1. ތަޢާރުފާއި ނަން
(ހ) މިއީ ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު" އެވެ.
2. މަޤްޞަދު
މި ގަވާއިދުގެ މަޤްޞަދަކީ، ފުރިހަމަ ގޮތުގައި ޤާނޫނު ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމާއި އެ ފަރާތްތަކެއްގެ މައްޗަށް ޤާނޫނު ހިނގާ ފަރާތްތަކުން ޢަމަލުކުރަންވާނެ ގޮތް ކަނޑައެޅުމާއި ޤާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.
3. ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން
(ހ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަންވާނީ، "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރުމަށް އިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމަށް ކަނޑައަޅައިފައިވާ ސަރުކާރުގެ މިނިސްޓްރީއަށް ހުށަހަޅާ ފަރާތްތަކުން، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް، "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު، މީރާއަށް އިތުރަށް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުޖޫރަ ލިބޭ މީހެއް ރަޖިސްޓަރީކުރުމަށް އުޖޫރަ ދޭ ފަރާތުން ހުށަހަޅަންވާނީ، "އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީކުރުން" (MIRA 118) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.
(ރ) (އުނިކޮށްފައި).
4. އުޖޫރަ ނޫން އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުން
(ހ) ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ އެންމެހައި ފަރާތްތައް، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) ޤާނޫނުގެ 79 ވަނަ މާއްދާގެ (ށނ) ގެ (2) ވަނަ ނަންބަރުގައި މާނަކޮށްދީފައިވާ ޕާޓްނަރޝިޕްތަކަށް މި ގަވާއިދުގައި ހަވާލާދޭނީ "ޑީމްޑް ޕާޓްނަރޝިޕް" މި ގޮތަށެވެ.
(ނ) މި މާއްދާގެ (ހ) ރައްދުނުވާ ފަރުދުންނާއި ޑީމްޑް ޕާޓްނަރޝިޕްތައް އަންނަނިވި ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވާނަމަ ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
(1) ވިޔަފާރި ޙަރަކާތެއް ހިންގުމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އެ މީހާއަށް ނުވަތަ އެ ޑީމްޑް ޕާޓްނަރޝިޕަށް ހުއްދައެއް ނުވަތަ ލައިސަންސެއް ދޫކޮށްފައިވުން؛ ނުވަތަ
(2) އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރޝިޕުން އެއްވެސް މީހަކަށް ދޭ އުޖޫރައިން، ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުން ތިބުން؛ ނުވަތަ
(3) އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރޝިޕުން ހިންގާ ހުރިހާ ވިޔަފާރި ޙަރަކާތަކުން 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް އެ މީހާއަށް ނުވަތަ އެ ޑީމްޑް ޕާޓްނަރޝިޕަށް ލިބޭ ޖުމްލަ އާމްދަނީ -/40,000 (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރުވުން.
(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ މީހެއް، ނުވަތަ ޑީމްޑް ޕާޓްނަރޝިޕަކުން، ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަދަ ފައިސާއެއް ދައްކާނަމަ، އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރޝިޕް ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
5. ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓަރީކުރުން
މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 79 ވަނަ މާއްދާގެ (ހވ) ގައި މާނަކޮށްދީފައިވާ ފަދަ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
6. އާމްދަނީ ނުލިބޭ ފަރާތްތަކާއި އިސްތިސްނާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުން
(ހ) އެއްވެސް އާމްދަނީއެއް ނުލިބޭ ފަރާތެއްނަމަ، ނުވަތަ އެ ފަރާތަކަށް ލިބޭ ހުރިހާ އާމްދަނީއަކީ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ އާމްދަނީ ކަމުގައިވާނަމަ، އެ ފަރާތުން ރަޖިސްޓަރީކުރަން ހުށަހަޅަން ލާޒިމުވާނީ އެ ފަރާތަކީ ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް އުޖޫރަ ދޭ ފަރާތެއްނަމައެވެ.
(ށ) މި މާއްދާއަށް ޢަމަލުކުރާނީ މި ގަވާއިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެމަތިންނެވެ.
7. އުޖޫރަ ލިބޭ މީހުން ރަޖިސްޓަރީކުރުން
(ހ) އުޖޫރަ ލިބޭ މީހުން ރަޖިސްޓަރީކުރުމަށް ހުށަހެޅުމަކީ އުޖޫރަ ދޭ ފަރާތުގެ ޒިންމާއެކެވެ.
(ށ) އެ ފަރާތުން އުޖޫރަ ދޭ މީހުން ރަޖިސްޓަރީކުރަން ހުށަހެޅުމަށް، އުޖޫރަ ދޭ ފަރާތުގެ މައްޗަށް ލާޒިމުވާނީ އަންނިވި ޙާލަތްތަކުގައެވެ.
(1) އުޖޫރަ ލިބޭ މީހާއަށް އުޖޫރަ ދޭ ފަރާތުން 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް، ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ދޭނެކަމަށް އަންދާޒާކުރެވުން؛ ނުވަތަ
(2) އުޖޫރަ ލިބޭ މީހާއަށް ވިދިވިދިގެން 2 (ދޭއް) މަހުގައި، ކޮންމެ މަހަކަށް، ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އުޖޫރަ ދޭ ފަރާތުން ދިނުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރުތެއް ފުރިހަމަވެގެން އެ ފަރާތުން އުޖޫރަ ދޭ އެއްވެސް މީހެއް ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް ލާޒިމުވެއްޖެނަމަ، އެ ފަރާތުން އުޖޫރަ ދޭ މީހުންގެ ތެރެއިން ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް -/30,000 (ތިރީސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އުޖޫރަ ދޭ އެންމެން ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 1 (އެކެއް) ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ މީހެއްނަމަ، އަދި އުޖޫރަ ދޭ އެއްވެސް ފަރާތަކުން އެ މީހާ ރަޖިސްޓަރީކޮށްފައި ނުވާނަމަ، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) އަށް ޢަމަލުކުރާނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި، އެވްރެޖްކޮށް މަހެއްގެ މައްޗަށް އެ މީހަކަށް ލިބޭ ޖުމްލަ އާމްދަނީ -/40,000 (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރުވާނަމައެވެ.
(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް މީހަކަށް، ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބުނު އާމްދަނީގެ ޖުމްލަ -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ، ރަޖިސްޓަރީކުރުމަށް ހުށަހަޅަންވާނެއެވެ.
8. ޖުމްލަ އާމްދަނީއަށް ބަލައި ރަޖިސްޓަރީކުރުން
މި ބާބުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީކުރަން ލާޒިމުވާ ޝަރުޠެއް ފުރިހަމަނުވި ނަމަވެސް، ފަރުދުން ފިޔަވައި އެހެން ފަރާތަކަށް ހިސާބުކުރާ މުއްދަތެއްގައި ލިބުނު ޖުމްލަ އާމްދަނީ -/500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ ފަރާތުން ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
9. އަމިއްލަ އިޚްތިޔާރުގައި ރަޖިސްޓަރީކުރުން
މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތެއްގެ މައްޗަށް ޤާނޫނު ހިނގާ ކޮންމެ ފަރާތަކުން ވެސް ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހެޅިދާނެއެވެ.
10. ރަޖިސްޓަރީކުރަން ހުށަހަޅަން ނުޖެހުން
މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހާ ހަމައަށް، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީކުރަން ހުށަހަޅާކަށް ނުޖެހޭނެއެވެ.
