ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އުނިކުރުން.
2. ބުނެވިދިޔަ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
15. (ށ) (3) 1 ޖެނުއަރީ 2013 އިން ފެށިގެން 31 އޮކްޓޯބަރު 2014 ގެ ނިޔަލަށް %8 (އަށެއް އިންސައްތަ)؛
3. ބުނެވިދިޔަ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.
15. (ށ) (4) 1 ނޮވެމްބަރު 2014 އިން ފެށިގެން %12 (ބާރަ އިންސައްތަ).
4. ބުނެވިދިޔަ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
20. (ނ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ޕޯސްޓުގެ ޚިދުމަތް ދޭ ތަނަކުން ދޭ ޕޯސްޓުގެ ޚިދުމަތް؛
5. ބުނެވިދިޔަ ޤާނޫނުގެ 51 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.
51. (ވ) ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅިގެން އަލަށް ޖީ.އެސް.ޓީ ނަގަން ފަށަންޖެހޭ މުދަލާއި ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގަން ފަށާނީ، ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 2 (ދޭއް) މަސްދުވަސް ހަމަވާ ތާރީޚު ހިމެނޭ މަހާ ވިދިގެން ފެށޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
6. ބުނެވިދިޔަ ޤާނޫނުގެ 68 ވަނަ މާއްދާއަށް އަންނަނިވި ޢިބާރާތުގެ މާނަކުރުން އިތުރުކުރުން.
68. "ޕޯސްޓުގެ ޚިދުމަތް" މި ޢިބާރާތަށް ދީފައިވާ މާނަކުރުމުގައި ކޫރިއަރގެ ޚިދުމަތެއް ނުހިމެނެއެވެ.
7. މި ޤާނޫނުން ބުނެވިދިޔަ ޤާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ޤާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
8. ބުނެވިދިޔަ ޤާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ޙަވާލާދީފައިވާ ތަންތަން، މި ޤާނޫނުން ގެންނަ އިޞްލާޙުތަކާ ގުޅިގެން ބަދަލުކުރުން.
9. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.