ޤާނޫނާއި ގަވާއިދު

×

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ކޮންސޮލިޑޭޓްކުރެވިފައި)

2021/R-9

ނެރުނު ތާރީޚް: 20 ޖަނަވަރީ 2021
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 28 ޖަނަވަރީ 2024
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

1. ތަޢާރުފާއި ނަން

(ހ) މިއީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 1-31 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު" އެވެ.

2. މަޤްޞަދު

މި ގަވާއިދުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުޢާމަލާތްތަކާއި ހިންގުމާގުޅޭ މަޢުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މީރާއަށް ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްދިނުމެވެ.

3. މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތައް މާނަކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

(ހ) "ގުރޫޕު" ކަމަށް ބުނެފައި އެވަނީ، މިލްކުވެރިކަމުގެ ސަބަބުން ނުވަތަ ކޮންޓްރޯލްގެ ސަބަބުން ގުޅުންހުރި އެންޓިޓީތަކެއްކަމުގައިވީތީ، ފައިނޭންޝަލް ރިޕޯޓިންގގެ ބޭނުމަށް އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށް، ނުވަތަ އެ އެންޓިޓީއެއްގެ އިކުއިޓީ އިންޓްރެސްޓް ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ، އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށެވެ.

(ށ) "އެމް.އެން.އީ ގުރޫޕު" ކަމަށް ބުނެފައި އެވަނީ؛

(1) އެ ގުރޫޕުގައި ހިމެނޭ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ އެންޓިޓީތައް ތަފާތު ޖުރިސްޑިކްޝަންތަކުގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ގުރޫޕުތަކަށް، ނުވަތަ އެ ގުރޫޕުގައި، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަން ފިޔަވައި އެހެން ޖުރިސްޑިކްޝަނެއްގައި ދާއިމީ މަރުކަޒެއް މެދުވެރިކޮށްކުރާ ވިޔަފާރިން، އެ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާ ޖުރިސްޑިކްޝަންގައި ޓެކްސް ދައްކަންޖެހޭ އެންޓިޓީއެއް ހިމެނޭ ގުރޫޕުތައް؛ އަދި

(2) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާކުރެވިފައިވާ އެމް.އެން.އީ ގުރޫޕަކަށް ނުވާ ގުރޫޕުތަކަށެވެ.

(ނ) އެ ގުރޫޕުގެ މާލީ އަހަރަކަށް ނިސްބަތްކޮށް "އިސްތިސްނާކުރެވިފައިވާ އެމް.އެން.އީ ގުރޫޕު" ކަމަށް ބުނެފައި އެވަނީ، އެ ގުރޫޕުގެ ރިޕޯޓުކުރާ އަހަރުގެ ކުރީ އަހަރުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއު -/750,000,000 (ހަތް ސަތޭކަ ފަންސާސް މިލިއަން) ޔޫރޯއަށްވުރެ ދަށް ގުރޫޕުތަކަށެވެ.

(ރ) "ކޮންސްޓިޓުއެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ؛

(1) ފައިނޭންޝަލް ރިޕޯޓިންގގެ ބޭނުމަށް އެމް.އެން.އީ ގުރޫޕެއްގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި ހިމަނާފައިވާ އެމް.އެން.އީ ގުރޫޕުގެ ވަކި ވިޔަފާރި ޔުނިޓްތަކަށް ނުވަތަ އެ ވިޔަފާރި ޔުނިޓެއްގެ އިކުއިޓީ އިންޓްރެސްޓް ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ އެ ގުރޫޕުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި އެ ވިޔަފާރި ޔުނިޓެއް ހިމަނަންޖެހޭ ވިޔަފާރި ޔުނިޓްތަކަށް؛ 

(2) އެ ވިޔަފާރި ޔުނިޓުގެ ކުޑަބޮޑުމިން ނުވަތަ މެޓީރިއަލިޓީއަށް ހަމައެކަނި ބަލާފައި އެ އެމް.އެން.އީ ގުރޫޕުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި ހިމަނާފައިނުވާ ވިޔަފާރި ޔުނިޓްތަކަށް؛ އަދި

