ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
4.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި ތަންތަނާއި ސަރަޙައްދުތައް، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރެވޭ ތަންތަނާއި ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ، އަންނަނިވި ފަރާތްތަކުންނެވެ.
(1) މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރެވޭ ބިން ކަނޑައަޅާނީ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ.
(2) މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރެވޭ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
2. ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
4.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ސަރަޙައްދުތަކުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓަލެވެ.
3. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
5.
(ހ) (3) ދައުލަތުގެ ޢާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ޙަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި، މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން.
4. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
5.
(މ) (1) ދައުލަތުގެ ޢާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ޙަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކަށް، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދޫކުރަންވާނީ، މި އަކުރުގެ (2) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
5. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
5.
(މ) (2) މި މާއްދާގެ ބޭނުމަށްޓަކައި "ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ޢާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫޢެއް ޙަވާލުކުރެވޭ ފަރާތަކުން ދުރާލާ ކަނޑައަޅާފައިވާ ޢަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، ނުވަތަ އެފަދައިން ހިންގާ މަޝްރޫޢަކަށް ޚަރަދުކުރާ ފަރާތަކުން ދުރާލާ ކަނޑައަޅާފައިވާ ޢަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ ޚަރަދުކުރާކަމަށްޓަކައި، އެ މަޝްރޫޢުގެ އަގުގެ މުޤާބިލުގައި ދައުލަތުން އެފަރާތަށް ދޭ ޢިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.
6. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (8) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
5.
(މ) (8) މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވެނީ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަޝްރޫޢު ޙަވާލުކުރެވޭ ފަރާތުން ނުވަތަ އެ މަޝްރޫޢަށް ޚަރަދުކުރާ ފަރާތުން އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން ކުރާކަމަށްޓަކައި، އެ ފައިސާގެ މުޤާބިލުގައި އެފަރާތަށް ދޭ ޢިނާޔަތެއް ނުވަތަ ލުޔެއް ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރެވޭ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއްގެ ގޮތުގައި ކަމަށްވާތީ، އެ ރަށަށް ނުވަތަ ބިމަށް ނުވަތަ ފަޅަށް ދައްކަންޖެހޭ ކުލި އަދި އެކުއިޒިޝަން ކޮސްޓް، އެފަރާތުން ކުރާ އިންވެސްޓްމަންޓާ އަޅައިކަނޑައިދެވޭނެއެވެ.
7. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
9.
(ހ) މި ޤާނޫނުގެ 10 ވަނަ މާއްދާގައާއި މި މާއްދާގެ (ކ) ގައި ބުނެފައިވާ ޙާލަތްތައް ފިޔަވައި، މި ޤާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިމާއި ފަޅުފަޅު ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތާ ރަށް ނުވަތަ ބިން ނުވަތަ ފަޅު ޙަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން މީލާދީ 50 (ފަންސާސް) އަހަރުދުވަހަށެވެ.
(ށ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ ނުވަތަ ފަޅެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ހިފާފައިވާ ފަރާތުން އެދިއްޖެނަމަ، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް އެފަރާތަށް ކުއްޔަށް ދޫކުރި ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދީފައިވާ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ތިރީގައި ބުނެފައިވާ ގޮތަށް ފީއެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.
(1) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 (އެއް ލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެއެވެ.
(2) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200,000 (ދެ ލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެއެވެ.
8. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
9.
(ކ) ޓޫރިސްޓް ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުފަޅުގެ ތެރެއިން މި މާއްދާގެ ދަށުން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުފަޅު ކުއްޔަށް ހިފާފައިވާ ފަރާތަކީ ތިރީގައި ބުނެފައިވާ ޝަރުޠުތައް ހަމަވާ ފަރާތެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދީފައިވާ މުއްދަތު، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް، އަދި ގިނަވެގެން 49 (ސާޅީސް ނުވައެއް) އަހަރުދުވަހުގެ މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.
(1) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ، އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން؛ މީގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާ ނުހިމެނެއެވެ. އަދި،
(2) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 20 (ވިހި) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 2,500,000 (ދެ މިލިއަން ފަސް ލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ
(3) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 25 (ފަންސަވީސް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 3,000,000 (ތިން މިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ
(4) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5,000,000 (ފަސް މިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ
(5) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އަންނަނިވި ގޮތުގެމަތިން މުއްދަތު އިތުރުކުރުމުގެ ފީ ދައްކާފައިވުން؛ ނުވަތަ
i. ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި 1,500,000 (އެއް މިލިއަން ފަސް ލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމާއެކު، މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން، 4,000,000 (ހަތަރު މިލިއަން) އެމެރިކާ ޑޮލަރު ދައްކާފައިވުން؛ ނުވަތަ
ii. ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި 1,500,000 (އެއް މިލިއަން ފަސް ލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމާއެކު، މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިންސްޓޯލްމަންޓްތަކަކަށް، ބަހާލައިގެން، 4,500,000 (ހަތަރު މިލިއަން ފަސް ލައްކަ) އެމެރިކާ ޑޮލަރު ދައްކާފައިވުން.
