ޤާނޫނާއި ގަވާއިދު

×

ތިން ކެޕިޓަލައިޒޭޝަން (ކޮންސޮލިޑޭޓް ކުރެވިފައި)

TR-2018/B64

ނެރުނު ތާރީޚް: 26 އެޕްރީލް 2018
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 27 ޑިސެންބަރު 2018
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގގައި ތަފުސީލުކޮށްދީފައި ވާނީ، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އިންޓްރެސްޓް އަދި އިޤްތިޞާދީ ނަޒަރުން ބަލާއިރު އިންޓްރެސްޓްއާ އެއްފަދަ ޚަރަދުތައް އުނިކުރުމުގައި ޢަމަލުކުރާނެ "ތިން ކެޕިޓަލައިޒޭޝަން" އުސޫލެވެ.

2. ޤާނޫނުގެ 10 ވަނަ މާއްދާގައި ވަނީ:

އުނިކުރެވިދާނެ އަދަދުތައް

...

(ރ) މި މާއްދާގެ (ހ) ގައި އެހެންގޮތަކަށް މާނަކުރެވެން އޮތްކަމުގައި ވީނަމަވެސް، ތިރީގައި ބަޔާންކުރެވޭ ޚަރަދުތަކާއި އެލަވަންސްތަކަކީ އެމް.އައި.އާރ.އޭ އިން ހަދާ ގަވާއިދެއްގެ ދަށުން، ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުން އުނިކުރެވިދާނެ ބައިތަކެކެވެ.

...

(9) އުނިކުރެވިދާނެކަމަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ކަނޑައަޅާ އެހެން އެއްވެސް ޢަދަދެއް.

3. ޤާނޫނުގެ 29 ވަނަ މާއްދާގައި ވަނީ:

ޓްރާންސްފަރ ޕްރައިޒިންގ

(ހ) މި މާއްދާ ރައްދުވާނީ ޓެކްސް އަހަރެއްގައި މީހެއްގެ ("ފުރަތަމަ މީހާ") ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމީހަކާ އެހެން މީހަކާދެމެދު ("ދެވަނަ މީހާ") ސީދާ ނުވަތަ ނުސީދާ ގޮތަކަށް ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލަންޖެހޭނަމަ، އަދި އެ ދެމީހުންނަކީވެސް ގުޅުންހުރި ފަރާތްތަކެއް ކަމަށް ވާނަމައެވެ.

(ށ) މި މާއްދާގެ މަޤްޞަދައްޓަކައި، ދެމީހުންގެ މެދުގައި ނުސީދާގޮތަކަށް މުޢާމަލާތެއް ހިނގާފައިވާކަމަށް ބެލެވޭނީ ގުޅިފައިހުރި މުޢާމަލާތްތަކެއް ހުރިނަމަ އަދި، އެ ދެމީހުންނަކީ އެއް މުޢާމަލާތެއްގެ ބައިވެރިންކަމުގައި ނުވީނަމަވެސް ނުވަތަ ވީނަމަވެސް، މި މުޢާމަލާތްތަކުގެ ތެރެއިން އެކެއް ނުވަތަ އެއަށްވުރެ ގިނަ މުޢާމަލާތުގައި ބައިވެރިންކަމުގައި ވާނަމައެވެ.

...

(ބ) މި މާއްދާގައި، "އާމްސް ލެންތް ޓަރމްސް" އަކީ މުޢާމަލާތްތަކަށް ނިސްބަތްކުރާއިރު، އެކަކު އަނެކަކާ ގުޅުމެއް ނެތް ދެމީހަކު އެ މުޢާމަލާތެއް ކުރާނަމަ އެ މުޢާމަލާތެއް ކުރާނެ، ނުވަތަ ކުރާނެކަމަށް ބެލޭވޭނެ އުޞޫލުތަކެވެ.

(ޅ)

(1) ޓެކްސް ބިނާކުރުމުގައި މުޢާމަލާތްތަކަށް ބަލަންޖެހިއްޖެނަމަ:

އެ މުޢާމަލާތެއް ކުރި އުޞޫލުތަކަކީ "އާމްސް ލެންތު ޓަރމްސް" އެއްގޮތް އުޞޫލުތަކެއް ނޫންނަމަ، އަދި

(2) އާމްސް ލެންތު ޓަރމްސްތަކާ އެއްގޮތަށް އެ މުޢާމަލާތްކުރުމުން ވާނެވަރަށްވުރެ ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ކުޑަނަމަ، ނުވަތަ އެ މީހާގެ ޓެކްސް ބިނާކުރެވޭ ގެއްލުންތައް ބޮޑުނަމަ އެ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރާނީ، އެ މުޢާމަލާތެއް ހަޤީޤަތުގައި ހިންގި އުޞޫލުތަކަކީ އާމްސް ލެންތު ޓަރމްސް ތަކެއް ނޫންކަމުގައިވިޔަސް، އާމްސް ލެންތު ޓަރމްސްތަކާ އެއްގޮތަށް ކުރި މުޢާމަލާތެއްގެ ގޮތުގައެވެ. 

