1. ތައާރަފު
މިއީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 25 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
2. މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދިނުމުގައްޔާއި އެ ހުއްދަ ބާޠިލުކުރުމުގައި މީރާއިން ޢަމަލުކުރާނެ ގޮތް ބަޔާންކުރުމާއި، ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިޙްތިޞާޞް ކަނޑައެޅުމާއި، ޓެކްސް އޭޖެންޓުން ޢަމަލުކުރާނެ ސުލޫކީ މިންގަނޑުތައް ކަނޑައެޅުމެވެ.
3. ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިޚްތިޞާޞް
(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭ ޓެކްސް އޭޖެންޓުންނަށް ކުރެވޭނީ އަންނަނިވި މަސައްކަތްތަކެވެ.
(1) ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކާ ފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުން؛
(2) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް ތައްޔާރުކުރުން؛
(3) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ އެހެނިހެން އެންގުންތަކާއި ފޯމުތަކާއި ރިޕޯޓުތަކާއި ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދާ ގުޅިގެން ނުވަތަ އެ ފަރާތުގެ ޤާނޫނީ ޒިންމާތަކާ ނުވަތަ ޙައްޤުތަކާ ގުޅިގެން މީރާއަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން؛
(4) މީރާއިން ނުވަތަ ކޮމިޝަނަރ ޖެނެރަލް ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރަން ބޭނުންވާނަމަ، އެ ކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން؛
(5) ޓެކްސް ޤާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އަދި ޓެކުހާ ގުޅޭ ކަންކަމުގައި ޓެކްސް ދައްކާ ފަރާތަށް ލަފާދިނުން؛
(6) ޓެކްސް ދައްކާ ފަރާތާ ގުޅޭ ކަންކަމުގައި އެ ފަރާތުގެ ބަދަލުގައި މީރާއާ މުޢާމަލާތްކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް، މި ގަވާއިދުގެ ދަށުން މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓެއް ފިޔަވައި އެހެން ފަރާތަކުން، ޓެކްސް އޭޖެންޓެއްގެ ހައިސިއްޔަތުން ކުރުމަކީ މަނާކަމެކެވެ.
4. ޓެކްސް އޭޖެންޓުންނަށް ނުކުރެވޭނެ ކަންތައްތައް
މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ އެއްވެސް ޓެކްސް އޭޖެންޓަކީ މީރާގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތުން މީރާގެ މުވައްޒަފެއްގެ ހައިސިއްޔަތުން ތަމްސީލުކޮށްފައިވާ ނުވަތަ މަސައްކަތްކޮށްފައިވާ އެއްވެސް މައްސަލައެއްގައި މަސައްކަތްކުރުމަކީ ހުއްދަކަމެއް ނޫނެވެ.
5. ޓެކްސް އޭޖެންޓުންގެ ޝަރުޠު
ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެވޭ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
(ހ) މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
(ށ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ޚިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން، ނުވަތަ މާލީ ކަންތައްތަކާ ނުވަތަ ވިޔަފާރިއާބެހޭ އެއްވެސް ޤާނޫނެއްގެ ދަށުން ކުށެއް ކުރިކަން ސާބިތުވެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހެއް ކަމުގައި ވުން؛
(ނ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ޚިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއްގެ ތުހުމަތުގައި، ނުވަތަ މާލީ ކަންތައްތަކާ ނުވަތަ ވިޔަފާރިއާބެހޭ އެއްވެސް ޤާނޫނެއްގެ ދަށުން ކުށެއް ކޮށްފައިވާ ކަމުގެ ތުހުމަތުގައި އެ މީހެއްގެ މައްޗަށް ޝަރީޢަތްކުރެވެމުން ދާ މީހެއް ކަމުގައި ނުވުން؛
(ރ) ޓެކްސް އޭޖެންޓެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ތަޢުލީމީ ފެންވަރު އަދި މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ މީހެއް ކަމުގައި ވުން؛
(ބ) ދިވެހިރައްޔިތެއް ކަމުގައި ވުން.
(ޅ) ގަވާއިދު ނަންބަރު 2014/R-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން މި ގަވާއިދުގެ ދަށުން، ދިވެހި ރައްޔިތުން ފިޔަވައި އެހެން ފަރާތްތަކަށް ދީފައިވާ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެމިއޮންނާނީ 31 ޑިސެންބަރު 2022 ގެ ނިޔަލަށެވެ.
6. ޓެކްސް އޭޖެންޓުކަމުގެ ކެޓަގަރީތައް
ޓެކްސް އޭޖެންޓުންނަށް ދޭ ހުއްދަ ބެހިގެން ވަނީ އަންނަނިވި 2 ކެޓަގަރީއަށެވެ.
(ހ) ކެޓަގަރީ 1.
(ށ) ކެޓަގަރީ 2.
7. ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުން
(ހ) ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުންނަށް، ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ޓެކްސް އޭޖެންޓުކަމުގެ ޚިދުމަތް ދެވިދާނެއެވެ.
(ށ) ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެވޭ ފަރާތްތަކުގެ ކިބައިގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
(1) އެކައުންޓަންސީ ދާއިރާއިން ނުވަތަ އޮޑިޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ލެވެލްއަކަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ ފުލީ ކޮލިފައިޑް މެންބަރަކަށް ވުން؛ އަދި
(2) ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިޙާނަކުން ފާސްވުން.
(3) (އުނިކޮށްފައި).
8. ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުން
(ހ) ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުންނަށް، ޓެކްސް އޭޖެންޓުކަމުގެ ޚިދުމަތް ދެވޭނީ އެ ފަރާތަކަށް އަހަރެއްގެ ތެރޭގައި ލިބޭ ޖުމުލަ އާމްދަނީ 10,000,000ރ (ދިހަ މިލިއަން ރުފިޔާ) އަށްވުރެ އިތުރުނުވާ ޓެކްސް ދައްކާ ފަރާތްތަކަށެވެ.
(ށ) ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެވޭ ފަރާތްތަކުގެ ކިބައިގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
(1) އެކައުންޓަންސީ، އޮޑިޓިންގ، ފައިނޭންސް، އިކޮނޮމިކްސް، ބިޒްނަސް ނުވަތަ ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލްއަކަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ އެފިލިއޭޓް ނުވަތަ ފުލީ ކޮލިފައިޑް މެންބަރަކަށް ވުން؛ އަދި
(2) ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަމަށް ކުރިމަތިލާ ފަރާތްތަކަށް މީރާއިން ހިންގާ ކޯސް ފުރިހަމަކޮށްފައިވުން؛ އަދި
(3) މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޯސް ފުރިހަމަކުރުމުން، ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިޙާނަކުން ފާސްވުން.
(4) (އުނިކޮށްފައި).
9. މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީތައް
(ހ) މި ގަވާއިދުގެ ބޭނުމަށް މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއް ކަމަށް ބުނެފައި އެ ވަނީ އަންނަނިވި ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީތަކަށެވެ.
(1) ދަ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (ACCA)؛
(2) ދަ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އޮފް ދަ ޔުނައިޓެޑް ކިންގްޑަމް (CIMA)؛
(3) ސީ.ޕީ.އޭ އޮސްޓްރޭލިއާ (CPA Australia)؛
(3-1) ދި އެމެރިކަން އިންސްޓިޓިއުޓް އޮފް ސަރޓިފައިޑް ޕަބްލިކް އެކައުންޓެންޓްސް (AICPA)؛
(3-2) އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އިން އިންގްލެންޑް އެންޑް ވޭލްސް (ICAEW)؛
(3-3) އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (CA Maldives)؛
(4) ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ސްރީލަންކާ (ICAS)؛ އަދި
(5) ދަ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް އިންޑިއާ (ICAI).
