މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ ގަވާއިދުގެ 11 ވަނަ މާއްދާ އިޞްލާޙުކުރުމެވެ.
ރޫލިންގ
2. ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
ރަޖިސްޓަރީކުރުމާބެހޭ ތްރެޝޯލްޑް ބަލާނެ ގޮތް
(ހ) ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓޫރިޒަމް ދާއިރާގައި ޓެކްސް ނެގޭ ޙަރަކާތެއް ހިންގާ ފަރާތަކުން، ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓޫރިޒަމް ދާއިރާނޫން އެހެން ދާއިރާތަކުގައި ޓެކްސް ނެގޭ ޙަރަކާތެއް ހިންގާ ނަމަ، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރުމަށް ލާޒިމުވާ ކަމަށް ޤާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 1,000,000/- (އެއް މިލިއަން) ރުފިޔާގެ ތްރެޝޯލްޑް، އެ ފަރާތަކަށް ރައްދެއްނުވާނެއެވެ. އެބަހީ، އެފަދަ ފަރާތެއްގެ ޓެކްސް ނެގޭ އާމްދަނީ1,000,000/- (އެއް މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވިޔަސް، އެ ޙަރަކާތެއް ނިސްބަތްވާ ދާއިރާއެއްގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 21 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފަށާ ތާރީޚުގައި، ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް މި މާއްދާގެ (ހ) ރައްދުވާނަމަ، އެ ފަރާތަކުން 1 އޮކްޓޫބަރު 2017 ގެ ކުރިން މި މާއްދާގެ (ހ) ގައިވާ އިލްތިޒާމުތައް ފުރިހަމަ ކުރަންވާނެއެވެ.
ޢަމަލުކުރަން ފެށުން
3. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.