ޤާނޫނާއި ގަވާއިދު

×

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު

2021/R-129

ނެރުނު ތާރީޚް: 29 ސެޕްޓެންބަރު 2021
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

ގަވާއިދު ނަންބަރު 2017/R-11 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

 

1. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ ސުރުޚީ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

3. އެއަރޕޯޓް ސަރވިސް ޗާޖަށާއި، ޑިޕާޗަރ ޓެކްސްއަށާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީކުރުން. 

 

2. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

3. (1-ހ) ގަވާއިދު ނަންބަރު 2017/R-11 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި، ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، 1 ނޮވެންބަރު 2021 އިން ފެށިގެން ޑިޕާޗަރ ޓެކްސްއަށް ރަޖިސްޓަރީކޮށް، ކަމާބެހޭ މަޢުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

 

3. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

3. (1-ށ) ގަވާއިދު ނަންބަރު 2017/R-11 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރަން ފަށާ ފަހުން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކުރާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި، ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، އަންނަނިވި ތާރީޚުގެ ތެރެއިން ފަހުން އަންނަ ތާރީޚަކުން ފެށިގެން ޑިޕާޗަރ ޓެކްސްއަށް މީރާގައި ރަޖިސްޓަރީ ކުރުމަށްފަހު، ކަމާބެހޭ މަޢުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(1) މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކުރި ތާރީޚު؛

(2) 1 ނޮވެންބަރު 2021.

 

4. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

3. (ނ) އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ ފަރާތްތައް އެއަރޕޯޓް ސަރވިސް ޗާޖަށާއި ޑިޕާޗަރ ޓެކްސްއަށާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީކުރެވޭނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ނަމުގައެވެ. އަދި ކޮންމެ އެއަރޕޯޓަކާއި އެއަރލައިނެއް ރަޖިސްޓަރީކުރާނީ ވަކިންނެވެ.

 

5. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

3. (ބ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ފަރާތް ފިޔަވައި އެހެން އެއަރޕޯޓުތައް ހިންގާ ފަރާތްތައް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.

 

6. ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

6. (ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއަރޕޯޓް ސަރވިސް ޗާޖަށް ރަޖިސްޓަރީކޮށްފައިވާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި އެއަރލައިންތައް، އެއަރޕޯޓް ސަރވިސް ޗާޖަށް ރަޖިސްޓަރީކޮށްފައި އޮތް އޮތުން 31 ޑިސެންބަރު 2021 ނިމުމުން ބާޠިލުވީއެވެ.

 

7. ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

7. އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ހިސާބުކުރާނީ، އަދި ޓެކްސް ބަޔާން މީރާއަށް ހުށަހަޅާނީ، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ކޮންމެ ކަލަންޑަރު މަހަކު MIRA 530 (އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅައި، ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ބަޔާނުގައި ކަނޑައަޅައިފައިވާ އަދަދު މީރާއަށް ދައްކަންވާނެއެވެ.

(ނ) އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ ފަސިންޖަރެއް އެ މަހެއްގައި ދިވެހިރާއްޖެއިން ބޭރަށް ނުފުރިކަމުގައި ވިޔަސް، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ރެޖިސްޓްރޭޝަން، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ބާޠިލުނުކުރާހައި ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މީރާއަށް ހުށަހަޅަންވާނެއެވެ.

 

8. ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

10. (ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 1 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާނީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ރޭޓްތަކުގައެވެ.

 

9. ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

10-1. ޑިޕާޗަރ ޓެކްސް ނަގަން ފެށުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގަންވާނެއެވެ. 

(ށ) ޑިޕާޗަރ ޓެކްސް ނަގާނީ، 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 1 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުންނެވެ.  

 

10. ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

11. އޮންލައިންކޮށް އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުން ލާޒިމުކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭޝަން ޝީޓު މީރާއަށް ހުށަހަޅަންވާނީ، މީރާކަނެކްޓް މެދުވެރިކޮށެވެ. އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ވެސް މީރާކަނެކްޓް މެދުވެރިކޮށް، ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ކުރާ ޑައިރެކްޓް ޓްރާންސްފަރއަކުންނެވެ. 

 

11. ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އުނިކުރުން.

12. 

(ނ) (އުނިކޮށްފައި).

(ރ) (އުނިކޮށްފައި).

(ބ) (އުނިކޮށްފައި)

(ޅ) (އުނިކޮށްފައި) 

 

12. ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

12. (ކ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިޞްލާޙުކޮށްފައިވާ ބަޔާނެއްގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ފައިސާ ދެއްކިފައިވުން ކަމަށް ވާނަމަ، އިތުރަށް ދެއްކިފައިވާ ފައިސާގެ މިންވަރު މީރާއިން އެ ފަރާތަށް ރީފަންޑް ކުރުމުގައި ޢަމަލުކުރާނީ ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

13. ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

12-1. ދަތުރުކުރާ ކްލާސްތައް

(ހ) ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ފަސިންޖަރު ދަތުރުކުރާ ކްލާސް ކަނޑައަޅަންވާނީ، ފެއަރ އެޕްރޫވަލްގެ ބޭނުމަށް އެ އެއަރލައިނުން އިންޓަނޭޝަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (IATA) އަށް ހުށަހަޅާ ހުށަހެޅުމުގައި ދަތުރުކުރާ ކްލާސް ކަނޑައަޅައިފައިވާ ގޮތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޗާޓަރު ފްލައިޓެއްގައި ދަތުރުކުރާ ފަސިންޖަރު ދަތުރުކުރާ ކްލާސް ކަނޑައަޅަންވާނީ، ޗާޓަރުކުރާ ފަރާތުން، އެއަރޕޯޓު ހިންގާ ފަރާތަށް އެ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ލިޔެކިޔުންތަކަށް ބިނާކޮށެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރާ ފަސިންޖަރު ދަތުރުކުރާ ކްލާހަކީ "ޕްރައިވެޓް ޖެޓް" އެވެ. 

(ރ) ޕްރައިވެޓް ޖެޓެއް އޮޕަރޭޓުކުރުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކުރާ ހުއްދައިގެ ދަށުން ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކޮންމެ  މަތިންދާބޯޓެއް ވެސް، މި މާއްދާގެ (ނ) ގެ ބޭނުމަށް ބަލަންވާނީ ޕްރައިވެޓް ޖެޓެއްގެ ގޮތުގައެވެ. އަދި އެ މަތިންދާބޯޓުގެ ބާވަތާއި އެ މަތިންދާބޯޓުގައި ހުރި ކެބިންތަކުގެ ބާވަތަށް ބެލުމެއްނެތި މި އަކުރަށް ޢަމަލުކުރަންވާނެއެވެ.

12-2. ދަތުރުކުރާ ކްލާސް އަޕްގްރޭޑްކުރުން

(ހ) ދަތުރުކުރާ ކްލާސް، މަތީ ކްލާހަކަށް އަޕްގްރޭޑްކުރާ ހާލަތުގައި، އެ އަޕްގްރޭޑާ ގުޅިގެން ފަސިންޖަރުގެ ޓިކެޓް ރީއިޝޫ ނުކުރި ނަމަވެސް، އެ އަޕްގްރޭޑް ކުރެވުނު ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެ ފަސިންޖަރުގެ އަތުން ނަގަންވާނެއެވެ. 

(ށ) އެއްވެސް މުޤާބިލެއް ދައްކަންނުޖެހި އަދި ޗެކިންކުރާ ވަގުތު ދަތުރުކުރާ ކްލާސް އަޕްގްރޭޑް ކޮށްފިނަމަ، މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ. މި އަކުރުގެ ބޭނުމަށް "މުޤާބިލު" ގެ މާނައިގެ ތެރޭގައި ލޯޔަލްޓީ ސްކީމެއްގެ ދަށުން ލިބިފައިވާ ޕޮއިންޓް ރިޑީމްކުރުން ހިމެނޭނެއެވެ. 

12-3. ދަތުރުކުރާ ކްލާސް ޑައުންގްރޭޑްކުރުން

(ހ) ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުގައި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކައިފައިވާ ފަސިންޖަރެއްގެ ދަތުރުކުރާ ކްލާސް، ފަސިންޖަރުގެ އެދުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ދަށްކޮށްފިނަމަ، ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެ ފަސިންޖަރު ދައްކަން ޖެހޭނީ އެ ދަށްކުރެވުނު ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި ފަސިންޖަރުގެ އަތުން ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ނަގައިފައިވާނަމަ، އިތުރަށް ނަގައިފައިވާ ޓެކްސްގެ އަދަދު، އެ މުއްދަތަށް ނިސްބަތްވާ އެއަރޕޯޓު ޓެކުހާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑި ފާއިތުވުމުގެ ކުރިން، ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން އެ ފަސިންޖަރަށް އަނބުރާ ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ފަސިންޖަރަށް އެ ފައިސާ އަނބުރާ ރައްދުކޮށްފައި ނުވާނަމަ، ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެ އަދަދު މީރާއަށް ދައްކަންވާނެއެވެ.

