށް އަންގައިފިނަމަ، އެ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރީ ކަމުގައި ބެލެވޭނެއެވެ.

9. މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނެ ބަޔާންތައް

މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނީ، އޮންލައިންކޮށް ހުށަހެޅޭނެކަމަށް އެ ވަގުތަކު މީރާއިން ކަނޑައަޅައިފައިވާ ޓެކްސް ބަޔާންތައް އެކަންޏެވެ.

10. މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމާ ގުޅޭ އާންމު މާއްދާތައް

(ހ) މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާންތަކާ ގުޅޭ އެޓޭޗްމަންޓްތަކުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުން ސޮއިކުރަން ލާޒިމުވާ އެޓޭޗްމަންޓްތަކުގައި ހުންނަންވާނީ އެ ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން ސޮއިކޮށްފައެވެ.

(ށ) މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާނެއް ހުށަހެޅި ތާރީޚު ކަމުގައި ބަލާނީ އެ ބަޔާން ހުށަހެޅުމުން ދޫކުރެވޭ ވައުޗަރުގައި ބަޔާންކޮށްފައިވާ ތާރީޚެވެ. އެހެންނަމަވެސް އެ ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމެއް ހުށަހަޅައިފައިނުވާނަމަ އެއީ އެ ތާރީޚުގައި ހުށަހެޅި ޓެކްސް ބަޔާނެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ. އަދި އެ ޓެކްސް ބަޔާނުގައި ނުވަތަ އެއާ ގުޅޭ އެޓޭޗްމަންޓެއްގައި އިސްލާހުކުރަންޖެހޭ ކަމެއް ހުރި ކަމަށް މީރާއަށް ފާހަގަކުރެވިގެން އެ ކަން އިސްލާހުކުރުމަށް މީރާއިން އެ ފަރާތަށް އަންގައިފިނަމަ، އެ ގޮތުން އަންގާ މުއްދަތެއްގެ ތެރޭގައި އެ ކަން އިސްލާހުނުކޮށްފިނަމަ އެއީ އެ ތާރީޚުގައި ހުށަހެޅި ޓެކްސް ބަޔާނެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ.

(ނ) މީރާކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާނެއް ހުށަހަޅައިފިނަމަ އެ ބަޔާން މީރާއަށް ލިބުނުކަން އަންގައިދޭ އީމޭލެއް، އެ މީރާކަނެކްޓް އެކައުންޓް ނިސްބަތްވާ ފަރާތުގެ އީމޭލް އެޑްރެހަށް ފޮނުވޭނެއެވެ. 

11. އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތްތައް

މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިފައިވާ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި އެ ނޫން ވެސް ފައިސާ، އަންނަނިވި ވަސީލަތްތައް މެދުވެރިކޮށް އޮންލައިންކޮށް ދެއްކިދާނެއެވެ

(ހ) ވާރުކާޑު މެދުވެރިކޮށް؛

(ށ) ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް؛ ނުވަތަ

(ނ) މީރާއިން ކަނޑައަޅާ އެ ނޫން ވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް.

12. ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކުން

(ހ) މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ކޮންމެ އާމްދަނީގެ ބާވަތަކަށް ވެސް ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކިދާނެއެވެ.

(ށ) ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކި ތާރީޚު ކަމުގައި ބަލާނީ، ފައިސާ ދެއްކުމުން ދޫކުރާ "ޕޭމަންޓް ކޮންފަރމޭޝަން" ގައި ބަޔާންކޮށްފައިވާ ތާރީޚެވެ.

(ނ) ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ފަރާތުގެ އަތުން އެއްވެސް ޗާޖެއް ނުނެގޭނެއެވެ.

(ރ) ވާރުކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނީ އެ ކާޑު ލިންކުކޮށްފައިވާ އެކައުންޓުގެ ކަރަންސީއަކުންނެވެ.

13. ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުން

(ހ) މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ކޮންމެ އާމްދަނީގެ ބާވަތަކަށް ވެސް، ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކިދާނެއެވެ.

(ށ) ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކި ތާރީޚު ކަމުގައި ބަލާނީ، ފައިސާ ދެއްކުމުން ދޫކުރާ "ޕޭމަންޓް ކޮންފަރމޭޝަން" ގައި ބަޔާންކޮށްފައިވާ ތާރީޚެވެ.

