1. ތަޢާރުފާއި ނަން
(ހ) މި ޤާނޫނަކީ ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ.
(ށ) މި ޤާނޫނަށް ކިޔާނީ "ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު" އެވެ.
2. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމާއި ދެމެހެއްޓުން
މި ޤާނޫނުން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)" ގެ ނަމުގައި ނަންދެވިފައިވާ މިނިވަން މުސްތަޤިއްލު ވަކި ޤާނޫނީ ޝަޚްޞެއް އުފެދުނީއެވެ. މިތަނަކީ މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ ތަނެކެވެ. އަދި މިތަނަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހޯދުމާއި، ލިބިގަތުމާއި، މިލްކުކުރުމާއި، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ތަނެކެވެ.
3. މީރާގެ މައިގަނޑު މަޤްޞަދު
މީރާގެ މައިގަނޑު މަޤްޞަދުތަކަކީ؛
(ހ) ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުން.
(ށ) ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
(ނ) ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން.
(ރ) މީރާއަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން.
(ބ) ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ނެގުމާބެހޭ ޤާނޫނާއި ގަވާއިދާބެހޭ ފުރިހަމަ މަޢުލޫމާތުދީ، އެފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރުން.
(ޅ) ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން.
(ކ) އެންމެހައި ޓެކްސް ޤާނޫނުތަކުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކްލެއިމް، ސްޓޭޓްމަންޓް، ނޯޓިސް ފަދަ ހުރިހާ ފޯމްތައް، އޭގައި ހުންނަންވާނެ މަޢުލޫމާތު ބަޔާންކޮށް ތައްޔާރުކުރުން އަދި ބޭނުންވެއްޖެ ހިނދެއްގައި އިޞްލާޙުތައް ގެނައުން.
(އ) ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުން.
(ވ) ޓެކްސްއާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން.
4. މީރާގެ ބޯޑު
(ހ) މީރާގެ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، މި ޤާނޫނުން ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށް، މި ޤާނޫނުގައިވާ ގޮތުގެމަތިން ޢައްޔަންކުރެވޭ ބޯޑެއް އޮންނަންވާނެއެވެ.
(ށ) މިރާގެ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(1) ޓެކްސް ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން؛
(2) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، މީރާގެ އެންމެހައި މުވައްޒަފުންގެ މިލްކިއްޔާތާބެހޭ މަޢުލޫމާތު ދިރާސާކުރުމާއި، އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދުން؛
(3) ޓެކްސް ނެގުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް މީރާއިން ތަންފީޒުކުރޭތޯ ބެލުމާއި، މީރާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުން؛
(4) މީރާގެ އިދާރީ ކަންކަން ހިންގުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބޭނުންވެއްޖެ ހިނދެއްގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލަފާދިނުން؛
(5) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި މީރާގެ މުވައްޒަފުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ކަނޑައެޅުން.
(ނ) މީރާ އުފައްދާތާ 60 ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަންވާނެއެވެ.
(ރ) މީރާގެ ބޯޑު އެކުލެވިގެންވަނީ އަންނަނިވި 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.
(1) ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ފަރާތް؛
(2) ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 5 (ފަހެއް) މެންބަރުން؛
(3) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން.
(ބ)
(1) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރު ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(2) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރުން ޢައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ބޯޑުގެ މެންބަރުން ޢައްޔަންކުރަންވާނީ، ޢާންމުކޮށް އިޢުލާނުކުރުމުން، ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތައް ދިރާސާކޮށް، އެ ދިރާސާގެ ނަތީޖާއަށް ބަލައި، ނަންތައް ތަރުތީބުކޮށް، އެ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބައެކެވެ. މިގޮތުން، ނަން ފޮނުވުމުގައި ބޯޑަށް މެންބަރުން ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ނަން ފޮނުވަންވާނެއެވެ. ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް، ބޯޑަށް ބޭނުންވާ މެންބަރުންގެ ޢަދަދަށްވުރެ މަދުނަމަ، ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
(ޅ) ބޯޑުގެ މެންބަރުން ކަމުގައި ޢައްޔަންކުރާ މީހުންގައި ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.
(1) މުސްލިމަކު ކަމުގައިވުން؛
(2) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(3) ބުއްދި ސަލާމަތުން ހުރުން؛
(4) ޢުމުރުން 18 އަހަރު ފުރިފައިވުން؛
(5) އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތައް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(6) އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
(7) ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(8) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
(9) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން؛
(10) ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ޓެކްސް، އިޤްތިޞާދު، މާލީ، އެކައުންޓިންގ، ވިޔަފާރި ނުވަތަ ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ އެއިން ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ޙާޞިލުކުރުމަށްފަހު އެ ދާއިރާއެއްގައި މަސައްކަތްކޮށް، މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
(11) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
(1-ޅ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެންބަރެއްގެ ގޮތުގައެވެ.
(ކ) ބޯޑަށް ޢައްޔަންކުރެވޭ މެންބަރަކު، އެމަޤާމުގައި ދެމިހުންނާނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކީ، އަލުން އިތުރު ދައުރަކަށް ބޯޑަށް ޢައްޔަންކުރެވިދާނެ މެންބަރެކެވެ.
(އ) ބޯޑުގެ ޗެއަރޕަރސަންއަކީ މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތެވެ. ބޯޑުގެ ޑެޕިއުޓީ ޗެއަރޕަރސަންއަކީ މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން ބޯޑުން ޢައްޔަންކުރާ މީހެކެވެ.
(ވ) ޗެއަރޕަރސަންއަށް ބޯޑުގެ މަސައްކަތްތަކަށް ހާޒިރުވެވެން ނެތް ޙާލަތެއްގައި ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރާނީ ޑެޕިއުޓީ ޗެއަރޕަރސަންއެވެ. އަދި މި ޤާނޫނުން ޗެއަރޕަރސަންއަށް ލިބިގެންވާ އެންމެހައި ބާރުތައް މިޙާލަތުގައި ޑެޕިއުޓީ ޗެއަރޕަރސަންއަށް ލިބިގެންވެއެވެ.
5. ބޯޑުގެ މެންބަރުން ވަކިކުރުމާއި އިސްތިޢުފާ ދިނުން
(ހ) މީރާގެ ބޯޑުގައި ހިމެނޭ މެންބަރަކަށް އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރި ވެއްޖެނަމަ، މީރާގެ ބޯޑުގެ މެންބަރުކަމުން ވަކިވާނެއެވެ.
(1) ޝަރުޢީ ޙުކުމަކުން އިފްލާސްކުރުން؛ ނުވަތަ
(2) ޖިނާއީ ކުށެއް ކުރިކަން ޝަރުޢީ ކޯޓަކަށް ސާބިތުވެ ޙުކުމްކުރުން؛ ނުވަތަ
(3) މެންބަރެއްގައި ހުރުމަށް މި ޤާނޫނު ލާޒިމްކުރާ ސިފައެއް އުނިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިނުވިނަމަވެސް، ބޯޑު މެންބަރުންގެ ތެރެއިން މެންބަރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވިކަމަށް، ނުވަތަ މަޤާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މީރާގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ.
(ނ) ބޯޑުގެ މެންބަރަކު އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު މަޤާމުން ވަކިވީއެވެ.
(ރ) ބޯޑުގެ މެންބަރަކު އެއްވެސް ސަބަބަކާހުރެ އެ މެންބަރަކު ޢައްޔަންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ މަޤާމުން ވަކިވެއްޖެނަމަ، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ ހުސްވި މަޤާމަށް މީހަކު ޢައްޔަންކުރަންވާނެއެވެ.
6. ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް
ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
7. ބޯޑުގެ ޖަލްސާތައް ބޭއްވުން
(ހ) މަދުވެގެން މީލާދީ ކޮންމެ މަހަކު އެއް ފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.
(ށ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޗެއަރޕަރސަންއަށް ފެނިއްޖެ ހިނދެއްގައި ބޯޑުގެ ޖަލްސާ ބޭއްވިދާނެއެވެ.
(ނ) ޑިރެކްޓަރުން ބޯޑުގެ 4 މެންބަރުން ހަމަވެއްޖެނަމަ، ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވީކަމަށް ބެލެވޭނެއެވެ.
(ރ) ބޯޑުން ކަމެއް ފާސްކުރުމަށް ވޯޓު ދިނުމުގައި ބޯޑުގެ ޗެއަރޕަރސަންއަށް ވޯޓު ދެވޭނީ އެ ކަމެއްގައި ދެކޮޅަށް ލިބޭ ވޯޓު އެއްވަރުވެއްޖެ ހިނދެއްގައި އެކަންޏެވެ. ބޯޑުން ފާސްކުރާ ކޮންމެ ކަމެއްގައިވެސް ކޮންމެ މެންބަރަކު ވޯޓު ދިން ގޮތް ވަކިވަކިން ޔައުމިއްޔާއިން އެނގެން އޮންނަންވާނެއެވެ.
(ބ) ބޯޑުގެ އިދާރީ ކަންކަން ބަލަހައްޓާނީ ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.
8. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރުމާއި ވަކިކުރުމާއި މުސާރަ ކަނޑައެޅުން
(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރަންވާނީ، ޢާންމުކޮށް އިޢުލާނުކުރުމުން، އެ ދެ މަޤާމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތައް ދިރާސާކޮށް، އެ ދިރާސާގެ ނަތީޖާއަށް ބަލައި، ނަންތައް ތަރުތީބުކޮށް، އެ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބައެކެވެ. މިގޮތުން ނަން ފޮނުވުމުގައި އެ ދެ މަޤާމަށް ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ނަން ފޮނުވަންވާނެއެވެ.
(ށ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވިކަމަށް، ނުވަތަ މަޤާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރާކަމަށް، ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީރާގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ކޮމިޓީއަށް ފެނިގެން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަޤާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އޭނާ އެ މަޤާމުން ވަކިވާނެއެވެ.
(ނ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް މީރާގެ މަސައްކަތްތަކަށް ހާޒިރުވެވެންނެތް ޙާލަތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަސްއޫލިއްޔަތުތައް އަދާ ކުރާނީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
(ރ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
(ބ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަޤާމުން އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން މަޤާމުން ވަކިވީއެވެ.
(ޅ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު، އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެއެވެ.
(ކ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެވޭ މީހެއްގެ މަޤާމުގެ މުއްދަތަކީ، އެ މަޤާމަށް އޭނާ ޢައްޔަންކުރެވޭ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ. އެހެންނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން މަޤާމުން ވަކިކުރެވޭ ޙާލަތުގައި ފިޔަވައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކޮށްފައިވާ މީހަކު އިތުރު ދައުރަކަށް ޢައްޔަންކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(އ) މި ޤާނޫނުގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކޮށްފައިވާ މީހަކު ޢައްޔަނުކުރެވޭނީ ގިނަވެގެން ފަސް އަހަރުގެ ދެ ދައުރަށެވެ.
9. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ޝަރުތު
މި ޤާނޫނުގެ ދަށުން ޢައްޔަންކުރެވޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަކީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތައް ކަމަށް ވާންވާނެއެވެ.
(ހ) އިޤްތިޞާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ޙާޞިލުކޮށްފައިވުން ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
(ށ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
(ނ) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން.
(ރ) ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބަކުން ހޮވާފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
(ބ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
(ޅ) މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން.
(ކ) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
10. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަސްއޫލިއްޔަތު
(ހ) މި ޤާނޫނާއި އަދިވެސް އެހެން ޓެކްސް ޤާނޫނެއްގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކުރުން ލާޒިމްވާ އެންމެހައި ކަންތައްތަކާއި މީރާއިން ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތައް ހިންގާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
(ށ) ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަސްއޫލިއްޔަތަކަށްވާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، މީރާގެ މަސައްކަތްތަކަށް ހާޒިރުވެވެން ނެތް ޙާލަތެއްގައި ކޮމިޝަނަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމާއި އަދި ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ އެހެނިހެން މަސައްކަތްތައް ކުރުމެވެ.
10-1. މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުން
(ހ) މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ޢައްޔަންކުރެވޭ ބޯޑުގެ މެންބަރުންނާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، މަޤާމާ ޙަވާލުވުމުގެ ކުރިއަށް ފާއިތުވީ އަހަރުގެ، އަދި އެއިން ފަރާތެއް މަޤާމުން ވަކިވާތާ 1 (އެކެއް) އަހަރު ދުވަސް ހަމަވުމާ ހަމައަށް، އަހަރަކު އެއް ފަހަރު، އެފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތަކަށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތުން ހުށަހަޅާ ބަޔާން، މީރާގެ ވެބްސައިޓްގައި ޝާއިޢުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރަކު އެއް ފަހަރު ހުށަހަޅާ ބަޔާން ހުށަހަޅާނީ، ފާއިތުވި އަހަރަށް ނިސްބަތްވާ މަޢުލޫމާތު ހިމަނައި، އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ.
(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ބަޔާން ދިރާސާކޮށް، އެ ބަޔާނާ ގުޅިގެން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓެއް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.
11. މީރާގެ ބަޖެޓާއި އަހަރީ ރިޕޯޓު
(ހ) މީރާއަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، މީރާގެ ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީޚަށް، ނުވަތަ އެ ތާރީޚުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް މީރާއިން އެ ބަޖެޓް ފޮނުވަންވާނެއެވެ.
(ށ) މީރާގެ އާމްދަނީއާއި ޚަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ މިންގަނޑަކާއި އެއްގޮތަށް ތައްޔާރުކޮށް އޮޑިޓްކުރުމަށްފަހު، އަންނަނިވި މަޢުލޫމާތުތައް ހިމެނޭގޮތުން ތައްޔާރުކުރެވިފައިވާ އަހަރީ ރިޕޯޓް، ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.
(1) ޓެކްސްގެ ގޮތުގައި އެހެނިހެން އާމްދަނީގެ ގޮތްގޮތުން އެ އަހަރެއްގެ ތެރޭގައި މީރާއަށް ބަލައިގަތް ފައިސާގެ ޢަދަދު؛
(2) މީރާގެ މަޤްޞަދުތައް ހާސިލުކުރުމުގެ ގޮތުން އެ އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި އޭގެ ނަތީޖާ؛
(3) މީރާ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްޞީލު.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މީރާއިން އެ ރިޕޯޓު ޢާންމުކޮށް ޝާއިޢުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ދިމާވާ ޚާއްޞަ ޙާލަތެއްގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ފެނިއްޖެ ހިނދެއްގައި، އެ ޙާލަތަކާގުޅޭ ޚާއްޞަ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ.
12. މީރާގެ އިދާރާ، މުވައްޒަފުން ޢައްޔަންކުރުމާއި ވަކިކުރުން އަދި މުސާރަ ކަނޑައެޅުން
(ހ) މީރާގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރަންޖެހޭކަމަށް ފެންނަ ޢަދަދަކަށް، ބޯޑުގެ މަޝްވަރާގެ މަތިން، އިދާރާތައް އުފެއްދުމާއި އުވާލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ. މިގޮތުން އުފައްދާ އިދާރާތަކުގެ މަސްއޫލިއްޔަތަކަށް ވާނީ މީރާގެ މަސްއޫލިއްޔަތްތަކުގެ ތެރެއިން ބޯޑުގެ މަޝްވަރާގެ މަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ މަސައްކަތްތައް ކުރުމެވެ.
(ށ) މީރާގެ އޮފިސަރުންނާއި މުވައްޒަފުން އެމީހެއްގެ ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށް ޢައްޔަންކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އެޖެންޓުންނާއި، އެޑްވައިޒަރުން ޢައްޔަންކޮށް، ވަކިކޮށް، މުސާރަ ދޭނެ މިންވަރާއި ގޮތްތައް ކަނޑައަޅައި ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގެ ޝަރުތުތައް އެކަށައަޅައި ހަދާނީ، ބޯޑުގެ މަޝްވަރާގެ މަތިން ރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި އެޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
(ނ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޝްވަރާ ހޯދަންވާނެއެވެ.
(ރ) މިމާއްދާގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާ ނިންމުންތައް ހުންނަންވާނީ ލިޔުމުންނެވެ.
13. މީރާގެ މުވައްޒަފުންނަށް ދެވޭ ޤާނޫނީ ހިމާޔަތް
މީރާގެ އެންމެހައި މުވައްޒަފުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ޤާނޫނީ ހިމާޔަތް ލިބިގެންވެއެވެ.
(ހ) މި ޤާނޫނާއި އެއްގޮތަށް ނުވަތަ މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދަކާއި އެއްގޮތަށް މުވައްޒަފަކު އޭނާގެ ވާޖިބު އަދާކުރުމުގައި ލިބޭ ގެއްލުމަކަށް ނުވަތަ އެފަދަ މައްސަލައަކާގުޅޭ ގޮތުން ކުރެވޭ ޝަރީޢަތަކަށް އެމުވައްޒަފަކު ފަރުދީގޮތުން ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ޙާލަތްތަކުގައި ޒިންމާ އުފުލާނީ މީރާއިންނެވެ.
(ށ) މިމާއްދާގެ (ހ) އާއި ޚިލާފަށް މުވައްޒަފަކު ކުރިކަމަށް ޝަރީޢަތަށް ސާބިތުވާ ކޮންމެ ކުށެއްގެ ޒިންމާ އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ. އަދި އެފަދަ ޙާލަތެއްގައި މީރާއިން އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެއެވެ.
14. މީރާގެ މުވައްޒަފުންގެ ވާޖިބުތަކާއި އެމީހުންގެ މަސައްކަތްތަކަށް ހުރަސްއެޅުންފަދަ ކަންކަންކުރުން
(ހ) މީރާގެ މުވައްޒަފުން ކުރާ މަސައްކަތްތަކަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަމުރާ އެއްގޮތަށް މި ޤާނޫނުގެ ދަށުން ބާރު ލިބިގެން ކުރެވޭ މަސައްކަތްތަކެކެވެ.
(ށ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަމުރެއްގެ ދަށުން ހަރަކާތްތެރިވާ ފަރާތަކުން ކުރެވޭ މަސައްކަތަކަށް އެއްވެސް ހުރަހެއްއަޅާ، ބާރުގެ ބޭނުންކޮށް، ރިޝްވަތުދީ، ލިޔުމަކުން ނުވަތަ އަނގަބަހުންވިއަސް ބިރުދެއްކުން ފަދަ ގޮތަކުން ނުފޫޒު ފޯރުވާ، އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެ އަދި އެކަމަށް އެހީތެރިވުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ:
(1) -/200,000 ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރުން؛ ނުވަތަ
(2) 3 މަސްދުވަހާއި 36 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން؛ ނުވަތަ
(3) -/200,000 ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދެއްގެ ޖޫރިމަނާއާއެކު 3 މަސްދުވަހާއި 36 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.
15. ސިއްރު ހިފެހެއްޓުން
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ތައްޔާރުކޮށްފައިވާ އެއްވެސް ލިޔުމަކީ، ނުވަތަ ޓެކްސް ނެގުމުގެ މަސައްކަތުގެ ތެރޭގައި ލިބޭ ނުވަތަ ހޯދާ ޓެކްސް ދައްކާ ފަރާތާބެހޭ އެއްވެސް މަޢުލޫމާތަކީ، ނުވަތަ މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާ މަޢުލޫމާތަކީ، ސިއްރު މަޢުލޫމާތެވެ. އަދި އެފަދަ މަޢުލޫމާތު، މީރާގެ އެއްވެސް މުވައްޒަފަކު ހާމަކޮށްގެންނުވާނެއެވެ.
(ށ) ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތެއް މީރާގެ މުވައްޒަފަކު ހާމަކުރުމަކުން މިމާއްދާގެ (ހ) އާއި ޚިލާފުވި ކަމަކަށް ނުބެލެވޭނެއެވެ.
(1) ޢާންމުކޮށް ލިބެންހުންނަ މަޢުލޫމާތު؛
(2) އެ މަޢުލޫމާތެއް ހާމަކުރުމުގެ ހުއްދަ އޭގެ ވެރިފަރާތުން ލިޔުމުން ދީފައިވާ މަޢުލޫމާތު؛
(3) ޓެކްސް ނެގުމާބެހޭ ޤާނޫނުގެ ދަށުން ހިންގޭ މަދަނީ ޝަރީޢަތެއްގައި ހާމަކުރެވޭ މަޢުލޫމާތު؛
(4) ޓެކްސް ނެގުމާބެހޭ ޤާނޫނު ނުވަތަ އެނޫންވެސް ޤާނޫނެއްގެ ދަށުން ހިންގޭ ޖިނާއީ ޝަރީޢަތެއްގައި ހާމަކުރެވޭ މަޢުލޫމާތު؛
(5) ޓެކްސް ނެގުމާބެހޭ ޤާނޫނުތައް ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު އެފަދަ އަނެއް މުވައްޒަފަކަށް އެމީހެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ހާމަކުރާ މަޢުލޫމާތު؛
(6) ޓެކްސް ނެގުމާބެހޭ ޤާނޫނުތައް މާނަކުރުމުގައި ލަފާހޯދުމަށް ހާމަކުރާ މަޢުލޫމާތު؛
(7) މި ޤާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޑަބަލް ޓެކްސް އެގްރީމަންޓެއްގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހާމަކުރެވޭ މަޢުލޫމާތު؛
(8) މި އަކުރުގެ (7) ވަނަ ނަންބަރުގައި ނުހިމެނޭ، ބޭރު ޤައުމެއްގައި ނުވަތަ ސަރަޙައްދެއްގައި ހިންގޭ ޓެކްސް ޤާނޫނެއްގެ ދަށުން އެ ޤައުމަކަށް ނުވަތަ ސަރަޙައްދަކަށް ނަގާ ޓެކުހަކާ ގުޅޭގޮތުން އެ ޤައުމެއްގައި ނުވަތަ ސަރަޙައްދެއްގައި ޓެކްސް ޤާނޫނު ހިންގުމަށް ހުއްދަލިބިފައިވާ އޮފިޝަލުންނަށް ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ ފަރާތަކާ ބެހޭގޮތުން ދޭންޖެހޭ މަޢުލޫމާތު؛
(9) ދިވެހި ސަރުކާރާއި އެހެން ސަރުކާރަކާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަޙުޤީޤަށްޓަކައި ހާމަކުރެވޭ މަޢުލޫމާތު؛
(10) މަޢުލޫމާތު ނިސްބަތްވާ ފަރާތް ނޭނގޭގޮތަށް ސަރުކާރުގެ ތަފާސްހިސާބުތަކުގައި ހިމެނުމަށް ހާމަކުރާ މަޢުލޫމާތު.
(ނ) މީރާގެ ކޮންމެ މުވައްޒަފަކުވެސް ޓެކްސް ނެގުމާބެހޭ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރަން ފެށުމުގެ ކުރިން އެވަޒީފާއާގުޅޭ ސިއްރުތައް ހިފެހެއްޓުމަށްޓަކައި އިޤުރާރެއްގައި ސޮއިކުރަންވާނެއެވެ.
(ރ) އެއްވެސް މީހަކު މި މާއްދާގެ (ނ) ގައި ބުނެފައިވާ އިޤުރާރާއި ޚިލާފުވިކަން މީރާގެ ބޯޑަށް ފެނިއްޖެ ޙާލަތެއްގައި، އެ ކަމެއް ޝަރީޢަތުގެ މަރުޙަލާއިން ވަކިގޮތެއް ނިމެންދެން އެމުވައްޒަފެއް ވަޒީފާއިން ސަސްޕެންޑްކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.
(ބ) އެއްވެސް މީހަކު މި މާއްދާގެ (ނ) ގައި ބުނެފައިވާ އިޤުރާރާއި ޚިލާފުވިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ އެމީހެއްގެ އަދަބަކީ:
(1) ވަޒީފާއިން ވަކިކުރުމާއެކު -/100,000 ރުފިޔާ އަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރުން؛ ނުވަތަ
(2) ވަޒީފާއިން ވަކިކުރުމާއެކު 3 މަސްދުވަހާއި 24 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން؛ ނުވަތަ
(3) ވަޒީފާއިން ވަކިކޮށް -/100,000 ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދެއްގެ ޖޫރިމަނާއާއިއެކު 3 މަސްދުވަހާއި 24 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން 5 އަހަރު ފުރުމުގެ ކުރިން މީރާއިން ވަޒީފާއެއް އެމުވައްޒަފަކަށް ދީގެންނުވާނެއެވެ.
(ކ) މި މާއްދާގެ ބޭނުމަށްޓަކައި، މީރާގެ މުވައްޒަފުންގެ ތެރޭގައި މީރާއިން ވަޒީފާ ދޭ މީހުންގެ އިތުރުން، ވަކި މުއްދަތަކަށް، ވަކި ކަމެއް ކުރުމަށް މީރާއިން ޢައްޔަންކުރާ ފަރާތްތައް ހިމެނެއެވެ.
16. މަޢުލޫމާތު ހާމަކުރުން
(ހ) މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން ލިބޭ ނުވަތަ ބަދަލުކުރެވޭ މަޢުލޫމާތު، އެހެން އެއްވެސް ފަރާތަކާ ޙިއްޞާކުރެވޭނީ އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) އާ ޚިލާފުނުވާ ގޮތަށް ބޭރު ޤައުމަކުން ނުވަތަ ސަރަޙައްދަކުން އާމްދަނީން ޓެކްސް ދެއްކުމުގައި އެއްވެސް ޢިނާޔަތެއް ނުވަތަ ލުޔެއް ލިބޭނަމަ، އެފަދަ ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޓެކްސް ދެއްކުމުގައި އެ ލުއި ހޯދުމަށް، އެ ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ކަމާބެހޭ އޮފިސަރަކަށް ކޮންމެހެން ބޭނުންވާނެ މަޢުލޫމާތު ހާމަކުރުމަކީ މި ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއް ނޫނެވެ.
(ނ) ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއެއް ނުވަތަ ޖޫރިމަނާއެއް ނުދައްކާ ފަރާތެއްގެ މަޢުލޫމާތު ހާމަކުރުމަކީ މި ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ސިއްރު ކުރުމާއި ޚިލާފުވާ ކަމެއް ނޫނެވެ.
(ރ) މީރާގެ ސިޔާސަތުތައް ހާމަކޮށް އަދި މީރާގެ ނިންމުންތަކާ ގުޅޭގޮތުން މީޑިއާ ނުވަތަ އެހެންވެސް ފަރާތަކަށް މީރާގެ ފަރާތުން މަޢުލޫމާތު ހާމަކުރާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ މީހެކެވެ.
17. ލިޔެކިއުންތަކުގައި ސޮއިކުރުން
(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާގެ ނަމުގައި ނެރެވޭ ކޮންމެ ލިޔުމެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހުއްދަ ދީފައިވާ މީހަކު ސޮއިކުރަންވާނެއެވެ. އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހުއްދަ ދީފައިވާ މީހެއްގެ ސޮއި އޮތް ކޮންމެ ލިޔުމެއް، އަންނަނިވި ކަމެއް މެދުވެރިނުވާހާ ހިނދަކު ބެލެވޭނީ ޞައްޙަ އެއްޗެއް ކަމަށެވެ.
(1) އެ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އެ ލިޔުމުގައި ބުނެފައިވާ މީހާ ނޫންކަން ސާބިތުވުން، އަދި
(2) އެ ލިޔުމުގެ ކޮޕީ އަކުން ޞައްޙަ ނޫން ސޮއެއްކަން ސާބިތުވުން.
(ށ) މިމާއްދާގެ ބޭނުމަށްޓަކައި އެ ސޮއި އަކީ އަތުން ކޮށްފައިވާ ނުވަތަ ޕްރިންޓް ކޮށްފައިވާ ނުވަތަ ތައްގަނޑަކުން ޖަހާފައިވާ ސޮއެއްކަމަށް ވިޔަސް އެއީ ޞައްޙަ ސޮއެއްކަމަށް ބެލެވޭނެއެވެ.
18. ލިޔެކިއުން ފަދަތަކެތި ރައްދުކުރުން
(ހ) ޓެކްސް ނެގުމާބެހޭ ޤާނޫނެއްގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބާރުދޭ މީހަކު ރައްދު ކުރަންޖެހޭ އެއްވެސް ލިޔެކިއުމެއް ރައްދުކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ށ) އެއްވެސް މީހަކަށް ރައްދުކުރަންޖެހޭ ލިޔެކިއުމެއް، އެ މީހެއްގެ މަތިން ރާއްޖޭގައި ބަލައިގަތުމުގެ ބާރާއި އިޚްތިޔާރު ދީފައިވާ މީހެއްގެ ނަމާއި އެޑްރެސް މީރާއަށް އަންގާފައިވާ ކޮންމެ މީހަކަށް ރައްދުކުރަންޖެހޭ ކޮންމެ ލިޔެކިއުމެއް އެމީހަކަށް ރައްދުކުރުމަށްޓަކައި އެ އެޑްރެހަށް ފޮނުވިދާނެއެވެ.
(ނ) ރާއްޖޭގައި ވަޒަންވެރި ކުންފުންޏަކަށް ނުވަތަ ޕާޓްނަރޝިޕްއަކަށް ރައްދުކުރަންޖެހޭ ލިޔެކިއުމެއް ރައްދުކުރަންވާނީ ތިރީގައިމިވާ ހަމަތަކުގެ މަތިންނެވެ.
(1) ލިޔެކިއުމެއް ރައްދު ކުރަންޖެހެނީ ކުންފުންޏަކަށް ނުވަތަ ޕާރޓްނަރޝިޕަކަށް ނަމަ، ރާއްޖޭގައި ހުރި އެކުންފުނީގެ ނުވަތަ ޕާޓްނަރޝިޕްގެ އެޑްރެސްކަމުގައި މި ޤާނޫނުގެ ދަށުން އެންމެ ފަހުން މީރާއަށް އަންގާފައިވާ އެޑްރެހަށް، ނުވަތަ
(2) ކުންފުންޏެއްނަމަ ސީދާ އެކުންފުނީގެ މަސްއޫލުވާ ފަރާތް، އަދި ޕާޓްނަރޝިޕްއެއްނަމަ ސީދާ އެ ޕާޓްނަރޝިޕްއެއް ތަމްސީލުކުރާ ޕާޓްނަރަކަށް، ނުވަތަ
(3) ކުންފުންޏަކަށްނަމަ އެކުންފުނީގެ މަސްއޫލުވާ ފަރާތް، ނުވަތަ ޕާޓްނަރޝިޕްއެއްނަމަ އެ ޕާޓްނަރޝިޕްއެއް ތަމްސީލުކުރާ ޕާޓްނަރު އުޅޭކަމަށް މި ޤާނޫނުގެ ދަށުން އެންމެ ފަހުން މީރާއަށް އަންގާފައިވާ އެޑްރެހަށް.
(ރ) ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕްއެއް ނޫން އެހެން އެއްވެސް ފަރާތަކަށް ރައްދުކުރަންޖެހޭ ލިޔެކިއުމެއް ނަމަ އެ ލިޔެކިއުމެއް ޙަވާލުކުރަންވާނީ:
(1) ސީދާ އެފަރާތަކާ، ނުވަތަ
(2) ރާއްޖޭގައި އެއްވެސް ވިޔަފާރިއެއް އެމީހަކު ހިންގިކަމަށް މި ޤާނޫނުގެ ދަށުން މީރާއަށް އަންގާފައިވާ އެޑްރެހަށް، ނުވަތަ
(3) އެ ވިޔަފާރިއެއްގެ މަސްއޫލުވާ ފަރާތް ދިރިއުޅޭ އެޑްރެސްކަމުގައި މި ޤާނޫނުގެ ދަށުން މީރާއަށް އެންމެފަހުން އަންގާފައިވާ އެޑްރެހަށް.
(ބ) އެއްވެސް މީހަކު މި ޤާނޫނުގެ ދަށުން މީރާއަށް އަންގަންޖެހޭ އެޑްރެހެއް އަންގާފައިނުވާނަމަ، ރައްދުކުރަންޖެހޭ ލިޔެކިއުމެއް ރައްދުކުރެވޭނީ އެމީހަކު އެންމެފަހުން އުޅޭކަމަށް މީރާއަށް އެނގެންއޮތް އެޑްރެހަށެވެ.
(ޅ) މި މާއްދާގެ ދަށުން ޕޯސްޓު މެދުވެރިކޮށް ފޮނުވާ ލިޔުންތައް ފޮނުވަން ވާނީ ރަޖިސްޓްރީ ޕޯސްޓް މެދުވެރިކޮށެވެ. މިގޮތުން ފޮނުވޭ ލިޔުމެއް އެ ލިޔުން ލިބެންޖެހޭ ފަރާތަށް ލިބުނުކަމަށް ބެލެވޭނީ އެމީހާއަށް ނުވަތަ އެފަރާތެއްގެ އެޑްރެހަށް އެލިޔުން ރައްދުކުރެވުމުންނެވެ.
(ކ) މީރާއަށް ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ރައްދުކުރަންޖެހޭ އެއްވެސް ޓެކްސް ބަޔާނެއް، ނޯޓިސްއެއް، ނުވަތަ އެހެން ލިޔެކިއުމެއް ވިޔަސް ރައްދުކުރަންވާނީ، އެހެން އެޑްރެހަކަށް ބަލައިގަންނާނެކަމަށް މީރާއިން އެއްބަސްވެފައި ނުވާހާހިނދަކު މީރާގެ މައި އޮފީހަށެވެ.
(އ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް އިލެކްޓްރޯނިކް ސިފައިގައި ބަލައިގަތުމާބެހޭ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކާއި އެއްގޮތަށް ހުށަހެޅޭ ލިޔެކިއުންތައް ވާނީ މި ޤާނޫނުގެ ދަށުން ޞައްޙަ ލިޔުންތަކެއްކަމުގައެވެ.
19. އެސެސްމަންޓްސް އާއި ނޯޓިސްފަދަ ލިޔެކިއުމެއް ގައި ކުށް ހުރުން
(ހ) ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން މީރާއިން ދޫކުރާ "އެސެސްމަންޓެއް" ނުވަތަ އެހެން ލިޔެކިއުމެއް ވިޔަސް، ލިޔެކިއުމެއްގައި އެސެސްކުރުމަށް ކަނޑައަޅާ މީހާގެ ޢާންމު ނަމުން ނުވަތަ ކާކުކަން ދޭހަވާ ނަމަކުން މުޚާޠަބު ކުރެވިފައިވާ ނަމަ، އަދި ޤާނޫނުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާގޮތް ނުވަތަ އެމާނަ ދޭހަވާނަމަ، ލިޔެކިއުމެއްގައިވާ ކުށެއްގެ ސަބަބުން ނުވަތަ ލިޔެކިއުމެއް އޮންނަންވާ ގޮތަށް ނެތުމުން ނުވަތަ ލިޔެކިއުމުން ބައެއް މަދުވެފައިވުމަކުން އެފަދަ ލިޔުމެއް ޞައްޙަ ނޫންކަމަށް ބަލައިގެން ނުވަތަ ޢަމަލުނުކޮށް ދޫކޮށްލެވިދާނެކަމަށް ބަލައިގެން ނުވާނެއެވެ.
(ށ) ތިރީގައި ބަޔާންކުރެވިފައިވާ ސަބަބުތަކުންކުރެ ސަބަބަކާހުރެ އެއްވެސް މީހެއްގެ ޓެކްސް އެސެސްމަންޓް އަކަށް ބަދަލެއް ނާންނާނެއެވެ.
(1) ޓެކްސް އެސެސްކުރެވިފައިވާ މީހެއްގެ ފުރިހަމަ ނަމުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން ނުވަތަ ފައިދާ ހިސާބުކުރުމުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން، ނުވަތަ ޓެކްސް ކޮށްފައިވާ ޢަދަދުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން
(2) ޓެކްސް އެސެސްކުރެވިފައިވާ ފައިސާގެ ޢަދަދާއި ނޯޓިސްގައި ހިމެނޭ ފައިސާގެ ޢަދަދުގައިވާ ފަރަގެއްގެ ސަބަބުން
(ނ) މިމާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިއަސް އެފަދަ ލިޔެކިއުމެއްގައި ހުރުންލާޒިމްވާ މައިގަނޑު ބައިތައް އުނިވެފައިވުން، ނުވަތަ ރައްދުކުރަންވާ ފަރާތަށް ރައްދުނުކުރެވުން ފަދަ ޙާލަތެއްގައި ޓެކްސް އެސެސްމެންޓަށް ބަދަލުގެނެވިދާނެއެވެ.
20. އިލެކްޓްރޯނިކް ފޯމް
މީރާއަށް ބަލައިގަންނަ އަދި މީރާއިން އެހެންފަރާތަކަށް ފޮނުވާ ޓެކްސް ބަޔާނާއި، ނޯޓިހާއި ފޯމްތަކާއި އަދި އެހެނިހެން ލިޔެކިއުންތައް އިލެކްޓްރޯނިކް ޒަރީޢާއިން ބަލައިގަނެ ނުވަތަ ފޮނުވާ ހެދުމާއިބެހޭ ގަވާއިދުތައް ތަފާތު ޙާލަތްތަކުގައި ތަފާތުވާގޮތަށް ހެދުމުގެ ބާރާއި އިޚްތިޔާރު ބޯޑަށް ލިބިގެންވެއެވެ.
21. ކުންފުނިތަކާއި އެހެނިހެން ފަރާތްތަކުގެ މަޢުލޫމާތު އެންގުން
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލަސްވެގެން 3 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުނިތަކާބެހޭ މަޢުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން މީރާއަށް ދޭންވާނެއެވެ.
(ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ކޮންމެ ކުންފުންޏަކާބެހޭ މަޢުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން، އެ ކުންފުންޏެއް ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި މީރާއަށް އަންގަންވާނެއެވެ.
(ނ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ކުންފުންޏެއް، ދިވެހިރާއްޖޭގައި ވަޒަންވެރި ކުންފުންޏަކަށްވެއްޖެނަމަ، އެ ކުންފުންޏެއް ދިވެހިރާއްޖޭގައި ޤާއިމުވާ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަކާބެހޭ މަޢުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން މީރާއަށް އަންގަންވާނެއެވެ.
(ރ) މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއްނޫން ކޮންމެ ފަރާތަކުން ޤާނޫނަށް ޢަމަލުކުރަން ފަށާދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެމަޢުލޫމާތު މީރާއަށް އަންގަންވާނެއެވެ.
(ބ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ވިޔަފާރިއެއް ފަށާ ކޮންމެ ފަރާތަކުން (ކުންފުންޏަކަށް ނުވާނަމަ) އެ ވިޔަފާރިއެއް އެ ފަރާތަކުން ފެށި ފުރަތަމަ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި އެމަޢުލޫމާތު މީރާއަށް އަންގަންވާނެއެވެ.
22. މަސްއޫލުވާ މީހާ
(ހ) މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައި ކުންފުނިތަކުންނާއި ޕާޓްނަރޝިޕްތަކުން މި ޤާނޫނަށް ޢަމަލުކުރުމުގައި ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި މީރާއަށް އެންގުމުގައި ޢަމަލުކުރާނެގޮތް ހިމަނަންވާނެއެވެ.
(ށ) ޓެކްސް ދައްކާ ފަރާތަކަށް، ޓެކްސް ޤާނޫނަށް ޢަމަލުކުރުމުގައި އެ ފަރާތެއް ތަމްސީލުކުރުމަށްޓަކައި، އެއްވެސް ޓެކްސްއެއް ނުވަތަ އިންޓަރެސްޓްއެއް ދެއްކުން ނުވަތަ ޤާނޫނާ ޚިލާފުވެގެން ދެވޭ އެއްވެސް އަދަބަކާއި ޙަވާލުވުން ފިޔަވައި ކޮންމެ ކަމަކަށްވެސް އެހެން ފަރާތެއް އައްޔަންކުރެވިދާނެއެވެ.
23. ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރުން
(ހ) މި ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މީރާއަށް އަންގަންޖެހޭ އެންމެހައި ފަރާތްތަކުގެ ރަޖިސްޓްރީއެއް ("ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީ") މީރާގައި ލިޔެ ބަލަހައްޓަންވާނެއެވެ.
(ށ) މި ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މީރާއަށް އަންގަންޖެހޭ ފަރާތަކުން އަންގާފައި ވީނަމަވެސް ނުވަތަ ނޫންނަމަވެސް، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ރަޖިސްޓްރީ ފުރިހަމަ ކުރުމަށްޓަކައި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމަކުން މަޢުލޫމާތު ހުށަހެޅުމަށް މީރާއިން އެފަރާތަކަށް އެންގިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމެއްގައި ބަޔާންކޮށްފައިވާ ތާރީޚެއްގެ ކުރިން (އަންގާ ތާރީޚުން ފެށިގެން 30 ދުވަހަށްވުރެ މަދު ނޫންނަމަ) އެއަށް ޢަމަލުކުރަންވާނެއެވެ.
(ރ) މީރާގައި އޮންނަ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީގައިވާ އެފަދަ ފަރާތެއްގެ މަޢުލޫމާތަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެފަރާތެއްގެ މަސްއޫލުވާފަރާތަކުން، އެ ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި އެކަން މީރާއަށް އަންގަންވާނެއެވެ.
24. ޓެކްސް ދައްކާ ފަރާތް އަންގައިދޭ ނަންބަރު ދޫކުރުން
(ހ) މި ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީ ކުރެވޭ ކޮންމެ ފަރާތަކަށް ޓެކްސް ދައްކާ ފަރާތް އަންގައިދޭ ނަންބަރެއް (ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރ – "ޓިން") މީރާއިން ދޫކުރަންވާނެއެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ "ޓިން"، މީރާ އާއިއެކު ކުރާ ކޮންމެ މުޢާމަލާތެއްގައި ބޭނުންކުރަންވާނެއެވެ.
(ށ) ޓެކްސް ނެގުމާބެހޭ ޤާނޫނުގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހުށަހަޅާއިރު، އެފަދަ ލިޔުމެއްގައި ނުވަތަ މަޢުލޫމާތެއްގައި އެފަރާތެއްގެ "ޓިން" ނުހިމަނާނަމަ ބެލެވޭނީ އެފަރާތަކުން ޓެކްސް ނެގުމާބެހޭ ޤާނޫނުތަކާއި އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަމަށެވެ.
25. ޓެކްސް އޭޖެންޓް
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް ޓެކްސް އޭޖެންޓުންނަށް ހުއްދަ ދިނުމަކީ މީރާގެ މަސްއޫލިއްޔަތެކެވެ. އަދި މިގޮތުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓުންގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް މީރާއިން ތައްޔާރުކޮށް ބަލަހައްޓާ ޢާންމުކުރަންވާނެއެވެ.
(ށ) ޓެކްސް ދައްކަންޖެހޭ ފަރާތަކުން ތައްޔާރުކޮށް މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި މާލީ ހިސާބުތައް، އެފަރާތުގެ ބަދަލުގައި ތައްޔާރުކުރެވޭނީ މި މާއްދާ ގެ (ހ) ގެ ދަށުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓުންނަށެވެ.
(ނ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެވޭނީ އަމިއްލަ ފަރުދަކަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދަދީ އަދި ބާޠިލްކުރާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓެއް ޢައްޔަންކުރި ކަމުގައިވީނަމަވެސް، ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމާއި އަދި ޓެކްސް ޤާނޫނެއްގައި ބަޔާންކުރެވިފައިވާ އެހެނިހެން އިލްތިޒާމްތައް ފުރިހަމަކުރުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތުގެ ޒިންމާއެކެވެ.
(ޅ) ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓެއް އެއްވެސް ޓެކްސް ޤާނޫނެއްގެ މާއްދާއަކަށް ނުވަތަ އެ ޤާނޫނެއްގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވެއްޖެނަމަ، އެފަރާތުން އެކުރީ ކުށެކެވެ.
(ކ) ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިޚްތިޞާޞް ކަނޑައަޅާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުންނެވެ.
