1. ތަޢާރުފާއި ނަން
(ހ) މިއީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 1-53 ވަނަ މާއްދާގެ (ރ) ދަށުން މީރާގެ ބޯޑަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވާއިދު" އެވެ.
2. މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ޓެކްސް ދައްކާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރުމަށް ގަސްތުކުރާ މުޢާމަލާތަކާ ގުޅިގެން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްދިނުމެވެ.
3. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރަމަށް އެދި ހުށަހެޅޭނެ ފަރާތްތައް
އަންނަނިވި ފަރާތްތަކަށް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމަށް އެދި ހުށަހެޅިދާނެއެވެ.
(ހ) ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ރައްދުވާ ބައިނަލްއަޤްވާމީ މުޢާމަލާތެއް ކޮށްފައިވާ ނުވަތަ ކުރާން ގަސްތުކުރާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތައް؛
(ށ) ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ރައްދުވާ ބައިނަލްއަޤްވާމީ މުޢާމަލާތެއް ކޮށްފައިވާ ނުވަތަ ކުރާން ގަސްތުކުރާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތައް؛
4. ޕްރީ-ފައިލިންގ ކޮންސަލްޓޭޝަން
(ހ) މި ގަވާއިދުގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމަށް އެދޭ ފަރާތްތަކުން ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނަކަށް އެދި، "ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނަކަށް އެދުން (923 MIRA) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅާންވާނެއެވެ.
(ށ) ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނުގައި، އަންނަނިވި ކަންކަން ހިމެނޭނެއެވެ.
(1) އެއްބަސްވުމުގެ ތަރަހަ ކަނޑައެޅުން؛
(2) ކޮންޓްރޯލް އޮތް މުޢާމަލާތް ދެނެގަތުން؛
(3) ބައިނަލްއަޤްވާމީ އެ މުޢާމަލާތަކީ އެއްބަސްވުމުގައި ހިމެނުމަށް އެކަށީގެންވާ މުޢާމަލާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން؛
(4) އެއްބަސްވުމުގައި ހިމެނިދާނެ މައިގަނޑު ނުކުތާތަކާ ގުޅޭގޮތުން މަޝްވަރާކުރުން.
(ނ) ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކާ ގުޅޭ ޕްރީ-ފައިލިންގ ކޮންސަލްޓޭޝަނެއް ނަމަ، އެ ކޮންސަލްޓޭޝަނުގައި ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީ، ނުވަތަ އެ ކޮމްޕިޓަންޓް އޮތޯރިޓީ ތަމްސީލުކުރާ ފަރާތް ބައިވެރިވާންވާނެއެވެ.
5. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ޕްރީ-ފައިލިންގ ކޮންސަލްޓޭޝަން ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މީރާއާއެކު އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމަށް އެދި، "އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުން" (MIRA 924) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައި ހިމަނާންޖެހޭ ކަންކަމާއި މަޢުލޫމާތުގެ ތެރޭގައި އަންނަނިވި ކަންކަމާއި މަޢުލޫމާތު ހިމެނެއެވެ.
(1) ޓެކްސް ދައްކާ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތްތަކުގެ އަދި އެޑްވާންސް ޕްރައިސިންގ އެގްރީމަންޓުގައި ހިމެނުމަށް އެ ފަރާތުން ހުށަހަޅާ މުޢާމަލާތްތައް ނުވަތަ އިންތިޒާމުތަކުގެ ތަޢާރަފަކާއި، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގެ ޙުދޫދާއި މުއްދަތުގެ ގޮތުގައި ހުށަހަޅާ ހުށަހެޅުމާއި، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) އެ މުޢާމަލާތަށް ނުވަތަ އިންތިޒާމަށް ރައްދުވާ ގޮތުގެ ތަފުސީލު؛
(2) އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތުން، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްސް ލެންތުގެ އުސޫލުތަކާ އެއްގޮތަށް، އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މެދުވެރިކޮށް، ޓްރާންސްފަރ ޕްރައިސް ކަނޑައަޅާން ހުށަހަޅާ ގޮތުގެ ތަފުސީލު؛
(i) ހުށަހަޅާ މުޢާމަލާތުގެ ކޮމްޕްރަބިލިޓީ އެނަލިސިސް؛
(ii) މުޢާމަލާތާ ގުޅިގެން އިޚްތިޔާރުކުރާ އެންމެ އެކަށީގެންވާ ޓްރާންސްފަރ ޕްރައިސިންގ މެތަޑާއި، އެ މެތަޑް އިޚްތިޔާރުކުރި އަސާސް؛
(iii) ކްރިޓިކަލް އެސަމްޕްޝަންތައް؛
(iv) ވާރލްޑް-ވައިޑް އޮގަނައިޒޭޝަނަލް ސްޓްރަކްޗަރއާއި، ހިމެނޭ ގުޅުންހުރި ފަރާތުގެ ހިސްޓްރީއާއި، ފައިނޭންޝަލް ސްޓޭޓްމަންޓުގައި ހިމެނޭ މަޢުލޫމާތާއި، އުފެއްދުންތަކުގެ މަޢުލޫމާތާއި، ފަންކްޝަންތަކާއި، މާއްދީ އެސެޓުތަކުގެ މަޢުލޫމާތާއި، ޣައިރު މާއްދީ އެސެޓްތަކުގެ މަޢުލޫމާތު.
(3) ހުށަހަޅާ މުޢާމަލާތުގައި ނުވަތަ އިންތިޒާމުގައި ބައިވެރިވާ ގުޅުންހުރި ފަރާތަކީ ކޮން ފަރާތެއްކަމާއި، ޓެކުހުގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވަނީ ކޮން ތަނެއްގައިކަން
(4) ޓެކްސް ދައްކާ ފަރާތުން އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ބައިވެރިކުރާން އެދޭ އެހެން ޖުރިސްޑިކްޝަން ނުވަތަ ޖުރިސްޑިކްޝަންތަކަކީ ކޮބައިކަން؛
(5) މިހާރު ބޭނުންކުރަމުންދާ ނުވަތަ ބޭނުންކުރަން ގަސްތުކުރާ ޓްރާންސްފަރ ޕްރައިސިންގ މެތަޑަށާއި، އެއްބަސްވުމުގެ ބައިވެރިއަކަށް ނިސްބަތްވާ އެއްވެސް މަޢުލޫމާތަކަށް އަސަރުކޮށްފާނެ އެއްވެސް މަޢުލޫމާތެއް؛
(ނ) މި މާއްދާގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމުގައި ކަމެއް އުނިވާނަމަ، ނުވަތަ ހުށަހަޅާންޖެހޭ ލިޔެކިޔުމެއް މަދުވާނަމަ، އެ ކަމެއް ފުރިހަމަކުރުމަށް 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތަށް މީރާއިން އަންގާންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅުން ފުރިހަމަކުރުމަށް، ޓެކްސް ދައްކާ ފަރާތަށް، 30 (ތިރީސް) ދުވަހަށްވުރެ ކުރުނޫން މުއްދަތެއް ދޭންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން، ހުށަހެޅުން ފުރިހަމަކުރުމަށް ދެވޭ މުއްދަތުގައި އެ ހުށަހެޅުން ފުރިހަމަކޮށްފައި ނުވާނަމަ، އެ ގޮތަށް ޢަމަލުނުކުރެވުނު ސަބަބު ބަޔާންކުރުމަށް 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ ހުށަހެޅުން އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމުމުގެ އިޚްތިޔާރު، ޔުނިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ހަވާލުވެހުރި މީރާގެ އޮފިސަރަށް، ނުވަތަ، ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
6. އެޑްވާންސް ޕްރައސިންގ އެއްބަސްވުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން އިޞްލާޙުކުރުން
(ހ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފައިވާ ހުށަހެޅުމެއް އިޞްލާޙުކުރަން އެދޭނަމަ، އެ އެއްބަސްވުމާމެދު ގޮތެއް ނިމުމުގެ ކުރިން، ލިޔުމުން މީރާއަށް އެކަން ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިޞްލާޙުކުރަން އެދިފައިވާ ގޮތަށް، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދި އެ ފަރާތުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތަށް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން އިޞްލާޙުކުރުމުގެ އިޚްތިޔާރު، ޔުނިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ހަވާލުވެހުރި މީރާގެ އޮފިސަރަށް، ނުވަތަ، ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
7. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދި ހުށަހަޅައިފައިވާ އެޕްލިކޭޝަން އަނބުރައި ގެންދިއުން
އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ހުށަހެޅި ފަރާތަށް އަނބުރައި ގެންދެވިދާނެއެވެ. އެގޮތުން ހުށަހެޅުން އަނބުރައި ގެންދާނަމަ، ލިޔުމުން މީރާއަށް އެކަން އަންގާންވާނެއެވެ.
8. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅޭގޮތުން މީރާއިން ގޮތެއް ނިންމުން
މި ގަވާއިދުގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހެޅުމުގައިވާ ކަންކަން ބެލުމަށްފަހު، އެ ފަދަ އެއްބަސްވުމެއް ޤާއިމުކުރުމަށް ނުވަތަ ނުކުރުމަށް ނިންމުމުގެ އިޚްތިޔާރު، ޔުނިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ހަވާލުވެހުރި މީރާގެ އޮފިސަރަށް، ނުވަތަ ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
9. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއްގައި ހިމަނާންޖެހޭ މަޢުލޫމާތު
މި ގަވާއިދުގެ ދަށުން ޤާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއްގައި، އެހެނިހެން މަޢުލޫމާތުގެ އިތުރުން، އަންނަނިވި މަޢުލޫމާތު ހިމަނާންވާނެއެވެ.
(ހ) އެއްބަސްވުން ރައްދުވާ ފަރާތްތަކުގެ ނަމާއި އެޑްރެސް.
(ށ) އެއްބަސްވުން ރައްދުވާ މުޢާމަލާތްތަކާއި، އިންތިޒާމުތަކާއި، އެއްބަސްވުންތަކާއި، މުއްދަތު.
(ނ) އެއްބަސްވެވޭ ޓްރާންސްފަރ ޕްރައިސިންގ މެތަޑާއި، އެއްބަސްވޭ ކޮމްޕްރަބަލްސް ނުވަތަ ލަފާކުރެވޭ ނަތީޖާތަކުގެ ރޭންޖް ފަދަ ކަންކަމުގެ ތަޢާރަފެއް.
(ރ) ޓްރާންސްފަރ ޕްރައިސިންގެ އަސާސްކަމުގައި ބަލައިފައިވާ، އަދި އެއިން ކަމަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުމާ ގުޅިގެން އަލުން މަޝްވަރާކުރާންޖެހޭ ފަދަ ކްރިޓިކަލް އެސަމްޕްޝަންތައް.
(ބ) އެއްބަސްވުމުގައި ހިމަނައިފައިވާ މުހިންމު ލަފުޒުތަކާއި ޢިބާރާތްތަކުގެ މާނަ.
(ޅ) މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި ކަންކަމުގެ އިތުރުން، މީރާއިން ކަނޑައަޅާ އެނޫންވެސް ކަމެއް.
10. އެއްބަސްވެފައިވާ ގޮތަށް ޢަމަލުނުކުރުން ނުވަތަ ހާލަތު ބަދަލުވުން
(ހ) ކްރިޓިކަލް އެސަމްޕްޝަނަކަށް، ނުވަތަ އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ ކުރިން ކުރިމަތިކުރެވުނު ޝަރުޠަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ އެއްބަސްވުމަށް ޢަމަލުކުރުން، އެ އެއްބަސްވުމުގެ ބައިވެރީންނަށް ލާޒިމެއް ނޫނެވެ.
(ށ) ކްރިޓިކަލް އެސަމްޕްޝަނަކަށް ނުވަތަ އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ ކުރިން ކުރިމަތިކުރެވުނު ޝަރުޠަކަށް އެއްވެސް ބަދަލެއް އަތުވެއްޖެކަމަށް އެއްވެސް ފަރާތަކަށް ގަބޫލުކުރެވިއްޖެނަމަ، އެއްބަސްވުމުގައި ބައިވެރިވާ އެނޫން ފަރާތްތަކަށް، އެ ގޮތަށް ގަބޫލުކުރެވުނު ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ޤާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް ޢަމަލުކުރުން ލާޒިމުވުން ހުއްޓުމަކަށް އަންނާނީ، އެއްބަސްވުމުގައި ބައިވެރިވާ ފަރާތަކުން އެކަމާ ގުޅިގެން އަންގާންޖެހޭ އެންގުން، އެއްބަސްވުމުގައި ބައިވެރިވާ އެނޫން ފަރާތަށް ނުވަތަ ފަރާތްތަކަށް އެންގުމުންނެވެ.
