1. ތަޢާރުފާއި ނަން
(ހ) މިއީ، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
(ށ) މި ޤާނޫނަށް ކިޔާނީ "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު" އެވެ.
2. ޤާނޫނު ހިނގާ ފަރާތްތައް
މި ޤާނޫނު ހިނގާނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) އެ ފަރާތަކަށް އާމްދަނީ ލިބެނީ ދިވެހިރާއްޖެއިން ކަމުގައިވީ ނަމަވެސް ނުވަތަ އެހެން ތަނަކުން ކަމުގައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއް؛ އަދި
(ށ) އެ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްކަމުގައި ނުވިނަމަވެސް، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް.
(ނ) ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް.
3. އާމްދަނީން ނަގާ ޓެކްސް
''އާމްދަނީން ނަގާ ޓެކްސް'' ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޓެކްސް ނަގާނީ، މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، އަންނަނިވި ބާވަތްތަކުގެ އާމްދަނީން، މި ޤާނޫނުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ހ) އުޖޫރަ؛
(ށ) ވިޔަފާރި އާމްދަނީ؛
(ނ) އުފުލޭ މުދާ ނުވަތަ ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ؛
(ރ) ޑިވިޑެންޑް؛
(ބ) އިންޓްރެސްޓް؛
(ޅ) އެނުއިޓީއާއި ޕެންޝަން އަދި ރިޓަޔަރމަންޓް ބެނިފިޓް؛
(ކ) ބެނިފިޝަރީންނަށް ލިބޭ އާމްދަނީ؛
(އ) ޓެކްނިކަލް ސަރވިސް ފީ؛
(ވ) ކަމިޝަން؛
(މ) ރޯޔަލްޓީ؛
(ފ) އެ މުދަލަކާ ގުޅިގެން މި ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކުރެވޭ، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ ޣައިރު މާއްދީ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީ؛
(ދ) އެ މުދަލަކާ ގުޅިގެން މި ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކެޕިޓަލް އެލަވަންސް އުނިނުކުރެވޭ، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ ޣައިރު މާއްދީ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ ފައިދާ؛
(ތ) އެނޫންވެސް ގޮތަކުން ލިބޭ އާމްދަނީ (މުޢާމަލާތެއްގެ މުޤާބިލެއްގެ ގޮތުގައި ނޫންކަމަށް ވިޔަސް، ނުވަތަ ޤާނޫނާ ޚިލާފަށް ނުވަތަ ހުއްދަ ނޫން ގޮތަކަށް ކަމަށް ވިޔަސް ލިބޭ މުދަލާއި ފައިސާ، އަދި ލިބިފައިވާ ގޮތް ނުވަތަ ހޯދާފައިވާ ގޮތް ސާބިތުކޮށް ނުދެވޭ ފައިސާއާއި (ފޮތްތަކުގައި ލިބުނުކަމަށް ހިމަނާފައި ވިޔަސް ނުވިޔަސް)، އިންވެސްޓްކުރަން ނުވަތަ ޚަރަދުކުރަން ފައިސާ ލިބުނު ގޮތް ނުވަތަ ހޯދި ގޮތް ސާބިތުކޮށް ނުދެވޭ އިންވެސްޓްމަންޓްތަކާއި ޚަރަދުތަކާއި، ލިބުނު ގޮތް ނުވަތަ ހޯދި ގޮތް ސާބިތުކޮށް ނުދެވޭ އެންމެހައި މުދާ ހިމެނޭ ގޮތުން).
4. ވިތުހޯލްޑިންގ ޓެކްސް
"ވިތުހޯލްޑިންގ ޓެކްސް" ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައި އެވަނީ، މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، ވިތުހޯލްޑިންގ ޓެކްސް ނެގުން ލާޒިމުވާ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ އާމްދަނީން، މި ޤާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ޓެކުހަށެވެ.
5. އާމްދަނީން ނަގާ ޓެކްސް ދެއްކުން ލާޒިމުވުން
މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތަކުންމެ، ޓެކްސް އަހަރެއްގެ ތެރޭގައި ނިމޭ ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ޤާނޫނުގައިވާ ގޮތުގެމަތިން ޓެކްސް ދެއްކުން ލާޒިމުވެގެންވެއެވެ. މި މާއްދާއަށް ޢަމަލުކުރާނީ، މި ޤާނޫނުގެ 61 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެމަތިންނެވެ.
6. ވިތުހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމުވުން
މި ޤާނޫނުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގުން ލާޒިމުވާ އާމްދަނީއެއް ލިބޭ ފަރާތަކަށް އެ ފައިސާ ދައްކާ ފަރާތުން، އެ ފައިސާއިން ވިތުހޯލްޑިންގ ޓެކުހަށްވާ ޢަދަދު އުނިކުރުމަށްފަހު މި ޤާނޫނުގައިވާ ގޮތުގެމަތިން އެ ޢަދަދު މީރާއަށް ދެއްކުން ލާޒިމުވެގެންވެއެވެ.
7. ފަރުދުންގެ ޓެކްސް ރޭޓު
(ހ) ފަރުދުންނަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާނީ އަންނަނިވި ރޭޓުތަކުގައެވެ.
| ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު | ޓެކްސް ރޭޓު |
| -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 0% (ސުމެއް އިންސައްތަ) |
| -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް -/1,200,000 (އެއް މިލިއަން ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ) |
| -/1,200,000 (އެއް މިލިއަން ދެ ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/1,800,000 (އެއް މިލިއަން އަށް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 8% (އަށެއް އިންސައްތަ) |
| -/1,800,000 (އެއް މިލިއަން އަށް ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/2,400,000 (ދެ މިލިއަން ހަތަރު ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ |
12% (ބާރަ އިންސައްތަ) |
| -/2,400,000 (ދެ މިލިއަން ހަތަރު ލައްކަ) ރުފިޔާއަށްވުރެ ބޮޑު | 15% (ފަނަރަ އިންސައްތަ) |
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިސާބުކުރެވޭ ޓެކުހުގެ ޖުމްލައަކީ އެ އަކުރުގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓުތަކަށް ވަކިވަކިން ޓެކުހުގެ މިންވަރު ހިސާބުކުރުމުން އަންނަ ޢަދަދުތަކުގެ ޖުމްލައެވެ.
8. ބޭންކުތަކުގެ ޓެކްސް ރޭޓު
(ހ) ބޭންކުތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާނީ އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %25 (ފަންސަވީސް އިންސައްތަ) ގެ ރޭޓުގައެވެ.
(ށ) މި މާއްދާގެ ބޭނުމަށް "ބޭންކު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ބޭންކިންގ ވިޔަފާރިކުރުމަށް ލައިސަންސް ދީފައިވާ ފަރާތަކަށެވެ.
9. ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކުގެ ޓެކްސް ރޭޓު
ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާނީ އަންނަނިވި ރޭޓުތަކުގައެވެ.
| ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު | ޓެކްސް ރޭޓު |
| -/500,000 (ފަސް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ދަށް | 0% (ސުމެއް އިންސައްތަ) |
| -/500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ މަތި | 15% (ފަނަރަ އިންސައްތަ) |
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިސާބުކުރެވޭ ޓެކުހުގެ ޖުމްލައަކީ އެ އަކުރުގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓުތަކަށް ވަކިވަކިން ޓެކުހުގެ މިންވަރު ހިސާބުކުރުމުން އަންނަ ޢަދަދުތަކުގެ ޖުމްލައެވެ.
(ނ) އެއްވެސް ޝަޚްޞަކީ، ގްރޫޕަކަށް ނިސްބަތްވާ ޝަޚްޞެއްނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ -/500,000 (ފަސް ލައްކަ) ރުފިޔާގެ ބަދަލުގައި ބޭނުންކުރަންވާނީ، އެ ގްރޫޕުގައި ހިމެނޭ ޝަޚްޞުތަކުގެ ތެރެއިން އެ ޝަޚްޞުތަކުގެ މައްޗަށް މި ޤާނޫނު ހިނގާ ޝަޚްޞުތަކުގެ މެދުގައި އެ -/500,000 (ފަސް ލައްކަ) ރުފިޔާ ހަމަހަމަކޮށް ބެހުމުން އަންނަ ޢަދަދެވެ.
(ރ) މި މާއްދާގެ ބޭނުމަށްޓަކައި، "ޝަޚްޞު" ކަމަށް ބުނެފައި އެވަނީ، ޕާޓްނަރޝިޕް ހިމެނޭ ގޮތުން، ފަރުދެއް ނުވަތަ ބޭންކަކަށް ނުވާ، އެހެނިހެން ޝަޚްޞުތަކަށެވެ.
10. އާމްދަނީ ކަނޑައެޅުން
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީވެސް ހިމެނެއެވެ.
(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމެނެނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ މީހެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމެނޭނީ އެ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއެވެ.
11. ދިވެހިރާއްޖެއިން ލިބޭ އާމްދަނީ
އަންނަނިވި ބާވަތްތަކުގެ އާމްދަނީއަކީ ދިވެހިރާއްޖެއިން ލިބޭ އާމްދަނީ ކަމަށް ބެލެވޭނެއެވެ.
(ހ) ދިވެހިރާއްޖޭގައި އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރަ؛
(ށ) ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަކުން، އެ ވަޒީފާ އަދާކުރަނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އުޖޫރަ؛
(ނ) ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތަކުން، އެ ޚިދުމަތް ފޯރުކޮށްދެނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އުޖޫރަ ފިޔަވައި އެހެން އާމްދަނީ؛
(ރ) ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ނުވަތަ ޗާޓަރުކުރާ ނުވަތަ ކުއްޔަށްދޭ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަކުން، އެ ވަޒީފާ އަދާކުރަނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އުޖޫރަ؛
(ބ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން އެ ކުންފުނީގެ ޑިރެކްޓަރުންނަށް ލިބޭ ޑިރެކްޓަރުންގެ ފީ؛
(ޅ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕަކުން އެ ޕާޓްނަރޝިޕުގެ ޕާޓްނަރުންނަށް ލިބޭ ފައިސާ؛
(ކ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ލިބޭ އާމްދަނީ (ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކުން ލިބޭ އާމްދަނީ ފިޔަވައި)؛
(އ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އަންނަނިވި ބާވަތްތަކުގެ ވިޔަފާރި އާމްދަނީ:
(1) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ކުރާ ވިޔަފާރިއަކުން ލިބޭ އާމްދަނީ؛ ނުވަތަ
(2) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިއްކާ މުދަލެއް ނުވަތަ މަރޗެންޑައިޒްއެއް، ނުވަތަ އެ މުދަލާކާ ނުވަތަ މަރޗެންޑައިޒްއަކާ އެއް ބާވަތެއްގެ މުދަލެއް ނުވަތަ މަރޗެންޑައިޒްއެއް ދިވެހިރާއްޖޭގައި ވިއްކައިގެން ލިބޭ އާމްދަނީ؛ ނުވަތަ
(3) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކުން ކުރާ ވިޔަފާރި ނުވަތަ އެ ވިޔަފާރިއާ އެއްފަދަ އެހެން ވިޔަފާރިއެއް ދިވެހިރާއްޖޭގައި ކޮށްގެން ލިބޭ އާމްދަނީ.
(ވ) ދިވެހިރާއްޖޭގައި ހުރި ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުއުފުލޭ މުދަލެއް ކުއްޔަށްދީގެން ލިބޭ އާމްދަނީ؛
(މ) ދައުލަތުން ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދޭ، ނުވަތަ ދިވެހިރާއްޖޭގައި އަދާކުރި ވަޒީފާއަކާ ގުޅިގެން ނުވަތަ ފޯރުކޮށްދިން ޚިދުމަތަކާ ގުޅިގެން ލިބޭ އެނުއިޓީ، ޕެންޝަން ނުވަތަ އެނޫންވެސް ރިޓަޔަރމަންޓް ބެނިފިޓް؛
(ފ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑް؛
(ދ) އަންނަނިވި ގޮތުގެމަތިން ލިބޭ އިންޓްރެސްޓް، ރޯޔަލްޓީ، ނުވަތަ ޓެކްނިކަލް ސަރވިސް ފީ؛
(1) އެއީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކުން، ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއްގެ ޚަރަދެއްގެ ގޮތުގައި ނޫން ގޮތަކަށް ދައްކާ ފައިސާއަކަށްވުން؛ ނުވަތަ
(2) އެއީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަޒުކަޒެއްގެ ޚަރަދެއްގެ ގޮތުގައި ދައްކާ ފައިސާއަކަށްވުން.
(ތ) މި މާއްދާގެ (ކ) ނުވަތަ (އ) ގައި ބަޔާންކުރާ ޙާލަތްތަކުގައި ފިޔަވައި، ދިވެހިރާއްޖޭގައި ހުރި ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުފުލޭ މުދަލެއް ނުވަތަ އެއިން މުދަލެއްގައި ހިމެނޭ މަޞްލަޙަތެއް ތަޞައްރުފުކޮށްގެން، ނުވަތަ އެއިން މުދަލެއް ތަޞައްރުފުކުރުމަށް ދިވެހިރާއްޖޭގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން (މުދާ ލިބިގަންނަ ފަރާތަށް އެ މުދާ ރައްދު ކޮށްދެވެނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް) ލިބޭ އާމްދަނީ؛
(ލ) މި މާއްދާގެ (ކ) ނުވަތަ (އ) ގައި ބަޔާންކުރާ ޙާލަތްތަކުގައި ފިޔަވައި، ނުއުފުލޭ މުދަލެއް ތަޞައްރުފުކޮށްގެން އަންނަނިވި ގޮތުގެމަތިން ލިބޭ ފައިދާ؛
(1) އެ ފައިދާ ލިބެނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއް ތަޞައްރުފުކޮށްގެން ކަމަށްވުން؛ ނުވަތަ
(2) އެ ފައިދާ ލިބެނީ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރޝިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކުރާ ހިނދު، ފާއިތުވެދިޔަ 365 (ތިންސަތޭކަ ފަސްދޮޅަސްފަހެއް) ދުވަހުގެ ތެރޭގައި އެއްވެސް އިރެއްގައި، އެ ފަރާތެއްގެ ވެލިއުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ނިސްބަތްވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށް ކަމަށްވާނަމަ، އެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކޮށްގެން ކަމަށްވުން؛ ނުވަތަ
(3) އެ ފައިދާ ލިބެނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕެއް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓެއްގެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކޮށްގެން ކަމަށްވުން؛ ނުވަތަ
(4) އެ ފައިދާ ލިބެނީ މި މާއްދާގެ (ލ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދަލަކާގުޅޭ އޮޕްޝަނެއް، ނުވަތަ އެއިން މުދަލެއް ގަތުމުގެ ޙައްޤެއް ތަޞައްރުފުކޮށްގެން ކަމަށްވުން.
(ގ) މި މާއްދާގެ (ކ) ނުވަތަ (އ) ގައި ބަޔާންކުރާ ޙާލަތްތަކުގައި ފިޔަވައި، ދިވެހިރާއްޖޭގައި ބޭނުންކުރާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފިކުރީ ނުވަތަ ޣައިރު މާއްދީ މުދަލެއް ތަޞައްރުފުކޮށްގެން، ނުވަތަ އެއިން މުދަލެއް ތަޞައްރުފުކުރުމަށް ދިވެހިރާއްޖޭގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބޭ އާމްދަނީ؛
(ޏ) މި މާއްދާގެ (ކ) ނުވަތަ (އ) ގައި ބަޔާންކުރާ ޙާލަތްތަކުގައި ފިޔަވައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކާ ގުޅިގެން ނުވަތަ ދިވެހިރާއްޖޭގައި ހުރި މުދަލަކާ ގުޅިގެން ލިބޭ އިންޝުއަރެންސް ޕްރީމިއަމް؛
(ސ) ބޭރު ޤައުމެއް ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކާއެކު ދިވެހިރާއްޖެއިން ވެފައިވާ މުޢާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގައި ޓެކްސް ނެގޭ އާމްދަނީ؛
(ޑ) ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުރި ފަރާތަކަށް، ދިވެހިރާއްޖޭގެ މަންޒިލަކުން ފުރައިގެންދާ ކަނޑުބޯޓަކަށް ނުވަތަ މަތިންދާބޯޓަކަށް ފަސިންޖަރުން ނުވަތަ ލައިވްސްޓޮކް ނުވަތަ ސިޓީ ނުވަތަ ޕާރުސަލް ނުވަތަ މަރޗެންޑައިޒް ނުވަތަ މުދާ އަރުވައިގެން ލިބޭ އާމްދަނީ؛
(ޒ) ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތަކަށް ލިބޭ ކަމިޝަން؛
(ޓ) ދިވެހިރާއްޖޭގައި މުނިފޫހިފިލުވައިދޭ މީހުންގެ ޙަރަކާތްތަކަށް ލިބޭ އާމްދަނީ؛
(ޔ) ދިވެހިރާއްޖޭގައި ދިރާސާކުރުމާއި ތަރައްޤީކުރުމުން (ރިސަރޗް އެންޑް ޑިވެލޮޕްމަންޓްއިން) ލިބޭ އާމްދަނީ؛
(ޕ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ.
12. އިސްތިސްނާވާ އާމްދަނީ
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ދަށުން ޓެކްސް ނެގުމުން އަންނަނިވި ބާވަތްތަކުގެ އާމްދަނީ އިސްތިސްނާވާނެއެވެ.
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ލިބޭ ޑިވިޑެންޑް؛
(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕަކުން އެ ޕާޓްނަރޝިޕުގެ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރުންނަށް ބަހާ ފައިދާ އަދި ޕާޓްނަރުންގެ ކެޕިޓަލަށް ދައްކާ އިންޓްރެސްޓް؛
(ނ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ބެނިފިޝަރީއަކަށް ބަހާ ފައިދާ ނުވަތަ އެނޫންވެސް ފައިސާ؛
(1) އެއީ އެ ޓްރަސްޓުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރޭގައި ހިމެނޭ ޢަދަދަކަށްވުން؛ ނުވަތަ
(2) އެއީ އެ ޓްރަސްޓުގެ ކޯޕަސްއިން ދައްކާ ފައިސާއަކަށްވުން.
(ރ) ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ލިބޭ އާމްދަނީ؛
(ބ) ދައުލަތުގެ އޮފީހަކަށް ލިބޭ އާމްދަނީ؛
(ޅ) އަންނަނިވި ގޮތުގެމަތިން ލިބޭ އިންޓްރެސްޓް:
(1) ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުންޏަކުން ދޫކޮށްފައިވާ ސެކިއުރިޓީއަކާ ގުޅިގެން ލިބޭ އިންޓްރެސްޓް؛
(2) މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އާމްދަނީއަކަށްނުވާ އިންޓްރެސްޓް (ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ޖުމްލަ -/5,000 (ފަސް ހާސް) ރުފިޔާއާ ހަމައަށް).
(ކ) ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ދިވެހިރާއްޖޭގައި އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާ ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކުމަށް ލިސްޓުކޮށްފައިވާ ނުވަތަ އެކަމަށް ހުއްދަ ލިބިފައިވާ ޑެޓް ސެކިއުރިޓީއަކާ ނުވަތަ އެފަދަ އެހެން ޕްރޮޑަކްޓަކާ ގުޅިގެން ލިބޭ އިންޓްރެސްޓް ނުވަތަ ފައިދާ؛
(އ) ބޭރު ޤައުމެއް ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކާއެކު ދިވެހިރާއްޖެއިން ވެފައިވާ މުޢާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ޓެކްސް ނެގުމުން އިސްތިސްނާކޮށްފައިވާ އާމްދަނީ؛
(ވ) އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމަ، ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރުން ވަޒީފާ ދީފައިވާ މީހަކަށް އެ ސަރުކާރުން ދޭ އުޖޫރަ:
(1) އެ މީހަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ނުވުން ނުވަތަ އެ މީހަކު ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވަނީ ހަމައެކަނި އެ ވަޒީފާގެ ބޭނުމަށް ކަމަށްވުން؛ އަދި
(2) އޭނާއަށް އުޖޫރަ ދެނީ އެ ޤައުމުގެ ނުވަތަ އެ ސަރަޙައްދުގެ ސަރުކާރުން ކަމަށްވުން؛ އަދި
(3) އެ އުޖޫރައިން އެ ޤައުމުގައި ނުވަތަ އެ ސަރަޙައްދުގައި ޓެކްސް ދައްކަންޖެހުން.
(މ) އެހެން ޤައުމެއްގެ ސަރުކާރަކާއެކު ނުވަތަ ކޮމިޝަނަރ ޖެނެރަލް ހުއްދަކުރާ ބައިނަލްއަޤްވާމީ އިދާރާއަކާއެކު ދައުލަތުގެ އޮފީހަކުން ހަދާ ފަންނީ އެހީ ދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ މީހަކަށް ނުވަތަ ހަމައެކަނި އެ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބޭނުމަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ލިބޭ އުޖޫރަ؛
(ފ) ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ނުވަތަ ޗާޓަރުކުރާ ނުވަތަ ކުއްޔަށް ދޭ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ދިވެހިރާއްޖެއިން ނުވަތަ ދިވެހިރާއްޖެއަށް ފަސިންޖަރުން ނުވަތަ ލައިވްސްޓޮކް ނުވަތަ ސިޓީ ނުވަތަ ޕާރުސަލް ނުވަތަ މަރޗެންޑައިޒް ނުވަތަ މުދާ ފަދަ ތަކެތި އުފުލައިދީގެން، ނުވަތަ ދިވެހިރާއްޖޭގައި ބޭނުންކުރާ މަތިންދާބޯޓު ނުވަތަ ކަނޑުބޯޓު ނުވަތަ މަތިންދާބޯޓެއްގެ އެއަރވަރދިނަސްއަށް ނުވަތަ ކަނޑުބޯޓެއްގެ ސީވަރދިނަސްއަށް ކޮންމެހެން ބޭނުންވާ އިކުއިޕްމަންޓް ކުއްޔަށްދީގެން ލިބޭ އާމްދަނީ (އެ ފަރާތުން ވަޒަންވެރިވެފައިވާ ޤައުމުން ނުވަތަ ސަރަޙައްދުން، ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ނުވަތަ ޗާޓަރުކުރާ ނުވަތަ ކުއްޔަށް ދޭ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް، އާމްދަނީން ނަގާ ޓެކުހުން ނުވަތަ އެނޫންވެސް އެފަދަ ޓެކުހަކުން ހަމަ އެ ޙާލަތުގައި އިސްތިސްނާއެއް ދޭނަމަ ނުވަތަ އެ އާމްދަނީން އެ ޤައުމުގައި ނުވަތަ ސަރަޙައްދުގައި ޓެކްސް ދައްކަންނުޖެހޭ ކަމަށް ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނަމަ)؛
(ދ) ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ލިބޭ އަސާސީ ޕެންޝަނާއި، ރިޓަޔަރމަންޓް ޕެންޝަން އަދި އެނުއިޓީގެ ގޮތުގައި ލިބޭ ފައިސާ؛
(ތ) "ކީ ޕަރސަން އިންޝުއަރެންސް" ފިޔަވައި، ލައިފް އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ ފައިސާ؛
(ލ) ތަޢުލީމާގުޅޭ އެހީއާއި ސްކޮލަރޝިޕް (އެ އެހީ ނުވަތަ ސްކޮލަރޝިޕް ލިބުނީ އެ މީހާ ކިޔެވުމަށް މަގުފަހިކުރުމަށް ނުވަތަ އެހީތެރިވުމަށް ކަމަށް ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނަމަ، ނުވަތަ ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ތަޢުލީމު ދޭ ނުވަތަ ރިސަރޗްކުރާ މަރުކަޒެއްގައި ތަޢުލީމު ޙާޞިލުކުރުމަށް ނުވަތަ ރިސަރޗްކުރުމަށް ކަމަށްވާނަމަ)؛
(ގ)
(1) ފަރުދަކަށް ލިބޭ ހަދިޔާ (ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ޖުމްލަ -/40,000 (ސާޅީސް ހާސް) ރުފިޔާއާ ހަމައަށް)؛ ނުވަތަ
(2) އަންނަނިވި ގޮތުގެމަތިން ފަރުދަކަށް ލިބޭ ހަދިޔާގެ ކޮންމެ މިންވަރެއް:
ii. އެއީ އޭނާގެ ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކަށްވުން؛ ނުވަތަ
iii. އެއީ ދައުލަތުން، ނުވަތަ ކޮމިޝަނަރ ޖެނެރަލް ހުއްދަކުރާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކުން ލިބުނު އެއްޗަކަށްވުން.
(3) މި އަކުރުގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ހަދިޔާއަކީ ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗެއްކަމަށް ބަލާނީ އެ އެއްޗެއް ކައިވެނީގެ މުނާސަބަތުގައި ކައިވެނިކުރާ ދެ މީހުންކުރެ މީހަކަށް ލިބުނީ ކައިވެނިކުރާ ދުވަހުގެ ކުރިން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ ކައިވެނިކުރާ ދުވަހު، ނުވަތަ ކައިވެނިކުރާ ދުވަހުގެ ފަހުން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމަށްވާނަމައެވެ.
(ޏ) ހިބަ، ނުވަތަ ވާރުތައިގެ ގޮތުގައި ނުވަތަ ވަޞިއްޔަތަކުން ލިބޭ ފައިސާ؛
(ސ) ޒަކާތުގެ ގޮތުގައި ދައުލަތުގެ އިދާރާއެއް މެދުވެރިކޮށް ލިބޭ ފައިސާ ނުވަތަ މުދާ؛
(ޑ) ކައިވެނީގެ ރަނާއި ނަފަޤާގެ ފައިސާއާއި ޙަޟާނަތުގެ ފައިސާ؛
(ޒ)
(1) މީހެއްގެ ދިރިއުޅުން މައިގަނޑު ގޮތެއްގައި ޤާއިމުވެފައިވާ އަދި އޭނާގެ މިލްކުގައިވާ ހަމައެކަނި ތަން ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީ؛
(2) މި އަކުރުގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މީހެއްގެ ދިރިއުޅުން މައިގަނޑު ގޮތެއްގައި ޤާއިމުވެފައިވާ ތަން ކަމަށް ބުނެފައި އެވަނީ، އެ މީހާއަށް އެ ތަނެއްގެ މިލްކުވެރިކަން ލިބުނު ތާރީޚުން ފެށިގެން ނުވަތަ އެ ތާރީޚުގެ ފަހުން އަންނަ ތާރީޚަކުން ފެށިގެން، އެ ތަނެއްގައި އެ މީހަކު މެދުނުކެނޑި ދިރިއުޅޭތާ 2 (ދޭއް) އަހަރަށްވުރެ ކުރުނޫން މުއްދަތެއް ފާއިތުވެފައިވާ ކޮންމެ ތަނަކަށެވެ.
(3) މި އަކުރުގެ (2) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ސަބަބުތަކުންކުރެ ސަބަބަކާހުރެ އޭނާ އެ ތަނުގައި ދިރިއުޅުން ވަގުތީގޮތުން މެދުކެނޑުނު ނަމަވެސް، އެ ގޮތުން މެދުކެނޑޭ މުއްދަތުގައި އެ ތަން ކުއްޔަށްދީގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ ތަނުން އާމްދަނީއެއް ހޯދާފައިނުވާނަމަ، އޭނާ އެ ތަނުގައި މެދުނުކެނޑި ދިރިއުޅެމުން ގޮސްފައިވާ ކަމަށް ބަލަންވާނެއެވެ.
i. އޭނާ އާދަވެގެން ދިރިއުޅޭ ތަން، އަލުން ޢިމާރާތްކުރުމަށް ނުވަތަ މަރާމާތުކުރުމަށްޓަކައި އޭނާގެ ދިރިއުޅުން އެހެން ތަނަކަށް ބަދަލުކޮށްފައިވީ ނަމަވެސް، އަދި އެ ތަން ޢިމާރާތްކޮށް ނިމުމުން ނުވަތަ މަރާމާތުކޮށް ނިމުމުން، ދިރިއުޅުން އެ ތަނަށް ބަދަލުކޮށްފައިވުން؛
ii. އޭނާ އަދާކުރާ ވަޒީފާގެ ސަބަބުން އެހެން ތަނެއްގައި ދިރިއުޅެން އޭނާއަށް މަޖުބޫރުވެފައިވުން؛
iii. އޭނާ އެ ތަނުގައި ދިރިއުޅުން ވަގުތީގޮތުން މެދުކެނޑުނީ ޞިއްޙީ ފަރުވާއެއް ހޯދުމަށް ނުވަތަ ތަޢުލީމު ޙާޞިލުކުރުމަށް އެހެން ތަނެއްގައި ދިގު މުއްދަތަކަށް ހުންނަންޖެހުމުން ކަމަށްވެފައި، އެ މުއްދަތުގައި އޭނާގެ ދިރިއުޅޭ ތަން ހުރީ ހުސްކޮށް ނުވަތަ އެ ތަނުގައި އެ މުއްދަތުގައި ދިރިއުޅުނީ އެ ތަން ބެލެހެއްޓުމުގެ މަޤްޞަދުގައި އޭނާގެ ތިމާގެ މީހެއް ކަމުގައިވުން.
(4) މި އަކުރުގެ (3) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، އެ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، މި މާއްދާގެ ދަށުން އިސްތިސްނާ ލިބޭނީ އޭނާ އެ ތަނުގައި ދިރިއުޅުން ވަގުތީގޮތުން މެދުކެނޑުނު މުއްދަތުގެ ކުރިން އަދި ފަހުންވެސް އެ ތަނަކީ އޭނާ އާދަވެގެން ދިރިއުޅޭ ތަނަށްވުމާއެކު، އޭނާ އެ ތަނުގައި ދިރިއުޅުން ވަގުތީގޮތުން މެދުކެނޑުނު މުއްދަތުގައި މި މާއްދާގައި ބަޔާންކުރާ އިސްތިސްނާއެއް ބޭނުންކޮށްފައި ނުވާނަމައެވެ.
(5) މި އަކުރުގައި ބަޔާންކޮށްފައިވާ ފަދަ ތަނެއްގެ ބައެއް، ދިރިއުޅުން ފިޔަވައި އެހެން ބޭނުމަކަށް ބޭނުންކުރާނަމަ އެ ބަޔަކީ ދިރިއުޅުން މައިގަނޑު ގޮތެއްގައި ޤާއިމުވެފައިވާ ތަނުގެ މާނައިގައި ހިމެނޭ ބައެއް ނޫނެވެ.