(ށ) މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްގެން، މި މާއްދާގެ (ހ) ގައި ވާ، މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
10. ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދުން
(ހ) ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން MIRA 113 (ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދުން) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަމަށް ކުރިމަތިލާ މީހަކީ ދިވެހި ދައުލަތުގެ މުއައްސަސާއެއްގެ މުވައްޒަފެއްނަމަ، މީރާއިން ހުއްދަދީފައިވާ ޓެކްސް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޭނާ ވަޒީފާ އަދާކުރާ މުއައްސަސާއިން އިއުތިރާޒުނުކުރާކަން ސާފުކޮށް ބަޔާންކޮށް އެ މުއައްސަސާއިން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ނ) (އުނިކޮށްފައި).
(ރ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާގެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވުމުގެ ކުރިން އެ މުވައްޒަފަކަށް މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
(ބ) ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް ގަބޫލުކުރާ ފަރާތްތަކަށް، އެ މީހެއްގެ "ޓެކްސް އޭޖެންޓް ރަޖިސްޓްރޭޝަން ނަންބަރު" ހިމެނޭ ރަޖިސްޓްރޭޝަން ސެޓްފިކެޓެއް ދޫކުރަންވާނެއެވެ.
11. ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ބާޠިލުކުރުން
(ހ) އަންނަނިވި ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ ޓެކްސް އޭޖެންޓަކަށް މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(1) ޓެކްސް އޭޖެންޓުކަމުގެ ޝަރުޠެއް އެ މީހެއްގެ ކިބައިގައި ފުރިހަމަ ނުވުން؛
(2) ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދިނުމުގައި މީރާއިން ކަނޑައަޅައިފައިވާ ޝަރުޠަކާ އެ މީހަކު ޚިލާފުވުން ނުވަތަ ޓެކްސް އޭޖެންޓުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައް ކަމަށް މީރާއިން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެ މީހަކު ޚިލާފުވުން؛
(3) އޮޅުވާލުމެއް އެކުލެވޭ ލިޔެކިޔުމެއް މީރާއަށް ހުށަހެޅުން؛
(4) (އުނިކޮށްފައި).
(5) އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ޝަރުޢީ ކޯޓަކަށް ސާބިތުވުން؛
(6) ސާބިތު ދަރަންޏަކާ ގުޅިގެން އެ މީހެއްގެ މައްޗަށް ކުރެވިފައިވާ ޙުކުމާ އެއްގޮތަށް ފައިސާ ނުދެއްކުން، ނުވަތަ އެ މީހަކު އިފްލާސްކުރުން؛
(7) ޕްރޮފެޝަނަލް ބޮޑީއަކުން އެ މީހަކާމެދު ތައުދީބީ ފިޔަވަޅެއް އެޅުން؛
(8) (އުވައިލެވިފައި.)
(ށ) ޓެކްސް އޭޖެންޓަކަށް ދޫކޮށްފައިވާ ހުއްދަ މި މާއްދާގެ ދަށުން މީރާއިން ބާޠިލުކޮށްފިނަމަ، 10 (ދިހައެއް) އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އަލުން އެ ފަރާތަކަށް ހުއްދަ ނުދިނުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ނ) ޓެކްސް އޭޖެންޓަކަށް ދޫކޮށްފައިވާ ހުއްދަ މި މާއްދާގެ ދަށުން މީރާއިން ބާޠިލުކޮށްފައި ވަނީ މި ގަވާއިދާ އެއްގޮތަށް ނޫން ކަމަށް އެ ފަރާތަށް ގަބޫލުކުރެވޭނަމަ، އެ ފަދައިން ގަބޫލުކުރެވޭ ސަބަބުތަކާއި ކަމާ ގުޅޭ ލިޔެކިޔުންތަކާއެކު، ހުއްދަ ބާޠިލުކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކަން ކޮމިޝަނަރ ޖެނެރަލަށް ލިޔުމުން އިލްތިމާސްކުރަންވާނެއެވެ.
