ޕްލާސްޓިކް ކޮތަޅުގެ ފީ

ޕްލާސްޓިކް ކޮތަޅުގެ ފީއަކީ ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން ނަގަންޖެހޭ ފީއެއް.

ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ފަށާނީ 18 އެޕްރީލް 2023 ގެ 00:00 އިން ފެށިގެން.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީ، އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތަކުން، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިނުވި ނަމަވެސް، އެ ފަރާތުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަންޖެހޭނެ.

ޕްލާސްޓިކް ކޮތަޅުގެ ފީއާ ގުޅިގެން މީރާގައި ރަޖިސްޓަރީކުރަން ނުޖެހޭނެ. އެހެން ނަމަވެސް، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންނާއި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަން ލާޒިމުވާ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަންޖެހޭނެ.

ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންޖެހޭ ޕްލާސްޓިކް ކޮތަޅުގެ ތެރޭގައި ހިމެނެނީ، ޕްލާސްޓިކުން ހަދާފައި ހުންނަ، މުދާ އުފުލުމަށް ބޭނުންކުރާ ކޮތަޅު.

ޑިގްރޭޑަބަލް (އަމިއްލަ ޒާތުގައި ނެތި ފަނާވާ) ޕްލާސްޓިކުން ހަދާފައި ހުންނަ، މުދާ އުފުލުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން ވެސް ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ.

  • ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ހިލޭ ދޭ ޕްލާސްޓިކް ކޮތަޅު؛
  • ބަންދުނުކޮށް ހުންނަ ހުރިހައި ބާވަތެއްގެ ތާޒާ ކަނޑުމަހާއި ފަރުމަހާއި އެމާއި ސީފުޑް އަދި އެފަދަ ތަކެތީގެ ބައިތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު؛
  • ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ".

މުދާ އުފައްދާ ފަރާތުން މުދާ ވިއްކުމަށް ކޮންމެހެން ބޭނުންވާ ފެންވަރަށް ބަންދުކުރުމަށް ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން، ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ނުޖެހޭނެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ރޭޓަކީ ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ހިލޭ ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް -/2 ރުފިޔާ.

"ޕްލާސްޓިކް ކޮތަޅުގެ ފީ ލާޒިމުވާ ވަގުތު" ބުނެދެނީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ހިމަނާނީ ކޮން މުއްދަތަކަށް ހުށަހަޅާ ޖީ.އެސް.ޓީއެއް ބަޔާނެއްގައިކަމާއި، އެ ފީ މީރާއަށް ދައްކަންޖެހޭ ސުންގަޑިއަކީ ކޮބައިކަން.

ޕްލާސްޓިކް ކޮތަޅެއް ވިއްކައިފިނަމަ، އެ ޕްލާސްޓިކް ކޮތަޅުގެ އަގުން ޖީ.އެސް.ޓީ ނަގަންވާނެ. އަދި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި -/2 ރުފިޔާ ނަގަންވާނެ. މި ހާލަތުގައި ޕްލާސްޓިކް ކޮތަޅުގެ ފީ ލާޒިމުވާ ވަގުތަކީ، ޕްލާސްޓިކް ކޮތަޅު ވިއްކި މުއާމަލާތުގެ ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު. އެހެން ގޮތަކަށް ބުނާނަމަ، ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ހިމަނާނީ، ޕްލާސްޓިކް ކޮތަޅުގެ އަގުން ނަގަންޖެހުނު ޖީ.އެސް.ޓީގެ އަދަދު ހިމަނަން ލާޒިމުވި ޖީ.އެސް.ޓީ ބަޔާނުގައި.