(ރ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް މި މާއްދާގެ (ހ) ރައްދުވެއްޖެނަމަ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނުވަތަ އިޞްލާޙުކުރުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.
11. އަހަރީ ކޮމްޕްލައަންސް ރިޕޯޓު ހުށަހެޅުން
އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ހިމެނޭ ކޮންމެ ޓެކްސް އަހަރަކަށް، އަންނަނިވި މަޢުލޫމާތު ނުވަތަ ކަންކަން ހިމަނައިގެން، އަހަރީ ކޮމްޕްލައަންސް ރިޕޯޓެއް، އެ ޓެކްސް އަހަރަށް ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއެކު، ވިދިގެން އަންނަ ޓެކްސް އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާންވާނެއެވެ.
(ހ) ރިޕޯޓު ނިސްބަތްވާ ޓެކްސް އަހަރުގައި ޓެކްސް ދައްކާ ފަރާތުން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު.
(ށ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ކަނޑައަޅައިފައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތަށް ޢަމަލުކޮށްފައިވާކަން ދައްކުވައިދޭ މަޢުލޫމާތު.
(ނ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކްރިޓިކަލް އެސަމްޕްޝަނަކަށް، ނުވަތަ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމަށް ކުރިމަތިކުރެވުނު ޝަރުޠުތަކުން ޝަރުޠަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަށަވަރުކޮށް ދިނުން.
12. އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ބާޠިލުކުރުން
(ހ) އަންނަނިވި ހާލަތްތަކުގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މީރާއަށް ބާޠިލު ކުރެވިދާނެއެވެ.
(1) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ނުވަތަ އަހަރީ ކޮމްޕްލައަންސް ރިޕޯޓުގައި، ގަސްތުގައި، މަޢުލޫމާތުގެ ކުށެއް ހިމެނުން، ނުވަތަ ހިމަނާންޖެހޭ މަޢުލޫމާތެއް ނުހިމެނުން، ނުވަތަ މިސްރެޕްރެޒެންޓޭޝަނެއް ހިމެނުން؛
(2) އެކަށީގެންވާ ސަބަބެއް ނެތި، ސުންގަޑީގެ ނިޔަލަށް އެނުއަލް ކޮމްޕްލައަންސް ރިޕޯޓު ހުށަހަޅައިފައި ނުވުން؛
(3) އެއްބަސްވުމުގައި ބައިވެރިވާ ޓެކްސް ދައްކާ ފަރާތުން ނުވަތަ ފަރާތްތަކުން، އެއްބަސްވުމުގެ މައިގަނޑު ޝަރުޠަކާ މެޓީރިއަލް މިންވަރަކަށް ޚިލާފުވުން.
(ށ) މި މާއްދާގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ބާޠިލުކޮށްފިނަމަ، އެ ބާޠިލުކުރެވުނު އެއްބަސްވުން ރައްދުވި ފުރަތަމަ ޓެކްސް އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އެއްބަސްވުން ބާޠިލުވާނެއެވެ.
13. އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ނިމުމަކަށް ގެނައުން
(ހ) އަންނަނިވި ހާލަތްތަކުގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މީރާއަށް ނިމުމަކަށް ގެނެވިދާނެއެވެ.
