މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ، އަހަރެއްގެ ތެރޭގައި 10 (ދިހައެއް) މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ބީ.ޕީ.ޓީ ބަޔާން މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުން ލާޒިމުކުރުމެވެ.
2. ގަވާއިދު ނަންބަރު 2015/R-147 (އިލްކެޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު) ގެ 17 ވަނަ މާއްދާގައި ވަނީ:
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމެއްގެ ދަށުން، މީރާއިން ކަނޑައަޅާ ޝަރުޠުތަކެއް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށާއި ދައްކަންޖެހޭ ފައިސާ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ރޫލިންގ
3. އަހަރެއްގެ މައްޗަށް 10 (ދިހައެއް) މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން، 1 ޖޫން 2018 ނުވަތަ އެ ތާރީޚުގެ ފަހުން ހުށަހަޅާ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށެވެ.
4. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފަށް ޢަމަލުކުރާނީ ޓެކްސް ރޫލިންގ TR-2015/A3 (ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން) އާ ޚިލާފުނުވާނެ ގޮތުގެ މަތިންނެވެ.
5. ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިޞްލާޙުކުރެވިފައިވާ ބީ.ޕީ.ޓީ ބަޔާނަށް މި ރޫލިންގގެ 3 ވަނަ ޕެރެގްރާފް ރައްދެއްނުވާނެއެވެ.
6. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ ޓެކްސް ބަޔާންތައް ބަލައިގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ޢަމަލުކުރަން ފެށުން
7. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.