26. ޓެކްސް ދައްކާ ފަރާތުގެ ޒިންމާތައް
ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ކޮންމެ ފަރާތަކުން އެ ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުމުގައި އަންނަނިވި ކަންކަން ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
(ހ) މީރާއަށް ދައްކަންޖެހޭ ޓެކްސްގެ ޢަދަދު ފުރިހަމައަށް ހިސާބުކުރުން؛
(ށ) ޓެކްސް ދައްކަންޖެހޭ ޤާނޫނުގެ ދަށުން އެއްވެސް ޢަދަދެއް އުނިކުރަންޖެހޭނަމަ، އެ ޢަދަދެއް އުނިކުރުން؛
(ނ) ޓެކްސް ދައްކަންޖެހޭ ޤާނޫނުގެ ދަށުން ވިތްހޯލްޑިންގ ޓެކުހެއް ދައްކަންޖެހޭ ނަމަ، އެ ޓެކްސްއަށްވާ ޢަދަދު އުނިކުރަންޖެހޭ ފައިސާއިން އުނިކުރުމާއި، އެގޮތުން އުނިކުރެވޭ ފައިސާ މީރާއަށް ދެއްކުން؛
(ރ) ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ޓެކްސް ދެއްކުން؛
(ބ) ޓެކްސް ދައްކާ ފަރާތާބެހޭ އެންމެހައި މަޢުލޫމާތުތަކާއި، ލިޔެކިޔުންތަކާއި، މާލީ ހިސާބުތައް ބަލަހައްޓަންޖެހޭ އުޞޫލުން ބެލެހެއްޓުން.
(ޅ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކާއި އަދި އެނޫންވެސް މަޢުލޫމާތުތަކުގެ ޞައްޙަކަން ޔަޤީންކުރުމަށްޓަކައި މީރާއިން ކުރާ އޮޑިޓްތަކުގައާއި، ތަޙުޤީޤުތަކުގައާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދު މީރާއިން ކަނޑައަޅަންޖެހޭ ޙާލަތްތަކުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފުރިހަމަ އެއްބާރުލުން ދިނުން.
27. ރެކޯޑު ބެލެހެއްޓުން
(ހ) ޓެކްސް ޤާނޫނެއްގައި، އެ ޤާނޫނުގެ ދަށުން ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތަކުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތަކާ ގުޅޭގޮތުން ބަޔާންވެގެންވާ އިލްތިޒާމްތަކުގެ އިތުރުން، އެފަރާތުގެ ޓެކްސް ނެގޭ މުއްދަތެއްގެ ނުވަތަ މުއްދަތުތަކެއްގެ އަންނަނިވި ކަންކަމާ ގުޅޭ މަޢުލޫމާތު ހޯދައި ބެލުމަށް މީރާއިން ބޭނުންވެއްޖަނަމަ، އެކަމަށް ފުދޭނެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުން އެފަރާތުގެ މައްޗަށް ލާޒިމްވެގެންވެއެވެ.
(1) ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ނެގޭ މުއްދަތެއްގެ، ޓެކްސް ނެގޭ ފައިދާގެ ނުވަތަ އާމްދަނީގެ ޖުމްލަ ޢަދަދު؛
(2) ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ނެގޭ ފައިދާ ނުވަތަ އާމްދަނީ ހިސާބުކުރުމުގައި އުނިކޮށްފައިވާ ޚަރަދުތައް؛
(3) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އިތުރު މަޢުލޫމާތު.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ޓެކްސް ދައްކާ ފަރާތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް، އެފަރާތުން ޓެކްސް ދެއްކުމަށް ލާޒިމްކުރާ ޤާނޫނުގައި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުމަށް ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.
(ނ) ޓެކްސް ޤާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިއުންތައް، އެ ލިޔުންތައް ނިސްބަތްވާ ޓެކްސް އަހަރު ނިމޭތާ މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ޓެކްސް ޤާނޫނެއްގެ ދަށުން އެއްވެސް ފަރާތެއްގެ ހިސާބުތައް މީރާއިން އޮޑިޓްކޮށް އަދި ތަޙުޤީޤުކޮށް ނިމިފައިވާނަމަ، އަދި އެހެން ޤާނޫނެއްގެ ދަށުން އެ ހިސާބުތައް ބެލެހެއްޓުމަށް ލާޒިމްނުކުރާހާހިނދަކު، އޮޑިޓްކުރެވުނު ލިޔެކިއުންތައް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ހުއްދައާއެކު ނައްތާލެވިދާނެއެވެ.
28. ވިތްހޯލްޑިންގ ޓެކްސް ދައްކާ ފަރާތަށް ލާޒިމް ކަންކަން
ވަކި ފަރާތަކީ އެއްވެސް ޓެކްސް ޤާނޫނަކުން ވިތްހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތެއްނަމަ، އަންނަނިވި ކަންކަން ކުރުން، އެފަރާތެއްގެ މައްޗަށް ލާޒިމްވެގެންވެއެވެ.
(ހ) ޤާނޫނު ލާޒިމްކުރާ އަދި ހުއްދަކުރާ ޙާލަތެއްގައި މެނުވީ، އެއްވެސް ފަރާތަކުން އުޖޫރަދޭ ފަރާތެއްގެ އުޖޫރައިން ނުވަތަ އެފަރާތުން ވަކި ފަރާތަކަށް އަދާކުރާ އަގަކުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އެއްވެސް ޢަދަދެއް އުނިނުކުރުން؛
(ށ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ޤާނޫނުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު އެކަން ކުރަން ކަމުގައިވާނަމަ، ކޮންމެ މަހަކު އެފަރާތުން މީރާއަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ، އެ ޤާނޫނުގައި ބަޔާންކުރާ މުއްދަތެއްގައި މީރާއަށް ދެއްކުން؛
(ނ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ޤާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު އެކަން ކުރަން ކަމުގައިވާނަމަ، ކޮންމެ މަހަކު އެފަރާތުން މީރާއަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާން، ވިދިގެން އަންނަ މަހުގެ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ މީރާއަށް ދައްކާއިރު، އެ ފައިސާއާއެކު ހުށަހެޅުން؛
(ރ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ޤާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު ކަމުގައިނުވާނަމަ، އެފަރާތުން މީރާއަށް ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުއްދަތުކަމަށް އެ ޤާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު މީރާއަށް ދެއްކުން؛
(ބ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ޤާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު ކަމުގައިނުވާނަމަ، އެފަރާތުން މީރާއަށް ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުއްދަތު ކަމަށް އެ ޤާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާން، ވިދިގެން އަންނަ މަހުގެ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ މީރާއަށް ދައްކާއިރު، އެ ފައިސާއާއެކު ހުށަހެޅުން؛
(ޅ) ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އެއްވެސް ފައިސާއެއް މީރާއަށް ދައްކައިފިނަމަ، އެ ފައިސާއާ ގުޅޭގޮތުން ވިތްހޯލްޑިންގ ޓެކްސް ސެޓްފިކެޓެއް މީރާއިން ހޯދުމަށްފަހު، އެ ސެޓްފިކެޓްގެ ކޮޕީއެއް، އެ ޓެކްސްގެ ފައިސާ އުނިކުރެވުނު އުޖޫރަ ނިސްބަތްވާ ފަރާތަށް ނުވަތަ އަގު އަދާކުރެވޭ ފަރާތަށް ދިނުން؛
(ކ) ވިތްހޯލްޑިންގ ޓެކްސް މީރާއަށް ދެއްކުމަށް ކަމާގުޅޭ ޤާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ މަހުން މަހަށް ކަމުގައިވީނަމަވެސް، ކޮންމެ މަހަކު އެފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނުގެ އިތުރުން، ޓެކްސް އަހަރެއްގެ ތެރޭގައި އޭނާ ދައްކަންޖެހޭ ނުވަތަ ދައްކާފައިވާ އެންމެހައި ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާނެއް، ކަމާގުޅޭ ޤާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން މީރާއަށް ހުށަހެޅުން.
29. ވަޒީފާއެއް އަދާކުރާ މީހުން ޓެކްސް ބަޔާން ހުށަހެޅުން
(ހ) ވަކި މީހަކީ އޭނާ އަދާކުރާ ވަޒީފާއަކާ ގުޅިގެން އުޖޫރައެއް ލިބޭ މީހަކަށްވުމުގެ އިތުރުން، ޓެކްސް ނެގޭ އެހެން އާމްދަނީވެސް ލިބޭ މީހެއް ކަމުގައިވާނަމަ، ކަމާގުޅޭ ޓެކްސް ޤާނޫނުގެ ދަށުން އޭނާގެ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާއިރު އެ ބަޔާނުގައި އޭނާއަށް އާމްދަނީ ލިބޭ ހުރިހާ ވަސީލަތްތަކަކުން ލިބުނު އާމްދަނީ ހިމަނަންވާނެއެވެ. އަދި އޭނާއަކީ، އޭނާއަށް ލިބޭ އުޖޫރައާ ގުޅޭގޮތުން ވިތްހޯލްޑިންގ ޓެކުހަށް ފައިސާ އުނިކުރެވިފައިވާ މީހަކަށްވާތީ، އެގޮތުން އުނިކުރެވިފައިވާ ފައިސާގެ ތަފްޞީލުވެސް އޭނާގެ ޓެކްސް ބަޔާނުގައި ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހަކު އޭނާގެ ޓެކްސް ބަޔާން ހުށަހެޅުމުން، އެ ބަޔާނަށް ބިނާކޮށް، އޭނާ ދައްކަންޖެހޭ ޓެކްސްގެ ޢަދަދުން، ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކުރެވިދާނެއެވެ.
30. އޮޑިޓް ކުރުން
(ހ) މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް ދައްކާ ފަރާތަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމަކުން، އެ އެންގުމުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ޓެކްސް އަހަރެއްގައި ނުވަތަ އަހަރުތަކެއްގައި، އެފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދު އެފަރާތުން ހިސާބުކޮށްފައިވަނީ ޓެކްސް ޤާނޫނުތަކާ އެއްގޮތަށްކަން ޔަޤީންކުރުމަށާއި ދައްކަންޖެހޭ ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިއުންތައް ބަލާކަން މީރާއިން އެފަރާތަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުމެއް މީރާއަށް އެންގޭނީ އަންނަނިވި ތާރީޚުތަކުން ފެށިގެން 2 (ދޭއް) އަހަރު ދުވަސް ހަމަވުމުގެ ކުރިންނެވެ.
(1) ޓެކްސް ބަޔާން ހުށަހަޅާފައިވަނީ އެ ބަޔާން ހުށަހަޅަންޖެހޭ ދުވަހު ނުވަތަ އެއަށްވުރެ ކުރިންކަމަށްވާނަމަ، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚް؛
(2) ޓެކްސް ބަޔާން ހުށަހަޅާފައިވަނީ އެ ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ފަހުންކަމަށްވާނަމަ، ނުވަތަ އިޞްލާޙުކުރެވިފައިވާ ޓެކްސް ބަޔާނެއް ހުށަހަޅާފައިވާނަމަ، އެ ބަޔާން ހުށަހެޅި ނުވަތަ އިޞްލާޙުކުރެވުނު ބަޔާން ހުށަހެޅި ތާރީޚް.
(ނ) ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން ޓެކްސް ބަޔާނެއް ހުށަހަޅާފައިނުވާނަމަ، ކޮންމެ ވަގުތެއްގައިވެސް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އެ ފަރާތަކަށް ފޮނުވިދާނެއެވެ.
(1-ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށެއް ކޮށްފިކަމަށް ޝައްކުކުރެވޭނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން އަންގާ އެންގުން މީރާއަށް ފޮނުވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން އެންގުމެއް ފޮނުވިއްޖެ ޙާލަތެއްގައި، އެ އެންގުމުގައި ޙަވާލާދީފައިވާ ކަންކަން ކުރުމަށް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރާ ފަރާތްތަކަށް އެ އެންގުން ރައްދުވާ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
(ބ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކާއި އަދި އެނޫންވެސް މަޢުލޫމާތުތަކުގެ ޞައްޙަކަން ޔަޤީންކުރުމަށާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދު މީރާއިން ކަނޑައަޅަންޖެހޭ ޙާލަތްތަކުގައި އެ ޢަދަދު ކަނޑައެޅުމަށްޓަކައި، ޓެކްސް ދައްކާ ފަރާތުގެ އިދާރީ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަދެ އޮޑިޓް ކުރުމުގެ ބާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.
31. ޓެކްސް ދައްކާ ފަރާތްތަކުން ލިޔެކިއުންތައް ހޯދުމުގެ ބާރު
(ހ) މި މާއްދާއަށް ޢަމަލުކުރެވޭނީ، ޓެކްސް ދައްކަންޖެހޭ އެއްވެސް އަހަރެއްގައި ޓެކްސް ދައްކަންޖެހޭ ފަރާތަކަށް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިއްޖެ ހިނދެއްގައެވެ.
(ށ) މީރާއިން މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެންގުމުގައިވާ މަޢުލޫމާތު ހޯދުމުގެ ބޭނުމަށް، އެންގުމަކުން، އެއެންގުމުގައި ބަޔާންކޮށްފައިވާ (30 ދުވަހަށް ވުރެ ކުރުނޫން) މުއްދަތެއްގައި ޓެކްސް ދައްކާ ފަރާތުގެ އަތުގައި ނުވަތަ ބާރުގެ ދަށުގައިވާ ލިޔެކިއުންތައް ތިރީގައި ބަޔާންކުރެވިފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މީރާއަށް ހުށަހެޅުމަށް އެންގިދާނެއެވެ.
(1) ޓެކްސް ދައްކާ ފަރާތަކުން އެއަހަރަކަށް ހުށަހަޅާ ޓެކްސް ބަޔާނަކީ ޞައްޙަ ނުވަތަ ޞައްޙަ ނޫން އެއްޗެއްތޯއާއި، ޞައްޙަ ނުވަތަ ޞައްޙަ ނޫން އެއްޗެއްކަމުގައިވާނަމަ، އެއީ ކިހާ މިންވަރަކަށްތޯ ހޯދުމުގެ ބޭނުމަށް، ނުވަތަ
(2) ޓެކްސް ދައްކާ ފަރާތަކުން އެއަހަރަކަށް ޓެކްސް ބަޔާން ހުށަހަޅާފައި ނުވާނަމަ، އެއަހަރަކަށް އެފަރާތަކުން ޓެކްސް ނެގޭ ފައިދާގެ ޢަދަދު ހޯދުމުގެ ބޭނުމަށް.
(ނ) (އުނިކުރެވިފައި)
(ރ) (އުނިކުރެވިފައި)
(ބ) (އުނިކުރެވިފައި)
(ޅ) (އުނިކުރެވިފައި)
(ކ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ ލިޔެކިއުންތަކުގެ ފޮޓޯކޮޕީ ނުވަތަ އެލިޔެކިއުންތަކަކުން ބޭނުންވާ ބައިތައް މީރާއަށް ނެގިދާނެއެވެ.
(އ) މި މާއްދާގެ (ށ) ގެ ދަށުން ފޮނުވާ އެންގުމުގައިވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެއްވެސް ލިޔެކިއުމެއް ހުށަހެޅުމާމެދު އިއުތިރާޒު ކުރާނަމަ އެކަން އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅިދާނެއެވެ.
(ވ) އަދި މި މާއްދާގެ ދަށުން މައްސަލައެއް ހުށަހެޅުމުން ޓްރައިބިއުނަލްއިން އެ އެންގުމުގައިވާ އެއްވެސް ކަމަކީ ޞައްޙަކަމެއްކަމަށް ޤަބޫލުކޮށްފިނަމަ އެއެންގުމާއިމެދު ޢަމަލުކުރެވޭނީ އެމައްސަލައަކާއިމެދު ގޮތެއް ނިންމި ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައެވެ.
(މ) ޓެކްސް ނެގުމުގެ އެއްވެސް ޤާނޫނެއްގެ ދަށުން މީރާއިން ކަނޑައަޅާ ޓެކްސްގެ މިންވަރާއި ގުޅިގެން އަންގާ އެންގުން ފޮނުވުމުގެ މުއްދަތު މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމާމެދު އިސްތިއުނާފަށް ހުށަހަޅާފައިވާ ޙާލަތުގައި އިތުރުކުރުމަށް ގަވާއިދުތަކުގައި ބަޔާންކުރެވިދާނެއެވެ.
(ފ) (އުނިކޮށްފައި)
(ދ) (އުނިކޮށްފައި)
31-1. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުޢާމަލާތްތަކާއި ހިންގުމާގުޅޭ މަޢުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށް މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް މީރާއިން ހޯދި ކަމުގައިވީނަމަވެސް، އެފަދަ ރިޕޯޓުތައް، ބޭރު ޤައުމުތަކާ ނުވަތަ ސަރަޙައްދުތަކާ ޙިއްޞާކުރަންވާނީ، މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
32. އެހެނިހެން ފަރާތްތަކުން ލިޔެކިއުންތައް ހޯދުމުގެ ބާރު
(ހ) މި މާއްދާގައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާ އެންގުން އެފަރާތަކަށް (ޓެކްސް ދައްކާ ފަރާތަށް) ފޮނުވާފައި ވަނިކޮށް، މީރާއިން އެކަމާއިގުޅޭ މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި އެންގުމަކުން އެމަޢުލޫމާތު އެހެން ފަރާތެއްގެ އަތުން ފޯރުކޮށްދިނުމަށް އެންގިދާނެއެވެ. ނުވަތަ އެއެންގުން ފޮނުވުނު ފަރާތް އިއުތިރާޒު ކުރާނަމަ އެފަރާތުގެ އަތުގައި ހުރި ނުވަތަ އެފަރާތުގެ ބާރުގެ ދަށުގައިވާ ލިޔެކިއުންތައް ބަލާފާސްކުރެވިދާނެއެވެ. އަދި (މީރާއަށް ފެންނަ ޙާލަތެއްގައި) އެފަދަ ލިޔެކިއުންތަކުގައިވާ ނުވަތަ ވެދާނެ މަޢުލޫމާތަކީ މިހާރު ދައްކަންޖެހޭ ޓެކްސްގެ މިންވަރާއި ނުވަތަ މާކުރިން ދައްކަންޖެހިފައިވާ ނުވަތަ ދައްކަންޖެހޭ ޓެކްސް ފަދަ އެހެން ޢަދަދަކާއި ގުޅުންހުރި މަޢުލޫމާތުތަކެއް ކަމަށްވާނަމަ އެމަޢުލޫމާތުތައް މީރާއަށް ފޮނުވުމަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމުގައި އެފަރާތަކުން ޓެކްސް ދައްކަންޖެހޭ މިންވަރާމެދު މީރާއިން ބަލަމުންގެންދާ ފަރާތުގެ ނަން ބަޔާންކުރަންވާނެއެވެ. އަދި ފޮނުވަންޖެހޭ (ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބޭނެގޮތް ހަދާފައިވާ) ލިޔެކިއުންތައް ނުވަތަ ހުށަހަޅަންވާ މަޢުލޫމާތުތައް، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ (އެންގުމުގައިވާ ތާރީޚުގެ ފަހުން 30 ދުވަހަށް ވުރެ ކުރުނޫން) ތެރޭގައި މީރާއަށް ފޮނުވުމަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ލިޔެކިއުންތަކުގެ ކޮޕީއެއް ނުވަތަ އެލިޔެކިއުންތަކުން ބޭނުންވާ ބައިތައް މީރާއަށް ނެގިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމެއްގައި، އެ އެންގުން ފޮނުވަންޖެހުނު ސަބަބުތަކުގެ ޚުލާޞާއެއް ހިމަނަންވާނެއެވެ. އަދި ފޮނުވާ އެންގުމުގެ ކޮޕީ އަކާއެކު އެ ސަބަބުތައް ޓެކްސް ދައްކާ ފަރާތަށްވެސް ފޮނުވަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ 51 ވަނަ މާއްދާގައި ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން ހޯދަން ބޭނުންވާ މަޢުލޫމާތު، އެ ފަރާތެއްގެ އަތުގައި ހުރެދާނެކަމަށް ބެލެވޭ ކޮންމެ ފަރާތަކަށް، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއަށް ފޯރުކޮށްދިނުމަށް އެންގިދާނެއެވެ.
33. އަނގަބަހުން ސުވާލުކުރުމަށްޓަކައި ހާޒިރުކުރުމުގެ ބާރު
އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މަޢުލޫމާތު ހޯދުމަށް އަންގާއެންގުން ޓެކްސް ދައްކާ ފަރާތަށް ފޮނުވާފައިވަނިކޮށް، ޓެކްސް ދައްކާ ފަރާތް ނުވަތަ، އެމީހެއްގެ އަތުގައިވާ ޓެކްސް ދައްކާ މީހާގެ ޓެކްސްގެ ކަންތަކާއި ބެހޭ މަޢުލޫމާތު ހުރިކަމަށް މީރާއަށް ޤަބޫލުކުރެވޭ އެހެން ކޮންމެ ފަރާތެއް މީރާއިން ފޮނުވާ އެންގުމަކުން ޓެކްސް ދައްކާ ފަރާތުގެ ޓެކްސްގެ ކަންތައްތަކާބެހޭ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި އެ އެންގުމުގައި ބަޔާންކޮށްފައިވާ ތަނަކަށާއި، ވަގުތަކަށް، ހާޒިރުވުމަށް އެންގިދާނެއެވެ.
34. މި ޤާނޫނުގެ 31، 32، އަދި 33 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ބާރުތަކަށް ކަނޑައެޅޭ ޙުދޫދު
(ހ) މީރާއަށް،
(1) ޓެކްސް ދައްކާ ފަރާތް ޓެކްސް ނެގުމުގެ އެއްވެސް ޤާނޫނެއްގައިވާ އެއްވެސް ކަމަކާއި ޚިލާފުވެފައިވާ ކަމަށް ނުވަތަ ޚިލާފުވެދާނެކަމަށް، އަދި
(2) އެފަދަ ޚިލާފުވުމަކީ ޓެކްސް ކަނޑައެޅުމަށް ނުވަތަ ނެގުމަށް ބޮޑު އުނިކަމެއް ލިބިދާނެކަމެއް ކަމަށް، ޤަބޫލުކުރެވޭ އެކަށީގެންވާ ހެކިތަކެއް ލިބިފައިނުވާނަމަ، މި ޤާނޫނުގެ މާއްދާ 32 ނުވަތަ 33 ގެ ދަށުން އެއްވެސް އެންގުމެއް ފޮނުވައިގެންނުވާނެއެވެ.
