ޤާނޫނާއި ގަވާއިދު

×

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

9/2024

ނެރުނު ތާރީޚް: 29 އޯގަސްޓު 2024
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 29 އޯގަސްޓު 2024
ޑައުންލޯޑް: | ދިވެހި |

ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

5. (މ) (5) މި އަކުރުގެ (4) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ރަށް ޙަވާލުކުރެވޭ ފަރާތާ މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ޙަވާލުކޮށްފައިވާ މަޝްރޫޢު ފުރިހަމަކޮށް ނިމިފައިވާ ޙާލަތުގައި، ނުވަތަ އެފަރާތުން މަޝްރޫޢަށް ޚަރަދުކުރަންޖެހޭ ޖުމްލަ ފައިސާ ދައުލަތަށް ދައްކައި ނިމިފައިވާ ޙާލަތުގައި، އެފަރާތުން މި ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ފީ ދެއްކުމުން، ކުއްޔަށް ދޫކުރާ މުއްދަތު، އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދެވިދާނެއެވެ.

 

2. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

9. (ށ) ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން އެދިއްޖެނަމަ، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ އެ ބިމެއް އެފަރާތަށް ކުއްޔަށް ދޫކުރި ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން، އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

 

3. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

9. (ނ) މި މާއްދާގެ (ށ) ގެ ދަށުން ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ތިރީގައި ބުނެފައިވާ ގޮތަށް ފީއެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

(1) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރު ދައްކަންވާނެއެވެ.

(2) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200,000 (ދެލައްކަ) އެމެރިކާ ޑޮލަރު ދައްކަންވާނެއެވެ.

 

4. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

9. (ކ) (1) ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ، އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން؛ މީގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާ ނުހިމެނެއެވެ. އަދި،

 

5. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

9. (ކ) (2) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5,000,000 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ

 

6. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

9. (ކ) (3) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 13 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ފާއިތުވުމަށްފަހުގައި މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ، ފީގެ ގޮތުގައި 10,000,000 (ދިހަމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން.

 

7. ބުނެވިދިޔަ ޤާނޫނުގެ 16-16 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

16-16. (ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ފީ ދެއްކުމުން، ކުއްޔަށް ދޫކުރާ މުއްދަތު އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދޭންވާނެއެވެ.

 

8. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