(6) މި އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދިރިއުޅުން ފިޔަވައި އެހެން ބޭނުމަކަށް ބޭނުންކުރުމުގެ މާނައިގެ ތެރޭގައި، ދިރިއުޅޭ ތަނުގައި އެހެން ކަމަކަށް ބޭނުންކުރުމަށް ޚާއްޞަކުރެވިފައިވާ ތަނެއް ނެތި، އެހެން ކަމަކަށް އެ ތަނުގެ ބައެއް ބޭނުންކުރުމެއް ނުހިމެނެއެވެ
(7) މި އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް ތަޞައްރުފުކޮށްގެން ލިބޭ ފައިދާއިން އިސްތިސްނާވާ ޢަދަދު ހިސާބުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
i. ތަޞައްރުފުކުރި ތަނަކީ ވަކި ބައިބަޔަށް ބަހައިލެވޭ ޔުނިޓުތަކަކަށްވެފައި، އަދި އެއިން ކޮންމެ ޔުނިޓެއް އެއީ ވަކިވަކިން ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ވިޔަސް ބޭނުންކުރެވޭފަދަ ޔުނިޓެއްނަމަ، ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން؛
A/B × C
A = ދިރިއުޅުން މައިގަނޑު ގޮތެއްގައި ޤާއިމުވެފައިވާ ތަނުގެ މާނައިގައި ހިމެނޭ ޔުނިޓުގެ ޢަދަދު
B = ތަޞައްރުފުކުރި ތަނުގައި ހުރި ޖުމްލަ ޔުނިޓުގެ ޢަދަދު
C = ތަޞައްރުފުކޮށްގެން ލިބުނު ޖުމްލަ ފައިދާ
ii. ތަޞައްރުފުކުރި ތަނަކީ މި ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ބަހައިނުލެވޭ ތަނެއްނަމަ، އެކަށީގެންވާ އަދުލުވެރި އަސާސެއްގެ މައްޗަށް ބިނާކޮށް؛
iii. ތަޞައްރުފުކުރި ތަނަކީ މި ނަންބަރުގެ (i) ވަނަ ނަންބަރު އަދި (ii) ވަނަ ނަންބަރުގައިވާ ގޮތުގެމަތިންވެސް ބަހައިނުލެވޭ ތަނެއްނަމަ، އެ ތަނުގެ ފްލޯ އޭރިޔާގެ ނިސްބަތަށް ބިނާކޮށް.
(8) ތަޞައްރުފުކުރި ތަން ޢިމާރާތްކޮށްފައިވަނީ، އެ ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމެއްގައިނަމަ، ތަޞައްރުފުކުރި އަގުގެ ތެރޭގައި އެ ބިމުގެ އަގުވެސް ހިމެނޭނެއެވެ.
(9) މި އަކުރުގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް ޢިމާރާތްކޮށްފައި ހުރި ބިމުގެ ބައެއް، އެ ޢިމާރާތް ނުހިމެނޭ ގޮތުން ތަޞައްރުފުކޮށްފައިވާނަމަ، އެގޮތުން ތަޞައްރުފުކުރާ ބަޔަށް މި މާއްދާގައި ބަޔާންކުރާ އިސްތިސްނާ ރައްދެއްނުވާނެއެވެ.
(10)
i. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ތަނަކީ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ މީހުން މިލްކުވެރިކަން ޙިއްޞާކުރާ ތަނެއްނަމަ، އެ ތަނުގެ މިލްކުވެރިކަން ނިސްބަތްވާ ވަކިވަކި މީހުންނަށް މި މާއްދާގައި ބަޔާންކުރާ އިސްތިސްނާ ލިބޭނީ މި މާއްދާގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް އެ މީހެއްގެ ޝަރުޠުތައް ފުރިހަމަވާނަމައެވެ.
ii. މި ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތުގައި އިސްތިސްނާ ނުލިބޭ މީހެއް ހުރިނަމަ، އެ ތަން ތަޞައްރުފުކޮށްގެން ލިބުނު އާމްދަނީން އެ މީހަކަށް ނިސްބަތްވާ ބަޔަށް އެ އިސްތިސްނާއެއް ނުލިބޭނެއެވެ.
(ޓ) ޤާނޫނެއްގެ ދަށުން ނަގާ ޓެކްސް؛
(ޔ) ޤާނޫނު ނަންބަރު 2/2014 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން ލިބޭ އެހީ އަދި ދައުލަތުން ދޭ އެހެނިހެން އެހީގެ ގޮތުގައި ފަރުދުންނަށް ލިބޭ ފައިސާ؛
(ޕ) ޤާނޫނު ނަންބަރު 15/2011 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ "އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ސްކީމް" ގެ ދަށުން ހަމަޖައްސައިދޭ ފައިސާ؛
(ޖ) އަންނަނިވި ގޮތުގެމަތިން އުޖޫރައިގެ ގޮތުގައި ލިބޭ ފައިސާ ނޫން އެހެން ޢިނާޔަތާއި މަންފާ:
(1) ޤާނޫނު ނަންބަރު 11/2009 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢިނާޔަތްތަކާއި، ޤާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 1-27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢިނާޔަތްތައް، އަދި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 1-13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢިނާޔަތްތައް؛
(2) ދައުލަތުން، ސަލާމަތީ ޚިދުމަތެއް މެދުވެރިކޮށް، އެއްވެސް ފަރާތަކަށް ފޯރުކޮށްދޭ ޙިމާޔަތާއި ރައްކާތެރިކަން؛
(3) މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ދިމާވާ ހާދިސާއަކާ ގުޅިގެން އުޖޫރަ ލިބޭ މީހެއްގެ ޞިއްޙަތަށް ލިބޭ ގެއްލުމަކަށް އުޖޫރަ ދޭ ފަރާތުން ކޮށްދޭ ބޭސްފަރުވާ؛
(4) ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ވަރކް ވިޒާ ހެއްދުމުގެ ނުވަތަ އާކުރުމުގެ ބޭނުމަށް ހަދާ މެޑިކަލް ޗެކްއަޕް؛
(5) އެ މީހާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ އުޖޫރަ ދޭ ފަރާތުން ފޯރުވައިދީފައިވާ ތަނެއްގައި، އުޖޫރަ ދޭ ފަރާތުން މުވައްޒަފުންނަށް ހަމަހަމަކަމާއެކު ފޯރުވައިދޭ ތިރީގައި ބަޔާންކޮށްފައިވާ ޢިނާޔަތާއި މަންފާ؛
i. ކެއިންބުއިން؛
ii. މުނިފޫހިފިލުވުމާއި ކުޅިވަރު.
(6) އެ މީހާ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ ތަން ފިޔަވައި އެހެން ތަނެއްގައި ނަމަވެސް، ޢާންމު އުސޫލުން ނޫން ގޮތަކަށް ވަކި ޚާއްޞަ ކަމަކާ ގުޅިގެން މުވައްޒަފުންނަށް ހަމަހަމަކަމާއެކު ފޯރުވައިދޭ ކެއިންބުއިން؛
(7) އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އެ މީހާ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ހަމައެކަނި މުވައްޒަފުން ބޭތިއްބުމަށް ޚާއްޞަކުރެވިގެން އަދި މުވައްޒަފުން ފިޔަވައި، އެހެން މީހަކަށް އެ ތަނުގައި ދިރިއުޅުމުގެ ޙައްޤު ނެތް އަދި މުވައްޒަފުން ފިޔަވައި އެހެން މީހަކަށް ދިރިނޫޅެވޭ ގޮތަށް އުޖޫރަ ދޭ ފަރާތުން ފޯރުވައިދޭ ދިރިއުޅޭނެ ތަން؛
(8) ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުގެ މުވައްޒަފުންނަށް އެ ސަލާމަތީ ޚިދުމަތުގެ މަރުކަޒެއްގައި ނުވަތަ އޮފީހެއްގައި ނުވަތަ ޕޯސްޓެއްގައި ފޯރުވައިދޭ ދިރިއުޅޭނެ ތަން؛
(9) ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއިން ބޭރުގައި ހުރި ތަނެއްގައި ވަޒީފާ އަދާކުރާ މީހަކަށް ދައުލަތުން ފޯރުކޮށްދޭ ދިރިއުޅޭނެ ތަން؛
(10) އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރަނީ މީހުން ދިރިއުޅޭ ރަށެއް ފިޔަވައި އެ ނޫން ތަނެއްގައިނަމަ، އަދި އޭނާ ދިރިއުޅެނީ އެ ތަނުގައި ނޫންނަމަ، ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރާ ތަނަށް ގޮސް އައިސްވުމަށް އުޖޫރަ ދޭ ފަރާތުން ފޯރުކޮށްދޭ ދަތުރުފަތުރު؛
(11) އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރާ ތަން ފިޔަވައި އެހެން ތަނަކަށް، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށްޓަކައި 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ދިއުމަށް އުޖޫރަ ދޭ ފަރާތުން ފޯރުވައިދޭ ދަތުރުފަތުރާއި ކެއުމާއި ހުރުން؛
(12) މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ތަފާތުކުރުމެއް ނެތި މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް އަދި އެ ކަމަށް ހިނގާ ޚަރަދު ވަކިވަކި މުވައްޒަފުންނަށް ކަނޑައެޅިގެން އެލޮކޭޓް ނުކުރެވޭ، އުޖޫރަ ދޭ ފަރާތުން ދިވެހިރާއްޖޭގައި ހިންގާ ރެކްރިއޭޝަނަލް ޙަރަކާތްތައް؛
(13) އަންނަނިވި ޝަރުޠުތައް ފުރިހަމަވާ، އިންޓްރެސްޓަކާ ނުލައި ނުވަތަ އޯޑިނަރީ އޯޕަން މާކެޓް އިންޓްރެސްޓް ރޭޓަށްވުރެ ކުޑަ ރޭޓެއްގައި، އުޖޫރަ ދޭ ފަރާތުން ދޭ ލޯނުގެ އިންޓްރެސްޓް ނުވަތަ އެޑްވާންސްގެ އިންޓްރެސްޓް (އެއް ވަގުތެއްގައި 1 (އެކެއް) ލޯނު ނުވަތަ އެޑްވާންސްއަށްވުރެ ގިނަ ނުވާގޮތަށް)؛
i. އަނބުރާ ދައްކަންޖެހޭ މުއްދަތު 12 (ބާރަ) މަސްދުވަހަށްވުރެ އިތުރުނުވުން؛ އަދި
ii. ލޯނު ނުވަތަ އެޑްވާންސްގެ މިންވަރު -/50,000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ އިތުރުނުވުން.
(14) އުޖޫރަ ދޭ ފަރާތަކުން ފޯރުކޮށްދޭ، އުޖޫރަ ލިބޭ ފަރާތުން ކުރާ މަސައްކަތުގައި ލާންޖެހޭ އަންނައުނު، އެ އަންނައުނަކީ މަސައްކަތުގައި ބޭނުންކުރުމަށް ޚާއްޞަ އަދި މަސައްކަތުގެ މާހައުލުން ބޭރުގައި ޢާންމުކޮށް ލުމަށް އެކަށީގެންނުވާ އަންނައުނެއްނަމަ؛
(15) އުޖޫރަ ދޭ ފަރާތުން ދޭ އެވޯޑް، އަހަރަކަށް ދެވޭ ޖުމްލަ ޢަދަދު -/5,000 (ފަސް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ؛
(16) ފައިސާއިން ނޫން ގޮތަކަށް އުޖޫރަ ދޭ ފަރާތުން ދޭ ޢިނާޔަތާއި މަންފާ، (މަހަކަށް ދެވޭ ޖުމްލަ ޢަދަދު -/1,000 (އެއް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ)؛
(17) ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ދޭންޖެހޭ މެޑިކަލް އިންޝުއަރެންސް.
(ޗ) ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން އުޖޫރަ ލިބޭ ފަރާތަށް އުޖޫރަ ދޭ ފަރާތުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކާ ފައިސާ؛
(ހހ) ދިވެހިރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓުންނަށް، އެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން ލިބޭ ޢިނާޔަތް.
12-1. ޓެކްސް ދެއްކުމުން ދެވޭ ޚާއްޞަ އިސްތިސްނާ
(ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ވަކި ވިޔަފާރި މަޝްރޫޢުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާކުރެވޭ މަޝްރޫޢުތަކާއި ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އިސްތިސްނާ ދިނުމަށް ކަނޑައެޅޭ މަޝްރޫޢުތައް ނުވަތަ ދާއިރާތައް އެ އަކުރުގައިވާ ގޮތުގެމަތިން ކަނޑައެޅުމަށްފަހު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން މަޝްރޫޢަކަށް އިސްތިސްނާއެއް ދެވޭނީ، އެ މަޝްރޫޢަކަށް މި މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށެވެ.
(ބ) މި މާއްދާގެ ދަށުން އިސްތިސްނާ ދިނުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
(1) އެ އިސްތިސްނާއެއް ދިނުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު؛
(2) އެ އިސްތިސްނާއެއް ދިނުމުން، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ކުރާނެ ފައިދާ އަދި ގެއްލުން؛
(3) އިސްތިސްނާ ދިނުމުން ޙާޞިލުވުމަށް ބޭނުންވާ މަޤްޞަދު ޙާޞިލުވާނެ މިންވަރު.
(ޅ) މި މާއްދާގެ ދަށުން އިސްތިސްނާ ހޯދުމަށް އެދި އެ މަޝްރޫޢެއް ނުވަތަ އެ ދާއިރާއެއްގެ ބެލެނިވެރި ވުޒާރާއަކުން ހުށަހަޅާނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ މިނިސްޓްރީއަށެވެ.
(ކ) މި ޤާނޫނުގެ ދަށުން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމުގައި، އެ އިސްތިސްނާއެއް ހޯދުމަށާއި އެ އިސްތިސްނާއެއް ދެމިއޮތުމަށް ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ނުވަތަ ކަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކެއް، މި ޤާނޫނުގެ ދަށުން ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައެޅިދާނެއެވެ.
(އ) މި މާއްދާގެ ދަށުން އިސްތިސްނާކުރާ ފަރާތަކީ ވިޔަފާރިއެއްނަމަ، އިސްތިސްނާ ދިނުމަށް ކަނޑައަޅާ މަޝްރޫޢަށް ޚާއްޞަކޮށްގެން، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން، ވަކި ޤާނޫނީ ޝަޚްޞެއް ރަޖިސްޓަރީކުރަންވާނެއެވެ.
(ވ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާކޮށްފައިވާ ފަރާތެއް، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މީރާއިން އޮޑިޓްކުރަންވާނެއެވެ. އެގޮތުން، މީރާއިން ކުރާ އޮޑިޓެއްގައި ފާހަގަކުރެވޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓަރަށާއި އިސްތިސްނާ ލިބިފައިވާ ފަރާތަށް ފޮނުވަންވާނެއެވެ.
(މ) މި މާއްދާގެ ދަށުން އިސްތިސްނާކޮށްދޭ ފަރާތްތަކާއި އެ ފަރާތްތަކަށް އިސްތިސްނާ ދީފައިވާ މުއްދަތާއި އިސްތިސްނާ ދިން ސަބަބު ހިމެނޭ ލިސްޓެއް، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިސްޓުގައި ނުހިމެނޭ އިތުރު ފަރާތަކަށް އިސްތިސްނާ ދީފިނަމަ، އެ އިސްތިސްނާއަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ވިޔަފާރި ޙަރަކާތް އެ ލިސްޓަށް އިތުރުކޮށް، އެފަދައިން އިޞްލާޙުކުރެވޭ އާ ލިސްޓެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ދ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، މި މާއްދާގެ (ހ) ގެ ދަށުން ދީފައިވާ އިސްތިސްނާ ބާޠިލުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(1) މި މާއްދާގެ ދަށުން އިސްތިސްނާއަށް އެދި ހުށަހެޅުމުގައި ދީފައިވާ މަޢުލޫމާތުގައި ޞައްޙަ ނޫން މަޢުލޫމާތު ހިމަނާފައިވުން؛ ނުވަތަ
(2) މި މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ މަޝްރޫޢު ހުއްޓާލުން ނުވަތަ އެ މަޝްރޫޢުގެ ނަމުގައި އިތުރު ވިޔަފާރިއެއް ހިންގަން ފެށުން؛ ނުވަތަ
(3) މި މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ވިޔަފާރީގެ މައްޗަށް ޝަރުޢީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވުން؛ ނުވަތަ
(4) އިސްތިސްނާ ދިން މަޤްޞަދު ޙާޞިލުވުން ނުވަތަ އެކަށީގެންވާ ހެއްކާއެކު އެއްވެސް ސަބަބަކާހުރެ އިސްތިސްނާ ދިން މަޤްޞަދު ޙާޞިލުނުވާނެކަމަށް ބެލެވުން؛ ނުވަތަ
(5) އިސްތިސްނާ ދެމިއޮތުމުން ދައުލަތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ގެއްލޭ ޓެކްސް ފިޔަވައި މާލީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ގެއްލުމެއް ލިބުން، ނުވަތަ ގެއްލުމެއް ލިބޭނެކަމަށް އެކަށީގެންވާ ހެއްކާއެކު ބެލެވުން.
(ތ) މި މާއްދާގެ (ދ) ގެ ދަށުން އިސްތިސްނާ ބާޠިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމައިފިނަމަ، އެ ނިންމުމަށް ޢަމަލުކުރަން ފަށާނީ، އެ އިސްތިސްނާ ބާޠިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާ ތާރީޚުން ފެށިގެންނެވެ.
(ލ) މި މާއްދާގެ ދަށުން ވިޔަފާރި މަޝްރޫޢުތައް އިސްތިސްނާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ގ) މި މާއްދާގެ (ލ) ގެ ދަށުން އެކުލަވާލާ ގަވާއިދުގައި، އިސްތިސްނާ ދިނުމަށް ކަނޑައަޅާ މަޝްރޫޢުތައް ނުވަތަ ދާއިރާތަކަކީ، ކޮބައިކަން ކަނޑައަޅާފައި އޮންނަންވާނެއެވެ.
13. އެކައުންޓިންގ ބޭސިސް
(ހ) މި ޤާނޫނުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދު ލާޒިމުކުރާނަމަ، މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ފިޔަވައި، އެ ފަރާތަކުން މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހިސާބުކުރުމުގައި "އެކްރޫއަލް ބޭސިސް" އަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުން ހުއްދަކުރާ ފަރާތްތަކަށް، "ކޭޝް ބޭސިސް" އަށް މާލީ ހިސާބުތައް ތައްޔާރުކުރެވިދާނެއެވެ.
(ރ) ޓެކްސް ދައްކާ ފަރާތުން ހިސާބުތައް ތައްޔާރުކުރުމަށް މި މާއްދާގެ (ނ) ގެ ދަށުން ކޭޝް ބޭސިސް އިޚްތިޔާރުކުރި ނަމަވެސް، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ކެޕިޓަލް ޚަރަދަކާ ގުޅިގެން ޢަމަލުކުރަންވާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ބ) މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރުމުގެ މިންގަނޑުތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން އެކްރޫއަލް ބޭސިސްއަށް މާލީ ހިސާބުތައް ތައްޔާރުކުރާ ފަރާތަކުން، އަންނަނިވި ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
(1) ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ މުއްދަތު ނިމުނުއިރު ރެވެނިއު އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ލިބޭ އަންރިއަލައިޒްޑް ގެއިން (އޭގެ ތެރޭގައި އަންރިއަލައިޒްޑް ފޮރިން އެކްސްޗޭންޖް ގެއިންވެސް ހިމެނޭ ގޮތުން) ހިމަނަންވާނެއެވެ.
(2) ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ މުއްދަތު ނިމުނުއިރު ކެޕިޓަލް އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ލިބޭ އަންރިއަލައިޒްޑް ގެއިން (އޭގެ ތެރޭގައި އަންރިއަލައިޒްޑް ފޮރިން އެކްސްޗޭންޖް ގެއިންވެސް ހިމެނޭ ގޮތުން) ހިމަނައިގެން ނުވާނެއެވެ.
(3) ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ މުއްދަތު ނިމުނުއިރު ރެވެނިއު އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ލިބޭ އަންރިއަލައިޒްޑް ލޮސް (އޭގެ ތެރޭގައި އަންރިއަލައިޒްޑް ފޮރިން އެކްސްޗޭންޖް ލޮސްވެސް ހިމެނޭ ގޮތުން)، މި ޤާނޫނުގެ 17 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވިދާނެއެވެ.
(4) ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ މުއްދަތު ނިމުނުއިރު ކެޕިޓަލް އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ލިބޭ އަންރިއަލައިޒްޑް ލޮސް (އޭގެ ތެރޭގައި އަންރިއަލައިޒްޑް ފޮރިން އެކްސްޗޭންޖް ލޮސްވެސް ހިމެނޭ ގޮތުން) އުންޏެއް ނުކުރެވޭނެއެވެ.
(ޅ) ރެވެނިއު އެކައުންޓާއި ކެޕިޓަލް އެކައުންޓުގައި ހުރި މުދަލާއި ދަރަނި ކަނޑައެޅުމާއި، ހެޖިންގ އަދި އެނޫންވެސް މުޢާމަލާތްތަކަށް މި މާއްދާ ހިނގާނެ ގޮތް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ބޭންކަކުން ދޫކުރާ ދަރަންޏަކަށް ލިބޭ އިންޓްރެސްޓް އެއީ އާމްދަނީއެއްގެ ގޮތުގައި ނުބަލާނީ، އެ ދަރަނީގެ ޕްރިންސިޕަލް ނުވަތަ އިންޓްރެސްޓްގެ އެއްވެސް ޢަދަދެއް އަނބުރާ ނުލިބޭނެކަމަށް އަންދާޒާކުރާ ޙާލަތުގައި، އަދި އެ ޢަދަދު ހިސާބުކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވާނަމައެވެ. މިގޮތުން، އާމްދަނީގެ ގޮތުގައި ނުބަލާ ޢަދަދު އިންޓްރެސްޓް އިންކަމް އޮން ސަސްޕެންސް އެކައުންޓްގައި ހިމަނަންވާނެއެވެ. އަދި އެ ޢަދަދުން ޓެކްސް ނަގާނީ އެކައުންޓިންގ އުސޫލުތަކާ އެއްގޮތަށް އެ ޢަދަދު އާމްދަނީގެ ގޮތުގައި ހިމަނާ ހިސާބުކުރާ މުއްދަތު ނުވަތަ އެ ޢަދަދު ލިބޭ ހިސާބުކުރާ މުއްދަތުގެ ތެރެއިން ކުރިން އަންނަ ހިސާބުކުރާ މުއްދަތުގައެވެ.
(އ) މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރުމުގެ މިންގަނޑުތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.
14. އަނބުރާ ނުލިބޭނެ ކަމަށް ބަލާފައިވާ ދަރަނި ލިބުން
އަނބުރާ ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި މި ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުނިކޮށްފައިވާ ދަރަންޏެއް ނުވަތަ ދަރަންޏެއްގެ ބައެއް އަނބުރާ ލިބިއްޖެނަމަ، އެ ޢަދަދު ލިބުނު ހިސާބުކުރާ މުއްދަތުގެ އެ ފަރާތުގެ ޖުމްލަ އާމްދަނީގެ ތެރޭގައި އެ ޢަދަދު ހިމަނަންވާނެއެވެ.
15. އުނިކޮށްފައިވާ ޚަރަދެއް އަނބުރާ ލިބުން
އެއްވެސް ފަރާތަކުން ކޮށްފައިވާ ޚަރަދެއް، އެއްވެސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި އެ ފަރާތުގެ އާމްދަނީން އުނިކޮށްފައިވަނިކޮށް އެއްވެސް ގޮތަކުން އެ ޢަދަދު ނުވަތަ އެއިން ބައެއް އެ ފަރާތަށް އަނބުރާ ލިބިއްޖެނަމަ ނުވަތަ ލިބޭނެ ކަމަށް ކަނޑައެޅިއްޖެނަމަ، އެ ޢަދަދު ލިބުނު ނުވަތަ ލިބޭނެ ކަމަށް ކަނޑައެޅުނު ހިސާބުކުރާ މުއްދަތުގެ އެ ފަރާތުގެ ޖުމްލަ އާމްދަނީގެ ތެރޭގައި އެ ޢަދަދު ހިމަނަންވާނެއެވެ.
16. ޚަރަދުތައް އުނިކުރުން
(ހ) އެއްވެސް ޚަރަދެއް އުނިކުރެވޭނެ ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާނަމަ، ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ފަރާތެއްގެ ޖުމްލަ އާމްދަނީން އެ ޚަރަދެއް އުނިކުރެވިދާނެއެވެ.
(ށ) މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެއްވެސް ޚަރަދެއް އުނިކުރެވޭނެ ކަމަށް މި ޤާނޫނުގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިވާނަމަ، އެ އިޝާރާތްކުރަނީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރުމަށް މި މާއްދާގެ (ހ) އިން ހުއްދަކުރާ، މި ބާބުގައި ބަޔާންކޮށްފައިވާ ޚަރަދަކަށެވެ.
17. ޢާންމު އުސޫލު
(ހ) ޓެކްސް ދައްކާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެއްވެސް ޚަރަދެއް އުނިކުރެވޭނީ، އެއީ އެ މުއްދަތުގައި ހިނގާފައިވާ އެ ފަރާތުގެ ޚަރަދަކަށްވެފައި، އެ ޚަރަދު އެކުގައިވެސް ހިނގާފައިވަނީ އެ ފަރާތުގެ ޖުމްލަ އާމްދަނީ އެކަނި ހޯދުމަށް ކަމަށްވާނަމައެވެ.
(ށ) ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ޚަރަދެއް ހިނގާފައިވަނީ ޖުމްލަ އާމްދަނީ ހޯދުމަށް އެކަނި ކަމަށް ނުވާނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި މާއްދާގެ (ހ) ގެ ދަށުން އެ ޚަރަދު އުނިކުރެވޭނީ އެ ފަރާތެއްގެ ޖުމްލަ އާމްދަނީ ހޯދުމަށް އެ ޚަރަދު ހިނގި ނިސްބަތުންނެވެ.
(ނ) ޚަރަދެއްގެ ތެރެއިން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖުމްލަ އާމްދަނީ ހޯދުމަށް ހިނގާފައިވާ ޚަރަދުގެ ނިސްބަތް ބަލާނެ ގޮތް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ރ) މި މާއްދާއަށް ޢަމަލުކުރަންވާނީ މި ޤާނޫނުގެ 32 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެމަތިންނެވެ.
18. ޒަކާތް
މި ޤާނޫނުގެ 17 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މުދަލު ޒަކާތުގެ ގޮތުގައި ދައުލަތުގެ ކަމާބެހޭ އޮފީހަކަށް ދައްކާ ފައިސާ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ފައިސާ ދައްކާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.
19. ޕެންޝަނަށް ދައްކާ ފައިސާ
މި ޤާނޫނުގެ 17 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް އެ ފަރާތަކުން ދައްކާ ފައިސާ، އެ ފައިސާ ދައްކާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.
20. ވެލްފެއަރ ޚަރަދު
ވިޔަފާރި އާމްދަނީ ލިބޭ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މުވައްޒަފުންގެ ވެލްފެއަރ ޚަރަދުގެ ގޮތުގައި ޢަދަދެއް އުނިކުރެވޭނީ އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާނަމައެވެ.
(ހ) ޞިއްޙީ ޙާލަތަކާ ގުޅިގެން މަސައްކަތްކުރުމަށް ނުކުޅެދިފައިވާ މުވައްޒަފަކަށް ކުރާ ޚަރަދަކަށްވުން؛ ނުވަތަ
(ށ) މަރުވެފައިވާ މުވައްޒަފެއްގެ ދިރިހުރި އަނތްބަކަށް ނުވަތަ ފިރިއަކަށް ނުވަތަ 18 (އަށާރަ) އަހަރުނުވާ ދަރިއަކަށް ކުރާ ޚަރަދަކަށްވުން؛ ނުވަތަ
(ނ) އެ ފަރާތެއްގެ މުވައްޒަފުންގެ ފައިދާއަށް އަމާޒުކޮށްގެން އުފައްދާފައިވާ، އަދި ހުރިހާ މުވައްޒަފުންގެ ޞިއްޙީ ނުވަތަ އެނޫންވެސް ވެލްފެއަރ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވޭ ފަންޑަކަށް ކުރާ ޚަރަދަކަށްވުން؛
(ރ) މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނެތި، މުވައްޒަފުންގެ ޢާންމު މަންފާއެއް ކުރިއެރުވުމަށް ކުރާ ޚަރަދަކަށްވުން.
21. ޑޮނޭޝަން
(ހ) މި ޤާނޫނުގެ 17 ވަނަ މާއްދާއާއި 32 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ދައުލަތުގެ އޮފީހަކަށް ނުވަތަ ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާއަކީ އެ ފައިސާ ދިން ހިސާބުކުރާ މުއްދަތުގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ ޢަދަދެކެވެ.
(ށ) މި މާއްދާގެ ދަށުން އުނިކުރެވޭނެ އެންމެ ބޮޑު ޢަދަދަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑޮނޭޝަންގެ ޢަދަދާއި މި ޤާނޫނުގެ ފަސްވަނަ ބާބުގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އެވެ.
(ނ) މި ޤާނޫނުގެ ދަށުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުސޫލު މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
22. އިންޓްރެސްޓް
(ހ) ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ދައްކާ އިންޓްރެސްޓް ފިޔަވައި، ޖުމްލަ އާމްދަނީ ހޯދުމުގެ ބޭނުމަށް އެއްވެސް ފަރާތަކުން ނަގާފައިވާ ލޯނަކާ ގުޅިގެން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އިންޓްރެސްޓް އުނިކުރެވޭނީ އަހަރަކު %6 (ހައެއް އިންސައްތަ) ގެ ރޭޓަށްވުރެ އިތުރުނުވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާއަށް ޢަމަލުކުރާނީ މި ޤާނޫނުގެ 71 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެމަތިންނެވެ.
23. އަނބުރާ ނުލިބޭ ދަރަންޏާއި އެ ފަދަ ދަރަނީގެ ޕްރޮވިޜަން
(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތަކަށް، އަނބުރާ ނުލިބޭނެ ދަރަނީގެ ގޮތުގައި އެއްވެސް ޢަދަދެއް އުނިކުރެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.
(1) އެ ދަރަންޏަކީ އެ ޢަދަދު އުނިކުރާ ހިސާބުކުރާ މުއްދަތުގެ ނުވަތަ އޭގެ ކުރީގެ ހިސާބުކުރާ މުއްދަތެއްގެ އެ ފަރާތުގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމަނާފައިވާ ޢަދަދަކަށްވުން ނުވަތަ ބޭންކަކުން ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކުން، އެ އިދާރާއިން ޢާންމު ވިޔަފާރީގެ ތެރެއިން ދޫކޮށްފައިވާ ފައިސާއަކަށްވުން؛ އަދި
(2) އެ ޢަދަދު އަނބުރާ ހޯދުމަށް އެޅެންހުރި އެކަށީގެންވާ ފިޔަވަޅުތައް އެ ފަރާތުން އަޅާފައިވުން؛ އަދި
(3) އެ ޢަދަދު އުނިކުރާއިރު، އެއީ އަނބުރާ ނުލިބޭނެ ޢަދަދެއް ކަމަށް އެކަށީގެންވާ ސަބަބުތަކާއެކު އެ ފަރާތަށް ޤަބޫލުކުރެވުން؛ އަދި
(4) އެ ޢަދަދަކީ އަނބުރާ ނުލިބޭނެ ޢަދަދެއްގެ ގޮތުގައި، އެ ޢަދަދު އުނިކުރާ ހިސާބުކުރާ މުއްދަތުގެ މާލީ ހިސާބުތަކުގައި އުނިކޮށްފައިވާ ޢަދަދަކަށްވުން.