(ށ) މި ޤާނޫނުގެ 31، 32 ނުވަތަ 33 ވަނަ މާއްދާގެ ދަށުން މީރާއިން އެއްވެސް ފަރާތަކަށް އެންގުމެއް ފޮނުވުމުގެ ކުރިން ސުވާލު އުފެދިފައިވާ ލިޔެކިއުންތައް ޙަވާލުކުރުމަށް ނުވަތަ ލިބޭގޮތް ހެދުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ. އަދި އެފަރާތުން ނުވަތަ ޓެކްސް ދައްކާ ފަރާތްކަމަށް އެންގުމުގައި ބަޔާންކުރެވިފައިވާ ފަރާތުން ދައްކަންވާ ޓެކްސްއާ ގުޅިގެން ނުނިމިވާ، އިއުތިރާޒު ކުރާ ނުވަތަ އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައަކާމެދު ކަންތައް ކުރާގޮތަކާބެހޭ ލިޔެކިއުންތަކެއް އެފަރާތުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
(ނ) ލިޔެކިޔުންތަކުގެ އަސްލުގެ ބަދަލުގައި ކޮޕީ ހުށަހެޅިދާނެއެވެ. އެހެންނަމަވެސް އެފަދައިން ހުށަހަޅާ ކޮޕީ ވާންވާނީ، އެ ލިޔުމެއްގެ އަސްލުގެ ފޮޓޯކޮޕީއަކަށް ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުން ނަކަލުކޮށްފައިވާ ކޮޕީއަކަށެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި "އިލެކްޓްރޯނިކް ވަސީލަތަކުން ނަކަލުކުރުން" ކަމަށް ބުނެފައިއެވަނީ، ކޮމްޕިއުޓަރެއް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ލިޔުމެއް ޕޯޓަބަލް ޑޮކިއުމަންޓް ފޯމެޓް (ޕީ.ޑީ.އެފް) އަށް ބަދަލުކުރުމަށެވެ. ނުވަތަ ކޮމްޕިއުޓަރެއް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އެނޫންވެސް ފޯމެޓެއްގައި، އެ ލިޔުމެއް ނަކަލުކުރުމަށެވެ.
(ބ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އެ އެންގުމުގައި ބަޔާންކޮށްފައިވާ އެއްވެސް ލިޔުމެއްގެ އަސްލު މީރާއިން ތަޙުޤީޤުކުރުމަށް ބޭނުންވެއްޖެނަމަ، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ތެރޭގައި އެ ލިޔުމެއްގެ އަސްލު މީރާއަށް ހުށަހަޅަންވާނެއެވެ.
(ޅ) މި ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެއްވެސް އެންގުމެއް، މަރުވެފައިވާ ޓެކްސް ދައްކާ މީހެއްގެ ނަމުގައި އެމީހާ މަރުވިތާ 6 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާނަމަ ނުފޮނުވޭނެއެވެ.
(ކ) މި ޤާނޫނުގެ 31 ނުވަތަ 32 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުމަކާގުޅިގެން އެއްވެސް ލިޔެކިއުމެއް،
(1) އެލިޔެކިއުމަކީ ޓެކްސް ދައްކާ ފަރާތުން އޮޅުވާލުމުގެ ސަބަބުން ޓެކްސް ގެއްލިފައިވާ ކަމަށް ނުވަތަ ގެއްލިދާނެކަމަށް މީރާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހެކިތައް ލިބިފައިވާ ލިޔެކިއުންތައް ފިޔަވާ މުޅި އެލިޔެކިއުމެއް އެކުލަވާލެވިފައިވަނީ އެ އެންގުން ފޮނުވުނު ތާރީޚަށް ވުރެ 6 އަހަރު ކުރިން ކަމުގައިވެފައިވާ، ނުވަތަ
(2) އޭގެ މައްޗަށް ޤާނޫނީ އިމްތިޔާޒުގެ ޙައްޤު، މުވައްކިލުގެ އިޒްނަޔާނުލާ ނަމަވެސް ދެމެހެއްޓޭނެ؛ ނުވަތަ
(3) އެއީ ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ޢައްޔަންކޮށްފައިވާ އޮޑިޓަރެއްގެ މިލްކެއްކަމުގައިވާ، ނުވަތަ އެފަރާތުން އުފެއްދި ނުވަތަ އެފަރާތުގެ ބަދަލުގައި އެޤާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން އުފައްދާފައިވާ؛ އަދި
(4) އެއީ ޓެކްސް އެޑްވައިޒަރެއްގެ މިލްކެއްކަމަށްވާ އަދި ކަމާގުޅޭ މުޢާމަލާތްތަކެއް އޭގައި އެކުލެވިގެންވާ، އެއްވެސް ލިޔެކިއުމެއް މީރާއަށް ފޯރުކޮށްދިނުން ނުވަތަ ލިބޭނެގޮތް ހަދާދިނުން އެފަރާތަކަށް ލާޒިމެއްނުވާނެއެވެ.
(އ) މި މާއްދާގެ (ކ)ގެ (4) ގައިވާ "ކަމާގުޅޭ މުޢާމަލާތްތައް" ކަމަށް ބުނެފައިވަނީ ޓެކްސް އެޑްވައިޒަރަކާއި،
(1) އޭނާ އެފަރާތެއްގެ ޓެކްސްގެ ކަންކަމާބެހޭގޮތުން ޢައްޔަންކޮށްފައިވާ ފަރާތެއް، ނުވަތަ
(2) މިފަދަ ފަރާތެއްގެ އެހެން އެއްވެސް ޓެކްސް އެޑްވައިޒަރެއް. މީގެ ބޭނުމަކީ އެއްވެސް މަޢުލޫމާތެއް، ޓެކްސް ބަޔާނެއް، އަދި ހިސާބުތަކެއް ހިމެނޭ ލިޔެކިއުމެއްފިޔަވާ އެހެން އެއްވެސް ލިޔެކިއުމަކުން ނުވަތަ އެ ފަރާތަކަށް އެންގުން ފޮނުވުނު ފަރާތް (ޓެކްސް އެކައުންޓަންޓެއްގެ ހައިސިއްޔަތުން) އެފަރާތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ޓެކްސްއާގުޅޭ ކަންތައްތައް ތައްޔާރުކުރުމުގައި ނުވަތަ މީރާއަށް ފޮނުވުމުގައި އެހީވެދީފައިވާ އެހެނިހެން ލިޔެކިއުމަކުން، އެފަދަ އެއްވެސް ޓެކްސްގެ މައްސަލައަކާބެހޭގޮތުން ލަފާދިނުން ނުވަތަ ލަފާހޯދުމެވެ.
(ވ) މި މާއްދާގައި؛
"ޓެކްސް އެޑްވައިޒަރަކީ" އަނެކެއްގެ ޓެކްސް ކަންތަކުގައި ލަފާދިނުމަށް ޢައްޔަންކޮށްފައިވާ ފަރާތެއް (އެފަރާތް ޢައްޔަންކުރީ އެމީހާ އަމިއްލައަށް ނުވަތަ އޭނާއަށް ޓެކްސްއާ ގުޅޭ ލަފާދޭ އެހެން އެޑްވައިޒަރެއް ކަމުގައި ވިޔަސްމެއެވެ.)
"ޓެކްސް އެކައުންޓަންޓް" އަކީ އެއްވެސް ފަރާތަކާގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް، ހިސާބުތަކެއް، ނުވަތަ އެހެންވެސް ލިޔެކިއުމަކީ ޓެކްސްއާބެހޭ ކަމަކަށް ބޭނުންކުރެވޭނެ، ނުވަތަ ކުރުން ގާތް އެއްޗެއްކަން އޭނާއަށް އެނގޭ ލިޔެކިއުމެއް ތައްޔާރުކުރުމުގައި ނުވަތަ ފޮނުވުމުގައި އެހެން ފަރާތްތަކަކަށް އެހީތެރިވާ ނުވަތަ އެހީތެރިވެފައިވާ މީހެކެވެ. އަދި އޭނާގެ ޚިދުމަތް ހޯދާބަޔަކީ އޭނާ މިގޮތަށް އެހީތެރިވެފައިވާ އެންމެންނެވެ.
"ޓެކްސް އޭޖެންޓް" އަކީ ޓެކްސް ދައްކާ ފަރާތަކުން ޓެކްސް ޤާނޫނެއްގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް އެފަރާތުގެ ބަދަލުގައި ތައްޔާރުކޮށް މިރާއަށް ހުށަހެޅުމަށް މި ޤާނޫނުގެ ދަށުން ހުއްދަދެވޭ ފަރާތެކެވެ.
35. ލިޔެކިއުންތައް އޮޅުވައިލުންފަދަ ކަންތައްތައް
(ހ) މި މާއްދާގެ (ށ) އަދި (ނ) އާއެއްގޮތްވާ ގޮތުގެމަތިން، މި ޤާނޫނުގެ 31 ނުވަތަ 32 ވަނަ މާއްދާގެ ދަށުން އެފަރާތަކަށް ފޮނުވާ އެންގުމަކާގުޅިގެން ފޮނުވަންޖެހޭ ނުވަތަ ބަލާފާސްކުރުމަށްޓަކައި ލިބޭނެގޮތް ހަދައިދޭންޖެހޭ ލިޔެކިއުމެއް ޤަސްދުގައި އޮޅުވާލުން، ފޮރުވުން، ނައްތާލުން ނުވަތަ ހަލާކުކޮށްލުން ނުވަތަ މިއިންކަމަކަށް ހުއްދަދީ ނުވަތަ މިއިންކަމެއް މެދުވެރިވާ ފަދަ ސަބަބެއްކަމުގައި ވެއްޖެނަމަ، އެފަރާތެއް ކުށްވެރިވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް މީހަކު ކުރިކަމަކަށް ތިރީގައިވާ ކަންކަމުގައި ނުބެލެވޭނެއެވެ. އެމީހަކު އެކަމެއްކުރަނީ
(1) މީރާއިން ލިޔުމުން ހުއްދަލިބިގެން، ނުވަތަ،
(2) އެލިޔެކިއުން ފޮނުވާފަހުން ނުވަތަ އެލިޔެކިއުމެއް ބަލާފާސްކުރުމުގެ ފަހުން، ނުވަތަ
(3) މި ޤާނޫނުގެ 31، 32 އަދި 33 ވަނަ މާއްދާއާ އެއްގޮތަށް ލިޔެކިއުމެއްގެ ކޮޕީ އެއް ފޮނުވާ އަދި އޭގެ އަސްލު ބަލާފާސްކުރުމުގެ ފަހުން ކަމުގައިވާނަމައެވެ.
(4) އެ މުއްދަތެއް ނިމުމުން އެމުއްދަތާގުޅޭ ރެކޯޑްތައް ގަވާއިދުގައި ކޮންމެ މުއްދަތަކަށްވެސް ބެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ނުވަތަ
(5) އެހެން އެއްވެސް ޙާލަތެއްގައި ފޮނުވާފައިވާ އެންގުމުގައިވާ ތާރީޚުން ފެށިގެން 2 އަހަރު ހަމަވުމުގެ ފަހުން ކަމުގައިވެފައި އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެމީހަކަށް މީރާ ހިތްހަމަޖެހޭ ގޮތަށް އެ އެންގުމަށް ޢަމަލުކުރެވިފައިނުވާކަން ލިޔުމުން އަންގާފާނުވާ ޙާލަތުގައެވެ.
(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް މީހަކު ކޮށްފިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ އެމީހެއްގެ އަދަބަކީ -/250,000 ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 3 މަސްދުވަހާއި 42 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ ޖޫރިމަނާއަކާއެކު 3 މަސްދުވަހާއި 42 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.
36. ލިޔެކިއުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ ބާރު
(ހ) ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކުކުރެވޭނަމަ ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ޝައްކުކުރެވޭނަމަ، އަދި އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސްއާގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއިން އަމުރެއް ނެރެދިނުމަށް އެދުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު އެ އަމުރު ނެރެދީފިނަމަ، އެގޮތުން ނެރޭ އަމުރު ދެމި އޮންނާނީ 36 (ތިރީސް ހައެއް) ގަޑިއިރު ވަންދެންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމުރުގެ މުއްދަތު އިތުރުކުރަން މީރާއިން ބޭނުންނަމަ، އެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ސަބަބު ބަޔާންކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލްގައި ހިމެނޭ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން އެ އަމުރު ނެރެދިނުމަށް ފާސްވެއްޖެނަމަ، 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ އަމުރުގެ މުއްދަތު ޓްރައިބިއުނަލްއަށް އިތުރުކުރެވިދާނެއެވެ.
(ރ) މީރާގެ މުވައްޒަފުން އިޤުރާރުގައި ސޮއިކޮށްގެންހުރެ ދީފައިވާ މަޢުލޫމާތުގެ އަލީގައި
(1) ޓެކްސްއާ ގުޅިގެން ބޮޑުއޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރެވެމުންދާ، ކޮށްފައިވާ ނުވަތަ ކުރެވިގެން ހިނގައިދާނެ ކަމަށް ޝައްކުކުރުމަށް އެކަށީގެންވާ ހެކި ހުރިކަމާމެދުގަޔާއި، އަދި
(2) މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމާމެދު، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޤަބޫލުކުރެވޭނަމަ ޓްރައިބިއުނަލްއިން މީރާއަށް އޭގައިވާ ގޮތުގެމަތިން އެތަނަކަށް، އެއަމުރު ނެރޭތާ 14 ދުވަހުގެ ތެރޭގައި ކޮންމެ ވަގުތެއްގައި، ބޭނުންވެއްޖެ ހިނދެއްގައި، އެތަނަކަށްވަދެ ފާސްކޮށް މިމާއްދާއިން ލިބިދީފައިވާ ކޮންމެ ބާރެއްގެ ބޭނުން ހިފުމުގެ އަމުރު ނެރެވިދާނެއެވެ.
(ބ) މިމާއްދާގެ (ރ) ގެ ޢާންމު އުޞޫލަށް އުނިކަމެއް އަޔަނުދީ
(1) އޮޅުވާލުމެއް ޝާމިލްވާ ކޮންމެ ކުށަކީ، އެކުށް ކުރުމުން އެއްވެސް މީހަކަށް އެކަށީގެންވާ މާލީ ފައިދާއެއް ލިބުމަށް، ނުވަތަ ފުރިހަމައަށް ޓެކްސް ކަނޑައެޅުމުގައި ނުވަތަ ޓެކްސް ނެގުމުގައި އުނިކަމެއް މެދުވެރިވެދާނެ ނުވަތަ މަގުފަހިކުރުމަށް ޤަސްދު ކުރެވިފައިވާ ނުވަތަ މަގުފަހިވެދާނެކަމެއްނަމަ، މި މާއްދާގެ ބޭނުމަށް ބޮޑުއޮޅުވާލުމެއް އެކުލެވޭ ކުށެކެވެ.
(2) ކުށެއް އޭގެ ޒާތުގައި އޮޅުވާލުމެއް ޝާމިލްވާކަމުގައި ނުބެލެވޭ ކަމުގައިވިޔަސް އެކަމުގައި ހިގާފައިވާ ކަންތަކުގެ ޙިއްޞާއެއްވާކަމުން، ނުވަތަ އެކަމެއް ފެނިއްޖެ ޙާލަތެއްގައި އެކަމުގެ ސަބަބުން ފުރިހަމައަށް ޓެކްސް ކަނޑައެޅުމުގައި ނުވަތަ ޓެކްސް ނެގުމުގައި އުނިކަމެއް މެދުވެރިވެދާނެ ނުވަތަ މެދުވެރިވުން ކައިރިކަން ޤަބޫލުކުރުމަށް އެކަށީގެންވާ ހެކިތައް ހުރިކަމުގައިވާނަމަ އެކުށަކީ ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ގޮތުގައި ބެލިދާނެއެވެ.
(ޅ) ޓްރައިބިއުނަލްއިން ނެރޭ އަމުރެއްގައި
(1) ހުރިހާކަމެއްގައި އިސްވެހުރި މީރާގެ އޮފިސަރު (ކަމާ ޙަވާލުވެހުރި އޮފިސަރު)،
(2) އެބާރުގެ ބޭނުންކުރެވޭނީ ދުވަހެއްގެ ކޮންވަގުތެއްގައިކަން،
(3) ޓްރައިބިއުނަލްއިން ބޭނުންތެރިކަމެއް ކަމުގައި ދެކޭނަމަ، ބާރުގެ ބޭނުންކުރެވޭނީ ޔުނިފޯމުގައިހުރި ފުލުހެއްގެ ހާޒިރުގައިކަން ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ނެރޭ އަމުރެއްގެ ބާރުގެ ދަށުން ތަންތަނަށްވަނުމުގައި ކަމާ ޙަވާލުވެހުރި އޮފިސަރަށް
(1) އޭނާއާއިއެކު ގެންދިޔުން ބޭނުންތެރިކަމަށް އޭނާއަށް ފެންނަ އެހެން މީހުން ގެންދެވިދާނެއެވެ.
(2) އެތަނުން ފެންނަ އެއްޗެއް އެއީ މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާފަދަ ކުށަކާގުޅިގެން ހިނގާ ޝަރީޢަތެއްގެ ބޭނުމަށް ހެއްކެއްގެ ގޮތުން ބޭނުންވެދާނެކަމަށް އޭނާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ ކޮންމެ އެއްޗެއް ހިފައިގެންދެވިދާނެއެވެ. އަދި،
(3) އެތަނަކުން ފެންނަ އެހެން މީހަކު އަތުގައި އެފަދަ ތަކެތި ހުރެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއްވާ ކޮންމެ މީހަކު ބަލާފާސްކުރެވިދާނެއެވެ.
ނަމަވެސް، އެ އޮފިސަރަށް އޭނާއާ އެއްޖިންސުގެ މީހެއްނޫން މީހަކު ބަލާ ފާސްކުރެވިގެންނުވާނެއެވެ.
(އ) އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކާކޮށްފައިވާ އެއްވެސް މަޢުލޫމާތަކީ
(1) މި މާއްދާގެ (ކ) ގައިވާ ގޮތަށް ތަންތަނަށްވަނުމުގައި ކަމާ ޙަވާލުވެހުރި އޮފިސަރަކަށް މި މާއްދާގެ (ކ) ގެ (2) ގައި ބަޔާންކޮށްފައިވާ ބޭނުމަށް ހެއްކެއްގެ ގޮތުން ބޭނުންވެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއްއޮތް މަޢުލޫމާތު އަދި
(2) އެތަނަކުން ވާޞިލުވެވެންހުރި މަޢުލޫމާތު، މި މާއްދާގެ (ކ) ގައި ހިމެނޭ އަތުލުމުގެ ބާރުގެ ދަށުން، ފެންނަ އަދި ކިޔަން އެނގޭނެ ގޮތަކަށް، ފަސޭހައިން ގެންދެވޭނެ، ނުވަތަ މިފަދަ ގޮތަކަށް ފަސޭހައިން ބަދަލުކުރެވޭނެގޮތަކަށް މަޢުލޫމާތު ހުށަހެޅުމަށް އެންގުމުގެ ބާރު ލިބިގެންވެއެވެ.
(ވ) މި މާއްދާގެ (ކ) ގެ ދަށުން ޤާނޫނީ އިމްތިޔާޒުގެ ދަށުގައިވާ ތަކެތި ހިފެހެއްޓުމާއި އަދި ނެރުމުގެ ބާރު ލިބިގެނެއް ނުވެއެވެ.
(މ) މި މާއްދާގެ (ވ) ގައި "ޤާނޫނީ އިމްތިޔާޒުގެ ދަށުގައިވާ ތަކެތި" ކަމަށްބުނެފައިވަނީ،
(1) ޤާނޫނީ އެޑްވައިޒަރާއި އޭނާގެ މުވައްކިލާދެމެދު ކުރެވޭ މުޢާމަލާތްތައް، ނުވަތަ އެމުވައްކިލަށް ޤާނޫނީ ލަފާ ލިއްބައިދޭ ގުޅުމުގައި އޭނާގެ މުވައްކިލު ތަމްސީލުކުރާ ފަރާތާދެމެދު ކުރެވޭ މުޢާމަލާތްތައް،
(2) ޤާނޫނީ އެޑްވައިޒަރަކާއި އޭނާގެ މުވައްކިލާއި ނުވަތަ މުވައްކިލު ތަމްސީލުކުރާމީހާ ނުވަތަ އެފަދަ ޤާނޫނީ އެޑްވައިޒަރަކާއި ނުވަތަ އެފަދަ އެޑްވައިޒަރަކާއި ނުވަތަ ތަމްސީލުކުރާމީހާއާއި އެހެން މީހަކާދެމެދު ކުރެވޭ ޝަރީޢަތަކާއި ގުޅިގެން ނުވަތަ ޝަރީޢަތެއްގެ އުއްމީދުގައި ނުވަތަ އެފަދަ ޝަރީޢަތެއްގެ ބޭނުމަށް ކޮށްފައިވާ މުޢާމަލާތުތައް؛ އަދި
(3) ޤާނޫނީ ލަފާދިނުމުގެ ގޮތުން؛ ނުވަތަ ޤާނޫނީ ޝަރީޢަތަކާ ގުޅިގެން ނުވަތަ އެފަދަ ޝަރީޢަތެއްގެ ބޭނުމަށް، ކޮށްފައިވާ މުޢާމަލާތްތަކެއްގައި އެކުލެވޭ ނުވަތަ އޭގައި ރިޢާޔަތްކޮށްފައިވާ ތަކެތި، އެތަކެތި އެމީހެއްގެ އަތުގައި ބެހެއްޓުމުގެ ޙައްޤުލިބިގެންވާ މީހެއްގެ އަތުގައި ހުރިކަމުގައިވާނަމައެވެ.
(ފ) ޤާނޫނާއި ޚިލާފު ކުށެއްގެ މަޤްޞަދު ކުރިއެރުވުމުގެ ނިޔަތުގައި ބަހައްޓާފައިވާ ތަކެއްޗަކީ ޤާނޫނީ އިމްތިޔާޒްގެ ދަށުގައިވާ ތަކެއްޗެއްނޫނެވެ.
