ޤާނޫނާއި ގަވާއިދު

×
Sub Title here

ޗެރިޓަބަލް އޮގަނައިޒޭޝަންތައް (ކޮންސޮލިޑޭޓް ކުރެވިފައި)

TR-2014/B38

ނެރުނު ތާރީޚް: 14 ޑިސެންބަރު 2014
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 14 ނޮވެމްބަރު 2016
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މިއީ 3 މޭ 2012 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2012/B7 (ޗެރިޓަބަލް އޮގަނައިޒޭޝަންތައް) އުވައިލުމަށްފަހު އޭގެ ބަދަލުގައި ނެރެވޭ ރޫލިންގއެކެވެ. މި ރޫލިންގގައި ތަފުސީލުކޮށްދީފައި ވާނީ:

(ހ) ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބަޔާންކޮށްފައިވާ "ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާ" އަދި "އެފަދަ ޢާންމު މަންފާއެއް ކުރިއެރުވުމުގެ މަޤްޞަދު" މި އިބާރާތްތަކުގެ މާނައާއި،

(ށ) ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން މީރާއިން ހުއްދަ ހޯދުމަށްޓަކައި ޢަމަލުކުރާނެ ގޮތާއި، މި މާއްދާތަކަށް ޢަމަލުކުރާނެ ގޮތެވެ.

 

2. ޤާނޫނުގެ 10 ވަނަ މާއްދާގައި ވަނީ:

(ބ) މި މާއްދާގެ (ޅ) އާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ފަރާތަކުން އެމް.އައި.އާރް.އޭ އިން ޤަބޫލުކުރާ، އިސްލާމްދީން ކުރިއެރުވުން، ފަޤީރުންނަށް އެހީވުން، ޞިއްޙީ ޚިދުމަތްދިނުން، ތަޢުލީމުދިނުން ނުވަތަ އެފަދަ ޢާންމު މަންފާއެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޙަރަކާތްތެރިވުމަށް އުފައްދާފައިވާ ޖަމާޢަތެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ ޢާންމު އިދާރާއަކަށް ހަދިޔާކުރާ ފައިސާއަކީ، އެ ފައިސާދިން ޓެކްސް އަހަރުގެ އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ ހިސާބުކުރުމުން އުނިކުރެވިދާނެ އެއްޗެކެވެ.

3. ޤާނޫނުގެ 15 ވަނަ މާއްދާގައި ވަނީ:

(ހ) ތިރީގައިވާ ފަރާތްތަކަށް މި މާއްދާ ފިޔަވައި، މި ޤާނޫނުގެ އެހެން އެއްވެސް މާއްދާއެއް ރައްދެއްނުވާނެއެވެ.

...

(3) އިސްލާމްދީން ކުރިއެރުވުން، ފަޤީރުންނަށް އެހީވުން، ޞިއްޙީ ޚިދުމަތްދިނުން، ތަޢުލީމުދިނުން ނުވަތަ އެފަދަ ޢާންމު މަންފާއެއް ކުރިއެރުވުމުގެ މަޤްޞަދުގައި ޙަރަކާތްތެރިވުމަށް އުފައްދާފައިވާ އެމް.އައި.އާރް.އޭ އިން ހުއްދަކުރާ ޖަމާޢަތެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ ޢާންމު އިދާރާއެއް.

 

ރޫލިންގ

"ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާ" ގެ މާނަ

4. ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، "ޖަމާޢަތް" އަދި "ޖަމްޢިއްޔާ" ކަމަށް ބުނެފައި އެ ވަނީ، އަންނަނިވި ޝަރުތުތަކުންކުރެ ޝަރުތެއް ހަމަވާ ކޮންމެ ޖަމާޢަތެއް ނުވަތަ ޖަމްޢިއްޔާ އަކަށެވެ.

(ހ) ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ

(ށ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ދިވެހިރާއްޖޭގައި އުފައްދައިފައިވާ ފަރާތަކަށްވުން.

5. ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، "ޢާންމު އިދާރާ" ކަމަށް ބުނެފައި އެ ވަނީ، އަންނަނިވި ޝަރުތުތައް ހަމަވާ އިދާރާތަކަށެވެ.

