މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ، ވިތުހޯލްޑިންގ ޓެކްސް ބަޔާނާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާން މީރާއަށް ހުށަހެޅުމާއި ފައިސާ ދެއްކުން މީރާކަނެކްޓް މެދުވެރިކޮށް ކުރުމަށް ލާޒިމުކުރުމެވެ.
2. ގަވާއިދު ނަންބަރު 2015/R-147 (އިލްކެޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު) ގެ 17 ވަނަ މާއްދާގައި ވަނީ:
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމެއްގެ ދަށުން، މީރާއިން ކަނޑައަޅާ ޝަރުޠުތަކެއް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމާއި ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ރޫލިންގ
3. ޓެކްސް ރޫލިންގ TR-2015/A3 (ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން) ގެ 3 ވަނަ ޕެރެގްރާފްގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 1 އޮކްޓޫބަރު 2016 އިން ފެށިގެން ހުރިހާ ޓެކްސް ދައްކާ ފަރާތްތަކުން ވެސް ވިތުހޯލްޑިންގ ޓެކްސް ބަޔާން (MIRA 301) އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާން (MIRA 206) ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށެވެ. އަދި އެއާ ގުޅޭ ފައިސާ އެ ތާރީޚުގެ ފަހުން ދައްކަންވާނީ މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.
4. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ޢަމަލުކުރަން ފެށުން
5. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.