މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2015/R-147 (އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާ ފައިސާ ދެއްކުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ ގަވާއިދުގެ 15 ވަނަ މާއްދާ އިޞްލާޙުކުރުމެވެ.
ރޫލިންގ
2. ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ފައިސާ ދައްކާ ފަރާތްތަކަށް ދެވޭ ޖޫރިމަނާގެ ލުއި
(ހ) އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ފައިސާ ދައްކާ ފަރާތަކުން، ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަޑިއާ ވިދިގެން އަންނަ 2 (ދޭއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކައިފިނަމަ، އަދި ސުންގަޑީގެ ނިޔަލަށް ފައިސާ ނުދައްކައިގެން ޖޫރިމަނާ އަރައިފިނަމަ، އެ ސުންގަޑިން ފެށިގެން 2 (ދޭއް) ދުވަހާ ހަމައަށް އަރާ ޖޫރިމަނާ ލުއިކޮށްދެވޭނެއެވެ.
(ށ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ފައިސާދެއްކުމަށް ލާޒިމުކޮށްފައިވާ ޓެކްސް ދައްކާ ފަރާތްތަކަށް، މި މާއްދާގެ (ހ) ރައްދެއްނުވާނެއެވެ.
ޢަމަލުކުރަން ފެށުން
3. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.