(ށ) އަންނަނިވި ޝަރުޠުތަކުންކުރެ ޝަރުޠެއް ފުރިހަމަވާ ދަރަންޏެއްނަމަ، މި މާއްދާގެ ދަށުން އެ ދަރަންޏެއް އުންޏެއް ނުކުރެވޭނެއެވެ.
(1) އެ ދަރަންޏަކާ ގުޅިގެން މުދަލެއް ރަހުނުކޮށްފައިވުން ނުވަތަ ގެރެންޓީއެއް ދީފައިވުން (އެ މުދަލުގެ ނުވަތަ ގެރެންޓީގެ އަގާ ހަމައަށް)؛ ނުވަތަ
(2) އެ ދަރަންޏެއް އަނބުރާ ހޯދުމަށް އެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައި، ހިސާބުކުރާ މުއްދަތު ނިމޭއިރު ކޯޓުން އެ ކަމާމެދު ގޮތެއް ކަނޑައަޅާފައި ނުވުން؛ ނުވަތަ
(3) އެ ދަރަންޏަކީ މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ކޮށްފައިވާ މުޢާމަލާތަކާގުޅޭ ދަރަންޏަކަށްވުން.
24. ހެޑް އޮފީސް ޚަރަދު
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް އާމްދަނީ ހޯދާނަމަ، އެ ފަރާތުން އެ ދާއިމީ މަރުކަޒަށް ކުރާ ހެޑް އޮފީސް ޚަރަދު، އެ ދާއިމީ މަރުކަޒުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން އުނިކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ހެޑް އޮފީސް ޚަރަދުގެ ގޮތުގައި އެއްވެސް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނީ އެ ދާއިމީ މަރުކަޒުން ޢާންމުކޮށް ކުރާ ވިޔަފާރިން އެ މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީގެ ގިނަވެގެން %3 (ތިނެއް އިންސައްތަ) އެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ދާއިމީ މަރުކަޒުން އެ ދާއިމީ މަރުކަޒުގެ ވެރިފަރާތަށް ނުވަތަ އެ ދާއިމީ މަރުކަޒުގެ ވެރިފަރާތުގެ ދިވެހިރާއްޖެއިން ބޭރުގައި ހުރި އެހެން ދާއިމީ މަރުކަޒަކަށް ނުވަތަ ދާއިމީ މަރުކަޒުގެ ވެރިފަރާތާ ގުޅުންހުރި ފަރާތަކަށް ދައްކާ އަންނަނިވި ހެޑް އޮފީސް ޚަރަދުތައް އުންޏެއް ނުކުރެވޭނެއެވެ.
(1) ޕޭޓެންޓެއް ނުވަތަ ޙައްޤަކާ ގުޅިގެން ރޯޔަލްޓީގެ ގޮތުގައި ދައްކާ ފީ ނުވަތަ ފައިސާ؛
(2) ދާއިމީ މަރުކަޒަށް ފޯރުވައިދީފައިވާ ވަކި ޚިދުމަތަކަށް ނުވަތަ ހިންގުމާ ގުޅިގެން ދައްކާ ކަމިޝަން.
(ރ) މި މާއްދާގެ ބޭނުމަށް، ދާއިމީ މަރުކަޒުގެ ހެޑް އޮފީހުގެ ޚަރަދުގެ ތެރޭގައި، ދާއިމީ މަރުކަޒުގެ ވެރިފަރާތާ ގުޅުންހުރި ފަރާތަކަށް ދައްކާ ފައިސާ ނުވަތަ ކުރާ ޚަރަދުތައްވެސް ހިމެނެއެވެ.
25. ކެޕިޓަލް އެލަވަންސް
(ހ) ޓެކްސް ދައްކާ ފަރާތުގެ ޖުމްލަ އާމްދަނީ ހޯދުމުގެ ބޭނުމަށް ހޯދާ މުދަލަކަށް ކެޕިޓަލް ޚަރަދެއް ކޮށްފައިވާނަމަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، އެ މުދަލުގެ ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.
(ށ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.
(1) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުދަލުގެ ބާވަތްތައް؛
(2) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތްތަކުގެ މުދާ ފިޔަވައި އެނޫން މުދާ (ބިން، ގުޑްވިލް އަދި ސާބިތުކޮށް އަގު ކަނޑައެޅެން ނެތް ޣައިރު މާއްދީ މުދާ ހިމެނޭ ގޮތުން)؛
(3) ކެޕިޓަލް އެލަވަންސް ހިސާބުކުރުމުގެ ބޭނުމަށް އެ މުދަލުގެ އަގު ކަނޑައަޅާނެ ގޮތް؛
(4) ވަކި މުދަލެއްގެ ނުވަތަ ވަކި ބާވަތެއްގެ މުދަލުގެ ކެޕިޓަލް އެލަވަންސް ރޭޓު؛
(5) މުދަލެއް ތަޞައްރުފުކުރުމާ ގުޅިގެން އަންނަ ބެލަންސިންގ ޗާޖް ނުވަތަ އުނިކުރެވޭ ބެލަންސިންގ އެލަވަންސް ހިސާބުކުރާނެ ގޮތް؛
(6) މި މާއްދާގެ (ހ) ދަށުން ކެޕިޓަލް އެލަވަންސް އުނިކުރުމުގައި ޢަމަލުކުރަންޖެހޭ އެހެނިހެން ކަންކަން.
(ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން ކެޕިޓަލް އެލަވަންސް ރޭޓް ކަނޑައެޅުމުގައި ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކަކުން ނުވަތަ ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާއަކުން ގެދޮރު ޢިމާރާތްކުރުމަށް ނަގާފައިވާ ލޯނަކުން ހަދާފައިވާ ޢިމާރާތެއްގެ ކެޕިޓަލް އެލަވަންސް ރޭޓް ކަނޑައެޅުމުގައި އެ ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތަށް ރިޢާޔަތްކުރަންވާނެއެވެ. އަދި މިކަމާގުޅޭ އިތުރު އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
26. ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ޚަރަދުތައް
(ހ) ޓެކްސް ދައްކާ ފަރާތުން ޖުމްލަ އާމްދަނީ ހޯދުމަށް، ވިޔަފާރި ފެށުމުގެ ކުރިން ޚަރަދެއް ކޮށްފައިވާނަމަ އެ ޚަރަދަކީ އެ ވިޔަފާރި ފަށާ ދުވަހު ހިނގާފައިވާ ކެޕިޓަލް ޚަރަދެއް ކަމަށް ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޚަރަދު އުނިކުރެވޭނެ މިންވަރާއި އެ މިންވަރު އުނިކުރެވޭނެ ގޮތް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ނ) ވިޔަފާރި ފެށުމުގެ ކުރިން އެ ވިޔަފާރިއާ ގުޅިގެން ޓެކްސް ދައްކާ ފަރާތަށް އާމްދަނީއެއް ލިބިއްޖެނަމަ، އެ ފަރާތުގެ ވިޔަފާރި ފަށާ ހިސާބުކުރާ މުއްދަތުގައި، މި މާއްދާގެ ދަށުން އުނިކުރެވޭ ޚަރަދުތަކުން އެ އާމްދަނީ އަޅައިކަނޑަންވާނެއެވެ. އަދި އެ ޚަރަދުތަކަށްވުރެ އެ އާމްދަނީ އިތުރުވާނަމަ، އެ އިތުރުވާ ޢަދަދަކީ އެ ހިސާބުކުރާ މުއްދަތުގައި ލިބުނު އާމްދަނީއެއް ކަމަށް ބެލެވޭނެއެވެ.
27. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުން އުނިކުރުން
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން މި ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، އެ ގޮތުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ ޢަދަދަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ ޢަދަދެކެވެ.
(ށ) ޓެކްސް ދައްކާ ފަރާތުން މި މާއްދާގެ (ހ) އަށް ޢަމަލުކުރުމަށް އިޚްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.
28. ނުއުފުލޭ މުދަލުގެ ކުއްޔަށް ޚާއްޞަ އުނިކުރުންތައް
(ހ) ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތަކުން މި ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޭޝް ބޭސިސްއަށް މާލީ ހިސާބުތައް ތައްޔާރުކުރާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި އެ ފަރާތަކަށް އެ ޓެކްސް އަހަރުގައި ލިބުނު ޖުމްލަ އާމްދަނީން މި މާއްދާގެ ދަށުން ޢަދަދެއް އުނިކުރުމަށް އިޚްތިޔާރުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ޢަދަދެއް އުނިކުރުމަށް އިޚްތިޔާރުކުރާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ ފަރާތަކަށް ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ހޯދުމަށް ހިނގި ޚަރަދުގެ ގޮތުގައި، ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި އެ ހިސާބުކުރާ މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީގެ %20 (ވިހި އިންސައްތަ) އުނިކުރެވިދާނެއެވެ.
(ނ) ޓެކްސް ދައްކާ ފަރާތުން މި މާއްދާގެ (ހ) އަށް ޢަމަލުކުރުމަށް އިޚްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ނުއުފުލޭ މުދާ ކުއްޔަށް ދީގެން ލިބޭ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.
(ރ) ޓެކްސް ދައްކާ ފަރާތުން މި މާއްދާގެ (ހ) އަށް ޢަމަލުކުރުމަށް އިޚްތިޔާރުކޮށްފިނަމަ، އެ ގޮތް އިޚްތިޔާރުކުރި ހިސާބުކުރާ މުއްދަތުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ހަމަވުމުގެ ކުރިން، ކޮމިޝަނަރ ޖެނެރަލްގެ ހުއްދައާ ނުލައި އެ އިޚްތިޔާރުކުރި ގޮތް ބަދަލެއް ނުކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން އިޚްތިޔާރުކުރާ ގޮތް ބަދަލުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
29. ބެލަންސިންގ އެލަވަންސްއާއި ބެލަންސިންގ ޗާޖް ހިސާބުކުރުން
(ހ) މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ އާމްދަނީން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން ހިސާބުކުރެވޭ، އެ މުދަލުގެ ޓެކްސް ރިޓްންޑައުން ވެލިއު އުނިކުރެވިދާނެއެވެ.
(ށ) މުދަލެއް ތަޞައްރުފުކުރުމުން އެ މުދަލަކާ ގުޅިގެން ލިބޭ އިންޝުއަރެންސް ކޮމްޕެންސޭޝަން ނުވަތަ ބަދަލުގެ ގޮތުގައި ލިބޭ އެނޫންވެސް ފައިސާ އެ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމަނަންވާނެއެވެ. އަދި މި ޙާލަތުގައިވެސް މި މާއްދާގެ (ހ) އަށް ޢަމަލުކުރަންވާނެއެވެ.
30. ކެޕިޓަލް ގެއިންއާއި ލޮސް ހިސާބުކުރުން
(ހ) މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފައިދާއަކީ އެ ނަންބަރުގައި ބަޔާންކޮށްފައިވާ މުދާ ތަޞައްރުފުކުރިއިރު އެ މުދަލުގެ އަގަށްވުރެ، އެ މުދާ ތަޞައްރުފުކޮށްގެން ލިބުނު މުޤާބިލުގެ އިތުރުވާ ޢަދަދެވެ.
(ށ) މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކުރާ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ މުޤާބިލަށްވުރެ، އެ މުދާ ތަޞައްރުފުކުރިއިރު އެ މުދަލުގެ އަގު އިތުރުވާނަމަ، އެ އިތުރުވާ ޢަދަދަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި ޤާނޫނުގެ 34 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވިދާނެ ޢަދަދެކެވެ.
(ނ) މި މާއްދާގެ ބޭނުމަށް، މުދަލެއް ތަޞައްރުފުކުރިއިރު އެ މުދަލުގެ އަގު ކަމަށް ބުނެފައި އެވަނީ، އަންނަނިވި ޢަދަދުތަކުގެ ޖުމްލައަށެވެ.
(1) އެ މުދާ ގަތުމަށް ނުވަތަ އޭގެ ފެންވަރު ރަނގަޅުކުރުމަށް ހިނގާފައިވާ ޚަރަދު؛ އަދި
(2) އެ މުދާ ތަޞައްރުފުކުރުމުގައި ސީދާ ގޮތުން ހިނގާފައިވާ ޚަރަދު.
(ރ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ކަނޑައަޅަންވާނެއެވެ.
(1) ތިރީގައި ބަޔާންކޮށްފައިވާ މުދާތަކުންކުރެ މުދަލެއް ތަޞައްރުފުކުރުމުގައި އޭގެ އަގު ހިސާބުކުރާނެ ގޮތް:
i. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ގަނެފައިވާ މުދާ؛
ii. ގުޅުން ހުރި ދެ ފަރާތެއްގެ މެދުގައި ގަނެވިއްކާ މުދާ؛
(2) މި މާއްދާއަށް ޢަމަލުކުރުމުގައި ރިޢާޔަތްކުރާނެ އެހެނިހެން ކަންކަން.
(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް ވާ ފައިދާއެއް ނުވަތަ ގެއްލުމެއް، ވިޔަފާރި އާމްދަނީ ފިޔަވައި ފަރުދެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައެއް ނުހިމެނޭނެއެވެ.
(1) ވަކި މުދަލެއް ނުވަތަ އެއް ބާވަތެއްގެ މުދާތަކެއް އެއްފަހަރާ ތަޞައްރުފުކޮށްގެން ލިބޭ މުޤާބިލުގެ ޖުމްލަ -/40,000 (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރުނުވުން އަދި މި ފަދަ މުޢާމަލާތްތަކުން ލިބޭ މުޤާބިލުގެ ޖުމްލަ ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި -/100,000 (އެއް ލައްކަ) ރުފިޔާއަށްވުރެ އިތުރުނުވުން؛
(2)
i. މީހެއްގެ ދިރިއުޅުން މައިގަނޑު ގޮތެއްގައި ޤާއިމުވެފައިވާ އަދި އޭނާގެ މިލްކުގައިވާ ހަމައެކަނި ތަން ތަޞައްރުފުކުރުން؛
ii. މި ނަންބަރުގެ (i) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މީހެއްގެ ދިރިއުޅުން މައިގަނޑު ގޮތެއްގައި ޤާއިމުވެފައިވާ އަދި އޭނާގެ މިލްކުގައިވާ ހަމައެކަނި ތަން ތަޞައްރުފުކުރުން ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 12 ވަނަ މާއްދާގެ (ޒ) ގައި ބަޔާންކޮށްފައިވާ މާނައިގައެވެ.
(3) މީހަކު އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ނުވަތަ ދަރިއަކަށް ނުވަތަ މަންމައަށް ނުވަތަ ބައްޕައަށް، އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ ޣައިރު މާއްދީ މުދަލެއް ދިނުން؛
(4) މީހަކު އޭނާގެ އަންނައުނާއި، ގޭތެރޭގައި ބޭނުންކުރާ ފަރުނީޗަރާއި ހައުސްހޯލްޑް އެޕްލަޔަންސް އަދި ހިފާގެންގުޅޭ ސާމާނު ތަޞައްރުފުކުރުން؛
(5) މީހަކު މަރުވުމުން އޭނާގެ މިލްކުގައި ހުރި އުފުލޭ ނުވަތަ ނުއުފުލޭ ނުވަތަ ފިކުރީ ނުވަތަ ޣައިރު މާއްދީ މުދަލެއް އެހެން މީހަކަށް ލިބުން.
31. އެއް ޚަރަދެއް ދެ ފަހަރަށް އުނިނުކުރުން
އެއްވެސް ޚަރަދަކީ މި ޤާނޫނުގެ އެއް މާއްދާއަށްވުރެ ގިނަ މާއްދާގެ ދަށުން އުނިކުރެވޭ ޚަރަދެއްކަމުގައިވީ ނަމަވެސް، އެ ޚަރަދެއް އުނިކުރަންވާނީ އެންމެ ފަހަރަކުއެވެ. އަދި އުނިކުރާ ޢަދަދަކީ ހިނގާފައިވާ ޚަރަދުގެ ޖުމްލައަށްވުރެ އިތުރު ޢަދަދަކަށް ވެގެންނުވާނެއެވެ.
32. އުނިނުކުރެވޭނެ ޚަރަދުތައް
(ހ) ޓެކްސް ދައްކާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އަންނަނިވި ޚަރަދުތަކަކީ އުނިކުރެވޭނެ ޚަރަދުތަކެއްނޫނެވެ.
(1) ދިރިއުޅުމަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ހިނގާ ޚަރަދު؛
(2) މި ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެޕިޓަލް ޚަރަދާއި މި ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިސާބުކުރުމުގައި ހިމަނާފައިވާ ކެޕިޓަލް ޚަރަދު ފިޔަވައި އެހެނިހެން ކެޕިޓަލް ޚަރަދު (މި ޤާނޫނުގެ 25 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކެޕިޓަލް އެލަވަންސްގެ ގޮތުގައި އުނިކުރެވޭ ޢަދަދު މެނުވީ)؛
(3) މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ހޯދުމުގެ ބޭނުމަށް ހިނގާ ޚަރަދު؛
(4) ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖޭން ބޭރުގައި ދައްކަންޖެހޭ، އާމްދަނީން ނަގާ ޓެކްސް؛
(5) ޤާނޫނު ނަންބަރު 10/2010 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް އުނިކުރެވޭ އިންޕުޓް ޓެކްސް؛
(6) މި ޤާނޫނުގެ 23 ވަނަ މާއްދާއާއި 36 ވަނަ މާއްދާއާއި 39 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފުނުވާ ގޮތުގެމަތިން، ކުރަންޖެހިދާނެ ޚަރަދަކަށް ނުވަތަ ވެދާނެ ގެއްލުމަކަށް ހަދާ ޕްރޮވިޜަން؛
(7) ޤާނޫނެއް ނުވަތަ ގަވާއިދަކާ އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ނުވަތަ އެނޫންވެސް ފައިސާ؛
(8) ރިޝްވަތުގެ ގޮތުގައި އެއްވެސް ފަރާތަކަށް ދޭ ފައިސާ؛
(9) އަންނަނިވި ޝަރުޠުތައް ހަމަވާ ލައިފް އިންޝުއަރެންސް ޕޮލިސީތައް ފިޔަވައި އެހެން ލައިފް އިންޝުއަރެންސް ޕޮލިސީއެއްގެ ޕްރީމިއަމް:
i. އެ ޕޮލިސީގެ ދަށުން ޕްރީމިއަމް ދައްކާ ފަރާތަކީ ވިޔަފާރިކުރާ ފަރާތަކަށްވުން؛ އަދި
ii. އެ ޕޮލިސީއަކީ އެ ފަރާތުގެ ވިޔަފާރީގެ މުހިންމު މުވައްޒަފަކަށް ނަގާފައިވާ "ކީ ޕަރސަން އިންޝުއަރެންސް" ޕޮލިސީއަކަށްވުން؛ އަދި
iii. އެ ޕޮލިސީގެ ދަށުން ބަދަލުގެ ގޮތުގައި ފައިސާ ލިބެނީ އެ ވިޔަފާރިކުރާ ފަރާތަށްކަމަށްވުމާއި، އެ ޢަދަދަކީ އެ ފަރާތުގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމެނޭ ޢަދަދަކަށްވުން.
(10) ޕާޓްނަރޝިޕަކުން ކުރާ އަންނަނިވި ޚަރަދުތައް؛
i. ޕާޓްނަރުންގެ ކެޕިޓަލަށް ދައްކާ އިންޓްރެސްޓް؛ އަދި
ii. ޕާޓްނަރޝިޕުގެ އާމްދަނީން ޕާޓްނަރުންނަށް ބަހާ ފައިދާ.
(11) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާ އެކްސެސިވް ކޮމްޕެންސޭޝަން؛
(12) މި ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން އުނިކުރާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނުވަތަ މި ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން އުނިކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން މީރާއަށް ދައްކާފައިނުވާނަމަ، އެ ވިތުހޯލްޑިންގ ޓެކުހުގެ ޢަދަދު؛
(13) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ހިނގާފައިވާ އެއްވެސް ޚަރަދެއް.
(ށ) މި މާއްދާގެ ބޭނުމަށް، ދިރިއުޅުމަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ހިނގާ ޚަރަދުގެ ތެރޭގައި އަންނަނިވި ޚަރަދުތައް ހިމެނެއެވެ.
(1) އެ މީހެއްގެ ނުވަތަ އެހެން އެއްވެސް މީހެއްގެ ދިރިއުޅުމުގެ ބޭނުންތަކަށް ނުވަތަ މީހަކު ދިރިއުޅޭ ތަނަކަށް ނުވަތަ އާމްދަނީ ހޯދުމުގެ ބޭނުމަކަށްނުވާ ގޮތުން ބޭނުންކުރެވޭ އެނޫންވެސް މުދަލަކަށް ހިނގާ ޚަރަދު؛
(2) އެ މީހަކު ދިރިއުޅޭ ތަނުން އޭނާ މަސައްކަތްކުރާ ތަނަށް ދިއުމަށާއި އައުމަށް ހިނގާ ޚަރަދު؛
(3) މަސައްކަތުގައި ބޭނުންކުރުމަށް ޚާއްޞަ އަދި މަސައްކަތުގެ މާހައުލުން ބޭރުގައި ލުމަށް ޢާންމުކޮށް އެކަށީގެންނުވާ އަންނައުނު ފިޔަވައި، އެ މީހަކު ކުރާ މަސައްކަތުގައި ލާންޖެހޭ އަންނައުނަށް ހިނގާ ޚަރަދު؛
(4) ވިޔަފާރިކުރާ މީހެއްނަމަ، އޭނާ އެ ވިޔަފާރިއާ ސީދާ ގުޅުމެއް ނެތް ތަޢުލީމު ޙާޞިލުކުރުމަށް، ނުވަތަ އެ ވިޔަފާރިއާ ސީދާ ގޮތުން ގުޅުމެއް ހުރި ނަމަވެސް އޭނާ ޑިގްރީ ނުވަތަ އެ ފެންވަރަށްވުރެ މަތީ ސަނަދެއް ޙާޞިލުކުރުމަށް ހިނގާ ޚަރަދު؛
(5) އުޖޫރަ ލިބޭ މީހެއްނަމަ، އޭނާ އަދާކުރާ ވަޒީފާއާ ސީދާ ގުޅުންހުރި ތަމްރީނު ހޯދުމަށް ހިނގާ ޚަރަދުތައް ފިޔަވައި، އޭނާ އަދާކުރާ ވަޒީފާއާ ސީދާ ގޮތުން ގުޅުން ހުރި ތަޢުލީމެއް ނަމަވެސް ނުވަތަ ނޫން ނަމަވެސް، އެ މީހަކު ތަޢުލީމު ޙާޞިލުކުރުމަށް ހިނގާ ޚަރަދު؛
(6) (އުނިކުރެވިފައި)
33. ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގައި ގެއްލުން އުނިކުރުން
(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތަކަށް ހިސާބުކުރާ މުއްދަތެއްގައި ގެއްލުމެއް ވެފައިވާނަމަ، ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ގެއްލުމުގެ ޢަދަދު އުނިކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ގެއްލުމުގެ ޢަދަދެއް އުނިކުރާ ޙާލަތުގައި:
(1) އެ ގެއްލުން އުނިކުރާ ހިސާބުކުރާ މުއްދަތުގައި، މި މާއްދާގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އޮންނަ ޓެކްސް ބިނާކުރެވޭ އާމްދަނީއަކީ 0 (ސުމެއް) އަށްވުރެ އިތުރު ޢަދަދެއްނަމަ ގެއްލުމުގެ ގޮތުގައި އެންމެ ގިނަވެގެން އުނިކުރެވޭނީ އެ އިތުރުވި ޢަދަދާ އެއްވަރުގެ ޢަދަދެކެވެ. އަދި
(2) އެ ގެއްލުން އުނިކުރާ ހިސާބުކުރާ މުއްދަތުގައި، މި މާއްދާގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އޮންނަ ޓެކްސް ބިނާކުރެވޭ އާމްދަނީއަކީ 0 (ސުމެއް) ނުވަތަ އެއަށްވުރެ ކުޑަ ޢަދަދެއްނަމަ ގެއްލުމުގެ ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ގެއްލުމުގެ ޢަދަދެއް ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރާނަމަ އެ ގޮތުން އުނިކުރަމުން ގެންދެވޭނީ އެ ގެއްލުންވި ހިސާބުކުރާ މުއްދަތު ނިމުނު ތާރީޚުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ގެއްލުމުގެ ޢަދަދު އުނިކުރަމުން ގެންދަންވާނީ އެ ގެއްލުންވި ތަރުތީބު (ކުރިން ވި ގެއްލުން ކުރިން އުނިކުރާ އުސޫލު) އިންނެވެ.
(ބ) މި މާއްދާގެ (ހ) އިން (ރ) އަށް ހުރި އަކުރުތަކަށް ޢަމަލުކުރެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.
(1) އެއީ ކުންފުންޏެއް (ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތައް ފިޔަވައި) ނަމަ، ގެއްލުންވެފައިވާ ހިސާބުކުރާ މުއްދަތު ފެށުނީއްސުރެ އެ ގެއްލުމުގެ ޢަދަދު ނުވަތަ އެއިން ބައެއް އުނިކުރާ ހިސާބުކުރާ މުއްދަތު ނިމެންދެން، އެ ކުންފުނީގެ އޯޑިނަރީ ޝެއަރ ކެޕިޓަލުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ބަދަލުނުވެ އެއް ފަރާތެއްގެ ނުވަތަ އެއް ފަރާތްތަކެއްގެ އަތުގައި އޮތުން، އަދި އެ މުއްދަތުގައި އެ ކުންފުނިން އެއް ބާވަތެއްގެ ވިޔަފާރިއެއް ކުރަމުން ގެންދިއުން؛
(2) އެއީ ޕާޓްނަރޝިޕެއްނަމަ، ގެއްލުންވެފައިވާ ހިސާބުކުރާ މުއްދަތު ފެށުނީއްސުރެ ގެއްލުމުގެ ޢަދަދު ނުވަތަ އެއިން ބައެއް އުނިކުރާ ހިސާބުކުރާ މުއްދަތު ނިމެންދެން، އެ ޕާޓްނަރޝިޕުގެ ކެޕިޓަލުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ބަދަލުނުވެ އެއް ޕާޓްނަރުންތަކެއްގެ އަތުގައި އޮތުން، އަދި އެ މުއްދަތުގައި އެ ޕާޓްނަރޝިޕުން އެއް ބާވަތެއްގެ ވިޔަފާރިއެއް ކުރަމުން ގެންދިއުން؛
(3) އެއީ ޓްރަސްޓެއްނަމަ، ގެއްލުންވެފައިވާ ހިސާބުކުރާ މުއްދަތު ފެށުނީއްސުރެ އެ ގެއްލުމުގެ ޢަދަދު ނުވަތަ އެއިން ބައެއް އުނިކުރާ ހިސާބުކުރާ މުއްދަތު ނިމެންދެން، އެ ޓްރަސްޓުގެ ކެޕިޓަލް ނުވަތަ އާމްދަނީގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު މަޞްލަޙަތެއް އެއް ފަރާތެއް ނުވަތަ އެއް ފަރާތްތަކެއްގެ އަތުގައި އޮތުން، އަދި އެ މުއްދަތުގައި އެ ޓްރަސްޓުން އެއް ބާވަތެއްގެ ވިޔަފާރިއެއް ކުރަމުން ގެންދިއުން.
34. ކެޕިޓަލް ލޮސް
(ހ) މި ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިސާބުކޮށްފައިވާ ކޮންމެ ގެއްލުމެއްވެސް އުނިކުރެވޭނީ އެ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކޮށްފައިވާ ފައިދާއިން، އެ ގެއްލުންވެފައިވާ ހިސާބުކުރާ މުއްދަތެއްގައެވެ. ނުވަތަ އެ ފައިދާއަށްވުރެ އެ ގެއްލުމުގެ ޢަދަދު އިތުރުވާ މިންވަރަކަށް، ވިދިގެން އަންނަ ހިސާބުކުރާ މުއްދަތުތަކުގައި މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ހިސާބުކޮށްފައިވާ ފައިދާއިން، އެ އިތުރުވާ ގެއްލުމުގެ ޢަދަދު އަޅައިކެނޑިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގެއްލުމުގެ ޢަދަދެއް ކުރިއަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރާނަމަ، އެގޮތުން އުނިކުރަމުން ގެންދެވޭނީ އެ ގެއްލުންވި ހިސާބުކުރާ މުއްދަތު ނިމުނު ތާރީޚުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ގެއްލުމުގެ ޢަދަދު އުނިކުރަމުން ގެންދަންވާނީ އެ ގެއްލުންވި ތަރުތީބުން، ކުރިން ވި ގެއްލުން ކުރިން އުނިކުރާ އުސޫލުންނެވެ.
35. ގެއްލުން އުނިކުރުމުގެ އުސޫލު
(ހ) މި މާއްދާގެ ބޭނުމަށް [ގެއްލުން] ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތެއްގެ ޖުމްލަ އާމްދަނީއަށްވުރެ، މި ޤާނޫނުގެ ދަށުން އުނިކުރެވޭ ޚަރަދުތައް) މި ޤާނޫނުގެ 18 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ ގެ ދަށުން އުނިކުރެވޭ ޚަރަދުތައް ފިޔަވައި) އިތުރުވާނަމަ، އެ އިތުރުވާ ޢަދަދަށެވެ.
(ށ) މި ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އުނިކުރާ ގެއްލުމުގެ ޢަދަދަކީ އެ މުއްދަތުގައި ވެފައިވާ ގެއްލުމުގެ ޖުމްލައަށްވުރެ އިތުރު ޢަދަދަކަށް ވެގެންނުވާނެއެވެ.
(ނ) މި ޤާނޫނުގެ ތޭރަވަނަ ބާބާ ޚިލާފުނުވާ ގޮތުގެމަތިން، މި މާއްދާ އެމައްޗަށް ހިނގާނީ، މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ފަހުން ވާ ގެއްލުންތަކަށް އެކަންޏެވެ.
(ރ) ގެއްލުމެއް ނުވަތަ އެއިން ބައެއް ވެފައިވަނީ މި ޤާނޫނުގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދު ކުޑަކުރުމުގެ ގޮތުން އެ ފަރާތުން ނުވަތަ އެހެން ފަރާތަކުން ކޮށްފައިވާ މުޢާމަލާތަކާ ގުޅިގެން ނުވަތަ ހަމަޖައްސާފައިވާ އިންތިޒާމަކާ ގުޅިގެން ކަމަށްވާނަމަ، އެހެން ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީން އެ ގެއްލުމުގެ ޢަދަދު ނުވަތަ އެއިން ބައެއް އަޅައިކަނޑައިގެންނުވާނެއެވެ.
