ޤާނޫނާއި ގަވާއިދު

×

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓްކުރެވިފައި)

2017/R-11

ނެރުނު ތާރީޚް: 23 ޖަނަވަރީ 2017
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 07 ނޮވެމްބަރު 2024
ޑައުންލޯޑް : | ދިވެހި | އިނގިރޭސި |

1. ތަޢާރަފާއި ނަން

(ހ) މިއީ ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު" އެވެ.

2. މަޤްޞަދު

މި ގަވާއިދުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ޤާނޫނުގެ ދަށުން ޓެކްހާއި ފީ ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

3. އެއަރޕޯޓް ސަރވިސް ޗާޖަށާއި، ޑިޕާޗަރ ޓެކްސްއަށާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، 8 ޑިސެންބަރު 2016 އިން ފެށިގެން އެއަރޕޯޓް ސަރވިސް ޗާޖަށާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް މީރާގައި ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މަޢުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(1-ހ) ގަވާއިދު ނަންބަރު 2017/R-11 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކޮށްފައިވާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި، ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، 1 ނޮވެންބަރު 2021 އިން ފެށިގެން ޑިޕާޗަރ ޓެކްސްއަށް ރަޖިސްޓަރީކޮށް، ކަމާބެހޭ މަޢުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފަށާ ފަހުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކުރާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ ހުއްދަ ދޫކުރި ތާރީޚުން ފެށިގެން އެއަރޕޯޓް ސަރވިސް ޗާޖަށާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް މީރާގައި ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މަޢުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(1-ށ) ގަވާއިދު ނަންބަރު 2017/R-11 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރަން ފަށާ ފަހުން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކުރާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި، ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް، އަންނަނިވި ތާރީޚުގެ ތެރެއިން ފަހުން އަންނަ ތާރީޚަކުން ފެށިގެން ޑިޕާޗަރ ޓެކްސްއަށް މީރާގައި ރަޖިސްޓަރީ ކުރުމަށްފަހު، ކަމާބެހޭ މަޢުލޫމާތު މީރާއިން އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(1) މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ހުއްދަ ދޫކުރި ތާރީޚު؛

(2) 1 ނޮވެންބަރު 2021.

(ނ) އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ ފަރާތްތައް އެއަރޕޯޓް ސަރވިސް ޗާޖަށާއި ޑިޕާޗަރ ޓެކްސްއަށާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީކުރެވޭނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަމާބެހޭ ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ނަމުގައެވެ. އަދި ކޮންމެ އެއަރޕޯޓަކާއި އެއަރލައިނެއް ރަޖިސްޓަރީކުރާނީ ވަކިންނެވެ. 

(ރ) އެއަރޕޯޓް ހިންގާ ފަރާތަކަށް އެއަރޮޑްރޯމް ސެޓިފިކެޓެއް ނުވަތަ އެއަރލައިނަކަށް ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މީރާއަށް އެ ކަން ލިޔުމުން އަންގަންވާނެއެވެ. 

(ބ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ފަރާތް ފިޔަވައި އެހެން އެއަރޕޯޓުތައް ހިންގާ ފަރާތްތައް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.

4. އޭޖެންޓުން ޢައްޔަންކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރާ ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނަކުން ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ ބަޔާން ހުށަހެޅުމުގައްޔާއި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން މީރާއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އެ އެއަރލައިން ތަމްސީލުކުރާނެ އޭޖެންޓެއް ޢައްޔަންކުރެވިދާނެއެވެ. މި ގޮތުން ޢައްޔަންކުރެވޭނީ އެ އެއަރލައިންގެ ޖެނެރަލް ސޭލްސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ޕެސެންޖަރ ސޭލްސް އޭޖެންޓް (ޕީ.އެސް.އޭ) ގެ ގޮތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެކެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޭޖެންޓެއް ޢައްޔަންކުރަން އެދޭ ފަރާތްތަކުން އެ ކަމަށް އެދި މީރާއަށް ހުށަހަޅަންވާނީ ލިޔުމުންނެވެ. އަދި އެ ހުށަހެޅުމާއެކު، އެ އެއަރލައިނުން ޢައްޔަންކުރަން އެދޭ އޭޖެންޓު އެކަން ގަބޫލުކުރި ކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެއަރލައިނަކުން އޭޖެންޓަކު ޢައްޔަންކޮށްފައި އޮތް އޮތުން ބާޠިލުކުރަން އެދޭނަމަ އެ ކަމަށް އެދި މީރާއަށް ހުށަހަޅަންވާނީ ލިޔުމުންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެއަރލައިނަކުން އޭޖެންޓެއް ޢައްޔަންކުރި ކަމުގައި ވިޔަސް، ޤާނޫނުގެ ދަށުން އެއަރލައިނުން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކުރުމަކީ އެ އެއަރލައިންގެ ޒިންމާއެކެވެ.