(ހ) އެ އިދާރާއެއް އުފައްދައިފައިވަނީ އާންމުންނަށް ޚިދުމަތެއް ފޯރުވައިދިނުމަށް ކަމުގައިވުން؛ އަދި

(ށ) އެ އިދާރާއެއްގެ ޚަރަދުތައް އެއްކޮށް ނުވަތަ މައިގަނޑު ގޮތެއްގައި ކުރަނީ ދައުލަތުގެ ބަޖެޓުން ކަމުގައިވުން.

"އެފަދަ ޢާންމު މަންފާއެއް ކުރިއެރުވުމުގެ މަޤްޞަދު" ގެ މާނަ

6. ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، ޖަމާޢަތެއް، ޖަމްޢިއްޔާއެއް ނުވަތަ ޢާންމު އިދާރާއެއް އުފައްދައިފައިވަނީ "އެފަދަ އާންމު މަންފާއެއް ކުރިއެރުވުމުގެ (ނުވަތަ ފޯރުކޮށްދިނުމުގެ) މަޤްޞަދުގައި" ކަމަށް ބެލެވޭނީ، އެ ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާ އުފައްދައިފައިވަނީ އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކުރުމަށް ކަމުގައިވާނަމައެވެ.

(ހ) އިންސާނީ އެހީ ފޯރުވައިދިނުން؛

(ށ) ތިމާވެށި ނުވަތަ "ވައިލްޑްލައިފް" ހިމާޔަތްކުރުން؛

(ނ) އިޖްތިމާޢީ ދުޅަހެޔޮކަމާއި ފުދުންތެރިކަން އިތުރުކުރުން؛

(ރ) ޘަޤާފީ ހަރަކާތްތައް ކުރިއެރުވުން؛

(ބ) ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއެރުވުން؛

(ޅ) ވަކި ޕްރޮފެޝަންއެއް ނުވަތަ އިޤްތިޞާދީ ދާއިރާއެއް ކުރިއެރުވުން؛ ނުވަތަ

(ކ) ސަރަހައްދެއްގެ ނުވަތަ ރަށެއްގެ މުޖުތަމަޢު ތަރައްޤީކުރުން.

7. ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ރައްދުވާނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާތަކަށް އެކަންޏެވެ.

މީރާއިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތައް

8. މި ރޫލިންގ ގެ 7 ވަނަ ޕެރެގްރާފާ އެއްގޮތްވާ ގޮތުގެ މަތިން، ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، މީރާއިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކަކީ:

(ހ) ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތައް؛

(ށ) ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަން؛

(ނ) ސަރުކާރުގެ ސްކޫލްތަކާއި ތައުލީމު ދޭ ސަރުކާރުގެ މަރުކަޒުތައް؛

(ރ) ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް؛ އަދި

(ބ) މި ރޫލިންގ ގެ 9 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާއިން ހުއްދަ ދޭ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކެވެ.

މީރާއިން ހުއްދަ ހޯދުމަށް ޢަމަލުކުރާނެ ގޮތް

9. މި ރޫލިންގގެ 8 ވަނަ ޕެރެގްރާފްގެ (ހ) އިން (ރ) އަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަދި 15 ވަނަ މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް މީރާއިން ހުއްދަ ހޯދަން ބޭނުންވާ ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާތަކުން "ޗެރިޓަބްލް އޮގަނައިޒޭޝަންތައް ރަޖިސްޓަރީކުރުން" (MIRA 103) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.

10. މި ރޫލިންގ ނެރޭ ތާރީޚުގެ ނިޔަލަށް މީރާއިން ހުއްދަ ހޯދައިފައިވާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުން، މި ރޫލިންގގެ 9 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފޯމު އަލުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

11. މީރާއިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުގެ ލިސްޓު މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

12. މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްގެން، މި ރޫލިންގގެ 8 ވަނަ ޕެރެގްރާފްގައިވާ މީރާއިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އަށް ލިބިގެންވެއެވެ.

13. މި ރޫލިންގގެ 9 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާއިން ހުއްދަދީފައިވާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުން، ކޮންމެ ކަލަންޑަރު އަހަރަކާ ގުޅޭ އަހަރީ ރިޕޯޓާއި އެ އަހަރެއްގައި ލިބުނު ހަދިޔާގެ މައުލޫމާތު ހިމެނޭ ސްޓޭޓްމަންޓެއް، ޖެހިގެން އަންނަ އަހަރުގެ 30 ޖޫންގެ ކުރިން، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި މީރާއަށް ހުށަހަޅަންވާނެއެވެ.  