36. ބޭންކު
(ހ) މި ޤާނޫނުގެ 23 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމުން އަންނަ ޢަދަދަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން، ބޭންކަކުން ދޫކޮށްފައިވާ ވަކިވަކި ލޯނަކުން ނުވަތަ ވަކިވަކި އެޑްވާންސްއަކުން އަނބުރާ ނުލިބޭނެ ދަރަނީގެ ޕްރޮވިޜަން، އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.
(5% × a ) - b
"a" އަކީ އެ ބޭންކުން ދޫކޮށްފައިވާ ލޯނު ނުވަތަ އެޑްވާންސްގެ ގޮތުގައި އެ ބޭންކުގެ ހިސާބުކުރާ މުއްދަތު ނިމޭ ދުވަހު ހުރި ޢަދަދުގެ ބުކް ވެލިއުއެވެ.
"b" އަކީ ފާއިތުވި ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އަނބުރައި ނުލިބޭނެ ދަރަނީގެ ޕްރޮވިޜަންގެ ގޮތުގައި އުނިކޮށްފައިވާ ޢަދަދެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުނިކުރެވޭ ޢަދަދު ފިޔަވައި، ބޭންކަކުން ކޮށްފައިވާ އެހެނިހެން އިންވެސްޓްމަންޓަކާ ގުޅިގެން އަނބުރާ ނުލިބޭނެ ކަމަށް އަންދާޒާކުރާ ދަރަނީގެ ޕްރޮވިޜަން އުންޏެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އުނިކޮށްފައިވާ ޢަދަދެއް ހިސާބުކުރާ މުއްދަތެއްގައި ލިބިއްޖެނަމަ، އެ ޢަދަދަކީ އެ ހިސާބުކުރާ މުއްދަތެއްގައި ލިބުނު އާމްދަނީއެއް ކަމުގައި ބަލަންވާނެއެވެ.
37. ޕާޓްނަރޝިޕް
(ހ) ޕާޓްނަރޝިޕެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންވާނީ އެ ޕާޓްނަރޝިޕަކީ ވަކި ޤާނޫނީ ޝަޚުސެއް ކަމަށް ބަލައިގެން، އެ ޕާޓްނަރޝިޕުގެ ނަމުގައެވެ.
(ށ) ޖެނެރަލް ޕާޓްނަރޝިޕެއްގެ ކޮންމެ ޕާޓްނަރަކުމެ، މި ޤާނޫނުގެ ދަށުން އެ ޕާޓްނަރޝިޕުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް، ވަކިވަކިންނާއި އެކުއެކީގައި ޒިންމާވާން ވާނެއެވެ.
38. ޓްރަސްޓް
(ހ) ޓްރަސްޓެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންވާނީ އެ ޓްރަސްޓަކީ ވަކި ޤާނޫނީ ޝަޚުސެއް ކަމަށް ބަލައިގެންނެވެ.
(ށ) ޓްރަސްޓުގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގައިވާ ގޮތުގެމަތިން އެ ޓްރަސްޓުގެ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ދައްކަންވާނެއެވެ.
(ނ) ޓްރަސްޓެއްގެ ކޮންމެ ޓްރަސްޓީއަކުމެ، މި ޤާނޫނުގެ ދަށުން އެ ޓްރަސްޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ވަކިވަކިންނާއި އެކުއެކީގައި ޒިންމާވާންވާނެއެވެ.
39. އިންޝުއަރެންސްގެ ވިޔަފާރި
(ހ) މި މާއްދާ ހިނގާނީ އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.
(ށ) ލައިފް އިންޝުއަރެންސްގެ ވިޔަފާރި ފިޔަވައި އެހެނިހެން އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތަކުން، ހިސާބުކުރާ މުއްދަތަކަށް އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަންނަނިވި އުނިއިތުރުކުރުންތައް ހިމަނައިގެންނެވެ.
(1) އަންނަނިވި ޢަދަދުތައް، އެ ފަރާތެއްގެ ޖުމްލަ އާމްދަނީއަށް އިތުރުކުރުން:
i. ހިސާބުކުރާ މުއްދަތު ފެށުނުއިރު ހުރި އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވުގެ ބާކީ؛ އަދި
ii. ހިސާބުކުރާ މުއްދަތު ފެށުނުއިރު ރިޕޯޓުކޮށްފައިވާ، އަދި އެއާ ގުޅިގެން ފައިސާ ދައްކަންޖެހޭ، ނަމަވެސް ފައިސާ ނުދައްކައި ހުރި ކްލެއިމްތަކުގެ އަންދާޒާ ޢަދަދު (ރިޕޯޓެޑް ބަޓް ނޮޓް ޕެއިޑް ކްލެއިމްސް)؛ އަދި
iii. ހިސާބުކުރާ މުއްދަތު ފެށުނުއިރު ހިނގާފައިވާ، ނަމަވެސް ރިޕޯޓުކޮށްފައިނުވާ ކްލެއިމްތައް (އިންކަރޑް ބަޓް ނޮޓް ރިޕޯޓެޑް ކްލެއިމްސް) ހިސާބުކޮށްފައިވަނީ ޢާންމުކޮށް ބަލައިގަންނަ އަދި ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ އެކްޗުއޭރިއަލް އުސޫލަކުން ކަމަށްވާނަމަ އެ ޢަދަދު.
(2) އަންނަނިވި ޢަދަދުތައް، އެ ފަރާތެއްގެ ޖުމްލަ އާމްދަނީން އުނިކުރުން:
i. ހިސާބުކުރާ މުއްދަތު ނިމުނުއިރު ހުރި އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވުގެ ބާކީ؛ އަދި
ii. ހިސާބުކުރާ މުއްދަތު ނިމުނުއިރު ރިޕޯޓުކޮށްފައިވާ، އަދި އެއާ ގުޅިގެން ފައިސާ ދައްކަންޖެހޭ، ނަމަވެސް ފައިސާ ނުދައްކައި ހުރި ކްލެއިމްތަކަށް އެކަށީގެންވާ މިންގަނޑެއްގައި އަންދާޒާކުރާ ޢަދަދު (ރިޕޯޓެޑް ބަޓް ނޮޓް ޕެއިޑް ކްލެއިމްސް)؛ އަދި
iii. ހިސާބުކުރާ މުއްދަތު ނިމުނުއިރު ހިނގާފައިވާ، ނަމަވެސް ރިޕޯޓުކޮށްފައިނުވާ ކްލެއިމްތައް (އިންކަރޑް ބަޓް ނޮޓް ރިޕޯޓެޑް ކްލެއިމްސް) ހިސާބުކޮށްފައިވަނީ ޢާންމުކޮށް ބަލައިގަންނަ އަދި ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ އެކްޗުއޭރިއަލް އުސޫލަކުން ކަމަށްވާނަމަ އެ ޢަދަދު.
(ނ) އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ކްލެއިމަކާ ގުޅިގެން (ރީއިންޝުއަރެންސް ކޮންޓްރެކްޓެއްގެ ދަށުން ނުވަތަ އެނޫން ގޮތަކަށް ވިޔަސް) އެ ފަރާތަކަށް އަނބުރާ ލިބޭނެ ކަމަށް ލަފާކުރެވޭ ޢަދަދު ހިމަނަންވާނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށް، އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވް ކަމަށް ބުނެފައި އެވަނީ، އެ އިރަކު ހުރި އިންޝުއަރެންސް ޕޮލިސީތަކުގެ ބާކީ އޮތް މުއްދަތަށް ނިސްބަތްވާ ކްލެއިމްތަކާ ގުޅިގެން ކުރިޔަށް އޮތް ތަނުގައި ދައްކަންޖެހިދާނެ ކަމަށް ލަފާކުރެވޭ، ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ އެކްޗުއޭރިއަލް އުސޫލަކުން ހިސާބުކޮށްފައިވާ ޢަދަދަކުން، އެއިރަކު އެ ފަރާތުގެ އަންއަރންޑް ޕްރީމިއަމް ރިޒަރވްގައި ހުރި ޢަދަދު އުނިކުރުމުން އަންނަ ޢަދަދަށެވެ. އަދި މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ފަހުން އަންނަ އެ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު ފެށޭއިރު ހުރި އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ހުރި އެ ފަރާތުގެ އަންއެކްސްޕަޔަރޑް ރިސްކް ރިޒަރވްގައި ބާކީ ހުރި ޢަދަދު ހިމެނެއެވެ.
(ބ) އަންނަނިވި ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނެ ގޮތް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(1) ލައިފް އިންޝުއަރެންސްގެ ވިޔަފާރި (ޢާންމުކޮށް ބަލައިގަންނަ އެކްޗުއޭރިއަލް އުސޫލުތަކަށް ރިޢާޔަތްކޮށްގެން)؛ އަދި
(2) ލައިފް އިންޝުއަރެންސްގެ ވިޔަފާރިއާއި އެހެނިހެން އިންޝުއަރެންސްގެ ވިޔަފާރި.
40. ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިޔަފާރި
(ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ދައްކާނީ، އެ ހިސާބުކުރާ މުއްދަތުގައި ލިބުނު އާމްދަނީގެ ޖުމްލައިގެ %2 (ދޭއް އިންސައްތަ) ގެ ރޭޓުގައެވެ.
(ށ) ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް އާމްދަނީއަކަށް މި މާއްދާއެއް ނުހިނގާނެއެވެ.
(1) މި ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ އާމްދަނީ؛
(2) އަންނަނިވި ޝަރުޠުތަކުންކުރެ ޝަރުޠެއް ފުރިހަމަވާ އާމްދަނީ:
i. އެ އާމްދަނީ ލިބުނީ ދިވެހިރާއްޖެއިން ބޭރުގެ ދެ މަންޒިލެއްގެ ދެމެދުގައި ދަތުރުކުރުމުގެ ތެރޭގައި ދިވެހިރާއްޖޭގައި ޓްރާންސިޓްކުރާ ފަސިންޖަރަކާ ގުޅިގެން ކަމަށްވުން؛ ނުވަތަ
ii. އެ އާމްދަނީ ލިބުނީ ލައިވްސްޓޮކް ނުވަތަ ސިޓީ ނުވަތަ ޕާރުސަލް ނުވަތަ މަރޗެންޑައިޒް ނުވަތަ މުދަލެއްގެ ޓްރާންޝިޕްމަންޓާ ގުޅިގެން ކަމަށްވުން.
41. ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުން ލާޒިމުވުން
(ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ޤާނޫނުގެ ދަށުން އާމްދަނީން ނަގާ ޓެކްސް ދައްކާ ކޮންމެ ފަރާތަކުންމެ، ކޮންމެ ޓެކްސް އަހަރަކަށްވެސް، އެ ޓެކްސް އަހަރެއްގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ފަރާތަކަށް ލިބުނު ޓެކްސް ބިނާކުރެވޭ އާމްދަނީއާ ގުޅިގެން މި ޤާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން މީރާއަށް ޓެކްސް ބަޔާނެއް ހުށަހަޅައި ޓެކްސް ދައްކަންވާނެއެވެ.
(ށ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ޤާނޫނުގެ ދަށުން އާމްދަނީން ނަގާ ޓެކްސް ދައްކާ ކޮންމެ ފަރާތަކުންމެ، ކޮންމެ ޓެކްސް އަހަރަކަށްވެސް މި ޤާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން އިންޓެރިމް ޕޭމަންޓާގުޅޭ ބަޔާނެއް ހުށަހަޅައި، އެ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންވާނީ މީރާއިން އެ ކަމަށް ކަނޑައަޅާ ފޯމަކުންނެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުން ލާޒިމުކުރާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅަންވާނީ ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާ އެކުގައެވެ.
(ރ) މާލީ ހިސާބުތައް ތައްޔާރުކުރުމަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލާޒިމުކުރާ ފަރާތްތަކުން، މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ތައްޔާރުކުރަންޖެހޭ ބަޔާންތައް ތައްޔާކުރަންވާނީ އަދި އެ ފަރާތަކުން އެ އަކުރުތަކުގެ ދަށުން ޓެކްސް ދައްކަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުންނެވެ.
(ބ) މި ޤާނޫނުގެ ދަށުން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ލިބޭ މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީގެ މަޢުލޫމާތު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާނާއެކު މީރާއަށް ހުށަހެޅުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
42. ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމުގެ ސުންގަޑި
މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދައްކަންވާނީ އަންނަނިވި ތާރީޚުތަކުގެ ނިޔަލަށެވެ.
(ހ) ފުރަތަމަ އިންޓެރިމް ޕޭމަންޓާއި އެއާގުޅޭ ބަޔާން: ޓެކްސް އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަސް؛
(ށ) ދެވަނަ އިންޓެރިމް ޕޭމަންޓާއި އެއާގުޅޭ ބަޔާން: ވިދިގެންއަންނަ ޓެކްސް އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަސް؛
(ނ) ފައިނަލް ޕޭމަންޓާއި ޓެކްސް ބަޔާން: ވިދިގެންއަންނަ ޓެކްސް އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަސް.
43. އިންޓެރިމް ޕޭމަންޓް ހިސާބުކުރުން
(ހ) މި ޤާނޫނުގެ ދަށުން އެ ފަރާތަކުން ޓެކްސް ދައްކަންޖެހޭ ފުރަތަމަ ޓެކްސް އަހަރު ([ފުރަތަމަ ޓެކްސް އަހަރު])، މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކޮންމެ އިންޓެރިމް ޕޭމަންޓަކީވެސް، އެ ޓެކްސް އަހަރުގައި ނިމޭ ހިސާބުކުރާ މުއްދަތަކަށް ދައްކަންޖެހޭނެ ކަމަށް އެ ފަރާތުން އަންދާޒާކުރާ ޓެކުހުގެ ޢަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢަދަދަކަށް ވާންވާނެއެވެ.
(ށ) ފުރަތަމަ ޓެކްސް އަހަރާ ޖެހިގެން އަންނަ ޓެކްސް އަހަރަށް އަދި އޭގެ ފަހުން އަންނަ ކޮންމެ ޓެކްސް އަހަރަކަށްވެސް މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކޮންމެ އިންޓެރިމް ޕޭމަންޓަކީވެސް، ފައިބެ ޓެކްސް އަހަރަށް އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢަދަދަކަށް ވާންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، ފައިބެ ޓެކްސް އަހަރަށް ޓެކްސް ދައްކާފައިވަނީ 12 (ބާރަ) މަސްދުވަހަށްވުރެ ކުރު ނުވަތަ އެއަށްވުރެ ދިގު ހިސާބުކުރާ މުއްދަތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީން ކަމުގައިވާނަމަ، އެ ފަރާތަކުން މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކޮންމެ އިންޓެރިމް ޕޭމަންޓަކީވެސް، ފައިބެ ޓެކްސް އަހަރަށް އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދުގެ ދެބައިކުޅަ އެއްބަޔާ އަންނަނިވި ކަސްރާ ގުނަކުރުމުން އަންނަ ޢަދަދެވެ.
a / 365
[a] އަކީ ފައިބެ ޓެކްސް އަހަރު ނިމުނު ހިސާބުކުރާ މުއްދަތުގައި ހިމެނޭ ދުވަސްތަކުގެ ޢަދަދެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޓެކްސް އަހަރަކަށް ދައްކަންޖެހޭ ޓެކުހުގެ ޢަދަދަކީ ފައިބެ ޓެކްސް އަހަރަށް ދައްކަންޖެހޭ ޢަދަދަށްވުރެ ކުޑަ ޢަދަދެއް ކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓުގެ ޢަދަދު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަންދާޒާކުރެވިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ޙާލަތުގައި، އަންދާޒާކުރާ އިންޓެރިމް ޕޭމަންޓް ނިސްބަތްވާ ޓެކްސް އަހަރަށް ދައްކަންޖެހޭ ޓެކުހުގެ ޖުމްލަ ޢަދަދަކީ އެ ފަރާތުން އަންދާޒާކުރި އިންޓެރިމް ޕޭމަންޓުތަކުގެ ޖުމްލައަށްވުރެ %20 (ވިހި އިންސައްތަ) ބޮޑު ޢަދަދެއްނަމަ، އެ ފަރާތުން އެ ޓެކްސް އަހަރަށް އިންޓެރިމް ޕޭމަންޓް ދައްކަންޖެހިފައިވަނީ މި މާއްދާގެ (ށ) ގެ ދަށުން ކަމަށް ބަލައި، ދައްކަންޖެހޭ ތާރީޚުގައި ހަމައަށް އިންޓެރިމް ޕޭމަންޓް ދައްކާފައިނުވާ ކަމަށް ބެލެވޭނެއެވެ.
(ޅ) އެއްވެސް ޓެކްސް އަހަރަކަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓެއް ދެއްކުމުގައި، އެ ޓެކްސް އަހަރުގައި ނިމޭ ހިސާބުކުރާ މުއްދަތުގެ އެ ފަރާތުގެ އާމްދަނީން މި ޤާނޫނުގެ 54 ވަނަ މާއްދާ ނުވަތަ 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ ޢަދަދު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން އެ ފަރާތުން އެ މުއްދަތަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓުގެ ޢަދަދުން އުނިކުރެވިދާނެއެވެ. އެހެން ނަމަވެސް، އެ ފަރާތުން މި ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކުރުމަށް އިޚްތިޔާރުކޮށްފިނަމަ، މި ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ ޢަދަދު، އެ ފަރާތުން އެ މުއްދަތަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓުގެ ޢަދަދުން އުންޏެއް ނުކުރެވޭނެއެވެ.
44. ފައިނަލް ޕޭމަންޓް
މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައްކަންޖެހޭ ފައިނަލް ޕޭމަންޓަކީ އެ ފަރާތަކުން އެ ޓެކްސް އަހަރަށް ދައްކަންޖެހޭ ޓެކުހުގެ ޖުމްލައިން އަންނަނިވި ޢަދަދުތައް އުނިކުރުމުން އަންނަ ޢަދަދެވެ.
(ހ) އެ ފަރާތަކުން އެ ޓެކްސް އަހަރަށް ދައްކާފައިވާ އިންޓެރިމް ޕޭމަންޓުތަކުގެ ޖުމްލަ؛ އަދި
(ށ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، އެ ފަރާތުގެ އާމްދަނީން މި ޤާނޫނުގެ 54 ވަނަ މާއްދާ ނުވަތަ 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ ޢަދަދުގެ ތެރެއިން، މި ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އިންޓެރިމް ޕޭމަންޓުގެ ޢަދަދުން އުނިނުކުރެވި އޮތް ޢަދަދު.
45. ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު އަމިއްލައަށް ހިސާބުކުރުން
މި ޤާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނުގައި، އެ މުއްދަތަކަށް ދައްކަންޖެހޭ ކަމަށް ޓެކްސް ދައްކާ ފަރާތުން ހިސާބުކޮށް ހިމަނާ ޢަދަދު (އެ ފަރާތުން ހިސާބުކުރާ ގެއްލުމުގެ ޢަދަދުވެސް ހިމެނޭ ގޮތުން) އަކީ މި ޤާނޫނުގެ ބޭނުމަށް، އެ ބަޔާން ނިސްބަތްވާ މުއްދަތަކަށް އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދުކަމުގައި ބެލެވޭނެއެވެ.
46. ޓެކްސް ބަޔާން އިޞްލާޙުކުރުން
(ހ) މި ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) އާއި 57 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ޓެކްސް ބަޔާނެއްގައި ބައިތަކެއް އުނިވެފައިވާކަމަށް ނުވަތަ އެ ބަޔާނުގައި ކަނޑައަޅާފައިވާ ޢަދަދުތަކަކީ ރަނގަޅުނޫން ޢަދަދު ތަކެއްކަމަށް އެ ބަޔާން ހުށަހެޅި ފަރާތަށް ޤަބޫލުކުރެވޭނަމަ، މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ނ) އާއި 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅައި، ކުރިން ހުށަހެޅި ބަޔާން އިޞްލާޙު ކުރެވިދާނެއެވެ.
(ށ) ޓެކްސް ބަޔާން ހުށަހަޅާ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭކަމަށް ޓެކްސް ބަޔާނުގައި ނުވަތަ އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނުގައި ހިސާބުކޮށްފައިވާ ޢަދަދުގައި، "އެރިތުމެޓިކް އެރަރ" އެއް ނުވަތަ "ޓައިޕޯގްރެފިކަލް އެރަރ" އެއް އޮތްކަމަށް ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނަމަ އެ ކުށް ރަނގަޅުކުރުމަށް ކޮމިޝަނަރ ޖެނެރަލަށް ނިންމިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލް ކުށެއް އިޞްލާޙުކުރަން ނިންމައިފިނަމަ، އެކަން ޓެކްސް ދައްކާ ފަރާތަށް ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ.
47. ޓެކްސް ބަޔާން ހުށަހަޅާފައި ނުވިޔަސް ޓެކްސް ދައްކަންޖެހުން
ޓެކްސް ދައްކާ ފަރާތުން، ހިސާބުކުރާ މުއްދަތަކަށް ޓެކްސް ބަޔާނެއް ނުވަތަ އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅާފައިވީ ނަމަވެސް ނުވަތަ ނުވި ނަމަވެސް މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އެ މުއްދަތަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓާއި ފައިނަލް ޕޭމަންޓް ދައްކަންވާނެއެވެ.
48. ބައެއް ޙާލަތްތަކުގައި ޓެކްސް ބަޔާން ހުށަހެޅުމަށް ކޮމިޝަނަރ ޖެނެރަލް އެންގުން
(ހ) މި މާއްދާއަށް ޢަމަލުކުރެވޭނީ ޓެކްސް ދައްކާ ފަރާތުން އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކޮށްފިނަމަ ނުވަތަ ކުރަން އުޅޭ ކަމަށް އަދި ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އާމްދަނީއަށް އެ ކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް އެކަށީގެންވާ ސަބަބުތަކާއެކު ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނަމައެވެ.
(1) ދިވެހިރާއްޖެ ދޫކޮށް ދިއުން؛
(2) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ހުއްޓާލުން؛
(3) ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއްގެ ޙަރަކާތްތައް ހުއްޓާލުން؛
(4) ދިވެހިރާއްޖެއިން ބޭރަށް އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ގެންދިއުން ނުވަތަ ބަދަލުކުރުން؛
(5) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ކަމެއް ކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ހިސާބުކުރާ މުއްދަތަކާ ނުވަތަ މުއްދަތުތަކަކާގުޅޭ ޓެކްސް ބަޔާނެއް ނުވަތަ ބަޔާންތަކެއް، ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ޓެކްސް ދައްކާ ފަރާތަކަށް ކޮމިޝަނަރ ޖެނެރަލަށް އެންގިދާނެއެވެ.
(ނ) މި ޤާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާއަށް ޢަމަލުކުރުމުގެ ސަބަބުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދު، މި މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުންކުރެ ކަމެއް ހިނގުމުގެ ކުރިން، މި މާއްދާގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދު ދައްކަންވާނެއެވެ.
(ބ) ޓެކްސް ދައްކާ ފަރާތުން މި މާއްދާގެ ދަށުން ޓެކްސް ބަޔާނެއް ހުށަހެޅި ނަމަވެސް، ކޮމިޝަނަރ ޖެނެރަލް އެ ފަރާތަކަށް އަންގައިފި ހިނދެއްގައި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން އިތުރު ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.
49. އިންޓެރިމް ޕޭމަންޓް ދެއްކުމާއި ބަޔާން ހުށަހެޅުން ލާޒިމުނުވާ ޙާލަތްތައް
މި ޤާނޫނުގެ 42 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ކުރިއަށް ދައްކާ އިންޓެރިމް ޕޭމަންޓްގެ ޖުމްލަ ޢަދަދަކީ -/20,000 (ވިހި ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދެއްނަމަ، އަދި ފާއިތުވި ޓެކްސް އަހަރަށް އެ ފަރާތުން ދައްކަންޖެހުނު ޓެކުހުގެ ޢަދަދަކީ -/20,000 (ވިހި ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދެއްނަމަ، ނުވަތަ އެ ފަރާތަކީ މި ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ރައްދުވާ ފަރާތެއްނަމަ، މި ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) އަށް އެ ފަރާތުން ޢަމަލުކުރުން ލާޒިމެއްނޫނެވެ.
50. ޓެކްސް ބަޔާން ހުށަހަޅަންނުޖެހޭ ޙާލަތްތައް
(ހ) މި ޤާނޫނުގެ 41 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައި، ޓެކްސް ދައްކާ ފަރާތުން ޓެކްސް އަހަރަކަށް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.
(1) އެ ފަރާތަށް އެ އަހަރުގެ ތެރޭގައި ލިބުނު ޖުމްލަ އާމްދަނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ޢަދަދަކަށްވުރެ ކުޑަވުން؛ ނުވަތަ
(2) އެ އަހަރުގައި އެ މީހަކަށް ލިބުނު ޖުމްލަ އާމްދަނީ ލިބިފައިވަނީ ވަޒީފާ ދޭ އެންމެ ފަރާތަކުން ކަމަށްވުން؛ ނުވަތަ
(3) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކަށް ލިބޭ އާމްދަނީއަކީ މި ޤާނޫނުގެ 1-50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުޢާމަލާތަކުން ލިބޭ ނުވަތަ މި ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމުގައިވުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޓެކްސް އަހަރެއްގެ ތެރޭގައި، ވަޒީފާ ދޭ އެންމެ ފަރާތަކުން އާމްދަނީ ލިބޭ މީހަކު، މި ޤާނޫނުގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ޓެކްސް ބަޔާން ހުށަހެޅުމަށް އިޚްތިޔާރުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އާމްދަނީއަކީ މި ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރު އަދި (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމަށްވާނަމަ، މި ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސް ބަޔާން ހުށަހެޅުމަށް އިޚްތިޔާރުކުރެވިދާނެއެވެ.
50-1. އޮފްޝޯ އިންޑައިރެކްޓް ޓްރާންސްފަރއިން ޓެކްސް ދެއްކުން
(ހ) އަންނަނިވި މުޢާމަލާތްތަކުންކުރެ މުޢާމަލާތެއް އެއްވެސް ފަރާތަކުން ކުރާނަމަ، އަދި އެ މުޢާމަލާތާ ގުޅިގެން ފައިސާ ދައްކަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށްނަމަ (ފައިސާ ލިބޭ ފަރާތް)، ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްކަން އެނގެން ނެތް ފަރާތަކަށްކަމުގައިވާނަމަ (ފައިސާ ލިބޭ ފަރާތް)، އެގޮތުން ދައްކާ ފައިސާގެ ޖުމްލަ ޢަދަދުން ޓެކުހުގެ ގޮތުގައި %10 (ދިހައެއް އިންސައްތަ)، ފައިސާ ދައްކާ ފަރާތުން (ވިތުހޯލްޑިންގ އޭޖެންޓް) އުނިކުރަންވާނެއެވެ.
(1) މި ޤާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށްހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މުޢާމަލާތްތަކުގެ ތެރެއިން މުޢާމަލާތެއް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކާއެކު ކުރުން؛
(2) މި ޤާނޫނުގެ 11 ވަނަ މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވާފަދަ މުޢާމަލާތެއް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކާއެކު ކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުނިކޮށްފައިވާ ޓެކުހުގެ ޢަދަދު، ވިތުހޯލްޑިންގ އޭޖެންޓް މީރާއަށް ދެއްކުމުގެ ސުންގަޑިއަކީ އަންނަނިވި ތާރީޚުތަކުގެ ތެރެއިން ކުރިން އަންނަ ތާރީޚެކެވެ.
(1) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައިވާ މުޢާމަލާތްތަކުންކުރެ މުޢާމަލާތެއްގެ ނަތީޖާއެއްގެ ގޮތުން އެއްވެސް އެސެޓެއްގެ ވެރިފަރާތްކަމުގައި ވިތުހޯލްޑިންގ އޭޖެންޓް ވާ ތާރީޚު؛
(2) އެ މުޢާމަލާތަކާ ގުޅިގެން ފައިސާ ލިބޭ ފަރާތަށް ފައިސާ ދައްކާ ތާރީޚު.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އުނިކޮށްފައިވާ ޓެކުހުގެ ޢަދަދު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މީރާއަށް ދައްކަންވާނީ މީރާއިން އެކަމަށް ކަނޑައަޅާ ފޯމަކުންނެވެ.
(ރ) މި މާއްދާގެ ދަށުން ވިތުހޯލްޑިންގ އޭޖެންޓް އުނިކުރަންޖެހޭ ޓެކްސް އުނިނުކޮށް ފައިސާ ލިބޭ ފަރާތަށް ފައިސާ ދެއްކި ނަމަވެސް، މި މާއްދާގައިވާ ގޮތުގެމަތިން ވިތުހޯލްޑިންގ އޭޖެންޓް މީރާއަށް އެ ޓެކްސް ދައްކަންވާނެއެވެ.
(ބ) ފައިސާ ލިބޭ ފަރާތަށް ވިތުހޯލްޑިންގ އޭޖެންޓް ދައްކާ ފައިސާއިން އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ފައިސާ ދައްކައިފިނަމަ އަންނަނިވި ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
(1) ފައިސާ ލިބޭ ފަރާތާއި ވިތުހޯލްޑިންގ އޭޖެންޓް އެކުއެކީގައި އަދި ވަކިވަކިން، މި މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކުހަށް ޒިންމާވުން؛
(2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ މުޢާމަލާތްތަކުންކުރެ މުޢާމަލާތެއްގެ ސަބަބުން އެއްވެސް އެސެޓެއްގެ ވެރިފަރާތަށް ވިތުހޯލްޑިންގ އޭޖެންޓް ވާ ވަގުތުން ފެށިގެން ފައިސާ ލިބޭ ފަރާތުން ދައްކަންޖެހޭ ޓެކުހަކަށް ވެގެންދިޔުން.
(ޅ) މި މާއްދާގެ ދަށުން ޓެކްސް އުނިކުރުމަށްފަހު ވިތުހޯލްޑިންގ އޭޖެންޓް މީރާއަށް އެ ޓެކްސް ދައްކައިފިނަމަ، ފައިސާ ލިބޭ ފަރާތަށް އެ ޓެކުހުގެ ޢަދަދު ވިތުހޯލްޑިންގ އޭޖެންޓް ދީފައިވާކަމަށް ބެލެވޭނެއެވެ.
(ކ) ޓެކްސް އުނިނުކޮށް ފައިސާ ލިބޭ ފަރާތަށް، ވިތުހޯލްޑިންގ އޭޖެންޓް ފައިސާ ދައްކާފައިވާ ޙާލަތުގައި، އަދި މި މާއްދާގެ (ރ) ގެ ދަށުން ވިތުހޯލްޑިންގ އޭޖެންޓް މީރާއަށް ޓެކްސް ދައްކާފައިވާނަމަ، އެގޮތުން ދެއްކި ޢަދަދާ އެއްވަރުގެ ޢަދަދެއް ފައިސާ ލިބޭ ފަރާތުގެ އަތުން ވިތުހޯލްޑިންގ އޭޖެންޓަށް ހޯދިދާނެއެވެ.
