މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގައި ބަޔާންކޮށްފައި ވާނީ، އެއްވެސް ތަނަކީ ޓޫރިސްޓް އެސްޓެބްލިޝްމެންޓެއްގައި ޤާއިމްކޮށްފައިވާ ތަނެއް ކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކެވެ. މި ފަދަ ތަންތަނަކީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ގެ ދަށުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަންޖެހޭނެ ތަންތަނެވެ.
2. ޤާނޫނުގެ 15 ވަނަ މާއްދާގައި ވަނީ:
(ހ) ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ކަމަށް ބަލާނީ އަންނަނިވި މުދަލާއި ޚިދުމަތްތަކެވެ.
(1) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް މެރީނާތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް؛
(2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި މުވައްޒަފުންނަށް ޚާއްޞަކުރެވިގެން ހިންގާ ފިހާރަތައް ފިޔަވައި އެ ތަންތަނުގައި ޤާއިމްކޮށްފައިވާ އެހެން ފިހާރަތަކާއި، ޑައިވިންގ ސްކޫލްތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ދޭ ޚިދުމަތް؛
...
ރޫލިންގ
3. ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓް ރިޒޯޓެއްގެ ސަރަހައްދުގެ ގޮތުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅައިފައިވާ ސަރަހައްދުގެ ތެރޭގައި ޤާއިމްކޮށްފައިވާ ޑައިވިންގ ސްކޫލަކުން ނުވަތަ ފިހާރައަކުން ނުވަތަ ސްޕާއަކުން ނުވަތަ ވޯޓަރ ސްޕޯރޓްސް ފެސިލިޓީއަކުން ނުވަތަ އެ ނޫން ވެސް އެ ފަދަ ތަނަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް ހިމެނޭނީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ގެ ތެރޭގައެވެ.
4. ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުން ނުވަތަ ސިޓީ ކައުންސިލަކުން ނުވަތަ އަތޮޅު ކައުންސިލަކުން ނުވަތަ ރަށު ކައުންސިލަކުން ކުއްޔަށްދޫކޮށްފައިވާ ބިމެއްގައި ހުރި ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގައި ޤާއިމްކޮށްފައިވާ ޑައިވިންގ ސްކޫލަކުން ނުވަތަ ފިހާރައަކުން ނުވަތަ ސްޕާއަކުން ނުވަތަ ވޯޓަރ ސްޕޯރޓްސް ފެސިލިޓީއަކުން ނުވަތަ އެ ނޫން ވެސް އެ ފަދަ ތަނަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް ހިމެނޭނީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ގެ ތެރޭގައެވެ.
5. މި ރޫލިންގގެ 4 ވަނަ ޕެރެގްރާފްގެ ތެރޭގައި ނުހިމެނޭ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގެ ސަރަހައްދުގެ ތެރޭގައި ހިންގާ ތަނަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް ހިމެނޭނީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ގެ ތެރޭގައެވެ. މި ޕެރެގްރާފްގެ ބޭނުމަށް، ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއްގެ ސަރަހައްދު ކަނޑައަޅާނީ، އެ ހޮޓަލަށް ނުވަތަ ގެސްޓްހައުސްއަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ނުވަތަ އެހެން ލިޔުމަކަށް ބިނާކޮށެވެ.
6. އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތަކުން ނުވަތަ ފަރާތްތަކަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ގެ ތެރޭގައެއް ނުހިމެނޭނެއެވެ.
(ހ) އެ ފަރާތުގެ ވިޔަފާރި ހިންގާ ތަން ޤާއިމްވެފައި ވަނީ ޓޫރިސްޓް އެސްޓެބްލިޝްމެންޓެއްގައި ކަމަށް ނުވުން؛ އަދި
(ށ) ޓޫރިސްޓް އެސްޓެބްލިޝްމެންޓަކަށް ނުވަތަ އެ އެސްޓެބްލިޝްމެންޓްގައި ތިބި ގެސްޓުންނަށް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދިނުމަށްޓަކައި އެ އެސްޓެބްލިޝްމެންޓަށް އެ ފަރާތުން ވަގުތީ ގޮތުން ޒިޔާރަތްކުރުން؛ އަދި
(ނ) މުދާ ނުވަތަ ޚިދުމަތް ފޯރުވައިދިނުމަށްފަހު އެ އެސްޓެބްލިޝްމެންޓުން ދިޔުން.
7. ޓެކްސް ރޫލިންގ TR-2014/G22 (ދިވެހިރައްޔިތުންނަށް ފޯރުވައިދޭ ދިވެހިރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ދޭ ތަންތަނުގެ މުވައްޒަފުންނަށް ފޯރުވައިދޭ ޚިދުމަތްތައް) ގައި މާނަކޮށްފައިވާ، ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޕިކްނިކް އައިލެންޑްތަކާއި ޓޫރިސްޓް އުޅަނދުތަކާއި ޔޮޓް މެރީނާތަކުގައި އެ ތަންތަނުގެ މުވައްޒަފުންނަށް ޚާއްޞަކުރެވިގެން ހިންގާ ފިހާރަތަކަށް މި ރޫލިންގ ރައްދެއްނުވާނެއެވެ.
ޢަމަލުކުރަން ފެށުން
8. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.