11. މަޢުލޫމާތު ބަދަލުވުން
(ހ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ރެޖިސްޓްރޭޝަނާ ގުޅޭ މަޢުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލު އައި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު މެދުވެރިކޮށް އެ ފަރާތުން މީރާއަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކުން، އެ ފަރާތުން އުޖޫރަ ދޭ މީހެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހެއްގެ އެ ފަރާތުން ދީފައިވާ ވަޒީފާއާ ގުޅޭ މަޢުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ބަދަލެއް، މީރާކަނެކްޓް މެދުވެރިކޮށް މީރާއަށް އަންގަންވާނެއެވެ.
(ނ) އުޖޫރަ ދޭ ފަރާތަކުން އުޖޫރަ ލިބޭ މީހަކު ރަޖިސްޓަރީކުރި ފަހުން، އުޖޫރަ ލިބޭ މީހާއަށް އެހެން ބާވަތެއްގެ އާމްދަނީއެއް ލިބޭނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު މެދުވެރިކޮށް، އުޖޫރަ ލިބޭ މީހާ، އެ ކަން މީރާއަށް އަންގަންވާނެއެވެ.
(ރ) އުޖޫރަ ދޭ ފަރާތަކުން އުޖޫރަ ލިބޭ މީހަކު ރަޖިސްޓަރީކުރި ފަހުން، އެ މީހާ އިތުރު ވަޒީފާއެއް އަދާކުރާނަމަ އަދި އެ ވަޒީފާ ދިން ފަރާތުން އެ ކަން މީރާއަށް އަންގައިފައި ނުވާނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން" (MIRA 117) ފޯމު މެދުވެރިކޮށް އުޖޫރަ ލިބޭ މީހާ އެ ކަން މީރާއަށް އަންގަންވާނެއެވެ.
12. ރަޖިސްޓަރީން އުނިކުރުން
(ހ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މީހެއް މަރުވެއްޖެނަމަ، މި ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން އޭނާގެ ވާރިޘުން މީރާއަށް އެ ކަން އެންގުމުން، އެ މީހާ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުނީއެވެ.
(ށ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް، ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް އުވައިލުމުން، އެ ފަރާތެއް ރަޖިސްޓަރީން އުނިކުރެވޭނެއެވެ.
(ނ) ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒުތައް މެދުވެރިކޮށް ކުރަމުންދާ ވިޔަފާރި ނިމުމަކަށް އަތުވެއްޖެނަމަ، އެ ދާއިމީ މަރުކަޒުތަކުގެ ވެރިފަރާތުން ރަޖިސްޓަރީން އުނިކުރަން ހުށަހަޅަންވާނެއެވެ.
13. އުޖޫރައިގެ މާނައިގައި ނުހިމެނޭ އިނާޔަތާއި މަންފާ
(އުނިކޮށްފައި).
14. ޢިނާޔަތާއި މަންފާ
ޓެކްސް ނެގުމުން އިސްތިސްނާވާނެ ކަމަށް ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދާނީއަކަށް ނުވާ، އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް، ފައިސާއިން ނުވަތަ ފައިސާއިން ނޫން ގޮތަކަށް ވިޔަސް ދޭ ކޮންމެ ޢިނާޔަތަކާއި މަންފާއަކީ އުޖޫރައިގެ މާނައިގައި ހިމެނޭ ޢިނާޔަތާއި މަންފާއެކެވެ. އަދި މި ބާބުގައި ބަޔާންކޮށްފައިވާ ޢިނާޔަތާއި މަންފާތަކަކީ އުޖޫރައިގެ މާނައިގައި ހިމެނޭ ހުރިހާ ޢިނާޔަތަކާއި މަންފާތަކެއް ނޫނެވެ.
15. ހިސާބުކުރާ އިނާޔަތާއި މަންފާގެ ޢަދަދުން ބައެއް އުޖޫރަ ލިބޭ މީހާ ދެއްކުން
މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ބާބުގެ ދަށުން ހިސާބުކުރާ އިނާޔަތާއި މަންފާގެ ޢަދަދުން އެއްވެސް ބައެއް އުޖޫރަ ލިބޭ މީހާ ދައްކާނަމަ، އެ ޢަދަދަކީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާއެއް ނޫނެވެ.
16. ގުޅުންހުރި ފަރާތަކުން ދޭ އުޖޫރައާއި ގުޅުންހުރި ފަރާތަކަށް ލިބޭ އުޖޫރަ
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް އިނާޔަތަކާއި މަންފާއެއް ދެނީ އުޖޫރަ ދޭ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުންނަމަ އެ އިނާޔަތާއި މަންފާގެ މިންވަރަކީ، އެ އިނާޔަތާއި މަންފާގެ އޯޕަން މާކެޓް ވެލިއުއެވެ.
(ށ) މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް އިނާޔަތަކާއި މަންފާއެއް ލިބެނީ އުޖޫރަ ލިބޭ މީހަކާ ގުޅުންހުރި ފަރާތަކަށްނަމަ ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކަށްނަމަ، އެއީ އުޖޫރަ ލިބޭ މީހާއަށް ލިބޭ އިނާޔަތަކާއި މަންފާއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އެ ފަރާތުން ކަނޑައަޅާ ފަރާތު" ގެ މާނައިގެ ތެރޭގައި އުޖޫރަ ދޭ ފަރާތުން ކޮންޓްރޯލްކުރާ ނުވަތަ އުޖޫރަ ދޭ ފަރާތުގެ ވަޞީލަތްތައް ބޭނުންކޮށްގެން ހިންގާ ނުވަތަ އުޖޫރަ ދޭ ފަރާތުގެ މުވައްޒަފުން ތަމްސީލުކުރާ ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތް، ކޯޕަރޭޓިވް ސޮސައިޓީ ފަދަ ތަންތަން ހިމެނެއެވެ.
17. ދިރިއުޅޭ ތަން
އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ފޯރުކޮށްދޭ ދިރިއުޅޭ ތަނުގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.
(ހ) އެ ތަނަކީ އުޖޫރަ ދޭ ފަރާތުގެ ތަނެއްނަމަ، ނުވަތަ އުޖޫރަ ދޭ ފަރާތާ ގުޅުންހުރި ފަރާތެއްގެ ތަނެއްނަމަ ނުވަތަ އުޖޫރަ ދޭ ފަރާތާ ގުޅުންހުރި ފަރާތެއްގެ އަތުން ކުއްޔަށް ހިފާފައިވާ ތަނެއްނަމަ އެ ތަނުގެ ކުލީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު.
(ށ) އެ ތަނަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތަކުން ފިޔަވައި އެހެން ފަރާތެއްގެ އަތުން ކުއްޔަށް ހިފާފައިވާ ތަނެއްނަމަ، އެ ތަނަށް އުޖޫރަ ދޭ ފަރާތުން ދައްކާ ކުލި.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ތަނަކީ ފަރނިޝްޑް ތަނެއް ނޫންނަމަ އަދި އެ ތަނުގެ ފަރުނީޗަރު އުޖޫރަ ދޭ ފަރާތުން ދޭނަމަ، ފަރުނީޗަރު ނުހިމަނައި، އެ އަކުރުތަކުގައިވާ ގޮތަށް ހިސާބުކުރާ ޢަދަދަށް، ތިރީގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާ ފަރުނީޗަރުގެ ވެލިއު.