(އ) އަންނަނިވި ޙާލަތްތަކުގައި ފައިސާ ލިބޭ ފަރާތުން ޓެކްސް ދައްކާފައިވާކަމަށް ބެލެވޭނެއެވެ.
(1) މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ފައިސާ ލިބޭ ފަރާތަކަށް ދައްކާ ފައިސާއިން ވިތުހޯލްޑިންގ އޭޖެންޓް ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވުން؛
(2) މި މާއްދާގެ (ރ) ނުވަތަ (ބ) ގެ ދަށުން ޓެކްސް ދައްކާފައިވުން.
(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ލިބޭ ފަރާތުން ދައްކާފައިވާ ޓެކުހުގެ ޢަދަދަކީ، އެ ފަރާތުން އެ ހިސާބުކުރާ މުއްދަތަށް ދަންކަންޖެހޭ ޖުމްލަ ޓެކުހުގެ ޢަދަދުން އަޅައިކެނޑިދާނެ ޢަދަދެކެވެ.
(މ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ 11 ވަނަ މާއްދާގެ (ލ) ރައްދުވާ ޙާލަތުގައި، މި މާއްދާގެ ދަށުން އެ ޓެކްސް އަހަރުގައި ދައްކަންޖެހޭ ޓެކްސް، އެ ޓެކްސް އަހަރަށް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ ނިޔަލަށް ވިތުހޯލްޑިންގ އޭޖެންޓް ނުވަތަ ފައިސާ ލިބޭ ފަރާތުން ދައްކާފައިނުވާނަމަ، ޙިއްޞާ ނުވަތަ މަޞްލަޙަތު ތަޞައްރުފުކުރެވިގެންދިޔަ ކުންފުނީގެ ނުވަތަ ޕާޓްނަރޝިޕުގެ ނުވަތަ ޓްރަސްޓުގެ ވެލިއު ނިސްބަތްވާ ނުއުފުލޭ މުދަލުގެ ވެރިފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރޭޓުގައި، އެ މުޢާމަލަތާ ގުޅިގެން ޓެކްސް ދައްކަންވާނެއެވެ.
(ފ) މި މާއްދާގެ (މ) ގެ ބޭނުމަށް، ފައިނޭންސް ލީސްއެއްގެ ދަށުން ނުއުފުލޭ މުދާ ކުއްޔަށް ހިފާ ފަރާތަކީ، އެ ނުއުފުލޭ މުދަލުގެ ވެރިފަރާތް ކަމުގައި ބެލެވޭނެއެވެ.
51. އިންޓެރިމް ޕޭމަންޓާއި ފައިނަލް ޕޭމަންޓް ދައްކަން ނުޖެހޭ ބައެއް ޙާލަތްތައް
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހުން، ނުވަތަ މި ޤާނޫނުގެ 1-50 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާ މުޢާމަލާތަކުން ލިބޭ އާމްދަނީއާ ގުޅިގެން ނުވަތަ މި ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ޓެކްސް ނަގާ އާމްދަނީއާ ގުޅިގެން، އެއްވެސް އިންޓެރިމް ޕޭމަންޓެއް އަދި ފައިނަލް ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެއެވެ.
52. ޓެކްސް ދައްކާ މީހަކު މަރުވުން
(ހ) އެއްވެސް ޓެކްސް އަހަރަކަށް، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ މީހަކު ނުވަތަ ޓެކްސް ދައްކަންޖެހޭ މީހަކު އެ އަހަރުގެ ތެރޭގައި މަރުވެއްޖެނަމަ އޭނާ މަރުވި ދުވަހާ ހަމައަށް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، ޓެކްސް ބަޔާނެއް ހުށަހަޅައި އެ ދުވަހާ ހަމައަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަކީ ޝަރުޢީގޮތުން ނުވަތަ ޤާނޫނީގޮތުން ޓެކުހުގެ އިލްތިޒާމްތަކާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
(ށ) ޓެކްސް ދައްކާ މީހަކު މަރުވިއިރު އެއްވެސް ޓެކްސް ބަޔާނެއް ހުށަނާޅައި އޮވެއްޖެނަމަ ނުވަތަ އެއްވެސް ޓެކުހެއް ނުދައްކައި އޮވެއްޖެނަމަ، އެ ބަޔާން ހުށަހެޅުމަށާއި އެ ޓެކްސް ދެއްކުމަށް އަދި އެއާ ގުޅިގެން އެއްވެސް ޖޫރިމަނާއެއް ދައްކަންޖެހޭނަމަ އެ ޖޫރިމަނާ ދެއްކުމަށް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފަރާތުން ޒިންމާވާންވާނެއެވެ.
(ނ) ޓެކްސް ދައްކަންޖެހޭ މީހަކު މަރުވެއްޖެނަމަ އޭނާ މަރުވި ދުވަހުން ފެށިގެން މި މާއްދާގެ (ހ) ގެ ދަށުން ޝަރުޢީ ކޯޓަކުން ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމުގެ ނިޔަލަށް އެ ޓެކްސް ދައްކަންޖެހޭ ފަރާތުގެ މައްޗަށް ޖޫރިމަނާއެއް ނުހިގާނެއެވެ.
53. ވިތުހޯލްޑިންގ ޓެކުހުގެ ބާވަތްތައް
މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ނަގާ ވިތުހޯލްޑިންގ ޓެކްސް ބެހިގެންވަނީ އަންނަނިވި 2 (ދޭއް) ބާވަތަށެވެ.
(ހ) ވަޒީފާ ދޭ ފަރާތުން މުވައްޒަފަކަށް ދޭ އުޖޫރައިން، އެ މުވައްޒަފެއްގެ ބަދަލުގައި މި ޤާނޫނުގެ 54 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސް ("މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް").
(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާއިން، އެ ފަރާތުގެ ބަދަލުގައި، މި ޤާނޫނުގެ 55 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސް ("ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް").
54. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް
(ހ) ވަޒީފާ ދޭ ފަރާތަކުން މުވައްޒަފަކަށް ފައިސާއިން ނުވަތަ އެނޫންވެސް ގޮތަކަށް އުޖޫރައެއް ދޭނަމަ، ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި އެ އުޖޫރަ ދޭ ފަރާތުން، ކޮންމެ މަހަކު ދޭ އުޖޫރައިން، އަންނަނިވި ގޮތުގެމަތިން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.
| ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓު (މަހެއްގެ މައްޗަށް) | ޓެކްސް ރޭޓު |
| -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 0% (ސުމެއް އިންސައްތަ) |
| -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/100,000 (އެއް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ) |
| -/100,000 (އެއް ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/150,000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 8% (އަށެއް އިންސައްތަ) |
| -/150,000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް -/200,000 (ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 12% (ބާރަ އިންސައްތަ) |
| -/200,00 (ދެ ލައްކަ) ރުފިޔާއަށްވުރެ ބޮޑު | 15% (ފަނަރަ އިންސައްތަ) |
(ށ) މި މާއްދާގެ ދަށުން އުނިކުރަންޖެހޭ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހުގެ ޖުމްލައަކީ މި މާއްދާގެ (ހ) ގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓުތަކަށް ވަކިވަކިން ވިތުހޯލްޑިންގ ޓެކުހުގެ މިންވަރު ހިސާބުކުރުމުން އަންނަ ޢަދަދުތަކުގެ ޖުމްލައެވެ.
(ނ) މި ޤާނޫނުގައި ހުރި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާގުޅޭ މާއްދާތަކުގައި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކަށް މަހެއްގެ މައްޗަށް ލިބޭ އުޖޫރައިގެ ޖުމްލަ ޢަދަދުން، މި ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް، އޭނާގެ އުޖޫރައިން އެ މަހަކަށް ދައްކާ ޢަދަދު އުނިކުރުމުން އޮންނަ ޢަދަދަށެވެ.
(ރ) ވަޒީފާ ދޭ ފަރާތަކުން ނުވަތަ އެ ފަރާތުގެ ބަދަލުގައި ޙަރަކާތްތެރިވާ އެހެން ފަރާތަކުން، މުވައްޒަފަކަށް މަހެއްގެ މައްޗަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އުޖޫރަ ދޭނަމަ، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނީ އެ ގޮތުން އެ މަހެއްގައި ދެވޭ އުޖޫރައިގެ ޖުމްލައިންނެވެ.
(ބ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް ފަރާތަކަށް، ވަޒީފާ ދޭ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭނަމަ، އެ އުޖޫރައާ ގުޅިގެން އަންނަނިވި ކަންކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(1) (އުނިކުރެވިފައި)
(2) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަންޖެހެނީ ކިތައް ފަހަރުކަމާއި އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި؛
(3) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރާނެ ގޮތާއި އެ ފައިސާ ދައްކަންޖެހޭ ސުންގަޑި؛
(4) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާގުޅޭ އެނޫންވެސް ކަންކަން.
(ޅ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް މަހެއްގައި، ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި ޙަރަކާތްތެރިވާ އެހެން ފަރާތަކުން މުވައްޒަފަކަށް ދޭ އުޖޫރައިގެ ޢަދަދަކީ އެ މުވައްޒަފަށް ޢާންމުކޮށް ދޭ އުޖޫރައިގެ ޢަދަދަށްވުރެ ތަފާތު ޢަދަދެއްނަމަ، ނުވަތަ އެ އުޖޫރައަކީ ވަޒީފާގެ ޒާތުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ކޮންމެ މަހަކު އެއް މިންވަރެއްގައި ދޭ އުޖޫރައަކަށްނުވާނަމަ އެ އުޖޫރައާ ގުޅިގެން ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި ޢަމަލުކުރާނެ ގޮތް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ކ) މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީތަކަށް މި މާއްދާއެއް ނުހިނގާނެއެވެ.
55. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް
(ހ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ފައިސާއެއް ދައްކާނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އެ ފައިސާގެ ޖުމްލައިން %10 (ދިހައެއް އިންސައްތަ) އުނިކުރަންވާނެއެވެ.
(1) ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއްގެ ކުލި؛
(2) ރޯޔަލްޓީ؛
(3) އިންޓްރެސްޓް (އެ އިންޓްރެސްޓް ދައްކަނީ މީރާއިން ޤަބޫލުކުރާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ކަމަށްނުވާނަމަ)؛
(4) ޑިވިޑެންޑް؛
(5) ޓެކްނިކަލް ސަރވިސް ފީ؛
(6) ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތަކަށް ދައްކާ ކަމިޝަން؛
(7) ދިވެހިރާއްޖޭގައި މުނިފޫހިފިލުވައިދޭ މީހުންގެ ޙަރަކާތްތަކަށް ދައްކާ ފައިސާ؛
(8) ދިވެހިރާއްޖޭގައި ދިރާސާކުރުމާއި ތަރައްޤީކުރުމަށް (ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށް) ދައްކާ ފައިސާ؛
(9) (އުނިކުރެވިފައި)
(10) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައްކާ ފައިސާ.
(ށ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އެ ފައިސާގެ ޖުމްލައިން %5 (ފަހެއް އިންސައްތަ) އުނިކުރަންވާނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށް:
(1) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ ދައްކާއިރު އެ ފައިސާ ލިބޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމަށް، އެ ފައިސާ ދައްކާ ފަރާތަށް އެނގެން ނެތް ނަމަ، އެ ފައިސާ ލިބޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތެއް ކަމަށް ބަލައި ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.
(2) ސޮފްޓްވެއަރއެއްގެ ކޮޕީރައިޓެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ޙައްޤު ލިބިގަތުމަށް ދައްކާ "ރޯޔަލްޓީ" ގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ކޮޕީރައިޓް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ޙައްޤު ލިބިގަތުމަށް ދައްކާ ފައިސާއެވެ.
i. ކަސްޓަމައިޒްކޮށްފައިވާ ސޮފްޓްވެއަރގެ ކޮޕީރައިޓް؛ ނުވަތަ؛
ii. ރޯޔަލްޓީ ދައްކާ ފަރާތުން އިޚްތިޔާރުކުރާ ގޮތަކަށް ބޭނުން ހިފުމުގެ ޙައްޤު ލިބިފައިވާ ކޮޕީރައިޓް؛ ނުވަތަ
iii. ރޯޔަލްޓީ ދައްކާ ފަރާތުން ކޮޕީކުރުމުގެ ނުވަތަ ބަދަލުކުރުމުގެ ނުވަތަ ރިވަރސް އިންޖިނިއަރ ކުރުމުގެ ނުވަތަ ޑީކޮމްޕައިލް ކުރުމުގެ ޙައްޤު ލިބިފައިވާ ސޮފްޓްވެއަރގެ ކޮޕީރައިޓް.
(3) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި މުވައްޒަފެއްގެ ގޮތުގައި ނޫން ގޮތަކަށް، ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން:
i. ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށް؛ ނުވަތަ
ii. އެހެން ފަރާތެއްގެ ޚިދުމަތެއް ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ނުވަތަ ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުގެ ހުއްދަ ދޭ ފަރާތަކަށެވެ.
(4) "ރީއިންޝުއަރެންސް ޕްރީމިއަމް" ކަމަށް ބުނެފައި އެވަނީ، އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތަކާއެކު އިންޝުއަރެންސް ކޮންޓްރެކްޓެއް (އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތަށް، ވަކި ރިސްކަކާ ގުޅިގެން އެ ކޮންޓްރެކްޓުގެ ދަށުން އެއްވެސް ވަރެއްގެ ބަދަލެއް ދެވޭ ކޮންޓްރެކްޓެއް) ހަދާ ފަރާތަކަށް، އެ ކޮންޓްރެކްޓާ ގުޅިގެން ދައްކާ ޕްރީމިއަމަށެވެ.
(5) "މުނިފޫހި ފިލުވައިދޭ މީހުން" ކަމަށް ބުނެފައި އެވަނީ، ސްޓޭޖް، ރޭޑިއޯ ނުވަތަ ޓެލެވިޜަން ނުވަތަ އިންޓަރނެޓްގެ ޒަރިއްޔާއިން ޙަރަކާތްތެރިވާ މީހުންނާއި، މިއުޒިކު ކުޅޭ މީހުންނާއި، ކުޅިވަރު ކުޅުންތެރިންނާއި، އެ ފަދަ ފަންނެއް ނުވަތަ މަސައްކަތެއްގައި ޙަރަކާތްތެރިވާ މީހުންނަށެވެ.
(ރ) މި މާއްދާގެ ބޭނުމަށް:
(1) "ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތަކަށް ދައްކާ ކަމިޝަން" ގެ ތެރޭގައި ބޭންކެއް މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކޮށްދިނުމަށާއި ޖަމާކުރުމަށް ބޭންކުން ނަގާ ކަމިޝަނާއި ބޭންކުން ދޫކޮށްފައިވާ ކާޑު ބޭނުންކުރުމަށް ބޭންކުން ނަގާ ކަމިޝަނެއް ނުހިމެނޭނެއެވެ.
(2) "ރޯޔަލްޓީ" ގެ މާނައިގެ ތެރޭގައި މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ނަގާ އިންޓަރ-ކެރިއަރ ޗާޖެއް ނުހިމެނޭނެއެވެ.
(3) "އިންޝުއަރެންސް ޕްރީމިއަމް" ގެ މާނައިގެ ތެރޭގައި ރީ-އިންޝުއަރެންސް ޕްރީމިއަމްއެއް ނުހިމެނޭނެއެވެ.
(ބ) އަންނަނިވި ބާވަތްތަކުގެ ފައިސާއަކަށް މި މާއްދާއެއް ނުހިނގާނެއެވެ.
(1) ދައުލަތުގެ އޮފީހަކުން ދައްކާ ފައިސާ؛
(2) ޤާނޫނު ނަންބަރު 15/2011 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕްރޮގްރާމްތައް ހިންގުމަށް އެ ޤާނޫނުގެ ދަށުން ޙަވާލުކުރެވޭ ފަރާތްތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާ؛
(3) މި ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ ފައިސާ.
56. ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާ ކަމަށް ބެލުން
(ހ) މި ޤާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގޭ ފައިސާއަކުން، އެ ފައިސާ ދައްކާ ފަރާތުން ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިނުވި ނަމަވެސް، އެ ފައިސާ ދައްކާފައިވަނީ އެ މާއްދާތަކުގެ ދަށުން އުނިކުރަންޖެހޭ ވިތުހޯލްޑިންގ ޓެކްސް އުނިކުރުމަށްފަހުގައި ކަމަށް ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އެ މުޢާމަލާތުން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކުހުގެ ޢަދަދު ހިސާބުކުރާނެ ގޮތް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
57. ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމާއި ވިތުހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމުވުން
(ހ) މި ޤާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ ދަށުން އެއްވެސް މަހެއްގައި ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަރާތަކުން، ކޮންމެ މަހަކަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއަށް ޓެކްސް ބަޔާނެއް ހުށަހަޅައި، އެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކޮށްފައިވާ ވިތުހޯލްޑިންގ ޓެކުހުގެ ޢަދަދު މީރާއަށް ދައްކަންވާނެއެވެ.
(ށ) ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއެއް ދައްކާ ފަރާތަކުން، މި ޤާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ވިތުހޯލްޑިންގ ޓެކުހުގެ ޢަދަދު އުނިކޮށްފައިނުވި ނަމަވެސް، މި މާއްދާގެ (ހ) އަށް ޢަމަލުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންވާނީ މީރާއިން އެ ކަމަށް ކަނޑައަޅާ ފޯމަކުންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ބަޔާންތައް ތައްޔާރުކުރަންވާނީ އަދި ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފައިސާއަކުންނެވެ.
58. ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމާއި ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގެ ސުންގަޑި
މި ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ މި ޤާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާ ދައްކާ މަހާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
59. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން
(ހ) ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި ޙަރަކާތްތެރިވާ އެހެން ފަރާތަކުން (އުޖޫރަ ދޭ ފަރާތުން) އެއްވެސް މަހެއްގައި، މުވައްޒަފުންނަށް ދޭ އުޖޫރައިން މި ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނަމަ، މި ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ނިޔަލަށް، އުޖޫރަ ދޭ ފަރާތުން މީރާއަށް ބަޔާނެއް (މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން) ހުށަހަޅަންވާނެއެވެ.
(ށ) އުޖޫރަ ދޭ ފަރާތުން ކޮންމެ ޓެކްސް އަހަރަކަށްވެސް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން ތައްޔާރުކޮށްފައިވާ، ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާނެއް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ބަޔާންތައް ހުށަހަޅަންވާނީ މީރާއިން އެ ކަމަށް ކަނޑައަޅާ ފޯމަކުންނެވެ.
60. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން
(ހ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ނުވަތަ އެ ފަރާތުގެ ބަދަލުގައި ޙަރަކާތްތެރިވާ އެހެން ފަރާތަކުން އެއްވެސް މަހެއްގައި، މި ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ފައިސާއެއް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާނަމަ، މި ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ނިޔަލަށް، ފައިސާ ދެއްކި ފަރާތުން މީރާއަށް ބަޔާނެއް ("ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން") ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންވާނީ މީރާއިން އެ ކަމަށް ކަނޑައަޅާ ފޯމަކުންނެވެ.
61. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަކީ ފައިނަލް ޓެކުހަކަށްވުން
މި ޤާނޫނުގެ 50 ވަނަ މާއްދާގެ (ނ) އާ ޚިލާފުނުވާ ގޮތުގެމަތިން، މި ޤާނޫނުގެ 55 ވަނަ މާއްދާ ގައި ބަޔާންކުރާ ޙާލަތްތަކުގައި، މި ޤާނޫނުގެ 5 ވަނަ މާއްދާއަށް ޢަމަލުކުރާކަށް ނުޖެހޭނެއެވެ. އަދި މި ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ނަގާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަކީ އެ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ ޢަދަދު ކަމަށް ބެލެވޭނެއެވެ.
62. ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓް
(ހ) މި ޤާނޫނުގެ 54 ވަނަ މާއްދާ ނުވަތަ 55 ވަނަ މާއްދާގެ ދަށުން ދައްކާ ވިތުހޯލްޑިންގ ޓެކްސް، އެ ޓެކްސް އުނިކުރާ ފަރާތުން އެދިއްޖެނަމަ، އަންނަނިވި މަޢުލޫމާތު ހިމެނޭ ސެޓްފިކެޓެއް، އެ ސެޓްފިކެޓަށް އެދޭ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މީރާއިން ދޫކުރަންވާނެއެވެ. ވިތުހޯލްޑިންގ ޓެކްސް ދައްކާ ފަރާތަށް، އެ ފަރާތަކުން އެދިއްޖެނަމަ، ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓް ދިނުމަކީ ވިތުހޯލްޑިންގ ޓެކްސް އުނިކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެންނަމަވެސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރާ ފަރާތުން އެ ސެޓްފިކެޓް ވިތުހޯލްޑިންގ ޓެކްސް ދައްކާ ފަރާތަށް ދިނުމަށް އިންކާރުކުރާނަމަ، އެ ސެޓްފިކެޓް ފޯރުކޮށްދިނުމަށް އެދިފައިވާކަން ހެއްކާއެކު މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދައްކާ ފަރާތުން ހުށަހެޅުމުން، އެ ސެޓްފިކެޓް ވިތުހޯލްޑިންގ ޓެކްސް ދައްކާ ފަރާތަށް މީރާއިން ދޫކުރަންވާނެއެވެ.
(1) ވިތުހޯލްޑިންގ ޓެކްސް ނަގާފައިވާ އާމްދަނީ ލިބުނު ފަރާތް؛
(2) ވިތުހޯލްޑިންގ ޓެކްސް ނަގާފައިވާ އާމްދަނީ ލިބުނު ފަރާތަށް އެ ފައިސާ ދެއްކި ފަރާތް؛
(3) (އުނިކުރެވިފައި)
(4) ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި މީރާއަށް ދެއްކި ޖުމްލަ ޢަދަދު؛
(5) މި މާއްދާގެ ދަށުން ހުށަހެޅުމަށް އަންގާފައިވާ މަޢުލޫމާތު ނިސްބަތްވާ އަހަރު؛
(6) އެ ސެޓްފިކެޓް ދޫކުރާ ތާރީޚު.
(ށ) މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދެއްކި ފަރާތުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ނިސްބަތްވާ ޓެކްސް އަހަރާ ޖެހިގެން އަންނަ ޓެކްސް އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ވިތުހޯލްޑިންގ ޓެކްސް ނެގުނު ފައިސާ ލިބެންޖެހޭ ފަރާތަކުން އެދިއްޖެނަމަ، އެ ސެޓްފިކެޓް އެ ފަރާތަށް ފޮނުވަންވާނެއެވެ.
63. ކުރިއަށް ހުރި މުއްދަތުތަކުގައި ދައްކާ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް އުނިކުރުން
(ހ) މި ޤާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއަކުން ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިނުވާނަމަ، އެ ފައިސާ ދައްކާ ފަރާތުން އެ ފައިސާ ލިބޭ ފަރާތަށް އިތުރަށް ދައްކަންހުރި ފައިސާއިން، އެ މުޢާމަލާތާގުޅޭ ވިތުހޯލްޑިންގ ޓެކުހުގެ ޢަދަދު އުނިކުރެވިދާނެއެވެ.
(ށ) މި ޤާނޫނުގެ އެހެން އެއްވެސް މާއްދާއަކަށް ޢަމަލުކުރުމަކަށް، މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
64. ރަޖިސްޓަރީކުރުމުގެ ޒިންމާ
(ހ) މި ޤާނޫނު އެ ފަރާތެއްގެ މައްޗަށް ހިނގާނެ ކަމަށް މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި ޤާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި ކޮންމެ ފަރާތަކުންވެސް، މި ޤާނޫނުގެ 65 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މި ޤާނޫނުގެ ބޭނުމަށް މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެ ފަރާތެއް މީރާގައި ރަޖިސްޓަރީކުރުމަށްފަހު، އެ ކަން އެ ފަރާތަކަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި މި ގޮތުގެމަތިން ރަޖިސްޓަރީކުރުމަކުން، މި ޤާނޫނުގެ 65 ވަނަ މާއްދާއަށް އެ ފަރާތުން ޢަމަލުނުކުރުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާއަކުން ނުވަތަ ދެވޭ އަދަބަކުން އެ ފަރާތް ބަރީއަވެގެންނުވެއެވެ.
65. ރަޖިސްޓަރީކުރުމަށް ހުށަހެޅުން
(ހ) މި ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓަރީކުރުމަށް އަންނަނިވި މުއްދަތުތަކުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވި ނަމަވެސް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ފަރާތެއްނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި؛
(2) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާމުންދާ މުވައްޒަފަކަށް އެ ވަޒީފާ ދިން ފަރާތުން، އެ ފަރާތާއި އެ މުވައްޒަފު ރަޖިސްޓަރީކުރުމަށް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި؛
(3) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އަދި މި ޤާނޫނަށް ޢަމަލުކުރަށް ފަށާ ދުވަހު ދިވެހިރާއްޖެއިން ބޭރުން އާމްދަނީ ލިބޭ ފަރާތެއްނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި؛
(4) މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ދިވެހިރާއްޖެއިން އާމްދަނީ ލިބެން ފަށާ ފަރާތެއްނަމަ، އެ ގޮތުން އާމްދަނީ ލިބެން ފަށާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި؛
(5) މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ދިވެހިރާއްޖޭގައި ހުއްދައެއްލިބިގެން ވިޔަފާރިކުރަން ފަށާ ފަރާތެއްނަމަ، އެ ގޮތުން ކަމާބެހޭ އިދާރާއަކުން އެ ހުއްދައެއް ދޫކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި؛
(6) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފަކަށް މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ވަޒީފާ ދޭ ފަރާތެއްނަމަ، އެ ފަރާތާއި އެ މުވައްޒަފު ރަޖިސްޓަރީކުރުމަށް، އެ ގޮތުން ވަޒީފާ ދޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި؛
(7) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ދިވެހިރާއްޖެއިން ބޭރުން އާމްދަނީ ލިބެން ފަށާ ފަރާތެއްނަމަ، އެ ގޮތުން އާމްދަނީ ލިބެން ފަށާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް ފަރާތަކުން މި ޤާނޫނުގެ ދަށުން ޓެކުހެއް ދެއްކުމަށް ނުވަތަ ޓެކްސް ބަޔާނެއް ހުށަހެޅުމަށް ލާޒިމުކުރާނަމަ، އެ ގޮތުން ފުރަތަމަ ޓެކްސް ދައްކަންޖެހޭ ދުވަހުގެ ނުވަތަ ފުރަތަމަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ކުރިން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވަޒީފާ ދޭ ފަރާތަކުން އެ ފަރާތުގެ މުވައްޒަފަކާގުޅޭ ގޮތުން އެއްވެސް ޓެކުހެއް ދެއްކުމަށް ނުވަތަ ޓެކްސް ބަޔާނެއް ހުށަހެޅުމަށް މި ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާނަމަ، އެ ގޮތުން ފުރަތަމަ ޓެކްސް ދައްކަންޖެހޭ ދުވަހުގެ ނުވަތަ ފުރަތަމަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ކުރިން އެ މުވައްޒަފަކު މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން، މުވައްޒަފަކު މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ދުވަހު، މި މާއްދާގެ (ހ) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފެއްގެ މައްޗަކަށް މި މާއްދާގެ (ށ) އާއި (ނ) އާއި (ބ) އެއް ނުހިނގާނެއެވެ.
(ބ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގާ އާމްދަނީ ލިބޭ ފަރާތަކުން ނުވަތަ ޓެކްސް ނަގާ ބާވަތެއްގެ ފައިސާއެއް ދައްކާ ފަރާތަކުން ރަޖިސްޓަރީކުރުމުގެ ކުރިން އެ ފަރާތަކަށް އާމްދަނީއެއް ލިބިފައިވީ ނަމަވެސް ނުވަތަ ފައިސާއެއް ދައްކާފައިވީ ނަމަވެސް، އެ އާމްދަނީން ނުވަތަ އެ ފައިސާއިން ޓެކްސް ނެގޭނެއެވެ.
66. ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުމާގުޅޭ ޢާންމު އުސޫލު
(ހ) މި މާއްދާ ހިނގާނީ، އެއްވެސް އިންތިޒާމެއްގެ ނުވަތަ މުޢާމަލާތެއްގެ އެއް މަޤްޞަދަކީ އެއްވެސް ޓެކްސް ހިސާބުކުރާ މުއްދަތެއްގައި ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުންކަމުގައި، އެކަށީގެންވާ ސަބަބުތަކާއެކު ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނަމައެވެ.
(ށ) ޓެކްސް ދެއްކުމުން އެއްކިބާވުމުގެ އިންތިޒާމެއްގެ ނުވަތަ މުޢާމަލާތެއްގެ ދަށުން ނުވަތަ އެ ފަދަ އިންތިޒާމެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ޓެކުހާ ގުޅިގެން ފައިދާއެއްވެފައިވާނަމަ، އެކަމާ ގުޅިގެން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 39 ވަނަ މާއްދާގެ ދަށުން ޢަދަދެއް ކަނޑައެޅުމުގެ ނުވަތަ އެނޫންވެސް ގޮތަކުން އެ އިންތިޒާމެއް ބާޠިލުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ. މިގޮތުން ކޮމިޝަނަރ ޖެނެރަލް ޢަދަދެއް ކަނޑައަޅައިފިނަމަ، އެކަން ޓެކްސް ދައްކާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
67. ގުޅުން ހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ އިންތިޒާމުތައް ނުވަތަ މުޢާމަލާތްތައް
(ހ) ދެ ފަރާތެއްގެ ދެމެދުގައި ކުރެވޭ އިންތިޒާމަކާ ނުވަތަ މުޢާމަލާތަކާ ގުޅިގެން މި މާއްދާ ހިނގާނީ އަންނަނިވި ޙާލަތްތަކުގައެވެ.
(1) އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކުރެވުނީ ގުޅުންހުރި ދެ ފަރާތެއްގެ ދެމެދުގައި ކަމަށްވުން؛ އަދި
(2) އެ ފަރާތްތަކުގެ މެދުގައި ކުރެވުނު އިންތިޒާމު ނުވަތަ މުޢާމަލާތް ކޮށްފައިވަނީ އާމްސް ލެންތުގެ އުސޫލުތަކާ އެއްގޮތަކަށް ކަމަށްނުވުން؛ އަދި
(3) އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކުރެވުނީ އާމްސް ލެންތުގެ އުސޫލާ އެއްގޮތަށްނަމަ އޭގެ ނަތީޖާއަކީ އަންނަނިވި ކަންތައްތަކުންކުރެ ކަމަކަށްވުން:
i. ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތްތަކުންކުރެ ފަރާތެއްގެ އާމްދަނީ އިތުރުވުން؛ ނުވަތަ
ii. ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތްތަކުންކުރެ ފަރާތަކަށް ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ ޢަދަދު ކުޑަވުން؛ ނުވަތަ
iii. ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތްތަކުންކުރެ ފަރާތަކަށް ވެފައިވާ ގެއްލުމުގެ ޢަދަދު ކުޑަވުން؛ ނުވަތަ
iv. ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތްތަކުންކުރެ ފަރާތަކަށް ލިބޭ ޓެކްސް ކްރެޑިޓްގެ ޢަދަދު ކުޑަވުން.
