މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ ގަވާއިދުގެ 46 ވަނަ މާއްދާ އިޞްލާޙުކުރުމެވެ.
ރޫލިންގ
2. ގަވާއިދުގެ 46 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން، އެ ފަރާތެއްގެ ޓެކްސް ނެގޭ ހަރަކާތަކަށް ނިސްބަތްވާ ކެޕިޓަލް ޚަރަދާ ގުޅޭ އިންޕުޓް ޓެކްސް އުނިކުރެވޭނީ، އަންނަނިވި ގޮތުގެ މަތިން، އެ ޓެކްސް ނެގޭ ހަރަކާތުގެ އައުޓްޕުޓް ޓެކުހުންނެވެ.
(1) އެއް ކަމަކަށް ކުރާ ކެޕިޓަލް ޚަރަދު ނުވަތަ އެއް ބާވަތެއްގެ އެއްޗެހިތަކެއް ހޯދުމަށް އެއްފަހަރާ ކުރާ ކެޕިޓަލް ޚަރަދުގެ ޖުމުލަ 500,000/- (ފަސް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަނަމަ، އައުޓްޕުޓް ޓެކުހުން އެ ޚަރަދަކާ ގުޅޭ އިންޕުޓް ޓެކްސް އެއްފަހަރާ އުނިކުރެވިދާނެއެވެ. މި ގޮތުން، އެއްފަހަރާ އުނިކުރެވޭނީ އެ ކެޕިޓަލް ޚަރަދުކުރި ޓެކްސް ނެގޭ މުއްދަތު ނިމުނު ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައެވެ.
(2) އެއް ކަމަކަށް ކުރާ ކެޕިޓަލް ޚަރަދު ނުވަތަ އެއް ބާވަތެއްގެ އެއްޗެހިތަކެއް ހޯދުމަށް އެއްފަހަރާ ކުރާ ކެޕިޓަލް ޚަރަދުގެ ޖުމުލަ 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ ބޮޑުނަމަ، އެ ޚަރަދުކުރި ޓެކްސް ނެގޭ މުއްދަތުން ފެށިގެން ކުރިއަށް އޮތް 36 (ތިރީސް ހައެއް) މަސްދުވަހަށް އެއްވަރަކަށް ބަހާލައިގެން، އައުޓްޕުޓް ޓެކުހުން އެ ޚަރަދަކާ ގުޅޭ އިންޕުޓް ޓެކްސް އުނިކުރެވިދާނެއެވެ.
(3) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ރައްދުވާ ޙާލަތުގައި، އެއްވެސް ސަބަބަކާހުރެ 12 (ބާރަ) މަސްދުވަސް ނިމޭއިރު އުނި ނުކުރެވި ހުރި ކެޕިޓަލް ޚަރަދާ ގުޅޭ އިންޕުޓް ޓެކްސް އަދި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ރައްދުވާ ޙާލަތުގައި، އެއްވެސް ސަބަބަކާހުރެ 36 (ތިރީސް ހައެއް) މަސްދުވަސް ނިމޭއިރު އުނި ނުކުރެވި ހުރި ކެޕިޓަލް ޚަރަދާ ގުޅޭ އިންޕުޓް ޓެކްސް، އެއްވެސް ޓެކްސް ނެގޭ މުއްދަތެއްގައި އުނި ނުކުރެވޭނެއެވެ.
(4) އެ ޚަރަދުކުރި ޓެކްސް ނެގޭ މުއްދަތުގެ ނިޔަލަށް، އެ ހަރަކާތަށް، އެއްވެސް ޓެކްސް ނެގޭ މުއްދަތެއްގައި އައުޓްޕުޓް ޓެކުހެއް ލިބިފައިނުވާނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ޢަމަލުކުރުމުގައި، 36 (ތިރީސް ހައެއް) މަސް ގުނަން ފަށާނީ ފުރަތަމަ ފަހަރަށް އެ ހަރަކާތަށް އައުޓްޕުޓް ޓެކުހެއް ލިބޭ ޓެކްސް ނެގޭ މުއްދަތު ނިމޭ މަހަކީ ފުރަތަމަ މަސް ކަމުގައި ބަލައިގެންނެވެ.