14. މި ރޫލިންގގެ 13 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ޖެހިގެން އަންނަ އަހަރުގެ 31 ޖުލައިގެ ނިޔަލަށް ހުށަހަޅައިފައިނުވާނަމަ، އެ ޖަމާޢަތެއް، ޖަމްޢިއްޔާއެއް ނުވަތަ ޢާންމު އިދާރާއެއް، މީރާއިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުގެ ލިސްޓުން އުނިކުރެވޭނެއެވެ. އަދި އެ ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާ އަލުން މީރާއިން ހުއްދަ ހޯދަން ބޭނުންވާނަމަ، މި ރޫލިންގގެ 9 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާއިން ހުއްދަ ހޯދުމަށް އަލުން ހުށަހަޅަންވާނެއެވެ.

15. މި ރޫލިންގގެ 8 ވަނަ ޕެރެގްރާފްގެ (ބ) ގައި ބަޔާންކޮށްފައިވާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުގެ މާކެޓިންގ މެޓީރިއަލްތަކާއި، ލެޓަރހެޑާއި، ވެބްސައިޓާއި، އީމެއިލް އަދި އެ ފަދަ އެހެނިހެން ލިޔެކިޔުންތަކުގައި، އެ ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާއަކީ މީރާއިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ ނުވަތަ ޢާންމު އިދާރާއެއްކަން އެންގުމުގެ ގޮތުން މީރާއިން ކަނޑައަޅާ ލޯގޯއެއް ބޭނުންކުރެވިދާނެއެވެ.

16. މި ރޫލިންގގެ 9 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާއިން ހުއްދަދީފައިނުވާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުން، ނުވަތަ މި ރޫލިންގގެ 14 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީރާއިން ގަބޫލުކުރާ ޖަމާޢަތް، ޖަމްޢިއްޔާ އަދި ޢާންމު އިދާރާތަކުގެ ލިސްޓުން އުނިކުރެވިފައިވާ ފަރާތްތަކުން، މި ރޫލިންގގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ލޯގޯ ބޭނުންކޮށްގެން ނުވާނެއެވެ.

ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) އަށް ޢަމަލުކުރުން

17. ޤާނޫނުގެ 10 ވަނަ މާއްދާގެ (ޅ) އާ އެއްގޮތްވާ ގޮތުގެ މަތިން، ޓެކްސް ދައްކާ ފަރާތަކުން ޖަމާޢަތަކަށް، ޖަމްޢިއްޔާއަކަށް ނުވަތަ ޢާންމު އިދާރާއަކަށް ދީފައިވާ ހަދިޔާއެއް، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވޭނީ، އެ ހަދިޔާ ކުރި ތާރީޚުގައި އެ ޖަމާޢަތެއް، ޖަމްޢިއްޔާއެއް ނުވަތަ ޢާންމު އިދާރާއެއް މި ރޫލިންގގެ 11 ވަނަ ޕެރެގްރާފްގައިވާ ގޮތުގެ މަތިން ޝާއިޢުކުރާ ލިސްޓުގައި ހިމެނޭ ކަމުގައިވާނަމައެވެ.

ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (3) އަށް ޢަމަލުކުރުން

18. ޖަމާޢަތެއް، ޖަމްޢިއްޔާއެއް ނުވަތަ ޢާންމު އިދާރާއެއް، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހުން އިސްތިސްނާވާނީ، އެ ފަރާތް އެ ޓެކުހުން އިސްތިސްނާ ނުވިނަމަ އެ ފަރާތުން އެ އަހަރަކަށް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭނެ ތާރީޚުގައި ނުވަތަ އޭގެ ކުރިން އެ ފަރާތެއް މީރާއިން ގަބޫލުކޮށްފައިވާނަމައެވެ.

 

ޢަމަލުކުރަން ފެށުން

19. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.

20. މި ރޫލިންގއަށް ޢަމަލުކުރަން ފެށުމުން 3 މޭ 2012 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2012/B7 އުވުނީއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