(ށ) ހިސާބުކުރާ މުއްދަތެއްގައި އެއްވެސް ފަރާތެއްގެ މައްޗަށް މި މާއްދާ ހިނގާނަމަ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ (އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ޙަޤީޤަތުގައި ހިނގި ގޮތް ތަފާތު ނަމަވެސް) އާމްސް ލެންތުގެ އުސޫލުތަކާ އެއްގޮތަށެވެ.
(ނ) މި މާއްދާ އެ މައްޗަށް ހިނގާ ފަރާތަކުން، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކޮށްފައިވަނީ މި މާއްދާގެ (ށ) އާ އެއްގޮތަށް ކަމަށްނުވާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ނުވަތަ ގޮތްތަކަކަށް މީރާއަށް ޢަމަލުކުރެވިދާނެއެވެ.
(1) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުގެ އާމްދަނީގެ ޢަދަދު އިތުރުކުރުން؛
(2) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (ii) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭނެ ޢަދަދު ކުޑަކުރުން؛
(3) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (iii) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ޢަދަދު ކުޑަކުރުން.
(4) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ (iv) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަށް ލިބިފައިވާ ޓެކްސް ކްރެޑިޓްގެ ޢަދަދު ކުޑަކުރުން.
(ރ) އެއްވެސް ފަރާތަކުން ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިއެއްކުރާނަމަ، މި މާއްދާއަށް ޢަމަލުކުރުމުގައި ބަލާނީ އެ ފަރާތާއި އެ ދާއިމީ މަރުކަޒަކީ ވަކި، ދެ ފަރާތްކަމުގައެވެ.
68. ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއްގައި މި މާއްދާ ރައްދެއް ނުވާނެއެވެ.
(1) އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކޮށްފައިވަނީ ޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ގިންތިކުރެވޭ ފަރާތަކުން ކަމަށްވުން؛ ނުވަތަ
(2) އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކޮށްފައިވަނީ އިސްތިސްނާވާ އާމްދަނީއަކާ ގުޅިގެން ކަމަށްވުން.
(3) އެ އިންތިޒާމު ނުވަތަ މުޢާމަލާތަކީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އިސްތިސްނާ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކަމުގައިވުން.
(ށ) މި ޤާނޫނުގެ ދަށުން އާމްދަނީން ނަގާ ޓެކްސް ދައްކާ ކޮންމެ ފަރާތަކުންމެ އެ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރާ ކޮންމެ މުޢާމަލާތަކާގުޅޭ، އަންނަނިވި މަޢުލޫމާތު ހިމެނޭ، ލިޔެކިޔުންތައް ([ޓްރާންސްފަރ ޕްރައިޒިންގ ޑޮކިއުމެންޓްސް])، ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.
(1) އެ މުޢާމާލަތުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އޮތް މާލީ އަދި ވިޔަފާރި ގުޅުމުގެ ތަފުސީލު؛ އަދި
(2) އެ މުޢާމަލާތް ކުރުމުގައި އެ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޝަރުޠުތައް؛ އަދި
(3) އެ މުޢާމާލަތަކީ އާމްސް ލެންތުގެ އުސޫލަށް ފެތޭ މުޢާމަލާތެއް ކަމަށް ދެކޭ ސަބަބުތައް؛ އަދި
(4) އެ މުޢާމާލަތާގުޅޭ ގޮތުން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން މަޢުލޫމާތު.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ތައްޔާރުކޮށް ބަލަހައްޓަންޖެހޭ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން، އެ މުޢާމަލާތެއް ނިސްބަތްވާ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑީގެ ނިޔަލަށް ތައްޔާރުކޮށް ނިންމަންވާނެއެވެ. އަދި، މީރާއިން ކަނޑައަޅާ ސުންގަޑިއެއްގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.
69. ކުޑަކުދިންނާގުޅޭ ކަންކަން
(ހ) އެ މުދަލަކުން އާމްދަނީ ލިބޭ މުދަލެއް، އެއްވެސް ޓެކްސް އަހަރެއް ފެށޭއިރު މީލާދީ ގޮތުން 18 (އަށާރަ) އަހަރުނުވާ ކުއްޖެއްގެ ނަމަށް ބަދަލުކޮށްފިނަމަ، އެ މުދަލުން ލިބޭ އާމްދަނީ ލިބޭ ކަމަށް ބަލާނީ އެ މުދާ އެ ކުއްޖާގެ ނަމަށް ބަދަލުކުރި ފަރާތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތްތަކުގައި، މި ޤާނޫނުން ލާޒިމުކުރާ އެއްވެސް ކަމެއް ކުރުމަށް އެ ކުއްޖާ ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި އެ ކަންކަމަށް ޒިންމާވާނީ އެ މުދާ އެ ކުއްޖާގެ ނަމަށް ބަދަލުކުރި ފަރާތަކުންނެވެ.
(ނ) އެއްވެސް ޓެކްސް އަހަރެއް ފެށޭއިރު މީލާދީ ގޮތުން 18 (އަށާރަ) އަހަރުނުވާ ކުއްޖަކަށް އާމްދަނީއެއް ލިބޭނަމަ، މި ޤާނޫނުގެ ބޭނުމަށް އެ އާމްދަނީއެއް ލިބޭ ކަމަށް ބެލެވޭނީ، ގަވާއިދުތަކާ އެއްގޮތަށް ކަނޑައަޅާ ނުވަތަ ޢައްޔަންކުރެވޭ އެ ކުއްޖާގެ ޤާނޫނީ ބެލެނިވެރިޔާއަށެވެ.
70. ކޮންޓްރޯލްޑް ފޮރިން އެންޓިޓީޒް
(ހ) މި މާއްދާ ހިނގާނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޓްރަސްޓެއް ނުވަތަ އެނޫންވެސް ޝަޚްޞެއް ("ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞެއް") ކޮންޓްރޯލްކުރަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ 5 (ފަހެއް) ނުވަތަ އެއަށްވުރެ މަދު ފަރާތްތަކަކަށް ވެއްޖެނަމައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞެއްގެ %10 (ދިހައެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު ޙިއްޞާއެއް އޮތް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކުންމެ، އެ ޝަޚްޞެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރެއިން އެ ފަރާތެއްގެ ޙިއްޞާ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރޭގައި ހިމަނަންވާނެއެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ޙިއްސާ / ޙިއްސާގެ ޖުމުލަ × ޓެކްސް ބިނާކުރެވޭ އާމްދަނީ
(1) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ޙިއްޞާ" އަކީ:
i. ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއް ނުވަތަ ޕާޓްނަރޝިޕެއްނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ޙިއްޞާގެ ރައުސްމާލުގެ އެވްރެޖް، ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ވޯޓުދިނުމުގެ ޙައްޤުގެ އެވްރެޖް، މިއިން ބޮޑު ޢަދަދެއް (ކޮންމެ ދުވަހަކަށް ވަކިން ހިސާބުކޮށްފައި) އެވެ.
ii. ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއް ނުވަތަ ޕާޓްނަރޝިޕެއް ނޫންނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ޝަޚްޞެއްގެ ރައުސްމާލުގައި އޮތް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ މަޞްލަޙަތުގެ އެވްރެޖް (ކޮންމެ ދުވަހަކަށް ވަކިން ހިސާބުކޮށްފައި) އެވެ.
iii. ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞަކީ ފިކްސްޑް ޓްރަސްޓެއްނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ޓްރަސްޓުގެ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ބެނިފިޝަރީގެ މަޞްލަޙަތުގެ އެވްރެޖް، އަދި ޑިސްކްރެޝަނަރީ ޓްރަސްޓެއްނަމަ، އެ ޓްރަސްޓުގެ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ސެޓްލަރގެ މަޞްލަޙަތުގެ އެވްރެޖްއެވެ.
(2) "ޙިއްޞާގެ ޖުމްލަ" އަކީ:
i. ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއް ނުވަތަ ޕާޓްނަރޝިޕެއްނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ޝަޚްޞެއްގެ ޙިއްޞާގެ ރައުސްމާލުގެ އެވްރެޖް، ނުވަތަ އެ ޝަޚްޞެއްގެ ވޯޓުދިނުމުގެ ޙައްޤުގެ އެވްރެޖް (ކޮންމެ ދުވަހަކަށް ވަކިން ހިސާބުކޮށްފައި) އެވެ.
ii. ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއް ނުވަތަ ޕާޓްނަރޝިޕެއް ނޫންނަމަ، އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އެ ޝަޚްޞެއްގެ ކެޕިޓަލުގައި މަޞްލަޙަތު އޮތް ހުރިހާ ފަރާތްތަކުގެ ޙިއްޞާގެ އެވްރެޖް (ކޮންމެ ދުވަހަކަށް ވަކިން ހިސާބުކޮށްފައި) އެވެ.
iii. ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞަކީ ޓްރަސްޓެއްނަމަ، އެ ޓްރަސްޓުގެ ޓްރަސްޓީންގެ ތެރެއިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓީންގެ ޖުމްލައެވެ.
(3) "ޓެކްސް ބިނާކުރެވޭ އާމްދަނީ" އަކީ މި ޤާނޫނުގެ ދަށުން ހިސާބުކުރާ ޖުމްލަ އާމްދަނީން އުނިކުރުމަށް މި ޤާނޫނުން ހުއްދަކުރާ އުނިކުރުންތަކާއި މި ޤާނޫނުގެ 33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެއްލުން އުނިކުރުމުން އޮންނަ އާމްދަނީއެވެ.
(ރ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި މާއްދާގެ ދަށުން ހިމަނާފައިވާ އެއްވެސް ޢަދަދެއް، ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞުން އެ އާމްދަނީ ބެހުމުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަށް ލިބުނުކަމުގައިވިޔަސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރޭގައި ހިމަނައިގެން ނުވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ޢަދަދު ބެލުމުގައި، ގުޅުން ހުރި ފަރާތްތަކަކީ އެއް ޙިއްޞާދާރެއް ކަމަށް ބެލެވޭނެއެވެ.
(ޅ) މި މާއްދާގެ (ނ) ގެ ބޭނުމަށް، ދިވެހިރާއްޖެއިން ބޭރުގެ ޝަޚްޞެއްގެ ކެޕިޓަލުގެ %10 (ދިހައެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު ޙިއްޞާއެއް އޮތްކަމަށް ކަނޑައެޅުމުގައި ބަލާނީ، އެ ޝަޚްޞެއްގެ ކެޕިޓަލުގައި މަޞްލަޙަތު އޮތް ހުރިހާ ގުޅުންހުރި ފަރާތްތަކުގެ ޙިއްޞާގެ ޖުމްލައަށެވެ.
71. ތިން-ކެޕިޓަލައިޒޭޝަން
(ހ) އަންނަނިވި ފަރާތްތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ.
(1) މި ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭންކުތައް؛
(2) އިންޝުއަރެންސް ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ނުވަތަ ފައިނޭންސްގެ ވިޔަފާރިކުރުމަށް ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު-ނޫން މާލީ އިދާރާތައް؛
(3) ޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ގިންތިކުރެވޭ ފަރާތްތައް؛ އަދި
(4) އެ ކުންފުންޏެއްގެ ޙިއްޞާގެ ރައުސުލްމާލުގެ ނިސްބަތުން ބޮޑު ބައި ދިވެހިސަރުކާރުން ސީދާ ގޮތުން ޙިއްޞާކުރާ ކުންފުނިތައް.
(ށ) ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކަކަށް، ނުވަތަ އިންޝުއަރެންސް ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ކުރުމަށް ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު-ނޫން މާލީ އިދާރާއަކަށް ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުގެ ޖުމްލަ ޢަދަދަކީ އެ ފަރާތުގެ އެ މުއްދަތުގެ އިންޓްރެސްޓް ކެޕޭސިޓީއަށްވުރެ އިތުރު ޢަދަދެއްނަމަ، އެ އިތުރުވާ ޢަދަދު އެ ފަރާތުގެ އެ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުންޏެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އުނިނުކޮށް ދޫކޮށްލަންޖެހޭ އިންޓްރެސްޓަކީ ކުރިޔަށް ހުރި ހިސާބުކުރާ މުއްދަތުތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ ޢަދަދެކެވެ. އަދި މި ގޮތުން އުނިކުރެވޭނީ އެ އިންޓްރެސްޓް އުނިކުރާ ހިސާބުކުރާ މުއްދަތެއްގެ އިންޓްރެސްޓް ކެޕޭސިޓީއަށްވުރެ އިތުރުނުވާ ގޮތުގެމަތިންނެވެ.
(ރ) އުނިނުކޮށް ދޫކޮށްލަންޖެހޭ އިންޓްރެސްޓެއް މި މާއްދާގެ (ނ) ގެ ދަށުން އުނިކުރާނަމަ އެ ގޮތުން އުނިކުރަމުން ގެންދެވޭނީ އެ އިންޓްރެސްޓް އުނިނުކޮށް ދޫކޮށްލަންޖެހުނު ހިސާބުކުރާ މުއްދަތު ނިމުނު ތާރީޚުން ފެށިގެން ގިނަވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ.
(ބ) ހިސާބުކުރާ މުއްދަތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި މާއްދާގެ (ށ) އަދި (ނ) އާ އެއްގޮތްވާ ގޮތުގެމަތިން އިންޓްރެސްޓް އުނިކުރެވޭނީ އަންނަނިވި ތަރުތީބުންނެވެ.
(1) އުނިނުކޮށް ދޫކޮށްލަންޖެހުނު އިންޓްރެސްޓް (ކުރިން އުނިނުކޮށް ދޫކޮށްލަންޖެހުނު އިންޓްރެސްޓް ކުރިން އުނިކުރާ އުސޫލުން)؛
(2) އެ ހިސާބުކުރާ މުއްދަތުގެ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ އިންޓްރެސްޓުގެ ޢަދަދު.
(ޅ) މި މާއްދާގެ ބޭނުމަށް:
(1) [އިންޓްރެސްޓް] ކަމަށް ބުނެފައި އެވަނީ، އެންމެހައި ބާވަތްތަކުގެ ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އިންޓްރެސްޓާއި އިޤްތިޞާދީ ނަޒަރުން ބަލާއިރު އިންޓްރެސްޓާ އެއްފަދަ ފައިސާ އާއި ފައިނޭންސް ހޯދުމަށް ކުރާ ޚަރަދުތައް (އެރޭންޖްމަންޓް ފީ އަދި ގެރެންޓީ ފީ ހިމެނޭ ގޮތުން) އަށެވެ.
(2) [އިންޓްރެސްޓް ކެޕޭސިޓީ] ކަމަށް ބުނެފައި އެވަނީ، އެ ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްސް-އެބިޓްޑާ ގެ %30 (ތިރީސް އިންސައްތަ) އަށެވެ.
(3) [އުނިނުކޮށް ދޫކޮށްލަންޖެހޭ އިންޓްރެސްޓް] ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ށ) ގެ ދަށުން، އެ ފަރާތުގެ އިންޓްރެސްޓް ކެޕޭސިޓީއަށްވުރެ އިތުރުވުމުގެ ސަބަބުން އުނިނުކުރެވޭނެ ކަމަށް އެ އަކުރުގައި ބަޔާންކޮށްފައިވާ ޢަދަދަށެވެ.
(4) [ދަރަނި] ކަމަށް ބުނެފައި އެވަނީ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ އިންޓްރެސްޓް، ކޫޕަން، ޑިސްކައުންޓް ނުވަތަ އެހެންވެސް ފައިނޭންސް ޗާޖެއް ހިމެނޭ ކޮންމެ ލޯނަކަށް، ފައިނޭންޝަލް އިންސްޓްރޫމަންޓަކަށް، ފައިނޭންސް ލީސްއަކަށް، ފައިނޭންޝަލް ޑެރިވެޓިވްއަކަށް ނުވަތަ އިންތިޒާމަކަށެވެ.
(5) [ޓެކްސް-އެބިޓްޑާ] ކަމަށް ބުނެފައި އެވަނީ، އެ މުއްދަތުގައި މި ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އޮންނަ ފައިދާ ނުވަތަ ގެއްލުމަށް އަންނަނިވި ޢަދަދުތައް އެއްކުރުމުން އަންނަ ޢަދަދަށެވެ.
i. މި ޤާނޫނުގެ 22 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެމަތިން އުނިކުރެވޭ އިންޓްރެސްޓް؛ އަދި
ii. މި ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް.
72. ދިވެހިރާއްޖެއިން ބޭރުގައި ދައްކާ ޓެކުހަށް ދެވޭ ކްރެޑިޓް
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ދިވެހިރާއްޖެއިން ބޭރުން ލިބިފައިވާ އާމްދަނީއަކުން އެހެން ޤައުމެއްގައި ނުވަތަ ސަރަޙައްދެއްގައި ޓެކްސް ދައްކާފައިވާނަމަ، އަދި އެ އާމްދަނީއަކީ މި ޤާނޫނުގެ ދަށުން އެއްވެސް ހިސާބުކުރާ މުއްދަތެއްގައި ޓެކްސް ނެގޭ އާމްދަނީއެއްނަމަ، އަންނަނިވި ޢަދަދުތަކުންކުރެ ކުޑަ ޢަދަދެއް، އެ ފަރާތަކުން މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހުން އުނިކުރެވިދާނެއެވެ.
(1) ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް؛
(2) ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދުން ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކްސް.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް:
(1) "ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް" އަކީ އެހެން ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ޤާނޫނެއްގެ ދަށުން ދައްކާފައިވާ، މި ޤާނޫނުގެ ދަށުން ނަގާ، އާމްދަނީން ނަގާ ޓެކްސް ފަދަ ޓެކުހެވެ.
(2) "ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދު" އަކީ ދިވެހިރާއްޖެއިން ބޭރުން ލިބިފައިވާ އަދި އެ އާމްދަނީއަކުން ދިވެހިރާއްޖެއިން ބޭރުގައި ޓެކްސް ދައްކާފައިވާ، އެ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމަނާފައިވާ ޢަދަދުން، މި ޤާނޫނުގެ ދަށުން އުނިކުރެވޭ، އެ އާމްދަނީ ހޯދުމަށް ހިނގާފައިވާ ޢަދަދުތައް އުނިކުރުމުން އޮންނަ އާމްދަނީއެވެ. މި ޢަދަދު ހިސާބުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(3) "ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކްސް" އަކީ މި ޤާނޫނުގެ 7 ވަނަ މާއްދާ ނުވަތަ 8 ވަނަ މާއްދާ ނުވަތަ 9 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކޮށްފައިވާ، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހެވެ.
(ނ) މި މާއްދާގެ (ހ) ގައި ވާ ޢަދަދު ހިސާބުކުރަންވާނީ މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ބާވަތެއްގެ އާމްދަނީއަކަށް، އަދި އެއިން ކޮންމެ ބާވަތެއްގެ އާމްދަނީ ލިބުނު ކޮންމެ ޤައުމެއް ނުވަތަ ސަރަޙައްދަކަށް ވަކިންނެވެ.
(ރ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރާ މުއްދަތެއްގައި ދައްކަންޖެހޭ ޓެކުހުން ޢަދަދެއް އުނިކުރެވޭނީ އެ މުއްދަތެއް ނިމޭތާ އެންމެ ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައެވެ.
(ބ) ދިވެހިރާއްޖޭގައި ނުވަތަ އެހެން ތަނެއްގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދަށް ގެނެވޭ ބަދަލެއްގެ ސަބަބުން، މި މާއްދާގެ ދަށުން އުނިކުރެވޭ ޢަދަދު އިތުރުވެއްޖެނަމަ ނުވަތަ މަދުވެއްޖެނަމަ، ޓެކުހުގެ ޢަދަދަށް އެ ބަދަލެއް ގެނެވުނު ތާރީޚުން ފެށިގެން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި އެ އުނިކުރެވުނު ޢަދަދު އެ ފަރާތަށް ނުވަތަ ކޮމިޝަނަރ ޖެނެރަލަށް އިޞްލާޙުކުރެވިދާނެއެވެ.
(ޅ) މި ޤާނޫނުގެ 46 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ރ) އާއި (ބ) އަށް ޢަމަލުކުރަންވާނެއެވެ.
(ކ) ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމެންޓެއްގެ ދަށުން އުނިކުރެވޭ ޓެކްސް ކްރެޑިޓް އެ ފަރާތެއް ދައްކަންޖެހޭ ޓެކުހުން އުނިކުރުމުގައި ޢަމަލުކުރާނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައިވާ ގޮތުގެމަތިންނެވެ.
73. ފައިސާއިން ނޫން ގޮތަކަށް އަދާކުރެވޭ މުޤާބިލު
(ހ) މި ޤާނޫނުގެ ބޭނުމަށް، އާމްދަނީއާއި ޚަރަދުގެ ތެރޭގައި ފައިސާއިން ނޫން ގޮތަކަށް ކުރެވޭ މުޢާމަލާތްވެސް ހިމެނެއެވެ.
(ށ) ފައިސާއިން ނޫން ގޮތަކަށް ލިބޭ އާމްދަނީއާއި ހިނގާ ޚަރަދު އަގުކުރަންވާނީ، އެ މުޢާމަލާތެއް ހިނގި ވަގުތު އޭގެ އޯޕަން މާކެޓް ވެލިއުގައެވެ.
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް އާމްދަނީއާއި ޚަރަދުގެ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(1) މުދަލެއް ނުވަތަ ޚިދުމަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާކެޓް ވެލިއުއަކީ އެ މުދާ ނުވަތަ ޚިދުމަތް ނުވަތަ މަންފާ ލިބުނު ވަގުތު އޭގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.
(2) މުދަލެއް ނުވަތަ ޚިދުމަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާކެޓް ވެލިއު މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެނގެން ނެތްނަމަ، އޭގެ އޯޕަން މާކެޓް ވެލިއުއަކީ އެއާ އެއްފަދަ އެހެން މުދަލެއް ނުވަތަ ޚިދުމަތެއް ނުވަތަ މަންފާއަކަށް އޭގެ އޯޑިނަރީ އޯޕަން މާކެޓުގައި އެ ވަގުތަކު ލިބޭނެ އަގަށް ބަލައި، އަދި އެ ދެ މުދަލުގައި ނުވަތަ ޚިދުމަތުގައި ނުވަތަ މަންފާގައި ހުރި ތަފާތަށް ރިޢާޔަތްކޮށް ހިސާބުކުރެވޭ އަގެވެ.
(3) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، މުދަލެއް ނުވަތަ ޚިދުމަތެއް ނުވަތަ މަންފާއަކާ އެއްފަދަ ނުވަތަ ކައިރިކުރާ އެހެން މުދަލެއް ނުވަތަ ޚިދުމަތެއް ނުވަތަ މަންފާއެއްކަމަށް ކަނޑައަޅާނީ އެ އެއްޗެއްގެ ފެންވަރާއި ސިފައާއި މިންވަރާއި މެޓީރިއަލްއާއި ފަންކްޝަނަލިޓީ އަދި ރެޕިއުޓޭޝަނަށް ބަލައިގެންނެވެ.
(4) މުދަލެއް ނުވަތަ ޚިދުމަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާކެޓް ވެލިއު މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ކަނޑައެޅެން ނެތްނަމަ، އޭގެ އޯޕަން މާކެޓް ވެލިއު ކަނޑައަޅާނީ ކޮމިޝަނަރ ޖެނެރަލްއަށް ޤަބޫލުކުރެވޭ، ޢާންމުކޮށް ބަލައިގަންނަ އަގުމަގުކުރުމުގެ އުސޫލަކާ އެއްގޮތަށެވެ.
74. ޕްރޯރޭޓްކުރުން
(ހ) މި ޤާނޫނުގައި ހިސާބުކުރާ މުއްދަތެއްގެ ވާހަކަ ބަޔާންކޮށްފައިވާނަމަ އެ ބަޔާންކުރަނީ، 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ގުނުމުގައި، ލީޕް އަހަރެއްގެ ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހެއް ނުގުނޭނެއެވެ.
(ށ) މި ޤާނޫނުގެ 54 ވަނަ މާއްދާގެ ބޭނުމަށް، މަހެއްގައި ހިމެނެނީ، މީލާދީ ގޮތުން އެ މަހެއްގައި ހިމެނޭ ދުވަހުގެ ޢަދަދެވެ. ނަމަވެސް، ފެބުރުވަރީ މަހުގައި ހިމެނޭ ދުވަސްތަކުގެ ޢަދަދު ބެލުމުގައި ލީޕް އަހަރެއްގެ ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހެއް ނުގުނޭނެއެވެ.
(ނ) ހިސާބުކުރާ މުއްދަތަކަށް ނިސްބަތްކޮށް މި ޤާނޫނުގެ އެއްވެސް މާއްދާއެއްގައި ވަކި މިންވަރެއް ކަނޑައަޅާފައިވާނަމަ، އަދި އެ ހިސާބުކުރާ މުއްދަތަކީ 12 (ބާރަ) މަސްދުވަހަށްވުރު ކުރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްކަމަށްވާނަމަ، އެ މުއްދަތުގައި ހިމެނޭ ދުވަހުގެ ޢަދަދުގެ ނިސްބަތުން، އެ މިންވަރު ޕްރޯރޭޓްކުރަންވާނެއެވެ.
75. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއެކު މި ޤާނޫނު ކިޔުން
މި ޤާނޫނު ކިޔަންވާނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާ އެކުގައެވެ. އަދި މި ޤާނޫނުގައި ބޭނުންކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ނުވަތަ ވަކި ޙާލަތެއްގައި ވަކި ގޮތަކަށް މާނަ ދޭހަކުރުމަށް ލާޒިމްނުކުރާހާ ހިނދަކު، އެ ލަފުޒެއް ނުވަތަ އެ ޢިބާރާތެއް މާނަކުރަންވާނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.
76. ޤާނޫނު ހިންގުމާއި ގަވާއިދު ހެދުން
(ހ) މި ޤާނޫނުގައިވާ ކަންކަން ހިންގައި ބަލަހައްޓާނީ މީރާއިންނެވެ.
(ށ) ފުރިހަމަ ގޮތުގައި މި ޤާނޫނު ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމަށާއި އެ ފަރާތްތަކެއްގެ މައްޗަށް މި ޤާނޫނު ހިނގާ ފަރާތްތަކުން ޢަމަލުކުރަންވާނެ ގޮތް ކަނޑައެޅުމަށް އަދި މި ޤާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދު ހަދާނީ މީރާގެ ބޯޑުންނެވެ.
(ނ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
77. ކޮމިޝަނަރ ޖެނެރަލަށް ލިބިދީފައިވާ ބާރެއް އެހެން ފަރާތަކުން ތަންފީޒުކުރުން
މި ޤާނޫނުގެ ދަށުން ވަކި ކަމެއް ކުރުމަށް ކޮމިޝަނަރ ޖެނެރަލަށް ބާރު ލިބިދީފައިވާނަމަ، ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާފައިވާ މީރާގެ ކޮންމެ މުވައްޒަފަކަށްވެސް އެ ކަމެއް ކުރެވިދާނެއެވެ.
78. ޤާނޫނަށް ޢަމަލުކުރަން ފެށުމާއި ޓެކްސް ނަގަން ފެށުން
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާނީ، 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ނަގަން ފަށާނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.
79. މާނަކުރުން
މި ޤާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައިއެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނައެވެ.
(ހ) "ހަދިޔާ" ކަމަށް ބުނެފައި އެވަނީ، ފައިސާއިން ވިޔަސް އެނޫން ގޮތަކަށް ވިޔަސް، މުޤާބިލެއް ނެތި، އެއް ފަރާތުން އަނެއް ފަރާތަށް އަމިއްލަ އިޚްތިޔާރުގައި ދޭ ކޮންމެ އެއްޗަކަށެވެ.
(ށ) "ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމު އިދާރާއަކަށެވެ.
(1) އެއީ އިސްލާމްދީން ކުރިއެރުވުން، ފަޤީރުންނަށް އެހީވުން، ޞިއްޙީ ޚިދުމަތް ދިނުން، ތަޢުލީމު ދިނުން ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ޢާންމު މަންފާއެއް ކުރިއެރުވުމަށް އުފައްދާފައިވާ ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމު އިދާރާއަކަށްވުން؛ އަދި
(2) އެއީ ވަކި ފަރާތެއްގެ މާލީ ފައިދާއަކަށް ހިންގާ ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމު އިދާރާއަކަށްނުވުން.
(ނ) "ހިސާބުކުރާ މުއްދަތު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތަށެވެ.
(ރ) "ރިޓަޔަރމަންޓް ބެނިފިޓް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދަށުން ލިބޭ ފައިސާ ފިޔަވައި، ރިޓަޔަރމަންޓް ސްކީމެއްގެ ދަށުން ލިބޭ ކޮންމެ ފައިސާއަކަށެވެ.
(ބ) "ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމުންކުރެ ކަމަކާ ގުޅިގެން ދޭ ކޮންމެ މުޤާބިލަކަށެވެ.
(1) ކޮޕީރައިޓެއް، ޕޭޓެންޓެއް، ޕްލާންޓް ވެރައިޓީ ރައިޓެއް، ޓްރޭޑްމާކެއް، ފަރުމާއެއް ނުވަތަ މޮޑެލެއް، ޕްލޭނެއް، ސިއްރު ފޯމިއުލާއެއް ނުވަތަ ޕްރޮސެސްއެއް، ނުވަތަ މި ފަދަ އެހެން މުދަލެއް ނުވަތަ ޙައްޤެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ޙައްޤު ލިބިގަތުން؛
(2) ޤުދުރަތީގޮތުން އުފެދިފައިހުރި މަޢުދަނާއި، ތެލާއި، ގޭހާއި ނުވަތަ އެފަދަ އެހެނިހެން ވަޞީލަތްތަށް ނެގުން ނުވަތަ އެނޫންވެސް ގޮތަކުން ބޭނުންކުރުން ނުވަތަ ނެގުމުގެ ނުވަތަ ބޭނުންކުރުމުގެ ޙައްޤު ލިބިގަތުން؛
(3) އަންނަނިވި ތަކެތިންކުރެ އެއްޗެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ޙައްޤު ލިބިގަތުން:
i. ސިނަމާ ފިލްމު؛
ii. ޓީވީ ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ފިލްމް، ވީޑިއޯޓޭޕް ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ؛
iii. ރޭޑިއޯ ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ޓޭޕް ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ؛
iv. އިންޓަރނެޓް ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ފިލްމް، ވީޑިއޯ ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ.