ފަރުނީޗަރު ނުހިމަނައި ހިސާބުކުރާ ޢަދަދު × %20
(ރ) މި މާއްދާގެ ބޭނުމަށް ފަރނިޝްޑް ތަނެއް ކަމަށް ބަލާނީ އެ ތަނުގައި ފިޓިންގސް ފިޔަވައި އިތުރު ފަރުނީޗަރެއް ހުރިނަމައެވެ.
(ބ) މި މާއްދާގައި ބަޔާންކުރާ ދިރިއުޅޭ ތަނުގައި އުޖޫރަ ދޭ ފަރާތުގެ ޚަރަދުގައި ފޯރުކޮށްދޭ އަންނަވި ވަޞީލަތްތަކާއި ޚިދުމަތްތަކުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(1) ކަރަންޓާއި ފެނާއި ކުނި އުކައިދިނުން ފަދަ ޚިދުމަތްތައް؛
(2) ކޭބަލް ޓީވީއާއި، ޓެލެފޯނާއި އިންޓަރނެޓްގެ ޚިދުމަތް؛
(3) މަރާމާތުކުރުމާއި، ޒީނަތްތެރިކުރުން؛
(4) ފޮޅައި ސާފުކުރުން.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ވަޞީލަތްތަކާއި ޚިދުމަތްތަކުގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ، އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(1) އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދެނީ ސީދާ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(2) އެ ވަޞީލަތެއް ނުވަތަ ޚިދުމަތްތެއް ފޯރުކޮށްދެނީ ސީދާ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުންނަމަ އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރާ ޚަރަދު.
18. މުދަލެއް ނުވަތަ ޚިދުމަތެއް ގަތުން، ވިއްކުން ނުވަތަ ދިނުން
(ހ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ މުދަލެއް ނުވަތަ ޚިދުމަތެއް އޭގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ބޮޑު އަގެއްގައި ގަނެފިނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދަކީ އެ މުދަލެއް ނުވަތަ ޚިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ އެ މުދާ ނުވަތަ ޚިދުމަތް ގަތް އަގު ބޮޑުވި މިންވަރެވެ.
(ށ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާއަށް މުދަލެއް ނުވަތަ ޚިދުމަތެއް އޭގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގަކަށް ވިއްކައިފިނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދަކީ އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ އެ މުދާ ނުވަތަ ޚިދުމަތް ވިއްކި އަގު ކުޑަވި މިންވަރެވެ.
(ނ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާއަށް މުދަލެއް ނުވަތަ ޚިދުމަތެއް ހިލޭ ދީފިނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދަކީ މުދަލުގެ ނުވަތަ ޚިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.
(ރ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ބޭނުމަށް ތިންވަނަ ފަރާތަކުން މުދަލެއް ނުވަތަ ޚިދުމަތެއް ގަތުމަށްފަހު، އެ މުދާ ނުވަތަ ޚިދުމަތް އުޖޫރަ ލިބޭ މީހާއަށް ފޯރުކޮށްދީފިނަމަ އަދި އޭގެ މުޤާބިލުގެ ގޮތުގައި އުޖޫރަ ލިބޭ މީހާ އުޖޫރަ ދޭ ފަރާތަށް ދައްކާ އަގަކީ އެ މުދާ ނުވަތަ ޚިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގެއްނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދަކީ އެ މުދާ ނުވަތަ ޚިދުމަތުގެ އަގުގެ ގޮތުގައި އުޖޫރަ ލިބޭ މީހާ އުޖޫރަ ދޭ ފަރާތަށް ދައްކާ އަގާއި، އެ މުދާ ނުވަތަ ޚިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުގެ ތަފާތެވެ.
19. މުދަލެއް ބޭނުންކުރުމުގެ ޙައްޤު ދިނުން
(ހ) އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ އުޅަނދެއް ފިޔަވައި، އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށް ނޫން ގޮތަކަށް، މުދަލެއް ބޭނުންކުރުމުގެ ޙައްޤު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށް ވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ދީފައިވާނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާ މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.
(1) އެ މުދަލަކީ އުޖޫރަ ދޭ ފަރާތުގެ މުދަލެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 20% × 1/12
A = އެ މުދަލުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު
(2) އެ މުދަލަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ އަތުން ކުއްޔަށް ނަގައިފައިވާ މުދަލެއްނަމަ ނުވަތަ ހިލޭ ބޭނުންކުރުމުގެ ޙައްޤު ހޯދާފައިވާ މުދަލެއްނަމަ، އެ މުދަލުގެ މަހު ކުލީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(3) އެ މުދަލަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ކުއްޔަށް ނަގައިފައިވާ މުދަލެއްނަމަ، އެ މުދަލުގެ މަހު ކުލީގެ ގޮތުގައި އުޖޫރަ ދޭ ފަރާތުން ދައްކާ ޢަދަދު.
(ށ) އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ އުޅަނދެއް ފިޔަވައި، އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށާއި އެނޫން ކަމަކަށް މުދަލެއް ބޭނުންކުރުމުގެ ޙައްޤު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށް ވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ދީފައިވާނަމަ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާ މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.
(1) އެ މުދަލަކީ އުޖޫރަ ދޭ ފަރާތުގެ މުދަލެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން:
A × 2/7 × 20% × 1/12
A = އެ މުދަލުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު
(2) އެ މުދަލަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތަކުން ކުއްޔަށް ނަގައިފައިވާ މުދަލެއްނަމަ ނުވަތަ ހިލޭ ބޭނުންކުރުމުގެ ޙައްޤު ލިބިފައިވާ މުދަލެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން:
A × 2/7
A = އެ މުދަލުގެ މަހު ކުލީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު
(3) އެ މުދަލަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުން ކުއްޔަށް ނަގައިފައިވާ މުދަލެއްނަމަ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން:
A × 2/7
A = އެ މުދަލުގެ މަހު ކުލީގެ ގޮތުގައި އުޖޫރަ ދޭ ފަރާތުން ދައްކާ ޢަދަދު
20. ޚިދުމަތެއް ބޭނުންކުރުމުގެ ޙައްޤު ދިނުން
(ހ) އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށް ނޫން ގޮތަކަށް، އުޖޫރަ ދޭ ފަރާތުން ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށް ވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ޚިދުމަތެއް ފޯރުކޮށްދޭނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާ މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.
(1) އެ ޚިދުމަތަކީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތެއްނަމަ، އެ މަހަކަށް ހިސާބުކުރެވޭ އެ ޚިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(2) އެ ޚިދުމަތަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތެއްނަމަ، އެ ޚިދުމަތަށް އުޖޫރަ ދޭ ފަރާތުން މަހަކަށް ކުރާ ޚަރަދު.
(ށ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށާއި އެނޫން ކަމަކަށް ޚިދުމަތެއް ބޭނުންކުރުމުގެ ޙައްޤު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށް ވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ދީފައިވާނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާ މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.
(1) އެ ޚިދުމަތަކީ އުޖޫރަ ދޭ ފަރާތުން، ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 2/7
A = އެ ޚިދުމަތަށް މަހަކަށް ހިސާބުކުރެވޭ އޯޑިނަރީ އޯޕަން މާކެޓް ވެލިއު
(2) އެ ޚިދުމަތަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތެއްނަމަ؛
A × 2/7
A = އެ ޚިދުމަތަށް މަހަކަށް އުޖޫރަ ދޭ ފަރާތުން ކުރާ ޚަރަދު
21. އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ޙައްޤު ދިނުން
(ހ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށް ނޫން ގޮތަކަށް، އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ޙައްޤު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހާއަށް ދީފައިވާނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދު މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.