5. ޓިން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ އެއަރޕޯޓަކަށާއި އެއަރލައިނަކަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ.

6. ރަޖިސްޓަރީ ބާޠިލުކުރުން 

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރާ، ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ، ނުވަތަ އެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ރެޖިސްޓްރޭޝަން ބާޠިލުކުރުމަށް އެދި އެ ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) އެއަރޕޯޓް ހިންގާ ފަރާތަކަށް ދޫކޮށްފައިވާ އެއަރޮޑްރޯމް ސެޓުފިކެޓުގެ ނުވަތަ ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވެއްޖެނަމަ، ނުވަތަ އެ ސެޓުފިކެޓު ނުވަތަ ހުއްދަ ބާޠިލުކޮށްފިނަމަ، ނުވަތަ އެ ސެޓުފިކެޓު ނުވަތަ ހުއްދަ އެހެން ފަރާތަކަށް ބަދަލުކޮށްފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ، އެ ސެޓުފިކެޓު ނުވަތަ ހުއްދައިގެ މުއްދަތު ހަމަވާ ނުވަތަ ބާޠިލުކުރާ ނުވަތަ ބަދަލުކުރާ ނުވަތަ ހިފަހައްޓާ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މީރާއަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއަރޕޯޓް ސަރވިސް ޗާޖަށް ރަޖިސްޓަރީކޮށްފައިވާ އެއަރޕޯޓް ހިންގާ ފަރާތްތަކާއި އެއަރލައިންތައް، އެއަރޕޯޓް ސަރވިސް ޗާޖަށް ރަޖިސްޓަރީކޮށްފައި އޮތް އޮތުން 31 ޑިސެންބަރު 2021 ނިމުމުން ބާޠިލުވީއެވެ.

7. އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ހިސާބުކުރާނީ، އަދި ޓެކްސް ބަޔާން މީރާއަށް ހުށަހަޅާނީ، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ކޮންމެ ކަލަންޑަރު މަހަކު MIRA 530 (އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅައި، ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ބަޔާނުގައި ކަނޑައަޅައިފައިވާ އަދަދު މީރާއަށް ދައްކަންވާނެއެވެ.

(ނ) އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ ފަސިންޖަރެއް އެ މަހެއްގައި ދިވެހިރާއްޖެއިން ބޭރަށް ނުފުރިކަމުގައި ވިޔަސް، ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ރެޖިސްޓްރޭޝަން، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ބާޠިލުނުކުރާހައި ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން، އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މީރާއަށް ހުށަހަޅަންވާނެއެވެ.

8. އިންފޮމޭޝަން ޝީޓު ހުށަހެޅުން

ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭޝަން ޝީޓެއް ހުށަހަޅަންވާނެއެވެ. އެއަރޕޯޓް ހިންގާ ފަރާތެއްނަމަ، އެ މަހުގެ ތެރޭގައި އެ އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރި ހުރިހާ ފްލައިޓްތަކުގެ މަޢުލޫމާތު، އަދި އެއަރލައިނެއްނަމަ، އެ މަހުގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި އެ އެއަރލައިންގެ ފްލައިޓްތަކުގެ މަޢުލޫމާތު، މި އިންފޮމޭޝަން ޝީޓުގައި ހިމަނަންވާނެއެވެ.

9. އިންތިޤާލީ މަރުހަލާ

ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން 2016 ވަނަ އަހަރުގެ ޑިސެންބަރު މަހަށާއި 2017 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ހުށަހަޅަންޖެހޭ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި، އެ ދެ މަހަށް ދައްކަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖް ދައްކާނީ 28 ފެބުރުވަރީ 2017 ގެ ނިޔަލަށެވެ. 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ބަޔާނުގައި ހިމަނަންވާނީ 8 ޑިސެންބަރު 2016 އިން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖޭން ބޭރަށް ފުރި ފްލައިޓްތަކުގެ މަޢުލޫމާތެވެ.

10. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފެށުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން 1 މޭ 2017 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަންވާނެއެވެ.

(ށ) އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާނީ، 1 މޭ 2017 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށްޓަކައި، 1 ފެބުރުވަރީ 2017 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުންނެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 1 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާނީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ރޭޓްތަކުގައެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 1 ޑިސެންބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 1 ޑިސެންބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާނީ، ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ރޭޓްތަކުގައެވެ.