(6) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ފާއިތުވުމަށްފަހުގައި، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 10,000,000 (ދިހަ މިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން.
9. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.
9.
(އ) މި މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރުގެ ދަށުން މުއްދަތު އިތުރުކޮށްދެވޭނީ، މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، އެ ނަންބަރުގައި ބަޔާންކުރާ މުއްދަތުތަކުގައި ދައްކައި ޚަލާޞްކުރުމުންނެވެ.
(ވ) މި މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ފައިސާ، އެ ނަންބަރުގައި ކަނޑައަޅާފައިވާ މުއްދަތުތަކުގައި ދައްކައި ޚަލާޞްކޮށްފައިނުވާނަމަ، މުއްދަތު އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުން ބާޠިލުވާނެއެވެ. އަދި އެ ޙާލަތުގައި، މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ފަރާތުން ދައްކާފައިވާ ފައިސާ އެފަރާތްތަކަށް އަނބުރާ ދޭކަށް ނުޖެހޭނެއެވެ.
(މ) މި މާއްދާގެ (ވ) އެހެން އޮތްނަމަވެސް، މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ދައްކާފައިވާ ފައިސާ، އެ ފައިސާ ދައްކާފައިވާ ފަރާތުން ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން އަޅައިކެނޑިދާނެއެވެ.
10. ބުނެވިދިޔަ ޤާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.
45-1. ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ތަންތައް ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުން
(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއްގެ ނުވަތަ ބިމެއްގެ ފެންވަރު މަތިކުރުމަށްޓަކައި ނުވަތަ އެނޫންވެސް އެފަދަ ބޭނުމަކަށް، އެ ރަށެއް ނުވަތަ އެ ބިމެއް ބަންދުކުރެވޭނީ މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ މިނިސްޓްރީގެ ހުއްދައާއެކު، އެ މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތަކަށެވެ. އަދި އެފަދައިން ކަނޑައަޅާ ކަނޑައެޅުމަށް ޢަމަލުކުރެވޭނީ، މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ރަށުގެ ނުވަތަ ބިމުގެ ކުލީގެ އެގްރީމެންޓް އިޞްލާޙުކުރުމަށްފަހުއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަށުގެ ނުވަތަ ބިމުގެ ކުލީގެ އެގްރީމެންޓަށް ގެނެވޭ އިޞްލާޙުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރީ-ޑިވެލޮޕްމަންޓްގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ޚިދުމަތްދޭން ފަށާފައި ނުވާނަމަ، މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެފަރާތަކާމެދު ފިޔަވަޅު އަޅައި، ކުލީގެ އެގްރީމެންޓް ބާޠިލުކުރުމުގެ އިޚްތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެފަދައިން ރަށުގެ ނުވަތަ ބިމުގެ ކުލީގެ އެގްރީމެންޓް ބާޠިލުކުރާ ޙާލަތެއްގައި، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ ޚިދުމަތް ދިނުން ހުއްޓާލައި، ތަން ބަންދުކޮށްފައިވާނަމަ، އެތަނެއްގެ ކުލީގެ އެގްރީމެންޓް ބާޠިލުކުރުމުގެ އިޚްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
45-2. ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގެ ކޮމްޕްލަޔަންސް ކޯޑު އެކުލަވާލައި އެއަށް ޢަމަލުކުރުން
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގައި، އެތަނެއްގެ އެކި ދާއިރާތަކުގެ ސޭފްޓީ އަދި އޮޕަރޭޓިންގ ސްޓޭންޑަރޑްސް ކަނޑައަޅާ ކޮމްޕަލަޔަންސް ކޯޑެއް އެކުލަވާލަންވާނެއެވެ.