(3) ފައިނޭންޝަލް ރިޕޯޓިންގގެ ބޭނުމަށް ނުވަތަ ރެގިއުލޭޓަރީ ބޭނުމަށް ނުވަތަ ޓެކްސް ރިޕޯޓިންގގެ ބޭނުމަށް ނުވަތަ އިންޓަރނަލް މެނޭޖްމަންޓް ކޮންޓްރޯލްގެ ބޭނުމަށް، ސެޕަރޭޓް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރާ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ހިމެނޭ ވިޔަފާރި ޔުނިޓެއްގެ ދާއިމީ މަރުކަޒުތަކަށެވެ.

(ބ) "ރިޕޯޓިންގ އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއް ނިސްބަތްވާ އެމް.އެން.އީ ގުރޫޕުގެ ފަރާތުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތަކުން ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަންޖެހޭ ކޮންސްޓިޓުއެންޓް އެންޓިޓީއަށެވެ. އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެންޓިޓީއެއް ވެސް ރިޕޯޓިންގ އެންޓިޓީއެއް ކަމުގައި ވެދާނެއެވެ.

(ޅ) "އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ކޮންސްޓިޓުއެންޓް އެންޓިޓީތަކަށެވެ.

(1) ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގައި އެ ފަރާތެއްގެ މަޞްލަޙަތު އެކަށީގެންވާ މިންވަރަށް އޮތުމުގެ ސަބަބުން، ޓެކްސްގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ޢާންމުކޮށް ހިސާބު ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގގެ ހަމަތަކުގެ ދަށުން ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަކަށް ލާޒިމުވުން ނުވަތަ އެ ފަރާތުގެ އިކުއިޓީ އިންޓްރެސްޓް، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގެ ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަށް ލާޒިމުވުން؛ އަދި

(2) ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ފުރަތަމަ ބަޔާންކުރެވުނު ކޮންސްޓިޓުއެންޓް އެންޓިޓީގައި މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަޞްލަޙަތެއް އޮތް އެހެން އެއްވެސް ކޮންސްޓިޓުއެންޓް އެންޓިޓީއެއް އެމް.އެން.އީ ގުރޫޕުގައި ނެތުން.

(ކ) "ސަރޮގެޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާ ޙާލަތުގައި، އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގެ ތެރެއިން، އަލްޓިމޭޓް ޕޭރެންޓް އެންޓިޓީގެ ބަދަލުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި އެމް.އެން.އީ ގުރޫޕުގެ ފަރާތުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް ކަނޑައަޅައިފައިވާ ހަމައެކަނި ފަރާތަށެވެ.   

(އ) "ފިސްކަލް އަހަރު" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން އެ ފަރާތުގެ މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރާ މުއްދަތަށެވެ.

(ވ) "ރިޕޯޓިންގ ފިސްކަލް އަހަރު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައި އެ ފަރާތެއްގެ  އެ އަހަރެއްގެ މާލީ ނަތީޖާތަކާއި އޮޕަރޭޝަނަލް ނަތީޖާތައް ހިމަނާފައިވާ ފިސްކަލް އަހަރަށެވެ. 

(މ) "ކޮލިފައިންގ ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ޝަރުޠުތައް ފުރިހަމަވާ އެއްބަސްވުމަށެވެ.

(1) ބައިނަލްއަޤްވާމީ އެއްބަސްވުމެއްގެ ބައިވެރިންކަމުގައިވާ ޖުރިސްޑިކްޝަންތަކެއް ތަމްސީލުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ކަމުގައިވުން؛ އަދި

(2) އެ އެއްބަސްވުމުގައި ބައިވެރިވާ ޖުރިސްޑިކްޝަންތަކުގެ މެދުގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް އޮޓޮމެޓިކުން ބަދަލުކުރުމަށް ލާޒިމުކުރާ އެއްބަސްވުމެއް ކަމުގައިވުން.