(1) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި ނުވަތަ އެނުއަލް ކޮމްލައަންސް ރިޕޯޓުގައި، ގަސްތުގައި ނޫން ގޮތަކަށް މަޢުލޫމާތުގެ ކުށެއް ހިމެނިފައި އޮތުން، ނުވަތަ ހިމަނާންޖެހޭ މަޢުލޫމާތެއް ނުހިމެނި އޮތުން، ނުވަތަ މިސްރެޕްރެޒެންޓޭޝަނެއް ހިމެނިފައި އޮތުން؛
(2) އެކަށީގެންވާ ސަބަބެއް އޮވެގެން، ސުންގަޑީގެ ނިޔަލަށް އެނުއަލް ކޮމްޕްލައަންސް ރިޕޯޓު ހުށަހަޅައިފައި ނުވުން؛
(3) އެއްބަސްވުމުގައި ބައިވެރިވާ ޓެކްސް ދައްކާ ފަރާތުން ނުވަތަ ފަރާތްތަކުން، އެއްބަސްވުމުގެ އެއްވެސް ޝަރުޠަކާ މެޓީރިއަލް މިންވަރަކަށް ޚިލާފުވުން؛
(4) އެއްބަސްވުމުގެ ކްރިޓިކަލް އެސަމްޕްޝަނަކާ މެޓީރިއަލް މިންވަރަކަށް ޚިލާފުވުން؛
(5) އެއްބަސްވުން އިޞްލާޙު ކުރުމުގެ ފުރުޞަތު ނުލިބޭ ފަދަ ގޮތަކަށް، ޓެކްސް ޤާނޫނަކަށް، ނުވަތަ ޓެކްސް މުޢާހަދާއެއްގެ ނުވަތަ ބައިނަލްއަޤްވާމީ އެއްބަސްވުމެއްގައި ހިމެނޭ އެޑްވާންސް ޕްރައިސިންގއާ ގުޅޭ މާއްދާއަށް ބަދަލެއް އައުން.
(ށ) މި މާއްދާގެ ދަށުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނިމުމަކަށް ގެންނަ ތާރީޚު ކަނޑައަޅާނީ، އެއްބަސްވުން ނިމުމަކަށް ގެނައުމަށް މެދުވެރިވި ސަބަބުތަކަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.
14. އެޑްވާންސް ޕްރައިސިންގ އެއްބަސްވުން އިޞްލާޙުކުރުން
(ހ) އަންނަނިވި ހާލަތުތަކުގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުން މީރާއަށް އިޞްލާޙު ކުރެވިދާނެއެވެ.
(1) މެޓީރިއަލް މިންވަރަކަށް ކްރިޓިކަލް އެސަމްޕްޝަނަކަށް ނުވަތަ އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ ކުރިން ކުރިމަތިކުރެވުނު ޝަރުޠަކަށް އެއްވެސް ބަދަލެއް އައުން؛
(2) ކްރިޓިކަލް ނޫން އެސަމްޕްޝަނަކަށް ބަދަލެއް އައުން؛
(3) ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ނަމަ، އެއްބަސްވުމުގައި ބައިވެރިވާ އެހެން ޤައުމެއްގެ ކޮމްޕިޓަންޓް އޮތޯރިޓީން އެ އެއްބަސްވުން އިޞްލާޙުކޮށްދިނުމަށް އެދިފައިވުން؛
(ށ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ބައިވެރިވާ ޓެކްސް ދައްކާ ފަރާތުން އެ އެއްބަސްވުން އިޞްލާޙު ކުރުމަށް އެދި ހުށަހަޅައިފި ނަމަ، އެ އެއްބަސްވުމެއް މީރާއަށް އިޞްލާޙު ކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ހާލަތެއްގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް އިޞްލާޙު ކުރެވޭނީ، ޓެކްސް ދައްކާ ފަރާތަށް އެކަމާ ގުޅޭގޮތުން އެ ފަރާތުން ދެކޭ ގޮތް ހާމަކުރުމަށް ފުރުޞަތު ދިނުމަށްފަހު، އެ ފަރާތުން އެ އިޞްލާޙު ގެނައުމަށް އެއްބަސްވާނަމައެވެ.
(ރ) ޓެކްސް ދައްކާ ފަރާތުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުން އިޞްލާޙު ކުރުމަށް އެއްބަސްނުވާ ހާލަތުގައި، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން، އެ އެއްބަސްވުން ނިމުމަކަށް ގެނެވިދާނެއެވެ.
(ބ) ޓެކްސް ދައްކާ ފަރާތުން އެއްބަސްވުމަށް އިޞްލާޙު ހުށަހަޅާ ހާލަތުގައި އެ އިޞްލާޙުތައް ގެނައުމަށް މީރާއިން އެއްބަސްނުވާނަމަ، އެ އިޞްލާޙުތައް ބަލައިނުގަނެވޭކަން ސަބަބާއެކު ލިޔުމުން މީރާއިން އެ ފަރާތަށް އަންގާންވާނެއެވެ.
