އިސްތިސްނާ މުދަލާއި ޚިދުމަތްތައް

މުދަލެއް ނުވަތަ ޚިދުމަތެއް ޖީ.އެސް.ޓީއިން އިސްތިސްނާވުމޭ ބުނެވޭ ބަހުގެ މާނައަކީ:

  • އެ މުދަލެއް ނުވަތަ ޚިދުމަތަކުން ޖީ.އެސް.ޓީއެއް ނުނެގޭނެއެވެ. އެހެންކަމުން މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތުން، ޚިދުމަތް ހޯދި ނުވަތަ މުދާ ގަތް ފަރާތުގެ ކިބައިން ޖީ.އެސް.ޓީ ނަގައިގެން ނުވާނެއެވެ.
  • އިސްތިސްނާ މުދަލެއް ނުވަތަ ޚިދުމަތަކާ ގުޅިގެން ޖީ.އެސް.ޓީގެ ގޮތުގައި ދައްކައިފައިވާ އިންޕުޓް ޓެކުހުގެ އަދަދު، މުދާ ވިއްކާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތަށް އުންޏެއް ނުކުރެވޭނެއެވެ.
  • މުދާ ވިއްކާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތުން، އިސްތިސްނާ މުދަލެއް ނުވަތަ ޚިދުމަތަކާ ގުޅިގެން ޓެކްސް އިންވޮއިސްއެއް ދޫކޮށްގެން ނުވާނެއެވެ. އަދި އާދައިގެ އިންވޮއިސްއެއް (ނުވަތަ ޕްރޮފޯމާ އިންވޮއިސްއެއް) ދޫކުރިޔަސް އެ މުއާމަލާތުން ޖީ.އެސް.ޓީ ނަގައިގެން ނުވާނެއެވެ.

ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ އިސްތިސްނާ މުދަލާއި ޚިދުމަތާ ގުޅޭ އެންމެހައި ރިކޯޑުތައް ބަލަހައްޓަންވާނެއެވެ. އަދި އިސްތިސްނާ މުދަލާ ޚިދުމަތް ފޯރުވައިދީގެން ލިބުނު އާމްދަނީ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނަންވާނެއެވެ.

އަންނަނިވި މުދަލާއި ޚިދުމަތްތައް ޖީ.އެސް.ޓީއިން އިސްތިސްނާވާނެއެވެ.

  • ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް
  • ޕޯސްޓުގެ ޚިދުމަތް
  • ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިދާރާއަކުން ފޯރުވައިދޭ ތައުލީމުގެ ޚިދުމަތް
  • ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ ސިއްހީ ޚިދުމަތް
  • ރަޖިސްޓަރީކޮށްފައިވާ ބޭސްފިހާރައަކުން ވިއްކާ، ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ބޭހާއި މެޑިކަލް ޑިވައިސް
  • ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތަކަށް ހިލޭ އެހީގެ ގޮތުގައި ނުވަތަ ޚައިރާތުގެ ގޮތުގައި ލިބޭ ތަކެތީގެ ތެރެއިން ވިއްކާ ތަކެތި
  • މާލީ ޚިދުމަތްތައް
  • ނުއުފުލޭ މުދާ ކުއްޔަށްދީގެން ލިބޭ އާމްދަނީ
  • ބައިނަލްއަޤްވާމީ ދަތުރުފަތުގެ ޚިދުމަތް
  • އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިވާ މުދަލާއި ޚިދުމަތް
  • ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާ
  • ސަރުކާރުން ކަނޑައަޅާ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން، އަގު ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް ވިއްކާ ފްލެޓް، ގޯތި ނުވަތަ އިމާރާތް
  • ރަޖިސްޓަރީކޮށްގެން ހިންގާ ޑޭކެއަރ ޚިދުމަތްދޭ ތަނަކުން ދޭ ޑޭކެއަރގެ ޚިދުމަތް

އިސްތިސްނާ މުދާ އަދި ޚިދުމަތްތަކާ ގުޅޭ  ތަފްސީލީ ޝަރުތުތަކާއި ގަވާއިދުތަކެއްވެއެވެ. މި ޝަރުތުތަކާއި ގަވާއިދުތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ތިރީގައިވާ ގައިޑު ބަލާށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