45-3. ޓޫރިސްޓް ޚިދުމަތްދޭ ތަންތަން އިޝްތިހާރުކުރުން
(ހ) ޓޫރިސްޓް ޚިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ޚިދުމަތްތައް އިޝްތިހާރުކުރަންވާނީ، އެތަނަކީ ނުވަތަ ޚިދުމަތަކީ މި ޤާނޫނުގައި ބަޔާންކުރާ ޓޫރިސްޓް ޚިދުމަތްދޭ ތަނެއް ނުވަތަ ޚިދުމަތެއް ކަމުގައިވެފައި، އެފަދަ ތަންތަނާއި ޚިދުމަތްތައް މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށް ހިންގުމުގެ ހުއްދަ ހޯދުމަށްފަހުއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކުއްޔަށް ދޫކޮށް، ތަރައްޤީކުރެވެމުން އަންނަ ތަންތަނުގެ ތެރެއިން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަންތަނާއި، އެނޫންވެސް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އިތުރު ތަންތަން، އިޝްތިހާރުކުރުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން، އެތަންތަނާއި އެތަންތަނުން ދޭ ޚިދުމަތްތައް އިޝްތިހާރުކުރުމުގައި، އަންނަނިވި މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
(1) ޓޫރިސްޓް ޚިދުމަތްދޭ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީގައި ނުވަތަ ހިންގުމުގެ ހުއްދައިގައި ބަޔާންކުރާ ބާވަތުގެ ތަނެއްގެ ގޮތުގައި މެނުވީ އިޝްތިހާރުނުކުރުން؛
(2) ޓޫރިސްޓް ޚިދުމަތްދޭ ތަނަކީ ވަކި ދަރަޖައެއްގެ ނުވަތަ ގިންތިއެއްގެ ތަނެއްގެ ގޮތުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައި، އެގޮތުގެމަތިން ހިންގުމުގެ ހުއްދަ ދޫކޮށްފައިވާ ތަނެއް ކަމުގައިވާނަމަ، އެނޫން ދަރަޖައެއްގެ ނުވަތަ ގިންތިއެއްގެ ތަނެއްގެ ގޮތުގައި އިޝްތިހާރުނުކުރުން؛
(3) ޓޫރިސްޓް ޚިދުމަތްދޭ ތަނާއި، އެތަނުން ލިބޭ ޚިދުމަތްތަކާ ގުޅޭގޮތުން ދެވޭ މަޢުލޫމާތަކީ ފުރިހަމަ އަދި ތެދު މަޢުލޫމާތު ކަމުގައިވުން؛
(4) ޓޫރިސްޓް ޚިދުމަތްދޭ ތަނެއްގެ ވަށައިގެންވާ ޤުދުރަތީ މާޙައުލާ ގުޅޭގޮތުން ނުވަތަ އެނޫންވެސް ދިވެހިރާއްޖޭގެ ޤުދުރަތީ ސަރަޙައްދަކާ ގުޅޭގޮތުން ދެވޭ މަޢުލޫމާތަކީ ފުރިހަމަ އަދި ތެދު މަޢުލޫމާތު ކަމުގައިވުން؛
(5) ޓޫރިސްޓް ޚިދުމަތްދޭ ތަނުގެ ވަށައިގެންވާ ސަރަޙައްދާއި، އެ ސަރަޙައްދުން ލިބެންހުރި ޚިދުމަތްތަކާ ގުޅޭގޮތުން ދެވޭ މަޢުލޫމާތަކީ ފުރިހަމަ އަދި ތެދު މަޢުލޫމާތު ކަމުގައިވުން.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނާއި އެތަންތަނުން ދޭ ޚިދުމަތްތައް އިޝްތިހާރުކުރުމުގައި ހިފަހައްޓަންޖެހޭ ތަފްޞީލީ މިންގަނޑުތަކާއި އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ބަޔާންކުރަންވާނެއެވެ.
45-4. ޓޫރިޒަމް ޓްރަސްޓް ފަންޑު
(ހ) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނުގެ 5-45 ވަނަ މާއްދާގައި ބަޔާންކުރާ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި، "ޓޫރިޒަމް ޓްރަސްޓް ފަންޑު" ގެ ނަމުގައި، ފަންޑެއް އުފެދުނީއެވެ.
(ށ) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ޤާއިމުކޮށް ހިންގަމުން އައި "ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑު" އުވި، އެ ފަންޑުގައިވާ ފައިސާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަންޑަށް ބަދަލުވީއެވެ.
45-5. ފަންޑުގެ މަޤްޞަދުތައް
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މަޤްޞަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން، ފަސޭހަކަމާއެކު ދިވެހިރާއްޖޭގެ ޓޫރިޒަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ، އެފަދައިން ލިބޭ އެހީ އަމާނާތްތެރިކަމާއެކު ބެލެހެއްޓުން؛
(ށ) ޓޫރިޒަމާއި ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށާއި، ޓޫރިޒަމް ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން؛
(ނ) ޓޫރިޒަމްގެ ވަސީލަތްތައް ތަރައްޤީކުރުމަށް އިންވެސްޓްކުރުން؛
(ރ) ފަންޑަށް ޖަމާކުރެވޭ ފައިސާއިން ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން.