(1) އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުގެ ކަނޑު އުޅަނދެއްނަމަ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 10% × 1/12
A = އުޅަނދު ގަތް އަގު
(2) އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުގެ އެއްގަމު އުޅަނދެއްނަމަ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 20% × 1/12
A = އުޅަނދު ގަތް އަގު
(3) އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތަކުން ކުއްޔަށް ނަގައިފައިވާ ނުވަތަ އެ ފަރާތަށް ހިލޭ ބޭނުންކުރުމުގެ ޙައްޤު ލިބިފައިވާ އުޅަނދެއްނަމަ، އެ އުޅަނދުގެ މަހު ކުލީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(4) އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުން ކުއްޔަށް ނަގައިފައިވާ އުޅަނދެއްނަމަ އެ އުޅަނދުގެ ކުލީގެ ގޮތުގައި އުޖޫރަ ދޭ ފަރާތުން މަހަކަށް ދައްކާ ޢަދަދު.
(ށ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށާއި އެނޫން ކަމަކަށް އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ޙައްޤު ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގެއްގައި އުޖޫރަ ލިބޭ މީހަކަށް ދީފައިވާނަމަ، އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދު މަހަކަށް ހިސާބުކުރާނީ އަންނިވި ގޮތަށެވެ.
(1) އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުގެ ކަނޑު އުޅަނދެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 10% × 1/12 × 2/7
A = އުޅަނދު ގަތް އަގު
(2) އެ އުޅަނދަކީ އުޖޫރަ ދޭ ފަރާތުގެ އެއްގަމު އުޅަނދެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 20% × 1/12 × 2/7
A = އުޅަނދު ގަތް އަގު
(3) އެ އުޅަނދަކީ ގުޅުންހުރި ފަރާތެއްގެ އަތުން ކުއްޔަށް ނަގައިފައިވާ އުޅަނދެއްނަމަ ނުވަތަ ގުޅުންހުރި ފަރާތުން ހިލޭ ބޭނުންކުރުމުގެ ޙައްޤު ދީފައިވާ އުޅަނދެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 2/7
A = އެ އުޅަނދުގެ މަހު ކުލީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު
(4) އެ އުޅަނދަކީ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ކުއްޔަށް ނަގައިފައިވާ އުޅަނދެއްނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 2/7
A = އުޅަނދުގެ މަހު ކުލީގެ ގޮތުގައި އުޖޫރަ ދޭ ފަރާތުން ދައްކާ ޢަދަދު
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދަކާ ގުޅިގެން، އުޖޫރަ ދޭ ފަރާތުން ފޯރުކޮށްދޭ އަންނަނިވި ވަޞީލަތްތަކާއި ޚިދުމަތްތަކުގެ އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދު މަހަކަށް ހިސާބުކުރާނީ މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(1) ފިއުލް؛
(2) ޑްރައިވަރު، ކެޕްޓަން އަދި ކްރޫއިންގެ އުޖޫރަ؛
(3) އަހަރީފީއާއި އެންމެހައި ޖޫރިމަނާ؛
(4) އިންޝުއަރެންސް ޕްރީމިއަމް؛
(5) ދޮވުމާއި މަރާމާތުކުރުމާއި މެއިންޓެނަންސް އަދި ސަރވިސްކުރުން؛
(6) ޕާކްކުރާ ތަނަށް ދައްކާ ފައިސާ؛
(7) ސަލާމަތީ ސެޓްފިކެޓް ހެއްދުމަށް ކުރާ ޚަރަދު؛
(8) ޑޮކިން ޗާރޖްސް؛
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އިނާޔަތާއި މަންފާއަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދަކާ ގުޅިގެން ދޭ އިނާޔަތާއި މަންފާއެއްނަމަ، އެ އިނާޔަތާއި މަންފާގެ ޢަދަދު މަހަކަށް ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.
(1) އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(2) އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުންނަމަ އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރާ ޚަރަދު.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އިނާޔަތާއި މަންފާއަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދަކާ ގުޅިގެން ދޭ އިނާޔަތާއި މަންފާއެއްނަމަ، އެ އިނާޔަތާއި މަންފާގެ ޢަދަދު މަހަކަށް ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.
(1) އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
A × 2/7
A = އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު
(2) އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުންނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
A × 2/7
A = އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން މަހަކަށް ކުރާ ޚަރަދު
(ޅ) އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށް ނޫން ގޮތަކަށް، އުޖޫރަ ދޭ ފަރާތުގެ ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ނުވަތަ އެ ފަރާތުން ކުއްޔަށް ހިފާފައިވާ އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއްގައި ހިލޭ ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އަގެއްގައި ދަތުރުކުރާނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދަކީ އެ ދަތުރުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.
(ކ) އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ޙައްޤު ދީފައިވަނީ ދައުލަތުން ނުވަތަ ދައުލަތުގެ އެހެން އޮފީހަކުން ކަމުގައި ވީނަމަވެސް، މި މާއްދާގެ ބޭނުމަށް، އެ އުޅަނދަކީ އުޖޫރަ ދޭ ދައުލަތުގެ އޮފީހުގެ އުޅަނދެކެވެ.
22. ލޯނު
އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހަކަށް އިންޓްރެސްޓަކާ ނުލައި (އިންޓްރެސްޓް ފްރީ) ލޯނެއް ނުވަތަ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނެއް ދީފިނަމަ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދަކީ އެ ބާވަތުގެ ލޯނުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއިން ހިސާބުކުރާ އިންޓްރެސްޓްގެ ޢަދަދާ އެ ލޯނަށް އެ މީހަކު ދައްކާ އިންޓްރެސްޓްގެ ތަފާތެވެ.
23. އުޖޫރަ ދޭ ފަރާތުގެ ޚަރަދުގައި ޗުއްޓީ ހަމަޖައްސައިދިނުން
އުޖޫރަ ދޭ ފަރާތުގެ ޚަރަދުގައި އުޖޫރަ ލިބޭ މީހެއް، ޗުއްޓީއެއް ހޭދަކޮށްފިނަމަ، އެ ޗުއްޓީއާ ގުޅޭ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.
(ހ) ޗުއްޓީ ހޭދަކޮށްފައިވަނީ އުޖޫރަ ދޭ ފަރާތުގެ ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ ތަނެއްގައިނަމަ އެ ޗުއްޓީގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(ށ) ޗުއްޓީ ހޭދަކޮށްފައިވަނީ އުޖޫރަ ދޭ ފަރާތުގެ ތަނެއްގައި ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ ތަނެއްގައި ނޫންނަމަ، އެ ޗުއްޓީއަށް އުޖޫރަ ދޭ ފަރާތުން ކުރި ޚަރަދު.
24. ޙައްޖު ދަތުރާއި ޢުމްރާ ދަތުރު
އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހަކަށް ޙައްޖު ދަތުރެއް ނުވަތަ ޢުމްރާ ދަތުރެއް ދީފިނަމަ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ ޢަދަދު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.
(ހ) ޙައްޖަށް ނުވަތަ ޢުމްރާއަށް ގެންދާ ފަރާތަކީ، އުޖޫރަ ދޭ ފަރާތް ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއްނަމަ، އެ ޚިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.