4. ޤާނޫނުގެ 30 ވަނަ މާއްދާގައި ވަނީ:

ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުމަށް ނުވަތަ ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް

(ހ) މި ޤާނޫނަށް އަމަލުކުރަން ފެށޭ ދުވަހުގެ ކުރިން ނުވަތަ ފަހުން ކަމުގައި ވީނަމަވެސް، އެއްވެސް މުޢާމަލާތެއްގެ މައިގަނޑު މަޤްޞަދަކީ ނުވަތަ މައިގަނޑު އެއް މަޤްޞަދަކީ އެއްވެސް ޓެކްސް އަހަރެއްގައި ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުން ކަމުގައި އެމް.އައި.އާރ.އޭ އިން ޤަބޫލުކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ބާރުތަކުންކުރެ ބާރެއް ބޭނުންކުރުމުގެ ހައްޤު އެމް.އައި.އާރ.އޭ އަށް ލިބިގެންވެއެވެ.

...

 

ރޫލިންގ

5. މީރާއިން ގަބޫލުކުރާ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ދައްކަންޖެހޭ އިންޓްރެސްޓް ފިޔަވައި، އެއްވެސް ފަރާތަކުން ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްޓްގެ ޖުމުލަ އަދަދުގެ ތެރެއިން އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރާ އިންޓްރެސްޓްގެ ޖުމުލަ އަދަދު، ތިރީގައިވާ އަދަދުތަކުގެ ތެރެއިން ކުޑަ އަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ހ) މީރާއިން ގަބޫލުކުރާ ބޭންކެއް ނުވަތަ މާލީ އިދާރާއެއް ފިޔަވައި އެހެން ފަރާތަކަށް ދައްކައިފައިވާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްޓްގެ އަދަދު، އިންޓްރެސްޓް ރޭޓަކީ އަހަރަކު %6 (ހައެއް އިންސައްތަ) ކަމުގައި ބަލައިގެން ހިސާބުކުރުމުން އަންނަ އަދަދު؛ ނުވަތަ

(ށ) މީރާއިން ގަބޫލުކުރާ ބޭންކެއް ނުވަތަ މާލީ އިދާރާއެއް ފިޔަވައި އެހެން ފަރާތަކަށް ދައްކައިފައިވާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްޓްގެ ސީދާ ޖުމުލަ އަދަދު.

6. މި ރޫލިންގގެ 5 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އެއްވެސް ފަރާތަކަށް އެ ފަރާތުން ދައްކައިފައިވާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްޓްގެ ޖުމުލަ އަދަދު، ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރެވޭ އިންޓްރެސްޓްއާއި ގަވާއިދުގެ 4 ވަނަ ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް، އެ ފަރާތުގެ ލޮސް ރިލީފް އުނިކުރުމުގެ ކުރިން ލިބުނު ފައިދާ / (ގެއްލުން) އާ އެއްކުރުމުން އަންނަ އަދަދުގެ 30% (ތިރީސް އިންސައްތަ) އަށްވުރެ އިތުރުވާނަމަ އެ އިތުރުވި މިންވަރެއް އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނި ނުކުރެވޭނެއެވެ.

7. މި ރޫލިންގގެ ބޭނުމަށް، "އިންޓްރެސްޓް" ކަމަށް ބުނެފައި އެވަނީ:

(ހ) އެންމެހައި ބާވަތްތަކުގެ ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އިންޓްރެސްޓް؛

(ށ) އިޤްތިޞާދީ ނަޒަރުން ބަލާއިރު އިންޓްރެސްޓްއާ އެއްފަދަ ޚަރަދުތައް؛ އަދި

(ނ) އެރޭންޖްމަންޓް ފީ އަދި ގެރެންޓީ ފީ ހިމެނޭގޮތުން، ފައިނޭންސް ހޯދުމަށް ކުރާ ޚަރަދުތައް.

