މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގައި ތަފުސީލުކޮށްދީފައިވާނީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ގައި ބަޔާންކޮށްފައިވާ "މީރާއިން ޤަބޫލުކުރާ އެއްވެސް ބޭންކެއް ނުވަތަ މާލީ އިދާރާއެއް"، މި އިބާރާތުގެ މާނައެވެ.
2. މި ރޫލިންގއަށް ޢަމަލުކުރަން ފެށުމުން، ޓެކްސް ރޫލިންގ TR-2012/B2 (ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: މީރާއިން ޤަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތައް) އުވުނީއެވެ.
ރޫލިންގ
3. ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ގެ ބޭނުމަށް، މިރާއިން ޤަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތަކަކީ:
(ހ) އެ ބޭންކު އޮޕަރޭޓުކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ބޭންކިންގ ލައިސަންސް ދޫކޮށްފައިވާ ބޭންކުތައް؛
(ށ) އެ ކުންފުނި އޮޕަރޭޓުކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެފަދަ ކުންފުނިތައް ރެގިއުލޭޓްކުރާ ފަރާތުން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ކުންފުނިތަކާއި ލީސިންގ ފައިނޭންސް ކުންފުނިތައް؛
(ނ) އަންނަނިވި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެ އިދާރާތަކުން ކޮންޓްރޯލްކުރާ އޭޖެންސީތަކެވެ.
(1) ވަރލްޑް ބޭންކް
(2) އައި.އެމް.އެފް (International Monetary Fund)
(3) އޭ.ޑީ.ބީ (Asian Development Bank)
(4) އައި.ޑީ.ބީ (Islamic Development Bank)
(5) އީ.އައި.ބީ (European Investment Bank)
(6) އީ.ބީ.އާރ.ޑީ (European Bank for Reconstruction and Development)
(7) އެން.އައި.ބީ (Nordic Investment Bank)
(8) އޯ.އެފް.އައި.ޑީ (OPEC Fund for International Development)
(9) ޑީ.އީ.ޖީ (Deutsche Investitions- und Entwicklungsgesellschaft)
(10) އޭ.އެފް.ޑީ (Groupe Agence Francaise de Developpment)
4. މީރާއިން ޤަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތަކުގެ ލިސްޓަށް އެއްވެސް ބޭންކެއް ނުވަތަ މާލީ އިދާރާއެއް އިތުރުކުރަން ބޭނުންވާނަމަ، ޓެކްސް ދައްކާ ފަރާތްތަކުން ކޮމިޝަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
5. މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްގެން، މި ރޫލިންގގެ 3 ވަނަ ޕެރެގްރާފްގެ (ނ) ގައިވާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލިސްޓަށް އިތުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
6. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފަށް ޢަމަލުކުރަންވާނީ، އެ ފަރާތުގެ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހުގެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުގައި ނުވަތަ އޭގެ ކުރިން މީރާއިން އެ ބައިނަލްއަޤްވާމީ މާލީ އިދާރާ ޤަބޫލުކޮށްފައިވާނަމައެވެ.
7. މީރާއިން ޤަބޫލުކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލިސްޓު މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރަންވާނެއެވެ.
8. މި ރޫލިންގގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ކުންފުންޏަކުން ނުވަތަ ލީސިންގ ފައިނޭންސް ކުންފުންޏަކުން ނުވަތަ އިންޝުއަރެންސް ކުންފުންޏަކުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ކުންފުންޏަކަށް ނުވަތަ ލީސިންގ ފައިނޭންސް ކުންފުންޏަކަށް، ނުވަތަ އިންޝުއަރެންސް ކުންފުންޏަކަށް ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްގެ ޖުމުލަ އަދަދު، ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ނެގޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.
9. މި ރޫލިންގއަށް ޢަމަލުކުރާނީ ޓެކްސް ރޫލިންގ TR-2018/B64 (ތިން ކެޕިޓަލައިޒޭޝަން) އާ ޚިލާފުނުވާނެ ގޮތުގެ މަތިންނެވެ.
ޢަމަލުކުރަން ފެށުން
10. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. އަދި މި ރޫލިންގ ހިނގާނީ ޓެކްސް އަހަރު 2018 އާއި އޭގެ ފަހުން ފެށޭ ޓެކްސް އަހަރުތަކަށެވެ.