މުދަލެއް ވިއްކުމުގައި ހިލޭ ދޭ ޕްލާސްޓިކް ކޮތަޅުން ވެސް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި -/2 ރުފިޔާ ނަގަންވާނެ. މި ހާލަތުގައި ޕްލާސްޓިކް ކޮތަޅުގެ ފީ ލާޒިމުވާ ވަގުތަކީ، ވިއްކި މުދަލުގެ މުއާމަލާތުގެ ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު. އެހެން ގޮތަކަށް ބުނާނަމަ، ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ހިމަނާނީ، ވިއްކި މުދަލުގެ އަގުން ނަގަންޖެހުނު ޖީ.އެސް.ޓީގެ އަދަދު ހިމަނަން ލާޒިމުވި ޖީ.އެސް.ޓީ ބަޔާނުގައި.

ޖީ.އެސް.ޓީ ނަގަންނުޖެހޭ ނުވަތަ ސުންރޭޓުގައި ޖީ.އެސް.ޓީ ނަގާ މުދަލެއް ފޯރުކޮށްދިނުމުގައި ވިއްކާ ނުވަތަ ހިލޭ ދޭ ޕްލާސްޓިކް ކޮތަޅުންވެސް ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ.

ޖީ.އެސް.ޓީ ނަގަންނުޖެހޭ މުދަލެއް ފޯރުކޮށްދިނުމުގައި ވިއްކާ ނުވަތަ ހިލޭ ދޭ ޕްލާސްޓިކް ކޮތަޅުން، ޕްލާސްޓިކް ކޮތަޅުގެ ފީ ލާޒިމުވާ ވަގުތަކީ، އެ ފޯރުކޮށްދިން މުދަލަކީ ޖީ.އެސް.ޓީ ނެގޭ މުދަލެއްކަމުގައި ބަލައިފިނަމަ، އެ މުއާމަލާތުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު.

ޕްލާސްޓިކް ކޮތަޅުގެ ފީ ކަސްޓަމަރުންގެ އަތުން ނެގުމަކީ ވިޔަފާރި ހަރަކާތް ހިންގާ ފަރާތުގެ ޒިންމާއެއް.

ޕްލާސްޓިކް ކޮތަޅުގެ ފީއިން ޖީ.އެސް.ޓީއެއް ނުނެގޭނެ.

ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކި ނަމަވެސް ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް -/2 ރުފިޔާގެ ރޭޓުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އޭގެ އަގުން ޖީ.އެސް.ޓީ ވެސް ނަގަންވާނެ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަން ލާޒިމުވާ ތްރެޝޯލްޑް ހަމަވާ މިންވަރަށް އާމްދަނީ ލިބިފައިވޭތޯ ބެލުމުގައި ޕްލާސްޓިކް ކޮތަޅުގެ ފީ ނުހިމަނާނެ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީއަކީ އެ ފަރާތުގެ އާމްދަނީއެއް. އެހެން ނަމަވެސް، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީއަކީ އެ ފަރާތުގެ އާމްދަނީއެއް ނޫން.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު މީރާއަށް ހުށަހަޅާނީ އެ ފަރާތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިގެން. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކުން، ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ.

ޖީ.އެސް.ޓީ ބަޔާނުގައި ހިމަނާފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީއާ ގުޅޭ މަޢުލޫމާތު އިޞްލާޙު ކުރެވޭނީ، އެ މަޢުލޫމާތު ހިމަނައިފައިވާ ޖީ.އެސް.ޓީ ބަޔާން އިޞްލާޙުކޮށްގެން. ޖީ.އެސް.ޓީ ބަޔާން އިޞްލާޙުކުރަން އޮންނަ މުއްދަތު ފާއިތުވެފައިވާނަމަ، އެ ބަޔާނުގައި ހިމަނާފައިވާ ޕްލާސްޓިކް ކޮތަޅުގެ މައުލޫމާތު އިޞްލާޙުކުރުމުގެ ފުރުޞަތެއް ނޯންނާނެ.

ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނީ ރުފިޔާއިން.

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދު ޖީ.އެސް.ޓީ ބަޔާނުގައި ހިމަނާނީ ރުފިޔާއިން. އަދި މީރާއަށް ދައްކަންވާނީވެސް ރުފިޔާއިން.

ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ފަރާތުން ނަގާ އަދަދު ޖީ.އެސް.ޓީ ބަޔާނުގައި ހިމަނާނީ ދިވެހި ރުފިޔާއިން. އަދި މީރާއަށް އެ ފައިސާ ދައްކަންވާނީވެސް ދިވެހި ރުފިޔާއިން.

ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ނުޖެހޭ ކޮތަޅަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ޢަދަދެއް ނަގައިގެންނުވާނެ. އަދި ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އަދަދެއް ނަގައިގެންނުވާނެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވިޔަފާރި ހަރަކާތް ހިންގާ ފަރާތުން އެ އަދަދު އަނބުރައި ކަސްޓަމަރަށް ރައްދުކުރަންވާނެ. އަދި އެފަދަ އަދަދެއް ނެގުނު ޓެކްސް ނެގޭ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު، އެ އަދަދު ރައްދުކޮށްފައިނުވާނަމަ، އެ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިގެން، ވިޔަފާރި ހަރަކާތުން މީރާއަށް އެ އަދަދު ދައްކަންވާނެ. މީރާއަށް އެ އަދަދު ދައްކާފައިވީ ނަމަވެސް، ކަސްޓަމަރަށް އެ އަދަދު އަނބުރާ ރައްދުކުރަންވާނެ.

ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދަކީ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ހިސާބުކޮށްފައިވާ އަދަދެއްކަން ކަށަވަރުކުރެވޭނެ މިންވަރަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭ ގޮތުން، ލިޔެކިޔުންތައް ބަލަހައްޓަންވާނެ.

  • ހިލޭ ލިބޭ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު
  • ވިއްކާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު
  • ހިލޭ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު
  • ހަލާކުވާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު
  • ކަސްޓަމަރުން އަނބުރައި ރައްދުކުރާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު

ބޭނުންކުރުމަށްފަހު، އެއްވެސް ސަބަބަކާހުރެ، ޕްލާސްޓިކް ކޮތަޅެއް ކަސްޓަމަރަކު އަނބުރައި ރައްދުކުރިނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ އަނބުރާ ކަސްޓަމަރަށް ރައްދުކުރުން ލާޒިމެއްނޫން. އެހެން ނަމަވެސް އެ އަދަދު މީރާއަށް ދެއްކުން ލާޒިމު.

ކަސްޓަމަރަށް ދޫކުރާ ޓެކްސް އިންވޮއިސް ނުވަތަ ރަސީދުގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ މިންވަރު ވަކިން އެނގޭނެހެން ހިމަނަންވާނެ. އެހެންނަމަވެސް، ޖީ.އެސް.ޓީ ހިސާބުކުރުމުގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ނުހިމެނުމަށް ސަމާލުކަން ދޭންވާނެ.

ޖޫސްޕެޓީ ކޮތަޅަކީ މުދާ އުފުލުމަށްބޭނުންކުރާ ކޮތަޅަކަށްނުވާތީ، ޖޫސްޕެޓީ ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެ.

ޒިޕްލޮކް ކޮތަޅަކީ މުދާ އުފުލުމަށްބޭނުންކުރާ ކޮތަޅަކަށްނުވާތީ، އެފަދަ ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެ.

މުދަލެއް ވިއްކުމަށް ކޮންމެހެން ބޭނުންވާ ފެންވަރަށް އެ މުދަލެއް ބަންދުކުރުމަށް، އެ މުދާ އުފައްދާ ފަރާތުން ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން، ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެ.

ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ ކަނޑުމަހާއި ފަރުމަހާއި އެމާއި ސީފުޑް އަދި އެފަދަ ތަކެތީގެ ބައިތައް އަޅާފައި ހިލޭ ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނުނަގާނެ.

