ޤާނޫނާއި ގަވާއިދު

×
-

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު

2024/R-2

ނެރުނު ތާރީޚް: 02 ޖަނަވަރީ 2024
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 02 ޖަނަވަރީ 2024
ޑައުންލޯޑް: | ދިވެހި |

1. ތަޢާރަފާއި ނަން

(ހ) މި ގަވާއިދަކީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި އެފަދަ އުޅަނދުފަހަރު ބަނދަރުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" އެވެ.

2. ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖެއައުން

ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ، އެ އުޅަނދެއްގެ ކަންތައްތަކާއި ރާއްޖެއިން ހަވާލުވާނެ އޭޖެންޓަކު ހަމަޖެއްސުމަށްފަހުގައެވެ.

3. އޭޖެންޓް

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓަކަށް ވެވޭނީ، ކަމާބެހޭ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަ ލިބިފައިވާ ފަރާތަކަށް، އެ ހުއްދައިގައި ބަޔާންކޮށްފައިވާ މުއްދަތަކަށެވެ.

(ށ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަ ލިބިފައިވުމުގެ އިތުރުން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވެބްސައިޓުގައި އާންމުކުރާ ފޯމު މެދުވެރިކޮށް، ޓޫރިސްޓް އުޅަނދުގެ އޭޖެންޓްކަން ކުރުމަށް ޓަކައި އެ ވުޒާރާގައި އޭޖެންޓަކަށްވުމަށް ރަޖިސްޓަރީކޮށް، އޭޖެންޓަކަށްވުމުގެ ހުއްދަ ހޯދަންވާނެއެވެ.

4. އޭޖެންޓުގެ ޒިންމާ

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމާއި، ހުއްދަ ހޯދުމަށް ޓަކައި ދައްކަންޖެހޭ ފީ ދެއްކުމަކީ، އޭޖެންޓުގެ ޒިންމާއެކެވެ.

(ށ) ކޮންމެ އުޅަނދެއް ވެސް ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން، އެ އުޅަނދަކުން ދައުލަތަށް ފައިސާއެއް ނުވަތަ ޓެކުހެއް ދައްކަން ޖެހިފައިވާނަމަ، އެ ފައިސާއެއް ނުވަތަ އެ ޓެކުހެއް، ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެކެވެ.

(ނ) ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދާ ހަވާލުވެފައިވާ އޭޖެންޓު ބަދަލުވެއްޖެނަމަ، އައު އޭޖެންޓު ރަޖިސްޓަރީ ކުރުމަށް ޓަކައި، އޭޖެންޓް ބަދަލުވާތާ، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު، ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

5. ބަނދަރު ކުރުމާއި ދުއްވުމުގެ ހުއްދަ

(ހ) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ދިވެހިރާއްޖޭގައި ބަނދަރު ކުރުމަށާއި ދުއްވުމަށް ޓަކައި، އަންނަނިވި ގޮތުގެ މަތީން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދަންވާނެއެވެ. 

(1) ޓޫރިސްޓް އުޅަނދު ރާއްޖެ އައުމުގެ ކުރިން، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހުއްދަ ހޯދުން؛ ނުވަތަ

(2) ޓޫރިސްޓް އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާރޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 4 (ހަތަރެއް) ދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ޓަކައި، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(1) އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު؛

(2) އުޅަނދާއި، ކެޕްޓަނާއި، ކުރޫއިންނާއި ފަސިންޖަރުންގެ ލިޔެކިޔުންތައް؛

(2.1) އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުގެ މުޢާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އެ އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު ނުވަތަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ ނުވަތަ

(2.2) އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ޤައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުމާއެކު، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އުޅަނދުގައި އެހެން ޤައުމަކަށް ނިސްބަތްވާ ކެޕްޓަނެއް ހުރިނަމަ، އެ ކެޕްޓަނުގެ ލައިސަންސުގައި އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ޤައުމުން ލިޔުމުން ދީފައިވާ އެންޑޯސްމަންޓް؛ އަދި 

(2.3) އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންޝުއަރެންސް ހަލް އެންޑް މެޝިނަރީއާއި، ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންޝުއަރެންސް ސެޓުފިކެޓު އުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ލިޔުން.