(ފ) "ބައިނަލްއަޤްވާމީ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، "މަލްޓިލެޓަރަލް ކޮންވެންޝަން ފޮރ މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރޒް"، ނުވަތަ އެއްވެސް ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް ޓެކްސް ކޮންވެންޝަނެއް/އެއްބަސްވުމެއް ނުވަތަ ދިވެހިރާއްޖެއިން އެ އެއްބަސްވުމެއްގައި ބައިވެރިވާ ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމަކަށެވެ. އަދި އެ ފަދަ އެއްބަސްވުމެއް ވާންވާނީ، އެ އެއްބަސްވުމުގައި ބައިވެރިވާ ޖުރިސްޑިކްޝަންތަކުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ (އެ ފަދަ މަޢުލޫމާތު އޮޓޮމެޓިކުން ބަދަލުކުރުން ވެސް ހިމެނޭ ގޮތުން) ޤާނޫނީ ބާރު އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަންކަމުގެ ޛަރީޢާއިން ލިބިދީފައިވާ އެއްބަސްވުމަކަށެވެ.

(ދ) "ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއާއި އެންމެހައި ކޮންސްޓިޓުއެންޓް އެންޓިޓީތަކަކީ އިޤްތިޞާދީ ގޮތުން އެއް ޝަޚްޞުގެ ގޮތުގައި ބަލައިގެން، މުދަލާއި ދަރަނި، އާމްދަނީއާއި ޚަރަދު އަދި ފައިސާ ލިބުނު ގޮތާއި ހޭދަކުރި ގޮތް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެ އެމް.އެން.އީ ގުރޫޕުގެ މާލީ ހިސާބުތަކަށެވެ.

(ތ) ޖުރިސްޑިކްޝަނަކަށް ނިސްބަތްކޮށް، "ސިސްޓެމިކް ފެއިލިއަރ" ކަމުގައި ބުނެފައި އެވަނީ، އެއްވެސް ޖުރިސްޑިކްޝަނަކާއި ދިވެހިރާއްޖެއާ ދެމެދު އެއަށް ޢަމަލުކުރެވެމުންދާ ކޮލިފައިން ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުމެއް އޮތް ނަމަވެސް (އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތި) އެ ޖުރިސްޑިކްޝަނަކުން އޮޓޮމެޓިކް އެކްސްޗޭންޖް ސަސްޕެންޑްކޮށްފައިވުން، ނުވަތަ ދިވެހިރާއްޖޭގައި އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތައް ހުރި އެމް.އެން.އީ ގުރޫޕެއްގެ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް އެ ޖުރިސްޑިކްޝަނަށް ލިބިފައިވީ ނަމަވެސް، އެ ރިޕޯޓުތައް އޮޓޮމެޓިކުން ދިވެހިރާއްޖެއަށް ފޮނުވައިފައިނުވުން ތަކުރާރުވެފައިވުމަށެވެ.

(ލ) "ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު" ކަމުގައި ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 1-31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓަށެވެ.

4. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމުގެ ޒިންމާ

(ހ) އެމް.އެން.އީ އެއްގެ، ދިވެހިރާއްޖޭގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ކޮންމެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއަކުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން، އެ ފަރާތުގެ ރިޕޯޓުކުރާ ފިސްކަލް އަހަރާގުޅޭ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ތާރީޚުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) އެމް.އެން.އީ ގުރޫޕެއްގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް ކަމުގައިނުވާ ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން، އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ކަމުގައިވާނަމަ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން، އެ ފަރާތް ނިސްބަތްވާ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރާގުޅޭ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ތާރީޚުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

(1) އެ އެންޓިޓީއަކީ ދިވެހިރާއްޖޭގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ އެންޓިޓީއެއް ކަމުގައިވުން؛ އަދި

(2) އަންނަނިވި ޝަރުޠުތަކުން 1 (އެކެއް) ޝަރުޠު ފުރިހަމަވެފައިވުން:

(i) އެ އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން އެ އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަން ލާޒިމުނުވުން؛ ނުވަތަ