(ށ) ޙައްޖަށް ނުވަތަ ޢުމްރާއަށް ގެންދާ ފަރާތަކީ، އުޖޫރަ ދޭ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތެއްނަމަ، އެ ޚިދުމަތާ ގުޅިގެން އުޖޫރަ ދޭ ފަރާތުން ކުރި ޚަރަދެވެ.
25. ގޭގައި މަސައްކަތްކުރުމަށް ކުރާ ޚަރަދު
އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އުޖޫރަ ލިބޭ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރަނީ އޭނާ ދިރިއުޅޭ ތަނުގައިނަމަ، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ބޭނުންކުރުމުގެ ޙައްޤު ލިބިފައިވާ އަދި އެނޫން ކަމަކަށް ބޭނުން ނުކުރާ ވަޞީލަތްތަކާއި ޚިދުމަތްތައް ފިޔަވައި، އެ ތަނުގެ އެހެނިހެން ޚަރަދުތަކުގެ ތެރެއިން އުޖޫރަ ދޭ ފަރާތުން ހަމަޖައްސައިދޭ ޚަރަދުގެ (ދިރިއުޅޭ ތަން ހިމެނޭ ގޮތުން) އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.
(ހ) އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދެނީ ސީދާ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
A × 2/3
A = އެ ވަޞީލަތެއްގެ ނުވަތަ ޚިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުގެ ޖުމްލަ
(ށ) އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކުންނަމަ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން؛
B × 2/3
B = އެ ވަޞީލަތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރާ ޚަރަދު
26. ވަޒީފާ އަދާކުރަން ފެށުމަށް ނުވަތަ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ކުރަންޖެހޭ ދަތުރު
(ހ) އުޖޫރަ ލިބޭ މީހަކު ވަޒީފާ އަދާކުރަން ފެށުމަށްޓަކައި އޭނާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރުމަށް ހަމަޖެހިފައިވާ ތަނަށް ދިއުމަށާއި، އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ނުވަތަ ވަޒީފާއިން ވަކިވުމާ ގުޅިގެން، އޭނާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރުމަށް ހަމަޖެހިފައިވާ ތަނުން އަނބުރައި ދިއުމަށްޓަކައި، އުޖޫރަ ދޭ ފަރާތުން ހަމަޖައްސައިދޭ ދަތުރުގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.
(1) އެ ދަތުރު ކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ދަތުރުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(2) އެ ދަތުރު ކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތަކުން ނޫންނަމަ، އެ ދަތުރަށް އުޖޫރަ ދޭ ފަރާތުން ކުރި ޚަރަދު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަތުރުގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުން މީހަކު ގެނައުމާއި ދިވެހިރާއްޖެއިން ބޭރަށް މީހަކު ފޮނުވުންވެސް ހިމެނެއެވެ.
27. އިންޝުއަރެންސް ޕްރީމިއަމްއާއި އިންޝުއަރެންސްގެ ފައިސާ
(ހ) އަންނަނިވި ޙާލަތްތަކުގައި އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހަކަށް ނަގައިދީފައިވާ އިންޝުއަރެންސް ޕޮލިސީގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނިވި ގޮތަށެވެ.
(1) އެ އިންޝުއަރެންސް ޕޮލިސީއަކީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީއެއްނަމަ އެ ޕޮލިސީގެ ޕްރީމިއަމްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(2) އެ އިންޝުއަރެންސް ޕޮލިސީއަކީ އުޖޫރަ ދޭ ފަރާތުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީއެއް ނޫންނަމަ، އަދި އެ ފަރާތާ ގުޅުންހުރި ފަރާތަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީއެއް ނޫންނަމަ، އެ ޕޮލިސީގެ ޕްރީމިއަމްގެ ގޮތުގައި އުޖޫރަ ދޭ ފަރާތުން ދައްކާ ޢަދަދު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޝުއަރެންސް ޕޮލިސީއެއްގެ ޕޮލިސީ ހޯލްޑަރަކީ އުޖޫރަ ލިބޭ މީހާ ކަމުގައިވާނަމަ ނުވަތަ އެ އިންޝުއަރެންސް ޕޮލިސީގެ ހޯލްޑަރއަކީ އުޖޫރަ ލިބޭ މީހާކަމުގައި ނުވިނަމަވެސް، އެ ޕޮލިސީގެ ބެނިފިޝިއަރީއަކީ އުޖޫރަ ލިބޭ މީހާކަމުގައިވާނަމަ، އެއީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާއެވެ.
(ނ) ހެލްތު އިންޝުއަރެންސް ފިޔަވައި، މި މާއްދާގައި ބަޔާންކުރާ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން އުޖޫރަ ލިބޭ މީހާއަށް ލިބޭ ފައިސާއަކީ، ޤާނޫނުގެ 12 ވަނަ މާއްދާގެ (ތ) އާ ޚިލާފުނުވާ ގޮތުގެމަތިން، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާއެވެ.
28. ދަތުރުފަތުރާއި، ކެއިންބުއިމާއި، މުނިފޫހިފިލުވުމާއި ކުޅިވަރު
އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ފޯރުކޮށްދޭ ދަތުރުފަތުރާއި، ކެއިންބުއިމާއި މުނިފޫހިފިލުވުމާއި ކުޅިވަރުގެ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(ހ) ދަތުރުފަތުރު ނުވަތަ ކެއިންބުއިން ނުވަތަ މުނިފޫހިފިލުވުމާއި ކުޅިވަރު ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ޚިދުމަތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު.
(ށ) އެ ދަތުރުފަތުރު ނުވަތަ ކެއިންބުއިން ނުވަތަ މުނިފޫހިފިލުވުމާއި ކުޅިވަރު ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތަކުން ނޫންނަމަ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރި ޚަރަދު.
29. ޞިއްޙީ ފަރުވާއަކަށް ހިނގާ ޚަރަދު
އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދޭނަމަ، އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު ހިސާބުކުރާނީ އަންނަނިވި ގޮތަށެވެ.
(ހ) އެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތަކުންނަމަ އެ ޞިއްޙީ ޚިދުމަތުގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއު؛
(ށ) އެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެނީ އުޖޫރަ ދޭ ފަރާތުން ނޫންނަމަ އަދި އެ ފަރާތާ ގުޅުންހުރި ފަރާތަކުން ނޫންނަމަ، އެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އުޖޫރަ ދޭ ފަރާތުން ކުރި ޚަރަދު.
30. ފައިސާއެއް ދައްކައިދިނުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އުޖޫރަ ލިބޭ މީހާ ދައްކަންޖެހޭ ފައިސާއެއް އުޖޫރަ ދޭ ފަރާތުން ދައްކައިދީފިނަމަ، އެ ގޮތުން ދައްކައިދިން ޢަދަދަކީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.
31. ޕެންޝަން ފަންޑް ނުވަތަ ރިޓަޔަރމަންޓް ފަންޑަށް ދައްކާ ފައިސާ
(ހ) އުޖޫރަ ލިބޭ މީހާއަށް މަންފާ ލިބޭ ޕެންޝަން ފަންޑު ނުވަތަ ރިޓަޔަރމަންޓް ފަންޑު ނުވަތަ އުޖޫރަ ލިބޭ މީހާގެ ވެލްފެއަރ ޙައްޤުތަކާ ގުޅޭ އެނޫންވެސް ފަންޑަކަށް އުޖޫރަ ދޭ ފަރާތުން ދައްކާ ފައިސާގެ ޢަދަދަކީ އުޖޫރައިގެ މާނައިގައި ހިމެނޭ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ. ޤާނުނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް، އުޖޫރަ ދޭ ފަރާތުން، އުޖޫރަ ލިބޭ މީހާއަށް ދައްކާ ފައިސާއަކީ އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އިނާޔަތާއި މަންފާއެއް ނޫނެވެ.