(3) އުޅަނދުގައި ތިބޭ ފަޅުވެރިންނާއި ފަސިންޖަރުންގެ އަދަދާއި، އެ އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ ޢާއިލާގެ މަޢުލޫމާތު ހިމެނޭގޮތަށް، ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ހަދައިފައިވާ އުޅަނދުގެ ކެޕްޓަނުގެ ޑެކްލަރޭޝަން. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ޓަކައި އެދެނީ 20 (ވިހި) މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ، ކްރޫސިންގ ޕާރމިޓް ހޯދުމަށް ޓަކައި 1,000.00 (އެއްހާސް) އެމެރިކާ ޑޮލަރުގެ ފީއެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން، ކްރޫސިންގ ޕާރމިޓް އޭޖެންޓަށް ދޫކުރަންވާނެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅައިފައިވާ، 20 (ވިހި) މީޓަރާއި 20 (ވިހި) މީޓަރަށްވުރެ ކުދި ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް އެއްވެސް ފީއަކާ ނުލައި ކްރޫސިންގ ޕާރމިޓް ދޫކުރަންވާނެއެވެ.

6. ހުއްދައިގެ މުއްދަތު

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރާ ހުއްދައިގެ މުއްދަތަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާރޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހެވެ. ނަމަވެސް ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމަ، 275 (ދުއިސައްތަ ހަތްދިހަފަހެއް) ދުވަސް އިތުރުކޮށްދެވިދާނެއެވެ.

(ހ) އެ އުޅަނދު، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މުޢާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އެ އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު އޮތް ނުވަތަ އެ އުޅަނދަކީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް އޮތް އުޅަނދަކަށް ވުން. ނުވަތަ

(ށ) އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ޤައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުމާއެކު، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އުޅަނދުގައި އެހެން ޤައުމަކަށް ނިސްބަތްވާ ކެޕްޓަނެއް ހުރިނަމަ އެ ކެޕްޓަނުގެ ލައިސަންސުގައި އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ޤައުމުން އެންޑޯޒްމަންޓް ދީފައިވުން. އަދި 

(ނ) އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންޝުއަރެންސް ހަލް އެންޑް މެޝިނަރީ އަދި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންޝުއަރެންސް ސެޓުފިކެޓު އުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކޮށްފައިވާ ލިޔުން އޮތުން. 

7. ޓޫރިސްޓް އުޅަނދު ދުއްވުމުގައި ނެގޭ އިތުރު ފީ

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 20 (ވިހި) މީޓަރަށްވުރެ ބޮޑު އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހަދާ މުއްދަތަށް، ދުވާލަކަށް 100.00 (އެއްސަތޭކަ) އެމެރިކާ ޑޮލަރުގެ އިތުރު ފީއެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ. އަދި ކްރޫސިންގ ޕާރމިޓް ދޫކޮށްފައިވާ އުޅަނދަކުން ޗާޓަރއެއް ފަށާނަމަ، ކުރޫސްކުރި މުއްދަތުގެ ފީ ދައްކަންވާނެއެވެ. އަދި ޗާޓަރ ނުކުރާނަމަ، ކޮންމެ މަހަކު އެއްފަހަރު އެ ފީ ދައްކަންވާނެއެވެ. މިގޮތުން، ވޭތުވެދިޔަ މަހަށްވާ ފީ، ޖެހިގެން އަންނަ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 20 (ވިހި) މީޓަރާއި 20 (ވިހި) މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި 90 (ނުވަދިހަ) ދުވަހާ ހަމަޔަށް އެއްވެސް ފީއަކާ ނުލައި ދުއްވައި، ބަނދަރުކުރެވޭނެއެވެ. އަދި 90 (ނުވަދިހަ) ދުވަސް ހަމަވުމުން، މުއްދަތު އިތުރުކުރާ ކޮންމެ ދުވަހަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރު ދެއްކުމުން، ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ އުޅަނދުތަކަށް 275 (ދުއިސައްތަ ހަތްދިހަފަހެއް) ދުވަހާ ހަމަޔަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(1) އެ އުޅަނދަކީ، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މުޢާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އެ އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު އޮތް ނުވަތަ އެ އުޅަނދަކީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް އޮތް އުޅަނދަކަށްވުން؛ ނުވަތަ

(2) އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ޤައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުމާއެކު، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އުޅަނދުގައި އެހެން ޤައުމަކަށް ނިސްބަތްވާ ކެޕްޓަނެއް ހުރިނަމަ އެ ކެޕްޓަނުގެ ލައިސަންސުގައި އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ޤައުމުން އެންޑޯޒްމަންޓް ދީފައިވުން؛ އަދި 

(3) އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންޝުއަރެންސް ހަލް އެންޑް މެޝިނަރީ އަދި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންޝުއަރެންސް ސެޓުފިކެޓު އުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ލިޔުން އޮތުން.

