މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2016/R-86 (ރެމިޓެންސް ޓެކްސް ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ، ގަވާއިދުގެ 7 ވަނަ މާއްދާ އިޞްލާޙުކުރުމާއި، އެންޓި-އެވޮއިޑަންސް މާއްދާއެއް ގަވާއިދަށް އިތުރުކުރުމެވެ.
ރޫލިންގ
2. ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން:
(3) ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ޕްރީޕެއިޑް ކޭޝް ކާޑެއް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާ ނެގުން.
3. ގަވާއިދުގެ 9 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކޮށް، އޭގެ ފަހަތަށް ހުރި މާއްދާތަކުގެ ނަންބަރު ތަރުތީބުކޮށް، ގަވާއިދުގެ އެކި މާއްދާތަކަށް ހަވާލާދީފައިވާ ތަންތަނަށް މި އިޞްލާޙާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެނައުން:
10. ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް ކުރާ ކަންކަން
(ހ) "ޑިޕެންޑެންޓް ވީޒާ" އެއް އޮތް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ދައްކަންޖެހޭނެއެވެ.
(ށ) ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ފަރާތުން މި ގަވާއިދުގެ (7) ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ދައްކަންޖެހޭނެއެވެ.
(ނ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކަށް ދިވެހިރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ވަޒީފާއިން ވަކިވުމުން ދިވެހިރާއްޖޭގައި ހުޅުވައިފައިވާ އޭނާގެ ބޭންކު އެކައުންޓު ބަންދުކުރުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ފޮނުވާނަމަ، އެ ފައިސާއިން ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ދައްކަންޖެހޭނެއެވެ.
(ރ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް، ނުވަތަ "ޑިޕެންޑެންޓް ވީޒާ" އެއް އޮތް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް، ނުވަތަ ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެހެން ބިދޭސީއެއްގެ ފައިސާ ދިވެހިރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފިނަމަ، އެއީ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް ކުރި ކަމެއްގެ ގޮތުގައި ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގެ ދަށުން ބެލެވޭނެއެވެ.
ޢަމަލުކުރަން ފެށުން
4. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.