ތާޒާ މަހުގެ މާނައިގައި ގަނޑުކުރި މަސް ނުހިމެނޭތީ، ގަނޑުކުރި މަސް ވިއްކާއިރު އެ އެޅުމަށް ނުވަތަ އަޅާފައި ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ.

މަހުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި، މަސް "ޗިލް" ކޮށްފައި ހުއްޓަސް ބެލެވޭނީ ތާޒާ މަހުގެ ގޮތުގައެވެ. އެ ފަދަ މަސް، ވިއްކާއިރު ފޯރުވައިދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެ.

ޒީނަތްތެރިކުރުމުގެ ގޮތުން ގެންގުޅޭ މަސް ނުވަތަ "ޕެޓް ފިޝް" ގަންނައިރު އެ މަސް ޕްލާސްޓިކް ކޮތަޅަކަށް އަޅައިފައި ދޭ ހާލަތުގައި، އެ ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެއެވެ.

ކުކުޅު ޕެކްކޮށްފައި ހުންނަ ޕްލާސްޓި ޕެކޭޖިންގއިން ޕްލާސްޓިކް ކޮތަޅުގެ ފީ އެއް ނުނަގާނެ. ނަމަވެސް، އެ ކުކުޅު ވިއްކާ ފަރާތުން ޕްލާސްޓިކް ކޮތަޅަކަށް ލުމަށްފަހު ފޯރުކޮށްދޭނަމަ، އެ ކޮތަޅުން ޕްލާސްޓިކް ކޮތަޅު ފީ ނަގާނެ.

ޕެކްނުކޮށް ހުންނަ ކުކުޅު، ޕްލާސްޓިކް ކޮތަޅަކަށް ލުމަށްފަހު ވިއްކާ ކަމުގައިވާނަމަ، އެ ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ.

ވިޔަފާރިއަކުން ޕްރޮމޯޝަނަލް އިވެންޓެއްގައި، މުދަލެއް ވިއްކާއިރު ނުވަތަ މުދަލެއް ހިލޭ ދޭ ހާލަތުގައި ފޯރުވައިދޭ ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންޖެހޭނެ.

ކުނި އެޅުމަށް ޚާއްޞަކޮށްގެން، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" އިން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެ. އެހެންނަމަވެސް އެ ނޫން ފަރާތަކުން ވިއްކާ ނުވަތަ ފޯރުވައިދޭ ބިންލައިނަރއިން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ޖެހޭނެ.

މުދަލެއް ވިއްކުމަށް ކޮންމެހެން ބޭނުންވާ ފެންވަރަށް އެ މުދަލެއް ބަންދުކުރުމަށް، އެ މުދާ އުފައްދާ ފަރާތުން ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނުނަގާނެ.

ކޮމްޕްލިމެންޓަރީ ކޮށް ނުވަތަ ހިލޭ މުދަލެއް ފޯރުކޮށްދޭ އިރު ޕްލާސްޓިކް ކޮތަޅެއް ހިލޭ ދިން ނަމަވެސް، އެ ޕްލާސްޓިކް ކޮތަޅުން، ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ.

ރެސްޓޯރަންޓް/ކެފޭ ފަދަ ތަންތަނުން ޓޭކްއަވޭ ނުވަތަ ޑެލިވަރީ ޕްލާސްޓިކް ކޮތަޅެއްގައި ފޯރުކޮށްދޭނަމަ، އެ ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ.

ހަނޑޫ، ހަކުރު އަދި ފުށް ފަދަ ތަކެތި އަޅައިފައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުންވެސް ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ.

ހަނޑޫ، ހަކުރު އަދި ފުށް ފަދަ ތަކެތި، އެ އުފައްދާ ފަރާތުން، އެ ވިއްކުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން، ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެ. ހަނޑޫ، ހަކުރު އަދި ފުށް ފަދަ ތަކެތި ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައިވަނީ އެ ފަދަ ފަރާތަކުން ނޫންނަމަ، އެ ޕްލާސްޓިކް ކޮތަޅުންވެސް ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