(ii) އެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނާއި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ އެއްބަސްވުމެއްގެ ބައިވެރިންކަމުގައި ވީނަމަވެސް، އެ ފަރާތުގެ ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ތާރީޚުގެ ނިޔަލަށް، އެ ޖުރިސްޑިކްޝަނާއި ދިވެހިރާއްޖެ ބައިވެރިވާ، އެއަށް ޢަމަލުކުރެވެމުންދާ ކޮލިފައިންގ ކޮންޕިޓެންޓް އޮތޯރިޓީ އެއްބަސްވުމެއް ޤާއިމުވެފައި ނެތުން؛ ނުވަތަ

(iii) އެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ސިސްޓެމިކް ފެއިލިއަރއެއް މެދުވެރިވެފައިވާތީ، އެކަން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއަށް މީރާއިން އަންގާފައިވުން.

(1-ށ) އެ ކޮންސްޓިޓުއެންޓް އެންޓިޓީ ނިސްބަތްވާ އެމް.އެން.އީ ގްރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނުން ރިޕޯޓުކުރުން ލާޒިމުވާ ތްރެޝޯލްޑްގެ ގޮތުގައި، 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެކްސްޗޭންޖް ރޭޓު ބޭނުންކޮށްގެން، -/750,000,000 (ހަތްސަތޭކަ ފަންސާސް މިލިއަން) ޔޫރޯގެ ނިއަރ އިކުއިވެލެންޓް އަދަދެއް އެ ޖުރިސްޑިކްޝަނުގެ ލޯކަލް ކަރަންސީން ކަނޑައަޅައިފައިވާނަމަ އަދި އެ އެމް.އެން.އީ ގްރޫޕުން އެ ތްރެޝޯލްޑަށް ފުރިހަމައަށް ތަބާވެފައިވާނަމަ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠު ރައްދެއް ނުވާނެއެވެ.

(2-ށ) (އުނިކޮށްފައި).

(3-ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ރިޕޯޓު ހުށަހެޅުމުގެ އިލްތިޒާމަށް  ޢަމަލުކުރާނީ 2024 ވަނަ އަހަރުގައި ނިމޭ ފިސްކަލް އަހަރުތަކާއި އޭގެ ފަހުން ނިމޭ ފިސްކަލް އަހަރުތަކާ ގުޅޭ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމުގައެވެ. 

(ނ) އެމް.އެން.އީ ގުރޫޕެއްގެ އެކަކަށްވުރެ ގިނަ ކޮންސްޓިޓުއެންޓް އެންޓިޓީތައް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާނަމަ، އަދި މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުން 1 (އެކެއް) ޝަރުޠު ނުވަތަ އެއަށްވުރެ ގިނަ ޝަރުޠުތައް ރައްދުވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ތާރީޚުގެ ނިޔަލަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތުގެ ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މީރާއަށް ހުށަހެޅުމަށާއި، އެ ހުށަހެޅުމަކީ އެ އެމް.އެން.އީ ގުރޫޕުގެ، ދިވެހިރާއްޖޭގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ހުރިހާ ކޮންސްޓިޓުއެންޓް އެންޓިޓީއެއް ވެސް ހިމެނޭ ގޮތުން އެ ފަރާތްތަކުން އަދާކުރަންޖެހޭ ރިޕޯޓު ހުށަހެޅުމުގެ އިލްތިޒާމްތައް ފުރިހަމަވާ ފަދަ ހުށަހެޅުމެއްކަން މީރާއަށް އެންގުމަށް، އެ އެމް.އެން.އީ ގުރޫޕަށް އެ ތަނުން ވަކި 1 (އެކެއް) ކޮންސްޓިޓުއެންޓް އެންޓިޓީ ޢައްޔަންކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުން 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ޝަރުޠުތައް ރައްދުވާ ޙާލަތުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ނިސްބަތްވާ އެމް.އެން.އީ ގުރޫޕުން މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ސަރޮގެޓް ޕޭރެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގެ ޓެކްސް އޮތޯރިޓީއަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ތާރީޚުގެ ނިޔަލަށް އެ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަމުންގެންދާ ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް މެދުވެރިކޮށް އެ އެމް.އެން.އީ ގުރޫޕުގެ އެ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ލިބޭނެ ގޮތް ފަހިކޮށްދީފައިވާނަމަ، އަދި އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންޓިޓީން އެ ފަރާތުގެ އެ ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މީރާއަށް ހުށަހެޅުން ލާޒިމެއްނޫނެވެ.

