ޤާނޫނާއި ގަވާއިދު

×
ޓެކްސް ރޫލިންގ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 19 ވަނަ އިޞްލާޙު ގެނައުން

TR-2016/G39

ނެރުނު ތާރީޚް: 01 ޑިސެންބަރު 2016
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 01 ޑިސެންބަރު 2016
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގގެ މަޤްޞަދަކީ ގަވާއިދުގެ 15، 31، 44 އަދި 110 ވަނަ މާއްދާ އިޞްލާޙުކުރުމެވެ.  

 

ރޫލިންގ

2. ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން:

އެޑްވާންސް ޕޭމަންޓްތަކާއި އަނބުރާ ރައްދުނުކުރާ ޑިޕޮސިޓްތައް އަދި ރިޓެންޝަން ފައިސާ

(ހ) ފޯރުވައިދިން މުދަލަކަށް ނުވަތަ ޚިދުމަތަކަށް ޓެކްސް އިންވޮއިސް ދޫކުރުމުގެ ކުރިން އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު އެއްކޮށް ނުވަތަ އެއިން ބައެއް ލިބިއްޖެނަމަ، އެ މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިން ފަރާތުން، އެ ފައިސާ ލިބުނު ދުވަހު، އެ ލިބުނު ފައިސާއަށްވާ ޖީ.އެސް.ޓީ ދައްކަންވާނެއެވެ.  

(ށ) ފޯރުވައިދިން މުދަލަކަށް ނުވަތަ ޚިދުމަތަކަށް ޓެކްސް އިންވޮއިސް ދޫކުރުމުގެ ކުރިން، އަނބުރާ ރައްދުނުކުރާ ގޮތަށް ޑިޕޮސިޓެއް ނަގައިފައިވާނަމަ، އެ ޑިޕޮސިޓްގެ އަދަދުން އެ މުދަލަށް ނުވަތަ ޚިދުމަތަށް ދައްކަންޖެހޭ މުޤާބިލުކަމަށް ނުވަތަ މުޤާބިލުގެ ބައެއްކަމަށް ކަނޑައަޅާ އަދަދުން، އެ މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިން ފަރާތުން އެ ގޮތަށް ކަނޑައެޅި ދުވަހު ޖީ.އެސް.ޓީ ދައްކަންވާނެއެވެ.

(ނ) އިމާރާތްކުރުމުގެ ޚިދުމަތެއް ފޯރުވައިދޭ ފަރާތަކުން އެ ޚިދުމަތުގެ ރިޓެންޝަން ފައިސާއަށްވާ ޖީ.އެސް.ޓީ ދައްކާނީ، ރިޓެންޝަން ފައިސާގެ ޓެކްސް އިންވޮއިސް ދޫކުރާ ވަގުތު ނުވަތަ ފައިސާ ލިބުނު ވަގުތު، މި ދެ ވަގުތުން ކުރެ ކުރިން އަންނަ ވަގުތެއްގައެވެ. މި އަކުރަށް ޢަމަލުކުރާނީ މި މާއްދާގެ (ހ) އާ ޚިލާފުނުވާނެ ގޮތުގެ މަތިންނެވެ.

3. ގަވާއިދުގެ 31 ވަނަ މާއްދާގެ އަރިމަތީ ސުރުޚީ އަންނަނިވި ގޮތަށް އިޞްލާޙުކުރުން:

ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޕޯސްޓުގެ ޚިދުމަތް

4. ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ (4) ގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން:

(5) އިންޕުޓް ޓެކްސް ނިސްބަތްވާ މުދަލަށް ނުވަތަ ޚިދުމަތަށް އައުޓްޕުޓް ޓެކްސް ދައްކައިފައި ނުވުން.

5. ގަވާއިދުގެ 110 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން:

ރީފަންޑު ދިނުން

ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ޤާނޫނުގެ ދަށުން ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް މީރާއަށް ފައިސާ ދައްކައިފައިވާނަމަ އެ ފައިސާއާމެދު ޢަމަލުކުރާނީ ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.  

 

ޢަމަލުކުރަން ފެށުން

6. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