32. އެވޯޑްސް
އުޖޫރަ ދޭ ފަރާތުން އުޖޫރަ ލިބޭ މީހާއަށް ފައިސާއިން ނޫން ގޮތަކަށް ދޭ އެވޯޑްގެ އިނާޔަތާއި މަންފާގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއަކީ އެ އެވޯޑަށް އުޖޫރަ ދޭ ފަރާތުން ކުރި ޚަރަދެވެ.
33. ވިތުހޯލްޑިންގ ޓެކްސް
މި ބާބުގައި "ވިތުހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހަށާއި، ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަށާއި، ޤާނޫނުގެ 1-50 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރަންޖެހޭ ޓެކުހަށެވެ.
34. ހެޑްއޮފީހާއި ދާއިމީ މަރުކަޒަކީ ވަކި ދެ ފަރާތް ކަމުގައި ބެލުން
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާނަމަ، ޤާނޫނުގެ 55 ވަނަ މާއްދާއަށް ޢަމަލުކުރުމުގައި ބަލާނީ އެ ފަރާތާއި އެ ދާއިމީ މަރުކަޒަކީ ވަކި، ދެ ފަރާތްކަމުގައެވެ.
35. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ ވިތުހޯލްޑިންގ ޓެކްސް އުނިކުރެވިފައިވާ އާމްދަނީ
ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާކަމަށް ބެލެވޭނީ، އެ މުޢާމަލާތުން ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާކަން އަންގައިދޭ ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓް އެ ފަރާތަށް ލިބިފައިވާނަމައެވެ.
35-1. ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް
(ހ) ޤާނޫނުގެ 1-50 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރަންޖެހޭ ޓެކުހަށް މި ގަވާއިދުގައި ހަވާލާދޭނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް" މިފަދައިންނެވެ.
(ށ) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް އުނި ނުކޮށް ފައިސާ ލިބޭ ފަރާތަށް ވިތުހޯލްޑިންގ އޭޖެންޓް ފައިސާ ދައްކައިފިނަމަ، ވިތުހޯލްޑިންގ އޭޖެންޓް މީރާއަށް ދައްކަންޖެހޭ ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކުހުގެ އަދަދު ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
A × 0.1
A = ފައިސާ ލިބޭ ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު
36. މުއްދަތު ނުވަތަ ޢަދަދު އެނގެން ނެތް ޙާލަތްތަކުގައި ވިތުހޯލްޑިންގ ޓެކްސް އުނިކުރުން
(ހ) މުއްދަތު ނުވަތަ ޢަދަދު އެނގެން ނެތް ޙާލަތްތަކުގައި ވިތުހޯލްޑިންގ ޓެކްސް އުނިކުރުންއެ ފައިސާއެއްގެ ޒާތުން، އެ ފައިސާ ނިސްބަތްވާ މުއްދަތުގައި އެ ފައިސާ ދައްކަންޖެހޭކަން ނުވަތަ އެ ފައިސާގެ އަދަދު އެނގެން ނެތް ހާލަތުތަކުގައި، ޤާނޫނުގެ 80 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ، އެ ފައިސާ ނިސްބަތްވާ މުޢާމަލާތާ ގުޅޭގޮތުން ޕްރޮވިޜަނެއް ހަދަންޖެހޭނަމަ، އެ ޕްރޮވިޜަންގެ އަދަދަކީ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދުކަމަށް ބަލައިގެންނެވެ. ޕްރޮވިޜަނެއް ހަދަންޖެހޭތޯ މި މާއްދާގެ ބޭނުމަށް ބަލާނީ، ހިސާބު ތައްޔާރުކުރުމަށް މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑުތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިސާބުކުރެވޭ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު، އެ ޕްރޮވިޜަން ނިސްބަތްވާ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމަނަންވާނެއެވެ. އަދި އެއާ ގުޅިގެން ދައްކަންޖެހޭ ޓެކްސް މީރާއަށް ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ލިބޭ ފަރާތުން އެ އާމްދަނީ ހިމަނަންވާނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ނުވަތަ (ބ) އާ އެއްގޮތަށް، އެ އާމްދަނީ ހިމަނަންޖެހޭ ހިސާބުކުރާ މުއްދަތުގައެވެ.
(ރ) މި މާއްދާގެ ދަށުން، ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމަނައިފައި އޮތް ނަމަވެސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވުމުން އިތުރަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނަމަ، އެ ގޮތުން ކަށަވަރުވި މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި، އިތުރަށް އުނިކުރަންޖެހޭ އަދަދު ހިމަނަންވާނެއެވެ. އަދި އެއާ ގުޅިގެން އިތުރަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން، ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށްފައި އޮތް ނަމަވެސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވުމުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް ބަޔާނުގައި ހިމެނިފައި އޮތީ އިތުރަށް ކަމުގައި ވާނަމަ، އެ ގޮތުން އިތުރުވާ އަދަދު ކަށަވަރުވި މަހަށް، މި މާއްދާގެ (ހ) ގެ ދަށުން ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރި ފަރާތުން ހުށަހަޅާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި އެ އުނިއިތުރުކުރުން ހިމެނިދާނެއެވެ.
(ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ބ) ގެ ދަށުން އުފެދޭ ރީފަންޑް ލިބޭނީ، މި މާއްދާގެ ދަށުން ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް، ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމެނި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަށެވެ.
36-1. ޑެބިޓް ނޯޓް ނުވަތަ ކްރެޑިޓް ނޯޓާ ގުޅިގެން ވިތުހޯލްޑިންގ ޓެކްސް އުނިކުރުން
(ހ) ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މުޢާމަލާތެއްގެ އަދަދު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ޑެބިޓް ނޯޓެއް މެދުވެރިކޮށް ބޮޑުކޮށްފިނަމަ، އެ ޑެބިޓް ނޯޓް ލިބޭ ފަރާތުގެ ހިސާބުތަކުގައި އެ ޑެބިޓް ނޯޓު ހިމަނަންޖެހޭ މުއްދަތުގައި އެ އިތުރުވި މިންވަރުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.
(ށ) ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މުޢާމަލާތެއްގެ އަދަދު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ކްރެޑިޓް ނޯޓެއް މެދުވެރިކޮށް ކުޑަކޮށްފިނަމަ، އެ ކްރެޑިޓް ނޯޓު ލިބޭ ފަރާތުގެ ހިސާބުތަކުގައި އެ ކްރެޑިޓް ނޯޓް ހިމަނަންޖެހޭ މުއްދަތަށް ހުށަހަޅާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި އެ އުނިއިތުރުކުރުން ހިމެނިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އުފެދޭ ރީފަންޑް ދިނުމުގައި ޢަމަލުކުރާނީ، މި ގަވާއިދުގެ 123 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
37. ރީއިމްބަރސްމަންޓްގެ ގޮތުގައި ދައްކާ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް ދެއްކުން
(ހ) ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ޚިދުމަތަކަށް ނުވަތަ ކަމަކަށް ފައިސާއެއް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން އެ ޚިދުމަތެއް ދިނުމަށް ނުވަތަ އެ ކަމަކަށް ކޮށްފައިވާ ޚަރަދުތައް ރިއިމްބަރސް ކުރުމުގެ ގޮތުން ދައްކާ ފައިސާއެއް ހިމެނުނުކަމުގައި ވިޔަސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނީ (ރީއިމްބަރސް ކުރުމަށް ދައްކާ ފައިސާވެސް ހިމެނޭގޮތުން) ދައްކާ ފައިސާގެ ޖުމްލަ ޢަދަދުންނެވެ.