(ރ) ޓެކްސް އޭޖެންޓަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރުމަށް އެ އޭޖެންޓަކު އެދޭނަމަ އެ ކަމަށް އެދި ކޮމިޝަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
12. ޓެކްސް އޭޖެންޓުން ޢައްޔަންކުރުން
(ހ) ޓެކްސް ދައްކާ ފަރާތަކުން މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ޓެކްސް އޭޖެންޓަކު ޢައްޔަންކުރާނަމަ MIRA 114 (ޓެކްސް އޭޖެންޓު ޢައްޔަންކުރުން) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މީރާއަށް ހުށަހެޅުމުގެ ކުރިން ޓެކްސް އޭޖެންޓަކު އެއްވެސް ޓެކްސް ދައްކާ ފަރާތެއް ތަމްސީލުކޮށްގެން ނުވާނެއެވެ.
(ނ) ޓެކްސް ދައްކާ ފަރާތަކަށް، އެ ފަރާތުގެ ޓެކްސް އޭޖެންޓުގެ ގޮތުގައި ޢައްޔަންކުރެވޭނީ މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދޫކޮށްފައިވާ 1 (އެކެއް) ޓެކްސް އޭޖެންޓެވެ.
(ރ) މި މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން ޢައްޔަންކުރާ ޓެކްސް އޭޖެންޓަކީ އެ ފަރާތުގެ މުވައްޒަފެއް ކަމުގައި ވެގެން ނުވާނެއެވެ.
13. ޓެކްސް އޭޖެންޓުން ވަކިކުރުން ނުވަތަ ޓެކްސް އޭޖެންޓުކަމުން ވަކިވުން
(ހ) ޓެކްސް ދައްކާ ފަރާތަކުން ޢައްޔަންކޮށްފައިވާ ޓެކްސް އޭޖެންޓަކު އެ ކަމުން ވަކިކުރުމަށް އެދޭނަމަ އެ ކަން ކޮމިޝަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) ޓެކްސް އޭޖެންޓަކު ޓެކްސް ދައްކާ ފަރާތެއް ތަމްސީލުކުރުން ހުއްޓާލަން އެދޭނަމަ އެ ކަން ކޮމިޝަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޓެކްސް އޭޖެންޓަކު ވަކިކުރުމަށް ނުވަތަ ވަކިވުމަށް އެދި ހުށަހެޅުމެއް ލިބިއްޖެނަމަ، ޓެކްސް ދައްކާ ފަރާތުން އެ ޓެކްސް އޭޖެންޓު ޢައްޔަންކޮށްފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާ ކަން، ސަރުކާރު ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މީރާއިން އެ ދެ ފަރާތަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އެންގުމެއް ނާންގާހާ ހިނދަކު، މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް ދައްކާ ފަރާތުން ޓެކްސް އޭޖެންޓުން ޢައްޔަންކޮށްފައި އޮތް އޮތުން ދެމިއޮތްކަމުގައި ބެލެވޭނެއެވެ.
14. ޓެކްސް ދައްކާ ފަރާތާބެހޭ މައުލޫމާތު ޓެކްސް އޭޖެންޓުންނަށް ހާމަކުރުން
ޓެކްސް ދައްކާ ފަރާތަކުން ޓެކްސް އޭޖެންޓަކު ޢައްޔަންކޮށްފިނަމަ، އެއީ އެ ފަރާތާބެހޭ މަޢުލޫމާތު އެ ޓެކްސް އޭޖެންޓަކަށް ހާމަކުރުމަށް ދީފައިވާ، ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަޔާންކޮށްފައިވާ ފަދަ ހުއްދައެއް ކަމަށް ބެލެވޭނެއެވެ.
15. ޓެކްސް އޭޖެންޓުންގެ ސުލޫކީ މިންގަނޑު
މި ގަވާއިދުގެ ދަށުން ހުއްދަ ދޭ ކޮންމެ ޓެކްސް އޭޖެންޓަކު ވެސް ތިރީގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
(ހ) ކޮންމެ ޓެކްސް އޭޖެންޓަކީ ވެސް މަސައްކަތުގެ އަޚުލާޤު ހިފަހައްޓާ، ތެދުވެރި އަދި އިޚްލާޞްތެރި މީހަކަށްވާންވާނެއެވެ. އަދި އޭނާއަކީ މީރާއާއެކު މުޢާމަލާތްކުރުމުގައި މީރާއަށް ފުރިހަމައަށް އެއްބާރުލުން ދޭ މީހަކަށްވާންވާނެއެވެ. ޓެކްސް އޭޖެންޓަކު ޓެކްސް ދައްކާ ފަރާތްތަކަށް ދޭ މަޢުލޫމާތު ވާންވާނީ، އޭނާއަށް އެނގިހުރި މިންވަރަކުން އަދި އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި، ޞައްޙަ މަޢުލޫމާތަށެވެ.