10-1. ޑިޕާޗަރ ޓެކްސް ނަގަން ފެށުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގަންވާނެއެވެ.

(ށ) ޑިޕާޗަރ ޓެކްސް ނަގާނީ، 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 1 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުންނެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 1 ޑިސެންބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 1 ޑިސެންބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގާނީ، ޤާނޫނުގެ 1-2 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ރޭޓްތަކުގައެވެ.

11. އޮންލައިންކޮށް އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުން ލާޒިމުކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭޝަން ޝީޓު މީރާއަށް ހުށަހަޅަންވާނީ، މީރާކަނެކްޓް މެދުވެރިކޮށެވެ. އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ވެސް މީރާކަނެކްޓް މެދުވެރިކޮށް، ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ކުރާ ޑައިރެކްޓް ޓްރާންސްފަރއަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ޓެކްސް ބަޔާނުގައި ސޮއިކުރަންވާނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް މީރާއަށް އަންގައިފައިވާ ފަރާތަކުންކުރެ ފަރާތެކެވެ.

12. ޓެކްސް ބަޔާން އިޞްލާޙުކުރުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިޞްލާޙުކުރެވިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިޞްލާޙުކުރެވިދާނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތެއް މި މާއްދާގެ (ހ) ގެ ދަށުން އިޞްލާޙުކޮށްފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނެއް ހުށަހަޅާނަމަ، އެ ބަޔާން އިޞްލާޙުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި ކަމާ ގުޅޭ ލިޔެކިޔުންތައް އެ ބަޔާނާއެކު ހުށަހަޅަންވާނެއެވެ.

(ނ) (އުނިކޮށްފައި).

(ރ) (އުނިކޮށްފައި).

(ބ) (އުނިކޮށްފައި).

(ޅ) (އުނިކޮށްފައި).

(ކ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިޞްލާޙުކޮށްފައިވާ ބަޔާނެއްގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ފައިސާ ދެއްކިފައިވުން ކަމަށް ވާނަމަ، އިތުރަށް ދެއްކިފައިވާ ފައިސާގެ މިންވަރު މީރާއިން އެ ފަރާތަށް ރީފަންޑް ކުރުމުގައި ޢަމަލުކުރާނީ ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

12-1. ދަތުރުކުރާ ކްލާސްތައް

(ހ) ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ފަސިންޖަރު ދަތުރުކުރާ ކްލާސް ކަނޑައަޅަންވާނީ، ފެއަރ އެޕްރޫވަލްގެ ބޭނުމަށް އެ އެއަރލައިނުން އިންޓަނޭޝަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (IATA) އަށް ހުށަހަޅާ ހުށަހެޅުމުގައި ދަތުރުކުރާ ކްލާސް ކަނޑައަޅައިފައިވާ ގޮތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޗާޓަރު ފްލައިޓެއްގައި ދަތުރުކުރާ ފަސިންޖަރު ދަތުރުކުރާ ކްލާސް ކަނޑައަޅަންވާނީ، ޗާޓަރުކުރާ ފަރާތުން، އެއަރޕޯޓު ހިންގާ ފަރާތަށް އެ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ލިޔެކިޔުންތަކަށް ބިނާކޮށެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރާ ފަސިންޖަރު ދަތުރުކުރާ ކްލާހަކީ "ޕްރައިވެޓް ޖެޓް" އެވެ.

(ރ) ޕްރައިވެޓް ޖެޓެއް އޮޕަރޭޓުކުރުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކުރާ ހުއްދައިގެ ދަށުން ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކޮންމެ  މަތިންދާބޯޓެއް ވެސް، މި މާއްދާގެ (ނ) ގެ ބޭނުމަށް ބަލަންވާނީ ޕްރައިވެޓް ޖެޓެއްގެ ގޮތުގައެވެ. އަދި  އެ މަތިންދާބޯޓުގެ ބާވަތާއި އެ މަތިންދާބޯޓުގައި ހުރި ކެބިންތަކުގެ ބާވަތަށް ބެލުމެއްނެތި މި އަކުރަށް ޢަމަލުކުރަންވާނެއެވެ.

