މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ ގަވާއިދުގެ 17 ވަނަ މާއްދާ އިޞްލާޙުކުރުމެވެ.
ރޫލިންގ
2. ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވުން
(ހ) ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ވަކިފަރުދެއްގެ ނުވަތަ ޑީމްޑް ޕާޓްނަރޝިޕެއްގެ ހިސާބުކުރާ މުއްދަތެއްގެ ޖުމުލަ އާމްދަނީ 1,000,000/- (އެއް މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، އެ މުއްދަތަށް އެ ފަރާތުން ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުގެ އެ މުއްދަތުގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވާނަމަ، އެ ފަރާތުން އެ މުއްދަތަށް ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭނެއެވެ.
(ނ) ވަކިފަރުދަކަށް ނުވަތަ ޑީމްޑް ޕާޓްނަރޝިޕަކަށް ހިސާބުކުރާ މުއްދަތެއްގައި ލިބުނު ޖުމުލަ އާމްދަނީ 1,000,000/- (އެއް މިލިއަން) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ ނުވަތަ ޓެކްސް ބިނާކުރެވޭ ފައިދާ 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ނިމުމަކަށް އަންނާނެއެވެ. މި އަކުރަށް ޢަމަލުކުރަން ފަށާނީ ޓެކްސް އަހަރު 2016 އިން ފެށިގެންނެވެ. އެބަހީ، ޓެކްސް އަހަރު 2015 ގައި އެ ފަރާތުގެ ޖުމުލަ އާމްދަނީ 1,000,000/- (އެއް މިލިއަން) ރުފިޔާއަށްވުރެ އިތުރުވިނަމަ، ނުވަތަ ޓެކްސް އަހަރު 2015 ގައި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވިނަމަ، މި މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނަރ ޖެނެރަލް ހުއްދަ ނުދޭހައި ހިނދަކު، ޓެކްސް އަހަރު 2016 އަދި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށް އެ ފަރާތުން ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ވަކިފަރުދަކަށް ނުވަތަ ޑީމްޑް ޕާޓްނަރޝިޕަކަށް ލިބުނު އިސްތިސްނާ މި މާއްދާގެ (ނ) ގެ ދަށުން ނިމުމަކަށް އައުމަށްފަހު، މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާވުމުގެ ޝަރުޠުތައް ވިދިވިދިގެން 2 (ދޭއް) އަހަރު ފުރިހަމަވެއްޖެނަމަ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ޖެހުމުން އަލުން އިސްތިސްނާކޮށްދިނުމަށް އެދި ކޮމިޝަނަރ ޖެނެރަލްގެ ކިބައިން އެ ފަރާތަށް އެދެވިދާނެއެވެ. އަދި އެ ފަދަ ހުށަހެޅުންތައް މީރާއިން ރިވިއުކުރުމަށްފަހު ކޮމިޝަނަރ ޖެނެރަލް އެ ކަމަށް ހުއްދަ ދިނުމާ ހަމައަށް އެ ފަރާތުން ޓެކްސް ބަޔާން ހުށަހަޅަމުން ގެންދަންވާނެއެވެ.
(ބ) ހިސާބުކުރާ މުއްދަތު 12 (ބާރަ) މަސްދުވަހަށްވުރެ ކުރުނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައިވާ ތްރެޝޯލްޑްތައް އެ މުއްދަތުގައި ހިމެނޭ ދުވަހުގެ އަދަދުގެ ނިސްބަތުން ޕްރޮރޭޓްކުރަންވާނެއެވެ.
ޢަމަލުކުރަން ފެށުން
3. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.