(ނ) ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމުން ލިބޭ ޕޭމަންޓް ކޮންފަރމޭޝަން ލިބުނު ކަމުގައި ވިޔަސް، އެ ޕޭމަންޓް އެއްވެސް ސަބަބަކާހުރެ ބޭންކުން ރިޖެކްޓްވެއްޖެނަމަ، އެ ފައިސާއަކީ ދެއްކި ފައިސާއެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ރ) ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ފަރާތުގެ އަތުން އެއްވެސް ޗާޖެއް ނުނެގޭނެއެވެ.

14. އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކުން

(ހ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކޭނީ މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާންތަކަށާއި، އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް މީރާއިން ކަނޑައަޅައިފައިވާ އެ ނޫން އާމްދަނީގެ ބާވަތްތަކަށް އެކަންޏެވެ.

(ށ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް މީރާއަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން، އެ ފަރާތުގެ މީރާކަނެކްޓް އެކައުންޓްގައިވާ ޕޭމަންޓް އޮބްލިގޭޝަންގެ ނަންބަރު ހިމެނޭ ގޮތަށް "އެމް.އާރ.ޓީ.ޖީ.އެސް ރެމިޓެންސް ރިކުއެސްޓް" (MIRA906) ފޯމު ފުރިހަމަކުރުމަށްފަހު ފައިސާ ދައްކަން ބޭނުންވާ އެކައުންޓް ހުޅުވައިފައި ހުރި ބޭންކަށް ހުށަހަޅަންވާނެއެވެ.

(ނ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ހުށަހަޅާއިރު އެ އެކައުންޓުގައި ފައިސާ ހުރިކަން ޔަގީންކުރުމަކީ ޓެކްސް ދައްކާ ފަރާތުގެ ޒިންމާއެކެވެ. އަދި އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން "އެމް.އާރ.ޓީ.ޖީ.އެސް ރަން" ގައި އެ މުއާމަލާތް ފެއިލްވެއްޖެނަމަ ފައިސާ ދެއްކުމުގެ ޒިންމާ އަދާކުރީ ކަމަކަށް ނުބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކި ތާރީޚު ކަމުގައި ބަލާނީ، އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ޕަބްލިކް ބޭންކް އެކައުންޓަށް ފައިސާ ލިބޭ ތާރީޚެވެ.

(ބ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކޭނީ އެ ލަޔަބިލިޓީ ޑިނޯމިނޭޓްކުރެވިފައިވާ ކަރަންސީގެ ބޭންކް އެކައުންޓަކުންނެވެ.

(ޅ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބޭންކުން އެއްވެސް ފީއެއް ނަގާނަމަ އެ ފީ ބޭންކަށް ދެއްކުމަކީ ޓެކްސް ދައްކާ ފަރާތުގެ ޒިންމާއެކެވެ.

15. (އުވައިލެވިފައި.)

16. މީރާކަނެކްޓް އެކައުންޓުގެ ސެކިއުރިޓީ

(ހ) މީރާކަނެކްޓް އެކައުންޓެއް މެދުވެރިކޮށް ކުރާ އެންމެހައި މުއާމަލާތްތައް ވެސް ބެލެވޭނީ އެ އެކައުންޓް ނިސްބަތްވާ ޓެކްސް ދައްކާ ފަރާތުގެ ހުއްދައާއެކު އެ ފަރާތުން ކުރާ މުއާމަލާތުގެ ގޮތުގައެވެ. އަދި މީރާކަނެކްޓް އެކައުންޓެއް މެދުވެރިކޮށް ކުރާ މުއާމަލާތެއްގެ ސަބަބުން ޓެކްސް ދައްކާ ފަރާތަކަށް ނުވަތަ އެ ނޫން އެހެން ފަރާތަކަށް ލިބޭ ގެއްލުމެއްގެ ޒިންމާއެއް މީރާއަކުން ނުނަގާނެއެވެ.

(ށ) މީރާކަނެކްޓް އެކައުންޓަކާ ގުޅިގެން ދޫކުރެވޭ ޔޫޒަރ އައި.ޑީ އާއި ޕާސްވަރޑް، އެ އެކައުންޓް ނިސްބަތްވާ ފަރާތުން އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްގެންނުވާނެއެވެ. އަދި އެކައުންޓް ނިސްބަތްވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން އެ ޔޫޒަރ އައި.ޑީ އާއި ޕާސްވަރޑް ބޭނުންކޮށްގެން ވެސް ނުވާނެއެވެ.