12-2. ދަތުރުކުރާ ކްލާސް އަޕްގްރޭޑްކުރުން

(ހ) ދަތުރުކުރާ ކްލާސް، މަތީ ކްލާހަކަށް އަޕްގްރޭޑްކުރާ ހާލަތުގައި، އެ އަޕްގްރޭޑާ ގުޅިގެން ފަސިންޖަރުގެ ޓިކެޓް ރީއިޝޫ ނުކުރި ނަމަވެސް، އެ އަޕްގްރޭޑް ކުރެވުނު ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެ ފަސިންޖަރުގެ އަތުން ނަގަންވާނެއެވެ.

(ށ) އެއްވެސް މުޤާބިލެއް ދައްކަންނުޖެހި އަދި ޗެކިންކުރާ ވަގުތު ދަތުރުކުރާ ކްލާސް އަޕްގްރޭޑް ކޮށްފިނަމަ، މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ. މި އަކުރުގެ ބޭނުމަށް "މުޤާބިލު" ގެ މާނައިގެ ތެރޭގައި ލޯޔަލްޓީ ސްކީމެއްގެ ދަށުން ލިބިފައިވާ ޕޮއިންޓް ރިޑީމްކުރުން ހިމެނޭނެއެވެ.

12-3. ދަތުރުކުރާ ކްލާސް ޑައުންގްރޭޑްކުރުން

(ހ) ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުގައި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކައިފައިވާ ފަސިންޖަރެއްގެ ދަތުރުކުރާ ކްލާސް، ފަސިންޖަރުގެ އެދުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ދަށްކޮށްފިނަމަ، ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެ ފަސިންޖަރު ދައްކަން ޖެހޭނީ އެ ދަށްކުރެވުނު ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި، ފަސިންޖަރުގެ އަތުން ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ނަގައިފައި ވާ ނަމަ،އިތުރަށް ނަގައިފައިވާ ޓެކުހުގެ އަދަދާ ގުޅޭގޮތުން ޢަމަލުކުރާނީ ޤާނޫނުގެ 1-8 ވަނަ މާއްދާގައި ވާ ގޮތުގެ މަތީންނެވެ.

(ނ) (އުނިކޮށްފައި)

13. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.

(ށ) ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، "ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) ގައި ބަޔާންކޮށްފައިވާ އިމްތިޔާޒުތަކާއި ހިމާޔަތްތައް ހައްގުވާ، ބޭރުގެ ޑިޕްލޮމެޓިކް މިޝަންއެއްގެ މެންބަރުންގެ ގޮތުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ބިދޭސީންނަށާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން "ޑިޕްލޮމެޓިކް ކްލިއަރެންސް" ދޭ ފްލައިޓްތަކުން ރާއްޖޭން ބޭރަށް ފުރާ އެންމެހައި ފަސިންޖަރުންނަށެވެ.

14. ޓްރާންސިޓް ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުން

"ޑައިރެކްޓް ޓްރާންސިޓް" ނުވަތަ ދިވެހިރާއްޖޭގެ އެއަރޕޯޓެއްގައި ޓްރާންސިޓް ކުރާ ފްލައިޓެއް ދިވެހިރާއްޖޭން ބޭރަށް ފުރާއިރު އެ ފްލައިޓް ދިވެހިރާއްޖެއަށް އައި ދަތުރުގައި ބޭނުންކުރި ފްލައިޓް ނަންބަރު ބަދަލުނުވެ ފުރައިގެންދާ ފްލައިޓްތަކުގައި ތިބޭ ޓްރާންސިޓް ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.

15. 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން

(ހ) ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ކުއްޖާ ދިވެހިރާއްޖެއިން ބޭރަށް ފުރާ ދުވަހާ ހަމައަށް، އެ ކުއްޖާއަށް 2 (ދޭއް) އަހަރު ފުރިފައިވާނަމައެވެ.

(ށ) ދިވެހިރާއްޖޭން ބޭރުގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ޓިކެޓް އޮރިޖިނޭޓްވި އެއަރޕޯޓުން އެ ކުއްޖާ ފުރި ދުވަހާ ހަމައަށް، އެ ކުއްޖާއަށް 2 (ދޭއް) އަހަރު ފުރިފައިވާނަމައެވެ.

16. "ޑުއަލް ނެޝަނަލިޓީ" އޮންނަ ދިވެހި ރައްޔިތުން

"ޑުއަލް ނެޝަނަލިޓީ" އޮންނަ ދިވެހި ރައްޔިތުންގެ އަތުން ނަގަންޖެހޭ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ކަނޑައަޅާނީ، އޭނާ ރާއްޖެއިން ބޭރަށް ފުރާއިރު ޗެކިން ކުރުމަށް ބޭނުންކުރާ ޕާސްޕޯޓަށް ބިނާކޮށެވެ.