(4) އިންޑަސްޓްރިއަލް، ކޮމާޝަލް، ނުވަތަ ސައިންޓިފިކް ޢިލްމެއް ނުވަތަ މަޢުލޫމާތެއް ފޯރުކޮށްދިނުން؛
(5) އިންޑަސްޓްރިއަލް، ކޮމާޝަލް، ނުވަތަ ސައިންޓިފިކް އިކުއިޕްމަންޓެއް ނުވަތަ މަޢުލޫމާތެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ޙައްޤު ލިބިދިނުން؛
(6) ސެޓެލައިޓް، ކޭބަލް، އޮޕްޓިކް ފައިބަރ ނުވަތަ އެ ފަދަ އެހެން ޓެކްނޮލޮޖީއެއް މެދުވެރިކޮށް ޓްރާންސްމިޓްކުރުން؛
(7) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމެއް ކުރުމަށް ނުވަތަ އެއިން ނަންބަރެއްގައި ބަޔާންކޮށްފައިވާ އެއްޗެއް ބޭނުންކުރުމަށް ނުވަތަ އެއިން ކަމެއް ކުރުމަށް އެހީތެރިވުން؛
(8) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މުދަލެއް ނުވަތަ ޙައްޤެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ޙައްޤު ލިބިދިނުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން؛
(9) މި މާއްދާގެ (ބ) ގެ (4) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ޢިލްމެއް ނުވަތަ މަޢުލޫމާތެއް ފޯރުކޮށްދިނުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން.
(ޅ) "ބައިނަލްއަޤްވާމީ ދަތުރުފަތުރު" ކަމަށް ބުނެފައި އެވަނީ، ހަމައެކަނި ދިވެހިރާއްޖޭގެ އެއް މަންޒިލުން ދިވެހިރާއްޖޭގެ އަނެއް މަންޒިލަށް ކަނޑުބޯޓު ނުވަތަ މަތިންދާ ބޯޓު މެދުވެރިކޮށް ދަތުރުފަތުރުކުރުން ފިޔަވައި، ކަނޑުބޯޓެއް ނުވަތަ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކުރެވޭ ކޮންމެ ދަތުރުފަތުރަކަށެވެ.
(ކ) [ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތައް] ކަމަށް ބުނެފައި އެވަނީ، އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްސް ބޯޑުން ޝާއިޢުކޮށްފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސްއާއި އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސްއާއި އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްސް އަދި ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ އެނޫންވެސް އެކައުންޓިންގ ސްޓޭންޑަޑަކަށެވެ.
(އ) "ބެނިފިޝަރީންނަށް ލިބޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓްރަސްޓެއްގެ ކޯޕަސް ބަހައިގެން އެ ބެނިފިޝަރީންނަށް ލިބޭ އެއްޗެއް ފިޔަވައި، ޓްރަސްޓަކުން އެ ޓްރަސްޓުގެ ބެނިފިޝަރީންނަށް ދޭ ކޮންމެ ފައިސާއަކަށެވެ.
(ވ) "ބޭންކު" ކަމަށް ބުނެފައި އެވަނީ، ޗެކްގެ ޒަރިއްޔާއިން އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ ފައިސާގެ ޑިޕޮޒިޓް ޤަބޫލުކުރުން، އެ ތަނުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މާލީ އިދާރާއަށެވެ.
(މ) "ކުންފުނި" ކަމަށް ބުނެފައި އެވަނީ، ކޮންމެ ތަނެއްގައި އިންކޯޕަރޭޓްކޮށްފައިވީ ނަމަވެސް ނުވަތަ ކޮންމެ ތަނެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، ޤާނޫނީ ޝަޚްޞަކަށެވެ. އަދި މީގެ ތެރޭގައި ކޯޕަރޭޓިވް ސޮސައިޓީވެސް ހިމެނެއެވެ. ނަމަވެސް މި މާނައިގެ ތެރޭގައި ލިމިޓެޑް ލަޔަބިލިޓީ ޕާރޓްނަރޝިޕެއް ނުހިމެނެއެވެ.
(ފ) "ޝަޚްޞުތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ޝަޚްޞަކުން އެ ޝަޚްޞެއްގެ މާލީ ކަންކަން ދައްކުވައިދޭ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންޖެހޭނެކަމަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ޙާލަތެއްގައި އެ ޝަޚްޞުތަކަށެވެ.
(ދ) "ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:
(1) އެއްވެސް ފަރާތަކަށް ނުވަތަ އެ ފަރާތާ ގުޅުން ހުރި ފަރާތަކަށް (ފުރަތަމަ ފަރާތަށް)، ސީދާ ގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެހެން ފަރާތަކުން (ދެވަނަ ފަރާތުން) ވަކި ގޮތަކަށް ކަންކަން ކުރުމަށް އެންގޭ ޙާލަތަށެވެ. މި ޙާލަތުގައި ދެވަނަ ފަރާތުން ފުރަތަމަ ފަރާތް ކޮންޓްރޯލްކުރާ ކަމަށް ބެލެވޭނެއެވެ؛ ނުވަތަ
(2) އެއްވެސް ފަރާތަކާއި ކުންފުންޏަކާގުޅޭ ގޮތުންނަމަ:
i. އެއްވެސް ފަރާތަކަށް ނުވަތަ އެ ފަރާތް ކޮންޓްރޯލްކުރާ ފަރާތަކަށް އެ ކުންފުނީގެ ޙިއްޞާގެ ރައުސްމާލުގެ ނިސްބަތުން ބޮޑު ބައި، ނުވަތަ ވިއްކާފައިވާ ޙިއްޞާގެ ރައުސްމާލުގެ ބޮޑު ބައި، ނުވަތަ ކުންފުނީގެ ވޯޓުދިނުމުގެ ބާރުގެ ބޮޑު ބައި އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ ހޯދުމުގެ ޙައްޤު ލިބިފައިވާނަމަ؛ ނުވަތަ
ii. އެއްވެސް ފަރާތަކަށް ނުވަތަ އެ ފަރާތް ކޮންޓްރޯލްކުރާ ފަރާތަކަށް އެ ކުންފުނީގެ ކަންތައްތައް ހިންގާ، ނުވަތަ އެ ކުންފުނީގެ ކަންތައްތައް ސީދާ ނުވަތަ ނުސީދާ ގޮތުގައި ހިންގޭނެ ނުވަތަ ހިންގުމުގެ ޙައްޤެއް ލިބިފައިވާނަމަ؛ ނުވަތަ
iii. ކުންފުނީގެ މުޅި އާމްދަނީ ހުރިހާ ބައިވެރިންގެ މެދުގައި ބަހައިލައިފިނަމަ، އެ ބަހައިލެވުނު ޢަދަދުގެ ބޮޑު ބައެއް، ކުންފުނީގެ ވިއްކާފައިވާ ޙިއްޞާގެ ރައުސްމާލުގެ ނިސްބަތުން އެ ފަރާތަކަށް (ލޯނު ދޫކުރި ފަރާތެއްގެ ހައިސިއްޔަތުން އެ ފަރާތަކަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް ބެލުމަކާނުލައި) ލިބޭނަމަ ނުވަތަ ހޯދުމުގެ ޙައްޤު ލިބޭނަމަ؛ ނުވަތަ
iv. ކުންފުނި އުވައިލުމުން ނުވަތަ އެ ފަދަ އެހެން ޙާލަތެއް މެދުވެރިވުމުން، ބައިވެރިންގެ މެދުގައި ބަހައިލުމަށް ލިބޭނެ ކުންފުނީގެ މިލްކިއްޔާތުގެ ބޮޑު ބައެއް އެ ފަރާތަކަށް ލިބޭ ވަރުގެ ޙައްޤުތަކެއް އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ ހޯދުމުގެ ޙައްޤު ލިބިފައިވާނަމައެވެ.
(3) އެއްވެސް ފަރާތަކާއި ޕާޓްނަރޝިޕަކާގުޅޭ ގޮތުންނަމަ، އެ ފަރާތަށް ނުވަތަ އެ ފަރާތާ ގުޅުން ހުރި ފަރާތަކަށް، ސީދާ ގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެ ޕާޓްނަރޝިޕުގެ ކަންކަމުގައި ގޮތެއް ކަނޑައެޅުމާ ގުޅިގެން ވޯޓުލުމުގެ ޙައްޤުގެ ބޮޑުބައި ލިބިފައިވުމަށެވެ. ނުވަތަ ސީދާ ގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެ ޕާޓްނަރޝިޕުގެ ކެޕިޓަލުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނައިން ޙިއްޞާކުރުމަށެވެ. މި ޙާލަތުގައި އެ ފަރާތުން އެ ޕާޓްނަރޝިޕް ކޮންޓްރޯލްކުރާ ކަމަށް ބެލެވޭނެއެވެ.
(4) މި މާނަކުރުމުގެ ބޭނުމަށް، ފުރަތަމަ ފަރާތަށް ލިބިފައިވާ ޙައްޤުތަކާއި ބާރުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ ބާރެއް ދެވަނަ ފަރާތަށް ލިބިފައިވާކަމަށް ބެލެވޭނެއެވެ.
i. ފުރަތަމަ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކަށް ލިބިފައިވާ ޙައްޤެއް ނުވަތަ ބާރެއް؛
ii. ފުރަތަމަ ފަރާތުން އަންގާ ގޮތެއްގެ މަތިން ނުވަތަ އެ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބޭނުންކުރާ ޙައްޤެއް ނުވަތަ ބާރެއް؛
iii. ފުރަތަމަ ފަރާތުން ނުވަތަ އެ ފަރާތާއި އެ ފަރާތާ ގުޅުން ހުރި އެއްވެސް ފަރާތަކާ ބައިވެރިވެގެން ކޮންޓްރޯލްކުރާ ކުންފުންޏަކަށް ނުވަތަ ކުންފުނިތަކަކަށް ލިބިފައިވާ ޙައްޤެއް ނުވަތަ ބާރެއް؛
iv. ފުރަތަމަ ފަރާތާ ގުޅުން ހުރި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް، އަދި ފުރަތަމަ ފަރާތާ ގުޅުން ހުރި ފަރާތަކާ ގުޅުން ހުރި އެހެން ފަރާތަކަށް ލިބިފައިވާ ޙައްޤެއް ނުވަތަ ބާރެއް.
(5) މި މާނަކުރުމުގެ ބޭނުމަށް، ކުޑަ ކުއްޖާއަކީ އެ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ކޮންޓްރޯލްގެ ދަށުގައިވާ ފަރާތެއް ކަމަށް ބެލެވޭނެއެވެ.
(ތ) [ކެޕިޓަލް އެލަވަންސް] ކަމަށް ބުނެފައި އެވަނީ، މުދަލަކަށް ކުރާ ކެޕިޓަލް ޚަރަދު ވަކި މުއްދަތަކަށް ބަހާލުމުން ކޮންމެ މުއްދަތަކަށް ޖެހޭ ޢަދަދަށެވެ.
(ލ) "ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.
(ގ) "ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށެވެ.
(ޏ) "ކޯޕަރޭޓިވް ސޮސައިޓީ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ތަނެއްގައި އިންކޯޕަރޭޓްކޮށްފައިވީ ނަމަވެސް ނުވަތަ ކޮންމެ ތަނެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، ކޮންމެ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.
(ސ) "ޢައްޔަންކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތެއްގެ ބަދަލުގައި އެއްޗަކާ ނުވަތަ ކަމަކާ ހަވާލުވެ ހުރި ނުވަތަ އެހެން ފަރާތެއްގެ ބަދަލުގައި ކަމެއް ކުރާ ފަރާތަކަށެވެ.
(ޑ) [އާމްސް ލެންތުގެ އުސޫލު] ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ފަރާތްތަކަކުން، މުސްތަޤިއްލުކަމާއެކު އަދި އަޅައިކިއޭ ޙާލަތްތަކެއްގައި އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކުރިނަމަ ކުރާނެ ނުވަތަ ކުރިމަތިކުރުވާނެ ޝަރުޠުތަކާ އެއްގޮތަށް އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކުރާނެ އުސޫލަށެވެ.
(ޒ) "އިންތިޒާމެއް" ކަމަށް ބުނެފައި އެވަނީ، އެގްރީމެންޓަކަށް ނުވަތަ ކޮންޓްރެކްޓަކަށް ނުވަތަ ޕްލޭނަކަށް ނުވަތަ ކަމަކާގުޅޭ ގޮތުން އާދެވޭ އެއްބަސްވުމަކަށް އަދި އެ ކަންކަމަށް ޢަމަލުކުރުމުގައި ހިނގާ އެންމެހައި މަރުޙަލާތަކަކާއި މުޢާމަލާތްތަކަށެވެ. އެއީ އެ ކަމުގައި ހިމެނޭ ފަރާތްތައް ޤާނޫނީ ގޮތުން ޢަމަލުކުރަންޖެހޭ ކަންތައްތަކަށްވީ ނަމަވެސް ނުވަތަ ނުވި ނަމަވެސް މެއެވެ.
(ޓ) "އިންޓްރެސްޓް" ކަމަށް ބުނެފައި އެވަނީ، ޑިސްކައުންޓެއް ނުވަތަ ޕްރިމިއަމެއްވެސް ހިމެނޭ ގޮތުން، ޑެޓް ސެކިއުރިޓީއެއް ނުވަތަ ލޯނެއް ނުވަތަ ސްވޮޕެއް ނުވަތަ ޑެރިވެޓިވް އިންތިޒާމެއް ނުވަތަ އިންޓްރެސްޓާ އެއްފަދަ ފައިސާއެއް ދައްކަންޖެހޭ އެނޫންވެސް މުޢާމަލާތެއްގެ ދަށުން ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއަކަށް (ޕްރިންސިޕަލް ފިޔަވައި)، ނުވަތަ ލޯނަކާ ގުޅިގެން ނުވަތަ ސްވޮޕަކާ ގުޅިގެން ނުވަތަ ޑެރިވެޓިވް އިންތިޒާމަކާ ގުޅިގެން ދައްކާފައިވާ ކޮމިޓްމަންޓެއް ނުވަތަ ގެރެންޓީއެއް ނުވަތަ ޚިދުމަތެއްގެ ފީއަކަށެވެ. މީގެ ތެރޭގައި ޕެސިވް އިންޓްރެސްޓްއާއި އިސްލާމިކް ފައިނޭންޝަލް އިންސްޓްރޫމަންޓަކާ ގުޅިގެން ލިބޭ ފައިދާވެސް ހިމެނެއެވެ.
(ޔ) "އުޖޫރަ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ފޯރުކޮށްދޭ ޚިދުމަތުގެ މުޤާބިލުގައި، އޭނާއަށް ލިބޭ ކޮންމެ އިނާޔަތަކަށް ނުވަތަ މަންފާއަކަށެވެ. މީގެ ތެރޭގައި، ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ޚިދުމަތް ހުއްޓާލަންޖެހުމުގެ ސަބަބުން ލިބޭ ބަދަލާއި، ވަކި ކަންތައްތަކަކަށް ޝަރުޠުކޮށް ދޭ ފައިސާއާއި ވަޒީފާއަށް ވަނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ބާރުއަޅާ އިނާޔަތްތައްވެސް ހިމެނެއެވެ.
(ޕ) "އެކްސެސިވް ކޮމްޕެންސޭޝަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ޙާލަތްތަކުގައި، މުޢާމަލާތެއްގެ މުޤާބިލުގެ ތެރެއިން އެ މުޢާމަލާތުގެ އަގަށްވުރެ އިތުރު ކަމަށް ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ޢަދަދަކަށެވެ.
(1) އެ ފަރާތުން ދައްކާފައިވާ ޢަދަދު މި ޤާނޫނުގެ ދަށުން އުނިކޮށްފައިވުން؛ އަދި
(2)
i. އެ ޢަދަދު ދައްކަނީ އޭނާގެ ތިމާގެ މީހަކަށް ކަމަށްވުން؛ ނުވަތަ
ii. އެ ފަރާތަކީ ކުންފުންޏެއްނަމަ، އެ ޢަދަދު ދައްކަނީ އެ ކުންފުނީގެ ޑިރެކްޓަރަކަށް، ނުވަތަ ޙިއްޞާދާރަކަށް، ނުވަތަ އެ ކުންފުންޏާ ގުޅުން ހުރި ފަރާތަކަށް، ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރަކާ ނުވަތަ ޙިއްޞާދާރަކާ ގުޅުން ހުރި ފަރާތަކަށް ކަމަށްވުން؛ ނުވަތަ
iii. އެ ފަރާތަކީ ޕާޓްނަރޝިޕެއްނަމަ، އެ ޢަދަދު ދައްކަނީ އެ ޕާޓްނަރޝިޕުގެ ޕާޓްނަރަކަށް، ނުވަތަ އެ ޕާޓްނަރޝިޕަކާ ގުޅުން ހުރި ފަރާތަކަށް، ނުވަތަ އެ ޕާޓްނަރޝިޕްގެ ޕާޓްނަރަކާ ގުޅުން ހުރި ފަރާތަކަށް ކަމަށްވުން.
(ޖ) "ވަޒީފާ ދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާ މުވައްޒަފަކަށް ދޭ ކޮންމެ ފަރާތަކަށެވެ.
(ޗ) "ވިތުހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ލިބޭ އާމްދަނީއަކުން، އެ ފައިސާ ދައްކާ ފަރާތުން މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރަންޖެހޭ ޓެކުހަށެވެ.
(ހހ) "ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުން ފިޔަވައި، މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ނިޔަތުގައި ކުރާ ކޮންމެ ކަމަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަންވެސް ހިމެނެއެވެ.
(1) މުދާ ގަނެވިއްކުން؛
(2) އުފެއްދުންތެރި މަސައްކަތް؛
(3) ޕްރޮފެޝަނަލް، ކޮމާޝަލް، ފަންނީ ނުވަތަ ޕަރސަނަލް ޚިދުމަތްތައް ފޯރުކޮށްދިނުން؛
(4) އުފުލޭ މުދަލަކާ ގުޅިގެން ނުވަތަ ނުއުފުލޭ މުދަލަކާ ގުޅިގެން އެއްވެސް ފަރާތަކަށް ޙައްޤެއް ދިނުން.
(ހށ) "ވިޔަފާރި އާމްދަނީ" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ހހ) ގައި "ވިޔަފާރި" ކަމަށް ބަޔާންކޮށްފައިވާ ކަމަކުން ލިބޭ އާމްދަނީއަށެވެ. އޭގެ ތެރޭގައި އެ ވިޔަފާރީގެ މުހިންމު މުވައްޒަފަކަށް ނަގާފައިވާ "ކީ ޕަރސަން އިންޝުއަރެންސް" ޕޮލިސީއެއްގެ ދަށުން ބަދަލުގެ ގޮތުގައި ލިބޭ ފައިސާވެސް ހިމެނެއެވެ.
(ހނ) "މީރާ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
(ހރ) "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކަށް ޚިދުމަތްކޮށްދޭ މީހުންނަށާއި، ކުންފުނިތަކުގެ ޑިރެކްޓަރުންނަށާއި، ޕާޓްނަރޝިޕްތަކުގެ ޕާޓްނަރުންނަށާއި، އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި ނަމަވެސް، ޢައްޔަންކޮށްފައިވާ މަޤާމެއްގައި ހުރި ނަމަވެސް، ދާއިމީ މަޤާމެއްގައި ހުރި ނަމަވެސް، ވަގުތީ މަޤާމެއްގައި ހުރި ނަމަވެސް، ދައުރު ކަނޑައެޅިފައިވާ މަޤާމެއްގައި ހުރި ނަމަވެސް، ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކުރެވިފައިވާ މަޤާމެއްގައި ހުރި ނަމަވެސް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމާ ޙަވާލުވެގެން ހުރި އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގެ މުޤާބިލެއް ދައުލަތުން ލިބޭ ކޮންމެ މީހަކަށެވެ. ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން މުސްތަޤިއްލުކޮށް މަސައްކަތްކުރާ ކޮންޓްރެކްޓަރުންނެއް މި މާނައިގެ ތެރޭގައެއް ނުހިމެނެއެވެ.
(ހބ) "ފަރާތް" ކަމަށް ބުނެފައި އެވަނީ، ފަރުދުންނާއި ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ޓްރަސްޓުތަކާއި ޖަމްޢިއްޔާތައްވެސް ހިމެނޭ ގޮތުންނެވެ. އެހެން ނަމަވެސް، މި ޤާނޫނުގެ 54 ވަނަ މާއްދާ ފިޔަވައި ދެން ހުރި މާއްދާތަކުގެ ބޭނުމަށް، މި މާނައިގެ ތެރޭގައި ދިވެހިސަރުކާރުގެ އެއްވެސް އިދާރާއެއް ނުވަތަ ދައުލަތުގެ އެއްވެސް އޮފީހެއް ނުހިމެނެއެވެ.
(ހޅ) "ފައިނޭންސް ލީސް" ކަމަށް ބުނެފައި އެވަނީ، މުދަލެއްގެ މިލްކުވެރިކަމާ ގުޅިފައިވާ ރިސްކާއި ރިވޯޑު އެއްކޮށްހެން ކުއްޔަށް ހިފާ ފަރާތަށް ބަދަލުވާ ކޮންމެ ލީސްއަކަށެވެ.
(ހކ) "ދަރި" ގެ މާނައިގެ ތެރޭގައި ކާފަ އަދި މާމަ ދަރިންނާއި ދަރުމަ ދަރިންނާއި ދޮންދަރިވެސް ހިމެނެއެވެ.
(ހއ) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ޤާނޫނު އަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން އުފެދޭ އެންމެހައި މުޢައްސަސާތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރޭގައި ދައުލަތުގެ އޮފީހަކުން ޙިއްޞާވާ ކުންފުންޏެއް، ނުވަތަ އެ ފަރާތެއްގެ މައިގަނޑު މަޤްޞަދުގެ ތެރޭގައި ވިޔަފާރިކުރުން ހިމެނޭ ވަކި ޤާނޫނީ ޝަޚްޞެއް ނުހިމެނެއެވެ.
(ހވ)
(1) "ދާއިމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތެއްގެ ވިޔަފާރި ނުވަތަ ވިޔަފާރިން ބައެއް ހިންގާ، ވިޔަފާރި ހިންގުމުގެ ދާއިމީ ތަނަކަށެވެ.
(2) ޚާއްޞަ ގޮތެއްގައި، "ދާއިމީ މަރުކަޒު" ގެ މާނައިގެ ތެރޭގައި އަންނަނިވި ތަންތަނާއި ކަންކަން ހިމެނެއެވެ.
i. މެނޭޖްމަންޓް ޤާއިމުވެފައިވާ ތަނެއް؛
ii. ގޮތްޕެއް؛
iii. އޮފީހެއް؛
iv. ފެކްޓަރީއެއް؛
v. ވަރކްޝޮޕެއް؛
vi. މައުދަން ހޯދުމުގެ މަސައްކަތްކުރާ ނުވަތަ ނަގާ ތަނެއް، ގޭސް ނުވަތަ ތެޔޮ ވަޅެއް، ނުވަތަ އެނޫންވެސް ޤުދުރަތީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްކުރާ ނުވަތަ ނަގާ ތަނެއް (ޤުދުރަތީ ވަސީލަތެއް ނެގުމަށް ބޭނުންކުރާ ކަނޑު ދަތުރުފަތުރުކުރާ އުޅަނދު ނުވަތަ ބޯޓު ނުވަތަ ޕްލެޓްފޯމްވެސް ހިމެނޭ ގޮތުން).
(3) "ދާއިމީ މަރުކަޒު" ގެ މާނައިގެ ތެރޭގައި އަންނަނިވި ތަންތަނާއި ކަންކަންވެސް ހިމެނެއެވެ.
i. ޢިމާރާތްކުރާ ތަނެއް، ނުވަތަ ކޮންސްޓްރަކްޝަން ނުވަތަ އިންސްޓޮލޭޝަން ނުވަތަ އެސެމްބްލީ ޕްރޮޖެކްޓެއް، ނުވަތަ އެ ތަނަކާ ނުވަތަ އެ ޕްރޮޖެކްޓަކާ ގުޅިގެން ސުޕަވައިޒްކުރުމުގެ މަސައްކަތްކުރުން (އެ ފަރާތަކުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުން ކުރިއަށްގެންދާ އެއްބާވަތެއްގެ ނުވަތަ ގުޅިފައިވާ ޕްރޮޖެކްޓްތައް ނުވަތަ ކުރާ މަސައްކަތްތަކުގެ މުއްދަތުތައްވެސް ހިމެނޭގޮތުން، އެ ތަނެއް ނުވަތަ ޕްރޮޖެކްޓެއް ނުވަތަ މަސައްކަތެއް 90 (ނުވަދިހަ) ދުވަހަށްވުރެ ގިނަ ދުވަހަށް މަސައްކަތް ހިނގަމުންދާނަމަ)؛
ii. އެ ފަރާތެއްގެ މުވައްޒަފުން ނުވަތަ އެފަދަ ބޭނުމަކަށް ޙަރަކާތްތެރިވާ އެހެން ބަޔަކު މެދުވެރިކޮށް، ޓެކްސް އަހަރެއްގައި ފެށޭ ނުވަތަ ނިމޭ 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި، އެ ފަރާތާ ގުޅުންހުރި ފަރާތްތަކުން ހިންގާ އެއްބާވަތެއްގެ ނުވަތަ ގުޅިފައިވާ ޕްރޮޖެކްޓްތަކުގެ ނުވަތަ ފޯރުކޮށްދޭ އެއްބާވަތެއްގެ ނުވަތަ ގުޅިފައިވާ ޚިދުމަތްތަކުގެ މުއްދަތުތައްވެސް ހިމެނޭ ގޮތުން، 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޚިދުމަތެއް (ކޮންސަލްޓަންސީ ޚިދުމަތްވެސް ހިމެނޭ ގޮތުން) ފޯރުކޮށްދިނުން؛
iii. މަސްވެރިކަންވެސް ހިމެނޭގޮތުން، ޤުދުރަތީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްކުރުން، ނެގުން، ނުވަތަ އެ ވަސީލަތަކުން ނަފާ ހޯދުން (ޓެކްސް އަހަރެއްގައި ފެށޭ ނުވަތަ ނިމޭ 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި، އެ ޕްރޮޖެކްޓް ނުވަތަ މަސައްކަތް 90 (ނުވަދިހަ) ދުވަހަށްވުރެ ގިނަ ދުވަހަށް ދެމިގެންދާނަމަ).
(4) ކޮންޓްރެކްޓެއްގެ ނުވަތަ އެއްބަސްވުމެއްގެ ދަށުން ނުވަތަ ބޭނުމަށް، މެކޭނިކަލް ނުވަތަ ސައިންޓިފިކް އިކުއިޕްމަންޓް ނުވަތަ މެޝިނަރީ އެކަށީގެންވާ މިންވަރަކަށް 90 (ނުވަދިހަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް ބޭނުންކުރުން، ނުވަތަ އިންސްޓޯލްކުރުމުގެ މަސައްކަތްކުރުން އެއީ ދާއިމީ މަރުކަޒެއް ކަމުގައި ބެލެވޭނެއެވެ.
(5) މި މާއްދާގެ މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި އަކުރުގެ (7) ވަނަ ނަންބަރާ ޚިލާފުނުވާ ގޮތުގެމަތިން، ވަކި ފަރާތެއްގެ ("ފުރަތަމަ ފަރާތް") ބަދަލުގައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ފަރާތަކުން ("އޭޖެންޓް")، އެގޮތުން ޙަރަކާތްތެރިވުމުގެ ތެރޭގައި ފުރަތަމަ ފަރާތުގެ ނަމުގައި ޢާންމު ގޮތެއްގައި ކޮންޓްރެކްޓް ހަދާނަމަ، ނުވަތަ އެ ކޮންޓްރެކްޓެއް ހެދުމާ ހަމައަށް ކުރެވޭ މަސައްކަތްތަކުގައި ފުރަތަމަ ފަރާތުން އިސްވެ ޙަރަކާތްތެރިވާ ޙާލަތުގައި ޢާންމު ގޮތެއްގައި އެ ކޮންޓްރެކްޓަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް އޭޖެންޓް އެ ކޮންޓްރެކްޓް ހަދާނަމަ. އަދި، އެ ކޮންޓްރެކްޓް ހަދަނީ:
i. ފުރަތަމަ ފަރާތުގެ ނަމުގައިނަމަ؛ ނުވަތަ
ii. ފުރަތަމަ ފަރާތުގެ މިލްކުގައިވާ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމަށް ނުވަތަ އެފަދަ މުދަލެއް ބޭނުންކުރުމުގެ ޙައްޤު ދިނުމަށް ކަމަށްވާނަމަ، ނުވަތަ އެ މުދަލެއް ބޭނުންކުރުމުގެ ޙައްޤު ފުރަތަމަ ފަރާތަށް ލިބިފައިވާ މުދަލެއް ބޭނުންކުރުމުގެ ޙައްޤު ދިނުމަށް ކަމަށްވާނަމަ؛ ނުވަތަ
iii. ފުރަތަމަ ފަރާތުން ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށްވާނަމަ؛
ފުރަތަމަ ފަރާތުގެ ބަދަލުގައި އޭޖެންޓް ކުރާ މަސައްކަތްތަކާ ގުޅިގެން، ދިވެހިރާއްޖޭގައި ފުރަތަމަ ފަރާތުގެ ދާއިމީ މަރުކަޒެއް ހުރި ކަމަށް ބެލެވޭނެއެވެ.
(6) މި މާއްދާގެ މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތަކުން (ރީ-އިންޝުއަރެންސްގެ ވިޔަފާރިއާ ގުޅިގެން ނޫން ގޮތަކަށް) ދިވެހިރާއްޖެއިން އިންޝުއަރެންސް ޕްރީމިއަމް ހޯދާނަމަ، ނުވަތަ ދިވެހިރާއްޖޭގައި އޮތް ރިސްކެއް، މުސްތަޤިއްލު އޭޖެންޓެއްގެ ގޮތުގައި ނުހިމެނޭ ފަރާތެއް މެދުވެރިކޮށް އިންޝުއަރކުރާނަމަ، އެ އިންޝުއަރެންސް ވިޔަފާރިކުރާ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުރި ކަމަށް ބެލެވޭނެއެވެ.
(7) އެއްވެސް ފަރާތެއްގެ ("ފުރަތަމަ ފަރާތް") ބަދަލުގައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ފަރާތަކުން ("އޭޖެންޓް") ދިވެހިރާއްޖޭގައި ވިޔަފާރިކުރަނީ މުސްތަޤިއްލު އޭޖެންޓެއްގެ ގޮތުގައިނަމަ، އަދި، ފުރަތަމަ ފަރާތުގެ ބަދަލުގައި އޭޖެންޓް ޙަރަކާތްތެރިވަނީ އެ އޭޖެންޓުގެ ވިޔަފާރީގެ ޢާންމު އުސޫލުންކަމަށްވާނަމަ، އެ އޭޖެންޓުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުރިކަމަށް ބެލެވޭނެއެވެ. އެހެންނަމަވެސް، އެ އޭޖެންޓަކު ޙަރަކާތްތެރިވަނީ އެ އޭޖެންޓާ ގާތް ގުޅުމެއް އޮތް ފަރާތެއް ނުވަތަ ފަރާތްތަކެއްގެ ބަދަލުގައި އެކަނި ކަމަށްވާނަމަ، ނުވަތަ ގާތްގަނޑަކަށް އެ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ބަދަލުގައި އެކަނި ކަމަށްވާނަމަ އެ އޭޖެންޓަކީ މި މާއްދާގެ ބޭނުމަށް މުސްތަޤިއްލު އޭޖެންޓެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ހމ) "ދިވެހިރާއްޖެ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ދީފައިވާ މާނައިގައެވެ.
(ހފ) "ދިވެހިރާއްޖެއިން ލިބޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީއަށެވެ. އެއީ އެ އާމްދަނީ ލިބެނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ކަމުގައިވީ ނަމަވެސް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ކަމުގައިވީ ނަމަވެސް މެއެވެ.
(ހދ) "ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ 3 ވަނަ ބާބުގެ ދަށުން ޤާއިމުކޮށްފައިވާ ސްޓޮކް އެކްސްޗޭންޖަށެވެ.
(ހތ) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ؛
(1) ފަރުދަކާގުޅޭ ގޮތުންނަމަ:
i. އެ މީހަކު ދާއިމީކޮށް ދިރިއުޅޭ ތަން ދިވެހިރާއްޖޭގައި ހުރި މީހަކަށް؛ ނުވަތަ
ii. ޓެކްސް އަހަރެއްގެ ތެރޭގައި ފެށޭ ނުވަތަ ނިމޭ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި ހުރެފައިވާ ނުވަތަ ހުންނަން ގަސްތުކުރާ މީހަކަށް؛ ނުވަތަ
iii. ޓެކްސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރަށް ފޮނުވާފައިވާ ދައުލަތުގެ އޮފީހެއްގެ މުވައްޒަފެއް ނުވަތަ އޮފިޝަލަކަށެވެ.
(2) ކުންފުންޏަކާގުޅޭ ގޮތުންނަމަ:
i. ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކޮށްފައިވާ ކުންފުންޏަކަށް؛ ނުވަތަ
ii. އެ ކުންފުނީގެ ހެޑް އޮފީސް ދިވެހިރާއްޖޭގައި ހުރި ކުންފުންޏަކަށް؛ ނުވަތަ
iii. އެ ކުންފުނީގެ ހިންގުމާއި ކޮންޓްރޯލް ދިވެހިރާއްޖޭގައި އޮތް ކުންފުންޏަކަށެވެ.
(3) ޕާޓްނަރޝިޕަކާގުޅޭ ގޮތުންނަމަ:
i. ދިވެހިރާއްޖޭގައި އުފައްދާފައިވާ ޕާޓްނަރޝިޕަކަށް؛ ނުވަތަ
ii. އެ ޕާޓްނަރޝިޕްގެ ހިންގުމާއި ކޮންޓްރޯލް ދިވެހިރާއްޖޭގައި އޮތް ޕާޓްނަރޝިޕަކަށެވެ.
(4) ޓްރަސްޓަކާގުޅޭ ގޮތުންނަމަ:
i. ދިވެހިރާއްޖޭގައި އުފައްދާފައިވާ ނުވަތަ ސެޓްލްކޮށްފައިވާ ޓްރަސްޓަކަށް؛ ނުވަތަ
ii. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކު މަރުވުމާ ގުޅިގެން ޓްރަސްޓަކަށްވެފައިވާ އޭނާގެ ތަރިކަ؛ ނުވަތަ
iii. އެ ޓެކްސް އަހަރުގެ އެއްވެސް ވަގުތެއްގައި ދިވެހިރާއްޖޭގައި ހިންގާ ޓްރަސްޓަކަށެވެ.
(5) ދައުލަތުގެ އޮފީހަކަށެވެ.
(ހލ) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތާއި ދިވެހިރާއްޖޭގައި ވަގުތީ ގޮތުން ވަޒަންވެރިވެފައިވާ ފަރާތުގެ މާނައިގެ ތެރޭގައި ނުހިމެނޭ ކޮންމެ ފަރާތަކަށެވެ.
(ހގ) "ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ މި މާއްދާގެ (ހތ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޝަރުޠުތައް ފުރިހަމަވާ މީހުންނަށެވެ.
(1) ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިފައިވާ ބިދޭސީއަކަށްވުން؛ އަދި
(2) ދިވެއްސަކާ އިނދެގެން އުޅޭ މީހަކަށްނުވުން.
(ހޏ) "ތަޞައްރުފުކުރުން" ކަމަށް ބުނެފައި އެވަނީ:
(1) މުދަލެއް ވިއްކައިލުން، ދިނުން، ޓްރާންސްފަރކުރުން ނުވަތަ އެނޫންވެސް ގޮތަކަށް މިލްކުވެރިކަމުން މުދަލެއް ވަކިވުން؛ ނުވަތަ
(2) މުދަލެއް ހަލާކުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެ މުދާ ދާއިމީކޮށް އަތުން ބީވުން؛ ނުވަތަ
(3) މުދާ ބޭނުންކުރުން ދާއިމީކޮށް ހުއްޓާލުން ނުވަތަ އެ މުދާ ބޭނުންކުރަމުންދިޔަ ވިޔަފާރި ދާއިމީކޮށް ހުއްޓާލުން ނުވަތަ ނިމުމަކަށް ގެނައުން ނުވަތަ އުވައިލުން؛ ނުވަތަ
(4) މުދަލެއްގެ ވެރިފަރާތުން އެ މުދާ ބޭނުންކޮށްގެން ކުރަމުންދާ ވިޔަފާރިއަކުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައުމަށެވެ.
(ހސ) "ތިމާގެ މީހެއް" ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ:
(1) އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
(2) ދަރި ނުވަތަ މައިންބަފައިން ނުވަތަ ކާފަ ނުވަތަ މާމަ ނުވަތަ ބޭބެ ނުވަތަ ދައްތަ ނުވަތަ ކޮއްކޮ؛ ނުވަތަ
(3) މި މާއްދާގެ މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށެވެ.
(ހޑ) "ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރ" ކަމަށް ބުނެފައި އެވަނީ، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރޝިޕެއްގެ ކޮންމެ ޕާޓްނަރަކަށެވެ.
(ހޒ) "ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރޝިޕް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި މާނަކޮށްދީފައިވާ ބާވަތުގެ ޕާޓްނަރޝިޕަކަށެވެ.
(ހޓ) "ލޯނު" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތުން ("ފުރަތަމަ ފަރާތް") އަނެއް ފަރާތަށް ("ދެވަނަ ފަރާތް")، ދެވަނަ ފަރާތުން ކުރިމަގުގައި ޢަދަދެއް ދެއްކުމުގެ އިލްތިޒާމެއް އުފުލުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން، ފައިސާއިން ވިޔަސް ނުވަތަ ފައިސާއިން ނޫން ގޮތަކަށް ވިޔަސް ދޭ ޢަދަދަކަށެވެ. މީގެތެރޭގައި ފައިނޭންސް ލީސް ނުވަތަ ޕްރޮމިސަރީ ނޯޓު ނުވަތަ ބިލްސް އޮފް އެކްސްޗޭންޖް ނުވަތަ ބޮންޑަކާ ގުޅިގެން ދައްކަންޖެހޭ ޢަދަދުތައްވެސް ހިމެނެއެވެ.
(ހޔ) "ގުޅުން ހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ޝަރުޠުތަކުންކުރެ ޝަރުތެއް ފުރިހަމަވާ ދެ ފަރާތަކަށެވެ.
(1) އެއް ފަރާތުން އަނެއް ފަރާތް ކޮންޓްރޯލް ކުރުން ނުވަތަ އެ ދެ ފަރާތްވެސް ކޮންޓްރޯލް ކުރަނީ އެއް ފަރާތަކުން ނުވަތަ ފަރާތްތަކަކުން ކަމަށްވުން؛ ނުވަތަ
(2) އެކަކަކީ އަނެކަކުގެ ތިމާގެ މީހަކަށްވުން؛ ނުވަތަ
(3) އެއް ފަރާތަކީ ޕާޓްނަރޝިޕަކަށްވެފައި އަނެއް ފަރާތަކީ އެ ޕާޓްނަރޝިޕުގެ ޕާޓްނަރަކަށްވުން؛ ނުވަތަ
(4) އެއް ފަރާތަކީ ޕާޓްނަރޝިޕެއްގެ ޕާޓްނަރަކަށްވެފައި އަނެއް ފަރާތަކީވެސް އެ ޕާޓްނަރޝިޕުގެ ޕާޓްނަރަކަށްވުން؛ ނުވަތަ
(5) އެއް ފަރާތަކީ ޓްރަސްޓަކަށްވެފައި އަނެއް ފަރާތަކީ އެ ޓްރަސްޓުގެ ބެނިފިޝަރީއަކަށްވުން؛ ނުވަތަ
(6) އެއް ފަރާތަކީ ޓްރަސްޓަކަށްވެފައި އަނެއް ފަރާތަކީ އެ ޓްރަސްޓުގެ ސެޓްލަރއަކަށްވުން.
(ހޕ) "ޑިރެކްޓަރުންގެ ފީ" ކަމަށް ބުނެފައި އެވަނީ، ޑިރެކްޓަރުންގެ ވާޖިބުތައް އަދާކުރުމުގެ ސަބަބުން، ނުވަތަ ޑިރެކްޓަރެއްގެ މަޤާމުގައި ހުރުމުގެ ސަބަބުން، ނަގުދު ފައިސާއިން ނޫނަސް ލިބޭ ކޮންމެ އިނާޔަތެއްވެސް ހިމެނޭ ގޮތަށެވެ.
(ހޖ) [ޑިވިޑެންޑް] ކަމަށް ބުނެފައި އެވަނީ، ޙިއްޞާގެ އާމްދަނީގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން، ފައިދާގެ ބައިވެރިއެއްގެ ގޮތުން ލިބޭ، ދަރަންޏެއްގެ ބަދަލުގައި ލިބޭ އެއްޗެއް ކަމުގައި ނުހިމެނޭ ކޮންމެ އާމްދަނީއަކަށެވެ.
(ހޗ) "ޓެކްނިކަލް ސަރވިސް ފީ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުންނަށް ދޭ އުޖޫރައިގެ ގޮތުގައި ނުހިމެނޭ، ޓެކްނިކަލް، މެނޭޖީރިއަލް ނުވަތަ ކޮންސަލްޓަންސީ ފަދަ ޚިދުމަތަށް ދައްކާ މުޤާބިލަށެވެ.
(ށހ) "ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، މީލާދީ އަހަރުގެ 1 ޖަނަވަރީ އިން 31 ޑިސެންބަރަށެވެ.
(ށށ) [ޓެކްސް ބިނާކުރެވޭ އާމްދަނީ] ކަމަށް ބުނެފައި އެވަނީ، ކޮންމެ ފަރާތަކަށްވެސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޖުމްލަ އާމްދަނީން އުނިކުރުމަށް މި ޤާނޫނުން ހުއްދަކުރާ އުނިކުރުންތަކާއި މި ޤާނޫނުގެ 33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެއްލުން އުނިކުރުމުން އޮންނަ އާމްދަނީއަށެވެ.
(ށނ) "ޕާޓްނަރޝިޕް" ކަމަށް ބުނެފައި އެވަނީ:
(1) އެ މައްޗަށް ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ހިނގާ ޕާޓްނަރޝިޕްތައް؛ އަދި
(2) ވިޔަފާރި ޙަރަކާތަކުން ލިބޭ ޖުމްލަ އާމްދަނީއާއި ޚަރަދު ނުވަތަ ފައިދާ ނުވަތަ ގެއްލުން ޙިއްޞާކުރާ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ މީހުންނަށެވެ. އެއީ އެ އާމްދަނީ ލިބޭ ޙަރަކާތުގެ ނުވަތަ މުދަލުގެ މިލްކުވެރިކަން އެ ފަރާތްތަކުން ޙިއްޞާނުކުރިކަމުގައިވީ ނަމަވެސް ނުވަތަ އެ ޙަރަކާތް ހިންގަނީ ވަކި ނަމެއް ނެތިކަމަށްވީ ނަމަވެސް މެއެވެ.
(ށރ) [ޖުމްލަ އާމްދަނީ] ކަމަށް ބުނެފައި އެވަނީ، ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ، މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، އެނޫން އާމްދަނީގެ ޖުމްލައިން އެއްވެސް ޢަދަދެއް އުނިކުރުމުގެ ކުރިން އޮންނަ ޢަދަދަށެވެ.
(ށބ) "ޖެނެރަލް ޕާޓްނަރޝިޕް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕާޓްނަރޝިޕަކަށެވެ.
80. ފައިސާދެއްކުން
(ހ) މި ޤާނޫނުގެ އެއްވެސް މާއްދާއެއްގައި ފައިސާ ދެއްކުމަށް ރިޢާޔަތްކޮށްފައިވާނަމަ، ފައިސާ ދެއްކުންކަމުގައި ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ފައިސާގެ ޢަދަދެއް ދިނުން، ނުވަތަ އެ ފަރާތުގެ އެކައުންޓަށް (ކަރަންޓް އެކައުންޓް ހިމެނޭގޮތުން) ކްރެޑިޓްކޮށްދިނުން، ނުވަތަ އެ ފަރާތުގެ ހިސާބުތަކުގައި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައެޅުން، ނުވަތަ އެ ފަރާތުން ދައްކަންޖެހޭ ޢަދަދަކުން އަޅައިކެނޑުން، ނުވަތަ އެ ފައިސާ ލިބޭ ފަރާތަށް މަންފާވާ ގޮތަށް ނުވަތަ އެ ފަރާތުގެ ބަދަލުގައި އެނޫންވެސް ގޮތަކުން މުޢާމަލާތެއް ކުރުމަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނެގުމުގެ ބޭނުމަށާއި 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ނެގުމުގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް ފައިސާ ދައްކާ ވަގުތު ނުވަތަ މުވައްޒަފުންނަށް އުޖޫރަ ދޭ ވަގުތު ކަމަށް ބަލާނީ އެ ފައިސާ ދެއްކި ވަގުތާއި އެ ފައިސާ ދައްކަންޖެހޭ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތަކަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެ ފައިސާއެއްގެ ޒާތުން، އެ ފައިސާ ނިސްބަތްވާ މުއްދަތުގައި އެ ފައިސާ ދައްކަންޖެހޭކަން ނުވަތަ އެ ފައިސާގެ ޢަދަދު އެނގެން ނެތް ޙާލަތްތަކުގައި ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި ޢަމަލުކުރާނެ ގޮތް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
81. ވަޒަންވެރިވާ ދުވަސް ބަލާނެ ގޮތް
ޓެކްސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް، ވަޒަންވެރިވާ ދުވަސްކަމުގައި ބެލެވޭނީ އަންނަނިވި ދުވަސްތަކުގެ ތެރެއިން ކުރިން އަންނަ ދުވަހަށެވެ.
(ހ) ފަރުދަކާގުޅޭ ގޮތުންނަމަ:
(1) އެ މީހަކު ދިވެހިރާއްޖޭގައި ހުރި ތަނެއްގައި ދާއިމީކޮށް ދިރިއުޅެންފެށި ފުރަތަމަ ދުވަސް؛
(2) މި ޤާނޫނުގެ 79 ވަނަ މާއްދާގެ (ހތ) ގައި "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތް" އަށް ދީފައިވާ މާނައިގައި ބަޔާންކޮށްފައިވާ 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހުގެ ތެރެއިން ފުރަތަމަ ދުވަސް؛
(3) ޓެކްސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރަށް ފޮނުވާފައިވާ ދައުލަތުގެ އޮފީހެއްގެ މުވައްޒަފެއް ނުވަތަ އޮފިޝަލެއްނަމަ:
i. އޭނާ ދިވެހިރާއްޖެއިން ބޭރުގައި ވަޒީފާއަދާކުރަން ފަށާ ނުވަތަ މަސައްކަތްކުރަން ފަށާ ދުވަސް؛ ނުވަތަ
ii. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ ދުވަސް.
(ށ) ކުންފުންޏަކާގުޅޭ ގޮތުންނަމަ:
(1) އެ ކުންފުނި އިންކޯޕަރޭޓްކުރި ދުވަސް؛ ނުވަތަ
(2) އެ ކުންފުނީގެ ހެޑް އޮފީސް ދިވެހިރާއްޖޭގައި ޤާއިމުކުރި ދުވަސް؛ ނުވަތަ
(3) އެ ކުންފުނީގެ ހިންގުމާއި ކޮންޓްރޯލް ދިވެހިރާއްޖޭގައި ހިނގަން ފެށި ފުރަތަމަ ދުވަސް.
82. ގުޅުން ހުރި މުޢާމަލާތްތައް
މި ޤާނޫނުގެ ބޭނުމަށް، 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ގުޅުން ހުރި މުޢާމަލާތްތަކެއް ކޮށްފައިވާނަމަ އަދި އެ ފަރާތްތަކަކީ އެއިން މުޢާމަލާތެއްގެ ނުވަތަ މުޢާމަލާތްތަކެއްގެ ބައިވެރިންކަމުގައިވާނަމަ، އެ ފަރާތްތަކަކީ އެއިން އެއް މުޢާމަލާތެއްގެ ބައިވެރިންނަށްނުވި ނަމަވެސް، އެ ފަރާތްތަކުގެ މެދުގައި ނުސީދާ ގޮތުން މުޢާމަލާތެއް ކޮށްފައިވާ ކަމަށް ބެލެވޭނެއެވެ.
83. ޢައްޔަންކޮށްފައިވާ ފަރާތް
މި ޤާނޫނުގައި، އެހެން ގޮތަކަށް މާނަ ދޭހަނުވާހާ ހިނދަކު، ޢައްޔަންކޮށްފައިވާ ފަރާތެއްގެ ހައިސިއްޔަތުން އެއްޗަކާ ހަވާލުވެ ހުރިނަމަ ނުވަތަ ކަމެއް ކުރާނަމަ، އެ އެއްޗަކާ ޙަވާލުވެ ހުރި ކަމަށް ނުވަތަ އެ ކަމެއް ކުރި ކަމަށް ބެލެވޭނީ އެ ފަރާތް ޢައްޔަންކުރި ފަރާތެވެ.
84. އެކަހެރި ނަމާއި ގިނަ ނަން
މި ޤާނޫނުގައި ބޭނުންކޮށްފައިވާ އެކަހެރި ނަމުގެ ތެރޭގައި ގިނަ ނަން އަދި ގިނަ ނަމުގެ ތެރޭގައި އެކަހެރި ނަން ހިމެނެއެވެ.
85. އުވައިލެވޭ ޤާނޫނުތައް
(ހ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުން ފެށިގެން އަންނަނިވި ޤާނޫނުތައް އުވި އެ ޤާނޫނުތަކުގެ ދަށުން ހިނގަމުން އައި ޓެކުހުގެ ނިޒާމު މި ޤާނޫނުގެ ދަށަށް ބަދަލުވާނެއެވެ.
(1) ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު)؛ އަދި
(2) ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު).
(ށ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުން ފެށިގެން އަންނަނިވި ޤާނޫނުތަކުގެ އަންނަނިވި ބައިތައް އުވުނީއެވެ.
(1) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނެގެމުން އައި ޓެކްސް؛
(2) ޤާނޫނު ނަންބަރު 4/2015 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން އިޞްލާޙު ކުރެވުނު ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ކ) ގެ ދަށުން ނެގެމުން އައި ޓެކްސް؛
(3) ޤާނޫނު ނަންބަރު 39/2015 (ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން އިޞްލާޙު ކުރެވުނު ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ބ) ގެ ދަށުން ނެގެމުން އައި ޓެކްސް؛
(4) ޤާނޫނު ނަންބަރު 22/2016 (ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން އިޞްލާޙު ކުރެވުނު (ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 11 ވަނަ ބާބުގެ ދަށުން ނެގެމުން އައި ރެމިޓެންސް ޓެކްސް.
(ނ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުން ފެށިގެން ޤާނޫނު ނަންބަރު 1/89 (ދިވެހިރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ޤާނޫނު) އުވުނީއެވެ.
86. އިންތިޤާލީ އުސޫލު ހިނގާ ފަރާތްތައް
މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރެއިން މި ބާބު ހިނގާނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން އެ ފަރާތެއްގެ މައްޗަށް ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ހިނގި ފަރާތްތައް؛ އަދި
(ށ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން އެ ފަރާތެއްގެ މައްޗަށް ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ހިނގި ފަރާތްތައް.
87. ރަޖިސްޓަރީކުރަންނުޖެހުން
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލާޒިމުނުކުރާނަމަ އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.
88. އިލްތިޒާމުތައް ދެމިގެންދިއުން
މި ޤާނޫނުގެ 85 ވަނަ މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހާ ހަމައަށް ހުރި މުއްދަތުތަކަށް އެ ޤާނޫނުތައް ތަންފީޒުކުރުމާގުޅޭ ގޮތުން، އަންނަނިވި ކަންކަން ހިމެނޭ ގޮތުން، ޢަމަލުކުރާނީ އެ ޤާނޫނުތައް ދެމިއޮތްނަމަ އެ ކަންކަމާމެދު އެ ޤާނޫނުތަކުގެ ދަށުން ޢަމަލުކުރާނެ އުސޫލުންނެވެ.
(ހ) އެ ޤާނޫނުތަކުން ލިބިދީފައިވާ ޙައްޤުތަކާއި އިމްތިޔާޒުތައް؛
(ށ) އެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހިފައިވާ އިލްތިޒާމުތަކާއި ވާޖިބުތައް؛
(ނ) އެ ޤާނޫނުތަކުގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުން އޮޑިޓްކުރުމާއި ތަޙުޤީޤުކުރުމާއި ދައްކަންޖެހޭ ޓެކުހުގެ ޢަދަދު ކަނޑައެޅުމާއި ޖޫރިމަނާއާއި އަދަބު ކަނޑައެޅުން؛
(ރ) އެ ޤާނޫނުތަކުގެ ދަށުން ލިބެންޖެހޭ ޓެކްސް، ޖޫރިމަނާ، އިންޓްރެސްޓް އަދި އެހެނިހެން ފައިސާ ހޯދުން؛ އަދި
(ބ) އަދަބުތަކުން ލުއި ދިނުން.
89. އުވައިލެވޭ ޤާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ އެންމެ ފަހުގެ މުއްދަތު
ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ފަރާތެއްގެ މައްޗަށް މި ބާބު ހިނގާ ފަރާތަކުން އިސްވެ ބަޔާންކުރެވުނު ޤާނޫނުތަކުންކުރެ ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެ ފަހުގެ ހިސާބުކުރާ މުއްދަތު މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރީ ދުވަހަށް ނިންމައި، މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު، މި ޤާނޫނުގެ ބޭނުމަށް އައު ހިސާބުކުރާ މުއްދަތެއް ފަށަންވާނެއެވެ.
90. އިންޓެރިމް ޕޭމަންޓް ދެއްކުން
މި ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން އެ ފަރާތެއްގެ މައްޗަށް ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ހިނގި ފަރާތްތަކުން، ނުވަތަ ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކޮންމެ އިންޓެރިމް ޕޭމަންޓަކީވެސް، އެ ޤާނޫނުތަކުގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެ ފަހުގެ ހިސާބުކުރާ މުއްދަތުގައި އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢަދަދަކަށް ވާންވާނެއެވެ. މި މާއްދާއަށް ޢަމަލުކުރަންވާނީ އެ މާއްދާގެ ދެންހުރި އަކުރުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
91. އިތުރަށް ދެއްކިފައިވާ ޓެކްސް
ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ދައްކަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތަކުން ފައިސާ ދައްކާފައިވާނަމަ އެ ފައިސާއާމެދު ޢަމަލުކުރާނީ އެއީ މި ޤާނޫނުގެ ދަށުން އިތުރަށް ދައްކާފައިވާ ޢަދަދެއް ކަމަށް ބަލައިގެންނެވެ.
92. ގެއްލުން އަޅައިކެނޑުން
(ހ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ވެފައިވާ ގެއްލުމެއް އެ ޤާނޫނުގެ 11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އަޅައިނުކެނޑި އޮތްނަމަ، އެ ގޮތުން އަޅައިނުކެނޑި އޮތް ޢަދަދަކީ މި ޤާނޫނުގެ 33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އަޅައިކެނޑިދާނެ ޢަދަދެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތްތަކުގައި މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ގެއްލުންވި ހިސާބުކުރާ މުއްދަތު ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން އެ ގެއްލުން ހިސާބުކުރެވުނު މުއްދަތަށެވެ.
93. ކެޕިޓަލް ލޮސް
ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެ ފަހުގެ ހިސާބުކުރާ މުއްދަތު ނިމުނުއިރު، ކެޕިޓަލް އެކައުންޓެއްގައި ހުރި މުދާ ނުވަތަ ދަރަންޏާ ގުޅިގެން ވެފައިވާ ރިއަލައިޒްޑް ލޮސްގެ ޢަދަދެއް އެ ފަދަ އެކައުންޓެއްގައި ހުރި ރިއަލައިޒްޑް ގެއިންއިން އަޅައިނުކެނޑި އޮތްނަމަ، އެ ގޮތުން އަޅައިނުކެނޑި އޮތް ޢަދަދަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މި ޤާނޫނުގެ 34 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވިދާނެ ޢަދަދެކެވެ.
94. ކެޕިޓަލް އެލަވަންސް
(ހ) ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކޮށްފައިވާ މުދަލަކަށް ނުވަތަ ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޑިޕްރީސިއޭޝަން އުނިކޮށްފައިވާ މުދަލަކަށް މި ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ރައްދުވާނަމަ އެ މުދަލަކަށް ކުރާ ކެޕިޓަލް ޚަރަދު ކަމަށް ބަލާނީ އެ ޤާނޫނުތަކުގެ ދަށުން، ކެޕިޓަލް އެލަވަންސް ނުވަތަ ޑިޕްރީސިއޭޝަން އުނިކުރުމުގެ ބޭނުމަށް، އެ މުދަލަކަށް ކޮށްފައިވާ ކެޕިޓަލް ޚަރަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަށެވެ.
(ށ) ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން އުނިކޮށްފައިވާ ކެޕިޓަލް އެލަވަންސަކީ ނުވަތަ ޤާނޫނު ނަންބަރު 9/82 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން އުނިކޮށްފައިވާ ޑިޕްރީސިއޭޝަނަކީ މި ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އުނިކޮށްފައިވާ ކެޕިޓަލް އެލަވަންސެއް ކަމަށް ބެލެވޭނެއެވެ.
95. ނުއުފުލޭ މުދާ ކުއްޔަށް ދިނުން
(ހ) ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއް ކުއްޔަށް ދީގެން ލިބޭ އާމްދަނީއާ ގުޅިގެން ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ އިޚްތިޔާރުކޮށްފައިވާ ފަރާތަކަށް، މި ޤާނޫނުގެ ދަށުން ޓެކްސް ނެގޭ، އެ ފަރާތުގެ ފުރަތަމަ ހިސާބުކުރާ މުއްދަތުގައި މި ޤާނޫނުގެ 28 ވަނަ މާއްދާއަށް ޢަމަލުކުރެވޭނެނަމަ އެ މުއްދަތުގައި އެ ފަރާތަކުން މި ޤާނޫނުގެ 28 ވަނަ މާއްދާއަށް ޢަމަލުކުރުމަށް އިޚްތިޔާރުކޮށްފައިވާ ކަމަށް ބެލެވޭނެއެވެ.
(ށ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ދެމިއޮތްނަމަ، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އިޚްތިޔާރުކޮށްފައިވާ ގޮތް ބަދަލުކުރުމުގެ ފުރުޞަތު އޮތް ފަރާތެއްގެ މައްޗަކަށް މި މާއްދާގެ (ހ) އެއް ނުހިނގާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތުގައި، މި ޤާނޫނުގެ 28 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފަށާނީ އެ ފަރާތަކުން ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ އިޚްތިޔާރުކުރި ހިސާބުކުރާ މުއްދަތުން ފެށިގެންނެވެ.
96. އަނބުރައި ނުލިބޭ ދަރަންޏާއި އެ ފަދަ ދަރަނީގެ ޕްރޮވިޜަން
(ހ) ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ނުވަތަ ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ހިމަނާފައިވާ ޢަދަދުތަކަށް، މި ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރެއް ނުހިނގާނެއެވެ.
(ށ) މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ނިމުނު އެންމެ ފަހުގެ ހިސާބުކުރާ މުއްދަތުގައި، ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު (ބޭންކް ޕްރޮފިޓް ޓެކްސް ރެގިއުލޭޝަން) ގެ 9 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން ޢަދަދެއް އުނިކޮށްފައިވާނަމަ، މި ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޮމިއުލާގައި b އަކީ އެ ގަވާއިދުގެ 9 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ ޢަދަދެވެ.
97. އެކައުންޓުގެ ބާކީ
މި ޤާނޫނުގެ ދަށުން އެ ފަރާތަކުން ޓެކްސް ދައްކަންޖެހޭ ފުރަތަމަ ހިސާބުކުރާ މުއްދަތުގައި އެއްވެސް ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގެ ބޭނުމަށް، މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެއްވެސް އެކައުންޓެއްގައި ހުރި ބާކީއަށް، ނުވަތަ ފާއިތުވި ހިސާބުކުރާ މުއްދަތު ނިމުނުއިރު އެއްވެސް އެކައުންޓެއްގައި ހުރި ބާކީއަށް ރިޢާޔަތްކުރަންޖެހިއްޖެނަމަ ބަލާނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް ދައްކަންޖެހޭ އެންމެ ފަހުގެ ހިސާބުކުރާ މުއްދަތު ނިމުނުއިރު އެ އެކައުންޓުގައި ހުރި ބާކީއަށެވެ.
98. ބޭންކުތަކުން މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް
މި ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ނުވަތަ އޭގެ ފަހުން ނިމޭ، ބޭންކުތަކުގެ ފުރަތަމަ ހިސާބުކުރާ މުއްދަތަށް މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދައްކަންވާނީ އެ ފަރާތުގެ ފުރަތަމަ ހިސާބުކުރާ މުއްދަތުގެ ތެރޭގައި އަންނަ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
99. އިންތިޤާލީ އުސޫލުތަކާ ގުޅިގެން ގަވާއިދު ހެދުން
ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ނެގެމުންއައި ޓެކުހުގެ ނިޒާމު މި ޤާނޫނުގެ ދަށަށް ބަދަލުވުމާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އެހެނިހެން ކަންކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.