(ދ) ކަމާ ޙަވާލުވެހުރި އޮފިސަރު؛
(1) ތަނެއް ފާސްކުރަންފަށާ ވަގުތެއްގައި އެތަނަކާ ޙަވާލުވެހުންނަ މީހާ ހާޒިރުވެހުރިނަމަ އެމީހަކަށް އޮފިސަރުގެ ނަން ޖަހާފައިވާ އަމުރުގެ ކޮޕީއެއް ދޭންވާނެއެވެ. އަދި
(2) އެވަގުތުގައި އެތަނަކާ ޙަވާލުވެހުންނަ މީހާ ހާޒިރުވެނެތްނަމަވެސް، އެމީހެއްގެ ބެލުމުގެ ދަށުގައި އެތަންވާކަމަށް އޮފިސަރަށް ފެންނަފެނުމުގައި ހީވާ މީހަކަށް އެފަދަ ކޮޕީއެއް ދޭންވާނެއެވެ.
(3) މި މާއްދާގެ (1) އަދި (2) ގައިވާ ގޮތަށް އެއްވެސް ކަމެއް ނުވިނަމަ، އެފަދަ ކޮޕީއެއް އެތަނަކުން ފަސޭހައިން ފެންނާނެ ތަނެއްގައި ބާއްވަންވާނެއެވެ.
(ތ) މި މާއްދާގެ ދަށުން ލިބުނު އަމުރާއެކު ތަނަކަށްވަދެ، އަދި ކަމާ ޙަވާލުވެހުރި އޮފިސަރު އެއަމުރުގެ ބާރުގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފިކަމުގައި ވާނަމަ، އެ އަމުރާއެކު ހިފެހެއްޓުނު ތަކެތީގެ ލިސްޓެއް ހިމަނަންވާނެއެވެ.
37. ލިޔެކިއުންތައްފަދަ ތަކެތި އަތުލުމުގައި ޢާމަލުކުރާނެ ގޮތް
(ހ) މި ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެދަށުން ތަނަކުން އެއްޗެއް ނެގުމުގައި ކަމާ ޙަވާލުވެހުރި އޮފިސަރަކު؛
(1) އެތަނަކުން އެތަކެތި ނެގުނު ތަނުގައި އުޅޭމީހަކު، ނުވަތަ
(2) އެތަކެތި ނެގުމުގެ ކުރިން އެތަކެއްޗާއި ޙަވާލުވެހުރި ނުވަތަ އެތަކެތީގެ މައްޗަށް ބާރު ލިބިގެންވާ މީހަކު،
އެ ގެންދެވުނު ތަކެތީގެ ތަފްޞީލު ހޯދުމަށް އެދިއްޖެ ޙާލަތެއްގައި، އެ ތަފްޞީލުތައް ދޭންވާނެއެވެ.
(ށ) މި މާއްދާގައި "ކަމާ ޙަވާލުވެހުރި އޮފިސަރު" ކަމަށް ބުނެފައި އެވަނީ މި ޤާނޫނުގެ 36 ވަނަ މާއްދާގައި ލިބިދޭ ބާރުގެ ދަށުން ނެރޭ އަމުރެއްގައި އެކަމުގެ އިޚްތިޔާރު ލިބިދީފައިވާ ފަރާތެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާ ޙަވާލުވެހުރި އޮފިސަރަކު ނަގާ އެއްޗަކީ؛
(1) ޝަރީޢަތެއްގައި ކުށެއްގެ ޤަރީނާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ނުވަތަ
(2) ފޮރެންސިކް ތަޙުލީލަކަށް ނުވަތަ ކުށެއްގެ ތަޙުޤީޤަށް،
އެ އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކޮޕީއަކުން ފުދޭނެ އެއްޗެއްނަމަ، އެފަދަ ކަމެއް ސާބިތުކުރުމަށް ނުވަތަ އެ އެއްޗެއްގެ ފޮޓޯ ނެގުމަށް ނުވަތަ ފޮޓޯ ކޮޕީ ހެދުމަށް ހޭދަވާ ވަގުތަށްވުރެ އިތުރަށް އެ އެއްޗެއް ހިފަހައްޓައިގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ޅ) ގެ ދަށުން ތިރީގައިވާ އެއްޗެއް ބެލުމުގެ ހުއްދައަށް،
(1) ކަމާ ޙަވާލުވެހުރި އޮފިސަރަކު ނަގާފައިވާ އެއްޗެއް، އަދި
(2) ކުށެއްގެ ތަޙުޤީޤަށްޓަކައި މީރާއިން ހިފަހައްޓާފައިވާ އެއްޗެއް.
ކަމާ ޙަވާލުވެހުރި އޮފިސަރެއްގެ ފަރާތުން، އެ އެއްޗެއް ނެގުމުގެ ކުރިން އެ އެއްޗަކާއި ޙަވާލުވެހުރި ނުވަތަ އެ މީހެއްގެ ބާރުގެ ދަށުގައި އެ އެއްޗެއް ވީ މީހަކު، ނުވަތަ އެފަދަ މީހެއްގެ ބަދަލުގައި ހަރަކާތްތެރިވާ މީހަކު އެދިއްޖެނަމަ، މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އެކަމަށް އެދުނު މީހަކަށް އެކަން ފުރިހަމަކޮށްދޭން ވާނެއެވެ.
(ބ) މި މާއްދާގެ (ޅ) ގެ ދަށުން އެފަދަ އެއްޗެއްގެ ފޮޓޯ އެއް ނުވަތަ ކޮޕީއެއް ނެގުމަށް، ކަމާ ޙަވާލުވެހުރި އޮފިސަރެއްގެ ފަރާތުން، އެ އެއްޗެއް ނެގުމުގެ ކުރިން އެ އެއްޗަކާއި ޙަވާލުވެހުރި ނުވަތަ އެ އެއްޗެއްގެ މައްޗަށް ބާރު ލިބިގެންވާ މީހަކު ނުވަތަ އެފަދަ މީހެއްގެ ބަދަލުގައި ހަރަކާތްތެރިވާ މީހަކު އެދިއްޖެނަމަ، އެ އޮފިސަރަކު
(1) މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުން ފޮޓޯ ނެގުމަށް ނުވަތަ ކޮޕީ ހެދުމަށް އެދުނު މީހާއަށް ފުރުޞަތުދީ، ނުވަތަ
(2) ފޮޓޯ ނަގައި ނުވަތަ ކޮޕީ ހައްދައި ނުވަތަ ފޮޓޯ ނެގުމާއި ކޮޕީ ހެދުމަށް މަގުފަހިކޮށްދީ އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެކަމެއް ފުރިހަމަކޮށްދޭންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން އެއްޗެއް ގެންދެވޭ ކަމަކާއި ޙަވާލުވެހުރި އޮފިސަރަށް އެކަށީގެންވާ ސަބަބަކާއި ހެދި އެކަމަށް އުނިކަމެއް އަތުވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެ އެއްޗަކަށް ވާޞިލުވުމާއި، ފޮޓޯ ނެގުމާއި، ކޮޕީ ހެއްދުމުގެ ހުއްދަ ދިނުން ލާޒިމެއް ނޫނެވެ.
(1) އެ ތަޙުޤީޤަށް؛
(2) އެ ތަކެތި ގެންދެވުނު ތަޙުޤީޤު ފިޔަވައި އެހެން ތަޙުޤީޤަކަށް؛
(3) ތިރީގައިވާ ސަބަބަކުން އުފެދިދާނެ ޖިނާއީ ކުށަކަށް
(I) އެ އޮފިސަރަކު ޙަވާލުވެހުރި ތަޙުޤީޤަށް ނުވަތަ،
(II) މި މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ ފަދަ ތަޙުޤީޤަކަށް.
38. ކުއްޔަށް ދިނުމާ ގުޅޭ މަޢުލޫމާތު
(ހ) ނުއުފުލޭ މުދަލެއް ބޭނުންކުރުމާބެހޭ ތިރީގައިވާ މަޢުލޫމާތު ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(1) ކުއްޔަށް ހިފައިގެންއުޅޭ ނުވަތަ ބޭނުންކުރާ ކޮންމެ ބަޔަކު ނުވަތަ ކުރިން ކުއްޔަށްހިފި ނުވަތަ ބިން ބޭނުންކުރި ފަރާތަކުން، އެ ފަރާތްތަކުން އަނގަބަހުން ނުވަތަ ލިޔުމުން ވެވިފައިވާ އެއްބަސްވުންތައް ފަދަ މަޢުލޫމާތު މީރާއިން ބޭނުންވާ ގޮތަކަށް،
(2) ބިމެއް ކުއްޔަށް ހިފައިގެންއުޅޭ ނުވަތަ ކުރިން ކުއްޔަށް ހިފައިގެން އުޅުނު ފަރާތަކުން ދައްކަންޖެހޭ ކުއްޔާއި ލިބިގެންވާ އިޚްތިޔާރު،
(3) ބިން ބެލެހެއްޓުން ނުވަތަ ކުލީގެ ގޮތުގައި ލިބޭ ފައިސާ އާއި ޙަވާލުވާ ނުވަތަ ބިން ބޭނުންކޮށްގެން ލިބޭ އެހެނިހެން ފައިސާއާއި ޙަވާލުވުމަށް ހުންނަ އެޖެންޓެއްގެ ފަރާތުން އެފަދަ ކޮންމެ މަޢުލޫމާތެއް،
(ށ) މި މާއްދާގައި "ކުލި" ގެ ތެރޭގައި ކުއްޔަށް ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުންތަކާއި އޭގެ ސަބަބުން ލިބިދޭ އިޚްތިޔާރުތައްވެސް ހިމެނެއެވެ. ނަމަވެސް، މީގެތެރޭގައި ރަހުނު ކުރެވޭ ބިންބިމެއް ނުހިމެނެއެވެ. އަދި ކުއްޔަށްދެވޭ ފަރާތްވެސް މާނަ ކުރެވޭނީ މި ބީދައިންނެވެ. ކުއްޔަށް ދެވިފައިވާ ފަރާތް ބަދަލުވެއްޖެ ހިނދެއްގައި އެ ފަރާތެއްވެސް ހިމެނޭނެއެވެ.
39. މީރާއިން ޓެކްސްގެ އަދަދު ކަނޑައެޅުން
(ހ) މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކުރުމަށްފަހު، ނުވަތަ ތަޙުޤީޤެއް ހިންގުމަށްފަހު، އެކަމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ފަރާތުން އެ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދު މީރާއަށް ކަނޑައެޅިދާނެއެވެ. އެގޮތުން ކަނޑައަޅާ ކަނޑައެޅުމަށް މި ޤާނޫނުގައި ޙަވާލާދޭނީ "މީރާއިން ކަނޑައަޅާ ޢަދަދު" މިފަދައިންނެވެ.
(ށ) މީރާއިން ކަނޑައަޅާ ޢަދަދު، މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފި ހިނދެއްގައި، އެކަން، އެ ކަނޑައެޅުން ނިސްބަތްވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(1) ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރ ("ޓިން")؛
(2) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތު؛
(3) އެ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައެޅި ޢަދަދު، އަދި އެ ޢަދަދު ހިސާބުކުރުމަށް މީރާއިން ބޭނުންކުރި އަސާސްތަކާއި އެ ހިސާބުކުރުމުގެ ތަފްޞީލު؛
(4) އެ ފަރާތަކުން ފައިސާ ދައްކަންޖެހޭ ތާރީޚު.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅާ ޢަދަދަކީ ޓެކްސް ދައްކާ ފަރާތުން އެ މުއްދަތަކަށް ކަނޑައަޅާފައިވާ ޓެކުހުގެ ޢަދަދަށްވުރެ ބޮޑު ޢަދަދެއްނަމަ، މީރާއަށް އެފަދަ ޢަދަދެއް ކަނޑައެޅޭނީ، މި ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާ ތާރީޚުން ފެށިގެން 2 (ދޭއް) އަހަރު ދުވަސް ފާއިތުވުމުގެ ކުރިންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ހ) ގެ ދަށުން ޢަދަދެއް ކަނޑައެޅެން ނެތް ކަމަށް ޤަބޫލުކުރެވޭ މަޤުބޫލު ޢުޛުރެއް އޮތްނަމަ، 3 (ތިނެއް) އަހަރު ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ މުއްދަތު އިތުރުކޮށްދިނުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މީރާއަށް އެދެވިދާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު މި ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންގުން ޓެކްސް ދައްކާ ފަރާތަށް މީރާއިން ފޮނުވާފައިވާނަމަ، އަންނަނިވި ތާރީޚުތަކުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީޚެއްގެ ކުރިން، އެ ފަރާތަކުން ދައްކަންޖެހޭ ޢަދަދު މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ކަނޑައެޅިދާނެއެވެ.
(1) މި ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާ ތާރީޚުން ފެށިގެން 2 (ދޭއް) އަހަރު ހަމަވާ ތާރީޚު؛
(2) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސް ހަމަވާ ތާރީޚު.
40. މިރާ އިން ޢަދަދު ކަނޑައެޅުމުގެ ނަތީޖާ
މީރާއިން ކަނޑައަޅާ ޢަދަދު މި މާއްދާގެ ދަށުން ކަނޑައަޅައިފި ހިނދެއްގައި، އެ ކަނޑައެޅުމުގެ ސަބަބުން އަންނަނިވި ނަތީޖާ ނިކުންނާނެއެވެ.
(ހ) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާފައިވާނަމަ، އެ ބަޔާން އެ ކަނޑައެޅުމާ އެއްގޮތަށް އިޞްލާޙުވެގެން ދިޔައީ ކަމުގައި ބެލުން؛
(ށ) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާފައިނުވާނަމަ، މީރާއިން ކަނޑައަޅާ ޢަދަދަކީ، އެ މުއްދަތުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދު ކަމުގައި ބެލުން.
41. އެއް އަހަރަށްވުރެ ގިނަ އަހަރާގުޅޭ އުޞޫލު
ޓެކްސް ޤާނޫނެއްގެ ދަށުން ހިންގޭ ތަޙުޤީޤަކަށް، އެންގޭ އެންގުމެއްގައި، ޓެކްސް ނެގޭ އެއް މުއްދަތަށްވުރެ ގިނަ މުއްދަތަށް ޙަވާލާދީފައިވާނަމަ، މީރާއިން ކަނޑައަޅާ ކަނޑައެޅުން އެ އެންގުމުގައި ޙަވާލާދީފައިވާ ކޮންމެ މުއްދަތަކަށް ވަކިވަކިން ހިނގާނެއެވެ.
42. އިއުތިރާޒުކުރުން
(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިއުތިރާޒުކުރާކަމުގެ އެންގުމެއް މީރާއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ އެންގުމަށް މި ޤާނޫނުގައި ޙަވާލާދޭނީ "އިއުތިރާޒުކުރާކަމުގެ އެންގުން" މިފަދައިންނެވެ.
(ށ) ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މި ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅާފައިވާ ޢަދަދާ ގުޅިގެން ނުވަތަ އެ ޢަދަދު ކަނޑައެޅުމުގައި މީރާއިން ޢަމަލުކޮށްފައިވާ ގޮތުން ޓެކްސް ދައްކާ ފަރާތުގެ އެއްވެސް ޙައްޤަކަށް އުނިކަން އައިސްފައިވާ ކަމަށް ޤަބޫލުކުރެވޭނަމަ އެ ކަމަކާ ގުޅިގެން ޓެކްސް ދައްކާ ފަރާތަށް އިއުތިރާޒުކުރާކަމުގެ އެންގުމެއް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނުވަތަ މީރާގެ ނިންމުމާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާ ސަބަބު ތަފުޞީލުކޮށް ބަޔާންކުރަންވާނެއެވެ.
43. އިއުތިރާޒުކުރުމާމެދު މީރާއިން ގޮތެއް ނިންމުން
(ހ) ޓެކްސް ދައްކާ ފަރާތަކުން މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރާ ކަމުގެ އެންގުމެއް މީރާއަށް ހުށަހަޅައިފިނަމަ، އެ އެންގުން ހުށަހަޅާ ތާރީޚުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަހުގެ ތެރޭގައި އެ އެންގުމާމެދު މީރާއިން ގޮތެއް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޓެކްސް ދައްކާ ފަރާތަކުން މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރާކަމުގެ އެންގުމެއް މީރާއަށް ހުށަހަޅާފައިވާނަމަ، އަންނަނިވި ތާރީޚުތަކުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީޚެއްގެ ކުރިން، އެ އެންގުމާމެދު މީރާއިން ގޮތެއް ނިންމަންވާނެއެވެ.
(1) އިއުތިރާޒުކުރާކަމުގެ އެންގުން މީރާއަށް ހުށައެޅި ތާރީޚުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސް ހަމަވާ ތާރީޚު؛
(2) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީޚު.
(ނ) އިއުތިރާޒުކުރާ ކަމުގެ އެންގުމަކާ ގުޅިގެން މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނުނިންމައިފިނަމަ، އެ އިއުތިރާޒުކުރުން ނިސްބަތްވާ މީރާގެ ނިންމުން ރަނގަޅު ނޫންކަމަށް، މީރާއިން ނިންމި ކަމުގައި ބެލެވޭނެއެވެ.
44. ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން
(ހ) މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅަނީ މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާފައިވާ ޓެކްސްގެ ޢަދަދަކާ ގުޅިގެން ކަމަށްވާނަމަ، އެ މައްސަލައެއް އިސްތިއުނާފުކުރެވޭނީ މީރާއިން ކަނޑައަޅާފައިވާ ޓެކްސްގެ ޢަދަދުގެ ތެރެއިން، ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާ ޢަދަދުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) އާ އެއްވަރުގެ ޢަދަދެއް މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ %25 (ފަންސަވީސް އިންސައްތަ) ހިސާބުކުރާނީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ ޢަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓަކާ ނުލައެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުން އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ.
(ބ) ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ނިންމުމަށްޓަކައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލައިގެ އަޑުއެހުންތައް ދުރާލާ ތާވަލުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރާއިރު، އެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގައި ޢަދުލުވެރި ނިންމުމެއް ނިންމިދާނެކަމަށް މައްސަލަ ބަލާ ޓްރައިބިއުނަލްގެ މެންބަރުންނަށް ނުފެންނަނަމަ، އެ މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރާ މުއްދަތު 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ކ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު މި މާއްދާގެ (ޅ) ގެ ދަށުން އިތުރުކުރާ ޙާލަތުގައި، އެ މައްސަލައެއްގައި ޓްރައިބިއުނަލުން ނިންމާ ނިންމުމުގައި އެފަދައިން މުއްދަތު އިތުރުކުރި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(އ) ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަތައް، އެ ތާރީޚުން ފެށިގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ ޓްރައިބިއުނަލުން ބަލައި، އެ މައްސަލަތަކާމެދު ގޮތެއް ނިންމަންވާނެއެވެ.
45. އަނބުރާ ދިނުން ނުވަތަ އަޅައިކެނޑުން
މީރާއިން ނިންމި ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރުމުން ނުވަތަ އިސްތިޢުނާފުކުރުމުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާ ހިނދު، މީރާއިން ކަނޑައެޅި ޢަދަދަކީ ޓެކްސް ދައްކަންޖެހޭ ފަރާތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާނަމަ، އެފައިސާއާމެދު ޢަމަލުކުރާނީ އިތުރަށް ދެއްކޭ ޓެކްސްއާމެދު ޢަމަލުކުރުމަށް މި ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިންނެވެ.
46. ޓެކްސް ނުދެއްކުމުން ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުން
(ހ) ޓެކްސް ދައްކަންޖެހި ނުދައްކާއޮތް މީހާ ދައްކަންޖެހޭ މުއްދަތުގެ ކުރިން ދައްކާފައި ނުވާނަމަ، ނުދައްކާއޮތް ފައިސާއެއް ހޯދުމަށްޓަކައި ކޮންމެ ޓެކްސް އަހަރަކު، މީރާއިން "ކަފާލާ" އެއްގެ ގޮތުގައި ޢައްޔަންކުރާ ފަރާތަކަށް ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތެއްގެ ބިމެއްގެ ނުވަތަ އެފަދަ އެހެން މިލްކިއްޔާތެއްގެ މައްޗަށް ޖޫރިމަނާއެއް ކަނޑައަޅާ ނުދައްކާއޮތް ޖުމްލަ ޓެކްސް ހޯދުމުގެ އަމުރު ނެރެންވާނެއެވެ.
(ށ) ޓެކްސް ދައްކަންޖެހޭ ފަރާތަކުން ނުވަތަ ތިންވަނަ ފަރާތަކުން ދައްކަންޖެހިފައިވާ ޓެކްސްއެއް، ނުވަތަ ޖޫރިމަނާއެއް، ނުވަތަ އެހެންވެސް ފައިސާ އެއް ހޯދުމަށްޓަކައި އެހެން އެއްވެސް ގޮތަކުން މަސައްކަތް ކުރެވިފައިވިޔަސް ނުވަތަ ނުވިޔަސް މި މާއްދާގެ (ހ) ގެ ދަށުން އަމުރު ނެރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރުތައް ތަންފީޒްކުރުމަށާއި އަދި ޖޫރިމަނާ ކުރެވިފައިވާ މިލްކިއްޔާތުތައް ވިއްކާލުމާއި ބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ބޯޑުންނެވެ.
47. ލިބެންވާ ޓެކްސް ތިން ވަނަ ފަރާތަކުން ހޯދުން
(ހ)
(1) ޓެކްސް ދައްކަންޖެހި ނުދައްކާއޮތް އެއްވެސް ފަރާތަކުން، އެފަރާތަކުން ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެންވެސް ޢަދަދެއް ދައްކަންޖެހިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާނަމަ، އަދި
(2) އެހެން ފަރާތަކުން، "ތިންވަނަ ފަރާތަކުން"، ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ދަރާފައިވާކަމަށް، ނުވަތަ އެފަރާތުން ފައިސާތަކެއް ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ދޭން އުޅޭކަމަށް ނުވަތަ އެފަރާތަކުން ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނުވަތަ ދިނުމަށް ކަނޑައެޅިފައިވާ ފައިސާއެއް އެފަދަ ފަރާތެއްގެ އަތުގައި ބެހެއްޓިފައިވާ ކަމަށް، ނުވަތަ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް އެހެން ކޮންމެވެސް ފަރާތެއްގެ އަތުން ފައިސާ ދައްކަންޖެހޭކަމަށް، ނުވަތަ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ފައިސާދެއްކުމަށް އެހެން ކޮންމެވެސް ފަރާތަކަށް ހުއްދަ ލިބިގެންވާކަމަށް، މީރާއަށް އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބުރަވެ ޤަބޫލުކުރެވޭކަމަށްވާނަމަ؛
(3) މީރާއިން އެންގުމަކުން ތިންވަނަ ފަރާތަކަށް އެފަދަ ފައިސާއެއް ދެއްކުމަށް އެންގިދާނެއެވެ. އެފަދަ ފައިސާއެއްގެ މިންވަރު، ދައްކަންޖެހި ނުދައްކާފައިވާ ޓެކްސް، ޖޫރިމަނާއެއް އަދި އެހެންވެސް ޢަދަދަކަށްވުރެ ނުވަތަ މި މާއްދާގެ (2) ގައި ރިޢާޔަތް ކޮށްފައިވާ ޢަދަދަށްވުރެ ބޮޑުވެގެންނުވާނެއެވެ.