(1) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރޮގެޓް ޕޭރަންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަންޖެހުން

(2) ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ތާރީޚުގެ ނިޔަލަށް، ސަރޮގެޓް ޕޭރެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގެ، ދިވެހިރާއްޖެ ބައިވެރިވާ އަދި އެއަށް ޢަމަލުކުރެވެމުންދާ، ކޮލިފައިންގ ކޮމްޕިޓެންޓް އޮތޯރިޓީ އެއްބަސްވުމެއް އޮތުން؛ 

(3) އެ ސަރޮގެޓް ޕޭރެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ސިސްޓެމިކް ފެއިލިއަރއެއް މެދުވެރިވެފައިވާކަން އެ ޖުރިސްޑިކްޝަނުން މީރާއަށް އަންގާފައި ނެތުން؛

(4) ކޮންސްޓިޓުއެންޓް އެންޓިޓީއަކުން އެ އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނަށް، އެ އެންޓިޓީއަކީ ސަރޮގެޓް ޕޭރެންޓް އެންޓިޓީކަން މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އަންގާފައިވުން؛ އަދި

(5) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންގުން މީރާއަށް އަންގާފައިވުން.

5. އެންގުން

(ހ) އެމް.އެން.އީ އެއްގެ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން، އެ އެންޓިޓީއަކީ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ކަމުގައިވާނަމަ ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީ ކަމުގައިވާނަމަ އެކަން، އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރުގެ ފަހު ދުވަހުގެ ނިޔަލަށް، މީރާއަށް އަންގަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއަކީ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ކަމުގައި ނުވާނަމަ އަދި ސަރޮގެޓް ޕޭރެންޓް އެންޓިޓީ ކަމުގައި ވެސް ނުވާނަމަ، ރިޕޯޓުކުރާ އެންޓިޓީއަކީ ކޮން ފަރާތެއްކަމާއި، ރިޕޯޓުކުރާ އެންޓިޓީ ވަޒަންވެރިވެފައިވަނީ ކޮން ޖުރިސްޑިކްޝަނެއްގައިކަން، އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް، އެ ކޮންސްޓިޓުއެންޓް އެންޓިޓީން މީރާއަށް އަންގަންވާނެއެވެ.

6. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގެ ބައިތައް

(ހ) މި ގަވާއިދުގެ ބޭނުމަށް، އެމް.އެން.އީ ގުރޫޕަކުން ހުށަހަޅާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

(1) އެ އެމް.އެން.އީ ގުރޫޕު އޮޕަރޭޓުކުރާ ކޮންމެ ޖުރިސްޑިކްޝަނަކަށް ވަކިން، ޖުމްލަ އަދަދުތަކުގެ ގޮތުގައި، އާމްދަނީ، ޓެކްސް އުނިކުރުމުގެ ކުރިން ލިބިފައިވާ ފައިދާ ނުވަތަ ގެއްލުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައްކައިފައިވާ އަދަދު، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައްކަންޖެހުނު އަދަދު، ބަޔާންކޮށްފައިވާ ރައުސުލްމާލު، އެކިއުމިލޭޓެޑް އަރނިންގސް، މާއްދީ މުދާ (އެއީ ފައިސާ ނުވަތަ ފައިސާއާ އެއްފަދަ އެއްޗެއް ނުހިމެނޭ ގޮތުން) އަދި މުވައްޒަފުންގެ އަދަދު؛

(2) ކޮންސްޓިޓުއެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނަކީ ކޮބައިކަން، އަދި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނާއި އެ ޖުރިސްޑިކްޝަނެއްގެ ޤާނޫނުތަކުގެ ދަށުން އެ ކޮންސްޓިޓުއެންޓް އެންޓިޓީ އުފައްދާފައިވާ ޖުރިސްޑިކްޝަނާ ތަފާތުވާ ޙާލަތުގައި އެ އެންޓިޓީ އުފައްދާފައިވާ ޖުރިސްޑިކްޝަނަކީ ކޮބައިކަން، އަދި އެ ފަދަ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ ކޮން ބާވަތްތަކެއްގެ ވިޔަފާރިއެއްކަން ހިމެނޭ ގޮތުން، އެމް.އެން.އީ ގުރޫޕުގެ ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކާގުޅޭ މަޢުލޫމާތު.

