ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެއް.
1 ޑިސެންބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށްޓަކައި،1 ޑިސެންބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގާނެ ރޭޓުތައް ތިރީގައި އެވަނީ:
| ދަތުރުކުރާ ކްލާސް | ދިވެހިންގެ އަތުން (އެމެރިކާ ޑޮލަރު) | ބިދޭސީންގެ އަތުން (އެމެރިކާ ޑޮލަރު) |
| އިކޮނޮމީ ކްލާސް | 12 | 50 |
| ބިޒްނަސް ކްލާސް | 120 | 120 |
| ފަސްޓް ކްލާސް | 240 | 240 |
| ޕްރައިވެޓް ޖެޓް | 480 | 480 |
ޑިޕާޗަރ ޓެކްސް އަކީ ދިވެހިރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ޓެކްސްއެއް.
1 ޑިސެންބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ދަތުރުކުރުމަށްޓަކައި، 1 ޑިސެންބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ޓިކެޓު ގަންނަ ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގާ ރޭޓުތައް ތިރީގައި އެވަނީ:
| ދަތުރުކުރާ ކްލާސް | ދިވެހިންގެ އަތުން (އެމެރިކާ ޑޮލަރު) | ބިދޭސީންގެ އަތުން (އެމެރިކާ ޑޮލަރު) |
| އިކޮނޮމީ ކްލާސް | 12 | 50 |
| ބިޒްނަސް ކްލާސް | 120 | 120 |
| ފަސްޓް ކްލާސް | 240 | 240 |
| ޕްރައިވެޓް ޖެޓް | 480 | 480 |
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް އަދި ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފުލައިޓުތަކުގައި ދަތުރުކުރާ ފަރާތްތައް.
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް އިން އިސްތިސްނާވާނެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން، އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކުޑަ ކުއްޖެއްގެ އަތުން ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ކުއްޖާ ދިވެހިރާއްޖޭން ބޭރަށް ފުރާ ދުވަހު 2 އަހަރު ފުރިފައިވާނަމަ. ދިވެހިރާއްޖެއިން ބޭރުގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ޓިކެޓް އޮރިޖިނޭޓްވި އެއަރޕޯޓުން އެ ކުއްޖާ ފުރި ދުވަހު 2 އަހަރު ފުރިހަމަވެފައިވާނަމަ.
ޓްރާންސިޓް ފަސިންޖަރުނަކީ، އެއް ޤައުމަކުން ފުރައިގެން އަނެއް ޤައުމަކަށްދާ މަގުމަތީގައި، ފްލައިޓް ބަދަލުކުރުންފަދަ ބޭނުމަކަށް 24 )ސައުވީސް( ގަޑިއިރަށްވުރެ ދިގުނޫން މުއްދަތަކަށް ދިވެހިރާއްޖޭގައި މަޑުކުރާ ފަސިންޖަރުން.
ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުނަކީ، އެއް ޤައުމަކުން ފުރައިގެން އަނެއް ޤައުމަކަށްދާ މަގުމަތީގައި، ފްލައިޓް ބަދަލުކުރުންފަދަ ބޭނުމަކަށް 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގުނޫން މުއްދަތަކަށް ދިވެހިރާއްޖޭގައި މަޑުކުރާ ފަސިންޖަރުންގެ ތެރެއިން އެ ފާރާތްތަކުގެ ފްލައިޓް ނަންބަރު ބަދަލުނުވާ ފަރާތްތައް.
ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީ ކުރަންޖެހެނީ އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް. މީގެ އިތުރުން ނަގާ ޓެކްސް ހިސާބުކޮށް، އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ މި ފަރާތްތަކުގެ ޒިންމާއެއް.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރާ، ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ، ނުވަތަ އެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ރެޖިސްޓްރޭޝަން ބާޠިލުކުރުމަށް އެދި އެ ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެ.
ކޮންމެ ކަލަންޑަރުމަހަކަށް، އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ މީރާއަށް ދައްކަންޖެހޭ. ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަސް.
އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން (MIRA 530).
އިންފޮމޭޝަން ޝީޓަކީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި، އެއަރޕޯޓް ހިންގާ ފަރާތެއްނަމަ، އެ މަހުގެ ތެރޭގައި އެ އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރި ހުރިހާ ފްލައިޓްތަކުގެ މަޢުލޫމާތު، އަދި އެއަރލައިނެއްނަމަ، އެ މަހުގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި އެ އެއަރލައިންގެ ފްލައިޓްތަކުގެ މަޢުލޫމާތު ހިމަނައިގެން، މީރާއިން ކަނޑައަޅާ ވަކި ފޯމެޓަކަށް ތައްޔާރުކުރާ ލިޔުމެއް. އިންފޮމޭޝަން ޝީޓްގެ ފޯމެޓް އަދި ފުރިހަމަކުރަންޖެހޭ ގޮތުގެ އިރުޝާދު، މީރާގެ ވެބްސައިޓްއިން ލިބެން ހުންނާނެ.
ކޮންމެ ބާވަތެއްގެ ފައިސާއިން އެއަރޕޯޓް ޓެކުހާއި ފީ ނަގާފައިވީނަމަވެސް، އެ ފައިސާ މީރާއަށް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ ދަށުން ބަލަހައްޓަން ޖެހޭ ރެކޯޑުތަކުގެ އިތުރުން، އެއަރޕޯޓް ޓެކުހާއި ފީގެ ބޭނުމަށް ތިރީގައި މި ވާ ރެކޯޑުތައް ބަލަހައްޓަންޖެހޭ.
އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިސްލާހުކުރެވިފައިވާ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެ.
ދަތުރުކުރާ ކްލާސް، މަތީ ކްލާހަކަށް އަޕްގްރޭޑްކުރާ ހާލަތުގައި، އެ އަޕްގްރޭޑާ ގުޅިގެން ފަސިންޖަރުގެ ޓިކެޓް ރީއިޝޫ ނުކުރި ނަމަވެސް، އެ އަޕްގްރޭޑް ކުރެވުނު ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެ ފަސިންޖަރުގެ އަތުން ނަގަންވާނެ.
ނަމަވެސް، އެއްވެސް މުޤާބިލެއް ދައްކަންނުޖެހި އަދި ޗެކިންކުރާ ވަގުތު ދަތުރުކުރާ ކްލާސް އަޕްގްރޭޑް ކޮށްފިނަމަ، އެ އަޕްގްރޭޑާއި ގުޅިގެން އެއަރޕޯޓް ޓެކުހާއި ފީ ނަގާކަށް ނުޖެހޭނެ. "މުޤާބިލު" ގެ މާނައިގެ ތެރޭގައި ލޯޔަލްޓީ ސްކީމެއްގެ ދަށުން ލިބިފައިވާ ޕޮއިންޓް ރިޑީމްކުރުން ހިމެނޭނެ.
ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުގައި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދައްކައިފައިވާ ފަސިންޖަރެއްގެ ދަތުރުކުރާ ކްލާސް، ފަސިންޖަރުގެ އެދުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ދަށްކޮށްފިނަމަ، ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އެ ފަސިންޖަރު ދައްކަންޖެހޭނީ އެ ދަށްކުރެވުނު ދަތުރުކުރާ ކްލާހަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައި.