ޤާނޫނާއި ގަވާއިދު

×

ގްރީން ޓެކްސް ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު

2024/R-117

ނެރުނު ތާރީޚް: 25 ނޮވެމްބަރު 2024
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 25 ނޮވެމްބަރު 2024
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

ގަވާއިދު ނަންބަރު 2015/R-181 (ގްރީން ޓެކްސް ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

1. ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

2. މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) ގެ ދަށުން ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، ގްރީން ޓެކްސް ނެގުމަށް ޓަކައި މީރާއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި ކަމާބެހޭ އެނޫންވެސް އުސޫލުތައް ކަނޑައެޅުމެވެ.

 

2. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

8. (ށ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، އެ ނޫން ވެސް އެފަދަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި ނުވަތަ އެ އުޅަނދުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް، އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި ރޭޓުތަކުގައެވެ.

(1) 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު؛

(2) 1 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 12 (ބާރަ) އެމެރިކާ ޑޮލަރު.

 

3. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

8. (1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓު ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް، އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި ރޭޓުތަކުގައެވެ.

(1) 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރު؛

(2) 1 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު.

 

4. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

8. (ނ) މި މާއްދާގެ (1-ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 50 (ފަންސާސް) ކޮޓަރިއަށް ވުރެ ގިނަ އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓު ގެސްޓްހައުސްތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި ރޭޓުތަކުގައެވެ.

(1) 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު؛

(2) 1 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 12 (ބާރަ) އެމެރިކާ ޑޮލަރު.

 

5. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

8. (ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، 50 (ފަންސާސް) ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި ރޭޓުތަކުގައެވެ.

(1) 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރު؛

(2) 1 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު.

 

6. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

8. (1-ރ) މި މާއްދާގެ ބޭނުމަށް، ޓޫރިސްޓަކު އެ ތަނުން ޗެކް-އައުޓް ވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައިވާނަމައެވެ.

 

7. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

8. (1-ޅ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުދީންގެ އަތުން 1 ޖަނަވަރީ 2025 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ގްރީން ޓެކްސް ނަގާކަށް ނުޖެހޭނެއެވެ.

(2-ޅ) މި މާއްދާގެ (1-ޅ) ގެ ބޭނުމަށް، 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުއްޖެއް ކަމުގައި ބެލެވޭނީ، އެ ތަނަކަށް ނުވަތަ އެ އުޅަނދަކަށް ޗެކް-އިން ވާ ދުވަހާ ހަމަޔަށް، އެ ކުއްޖާއަށް އުމުރުން 2 (ދޭއް) އަހަރު ފުރިހަމަވެފައި ނުވާނަމައެވެ.

(3-ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 1 ޖަނަވަރީ 2025 ގެ 00:00 ގައި، ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓު ހޮޓަލެއްގައި ނުވަތަ ރިޒޯޓް ހޮޓެލެއްގައި ނުވަތަ ހޮޓަލެއްގައި ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއްގައި ނުވަތަ ޓޫރިސްޓު އުޅަނދެއްގައި ނުވަތަ އެނޫންވެސް އެފަދަ ތަންތަނުގައި، 1 ޖަނަވަރީ 2025 އާ ހަމަޔަށް 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުއްޖަކު ހުރި ނަމަ، 31 ޑިސެންބަރު 2024 ގެ 23:59 ގައި އެ ކުއްޖާ އެ ތަނުން ޗެކް-އައުޓް ވި ކަމަށް ބަލަންވާނެއެވެ. އަދި 1 ޖަނަވަރީ 2025 ގެ 00:00 ގައި އެ ކުއްޖާ އެ ތަނަށް ޗެކް-އިން ވީ ކަމަށް ބަލަންވާނެއެވެ.

(4-ޅ) މި މާއްދާގެ (3-ޅ) އަށް، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ޅ) ރައްދެއް ނުވާނެއެވެ.

 

8. ބުނެވިދިޔަ ގަވާއިދުގެ 1-9 ވަނަ މާއްދާ އުނިކުރުން.

9-1. އިންތިޤާލީ ކަންކަން

(އުނިކޮށްފައި).

 

9. ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

18. (1-ށ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުންގެ ގޮތުގައި ތިބޭ ޓޫރިސްޓުންގެ ތެރެއިން، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (2-ޅ) ގައި ބަޔާންކޮށްފައިވާ ކުޑަކުދީންގެ ޕާސްޕޯޓުގެ ކޮޕީ؛

 

10. ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ގްރީން ޓެކްސް" ގެ މާނަ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

22. މާނަކުރުން

(ހ) "ގްރީން ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) ގެ ދަށުން ނެގޭ ޓެކުހަށެވެ.

 

11. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