(5) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ޢަމަލުކުރުމުގައި، ޓެކްސް ނެގޭ މުއްދަތެއްގައި ކެޕިޓަލް ޚަރަދުތަކާ ގުޅިގެން އުނިކުރެވޭ އިންޕުޓް ޓެކުހުގެ އަދަދު، އެ ހަރަކާތެއްގެ އެ މުއްދަތުގެ އައުޓްޕުޓް ޓެކުހުން އެ މުއްދަތުގައި އުނިކުރެވެންހުރި ރެވެނިއު ޚަރަދުތަކާ ގުޅޭ އިންޕުޓް ޓެކްސްގެ ޖުމުލަ އަދަދާއި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އުނިކުރެވެންހުރި ކެޕިޓަލް ޚަރަދާ ގުޅޭ އިންޕުޓް ޓެކްސްގެ ޖުމުލަ އަދަދު އުނިކުރުމުން އަންނަ އަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ. އެފަދައިން އިތުރުވާ ޙާލަތުގައި، އެ އިތުރުވި ބައި އުނިކުރެވޭނީ މި މާއްދާގައިވާ ގޮތުގެ މަތިން، ޖެހިގެން އަންނަ ޓެކްސް ނެގޭ މުއްދަތުތަކުގައެވެ.
(ށ) ކެޕިޓަލް ޚަރަދަކާ ގުޅޭ އިންޕުޓް ޓެކްސް އުނިކުރެވޭނީ އެ ޓެކްސް ނެގޭ ހަރަކާތަކުން އައުޓްޕުޓް ޓެކުހެއް ލިބުމުންނެވެ. މި ގޮތުން އައުޓްޕުޓް ޓެކްސް ލިބުނުކަމަށް ބަލާނީ، އެ ޚަރަދު ކުރެވުނު ޓެކްސް ނެގޭ ހަރަކާތުގެ މައިގަނޑު ވިޔަފާރިން އައުޓްޕުޓް ޓެކުހެއް ލިބުމުންނެވެ.
(ނ) ކެޕިޓަލް ޚަރަދުކުރި ޓެކްސް ނެގޭ މުއްދަތުގެ ޓެކްސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި، ކެޕިޓަލް ޚަރަދުގެ މަޢުލޫމާތު މީރާއަށް ހުށަހަޅަންވާނެއެވެ. މި ގޮތަށް މައުލޫމާތު ހުށަހަޅާފައިނުވާ ކެޕިޓަލް ޚަރަދަކާ ގުޅޭ އިންޕުޓް ޓެކްސް އެއްވެސް ޓެކްސް ނެގޭ މުއްދަތެއްގައި އުނި ނުކުރެވޭނެއެވެ.
(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ކެޕިޓަލް ޚަރަދެއް ކުރަނީ ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާވާ މުދަލާއި ޚިދުމަތް ފޯރުވައިދިނުމަށާއި، ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ފޯރުވައިދިނުމަށާއި، މި ދެ ބޭނުމަށް ކަމުގައިވާނަމަ، އެ ކެޕިޓަލް ޚަރަދާ ގުޅޭ އިންޕުޓް ޓެކުހުގެ ތެރެއިން ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާވާ މުދަލާއި ޚިދުމަތް ފޯރުވައި ދިނުމަށް ނިސްބަތްވާނެކަމަށް ޢަދުލުވެރިގޮތަކަށް ލަފާކުރެވޭ އަދަދު، އެ ފަރާތުގެ އައުޓްޕުޓް ޓެކުހުން އުނި ނުކުރެވޭނެއެވެ. އެހެންނަމަވެސް، އެ ޚަރަދުގެ ތެރެއިން ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ފޯރުވައި ދިނުމަށް ނިސްބަތްވާނެ ކަމަށް ޢަދުލުވެރިގޮތަކަށް ލަފާކުރެވޭ އަދަދު، މި މާއްދާގައިވާ ގޮތުގެމަތިން އެ ފަރާތުގެ އައުޓްޕުޓް ޓެކުހުން އުނިކުރެވިދާނެއެވެ.
(ބ) ޓެކްސް ރޫލިންގ TR-2017/G45 މެދުވެރިކޮށް މި މާއްދާއަށް ގެނެވުނު އިޞްލާޙުތަކަށް ޢަމަލުކުރާނީ 1 ޖަނަވަރީ 2018 އިން ފެށިގެންނެވެ. އެ ތާރީޚުގެ ކުރިން، އެ ވަގުތު މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ކެޕިޓަލް ޚަރަދާގުޅޭ އިންޕުޓް ޓެކްސް އުނިކުރުމުގައި ޢަމަލުކޮށްފައިވާ ނުވަތަ ޢަމަލުކުރަން ފަށާފައިވާ ފަރާތްތަކަށް، އެ ކެޕިޓަލް ޚަރަދާގުޅޭ އިންޕުޓް ޓެކްސް އުނިކުރުމުގައި މި އިސްލާޙުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ޢަމަލުކުރެވިދާނެއެވެ.
ޢަމަލުކުރަން ފެށުން
3. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.