ޤާނޫނާއި ގަވާއިދު

×

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން "ޑީމްޑް ޕާޓްނަރޝިޕް" ތައް ރަޖިސްޓަރީކުރުން

TR-2016/A9

ނެރުނު ތާރީޚް: 01 ޑިސެންބަރު 2016
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 01 ޑިސެންބަރު 2016
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 2011/14 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގ ތަފުސީލުކޮށްދީފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން، "ޑީމްޑް ޕާޓްނަރޝިޕް" ތައް މީރާގައި ރަޖިސްޓަރީކުރުން ލާޒިމުވާ ޝަރުޠުތަކެވެ.  

2. ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގައި ވަނީ:

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ވިޔަފާރިއެއް ފަށާ ކޮންމެ ފަރާތަކުން (ކުންފުންޏަކަށް ނުވާނަމަ) އެ ވިޔަފާރިއެއް އެ ފަރާތަކުން ފެށި ފުރަތަމަ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި އެމަޢުލޫމާތު މީރާއަށް އަންގަންވާނެއެވެ.

3. ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ވަނީ:

ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މީރާއިން ބަލަހައްޓަންޖެހޭ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީ ފުރިހަމަކުރުމުގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން އެ ވިޔަފާރި ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މީރާގައި އެ ފަރާތް ރަޖިސްޓަރީކުރުމަށް "ޓެކްސް ދައްކާ ފަރާތް ރަޖިސްޓަރީކުރުން" (MIRA101) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް ހުށަހަޅަންވާނެއެވެ.

4. ގަވާއިދުގެ 77 ވަނަ މާއްދާގެ (ނ) ގައި ވަނީ:

"ވިޔަފާރި" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި "ވިޔަފާރި" އަށް ދެވިފައިވާ މާނައިގައެވެ.

5. ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ވަނީ:

ޓެކްސް އަހަރެއްގައި ކޮންމެ ޕާޓްނަރޝިޕްއަކަށްވެސް، އެ ޕާޓްނަރޝިޕްއަކީ ޤާނޫނު ނަންބަރު 9/96 (ޕާޓްނަރޝިޕާބެހޭ ޤާނޫނު) ގެ ދަށުން، ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްއަކަށް ވާނަމަވެސް ނުވަތަ ނުވާނަމަވެސް، ތިރީގައި ބަޔާންކުރެވޭ މާއްދާތައް ރައްދުވާނެއެވެ.

...

6. ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި ވަނީ:

"ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުން ނުހިމެނޭގޮތަށް ތިރީގައިވާ ކަންކަމަށެވެ.

(1) ހުރިހާ ބާވަތެއްގެ ފަންނީ އަދި އެނޫންވެސް މަސައްކަތާއި، އެންމެހައި ވިޔަފާރިއާއި، އުފެއްދުންތެރިކަމާއި، ދަނޑުވެރިކަމާއި، ދަނޑުގޮވާން ކުރުމާއި، ހޯޓިކަލްޗަރއާއި، ލަކުޑި ގަސްހެއްދުމާއި، ފެނުގައި ގަސްގަހާގެހި ހެއްދުމާއި، ކުކުޅުހާ ފަދަ ދޫނީގެ ބާވަތްތައް ގެންގުޅުމާއި ނުވަތަ ގެރިބަކަރި ފަދަ ޖަނަވާރު ގެންގުޅުން، މަސްވެރިކަމާއި، މަސްމަހާމެހި ދިރުވައި ގެންގުޅުމާއި، އަދި އެނޫންވެސް މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ބޭނުމުގައި ހިންގާ އެންމެހައި ޙަރަކާތްތައް.

(2) ކޮންމެވެސް އަގެއްހުރި މުޤާބިލަކަށް ނުއުފުލޭ މިލްކިއްޔާތެއް ބޭނުންކުރުމުގެ ޙައްޤުދިނުން.

7. ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ:

"ޕާޓްނަރޝިޕް"ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 9/96 (ދިވެހިރާއްޖޭގެ ޕާޓްނަރޝިޕާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕާޓްނަރޝިޕްތަކާއި، ވިޔަފާރި ޙަރަކާތަކުން ލިބޭ ޖުމްލަ އާމްދަނީ ޙިއްޞާކުރާގޮތަށް، އެއާމްދަނީ ހޯދުމަށް ބޭނުންކުރާ މުދަލުގެ މިލްކުވެރިކަން އެހުރިހާ ފަރާތްތަކުން ޙިއްޞާނުކުރިކަމުގައިވީނަމަވެސް، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން އާމްދަނީ ހޯދުމުގެ ނިޔަތުގައި ވަކިނަމެއްގައި ނުވަތަ ވަކި ޚާއްޞަ ނަމެއްނެތި ހިންގާ، ވިޔަފާރި ޙަރަކާތަކަށެވެ.

 

ރޫލިންގ

8. ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސްއިން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕްތައް ފިޔަވައި އެހެން ޕާޓްނަރޝިޕްތަކުގެ ތެރެއިން އަންނަނިވި ހުރިހާ ޝަރުޠެއް ފުރިހަމަވާ ޕާޓްނަރޝިޕްތައް، ޤާނޫނާއި ގަވާއިދުގެ ދަށުން މީރާގައި ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.

(ހ) އެ ޕާޓްނަރޝިޕުން ހިންގާ އެއްވެސް ވިޔަފާރި ހަރަކާތެއް ހިންގުމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ދޫކުރާ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަން ނުޖެހުން؛ އަދި

(ށ) އެ ޕާޓްނަރޝިޕަށް އެހެން މީހަކު ކޮށްދޭ މަސައްކަތަކަށް އެއްވެސް މުޤާބިލެއް އަދާ ނުކުރުން؛ އަދި

(ނ) އެ ޕާޓްނަރޝިޕުން ހިންގާ ހުރިހާ ވިޔަފާރި ހަރަކާތަކުން 12 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް އެ މީހަކަށް ލިބޭ ޖުމުލަ އާމްދަނީ 20,000 (ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވުން.

9. މި ރޫލިންގގެ 8 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ޕާޓްނަރޝިޕްތަކުން:

(ހ) އަމިއްލަ އިޚްތިޔާރުގައި މީރާގައި ރަޖިސްޓަރީކުރެވިދާނެއެވެ.

(ށ) ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިސާބުތައް ބަލަހައްޓަންވާނެއެވެ.

 

ޢަމަލުކުރަން ފެށުން

10. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