(ށ) ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަކުން ދައްކަންޖެހޭ ޓެކްސް، ޖޫރިމަނާ އަދި އެހެންވެސް ޢަދަދެއް ދައްކަންޖެހިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވުމާގުޅިގެން އެފައިސާ ހޯދުމަށް ފިޔަވަޅެއް އަޅާފައި ވިޔަސް ނުވަތަ ނުވިޔަސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވަންވާނެއެވެ.
(ނ) މިމާއްދާގެ (ހ) ގެ ދަށުން އެންގުން ފޮނުވިފައިވާ ތިންވަނަ ފަރާތުން، އެ އެންގުން ފޮނުވާތާ 45 ދުވަހުގެ ތެރޭގައި އެ އެންގުމާ އެއްގޮތަށް އެފައިސާ ދައްކާ ޚަލާޞްކުރަންވާނެއެވެ.
(ރ)
(1) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ޙާލަތްތަކުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމަކުން ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތެއްގެ ބޭންކް އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގ އާއިބެހޭ ޤާނޫނު) އެ މައްޗަށް ހިނގާ ބޭންކަކަށް އެންގުމަށްޓަކައި މީރާއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެންގިދާނެއެވެ.
(2) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެންގުމެއް ފޮނުވިފައިވާ ބޭންކަކުން، އެ އެންގުން ފޮނުވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ އެންގުމުގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދު މީރާއިން ކަނޑައަޅާ ގޮތެއްގެމަތިން މީރާއަށް ދައްކަންވާނެއެވެ.
(3) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފޮނުވާ އެންގުމުގައި ބަޔާންކޮށްފައިވާ ފައިސާ، އެފައިސާ ދައްކަންޖެހޭ ފަރާތުން މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ޙަވާލާދީފައިވާ މުއްދަތުގެ ތެރޭގައި ހަމައަށް ދައްކާ ޚަލާޞްކޮށްފިނަމަ ނުވަތަ ފައިސާ ދެއްކުމަށް ވަކިގޮތަކަށް މީރާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާނަމަ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހިފެހެއްޓިފައިވާ ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތީރިޓީއަށް މީރާއިން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމަކާ ގުޅިގެން ފައިސާއެއް ދެއްކުމުން މީރާއިން އެމީހަކަށް ފައިސާ ދެއްކިކަމުގެ ރަސީދެއް ދޭންވާނެއެވެ. އަދި އެ ފައިސާ ދެއްކި މިންވަރަކުން ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތުގެ ދަރަންޏާމެދު އެމީހަކުވާ ޒިންމާއިން ބަރީޢަވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން، ފޮނުވާ އެންގުމަކާއި ދެކޮޅަށް އިސްތިއުނާފުކުރާނަމަ އެ މައްސަލަ އެ އެންގުން ލިބޭތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުގައިވާ ގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ހުށަހެޅިދާނެއެވެ.
(ކ) މިމާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމަކާއި އެއްގޮތަށް ޢަމަލުކުރަން ފަސްޖެހުނު ފަރާތްތަކުން، ޓެކްސް، ޖޫރިމަނާ އަދި ނުދައްކާއޮތް އެހެނިހެން ޢަދަދުތައް ދެއްކުމަށް ޒިންމާވާންޖެހޭނެއެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި، އެފަރާތަކީ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތެއްކަމަށް ބަލާ އެފައިސާ ހޯދިދާނެއެވެ.
48. ބޭންކް އެކައުންޓް ބެލުން
ޓެކްސް ޤާނޫނެއްގައި ބުނެފައިވާ ކުށެއް، އެއްވެސް ފަރާތަކުން ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، އެފަރާތުގެ އަދި އެފަރާތާ ގުޅުންހުރި ފަރާތްތަކުގެ ބޭންކު އެކައުންޓްތަކާއި، ބޭންކު މެދުވެރިވެގެން ފޮނުވާ އަދި ލިބޭ ފައިސާއާއި، ބޭންކު މެދުވެރިވެގެން ކުރާ އެހެނިހެން މުއާމަލާތްތަކުގެ ތަފްޞީލު، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގ އާއިބެހޭ ޤާނޫނު) އޭގެ މައްޗަށް ހިނގާ އެންމެހައި ބޭންކުތަކާއި އެހެނިހެން މާލީ އިދާރާތަކުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހޯދަން ބޭނުންވެއްޖެ ހިނދެއްގައި، އެ ތަފްޞީލު ހޯދަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށެވެ.
49. ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުން
(ހ) އެއްވެސް ޓެކުހެއް، ނުވަތަ އެ ޓެކުހަކާގުޅޭ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ޢަދަދެއް، ދައުލަތަށް ނުދައްކާ އޮވެއްޖެނަމަ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދުމަށްޓަކައި، ޝަރީޢަތަށް މައްސަލަ ހުށަހަޅައިގެން މީރާއަށް އެ ފައިސާ ހޯދިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާއަކީ، ނުދައްކާ އޮތް ޓެކުހެއް ހޯދުމުގެ ތަންފީޒީ މަރުޙަލާއެއް ކަމުގައިވާތީ، އެ މަރުޙަލާގައި، އެ މައްސަލަ ނިސްބަތްވާ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދުގެ މައްސަލަ މައުޟޫޢީގޮތުން ބަލައިގެންނުވާނެއެވެ. ވަކި ފަރާތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދާމެދު ހުށަހަޅާ މައްސަލައެއް މައުޟޫޢީގޮތުން ބެލޭނީ، މި ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތު މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއް ޝަރީޢަތުން ބަލާއިރު، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެސް އަދި ދައްކަންޖެހޭ ޢަދަދުގެ ތަފްޞީލު ހިމެނޭ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ، ޓެކުހުގެ ގޮތުގައި އެފަރާތަކުން ދައްކަންޖެހޭ ޢަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމުގައާއި، ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި ފުދޭނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާއެއް ހޯދުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ޝަރީޢަތަށް ހުށަހެޅޭނީ، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައެވެ.
(1) ވަކި ފަރާތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ޢަދަދާ ގުޅޭގޮތުން މި ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ މައްސަލަ ހުށަހަޅާފައިނުވުމުގެ ސަބަބުން، މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާ ޢަދަދާމެދު އިއުތިރާޒުކުރާނެ އިތުރު ފުރުޞަތެއް ނެތް ޙާލަތުގައި؛ ނުވަތަ
(2) ވަކި ފަރާތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ޢަދަދާ ގުޅޭގޮތުން މި ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅި އެ މައްސަލައާމެދު ޓްރައިބިއުނަލުން ނިންމާ ނިންމުން ނިހާއީވެފައިވާ ޙާލަތުގައި، ނުވަތަ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމުގެ މަރުޙަލާގައި މަތީ މަރުޙަލާގެ ކޯޓަކުން ކުރާ ޙުކުމް ނިހާއީވެފައިވާ ޙާލަތުގައި؛
(3) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތްތައް އެ މައްޗަށް ނުހިނގާ މައްސަލަތަކުގައި، ޓެކްސް ދައްކަންޖެހޭ ފަރާތުން އަމިއްލައަށް ކަނޑައަޅާފައިވާ ޢަދަދު ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު މީރާއަށް ލިބިދީފައިވާ ޙާލަތުގައި.
(ބ) މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު އެހެން އޮތުމަކުން، ޓެކްސް ދައްކަންޖެހޭ ފަރާތަކުން ކަނޑައަޅާފައިވާ ޢަދަދު އިޞްލާޙުކުރުމަށް ކަމާބެހޭ ޓެކްސް ޤާނޫނުތަކުގެ ދަށުން އެފަރާތަށް ލިބޭ އިޚްތިޔާރަކަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ.
(ޅ) ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާއެއް ހޯދުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ކޯޓުން ކަނޑައަޅާ ނިންމުމަކީ، ތަންފީޒީ ބާރު ހިނގާނެ، އެންމެ ފަހުގެ ނިންމުމެވެ. އަދި އެ ނިންމުން، މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފެއް ނުކުރެވޭނެއެވެ.
49-1. ލިބެންވާ ފައިސާ ހޯދުމުގައި ބޭރު ޤައުމުތަކުގެ އެހީ ހޯދުން
މީރާއަށް ދައްކަންޖެހޭ ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް، މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން ބޭރު ޤައުމެއް ނުވަތަ ސަރަޙައްދެއް މެދުވެރިކޮށް ހޯދިދާނެއެވެ. އަދި ބޭރު ޤައުމަކުން ނުވަތަ ސަރަޙައްދަކުން ހޯދަން އެދޭ ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް، އެފަދަ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެ މެދުވެރިކޮށް ހޯދިދާނެއެވެ.
50. ޓެކުހަށްނުވާ އާމްދަނީ މީރާއަށް ބަލައިގަތުމާއި ފިޔަވަޅު އެޅުން
(ހ) އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ޤާނޫނީ ޝަޚްޞަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ލާޒިމުކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި މީރާއަށް ބަލައިގަނެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމުގައި، އެފަދަ ފައިސާއާ ގުޅޭގޮތުން ކަމާބެހޭ ޤާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއްބަސްވުމެއްގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ބަލައިގަތުންވެސް ހިމެނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި "ޓެކްސް ފިޔަވައި އެހެނިހެން ފައިސާ" ކަމަށް ބުނެފައި އެވަނީ، ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، ފަރުދެއްގެ އަތުން ނުވަތަ ޤާނޫނީ ޝަޚްޞަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ނަގާ ޓެކުހަށް ނުވާ، އަގެއް ނުވަތަ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ ޖޫރިމަނާއަށެވެ.
(ރ) މި މާއްދާގެ ދަށުން މީރާއަށް ބަލައިގަންނަ ފައިސާ ޖަމާކުރާނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.
(ބ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް ހޯދުމަށް އެދި މި މާއްދާގެ (ބ) ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް، ޝަރީޢަތަށް ހުށަހެޅޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ މައްސަލަ ބަލައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، މި މާއްދާގެ (ބ) ގެ ދަށުން ޝަރީޢަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ހުށަހެޅުމުގެ ކުރިން، އެ ފައިސާ އެފަރާތުން ހޯދުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް، މީރާއަށް އެޅިދާނެއެވެ.
(1) ފައިސާ ދެއްކުމަށް އަންގާ ނޯޓިސް ފޮނުވުން؛
(2) ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަކުރުން؛
(3) ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ ޚިދުމަތެއް ދިނުން ހިފެހެއްޓުން.
(އ) މި މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި، އެ މާއްދާގައި ބަޔާންކުރާ ފިޔަވަޅު ވަކި ފަރާތަކާމެދު އެޅޭނީ، މި މާއްދާގެ (ހ) ގެ ދަށުން އެފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާއަކީ، އެ ދައުލަތުގެ އިދާރާއިން އެފަރާތުން ހޯދުމަށް އެދޭ ޚިދުމަތާ ގުޅުންހުރި މުޢާމަލާތަކާގުޅޭ ފައިސާއެއް ކަމުގައިވާނަމައެވެ.
(ވ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ފިޔަވަޅުތައް އެޅުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ގަވާއިދު މީރާއިން އެކުލަވާލަންވާނީ މިނިސްޓަރުގެ މަޝްވަރާގެ މަތިންނެވެ.
51. ޑަބަލް ޓެކްސް އެގްރީމަންޓްތައް
(ހ) ޑަބަލް ޓެކްސް ނެގޭ ޙާލަތްތައް މެދުވެރިވާގޮތް ހުއްޓުވުމަށް ނުވަތަ ޑަބަލް ޓެކްސް ނެގޭ ޙާލަތްތަކުގައި ލުއި ހޯދައިދިނުމަށް ނުވަތަ ލިބެންވާ ޓެކުހެއް ހޯދައިދިނުމަށް ނުވަތަ އެފަދަ ގުޅުންހުރި މައްސަލަތަކުގައި، ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރަށްވުރެ މަދުން ދެއްކުން ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުން ފަދަ ޙާލަތްތައް ހުއްޓުވުމަށް، ނުވަތަ މަދުން ޓެކްސް ދެއްކުން ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުން ފަދަ ޙާލަތްތައް އޮޑިޓްކުރުމަށް ނުވަތަ ތަޙްޤީޤުކުރުމަށް މަޢުލޫމާތު ބަދަލުކުރުމަށް، ދިވެހިސަރުކާރާއި ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު އެއްބަސްވުމަކަށް އަންނައިރު، އަންނަނިވި ކަންތައްތަކުގެ މައްޗަށް އެއްބަސްވެވިދާނެއެވެ.
(ށ) މިފަދަ އެއްބަސްވުންތަކަށް ޑަބަލް ޓެކްސް ނެގުން ލުއިކޮށްދޭ އެއްބަސްވުންތަކެކޭ ބުނެވިދާނެއެވެ.
51-1. މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުންތަކާއި ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް
ދިވެހިސަރުކާރާއި ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެއްބަސްވުމެއްގެ ދަށުން، ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ނުވަތަ "މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް" ޓެކްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވިދާނެއެވެ. އަދި، އެފަދައިން ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ބަދަލުކުރުމަށް ބޭނުންވާ މަޢުލޫމާތާއި، ޓެކްސް ދެއްކުމުން އެއްކިބާވުން ނުވަތަ ޓެކުހަށް މަކަރުހެދުން ހުއްޓުވުމަށާއި އެފަދަ ކަންކަން އޮޑިޓްކުރުމަށް ނުވަތަ ތަޙްޤީޤުކުރުމަށް ބޭނުންވާ މަޢުލޫމާތު، ކަމާގުޅޭ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން ޓެކްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވިދާނެއެވެ.
51-2. އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން
މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑާ އެއްގޮތްވާ ގޮތުގެމަތިން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ސިސްޓަމެއް މެދުވެރިކޮށް މީރާއާއި ބޭރުގެ ޤައުމުތަކުގެ ނުވަތަ ސަރަޙައްދުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވިދާނެއެވެ.
51-3. މާލީ އިދާރާތަކުން މަޢުލޫމާތު ހޯދުމުގެ ބާރު
(ހ) މި ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ 2-51 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ޓެކްސް ދައްކާ ފަރާތެއްގެ އަދި އެފަރާތާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، މާލީ އިދާރާތަކުން މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މަޢުލޫމާތު ހުށަހަޅަންޖެހޭ މާލީ އިދާރާތަކުގެ ތެރޭގައި، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން މަޢުލޫމާތު ހުށަހަޅަންޖެހޭ އެންމެހައި އިދާރާތައް ހިމެނެއެވެ.
51-4. ބެނެފިޝަލް އޯނަރޝިޕް
ޤާނޫނީ ޝަޚްޞެއްގެ ނުވަތަ މުޢާމަލާތެއްގެ ނުވަތަ އިންތިޒާމެއްގެ ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ހޯދުމާއި އެ މަޢުލޫމާތު ބޭނުންކުރުމާއި، މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން އެހެން ޤައުމުތަކާއެކު ނުވަތަ ސަރަޙައްދުތަކާއެކު އެ މަޢުލޫމާތު ޙިއްޞާކުރުމާއި، ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ނެގިދާނެ ޙާލަތްތައް ކަނޑައެޅުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ. އަދި ކަމާގުޅޭ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
51-5. މަޢުލޫމާތު ބޭނުންކުރުން
މި ޤާނޫނުގެ ދަށުން ލިބޭ ނުވަތަ ބަދަލުކުރެވޭ މަޢުލޫމާތު ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމަށްޓަކައި މީރާއަށް ބޭނުންކުރެވިދާނެއެވެ.
51-6. ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކަށް ޢަމަލުކުރުން
މި ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ ބައިނަލްއަޤްވާމީ އެއްބަސްވުންތަކަށް ޢަމަލުކުރުމަށް ލާޒިމުވާނެއެވެ.
52. ކުރެޑިޓް ދެވޭ މިންވަރުތައް
(ހ) މި މާއްދާގެ ދަށުން ޢަމަލު ކުރެވޭނީ، ޑަބަލް ޓެކްސް ނެގޭ ޙާލަތްތަކުގައި ދެވޭ ލުއިގެ އެއްބަސްވުމުގައި، އެ އެއްބަސްވުން ޤާއިމުކުރެވޭ ޤައުމަކުން ލިބޭ އެއްވެސް އާމްދަނީއެއް ނުވަތަ ފައިދާ އަކުން އެ ޤައުމެއްގައި ޓެކްސް ނެގޭނަމަ، ދިވެހިރާއްޖޭގައި އެފަދަ އާމްދަނީއަކުން ނުވަތަ ފައިދާއަކުން ޓެކްސް ދައްކަން ނުޖެހޭނެކަމަށް ބަޔާންކޮށްފައި ވާނަމައެވެ.
(ށ) މި މާއްދާގައި "ފޮރިން ޓެކްސް" ކަމުގައި ބުނެފައިއެވަނީ ޑަބަލް ޓެކްސް ނެގޭ ޙާލަތްތަކުގައި ދެވޭ ލުއިގެ އެއްބަސްވުމެއް ޤާއިމުކުރެވިފައިވާ ޤައުމަކުން ލިބޭ އާމްދަނީއިން ނުވަތަ ފައިދާއިން އެ ޤައުމެއްގައި ނެގޭ ޓެކްސްއަށެވެ.
(ނ) އެއްވެސް އަހަރެއްގެ ޓެކްސްއިން ކުރެޑިޓް ހުއްދަކުރެވޭނީ، އާމްދަނީ ނިސްބަތްވާ ފަރާތް، އެމުއްދަތުގައި ރާއްޖޭގައި ވަޒަންވެރިވެފައިވާނަމައެވެ. އަދި އެކަން ފުރިހަމަވާނަމަ، ކުރެޑިޓް ހޯދުމަށް އެދުމުން، އެފަރާތަކުން ޓެކްސް ދައްކަންޖެހޭ މިންވަރުން ކުރެޑިޓްއަށްވާ ޢަދަދު އުނިކުރަންވާނެއެވެ.
(ރ) އާމްދަނީ ހިސާބު ކުރުމުގައި
(1) ފޮރިން ޓެކްސްއެއް އުނިކުރުމަށް ހުއްދަ ނުދެވޭނެއެވެ. (އެއީ ފޮރިން ޓެކްސް ނެގޭ އާމްދަނީކަމަށް ވިޔަސް ނުވަތަ އެނޫން އާމްދަނީއެއްކަމަށް ވިޔަސްމެއެވެ.)
(2) ޓެކްސް ނަގަނީ ދިވެހިރާއްޖެއިން ލިބޭ ޢަދަދަކަށް ބަލައިގެންނަމަ، އެ ޢަދަދު، ފޮރިން ޓެކްސްގެ ގޮތުގައި ޖެހޭ މިންވަރާއި އެއްފަދަ ޢަދަދަކަށް އިތުރު ކުރެވޭނެއެވެ.
(3) އެއްބަސްވުމުގެ ދަށުން އާމްދަނީގެ ތެރޭގައި ޙިއްޞާގެ ފައިދާ ހިމެނޭނަމަ، އެ އާމްދަނީއިން ޙިއްޞާގެ ފައިދާ އުނިކުރުމަށްފަހު ނުވަތަ ނޫންނަމަވެސް އެއިން ފޮރިން ޓެކްސް ނުދައްކާނަމަ، އެއްވެސް މިންވަރެއްގެ ކުރެޑިޓް ހުއްދަ ކުރާނަމަ ޙިއްޞާގެ ފައިދާއިން ނެގޭ ޓެކްސްއަށް ކުރެޑިޓް ދެވޭނަމަ ކުރެޑިޓް ކަނޑައެޅުމުގައި ފޮރިން ޓެކްސްއަށް ޖެހޭ މިންވަރު އާމްދަނީއަށް އިތުރުކުރަންވާނެއެވެ.
(ބ) މިފަދަ ޙާލަތެއްގައި
(1) ޑަބަލް ޓެކްސް ނެގުމާބެހޭ ގޮތުން ވެވޭ އެއްބަސްވުމުގައި، ވަކި ބާވަތެއްގެ ޙިއްޞާގެ ފައިދާ ހިމެނިފައި އެހެން ޙިއްޞާގެ ބާވަތްތައް ނުހިމެނި، އެ އާމްދަނީއިން ޙިއްޞާގެ ފައިދާ އުނިކުރުމަށްފަހު ނުވަތަ ނޫންނަމަވެސް އެއިން ފޮރިން ޓެކްސް ނުދައްކާނަމަ، އެއްވެސް މިންވަރެއްގެ ކުރެޑިޓް ހުއްދަ ކުރާނަމަ ޙިއްޞާގެ ފައިދާއިން ނެގޭ ޓެކްސްއަށް ކުރެޑިޓް ދެވޭނަމަ، އަދި
(2) އެފަދަ އެއްބަސްވުންތަކުގައި ހިމެނިފައިނުވާ ބާވަތެއްގެ ޙިއްޞާއެއް ނަމަ، އެ ޙިއްޞާގެ ފައިދާ ލިބުނު ކުންފުންޏަކީ ޙިއްޞާގެ ފައިދާ ދިން ކުންފުންޏަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ބާރު ފޯރުވޭ، ދެބައިކުޅަ އެއްބަޔަށްވުރެ މަދުނުވާ ޢަދަދަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ، ކުންފުންޏެއް ނަމަ، އެއްބަސްވުން ތަކުގައި ހިމަނާފައިވާ ބާވަތްތަކުގެ ޙިއްޞާ އާއި އެއް އުޞޫލަކުން ކުރެޑިޓް ދޭންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭ އެއްވެސް އަހަރަކަށް ކުރެޑިޓް ހޯދުމަށްޓަކައި އެ އަހަރެއް ނިމޭތާ ލަސްވެގެން 2 އަހަރު ތެރޭގައި ހުށަހަޅަންވާނެއެވެ. އަދި ކުރެޑިޓް ދޭންޖެހޭ މިންވަރާއި މެދު ޚިޔާލު ތަފާތުވުން އުފެދިއްޖެ ނަމަ، އިއުތިރާޒު ކުރުމާއި އެޕީލް ކުރުމުގެ ފުރުޞަތު އޮންނާނެ އެވެ.