8. މި ރޫލިންގގެ ބޭނުމަށް، ދަރަނީގެ މާނައިގެ ތެރޭގައި ހުރިހައި ބާވަތެއްގެ ލޯނު، ފައިނޭންޝަލް އިންސްޓްރުމެންޓް، ފައިނޭންސް ލީޒް، ފައިނޭންޝަލް ޑިރިވެޓިވް ނުވަތަ އެނޫންވެސް، އިންޓްރެސްޓް، ކޫޕަން ނުވަތަ ޑިސްކައުންޓް ފަދަ ޚަރަދެއް އެ އިންތިޒާމަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމްތައް ހިމެނޭނެއެވެ.

9. ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް، މި ރޫލިންގގެ 6 ވަނަ ޕެރެގްރާފް ރައްދެއްނުވާނެއެވެ.

(ހ) އިންޝުއަރެންސް ކުންފުނިތައް؛

(ށ) ހައުސިންގ ފައިނޭންސް ކުންފުނިތައް؛

(ނ) ލީސިންގ ފައިނޭންސް ކުންފުނިތައް؛

(ރ) އެ ޓެކްސް އަހަރުގައި، އެ ފަރާތުގެ ޖުމުލަ އާމްދަނީ 20 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާ ފަރާތްތައް؛

(ބ) ސީދާގޮތުން ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތައް.

10. މި ރޫލިންގގެ ބޭނުމަށް، ކުއްޔަށް ހިފާ ފަރާތުން އެ ލީސް އަކީ "އޮޕަރޭޓިންގ ލީސް" އެއްތޯ ނުވަތަ "ފައިނޭންސް ލީސް" އެއްތޯ ކަނޑައެޅުމުގައި ބަލާނީ، އައި.އެފް.އާރ.އެސް 16 (ލީސެސް) ގައި ކުއްޔަށް ދޭ ފަރާތުން، އޮޕަރޭޓިންގ ލީސް އެއްތޯ ނުވަތަ ފައިނޭންސް ލީސް އެއްތޯ ކަނޑައެޅުމުގައި ބަލަން އޮންނަ މިންގަޑަށެވެ.

11. އޮޕަރޭޓިންގ ލީސް އެއްގެ ދަށުން ދައްކާ ކުލި، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވޭނީ، ލީސް ގެ މުއްދަތުގައި ސްޓްރައިޓް ލައިން ބޭސިސް އަކުންނެވެ.

12. މި ރޫލިންގގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ލައިސަންސް ލިބިގެން ދިވެހިރާއްޖޭގައި ހިންގާ ބޭންކްއަކަށް ނުވަތަ ހައުސިންގ ފައިނޭންސް ކުންފުންޏަކަށް ނުވަތަ ލީސިންގ ފައިނޭންސް ކުންފުންޏަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްޓްގެ ޖުމުލަ އަދަދު، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

13. މި ރޫލިންގގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ޕަބްލިކް ބެނިފިޓް ޚިދުމަތެއް ދިނުމަށް ނަގާ ދަރަންޏަކަށް، މީރާއިން ޤަބޫލުކުރާ ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ އިންޓްރެސްޓްގެ ޖުމުލަ އަދަދު، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

(ހ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްގެން ތަޢުލީމުގެ ޚިދުމަތް ދޭ ތަނަކުން ދޭ ތަޢުލީމުގެ ޚިދުމަތް؛

(ށ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތް ދޭ ތަނަކުން ދޭ ޞިއްޙީ ޚިދުމަތް.

14. ބަޕްލިކް ބެނިފިޓް ޚިދުމަތް ދިނުމަށް ފަށާ ޓެކްސް އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 5 އަހަރު ފާއިތުވުމުން، އެ ޚިދުމަތަކަށް މި ރޫލިންގގެ 13 ވަނަ ޕެރެގްރާފް ރައްދެއް ނުވާނެއެވެ.

15. ޓެކްސް ރޫލިންގ TR-2018/B68 މެދުވެރިކޮށް މި ރޫލިންގއަށް ގެނެވުނު އިޞްލާޙުތައް ހިނގާނީ ޓެކްސް އަހަރު 2018 އާއި އޭގެ ފަހުން ފެށޭ ޓެކްސް އަހަރުތަކަށެވެ.

 

ޢަމަލުކުރަން ފެށުން

16. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. އަދި މި ރޫލިންގ ހިނގާނީ ޓެކްސް އަހަރު 2018 އާއި އޭގެ ފަހުން ފެށޭ ޓެކްސް އަހަރުތަކަށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