17. އަމިއްލަ ބާރު ނުފޯރާ ހާލަތެއް މެދުވެރިވެގެން ޖައްސާ ފްލައިޓްތައް

"Force majeure" ނުވަތަ އަމިއްލަ ބާރު ނުފޯރާ ހާލަތެއް މެދުވެރިވެގެން (މިސާލަކަށް، ޓެކްނިކަލް މައްސަލައެއް ބޯޓަށް ދިމާވެގެން ނުވަތަ އާދަޔާޚިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން) ދިވެހިރާއްޖޭގެ އެއަރޕޯޓަކަށް ޖައްސާ ފްލައިޓެއްގައި ތިބޭ ފަސިންޖަރުން ރާއްޖެއިން ބޭރަށް ފުރާއިރު އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާކަށް ނުޖެހޭނެއެވެ.

18. ޤާނޫނާ ޚިލާފަށް ނަގާ ޓެކުހާއި ފީ ރީފަންޑްކުރުން

(ހ) ޤާނޫނުގެ 1-8 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ މި ގަވާއިދުގެ 12-3 ވަނަ މާއްދާގެ (ށ) ގެ ދަށުން މީރާއަށް ދައްކައިފައިވާ އަދަދެއް،  ފަސިންޖަރަށް އަނބުރާ ދީފައި ވާ ނަމަ، ފަސިންޖަރަށް އެ ފައިސާ އަނބުރާ ދީފައިވާ މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނުގައި، އެ އަދަދު އަނބުރައި ހޯދުމަށް ހިމެނިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނުގައި ހިމަނާ އަދަދަކާ ގުޅިގެން އުފެދޭ ކްރެޑިޓް، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަނބުރާ ދިނުމުގައި ޢަމަލުކުރާނީ، ގަވާއިދު ނަންބަރު  2013/R-45  (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.  

19. މީރާއަށް މަޢުލޫމާތު ފޯރުކޮށްދިނުން

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ޝެޑިއުލްޑް އެއަރލައިންތަކުގެ ފްލައިޓްތަކާ ބެހޭ މަޢުލޫމާތު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި، އެ އެއަރޕޯޓް ހިންގާ ފަރާތުން ކޮންމެ މަހަކު މީރާއަށް ހުށަހަޅަންވާނެއެވެ. 

20. ރިކޯޑު ބެލެހެއްޓުން

ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ޞައްޙަ އަދަދެއްކަން ސާބިތުކޮށްދެވޭނެ އެންމެހައި ލިޔެކިޔުންތައް (ދަތުރުކުރާ ކްލާސް އަޕްގްރޭޑް ކުރުމާއި، ޑައުންގްރޭޑް ކުރުމާ ގުޅޭ ލިޔެކިޔުންތައް ވެސް ހިމެނޭގޮތުން)، އެ ފަރާތްތަކުން ބަލަހައްޓަންވާނެއެވެ. 

21. ޖޫރިމަނާ

އެއަރޕޯޓް ސަރވިސް ޗާޖަށާއި، ޑިޕާޗަރ ޓެކްސްއަށާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ރަޖިސްޓަރީ ނުކޮށްފި ނަމަ، ނުވަތަ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން އެ ބަޔާން ހުށަނާޅައިފިނަމަ، ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކަންޖެހޭ ތާރީޚަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައިވާ ގޮތުގެ މަތީން އެ ފަރާތެއް ޖޫރިމަނާ ވާނެއެވެ.

22. އެހެން ޤާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔާނީ، ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި އެ ޤާނޫނުތަކުން ބާރު ލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައި ނުވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ޤާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ. 

23. ގަވާއިދަށް ޢަމަލުކުރަން ފެށުން 

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

24. މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:

(ހ) "ޤާނޫނު" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށެވެ.

(ށ) "ޤާނޫނު" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 29/2016 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށެވެ.

(ނ) "އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ނެގޭ ފީއަށެވެ.

(ރ) "އެއަރޕޯޓް ސަރވިސް ޗާޖް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން ނެގޭ ޓެކުހަށެވެ. 

(ރ-1) "ޑިޕާޗަރ ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނުގެ 1-2 ވަނަ މާއްދާގެ ދަށުން ނަގާ ޓެކުހަށެވެ.

(ބ) "މީރާ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ޅ) "މީރާކަނެކްޓް" ކަމަށް ބުނެފައި އެވަނީ، އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ބޭނުންކުރާ، މީރާގެ އޮންލައިން ޕްލެޓްފޯމަށެވެ.

(ކ) "ރަޖިސްޓަރީކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރަންޖެހޭ އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތަކަށެވެ. 

 

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