މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު( އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގައި ކަނޑައަޅައިފައި ވާނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކުންފުންޏަކުން ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ކުރަމުންދިޔަ ވިޔަފާރި ކުރުމަށްޓަކައި ދިވެހިރާއްޖޭގައި ކުންފުންޏެއް އުފައްދައިފިނަމަ، މި ރޫލިންގއަށް ޢަމަލުކުރުމަށް އިޚުތިޔާރުކުރާ ހާލަތުގައި އިންޓެރިމް ޕޭމަންޓާއި ފައިނަލް ޕޭމަންޓް ދެއްކުމުގައި ޢަމަލުކުރާނެ އުސޫލެވެ.
ރޫލިންގ
2. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކުންފުންޏަކުން ("ވަޒަންވެރިވެފައިނުވާ ކުންފުނި") ދާއިމީ މަރުކަޒެއް ނުވަތަ ދާއިމީ މަރުކަޒުތަކެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ކުރަމުންދިޔަ ވިޔަފާރި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް މެދުވެރިކޮށް ކުރުމުގެ މަޤްޞަދުގައި ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ކުންފުންޏެއް ("ވަޒަންވެރިވެފައިވާ ކުންފުނި") އުފައްދައިފިނަމަ، ވަޒަންވެރިވެފައިނުވާ ކުންފުންޏަށާއި ވަޒަންވެރިވެފައިވާ ކުންފުންޏަށް އަންނަނިވި ގޮތް އިޚުތިޔާރުކުރެވިދާނެއެވެ.
(ހ) ވަޒަންވެރިވެފައިވާ ކުންފުނި އުފެއްދުމުގެ ނިޔަލަށް، ވަޒަންވެރިވެފައިނުވާ ކުންފުނިން އެ ޓެކްސް އަހަރުގައި ކޮށްފައިވާ މުޢާމަލާތުތައް ކޮށްފައި ވަނީ ވަޒަންވެރިވެފައިވާ ކުންފުނިން ކަމަށް ބެލުން؛ އަދި
(ށ) ވަޒަންވެރިވެފައިވާ ކުންފުނި އުފެއްދި ތާރީޚު ނުވަތަ އެ ތާރީޚުގެ ފަހުން ދައްކަންޖެހޭ އެ ޓެކްސް އަހަރުގެ އިންޓެރިމް ޕޭމަންޓްތައް، ވަޒަންވެރިވެފައިނުވާ ކުންފުނިން ދައްކަން ނުޖެހުން؛ އަދި
(ނ) ވަޒަންވެރިވެފައިނުވާ ކުންފުނިން އެ ޓެކްސް އަހަރަށް ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް ދައްކަން ނުޖެހުން؛ އަދި
(ރ) ވަޒަންވެރިވެފައިވާ ކުންފުނި އުފެއްދި ތާރީޚު ނުވަތަ އެ ތާރީޚުގެ ފަހުން އެ ކުންފުނިން ދައްކަންޖެހޭ އެ ޓެކްސް އަހަރުގެ އިންޓެރިމް ޕޭމަންޓްތައް، ވަޒަންވެރިވެފައިނުވާ ކުންފުނިން ފާއިތުވި ޓެކްސް އަހަރުގައި ދައްކަންޖެހުނު ޓެކުހުގެ އަދަދަށް ބިނާކޮށް ދައްކަން ޖެހުން؛ އަދި
(ބ) ވަޒަންވެރިވެފައިވާ ކުންފުނިން އަންނަނިވި އަދަދުތަކުގެ މައްޗަށް ބިނާކޮށް އެ ޓެކްސް އަހަރުގެ ބީ.ޕީ.ޓީ ބަޔާން ތައްޔާރުކޮށް ފައިނަލް ޕޭމަންޓް ދައްކަން ޖެހުން:
(1) ވަޒަންވެރިވެފައިވާ ކުންފުނިން އަންނަނިވި އަދަދުތަކުގެ މައްޗަށް ބިނާކޮށް އެ ޓެކްސް އަހަރުގެ ބީ.ޕީ.ޓީ ބަޔާން ތައްޔާރުކޮށް ފައިނަލް ޕޭމަންޓް ދައްކަން ޖެހުން:
(2) ވަޒަންވެރިވެފައިވާ ކުންފުނިން މި ޕެރެގްރާފްގެ (ރ) ގެ ދަށުން އެ ޓެކްސް އަހަރަށް ދައްކަން ޖެހުނު އިންޓެރިމް ޕޭމަންޓްތައް.
(3) މި ރޫލިންގގެ 2 ވަނަ ޕެރެގްރާފްގައިވާ ގޮތަށް ޢަމަލުކުރުމަށް އިޚުތިޔާރުކުރާނަމަ، ވަޒަންވެރިވެފައިވާ ކުންފުނި ދިވެހިރާއްޖޭގައި އުފައްދާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ވަޒަންވެރިވެފައިނުވާ ކުންފުންޏާއި ވަޒަންވެރިވެފައިވާ ކުންފުނިން ސޮއިކޮށްފައިވާ ނޯޓިސްއެއް މީރާއަށް ހުށަހަޅަންވާނެއެވެ.
ޢަމަލުކުރަން ފެށުން
4. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.