(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާއަކީ، ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއެއް ރިކަވަރ ކޮށްދިނުމަށް ދައްކާ ފައިސާއެއްނަމަ، އެ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.
38. ފައިސާ ދައްކާފައިވަނީ ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިކަމަށް ބެލުން
ޤާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއަކުން، އެ ފައިސާ ދައްކާ ފަރާތުން ވިތުހޯލްޑިންގ ޓެކްސް އުނި ނުކޮށް އެ ފައިސާ ދައްކާފައިވާނަމަ، ޤާނޫނުގެ 56 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެ މުޢާމަލާތުން އުނިކުރަންޖެހޭ ވިތުހޯލްޑިންގ ޓެކުހުގެ ޢަދަދު (މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ކަމަށްވާނަމަ، ކޮންމެ ބްރެކެޓަކަށް ވަކިން) ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
(A × t) / (100 - t)
t = ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ރޭޓް
A = ދެއްކި ފައިސާގެ ޢަދަދު
39. ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ މުއްދަތަކަށް ނިސްބަތްވާ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ނުޖެހުން
(ހ) ޤާނޫނުގެ 54 ވަނަ މާއްދާ ހިނގާނީ، ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ނަގަން ފަށާ ތާރީޚުގައި ފެށޭ ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ މުއްދަތަކަށް ނިސްބަތްވާ އުޖޫރައަށެވެ.
(ށ) ޤާނޫނުގެ 55 ވަނަ މާއްދާ ހިނގާނީ، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ތާރީޚުގައި ފެށޭ ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ މުއްދަތަކަށް ނިސްބަތްވާ ފައިސާއަށެވެ.
40. ބޭރު ފައިސާއިން ދައްކާ ފައިސާ ރުފިޔާއަށް ބަދަލުކުރުން
(ހ) ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޖޫރަ ދެނީ، ނުވަތަ ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ ނުވަތަ ޤާނޫނުގެ 1-50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ދައްކަނީ ރުފިޔާއިން ކަމުގައި ނުވާނަމަ، މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި އެ ފަރާތަކުން އެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ އެ ފައިސާ އުނިކުރަންޖެހުނު ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކޮށްފައިވާ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯރ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ. އަދި އެކްސްޗޭންޖް ރޭޓް ބެލުމުގައި ރިޢާޔަތް ކުރަންވާނީ އެއް މަސްދަރަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަދަ ފައިސާ ދައްކަނީ ދިވެހިރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ ޢަދަދު ރުފިޔާއަށް ބަދަލުކުރުމުގައި ބޭންކަކުން އެ މުޢާމަލާތަކަށް ހަމަޖައްސައިދިން އެކްސްޗޭންޖް ރޭޓް ބޭނުންކުރެވިދާނެއެވެ.
41. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް
(ހ) ޤާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ %0 (ސުމެއް އިންސައްތަ) ގެ ރޭޓުގައި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓަށް، މި ގަވާއިދުގައި ހަވާލާދޭނީ "ޓެކްސް-ފްރީ ތްރެޝޯލްޑް" މި ގޮތަށެވެ.
(ށ) (އުނިކޮށްފައި).
(ނ) (އުނިކޮށްފައި).
(ރ) (އުނިކޮށްފައި).
(ބ) އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އުޖޫރަ ލިބޭ މީހެއްނަމަ، އެ މީހާގެ ޓެކްސް-ފްރީ ތްރެޝޯލްޑް ބޭނުންކުރާނެ އުޖޫރަ ދޭ 1 (އެކެއް) ފަރާތް އިޚްތިޔާރު ކުރަންވާނެއެވެ. މި ގޮތަށް އިޚްތިޔާރު ކުރުމަށް، އުޖޫރަ ދޭ ފަރާތްތަކަށް ހުށަހަޅާނީ "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ފޯމެވެ.
(1-ބ) މި މާއްދާގެ (ބ) ރައްދުވާ މީހަކު، އެ މީހާގެ ޓެކްސް-ފްރީ ތްރެޝޯލްޑް ބޭނުންކުރާނެ ފަރާތެއް އިޚްތިޔާރުކޮށްފައި ނުވާނަމަ، އެ މީހާގެ ޓެކްސް-ފްރީ ތްރެޝޯލްޑް ބޭނުންކުރާނެ އުޖޫރަ ދޭ ފަރާތް ކަނޑައަޅާނީ މީރާއިންނެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތުން ނުވަތަ މި މާއްދާގެ (1-ބ) ގެ ދަށުން މީރާއިން ކަނޑައަޅާ ފަރާތުން، އުޖޫރަ ލިބޭ މީހާގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ ޓެކްސް-ފްރީ ތްރެޝޯލްޑް ބްރެކެޓް ވެސް ހިމެނޭގޮތުން ކޮންމެ ބްރެކެޓަކަށް ވަކިން ހިސާބުކުރުމަށް ފަހުގައެވެ.
(ކ) މި މާއްދާގެ (ބ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތް ފިޔަވައި އަދި މި މާއްދާގެ (1-ބ) ގެ ދަށުން މީރާއިން ކަނޑައަޅާ ފަރާތް ފިޔަވައި، އެހެން ފަރާތްތަކުން، އެ މީހަކަށް އެ މަހަކަށް ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލައިން، 8% (އަށެއް އިންސައްތަ) ގެ ރޭޓުގައި، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.
(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ކ) ރައްދުވާ ފަރާތަކަށް މަހަކަށް ދެވޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 150,000/- (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ އިތުރުވާ މިންވަރުން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ، އެ އިތުރުވި މިންވަރު ނިސްބަތްވާ، ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓުތަކަށް ވަކިވަކިން ހިސާބުކޮށްގެންނެވެ.
(ވ) މި މާއްދާގެ (ކ) ނުވަތަ (އ) ރައްދުވާ އުޖޫރަ ލިބޭ މީހަކު، އެ އަކުރުތަކުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓާއި ބްރެކެޓްތައް ބަދަލުކުރަން ބޭނުންވެއްޖެނަމަ، "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓް ބަދަލުކުރަން ހުށަހެޅުން" (MIRA 917) ފޯމު މެދުވެރިކޮށް ރޭޓާއި ބްރެކެޓްތައް ބަދަލުކުރުމަށް ހުށަހެޅިދާނެއެވެ.
(މ) މި މާއްދާގެ (ވ) ގެ ދަށުން ލިބޭ ހުށަހެޅުމަކަށް ރިޢާޔަތްކުރުމަށްފަހު، މީރާއިން ރޭޓާއި ބްރެކެޓްތައް ކަނޑައަޅައިފިނަމަ، މި މާއްދާގެ (ކ) ނުވަތަ (އ) ރައްދުވާ އުޖޫރަ ދޭ ފަރާތްތަކުން އެ މީހާގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިން، ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ، މީރާއިން ކަނޑައެޅި ރޭޓާއި ބްރެކެޓްތަކުގައެވެ.