8. މުއްދަތު އިތުރުކުރުން

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ދެވިފައިވާ ހުއްދައިގެ މުއްދަތު 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަސް ހަމަވުމުން، މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، ކްރޫސިންގ ޕާރމިޓް އައުކުރުމަށް 3,500.00 (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފީތައް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ށ) ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ލިބިފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އެދޭނަމަ، ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 7 (ހަތެއް) ދުވަހުގެ ކުރިން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށަހަޅަންވާނެއެވެ. މި މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

9. ޗާޓަރ ލައިސަންސް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަދެވޭ ބޭރުގެ ޓޫރިސްޓު އުޅަނދެއް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން)، އުޅަނދުގެ ވެރިފަރާތާއި އެ ފަރާތުގެ ޢާއިލާ ފިޔަވައި އިތުރު ބަޔަކު ބައިތިއްބަން އެދޭނަމަ، ޗާޓަރ ލައިސަންސް ހޯދަންވާނެއެވެ. އަދި ޗާޓަރ ލައިސަންސް ދޫކުރެވޭނީ، އެ އުޅަނދަކާ ހަވާލުވެ ހުންނަ އޭޖެންޓުގެ ނަމުގައެވެ.

(ށ) ޗާޓަރ ލައިސަންސް ލިބިފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފީ ދައްކާކަށް ނުޖެހޭނެއެވެ.

(ނ) ޗާޓަރ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ލިޔެކިޔުންތައް ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ދައުލަތަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ. 

(1) ޗާޓަރ އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށް ޓަކައި، އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު"؛

(2) ޗާޓަރގެ މުއްދަތާއި، އެ މުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދާއި، މަޢުލޫމާތު ބަޔާންކޮށް އުޅަނދުގެ ކެޕްޓަނުގެ ލިޔުން (ކެޕްޓަންސް ޑެކްލަރޭޝަން)؛ (ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ ނަމޫނާއާ އެއްގޮތަށެވެ.)

(3) އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު.

(ރ) ޗާޓަރ ލައިސަންސްގެ މުއްދަތު އިތުރުކުރުމަށް އެދޭނަމަ، ކުރިން ދޫކޮށްފައިވާ ޗާޓަރ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އައު ޗާޓަރ ލައިސަންސެއް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހޯދަންވާނެއެވެ. 

(ބ) އައު ޗާޓަރ ލައިސަންސަށް އެދޭއިރު، އޭޖެންޓުގެ 1 (އެކެއް) މަސްދުވަސް ހަމަނުވާ ޓެކްސް ކްލިއަރެންސް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

10. ޕެސެންޖަރ ލައިނަރ ހުއްދަ

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 7 (ހަތެއް) ދުވަހަށްވުރެ ކުރު މުއްދަތަކަށް އަންނަ އުޅަނދުފަހަރު (ޕެސެންޖަރ ލައިނަރ) ގެ ހުއްދަ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހޯދަންވާނެއެވެ.

(ށ) ޕެސެންޖަރ ލައިނަރގެ ގޮތުގައި ރާއްޖެ އަންނަ އުޅަނދުފަހަރުން ފީގެ ގޮތުގައި ދުވާލަކަށް 850.00 (އަށްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންވާނެއެވެ.

(ނ) ޕެސެންޖަރ ލައިނަރގެ ގޮތުގައި ރާއްޖެ އެތެރެވެފައިވާ އުޅަނދު، މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ހުއްދައިގެ މުއްދަތުގައި، މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ.

11. ތަފާސް ހިސާބު ތައްޔާރުކުުރުމަށް ބޭނުންވާ މަޢުލޫމާތު ހުށަހެޅުން

މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ އުޅަނދުފަހަރާ ހަވާލުވާ އޭޖެންޓަކު، އެ އޭޖެންޓަކު ހަވާލުވެހުރި ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި، ގަވާއިދު ނަންބަރު 2020/R-39 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާބެހޭ ގަވާއިދު) އާ އެއްގޮތަށް ތަފާސްހިސާބު ފުރިހަމަކުރުމަށްފަހު، އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދާ ތާރީޚުން ފެށިގެން، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

12. ޓެކްްސް ދެއްކުން

މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދައުލަތަށް ޓެކުހެއް ދައްކަންޖެހޭނަމަ، އެ ޓެކުހެއް ދައްކަންވާނެއެވެ.

13. ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުން

މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެ އުޅަނދުތަކުން ކުރާ ހުރިހާ ކަމެއް ވެސް ކުރަންވާނީ ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

14. ގަވާއިދާ ޚިލާފުވުން

މި ގަވާއިދާ ޚިލާފުވުމުން، އުޅަނދާ ހަވާލުވެހުރި އޭޖެންޓާމެދު އަންނަނިވި ގޮތަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު، ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ލިބިގެންވެއެވެ.

(ހ) ގަވާއިދާ ޚިލާފުވާ ފުރަތަމަ ފަހަރަށް 1,000.00 (އެއްހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން.

(ށ) ގަވާއިދާ ޚިލާފުވާ ދެވަނަ ފަހަރަށް 2,000.00 (ދެހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން.

(ނ) ދެ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ޚިލާފުވެއްޖެނަމަ، 6,000.00 (ހަހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމާއެކު، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާޠިލުކުރުން.

(ރ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ދައްކައިފައި ނުވާނަމަ، އެ އޭޖެންޓެއްގެ އޭޖެންޓްކަމުގެ ހުއްދަ އަލުން ދޫކުރާނީ، މި ގަވާއިދުގެ ދަށުން އެ އޭޖެންޓަކު ދައްކަންޖެހިފައިވާ ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ޚަލާޞް ކުރުމަށްފަހުގައެވެ. 

(ބ) މި މާއްދާގެ (ނ) ގެ ދަށުން ޖޫރިމަނާ ކުރެވިފައިވާ ފަރާތް، އެ ފަރާތް ކުރެވިފައިވާ ޖޫރިމަނާ ދައްކައި ޚަލާޞްކުރާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި މި ގަވާއިދާ ޚިލާފު ޢަމަލެއް ކޮށްފައި ނުވާނަމަ، ދެން އެ ފަރާތުން މި ގަވާއިދާ ޚިލާފުވެގެން ފިޔަވަޅު އަޅަންޖެހޭ ފަހަރު ވާނީ، މި ގަވާއިދާ ޚިލާފުވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ފަރާތަކާމެދު ފިޔަވަޅު އަޅަންވާނީ، މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

15. ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ހުއްދަދީފައިވާ އުޅަނދުތައް

(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ހުއްދަދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އެ އުޅަނދަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކުރުމަށް އެދި "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހެޅުމުން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުއްދައިގެ މުއްދަތު އިތުރުކޮށް ދެވިދާނެއެވެ.

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ހުއްދަ ދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުންކުރެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ތެރެއިން ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ އުޅަނދުފަހަރަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން އިތުރު މުއްދަތު ދެވިދާނެއެވެ. މިކަމަށް އެދޭ ފަރާތްތަކުން "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

(1) އެ އުޅަނދަކީ، އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މުޢާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އެ އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު ނުވަތަ އެ އުޅަނދަކީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް އޮތް އުޅަނދަކަށްވުން؛ ނުވަތަ

(2) އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ޤައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުމާއެކު، އެ އުޅަނދުގެ ކެޕްޓަނާއި ކުރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް އޮތް، އަދި އުޅަނދުގައި އެހެން ޤައުމަކަށް ނިސްބަތްވާ ކެޕްޓަނެއް ހުރިނަމަ، އެ ކެޕްޓަނުގެ ލައިސަންސުގައި އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ޤައުމުން އެންޑޯޒްމަންޓް ދީފައިވުން؛ އަދި 

(3) އުޅަނދުގެ ފަސިންޖަރުންގެ ސެޓުފިކެޓާއި، އުޅަނދުގެ ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ފަސިންޖަރުންގެ އިންޝުއަރެންސް ހަލް އެންޑް މެޝިނަރީ އަދި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންޝުއަރެންސް ސެޓުފިކެޓު އުޅަނދުގައި ހުރިކަން ކަށަވަރުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ލިޔުން؛ (މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ލިބެން ހުންނާނެއެވެ.)

(4) އެ އުޅަނދާ ގުޅިގެން ދިވެހި ދައުލަތަށް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކައިފައިވުން.

16. ޚިދުމަތުގެ މިންގަނޑު ކަނޑައެޅުން

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގައި ތިބޭ ފަތުރުވެރިންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ މިންގަނޑު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރަންވާނެއެވެ.

17. މާނަ

މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ ޢިބާރަތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 6/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ކަނޑުގެ ސަރަހައްދާ ހަމަޔަށެވެ. 