(ށ) ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ތައްޔާރުކޮށް ހުށަހަޅަންޖެހޭނީ "އޯ.އީ.ސީ.ޑީ ޓްރާންސްފަރ ޕްރައިސިންގ ގައިޑްލައިންސް ފޮރ މަލްޓިނެޝަނަލް އެންޓަރޕްރައިޒެސް އެންޑް ޓެކްސް އެޑްމިނިސްޓްރޭޝަންސް (2017)" ގެ 5 ވަނަ ބާބުގެ 3 ވަނަ އެނެކްސް (ގެނެވޭ އިޞްލާޙުތައް ވެސް ހިމެނޭ ގޮތުން) ގައިވާ ފޯމެޓާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

7. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމުގެ ސުންގަޑި

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

8. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައިވާ މަޢުލޫމާތު ބޭނުންކުރުމާއި،  އެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން

(ހ) ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައިވާ މަޢުލޫމާތު މީރާއިން ބޭނުންކުރަންވާނީ، އެމް.އެން.އީ ގުރޫޕުގެ ބައިވެރިން އެ ފަރާތްތަކުން ތަބާވާންޖެހޭ ޓްރާންސްފަރ ޕްރައިސިންގގެ ހަމަތަކާ ޚިލާފަށް ޢަމަލުކޮށްފާނެކަމުގެ ރިސްކްތައް ދެނެގަތުމަށާއި، ބޭނުންކުރަން އެކަށީގެންވާ ޙާލަތުތަކުގައި އިޤްތިޞާދީ އަދި ތަފާސްހިސާބުގެ އެނަލިސިސްތަކުގައި ބޭނުންކުރުން ވެސް ހިމެނޭ ގޮތުން، ޓްރާންސްފަރ ޕްރައިސިންގގެ ބޮޑެތި ރިސްކްތައް ދެނެގަތުމަށާއި، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެނޫންވެސް "ބޭސް އިރޯޝަން އެންޑް ޕްރޮފިޓް ޝިފްޓިންގ (ބެޕްސް)" އާގުޅޭ ރިސްކްތައް ދެނެގަތުމަށެވެ. 

(ށ) ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކަށް ޓްރާންސްފަރ ޕްރައިސިންގއާ ގުޅިގެން މީރާއިން ގެންނަ އެއްވެސް ބަދަލެއް ނުވަތަ އިޞްލާޙެއް މި ގަވާއިދުގެ ދަށުން ހުށަހަޅާފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގެ މައްޗަށް ބިނާކޮށްގެންނުވާނެއެވެ. 

(ނ) މަލްޓިލެޓަރަލް ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރޒްގެ ދަށުން މީރާއަށް ލިބޭ މަޢުލޫމާތުގެ ސިއްރު ހިފަހައްޓަންޖެހޭ މިންވަރަކީ ސިއްރު ހިފަހައްޓަންޖެހޭ އެންމެ ދަށް މިންގަނޑުކަމަށް ބަލައި، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައި ހިމެނޭ މަޢުލޫމާތުގެ ސިއްރު މީރާއިން ހިފަހައްޓަންވާނެއެވެ.

9. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަނޭޅުމުގެ އަދަބުތައް

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަނޭޅުމުގެ އަދަބު ކަނޑައަޅާނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުންނެވެ.

10. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަން ފެށުން

މި ގަވާއިދުގެ ދަށުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅާނީ، 1 ޖަނަވަރީ 2021 ނުވަތަ އޭގެ ފަހުން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށެވެ.

11. ގަވާއިދަށް ޢަމަލުކުރަން ފެށުން 

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