(ށ) ޓެކްސް އޭޖެންޓުކަމުގެ ޚިދުމަތްދިނުމުގައި ޓެކްސް އޭޖެންޓަކަށް ލިބޭ އެއްވެސް މަޢުލޫމާތެއް އޭނާގެ އަމިއްލަ ފައިދާއަކަށް ނުވަތަ އެ މަޢުލޫމާތު ރައްދުވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ފައިދާއަކަށް ބޭނުންކޮށްގެންނުވާނެއެވެ.
(ނ) ޓެކްސް ދެއްކުމަށް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް، ޓެކްސް ދައްކާ ފަރާތުން ޓެކްސް އޭޖެންޓާ ހަވާލުކުރާ ފައިސާ އެ ޓެކްސް އޭޖެންޓު ބޭނުންކޮށްގެންނުވާނެއެވެ. އަދި އެ ފައިސާ މީރާއަށް ނުވަތަ އެ ފައިސާ ދައްކަންޖެހޭ ތަނަކަށް ދެއްކި ކަމުގެ ލިޔެކިޔުންތައް ޓެކްސް ދައްކާ ފަރާތާ ހަވާލުކުރަންވާނެއެވެ.
(ރ) ޓެކްސް އޭޖެންޓު އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ ޕްރޮފެޝަނަލްކަމާ އެކުގައެވެ. އަދި ޓެކްސް އޭޖެންޓެއްގެ ގައިގައި ހުންނަންޖެހޭ ފެންވަރު ދެމެހެއްޓުމަށް، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކާއި ޓެކްސް ރޫލިންގތަކަށް އަހުލުވެރިވާންވާނެއެވެ.
(ބ) ޓެކްސް އޭޖެންޓުކަމުގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓެކްސް އޭޖެންޓުންގެ މުވައްޒަފުންނަކީ ވެސް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކާއި ޓެކްސް ރޫލިންގތަކަށް އަހުލުވެރި ބަޔަކަށްވާންވާނެއެވެ.
(ޅ) ޓެކްސް ބަޔާންތަކާއި މާލީ ހިސާބުތަކާއި މީރާއަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްފައި ވަނީ އެ ކަމުގައި ޢަމަލުކުރުމަށް މީރާއިން ކަނޑައަޅައިފައިވާ ގޮތަށް ކަން ޓެކްސް އޭޖެންޓު ކަށަވަރުކުރަންވާނެއެވެ.
(ކ) މީރާއިން ނިންމާ ނިންމުމަކަށް ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ، އެ އިއުތިރާޒުކުރާ ސަބަބުތަކަކީ އެ ކަމާމެދު އިއުތިރާޒުކުރެވޭނެ އަދި އެ ކަމަށް އެކަށޭނަ ސަބަބުތަކެއްތޯ ޓެކްސް އޭޖެންޓު ބަލަންވާނެއެވެ.
(އ) މީރާއިން މަޢުލޫމާތެއް ހޯދަން އެދިއްޖެނަމަ އެ މަޢުލޫމާތު ފުރިހަމައަށް ޓެކްސް އޭޖެންޓު ފޯރުވައިދޭންވާނެއެވެ.
(ވ) ޓެކްސް ދައްކާ ފަރާތްތަކަށް ލަފާދިނުމުގައި ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކާއި ޓެކްސް ރޫލިންގތަކަށް ފުރިހަމައަށް ރިޢާޔަތްކުރަންވާނެއެވެ.