(ށ) "ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ތެރެއިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރު، އެ އުޅަނދަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރަށެވެ..

(ނ) "ޢާއިލާ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ އަނބިމީހާ/ފިރިމީހާ ނުވަތަ ސިވިލް ޕާރޓްނަރ، ނުވަތަ އެ ފަރާތަކާ ގާތްތިމާގެކަމުގެ ގުޅުންހުރި ފަރާތަކަށެވެ. އަދި އެ ފަރާތަކާ ގާތްތިމާގެކަމުގެ ގުޅުމެއް ހުރި ފަރާތެއް ކަމުގައި ބަޔާންކޮށްފައި އެވަނީ، އެ ފަރާތެއްގެ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ބޭބެއާއި، ދައްތައާއި، ކޮއްކޮއާއި، އެ ފަރާތްތަކުގެ ދަރީންނަށެވެ.

(ރ) "އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އައުމާ ގުޅޭގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކާ ހަވާލުވެހުންނަ، ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެވެ.

(ބ) "ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ޓޫރިސްޓު ވީޒާ" ގައި ދިވެހިރާއްޖެއަށް އަންނަ ނުވަތަ އެ ވީޒާ ލިބިގެން ދިވެހިރާއްޖޭގައި ހުންނަ ކޮންމެ މީހަކަށެވެ.

(ޅ) "ފަތުރުވެރިކަމާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ޞިނާޢަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ.

(ކ) "ޕެސެންޖަރ ލައިނަރ" ކަމަށް ބުނެފައި އެވަނީ، 7 (ހަތެއް) ދުވަހަށްވުރެ ކުރު މުއްދަތަކަށް 50 (ފަންސާސް) އަށްވުރެ ގިނަ ފަތުރުވެރިން ގޮވައިގެން އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށެވެ.

(އ) "ކްރޫސިންގ ޕާރމިޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ދެވޭ ހުއްދައަށެވެ. 

(ވ) "ޗާޓަރ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ އަންނަ ޓޫރިސްޓް އުޅަނދުފަހަރުގައި ފަތުރުވެރިން އުފުލުމަށް މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ލައިސަންސަށެވެ.

18. ގަވާއިދަށް ޢަމަލުކުރުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

19. އުވައިލެވޭ ގަވާއިދު 

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2023/R-155 (ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު) އުވުނީއެވެ.

ޗާޓަރ ލައިސަންސް ހޯދުމަށް ދައްކަންެހޭ ފީ

އުޅަނދުގެ ދިގުމިން ޗާޓަރ ލައިސަންސް ހޯދުމަށް ދުވާލަކަށް ދައްކަންޖެހޭ ފީ (ޔޫ.އެސް. ޑޮލަރު)
ދިގުމިން 20 (ވިހި) މީޓަރާއި 20 (ވިހި) މީޓަރަށް ވުރެ ކުދި އުޅަނދުފަހަރު. ދުވާލަކަށް 100.00 (އެއްސަތޭކަ) އެމެރިކާ ޑޮލަރު.
ދިގުމިން 21 (އެކާވީސް) މީޓަރާއި 35 (ތިރީސްފަހެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރު.

ދުވާލަކަށް 250.00 (ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރު.

ދިގުމިން 36 (ތިރީސްހައެއް) މީޓަރާއި 45 (ސާޅީސްފަހެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރު. ދުވާލަކަށް 400.00 (ހަތަރުސަތޭކަ) އެމެރިކާ ޑޮލަރު.
ދިގުމިން 46 (ސާޅީސްހައެއް) މީޓަރާއި 75 (ހަތްދިހަފަހެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރު.

ދުވާލަކަށް 550.00 (ފަސްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު.

ދިގުމިން 76 (ހަތްދިހަ ހައެއް) މީޓަރާއި 100 (އެއްސަތޭކަ)  މީޓަރާ ދެމެދުގެ އުޅަނދުފަހަރު.

ދުވާލަކަށް 700.00 (ހަތްސަތޭކަ) އެމެރިކާ ޑޮލަރު.

ދިގުމިން 101 (އެއްސަތޭކަ އެކެއް) މީޓަރ ނުވަތަ ދިގުމިނުގައި 101 (އެއްސަތޭކަ އެކެއް) މީޓަރަށް ވުރެ އިތުރުވާ (ކުރޫޒް ޝިޕް) އުޅަނދުފަހަރު. ދުވާލަކަށް 850.00 (އަށްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު.
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