 

14. ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

13. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.

 

15. ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

15. 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން 

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ކުއްޖާ ދިވެހިރާއްޖެއިން ބޭރަށް ފުރާ ދުވަހާ ހަމައަށް، އެ ކުއްޖާއަށް 2 (ދޭއް) އަހަރު ފުރިފައިވާނަމައެވެ.

(ށ) ދިވެހިރާއްޖޭން ބޭރުގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ޓިކެޓް އޮރިޖިނޭޓްވި އެއަރޕޯޓުން އެ ކުއްޖާ ފުރި ދުވަހާ ހަމައަށް، އެ ކުއްޖާއަށް 2 (ދޭއް) އަހަރު ފުރިފައިވާނަމައެވެ.

 

16. ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

16. "ޑުއަލް ނެޝަނަލިޓީ" އޮންނަ ދިވެހި ރައްޔިތުން

"ޑުއަލް ނެޝަނަލިޓީ" އޮންނަ ދިވެހި ރައްޔިތުންގެ އަތުން ނަގަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ކަނޑައަޅާނީ، އޭނާ ރާއްޖެއިން ބޭރަށް ފުރާއިރު ޗެކިން ކުރުމަށް ބޭނުންކުރާ ޕާސްޕޯޓަށް ބިނާކޮށެވެ.

 

17. ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

17. އަމިއްލަ ބާރު ނުފޯރާ ހާލަތެއް މެދުވެރިވެގެން ޖައްސާ ފްލައިޓްތައް

"Force majeure" ނުވަތަ އަމިއްލަ ބާރު ނުފޯރާ ހާލަތެއް މެދުވެރިވެގެން (މިސާލަކަށް، ޓެކްނިކަލް މައްސަލައެއް ބޯޓަށް ދިމާވެގެން ނުވަތަ އާދަޔާޚިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން) ދިވެހިރާއްޖޭގެ އެއަރޕޯޓަކަށް ޖައްސާ ފްލައިޓެއްގައި ތިބޭ ފަސިންޖަރުން ރާއްޖެއިން ބޭރަށް ފުރާއިރު އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.

 

18. ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

18. ޤާނޫނާ ޚިލާފަށް ނަގާ ޓެކުހާއި ފީ ރީފަންޑްކުރުން

(ހ) ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ މި ގަވާއިދުގެ 12-3 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަސިންޖަރަކަށް އެއްވެސް އަދަދެއް އަނބުރާ ރައްދުކޮށްފައިވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން އިޞްލާޙުކުރަން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އަށް ޢަމަލުކުރަންވާނީ، މި ގަވާއިދުގެ 12 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިޞްލާހުކޮށްފައިވާ ބަޔާނާ ގުޅިގެން އުފެދޭ ކްރެޑިޓް، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އަނބުރާ ދޭންވާނެއެވެ.

 

19. ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

20. ރިކޯޑު ބެލެހެއްޓުން

ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ޞައްޙަ އަދަދެއްކަން ސާބިތުކޮށްދެވޭނެ އެންމެހައި ލިޔެކިޔުންތައް (ދަތުރުކުރާ ކްލާސް އަޕްގްރޭޑް ކުރުމާއި، ޑައުންގްރޭޑް ކުރުމާ ގުޅޭ ލިޔެކިޔުންތައް ވެސް ހިމެނޭގޮތުން)، އެ ފަރާތްތަކުން ބަލަހައްޓަންވާނެއެވެ.

 

20. ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

21. ޖޫރިމަނާ

އެއަރޕޯޓް ސަރވިސް ޗާޖަށާއި، ޑިޕާޗަރ ޓެކްސްއަށާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ރަޖިސްޓަރީ   ނުކޮށްފި ނަމަ، ނުވަތަ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން އެ ބަޔާން ހުށަނާޅައިފިނަމަ، ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ ތާރީޚަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައިވާ ގޮތުގެ މަތީން އެ ފަރާތެއް ޖޫރިމަނާ ވާނެއެވެ.

 

21. ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

24. (1-ރ) "ޑިޕާޗަރ ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނުގެ 2-1 ވަނަ މާއްދާގެ ދަށުން ނަގާ ޓެކުހަށެވެ.

 

22. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