(ކ) ދިވެހިރާއްޖޭގައި ނުވަތަ އެހެން ތަނެއްގައި ޓެކްސްއަށް ގެނެވޭ ބަދަލެއްގެ ސަބަބުން، އެއްބަސްވުމެއްގެ ދަށުން ދެވިފައިވާ ކުރެޑިޓް މިންވަރު އިތުރު ނުވަތަ މަދުވެއްޖެ ޙާލަތެއްގައި، އެފަދަ ބަދަލެއް ރާއްޖޭގައި ނުވަތަ އެހެންތަނެއްގައި ގެންނަތާ ލަސްވެގެން 2 އަހަރު ތެރޭގައި، އެފަދަ ކުރެޑިޓް މިންވަރަށް ބަދަލު ގެނައުމަށް މި ޓެކްސް ޤާނޫނު ހުރަހެއް ނާޅައެވެ.
(އ) އެއްވެސް އެއްބަސްވުމެއްގެ ދަށުން، އެއްވެސް އާމްދަނީއެއްގެ ޓެކްސްއިން، ކުރެޑިޓް ދެވޭ ފޮރިން ޓެކްސްއެއް މި މާއްދާގެ (ވ) ގައިވާ ގޮތުގެމަތިން އެ އާމްދަނީއަކަށް ކަނޑައެޅޭ ޓެކްސްއަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
(ވ) އެއްވެސް ފަރާތަކަށް ކަނޑައެޅޭ ޓެކްސް ވާންޖެހޭނީ ޓެކްސް ދައްކަންޖެހޭ އަހަރަކު އެފަރާތުގެ ޖުމްލަ އާމްދަނީއިން އެފަރާތަކުން ޓެކްސް ދައްކަންޖެހޭ ރޭޓުން (މިބައިގައިވާ އެއްވެސް ކުރެޑިޓްއެއް ނުހިމަނާ) ކަނޑައެޅޭ މިންވަރެކެވެ.
52-1. މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރ
މި ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން، ކުރިއަށްގެންދާ މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ނުވަތަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާއެއް ކުރިއަށްގެންދަންވާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
53. ޑަބަލް ޓެކްސް އެގްރީމެންޓްއަކާ ނުލައި ދެވޭ ކުރެޑިޓް
(ހ) ދިވެހިރާއްޖޭގައި ޢާންމުކޮށް ވަޒަންވެރިވެފައިވާ ފަރާތަކުން (އުނިކުރުމާއި އެކު ނުވަތަ އެނޫންވެސް ގޮތަކަށް) ރާއްޖެއިން ބޭރުން ލިބުނު އެފަރާތެއްގެ އެއްވެސް އާމްދަނީއަކުން އަދި އެ އާމްދަނީއަކުން ރާއްޖޭގައިވެސް ޓެކްސް ދައްކަންޖެހޭ ފަދަ ޙާލަތެއްގައި، އޯވަސީސް ޓެކްސް ދައްކާފައިވާކަން ސާބިތުކޮށްދީފިނަމަ އެފަރާތަކަށް އޯވަސީސް ޓެކްސް ދެއްކި މިންވަރަށް ނުވަތަ ރާއްޖޭގައި ޓެކްސް ނަގަންޖެހޭ މިންވަރު، މި ދެ މިންވަރުން ކުރެ ކުޑަ މިންވަރަކަށް ކުރެޑިޓް ލިބޭނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް "އޯވަސީސް ޓެކްސް" ގެ މާނައަކީ 51 ވަނަ މާއްދާގެ ދަށުން އެއްބަސްވުމެއް ވެފައިނުވާ ކޮންމެ ޤައުމެއްގައި ގާނޫނެއްގެ ދަށުން ނެގޭ ވިޔަފާރީގެ ފައިދާގެ ޓެކްސް ނުވަތަ އެފަދަ އެހެން ޓެކްސްއެކެވެ.
(ނ) މި މާއްދާގެ ދަށުން ކުރެޑިޓް ދޭނެ މިންވަރު ހިސާބުކުރުމުގައި މި ޤާނޫނުގެ 52 ވަނަ މާއްދާއިން ޑަބަލް ޓެކްސް ނެގުމުގައި ލުއި ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރެވޭނެއެވެ. އަދި އެ މާއްދާގައި ފޮރިން ޓެކްސްއަށް ރިޢާޔަތް ކޮށްފައިވާ ފަދައިން އޯވަސީސް ޓެކްސްއަށް ވެސް ޢަމަލުކުރެވޭނެއެވެ.
53-1. އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓްތައް
(ހ) ޓެކްސް ދައްކާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރުމަށް ޤަޞްދުކުރާ މުޢާމަލާތަކާ ގުޅިގެން، އެ މުޢާމަލާތެއްގެ އާމްސް ލެންތު އަގު ކަނޑައަޅުމުގެ ބޭނުމަށް ނުވަތަ އާމްސް ލެންތު އަގު ކަނޑައެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމަށްޓަކައި، އެފަރާތާއެކު ނުވަތަ އެފަރާތުގެ އިތުރުން، ޓެކްސް އެޑްމިނިސްޓްރޭޝަނެއް ނުވަތަ އެއް ޓެކްސް އެޑްމިނިސްޓްރޭޝަނަށްވުރެ ގިނަ ޓެކްސް އެޑްމިނިސްޓްރޭޝަނާއެކު، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(ށ) ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކާމެދު ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކެއް، މި ޤާނޫނުގެ މި މާއްދާ ފިޔަވައި އެހެން މާއްދާއެއްގައި ނުވަތަ އެހެން އެއްވެސް ޓެކްސް ޤާނޫނެއްގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތުގައި އިސްކަންދޭންވާނީ މި މާއްދާއަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ހިނގާނީ، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ވިދިވިދިގެން ނިމޭ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށްވުރެ އިތުރުނުވާނެ މުއްދަތަކަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެއްވެސް ފަރާތަކާއެކު ޤާއިމުނުކުރެވޭނެ ޙާލަތްތަކާއި މި މާއްދާއާގުޅޭ އެހެނިހެން ކަންކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
54. ޓްރައިބިއުނަލްއެއް ޤާއިމުކުރުން
(ހ) މި ޤާނޫނުގެ ދަށުން އުފައްދާ އަދި މި ޤާނޫނާ އަދި އެހެންވެސް ޓެކްސް ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއެއް މި ޤާނޫނު ތަޞްދީޤުކުރާތާ 90 ދުވަހުގެ ތެރޭގައި އުފައްދަންވާނެއެވެ.
(ށ) މި ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލްއިން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
(ނ) ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މިނޫންގޮތަކުންވެސް މައްސަލައިގެ ޙަޤީޤަތް ހޯދާ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
(ރ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ހުށަހަޅާ ޝަކުވާއަކީ ޞައްޙަ ޝަކުވާއެއް ކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ނެރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(1) ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު؛
(2) މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމަކާ ގުޅޭގޮތުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ ވަގުތީ އަމުރު
55. އިސްތިއުނާފުކުރުން
(ހ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރި ނަމަވެސް، މަތީ މަރުޙަލާގެ ކޯޓަކުން ޓްރައިބިއުނަލްގެ އެ ނިންމުން ބަދަލުނުކުރާހާ ހިނދަކު ނުވަތަ ބާޠިލުނުކުރާހާ ހިނދަކު ނުވަތަ އެ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރޭހާ ހިނދަކު، ޓްރައިބިއުނަލްގެ ނިންމުމަކީ އެ މައްޗަށް ޢަމަލުކުރުން ލާޒިމު، އެންމެ ފަހުގެ ނިންމުމެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާ ނިންމުމެއް ނިންމާފައިވަނީ، ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ޙައްޤު، މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) އަދި (ބ) އެހެން އޮތްނަމަވެސް، ހައިކޯޓަށް ނުވަތަ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރާއިރު، އެ ދެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގައި ޢަދުލުވެރި ނިންމުމެއް ނިންމިދާނެކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ނުފެންނަނަމަ، އެ މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރާ މުއްދަތު 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ކ) މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު މި މާއްދާގެ (ޅ) ގެ ދަށުން ހައިކޯޓުން ނުވަތަ ސުޕްރީމް ކޯޓުން އިތުރުކުރާ ޙާލަތުގައި، އެ މައްސަލައެއްގައި ނިންމާ ނިންމުމުގައި އެކަމުގެ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
56. ޓްރައިބިއުނަލް އެކުލެވިގެންވާގޮތް
(ހ)
(1) ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލްއަށް މެންބަރުން ޢައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޓްރައިބިއުނަލްއަށް މެންބަރުން ޢައްޔަންކުރަންވާނީ ޢާންމުކޮށް އިޢުލާންކޮށްގެން ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބަޔެކެވެ.
(2) ޓްރައިބިއުނަލްގެ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. ރައީސާއި ނައިބު ރައީސް ހޮވާނީ ޓްރައިބިއުނަލްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
(ށ) ޓްރައިބިއުނަލަށް ޢައްޔަންކުރެވޭ މެންބަރުންގެ ތެރެއިން؛
(1) މަދުވެގެން އެއް މެންބަރަކު ވާންވާނީ ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި ޓެކްސްއާބެހޭ ޤާނޫނީ ތަޖުރިބާ ޙާޞިލުކޮށްފައިވާ، ނުވަތަ ޓެކްސް އެކައުންޓެންސީގެ ދާއިރާގައި ޢަމަލީ ގޮތުން މަސައްކަތްކޮށްފައިވާ މީހަކަށެވެ.
(2) މަދުވެގެން ދެ މެންބަރަކު ވާންވާނީ ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ މީހުންނަށެވެ.
(ނ) ޓްރައިބިއުނަލްއަށް ޢައްޔަންކުރެވޭ ކޮންމެ މެންބަރެއްގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.
(1) މުސްލިމަކު ކަމުގައިވުން؛
(2) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(3) ބުއްދި ސަލާމަތުންހުރުން؛
(4) ޢުމުރުން 18 އަހަރު ފުރިފައިވުން؛
(5) މާލީ، ޓެކްސް، ވިޔަފާރި، އާއި އިޤްތިޞާދު ނުވަތަ ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވުން؛
(6) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
(7) އިފްލާސް ކުރެވިފައިވާ މީހަކުކަމުގައި ނުވުން؛
(8) ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
(9) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން؛
(10) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުން؛
(11) ސިޔާސީ މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން؛
(12) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން؛
(13) ސިވިލް ސަރވިސް މުވައްޒަފެއްކަމުގައި ނުވުން؛
(14) މިނިވަން މުސްތަޤިއްލު މުވައްސަސާއެއްގެ މުވައްޒަފެއްކަމުގައި ނުވުން.
57. މެންބަރުކަމުގެ މުއްދަތު
ޓްރައިބިއުނަލްއަށް ޢައްޔަންކުރެވޭ މެންބަރަކު އެމަޤާމުގައި ދެމިހުންނާނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ. މި ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި އެހެން ކޮންމެ މެންބަރަކީ އަލުން ޓްރައިބިއުނަލްއަށް ޢައްޔަންކުރެވިދާނެ މެންބަރެކެވެ.
58. މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް
ޓްރައިބިއުނަލްގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުންނެވެ.
59. މެންބަރުކަމުގެ މަޤާމުން ވަކިކުރެވޭނެގޮތް
(ހ) ޓްރައިބިއުނަލްގެ މެންބަރަކު އޭނާގެ މަޤާމުން ވަކިކުރެވޭނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާއަށެވެ.
(1) ޝަރުޢީ ޙުކުމަކުން އިފްލާސްކުރެވިފައިވުން.
(2) ޖިނާއީ ކުށެއް ކުރިކަން ޝަރުޢީ ކޯޓަކަށް ސާބިތުވެ ޙުކުމްކުރުން.
(3) މެންބަރެއްގައި ހުރުމަށް މި ޤާނޫނު ލާޒިމްކުރާ ސިފައެއް އުނިވުން.
(4) މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން.
(ށ) ޓްރައިބިއުނަލްގެ މެންބަރަކު އަމިއްލައަށް މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެމެންބަރަކު މަޤާމުން ވަކިވީއެވެ.
60. މެންބަރުކަމުގެ މަޤާމު ހުސްވުން
ޓްރައިބިއުނަލްގެ މެންބަރަކު އެއްވެސް ސަބަބަކާހުރެ އެމެންބަރަކު ޢައްޔަންކުރެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަކިވެއްޖެނަމަ މުއްދަތުގެ ބާކީ އޮތް ބަޔަށް ގިނަވެގެން 60 ދުވަހުގެ ތެރޭގައި މީހަކު ޢައްޔަންކުރަންވާނެއެވެ.
61. ޓެކްސް އެޕީލް ޓްރައިބިއުނަލް ގެ އިދާރީ ހިންގުން އަދި މާލީ ކަންކަން
(ހ) ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީޚަށް، ނުވަތަ އެ ތާރީޚްގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއިން އެ ބަޖެޓް ފޮނުވަންވާނެއެވެ.
(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާޢަތަކުން ނުވަތަ ބޭރު ޤައުމެއްގެ ސަރުކާރުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށްދޭ މާލީ އެހީއެއް، ޓްރައިބިއުނަލްގެ މަސްއޫލިއްޔަތުތައް އަދާކުރަން މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އާމްދަނީއާއި ޚަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ މިންގަނޑަކާއި އެއްގޮތަށް ތައްޔާރުކޮށް އޮޑިޓްކުރުމަށްފަހު، އަންނަނިވި މަޢުލޫމާތުތައް ހިމެނޭގޮތުން ތައްޔާރުކުރެވިފައިވާ އަހަރީ ރިޕޯޓު، ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.
(1) ޓްރައިބިއުނަލްގެ މަޤްޞަދުތައް ޙާޞިލްކުރުމުގެ ގޮތުން އެ އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި އޭގެ ނަތީޖާ؛
(2) ޓްރައިބިއުނަލްއަށް ހުށަހެޅުނު މައްސަލަތައް؛
(3) ޓްރައިބިއުނަލްއިން ނިންމާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ނިންމާފައިވާ ގޮތް؛
(4) ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަމުންގެންދާ މައްސަލަތައް؛
(5) ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިވާ މައްސަލަތައް؛
(6) ޓްރައިބިއުނަލްގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްޞީލު.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްއިން އެ ރިޕޯޓު ޢާންމުކޮށް ޝާއިޢުކުރަންވާނެއެވެ.
62. ޓްރައިބިއުނަލްގެ ގަވާއިދު
ޓްރައިބިއުނަލްގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލްއިން މައްސަލަތައް ބެލުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި، ޓްރައިބިއުނަލްއާބެހޭ އެހެނިހެން ކަންތައްތައް ހިމެނޭ ގަވާއިދެއް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަޞްދީޤުކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްއިން ހަދަންވާނެއެވެ.
63. މި ބާބު ހިނގާނެ ދާއިރާ
(ހ) މި ބާބުގައި ބަޔާންވެގެންވާ ކުށާއި އަދަބު، އެންމެހައި ޓެކްސް ޤާނޫނުތަކާ ގުޅޭގޮތުން ހިނގާނެއެވެ.
(ށ) ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކާ ގުޅޭގޮތުން، މި ބާބުގައި ކުށެއްކަމަށް ބަޔާންވެގެންވާ ކަމެއް ކޮށްފިނަމަ، އެފަދަ ކަމެއް ކުށަކަށްވާނީ، އަދި އެ ކުށަށް އަދަބު ކަނޑައަޅާނީ، މި ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.
64. ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
(ހ) އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއެއް ދެއްކުމުން، އެނގިހުރެ، ގަސްދުގައި، އެއްކިބާވުމުގެ ނިޔަތުގައި، ނުވަތަ އެކަން އެގޮތަށް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
(1) ޓެކްސް ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނޭޅުން، ނުވަތަ އެއިން ޤާނޫނެއްގެ ދަށުން އަންގަންޖެހޭ އެންގުމެއް ނޭންގުން، ނުވަތަ އެއިން ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ މަޢުލޫމާތެއް ހުށަނޭޅުން؛
(2) ޓެކްސް ބަޔާނެއް ހުށަހަޅާއިރު، އޭގައި ހިމަނަންޖެހޭ ޓެކްސް ނެގޭ އާމްދަނީ ނުވަތަ ޓެކްސް ނެގޭ ފައިދާ ނުވަތަ އެނޫންވެސް އެފަދަ ޓެކްސްގެ ޢަދަދު ކަނޑައެޅުމަށް މުހިންމު އާމްދަނީއާއި ފައިދާއާގުޅޭ މަޢުލޫމާތެއް ނުހިމެނުން.
(3) ޓެކްސް ބަޔާނެއްގައި ދޮގު މަޢުލޫމާތެއް ހިމެނުން ނުވަތަ ހިމަނަންޖެހޭ މަޢުލޫމާތެއް ހިމަނާފައިނުވުން؛
(4) ޖަވާބެއް ނުވަތަ ވަކި މަޢުލޫމާތެއް ހޯދުމަށް އެދުމުން ނުރަނގަޅު ޖަވާބެއް ދިނުން ނުވަތަ ނުރަގަނޅު މަޢުލޫމާތެއް ދިނުން؛
(5) ޓެކްސް ޤާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް އެކުލަވާލުމުގައާއި ބެލެހެއްޓުމުގައި، އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުން ނުވަތަ ބެލެހެއްޓުން؛ ނުވަތަ އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުމާއި ބެލެހެއްޓުމަށް ހުއްދަކުރުން؛
(6) މީރާއަށް ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ހުށަނޭޅުން ނުވަތަ އެކުލަވާލަންޖެހޭ ގޮތަށް އެކުލަވާލާފައިނުވާ މާލީ ހިސާބުތައް މީރާއަށް ހުށަހެޅުން؛
(7) ޓެކްސް ދައްކަންޖެހޭ ޢަދަދަށް އަސަރެއްކޮށްފާނެ ފަދަ މަޢުލޫމާތަކަށް ބަދަލެއް ގެނައުން؛
(8) ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އުނިކޮށް، ޖަމާކޮށް، މީރާއަށް ދައްކަންޖެހޭ ޓެކުހެއްގެ ފައިސާ، އުނިނުކުރުން ނުވަތަ ޖަމާނުކުރުން ނުވަތަ މާލީ ހިސާބުތަކުގައި ނުހިމެނުން ނުވަތަ މީރާއަށް ނުދެއްކުން؛
(9) މީރާއިން ހިންގަންޖެހޭ ތަޙުޤީޤެއް މީރާއިން ހިންގުމުގައި ހުރަސްއެޅުން ނުވަތަ އެކަން ކުރަން މީރާއަށް ދަތިކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ މަދަނީ އަދަބަކީ:
(1) ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ޖޫރިމަނާކުރުން؛ އަދި
(2) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް ނުވަތަ ފޯރުކޮށްދޭންޖެހޭ މަޢުލޫމާތެއް ފޯރުކޮށްދޭންޖެހޭ ދުވަހަށް ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް، ނުވަތަ ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ވޭތުވެދާ ކޮންމެ ދުވަހަކަށް -/100 (އެއްސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، އެ ކުށް ކުރި ފަރާތެއް 3 (ތިނެއް) މަސްދުވަހާއި 1 (އެކެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
(ރ) ޓެކްސް ބަޔާނެއްގައި ނުރަނގަޅު މަޢުލޫމާތެއް ހިމަނާފައިވާނަމަ ނުވަތަ އެ ބަޔާނުގައި ހިމަނަންޖެހޭ މަޢުލޫމާތެއް ހިމަނާފައިނުވާނަމަ ނުވަތަ ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތަކުގައި ނުރަނގަޅު މަޢުލޫމާތެއް ހިމަނާފައިވާނަމަ ނުވަތަ ހިމަނަންޖެހޭ މަޢުލޫމާތެއް ހިމަނާފައިނުވާނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، މި މާއްދާގެ ބޭނުމަށްޓަކައި އޭނާ އެކަން ކޮށްފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމަށްކަމުގައި ބެލެވޭނެއެވެ.
65. ޓެކްސް ބަޔާން ހުށަނޭޅުމާއި މަޢުލޫމާތު ހުށަނޭޅުމުގެ ކުށް
(ހ) މި ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންވެގެންވާ ކުށެއްގެ ތެރޭގައި ނުހިމެނޭ ގޮތުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މަޤުބޫލު އުޒުރަކާ ނުލައި ކުރުމަކީ ކުށެކެވެ.
(1) ޓެކްސް ބަޔާން ހުށަނޭޅުން؛
(2) މާލީ ހިސާބުތައް ހުށަނޭޅުން؛
(3) ޤާނޫނުގައިވާ ގޮތުގެމަތިން ހުށަހަޅަންޖެހޭ މަޢުލޫމާތެއް ހުށަނޭޅުން؛
(4) ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އުނިކުރެވޭ ފައިސާ މީރާއަށް ނުދެއްކުން؛
(5) މި ޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުބެލެހެއްޓުން؛
(6) ސައްޙަނޫން މަޢުލޫމާތެއް ހިމަނައިގެން ޓެކްސް ބަޔާނެއް ހުށަހެޅުން؛
(7) ސައްޙަނޫން މަޢުލޫމާތެއް ހިމަނައިގެން މާލީ ހިސާބެއް ނުވަތަ ލިޔެކިޔުމެއް ހުށަހެޅުން؛
(8) ޓެކްސް ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ މުއްދަތެއްގައި ރަޖިސްޓަރީ ނުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށެއްގެ މަދަނީ އަދަބަކީ:
(1) ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ޖޫރިމަނާކުރުން؛ އަދި
(2) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް ނުވަތަ ފޯރުކޮށްދޭންޖެހޭ މަޢުލޫމާތެއް ފޯރުކޮށްދޭންޖެހޭ ދުވަހަށް ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް، ނުވަތަ ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ވޭތުވެދާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، އެ ކުށް ކުރި ފަރާތެއް 1 (އެކެއް) މަސްދުވަހާ 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
66. ދައްކަންވާ ދުވަހަށް ޓެކްސް ނުދެއްކުމުގެ ކުށް
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތުން، އޭނާ ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހަށް ނުދައްކައިފިނަމަ، އެ ކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ އަދަބަކީ، އެ ކުށް ކުރި ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ޢަދަދުގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) އިން އެފަރާތެއް ޖޫރިމަނާކުރުމެވެ.
67. ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރުން
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ކަނޑައަޅަންޖެހޭ މަދަނީ އަދަބު ކަނޑައަޅާނީ ޤާނޫނުގައިވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނިންމުމަކުންނެވެ.
(ށ) މި ޤާނޫނުގައި ކުށެއް ކަނޑައެޅުމަށްފަހު އެ ކުށުގެ އަދަބު ބަޔާންކޮށްފައިނުވާނަމަ، އެ ކުށެއްގެ އަދަބަކީ -/5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ކުށްކުރި ފަރާތް ޖޫރިމަނާކުރުމެވެ.
68. ޖިނާއީ އެހެން ދަޢުވާއެއް އުފުލުން މަނާނުކުރުން
އެހެން އެއްވެސް ޤާނޫނެއްގެ ދަށުން ކުރެވޭ އެއްވެސް ޖިނާއީ ދަޢުވާއަކަށް މި ޤާނޫނުން ހުރަހެއް ނެތެވެ. އެހެންނަމަވެސް، އެއް ކުށަކަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ އެއް ދަޢުވާއަށްވުރެ ގިނަ ދަޢުވާއެއް ނުކުރެވޭނެއެވެ.
69. ފިޔަވަޅު އެޅުމުގެ މުއްދަތު
(ހ) މި ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކާމެދު މި ޤާނޫނުގެ ދަށުން އެޅުމަށް ހުއްދަ ފިޔަވަޅެއް އެޅޭނީ، އެ ކުށްކުރި ތާރީޚުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.
(ށ) މި ޤާނޫނުގެ ދަށުން ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފައިވާކަން މީރާއަށް ނޭނގޭނަމަ، ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން ފިޔަވަޅެއް އެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ގުނަންފަށާނީ، މީރާއަށް އެކަން އެނގޭ ތާރީޚް ނުވަތަ އެކަމާމެދު ފިޔަވަޅު އެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިއްޖެކަމަށް މީރާއަށް ޤަބޫލުކުރެވޭ ތާރީޚް، މި ދެ ތާރީޚުންކުރެ ފަހުން އަންނަ ތާރީޚެއްގައެވެ.
70. މަދަނީ އަދަބު އިސްތިއުނާފުކުރުން
މި ޤާނޫނުގެ ދަށުން މަދަނީ އަދަބެއް ކަނޑައެޅުމުން، އެ އަދަބެއްގެ ގޮތުން ދައްކަން އަންގާ ފައިސާ ދެއްކުމަކީ، އެ އަދަބަކާމެދު އިސްތިޢުނާފަށް ހުށަހަޅާފައިވީނަމަވެސް، އެ ފައިސާ ދައްކަންޖެހޭ ދުވަހަށް ދައްކާ ނިންމަންޖެހޭނެ ފައިސާއެކެވެ. އެހެންނަމަވެސް، އިސްތިޢުނާފުކުރުމުގެ ސަބަބުން އެ އަދަބު ކުޑަކޮށްފިނަމަ، ނުވަތަ ބާޠިލުކޮށްފިނަމަ، މީރާއިން އެ ފައިސާ އަނބުރާ ދައްކަންޖެހޭނެއެވެ.
71. ކުށް ސާބިތުކުރަންޖެހޭ މިންގަނޑު
އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށަކާ ގުޅޭގޮތުން މި ޤާނޫނުގެ ދަށުން ޖިނާއީ ދަޢުވާއެއް އުފުލޭ ޙާލަތުގައި އެ ކުށުގެ ތުހުމަތުކުރެވޭ ފަރާތުން އެ ކުށެއް ކުރިކަން ސާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެކެވެ. މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށަކާ ގުޅޭގޮތުން މި ޤާނޫނުގެ ދަށުން މަދަނީ ފިޔަވަޅު އެޅޭ ޙާލަތުތަކުގައި، އެކުށެއް ނުކުރާކަން ސާބިތުކުރުމަކީ، އެ ކުށުގެ ތުހުމަތުކުރެވޭ މީހާގެ ޒިންމާއެކެވެ.
72. މި ޤާނޫނު އެހެން ޓެކްސް ޤާނޫނުތަކާ އެކުގައި ކިޔުން
މި ޤާނޫނު ކިޔާނީ، އެހެން ޓެކްސް ޤާނޫނުތަކާ އެކުގައެވެ. އަދި މި ޤާނޫނުގައި ބޭނުންކޮށްފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު މާނަކުރާނީ، އެ ޤާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.
73. ބަންދު ދުވަހަކާއި ދިމާވުން
(ހ) ޓެކްސް ޤާނޫނެއްގައި ވަކި ކަމެއް ކުރުން ލާޒިމްކޮށްފައިވަނީ ވަކި ތާރީޚަކަށް ކަމަށްވެފައި، އެ ތާރީޚެއް ދިމާވަނީ ރަސްމީ ބަންދު ދުވަހަކަށްކަމަށްވާނަމަ، ދެން އެކަމެއް ކުރުމުގެ އެންމެފަހު ތާރީޚަކީ އެ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހެކެވެ.
(ށ) ޓެކްސް ޤާނޫނެއްގައި ވަކި ކަމެއް ކުރުން ލާޒިމްކޮށްފައިވާ ތާރީޚެއްގައި އެކަމެއް ނުކުރެވުނީ ރަސްމީ ބަންދު ދުވަހަކާއި ދިމާވުމުންކަމަށްވާނަމަ އެކަމެއް ނުކުރެވުމުގެ ސަބަބުން ކަނޑައެޅޭ ޖޫރިމަނާ ހިނގަން ފަށާނީ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެންނެވެ.
74. އިތުރަށް ދައްކާ ޓެކްސް
(ހ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ފައިސާ ދެއްކުމުގައި، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކޭ ޙާލަތުގައި، އެ ފައިސާ އަނބުރާ ހޯދުމަށް އެފަރާތުން މީރާއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަށް މީރާއަށް ލިބުމުން، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް މީރާއަށް ކަނޑައެޅިދާނެއެވެ.
(1) އެ ފަރާތުން މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ، އެ ޢަދަދު އެފަރާތަށް އަނބުރާ ދިނުން؛
(2) ކުރިޔަށްހުރި ޓެކްސް ދައްކަންޖެހޭ މުއްދަތުތަކުގައި އެފަރާތުން ދައްކަންޖެހޭ ޓެކްސްގެ ފައިސާއިން އެ ޢަދަދު އުނިކުރުން.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޓެކްސްގެ ޤާނޫނެއްގެ ދަށުން ޓެކްސް ދައްކާ އެއްވެސް ފަރާތަކުން ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ފަރާތުން މީރާއަށް ފައިސާ ދެއްކުމުގައި، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
75. އަދަބު ލުއި ކޮށްދިނުން
(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ފެނިއްޖެނަމަ އަދަބު ލުއިކޮށްދީ، އަދަބެއްގެ މައްސަލައެއް ފަސްކޮށްދީ ނުވަތަ ދެ މައްސަލައެއް އެއްކޮށްލައި ނުވަތަ އަދަބު އެއްކޮށް މަޢާފުކޮށްދިނުމަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް އިޚްތިޔާރު ލިބިގެންވާ ކަންކަމެވެ.
(ށ) ޓެކްސްގެ ޤާނޫނަކަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ފުރަތަމަ 6 (ހައެއް) މަސްދުވަހަށް ނިސްބަތްވާ ކަންކަމަށް، ޓެކްސްދައްކާ އެންމެހައި ފަރާތްތަކަށް އެއް އުޞޫލަކުން، ޖިނާއީ އަދަބު ކަނޑަނާޅާ ދޫކޮށްލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ.
76. ޓެކްސް ދަރަންޏަކަށްވުން
ޓެކްސްގެ ޤާނޫނެއްގެ ދަށުން މީރާއަށް ދައްކަންޖެހޭ ފައިސާއަކީ، އެ ފައިސާ ދެއްކުން ލާޒިމްވާ ވަގުތުން ފެށިގެން އެ ފައިސާ ނުލިބޭހާހިނދަކު، އެ ފައިސާ ދައްކަންޖެހޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ދަރަންޏެކެވެ. އަދި ދަރަންޏަށްވާ ފައިސާ މި ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތަށް ހޯދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.
77. މުއްދަތު އިތުރުކުރުމުގެ ބާރު
ޓެކްސް ޤާނޫނެއްގެ ދަށުން ލާޒިމްކުރާކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެކަމެއް ނުކުރެވޭނެ ފަދަ މަޤުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެކަންކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
78. ޓެކްސް ދައްކަންޖެހޭ ކުޑަކުދިންނާ ގުޅޭ ޒިންމާތައް
އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ޓެކްސްގެ ޤާނުނުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ޓެކްސްއާއި އަދި އެހެނިހެން ޒިންމާތަކާއި ޙަވާލުވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފަރާތުންނެވެ.
79. ޓެކްސް ދައްކާ ފަރާތް މަރުވުން ނުވަތަ އިފްލާސްކުރުން
ޓެކްސްގެ ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތެއް މަރުވެއްޖެނަމަ، ނުވަތަ އިފްލާސްކޮށްފިނަމަ، ޓެކްސް ޤާނޫނުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ޓެކްސްއާއި އެހެނިހެން ޒިންމާތަކާއި ޙަވާލުވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފަރާތުންނެވެ.
80. ކުށް ކުރުމަށް އެހީތެރިވުން
ޓެކްސް ނެގުމާބެހޭ އެއްވެސް ޤާނޫނެއްގައި ކުށެއްކަމަށް ކަނޑައެޅިފައިވާ ކަމެއް ކުރުމަށް އެހީތެރިވުން، ހިތްވަރުދިނުން، ތާއީދުކުރުން، ލަފާދިނުން، ބާރުއެޅުން، ނުވަތަ ނުފޫޒު ފޯރުވުން ފަދަ އެއްވެސްކަމެއް ކޮށްފިމީހާ މި ޤާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
81. މަސްއޫލިއްޔަތު އަދާކުރުމަށްދެވޭ މުއްދަތު އިތުރުކުރުން
ރާއްޖޭގައި ނެތުމުގެ ސަބަބުން ނުވަތަ ނުކުޅެދޭފަދަ ބައްޔަކާހުރެ ނުވަތަ ޤަބޫލުކުރެވޭ ޢުޛުރަކާހުރެ ރާއްޖޭގައި ނެތުމުގެ ސަބަބުން މި ޤާނޫނުން ދެވިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަ ނުކުރެވިއްޖެނަމަ މީރާއިން ނުވަތަ ގަވާއިދުތަކާއި އެއްގޮތަށް ހަދާފައިވާ ހުށަހެޅުމެއް ލުމުން ޓެކްސް އެޕީލް ޓްރައިބިއުނަލްއިން މިފަދަ ކަންކަމަށް ދެވިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. ނޫނީ ޙާލަތަށް ބަލާ ލަސްވި މުއްދަތު މަޢާފުކޮށްދެއްވިދާނެއެވެ.
82. މީރާއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް
މި ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހަޅަންވާނީ މީރާއިން މިކަމަށް ތައްޔާރުކޮށްފައިވާ ފޯމްތައް ބޭނުންކޮށްގެންނެވެ. މީރާއިން ތައްޔާރުކޮށްފައިވާ ފޯމްތަކުގައި ނޫންގޮތަކަށް ހުށަހަޅާ ލިޔުންތަކަކީ މި ޤާނޫނުގެ ދަށުން ހުށަހަޅާފައިވާ ލިޔުންތަކެއްކަމަކަށް ނުބެލެވޭނެއެވެ.
83. ގަވާއިދު ހެދުމާއި ޤާނޫނަށް ޢަމަލުކުރަން ފެށުން
(ހ) މި ޤާނޫނުގައިވާ ކަންކަން ހިންގާ ބަލަހައްޓަނީ މީރާއިންނެވެ.
(ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަޞްދީޤުކުރާ ތާރީޚުން ފެށިގެންނެވެ.
(ނ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ޤާނޫނު ތަޞްދީޤުކުރާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ހަދާ ނިންމަންވާނެއެވެ.
84. ޓެކްސް ރޫލިންގ
(ހ) މި މާއްދާގައި ބަޔާންކުރާ ދާއިރާގެ ތެރޭގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ޓެކްސް ރޫލިންގ ނެރެވިދާނެއެވެ. އެގޮތުން ނެރޭ ޓެކްސް ރޫލިންގތަކަށް ޢަމަލުކުރުން، މީރާގެ މައްޗަށް ލާޒިމުވާނެއެވެ.
(ށ) ޓެކްސް ރޫލިންގއަކީ، ޓެކްސް ޤާނޫނާއި ގަވާއިދުތައް މާނަކުރުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި ނުވަތަ ވަކި ބާވަތެއްގެ މުޢާމަލާތަކާ ގުޅިގެން ޓެކްސް ދެއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުމަށްޓަކައި، ނުވަތަ ޓެކްސް ނެގުމާގުޅޭ އިދާރީ ކަންކަން ބަޔާންކޮށްދިނުމަށްޓަކައި ނެރޭ ރޫލިންގއެކެވެ. އެއްވެސް ޙާލެއްގައި، އެފަދަ ޓެކްސް ރޫލިންގއެއް، މި ޤާނޫނާއި ޓެކްސް ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދާއިރާއަށްވުރެ ފުޅާވެގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޮންމެ ޓެކްސް ރޫލިންގއަކަށް ޢަމަލުކުރަން ފެށުމަށް، މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
85. ވަޒަންވެރިވުން
(ހ) ޓެކްސް ޤާނޫނެއްގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފަކަމަށް ބުނެފައިވަނީ، ވަކި ފަރުދަކަށް ނިސްބަތްކޮށް ބަލާއިރު؛
(1) އެ އަހަރެއްގައި 183 (ސަތޭކަ އަށްޑިހަތިނެއް) ދުވަހު، ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދިވެހިރާއްޖޭގައި ހުރެފައިވާ މީހަކަށް؛ ނުވަތަ
(2) ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްދުކޮށްގެން އެ އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ މީހަކަށް؛ ނުވަތަ
(3) އެ އަހަރު ޢާންމުކޮށް ދިވެހިރާއްޖޭގައި ދިރިއުޅެމުންގެންދިޔަ، އެކަމަކު އެ އަހަރު ނިމުމުގެ ކުރިން ފުރައިގެންދިޔަ މީހަކަށެވެ.
(ށ) ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްތުކޮށްގެން އެ އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ މީހަކަށް؛ ނުވަތަ
(ނ) ޕާޓްނަރޝިޕެއް ނުވަތަ ޓްރަސްޓްއެއް ނުވަތަ އެހެން ޖަމްޢިއްޔާއެއްވެސް ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގާނަމަ، ޓެކްސް ޤާނޫނެއްގެ މަޤްޞަދަށްޓަކައި ބެލެވޭނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.
(ރ) ޓެކްސް ޤާނޫނެއްގައި، ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ކުންފުންޏެއް ބެލެވޭނީ ޓެކްސް ޤާނޫނެއްގެ މަޤްޞަދަށްޓަކައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.
(ބ) ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ކުންފުންޏެއްނަމަ، އެކުންފުނި ވަޒަންވެރިވެފައިވާ ތަނަކީ ކޮބައިކަން ނިންމާނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް ހިނގަމުންދާ ތަނަކަށް ރިޢާޔަތްކޮށްފައެވެ. އެތަނަކީ ކޮންތަނެއްކަން ޔަޤީންކުރެވެން ނެތްނަމަ، އެ ކުންފުނި ވަޒަންވެރިވެފައިވާ ތަންކަމަށް ބަލާނީ އެ ކުންފުންޏެއް އުފެއްދި ނުވަތަ ރަޖިސްޓްރީކުރެވުނު ތަނެވެ.
(ޅ) ޓެކްސް ޤާނޫނެއްގެ މަޤްޞަދަށްޓަކައި، އެ ކުންފުނި؛
(1) އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛ ނުވަތަ
(2) ދިވެހިރާއްޖެއިން ބޭރުގައި އުވާލެވެމުންދާނަމަ،
(3) އެވިޔަފާރިކުރުން ހުއްޓާލުމުގެ ހިނދުކޮޅެއް ކުރިންވެސް، ނުވަތަ އެކުންފުނީގެ ކަންތައްތަކުގެ ތެރެއިން އެއްވެސް ބައެއް، ދިވެހިރާއްޖޭގައިނަމަ ކުންފުނި އުވާލުމަށް ޙަވާލުވާ މީހާ ކުރާނެކަހަލަ މަސައްކަތެއް ކުރާ މީހެއްގެ ބެލުމުގެ ދަށަށް ދިއުމުގެ ކުރިން ބެލެވިފައިވަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްގެ ގޮތުގައިކަމަށް ވަނީނަމަ، އަދިވެސް ބަލާނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.
86. މާނަކުރުން
(ހ) މި ޤާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު:
"ހުއްދަ ދެވިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ މި ޤާނޫނުގެ ބޭނުމަށް މީހެއްގެ ބަދަލުގައި އޭނާ ތަމްސީލުކުރުމުގެ ހުއްދަ ލިޔުމަކުން ލިބިފައިވާ މީހާއަށެވެ.
"ލިޔެކިއުންތައް" ކަމަށް ބުނެފައި އެވަނީ އެއްވެސް ކަހަލަ މަޢުލޫމާތެއް އެކުލެވިގެންވާ ކޮންމެ އެއްޗަކަށެވެ.
"ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން" ކަމަށް ބުނެފައި އެވަނީ މި ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހާއަށެވެ.
"ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން" ކަމަށް ބުނެފައި އެވަނީ މި ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހާއަށެވެ.
"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމަށެވެ.
"ބެނެފިޝަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ޚިދުމަތެއް ލިބިގަންނަ ފަރާތެއްގެ "އަލްޓިމޭޓް" މިލްކުވެރިކަން އޮތް ފަރުދަކަށް ނުވަތަ "އަލްޓިމޭޓް" ކޮންޓްރޯލް އޮތް ފަރުދަކަށް، ނުވަތަ ފަރުދެއްގެ ބަދަލުގައި އެހެން ފަރާތަކުން މުޢާމަލާތެއް ހިންގާނަމަ އެ ފަރުދަކަށެވެ. "ބެނެފިޝަލް އޯނަރ" ގެ މާނައިގެ ތެރޭގައި، ޤާނޫނީ ޝަޚްޞެއްގެ ނުވަތަ އިންތިޒާމެއްގެ "އަލްޓިމޭޓް އިފެކްޓިވް ކޮންޓްރޯލް" އޮންނަ ފަރާތްތައްވެސް ހިމެނެއެވެ.
"ބޯޑު" ކަމަށް ބުނެފައި އެވަނީ މި ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވާލެވޭ މީރާގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
"ބޭރު ޤައުމެއް ނުވަތަ ސަރަޙައްދެއް" ކަމަށް ބުނެފައި އެވަނީ، ބޭރު ޤައުމުތަކާއި، ބޭރު ޤައުމުތަކުގެ ޤާނޫނީ ބާރު ހިނގާ ސަރަޙައްދުތައްވެސް ހިމެނޭގޮތުންނެވެ.
"މިނިސްޓަރ" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓަރަށެވެ.
"ޓެކްސް ދައްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތަށެވެ.
"ޓެކްސް ޤާނޫނު" ކަމަށް ބުނެފައިއެވަނީ، މި ޤާނޫނު އަދި ޓެކްސް ނެގުމާބެހޭ އެންމެހައި ޤާނޫނުތަކަށެވެ.
"ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، ޓެކްސް ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށެވެ.
"ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައިއެވަނީ، ހޯލްޑިންގ ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގްރޫޕަކަށެވެ.
"ގުޅުން ހުރިފަރާތް" ކަމަށް އެއްވެސް ޓެކްސް ޤާނޫނެއްގައި ބުނެފައިއެވަނީ:
(1) އެފަރާތެއްގެ އެއްވެސް ތިމާގެ މީހެއް؛
(2) އެ ގުރޫޕުގައި ހިމެނޭ އެހެން ކުންފުންޏެއް؛
(3) އެފަރާތަކާއެކު ޕާޓްނަރޝިޕްއެއްގައި ހިމެނޭ ފަރާތެއް؛
(4) އެފަރާތަކީ، އެ ކުންފުނީގެ އެއްވެސް ޙިއްޞާއެއް ނުވަތަ ޒިންމާއެއްގައި އެއްވެސް މަސްލަޙަތެއް ލިބިފައިވާ މީހެއްނަމަ، އެ ޙިއްޞާތަކާ މަސްއޫލިއްޔަތުގައި މަސްލަޙަތެއް ލިބިފައިވާ އެހެން އެއްވެސް ފަރާތެއް، މިއެވެ.
"ތިމާގެ މީހާ" ކަމަށް އެއްވެސް ޓެކްސް ޤާނޫނެއްގައި ބުނެފައިއެވަނީ:
(1) އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
(2) މާމަ، ކާފަ، މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް.
(ށ) ޓެކްސް ނެގުމާބެހޭ އެއްވެސް ޤާނޫނެއްގައި އެއްވެސް ބަހެއް އަދި އެއްވެސް ޢިބާރާތެއް އެހެން ގޮތަކަށް ބަޔާން ކުރެވިފައި ނުވާހާހިނދަކު މާނަ ކުރެވޭނީ މި ޤާނޫނުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ.