ޤާނޫނާއި ގަވާއިދު

×

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދަށް 13 ވަނަ އިޞްލާޙު ގެނައުން

TR-2017/B60

ނެރުނު ތާރީޚް: 18 މާރިޗު 2017
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 18 މާރިޗު 2017
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގގެ މަޤްޞަދަކީ ގަވާއިދުގެ 65 ވަނަ މާއްދާ އިޞްލާޙުކުރުމެވެ.

 

ރޫލިންގ

2. ގަވާއިދުގެ 65 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން:

(ރ) މި މާއްދާގެ ބޭނުމަށް، އެއްވެސް ފައިސާއެއް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ މީހަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގެ ތެރެއިން ކުރިން އަންނަ ތާރީޚުގައެވެ.

(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން، ފައިސާ ދައްކަންޖެހޭ ފަރާތަށް (އޭގެ ހާޑްކޮޕީ ނުވަތަ އިލެކްޓްރޯނިކް ޒަރީޢާއެއް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް) އިންވޮއިސްއެއް ފޮނުވާ ތާރީޚު.

(2) ފައިސާ ދައްކަންޖެހޭ ފަރާތުގެ ހިސާބުތަކުގައި، އެ ފައިސާގެ އަދަދަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް ދެއްކުން ލާޒިމު ފައިސާއެއްގެ ގޮތުގައި ކަނޑައަޅާ ތާރީޚު.

(3) މާޒީގައި ހިނގައިފައިވާ ކަމަކާ ގުޅިގެން، ފައިސާ ދައްކަންޖެހޭ ފަރާތުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް އަދާކުރުން ލާޒިމު ޒިންމާއެއް އުފެދުނު ތާރީޚު.  

(ބ) މި މާއްދާގެ (ރ) ގައި ވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް އެ ފަރާތަށް ދައްކަންޖެހެނީ ކަނޑައެޅިފައިވާ މަހެއްގެ ވަކި ދުވަހެއްގައި ކަން ޔަގީންކުރެވެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ ތާރީޚުގެ ގޮތުގައި ކަނޑައަޅާނީ އެ މަހެއްގެ އެންމެ ފަހު ދުވަހެވެ.

(ޅ) އެއްވެސް ފަރާތަކުން، ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކަށް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ ކަނޑައެޅިގެން ކިހާވަރެއްކަން ޔަގީންނުކުރެވެނީސް، އެ ފަދަ ފައިސާއަކާ ގުޅިގެން މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ވިތްހޯލްޑިންގ ޓެކްސް ދައްކައިފިނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ ކަނޑައެޅިގެން ކިހާވަރެއްކަން ކަށަވަރުވުމުން، އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ރަނގަޅު މިންވަރު ހާމަކޮށް، އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ. އަދި މި ފަދަ ހާލަތުތަކުގައި، ސުންގަޑީގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނޭޅުމުގެ ސަބަބުންނާއި ފައިސާ ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާތައް ހިނގާނެއެވެ. 

 

ޢަމަލުކުރަން ފެށުން

3. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