(މ) ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ޓެކްސް އޭޖެންޓު، ޓެކްސް ދައްކާ ފަރާތްތަކަށް އޮޅުންފިލުވައިދޭންވާނެއެވެ.
(ފ) ޓެކްސް ދެއްކުމަށް އެކަށީގެންވާ މިންވަރަށް ފައިސާ ބެހެއްޓުމަށް ޓެކްސް ދައްކާ ފަރާތަށް ލަފާދިނުމާއެކު، ޓެކްސް ދައްކާ ފަރާތްތަކުން އަދާކުރަންޖެހޭ އެކިއެކި އިލްތިޒާމުތައް އަދާނުކޮށްގެން ދައްކަންޖެހިދާނެ ޖޫރިމަނާ ނުވަތަ ކުރިމަތިލާންޖެހިދާނެ އަދަބުތައް ޓެކްސް ދައްކާ ފަރާތަށް ޓެކްސް އޭޖެންޓު އޮޅުންފިލުވައިދޭންވާނެއެވެ.
16. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އޭޖެންޓުން ރަޖިސްޓަރީކުރުން
ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މި ގަވާއިދުގެ ދަށުން ދޫކުރާ ހުރިހާ ފަރާތްތަކުން ވެސް ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާންވާނެއެވެ.
17. އަހަރީ ރިޕޯޓު ހުށަހެޅުން
މި ގަވާއިދުގެ ދަށުން ހުއްދަ ދޭ ކޮންމެ ޓެކްސް އޭޖެންޓަކު ވެސް، ފާއިތުވި އަހަރު އެ އޭޖެންޓު ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު އަންގައިދޭ އަހަރީ ރިޕޯޓެއް މީރާއިން ކަނޑައަޅާ ނަމޫނާ އަކާ އެއްގޮތަށް، ކޮންމެ އަހަރެއްގެ 31 މާރިޗުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.
18. ފެންވަރު ދެމެހެއްޓުމުގެ ޕްރޮގްރާމް
(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދޭ ކޮންމެ ޓެކްސް އޭޖެންޓަކު ވެސް، ޓެކްސް އޭޖެންޓުންގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން މީރާއިން ހިންގާ ޕްރޮގްރާމް ފުރިހަމަކުރަންވާނެއެވެ.
(ށ) (އުނިކޮށްފައި).
(ނ) (އުނިކޮށްފައި).
19. ޓެކްސް އޭޖެންޓުންގެ ލިސްޓު އާންމުކުރުން
މި ގަވާއިދުގެ ދަށުން މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓުންގެ ދަފުތަރު މީރާގެ ވެބްސައިޓުގައި ޝާއިޢުކުރަންވާނެއެވެ.
20. ޓެކްސް އޭޖެންޓުންގެ ގޮތުގައި އިސްތިހާރުކުރުން
ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މީރާއިން ދީފައިވާ މީހަކު މެނުވީ، ޓެކްސް އޭޖެންޓުކަމުގެ ޚިދުމަތް ފޯރުވައިދޭ ކަމަށް ނުވަތަ އެ މީހަކީ ޓެކްސް އޭޖެންޓެއް ކަމަށް އެއްވެސް ސިފައެއްގައި އިސްތިހާރުކޮށްގެން ނުވާނެއެވެ.
21. ގަވާއިދަށް ޢަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
22. އުވާލެވޭ ގަވާއިދު
ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 65 ވަނަ މާއްދާ އަދި 66 ވަނަ މާއްދާ، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އުވުނީއެވެ.
23. މާނަކުރުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު:
"ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށެވެ.
"މީރާ" ކަމަށް ބުނެފައި އެ ވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
"ޤާނޫނު" ކަމަށް ބުނެފައި އެ ވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށެވެ.
(ށ) މި ގަވާއިދުގެ ބޭނުމަށް، ޢިބާރާތްކުރުމުގައި، ގިނަނަމުގެ ތެރޭގައި އެކަހެރި ނަން އަދި އެކަހެރި ނަމުގެ ތެރޭގައި ގިނަނަން ހިމެނެއެވެ.