މިއީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ، ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ.
ތަޢާރުފު
1. މި ރޫލިންގގެ މަގުސަދަކީ، ޤާނޫނުގެ 21 ވަނަ މާއްދާ މީރާއިން މާނަކުރާ ގޮތް ބަޔާންކުރުމެވެ.
2. ޤާނޫނުގެ 21 ވަނަ މާއްދާގައި ވަނީ:
ޑޮނޭޝަން
(ހ) މި ޤާނޫނުގެ 17 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ދައުލަތުގެ އޮފީހަކަށް ނުވަތަ ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާއަކީ އެ ފައިސާ ދިން ހިސާބުކުރާ މުއްދަތުގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ ޢަދަދެކެވެ.
...
3. އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ 50 ވަނަ މާއްދާގައި ވަނީ:
ޖަމްޢިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދައްކާ ފައިސާ އުނިކުރުންް
ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާ، ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އުނިކުރެވޭނީ އެ ފައިސާ ދިން ތާރީޚުގައި އެ ޖަމްޢިއްޔާއެއް މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޝާއިޢުކުރާ ލިސްޓުގައި ހިމެނޭ ކަމުގައިވާނަމައެވެ.
ރޫލިންގ
4. ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ޑޮނޭޝަންގެ ގޮތުގައި އުނިކުރެވޭނީ، ފައިސާއިން ދޭ ޑޮނޭޝަން އެކަންޏެވެ.
ޢަމަލުކުރަން ފެށުން
5. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ، 1 މާރިޗު 2024 އިން ފެށިގެންނެވެ.