ޤާނޫނާއި ގަވާއިދު

×

ޓެކްސް ރޫލިންގ TR-2015/G30 އަށް 1 ވަނަ އިޞްލާޙު ގެނައުން

TR-2024/G50

ނެރުނު ތާރީޚް: 26 އޯގަސްޓު 2024
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 26 އޯގަސްޓު 2024
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

މިއީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ، ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. އަދި ރޫލިންގއަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ، ރޫލިންގ ނަންބަރު TR-2015/G30 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި ގަވާއިދަށް ޢަމަލުނުކޮށްފިނަމަ ކުރެވޭ ޖޫރިމަނާ) އަށެވެ. 

 

ތަޢާރަފު

1. މި ރޫލިންގގެ މަގުސަދަކީ، ޓެކްސް ރޫލިންގ TR-2015/G30 ގެ 8 ވަނަ ޕްރެގްރާފާއި 10 ވަނަ ޕެރެގްރާފް އިޞްލާޙުކުރުމެވެ.


ރޫލިންގ

2. ރޫލިންގގެ 8 ވަނަ ޕެރެގްރާފް އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

8. ގަވާއިދުގެ 109 ވަނަ މާއްދާގައި ވަނީ:

ޖީ.އެސް.ޓީ ހިމަނައިގެން އަގު ޖެހުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނޭހެން ޖަހައިފައި ހުންނަންވާނެއެވެ. އަދި މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުތައް ފިޔަވައި އެހެން ހާލަތުތަކުގައި އަގު ޖަހައިފައި ހުންނަންވާނީ އެ މުދަލުން ނުވަތަ ޚިދުމަތުން ޖީ.އެސް.ޓީ ގެ ގޮތުގައި ނެގޭ އަދަދު ހިމަނައިގެންނެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތް ފޯރުވައިދިނުމަށް ސަރވިސް ޗާޖެއް ނަގާނަމަ، ޖީ.އެސް.ޓީ ގެ ގޮތުގައި ނެގޭ އަދަދު ނުހިމަނައި މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު ޖަހައިފައި ބެހެއްޓިދާނެއެވެ. އަދި މި ގޮތަށް އަގު ޖަހާނަމަ، އަގު ޖަހައިފައި ހުންނަންވާނީ މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން މުދާ ނުވަތަ ޚިދުމަތް ލިބިގަތުމަށް އެ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު ހިސާބުކުރެވޭނެފަދަ ގޮތަކަށެވެ. މި އަކުރަށް ޢަމަލުކުރާނީ މި މާއްދާގެ (ނ) އާ ޚިލާފުނުވާނެ ގޮތުގެ މަތިންނެވެ.

(ނ) ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުގެ އޭޖެންޓުންނާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްތައް ގަނެ ވިއްކާ ފަރާތްތަކުން ފޯރުވައިދޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީ ގެ ގޮތުގައި ނެގޭ އަދަދު ނުހިމަނައެވެ. އެ ފަދަ ފަރާތްތަކުން ފޯރުވައިދޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތުގައި އަގު ޖަހައިފައި ހުންނަންވާނީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޚިދުމަތް ލިބިގަތުމަށް އެ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު ހިސާބުކުރެވޭނެފަދަ ގޮތަކަށެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ފޯރުވައިދޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތުގައި އަގު ޖަހަނީ ޖީ.އެސް.ޓީ ގެ ގޮތުގައި ނެގޭ އަދަދު ނުހިމަނައި ކަން ބަޔާންކުރާ ނޯޓިސްއެއް، އެ ފަރާތްތަކުގެ ޓެކްސް ނެގޭ ޙަރަކާތްތައް ހިންގާ ތަންތަނުގައި ބަހައްޓަންވާނެއެވެ.

(ބ) (އުވައިލެވިފައި).

3. ރޫލިންގގެ 10 ވަނަ ޕެރެގްރާފުގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

(ބ) މުދަލުގެ ނުވަތަ ޚިދުމަތުގެ ޖީ.އެސް.ޓީ ކްލެސިފިކޭޝަން އެނގޭނޭހެން އާމްދަނީ ބެލެހެއްޓުން (އެ މުދަލަކީ ނުވަތަ ޚިދުމަތަކީ ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާކުރެވިފައިވާ، ނުވަތަ ޖީ.އެސް.ޓީ ޤާނޫނުގެ ހުދޫދުގެ ތެރޭގައި ނުހިމެނޭ، ނުވަތަ ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ، ނުވަތަ %8 ނުވަތަ %16 ގައި ޖީ.އެސް.ޓީ ނެގޭ މުދަލެއް ނުވަތަ ޚިދުމަތެއްކަން އެނގޭނޭހެން އާމްދަނީ ބެލެހެއްޓުން)؛


ޢަމަލުކުރަން ފެށުން

4. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ، މި ރޫލިންގ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