(ޅ) އިޞްލާޙު ކޮށްފައިވާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި، އިޞްލާޙު ކުރުމުގެ ކުރިން އޮތް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ހިނގާނެ މުއްދަތާއި، އިޞްލާޙު ކޮށްފައިވާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް ޢަމަލުކުރާން ފަށާނެ މުއްދަތު ބަޔާންކޮށްފައި އޮންނާންވާނެއެވެ.
15. ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުންތައް
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމަށް އެދިފައިވާނަމަ ޢަމަލުކުރާންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(1) ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާންވާނީ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުނު ފަރާތާ ގުޅުންހުރި ފަރާތުން ނުވަތަ ފަރާތްތަކުން އެ ފަރާތުން ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނުގައި ނުވަތަ ޖުރިސްޑިކްޝަންތަކުގައި އެ މުޢާމަލާތް ނުވަތަ މުޢާމަލާތްތަކާ ގުޅޭގޮތުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދިފައިވާނަމައެވެ.
(2) ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމަށް ޓެކްސް ދައްކާ ފަރާތުން އެދިއްޖެނަމަ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުނު ފަރާތާ ގުޅުންހުރި ފަރާތުން ނުވަތަ ފަރާތްތަކުން ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަން ނުވަތަ ޖުރިސްޑިކްޝަންތަކުގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ނުވަތަ ކޮމްޕިޓަންޓް އޮތޯރިޓީތަކަށް އެކަން އަންގާންވާނެއެވެ.
(3) މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމްޕިޓަންޓް އޮތޯރިޓީން، އެ އެޑްވާންސް ޕްރައިސިންގ އެއްބަސްވުން ކުރިޔަށް ގެންދިއުމުގެ ޝައުޤުވެރިކަން ފާޅުކޮށްފިނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީން އެކަމާ ގުޅޭ މަޝްވަރާތައް ފަށައިގެން އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރާންވާނެއެވެ.
(4) މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަޝްވަރާތަކުން ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއާއި، ބައިވެރިވާ އެނޫން ކޮމްޕިޓަންޓް އޮތޯރިޓީއަކަށް އެއްބަސްވުމަކަށް ވާޞިލު ނުވެވޭނަމަ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދިފައިވާ ފަރާތަށް އެ ކަން އަންގާންވާނެއެވެ. އަދި، އެ ހާލަތުގައި ޔުނިލެޓަރަލް އެއްބަސްވުމެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ނުވަތަ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން އަނބުރައި ގެންދިއުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީ ފިޔަވައި އެނޫން ކޮމްޕިޓަންޓް އޮތޯރިޓީއަކުން، ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމުގެ ޝައުޤުވެރިކަން، ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ހުށަހަޅާ ހާލަތުގައި، އެ މަސައްކަތް ކުރިޔަށް ގެންދާންވާނީ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށް އެދުނު ފަރާތާ ގުޅުންހުރި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުން އެ މުޢާމަލާތަށް ނުވަތަ މުޢާމަލާތްތަކާ ގުޅޭގޮތުން އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދިފައިވާނަމައެވެ.
16. ރޯލްބެކް
އިންކަމް ޓެކްސް ބަޔާން ހުށަހަޅާންޖެހޭ ސުންގަޑި ފާއިތުވެފައިވާ ޓެކްސް އަހަރަކަށް ހިނގާގޮތަށް، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމުގެ ފުރުޞަތު ލިބޭނީ އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.
(ހ) ބައިވެރިވާ އެހެން ޖުރިސްޑިކްޝަނުން ކަނޑައަޅައިފައިވާ މުއްދަތުތައް.
(ށ) ގުޅުންހުރި މަޢުލޫމާތާއި ހާލަތު.
(ނ) ޓެކްސް އޮޑިޓެއް ނުވަތަ އިންވެސްޓިގޭޝަނެއް ހިނގަމުންދިއުން ނުވަތަ ހިނގަމުން ނުދިއުން.
(ރ) ޝަރީޢަތުގެ މަރުޙަލާގައި މައްސަލައެއް އޮތުން ނުވަތަ ނެތުން.
17. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމު ނުކުރޭނެ ހާލަތްތައް
އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމު ނުކުރޭނެ ހާލަތްތައްއަންނަނިވި ހާލަތްތަކުގައި އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމެއް ނުކުރެވޭނެއެވެ.
(ހ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ހިމަނާން ހުށަހަޅާ މުޢާމަލާތަކީ، ޚިޔާލީ ހާލަތަކަށް ވުން، ނުވަތަ ފުރިހަމަޔަށް އެއާމެދު ވިސްނައިފައިވާ ހާލަތަކަށް ނުވުން؛
(ށ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ހިމަނާން ހުށަހަޅާ މުޢާމަލާތަކީ، ޓެކްސް ދެއްކުމުން އެއްކިބާވުން، ނުވަތަ ޓެކުހަށް މަކަރު ހެދުން ހިމެނޭ މުޢާމަލާތަކަށް ވުން.
(ނ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމުގައި ހިމަނާން ހުށަހަޅާ މުޢާމަލާތުގެ މައުޟޫއަކީ، ޝަރީޢަތުގެ މަރުޙަލާއެއްގައި ބެލެވެމުންދާ ކަމެއް ކަމުގައި ވުން.
18. އެޑްވާންސް ޕްރައިސިންގ އެއްބަސްވުމާ ގުޅިގެން ހިނގާނެ ޚަރަދު
(ހ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ނޮން-ރިފަންޑަބަލް އެޕްލިކޭޝަން ފީއެއް ނެގުމުގެ އިޚްތިޔާރު، މީރާއަށް ލިބިގެންވެއެވެ. މި ގޮތުން ފީއެއް ނެގުމަށް މީރާއިން ކަނޑައަޅައިފިނަމަ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަކަށް އެދި ހުށަހަޅާ ހުށަހެޅުން މީރާއިން ބަލައިގަންނާނީ، ފީ ދެއްކުމުންނެވެ.
(ށ) އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތާ ގުޅިގެން، މީރާގެ މުވައްޒަފަކަށް ނުވަތަ ކޮމްޕިޓަންޓް އޮތޯރިޓީއަށް ދިވެހިރާއްޖެއިން ބޭރަށް ކޮންމެހެން ކުރާންޖެހޭ ދަތުރަކަށް ހޭދަވާ ޚަރަދު، އެއްބަސްވުމަށް އެދިފައިވާ ފަރާތުން މީރާއަށް ދައްކާންވާނެއެވެ.
19. ސިއްރު ހިފެހެއްޓުން
އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަރުޙަލާގައި މީރާއިން ހޯދާ މަޢުލޫމާތާއި، މީރާއަށް ލިބޭ އެންމެހައި މަޢުލޫމާތަކީ، ޤާނޫނުގެ ދަށުން ސިއްރު މަޢުލޫމާތެވެ.
20. މާނަކުރުން
މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތައް މާނަކުރަންވާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) "ޤާނޫނު" ކަމުގައި ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށެވެ.
(ށ) "ޔުނިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓެކްސް ދައްކާ ފަރާތާއެކު މީރާއިން ޤާއިމުކުރާ، ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެޑްވާން ޕްރައިސިންގ އެއްބަސްވުމަކަށް ނުވާ، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށެވެ.
(ނ) "ބައިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓެކްސް ދައްކާ ފަރާތާއި، ޓެކްސް ދައްކާ ފަރާތާ ގުޅުންހުރި ފަރާތަކާއި، ގުޅުންހުރި އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގެ ޓެކްސް އޮތޯރިޓީއާއެކު މީރާއިން ޤާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށެވެ.
(ރ) "މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓެކްސް ދައްކާ ފަރާތާއި، ޓެކްސް ދައްކާ ފަރާތާ ގުޅުންހުރި 1 (އެކެއް) ފަރާތަށްވުރެ ގިނަ ފަރާތްތަކާއި، ގުޅުންހުރި އެ ފަރާތްތައް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންތަކުގެ ޓެކްސް އޮތޯރިޓީތަކާއެކު މީރާއިން ޤާއިމުކުރާ އެޑްވާންސް ޕްރައިސިންގ އެއްބަސްވުމަށެވެ.
21. ގަވާއިދަށް ޢަމަލުކުރާން ފެށުން
މި ގަވާއިދަށް ޢަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.