17. މީރާކަނެކްޓް ބޭނުންކުރަން ލާޒިމުކުރުމުގެ އިޚްތިޔާރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމެއްގެ ދަށުން، މީރާއިން ކަނޑައަޅާ ޝަރުޠުތަކެއް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށާއި ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

18. މީރާކަނެކްޓް އެކައުންޓެއް އުވައިލުން

(ހ) މީރާކަނެކްޓް އެކައުންޓެއް އުވައިލަން އެދޭނަމަ، ޓެކްސް ދައްކާ ފަރާތުން އެ ކަން ލިޔުމަކުން މީރާއަށް ހުށަހަޅަންވާނެއެވެ. މި ގޮތުން މީރާކަނެކްޓް އެކައުންޓެއް އުވައިލެވުނު ކަމަށް ބެލެވޭނީ ޓެކްސް ދައްކާ ފަރާތަށް މީރާއިން އެ ކަން ލިޔުމުން އެންގުމުންނެވެ.

(ށ) މި މާއްދާގެ (ހ) އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުގެ އެންމެހައި ޓެކްސް ނެގޭ ހަރަކާތްތައް ހުއްޓާލުމާ ގުޅިގެން އެ ފަރާތުން "ރަޖިސްޓަރީން އުނިކުރުން" (MIRA106) ފޯމު މީރާއަށް ހުށަހަޅައިފިނަމަ، ނުވަތަ އެ ނޫން ވެސް ގޮތަކުން އެ ފަރާތް މީރާގެ ރަޖިސްޓަރީން އުނިކޮށްފިނަމަ، އެ ފަރާތުގެ މީރާކަނެކްޓް އެކައުންޓާއި އެ ފަރާތުގެ ޓެކްސް އެކައުންޓަންޓުންގެ މީރާކަނެކްޓް އެކައުންޓްތައް އުވައިލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

19. މީރާއިން ކަނޑައަޅަންޖެހޭ ކަންކަން އާންމުކުރާނެ ގޮތް

މީރާއިން ކަނޑައަޅާ ކަންކަމުގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން (މިސާލަކަށް، މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅޭނެ ޓެކްސް ބަޔާންތައް، މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކޭ އާމްދަނީގެ ބާވަތްތައް)، އަދި އެ ކަންކަމަށް އަންނަ ބަދަލުތައް ކަނޑައެޅުމަށްފަހު އާންމުކުރާނީ، ޓެކްސް ރޫލިންގއެއް ނުވަތަ ސަރކިއުލަރއެއް ނުވަތަ އާންމު އިއުލާނެއް މެދުވެރިކޮށެވެ.

20. ޓެކްސްއާބެހޭ ޤާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން

(ހ) މި ގަވާއިދު ކިޔާނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި ޓެކްސްއާބެހޭ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ޤާނޫނުތަކާއި ގަވާއިދުތަކުގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަކަށެވެ.

(ށ) ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ ދެވަނަ ބާބު (އިލެކްޓްރޯނިކް ޒަރީޢާ) ގެ އެއްވެސް މާއްދާއަކާއި މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ފުށުއަރާ ހާލަތުގައި އިސްކަންދޭނީ މި ގަވާއިދަށެވެ.

21. މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު:

(ހ) "މީރާ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ށ) "ޤާނޫނު" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށެވެ.

(ނ) "މީރާކަނެކްޓް" ކަމަށް ބުނެފައި އެ ވަނީ، އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަށް މީރާއިން ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް އަށެވެ.

(ރ) "ވާރުކާޑު" ކަމަށް ބުނެފައި އެ ވަނީ، ހަމައެކަނި މީރާއަށް ފައިސާ ދެއްކުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން، ޓެކްސް ދައްކާ ފަރާތްތަކަށް ދޫކުރާ ކާޑަށެވެ.

(ބ) "އެމް.އާރ.ޓީ.ޖީ.އެސް" ކަމަށް ބުނެފައި އެ ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ދިވެހިރާއްޖޭގައި ހިންގާ ކޮމަރޝަލް ބޭންކްތަކާ ދެމެދު ޤާއިމްކުރެވިފައިވާ "މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް" ފެސިލިޓީއަށެވެ.

22. ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