ޤާނޫނާއި ގަވާއިދު

×

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު

2022/R-82

ނެރުނު ތާރީޚް: 17 މެއި 2022
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 17 މެއި 2022
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

3.

(ހ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަންވާނީ، "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރުމަށް އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމަށް ކަނޑައަޅައިފައިވާ ސަރުކާރުގެ މިނިސްޓްރީއަށް  ހުށަހަޅާ ފަރާތްތަކުން، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް، "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު، މީރާއަށް އިތުރަށް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

 

2. ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

11. މަޢުލޫމާތު ބަދަލުވުން

(ހ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ރެޖިސްޓްރޭޝަނާ ގުޅޭ މަޢުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލު އައި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA117) ފޯމު މެދުވެރިކޮށް އެ ފަރާތުން މީރާއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކުން، އެ ފަރާތުން އުޖޫރަ ދޭ މީހެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހެއްގެ އެ ފަރާތުން ދީފައިވާ ވަޒީފާއާ ގުޅޭ މަޢުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ބަދަލެއް، މީރާކަނެކްޓް މެދުވެރިކޮށް މީރާއަށް އަންގަންވާނެއެވެ.

(ނ) އުޖޫރަ ދޭ ފަރާތަކުން އުޖޫރަ ލިބޭ މީހަކު ރަޖިސްޓަރީކުރި ފަހުން، އުޖޫރަ ލިބޭ މީހާއަށް އެހެން ބާވަތެއްގެ އާމްދަނީއެއް ލިބޭނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު މެދުވެރިކޮށް، އުޖޫރަ ލިބޭ މީހާ، އެ ކަން މީރާއަށް އަންގަންވާނެއެވެ.

(ރ) އުޖޫރަ ދޭ ފަރާތަކުން އުޖޫރަ ލިބޭ މީހަކު ރަޖިސްޓަރީކުރި ފަހުން، އެ މީހާ އިތުރު ވަޒީފާއެއް އަދާކުރާނަމަ އަދި އެ ވަޒީފާ ދިން ފަރާތުން އެ ކަން މީރާއަށް އަންގައިފައި ނުވާނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު މެދުވެރިކޮށް އުޖޫރަ ލިބޭ މީހާ އެ ކަން މީރާއަށް އަންގަންވާނެއެވެ.

 

3. ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

21. (ކ) އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ޙައްޤު ދީފައިވަނީ ދައުލަތުން ނުވަތަ ދައުލަތުގެ އެހެން އޮފީހަކުން ކަމުގައި ވީނަމަވެސް، މި މާއްދާގެ ބޭނުމަށް، އެ އުޅަނދަކީ އުޖޫރަ ދޭ ދައުލަތުގެ އޮފީހުގެ އުޅަނދެކެވެ.

 

4. ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

36. 

(ހ) އެ ފައިސާއެއްގެ ޒާތުން، އެ ފައިސާ ނިސްބަތްވާ މުއްދަތުގައި އެ ފައިސާ ދައްކަންޖެހޭކަން ނުވަތަ އެ ފައިސާގެ އަދަދު އެނގެން ނެތް ހާލަތުތަކުގައި، ޤާނޫނުގެ 80 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ، އެ ފައިސާ ނިސްބަތްވާ މުޢާމަލާތާ ގުޅޭގޮތުން ޕްރޮވިޜަނެއް ހަދަންޖެހޭނަމަ، އެ ޕްރޮވިޜަންގެ އަދަދަކީ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދުކަމަށް ބަލައިގެންނެވެ. ޕްރޮވިޜަނެއް ހަދަންޖެހޭތޯ މި މާއްދާގެ ބޭނުމަށް ބަލާނީ، ހިސާބު ތައްޔާރުކުރުމަށް މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިސާބުކުރެވޭ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު، އެ ޕްރޮވިޜަން ނިސްބަތްވާ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމަނަންވާނެއެވެ. އަދި އެއާ ގުޅިގެން ދައްކަންޖެހޭ ޓެކްސް މީރާއަށް ދައްކަންވާނެއެވެ.

 

5. ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

36. (ރ) މި މާއްދާގެ ދަށުން، ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމަނައިފައި އޮތް ނަމަވެސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވުމުން އިތުރަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނަމަ، އެ ގޮތުން ކަށަވަރުވި މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި، އިތުރަށް އުނިކުރަންޖެހޭ އަދަދު ހިމަނަންވާނެއެވެ. އަދި އެއާ ގުޅިގެން އިތުރަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނެއެވެ.

 

6. ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

(ބ) މި މާއްދާގެ ދަށުން، ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށްފައި އޮތް ނަމަވެސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވުމުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް ބަޔާނުގައި ހިމެނިފައި އޮތީ އިތުރަށް ކަމުގައި ވާނަމަ، އެ ގޮތުން އިތުރުވާ އަދަދު ކަށަވަރުވި މަހަށް، މި މާއްދާގެ (ހ) ގެ ދަށުން ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރި ފަރާތުން ހުށަހަޅާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި އެ އުނިއިތުރުކުރުން ހިމެނިދާނެއެވެ.

(ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ބ) ގެ ދަށުން އުފެދޭ ރީފަންޑް ލިބޭނީ، މި މާއްދާގެ ދަށުން ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް، ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމެނި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަށެވެ.

 

7. ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

36-1. ޑެބިޓް ނޯޓް ނުވަތަ ކްރެޑިޓް ނޯޓާ ގުޅިގެން ވިތުހޯލްޑިންގ ޓެކްސް އުނިކުރުން

(ހ) ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މުޢާމަލާތެއްގެ އަދަދު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ޑެބިޓް ނޯޓެއް މެދުވެރިކޮށް ބޮޑުކޮށްފިނަމަ، އެ ޑެބިޓް ނޯޓް ލިބޭ ފަރާތުގެ ހިސާބުތަކުގައި އެ ޑެބިޓް ނޯޓު ހިމަނަންޖެހޭ މުއްދަތުގައި އެ އިތުރުވި މިންވަރުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

(ށ) ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މުޢާމަލާތެއްގެ އަދަދު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ކްރެޑިޓް ނޯޓެއް މެދުވެރިކޮށް ކުޑަކޮށްފިނަމަ، އެ ކްރެޑިޓް ނޯޓު ލިބޭ ފަރާތުގެ ހިސާބުތަކުގައި އެ ކްރެޑިޓް ނޯޓް ހިމަނަންޖެހޭ މުއްދަތަށް ހުށަހަޅާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި އެ އުނިއިތުރުކުރުން ހިމެނިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އުފެދޭ ރީފަންޑް ދިނުމުގައި ޢަމަލުކުރާނީ، މި ގަވާއިދުގެ 123 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

8. ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

44.

(1-ހ) ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ

(2-ހ) ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ

 

9. ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

59. (1-ނ) ދިވެހިރާއްޖޭގައި ވަޒަންވެރިވެރިވެފައިނުވާ ފަރާތެއްގެ ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ޤާނޫނާއި މި ގަވާއިދާ ޚިލާފުނުވާ ގޮތުގެ މަތީން، "އޯ.އީ.ސީ.ޑީ މޮޑެލް ޓެކްސް ކޮންވެންޝަން އޮން އިންކަމް އެންޑް އޮން ކެޕިޓަލް" (2017) ގެ 7 ވަނަ އާޓިކަލްގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާންމު އުސޫލުންނެވެ.

 

10. ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާގެ (ޅ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

101. (ޅ) (1-2) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުރި ފަރާތްތައް؛

 

11. ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

101. (އ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތައް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށެއް ނުޖެހޭނެއެވެ. މި މާއްދާގެ (ޅ) އަށް ޢަމަލުކުރާނީ، މި އަކުރާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.

(1) ދައުލަތުގެ އޮފީސްތައް؛

(2) ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް.

 

12. ބުނެވިދިޔަ ގަވާއިދުގެ 103 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

103. މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން

(ހ) އަންނަނިވި ޓެކްސް ބަޔާންތައް ހުށަހަޅަންވާނީ، މީރާކަނެކްޓް މެދުވެރިކޮށެވެ. އަދި އެ ބަޔާންތަކާ ގުޅޭ ފައިސާ ދައްކަންވާނީ، މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.

(1) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛

(2) ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން؛

(3) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛

(4) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން.

(ށ) އަންނަނިވި ޓެކްސް ބަޔާންތައް ހުށަހަޅަންވާނީ މީރާކަނެޓް މެދުވެރިކޮށެވެ.

(1) އިންކަމް ޓެކްސް ބަޔާން؛

(2) އިންޓެރިމް ބަޔާން.

(ނ) އެ ޓެކްސް ބަޔާނެއް ނިސްބަތްވާ ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި 10,000,000/- (ދިހަ މިލިޔަން) ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ އަންނަނިވި ފަރާތްތަކަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.

(1) ފަރުދެއް؛

(2) ޑީމްޑް ޕާޓްނަރޝިޕް.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާންތަކާ ގުޅޭ ފައިސާ ދައްކަންވާނީ، މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.

(ބ) އެ ޓެކްސް ބަޔާން ނިސްބަތްވާ ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި 20,000,000/- (ވިހި މިލިޔަން) ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް މި މާއްދާގެ (ރ) ރައްދެއް ނުވާނެއެވެ.

(ޅ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތްގޮތުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިޚްތިޔާރު، ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ ބޭނުމަށް އާމްދަނީގެ މިންވަރު ބަލާނީ، ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ އާމްދަނީއާއި ޤާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ އާމްދަނީ ވެސް ހިމެނޭ ގޮތުންނެވެ.

 

13. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