45-6. ފަންޑަށް ޖަމާކުރެވޭ ފައިސާ
މި ޤާނޫނުގެ 4-45 ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވޭ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު އެކުލެވިގެންވަނީ އަންނަނިވި މާލީ މަންފާތަކުގެ މައްޗަށެވެ.
(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީން ހިންގާ ޓޫރިޒަމް ޙަރަކާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން ލިބޭ ސްޕޮންސަރޝިޕް ފައިސާއާއި އެނޫންވެސް ފައިސާ؛
(ށ) ޓޫރިޒަމް ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި ފަންޑަށް ދައްކާ ފައިސާ؛
(ނ) ފަންޑުން ޤާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ؛ އަދި
(ރ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ފައިސާ.
45-7. ފަންޑު ހިންގުން
(ހ) މި ޤާނޫނުގެ 4-45 ވަނަ މާއްދާގައި ބަޔާންކުރާ ފަންޑު ހިންގާނީ، ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް، އަދި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީ ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީ އެކުލެވިގެންވާ ގޮތާއި، އެ ކޮމިޓީގެ ހިންގުމުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގަންވާނީ، މި ޤާނޫނާއި ކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި، ފަންޑު ހިންގަންވާނީ ސަރުކާރުގެ އެހެނިހެން ފަންޑުތަކާ ވަކިންނެވެ.
(ބ) ފަންޑުގެ އިދާރީ އެންމެހައި ކަންކަން ބަލަހައްޓާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.
45-8. ފަންޑުގެ ފައިސާ ބޭނުންކުރުން
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ފައިސާ ޚަރަދުކުރެވޭނީ، ފަންޑުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން އެކުލަވާލެވޭ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަންނަނިވި ކަންކަމަށެވެ.
(ހ) ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށް ހިންގޭ ޙަރަކާތްތަކަށް؛
(ށ) ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށްޓަކައި އިންވެސްޓްކުރުމަށް؛
(ނ) ޓޫރިޒަމް ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް؛
(ރ) ޢާންމު އިޖްތިމާޢީ ފައިދާ ލިބިދެނިވި ޙަރަކާތްތައް ހިންގުމަށް؛
(ބ) ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން ކަނޑައަޅައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަން.
45-9. ފަންޑުގެ ފައިސާ އިންވެސްޓްކުރުން
(ހ) ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމުގެ މަޤްޞަދުގައި، ފަންޑުގައިވާ ފައިސާ އިންވެސްޓްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަޤްޞަދަށް ފަންޑުގައިވާ ފައިސާ އިންވެސްޓްކުރާނެ މިންވަރާއި އިންވެސްޓްކުރާނެ ދާއިރާތަކާއި ކަމާގުޅޭ އުސޫލުތައް ކަނޑައަޅާނީ، ފަންޑުގެ ހިންގާ ކޮމިޓީންނެވެ.
(ނ) ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ފައިސާ އިންވެސްޓްކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ބަޔާންކުރާ، ފަންޑުގެ "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް" ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން އެކުލަވާލަންވާނެއެވެ.
45-10. ފަންޑު އޮޑިޓްކުރުމާއި ފަންޑު ހިންގި ގޮތުގެ ރިޕޯޓުކުރުން
(ހ) ކޮންމެ މީލާދީ އަހަރެއް ނިމުމުން އެ އަހަރަކު ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބު ތައްޔާރުކޮށް، އެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އޮޑިޓަރ ޖެނެރަލަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓާއި މާލީ ހިސާބު އޮޑިޓަރ ޖެނެރަލަށް ހުށަހަޅާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑު، އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
11. ބުނެވިދިޔަ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
53.
(ށ) "ޓޫރިސްޓް ހޮޓާ" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ރަށެއްގެ ބައެއްގައި ތައްޔާރުކޮށްފައިވާ، އަދި ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ވަސީލަތްތަކެއް އެތަނެއްގައި ޤާއިމުކޮށްފައިވާ، ޓޫރިސްޓް ރިޒޯޓާއި ރިޒޯޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ނޫން ތަންތަނަށެވެ.
12. ބުނެވިދިޔަ ޤާނޫނުގެ 53 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
(ރ) "ޓޫރިސްޓް ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، ނިދުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ކޮޓަރިތައް ހިމެނޭގޮތަށް މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ނުވަތަ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގައި ތަރައްޤީކުރެވޭ ތަންތަނަށެވެ.
13. މި ޤާނޫނުން ބުނެވިދިޔަ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
14. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.