(ފ) އުޖޫރަ ލިބޭ މީހަކު، އެއްވެސް މަހެއްގެ 10 ވަނަ ދުވަސް ނުވަތަ އެ ދުވަހުގެ ކުރިން "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ފޯމު އުޖޫރަ ދޭ ފަރާތަކަށް ހުށަހަޅައިފިނަމަ، އެ ފޯމުގައި ކަނޑައަޅައިފައިވާ ކަންކަމަށް އެ މަހުން ފެށިގެން އުޖޫރަ ދޭ ފަރާތުން ޢަމަލުކުރަންވާނެއެވެ. އުޖޫރަ ލިބޭ މީހަކު، މަހުގެ 10 ވަނަ ދުވަހުގެ ފަހުން "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (MIRA 916) ފޯމު އުޖޫރަ ދޭ ފަރާތަކަށް ހުށަހަޅައިފިނަމަ، އެންމެ ލަސްވެގެން އެ ހުށަހަޅާ މަހާ ވިދިގެން ފެށޭ މަހުގައި، އެ ފޯމުގައި ކަނޑައަޅައިފައިވާ ކަންކަމަށް އުޖޫރަ ދޭ ދަރާތުން ޢަމަލުކުރަންވާނެއެވެ.
(ދ) އުޖޫރަ ލިބޭ މީހަކު ހުށަހަޅައިފައިވާ "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓް ބަދަލުކުރަން ހުށަހެޅުން" (MIRA 917) ފޯމަކާ ގުޅިގެން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ރޭޓާއި ބްރެކެޓްތައް އެ މަހުގެ 10 ވަނަ ދުވަސް ނުވަތަ އެ ދުވަހުގެ ކުރިން މީރާއިން އަންގައިފިނަމަ އެ މަހަކުން ފެށިގެން އެކަން އުޖޫރަ ދޭ ފަރާތުން ތަންފީޛުކުރަންވާނެއެވެ. "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓް ބަދަލުކުރަން ހުށަހެޅުން" (MIRA 917) ފޯމަކާ ގުޅިގެން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ރޭޓާއި ބްރެކެޓްތައް މީރާއިން އަންގާފައިވަނީ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކަމަށްވާނަމަ، އެންމެ ލަސްވެގެން އެ މަހާ ވިދިގެން ފެށޭ މަހުގައި އެކަން އުޖޫރަ ދޭ ފަރާތުން ތަންފީޛުކުރަންވާނެއެވެ.
(ތ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ލާޒިމުނުވާ އުޖޫރަ ދޭ ފަރާތްތަކަށް، މި މާއްދާގެ (ބ) އިން ފެށިގެން (ދ) ގެ ނިޔަލަށް ހުރި އަކުރުތައް ރައްދެއް ނުވާނެއެވެ.
(ލ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތްތަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ނުވަތަ އެނޫންވެސް ގޮތަކުން މީރާއަށް ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މީހެއްގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިން، މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އުނިކުރަންޖެހޭ ރޭޓާއި ބްރެކެޓްތައް، އުޖޫރަ ދޭ ފަރާތްތަކަށް މީރާއަށް އެންގިދާނެއެވެ. މި ގޮތަށް މީރާއިން ކަނޑައަޅާ ރޭޓާއި ބްރެކެޓްތަކުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް، އުޖޫރަ ދޭ ފަރާތުން އުނިކުރަންވާނެއެވެ.
42. ޢާންމުކޮށް ދޭ އުޖޫރައިގެ ޢަދަދަށްވުރެ ތަފާތު ޢަދަދެއް އުޖޫރައިގެ ގޮތުގައި ދޭން ޖެހުން
(ހ) މި މާއްދާ ހިނގާނީ، މި ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން ޓެކްސް-ފްރީ ތްރެޝޯލްޑް ބޭނުންކުރުމަށް އިޚްތިޔާރުކޮށްފައިވާ އުޖޫރަ ދޭ ފަރާތުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރުމުގައެވެ.
(ށ) އެއްވެސް މީހަކަށް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދަކީ، 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުނޫން އަދަދެއް ނަމަ، އަދި އެ ޓެކްސް އަހަރުގައި އެ މީހާއަށް ދޭ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ 720,000/- (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރުނުވާނެކަމަށް އަންދާޒާކުރެވޭނަމަ، އެ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވިޔަސް، އެ މަހަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ލާޒިމެއް ނޫނެވެ.
(1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދަކީ 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުނޫން އަދަދެއް ކަމުގައި ވިޔަސް، އެއްވެސް މަހެއްގެ އުޖޫރައިގެ އަދަދު ހިމެނުމުން އެ މަހުގެ ނިޔަލަށް އެއްވެސް މީހަކަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ އަދަދު -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އަންނަނިވި ގޮތަށް ހިސާބުކުރުމަށްފަހު، އެ އަހަރު ނިމެންދެން ކޮންމެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ. މި ގޮތަށް ހިސާބުކުރާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދުގައި، އެ އަހަރުގައި ކުރިން ފާއިތުވެފައިވާ މަސްތަކުގައި އުނިކުރަންޖެހުނު މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ އަދަދެއް ނުހިމެނޭނެއެވެ.
| އެ މަހުގެ ނިޔަލަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމުލަ | މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ރޭޓު |
| 720,000/- (ހަތް ލައްކަ ވިހި ހާސް) ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,200,000/- (އެއް މިލިޔަން ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ) |
| 1,200,000/- (އެއް މިލިޔަން ދެ ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,800,000/- (އެއް މިލިޔަން އަށް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 8% (އަށެއް އިންސައްތަ) |
| 1,800,000/- (އެއް މިލިޔަން އަށް ލައްކަ) ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 2,400,000/- (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 12% (ބާރަ އިންސައްތަ) |
| 2,400,000/- (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާއަށްވުރެ ބޮޑު | 15% (ފަނަރަ އިންސައްތަ) |
(2-ށ) މި މާއްދާ ރައްދުވާ އުޖޫރަ ލިބޭ މީހާގެ އެ ޓެކްސް އަހަރަށް ނިމޭ ހިސާބުކުރާ މުއްދަތު 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހަށްވުރެ ކުރުނަމަ، އެ މުއްދަތުގެ ނިސްބަތުން، މި މާއްދާގެ (ށ) އާއި (1-ށ) ގައި ބަޔާންކޮށްފައިވާ 720,000/- (ހަތް ލައްކަ ވިހި ހާސް) ރުފިޔާގެ ތްރެޝޯލްޑް އަދި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓްތައް ކުޑަކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ރައްދުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ވިދިވިދިގެން 2 (ދޭއް) މަހުގައި 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އަދި އޭގެ ފަހުން އެ ޓެކްސް އަހަރުގައި އަންނަ މަހެއްގައި އެ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ނިމުމަކަށް އަންނާނެއެވެ.
43. މަހު އުޖޫރަ ހިސާބުކުރުން
(ހ) އުޖޫރަ ދޭ ފަރާތުން މަހު އުޖޫރަ ދިނުމުގައި، މަހުގެ ވަކި ތާރީޚަކާ ހަމައަށް އުޖޫރަ ހިސާބުކޮށް، މަހު އުޖޫރަ ދޭނަމަ އެ އުސޫލުން އެ މަހަށް ޖެހޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ހިސާބު ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 2020 ވަނަ އަހަރުގެ އެޕްރީލް މަހަށް ވާ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ހިސާބު ކުރާނީ 1 އެޕްރީލް 2020 އިން ފެށިގެން، އެ މަހުގެ އުޖޫރަ ހިސާބުކުރުމަށް ބޭނުންކުރާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތާރީޚުގެ ނިޔަލަށެވެ.
44. ޖަމްޢިއްޔާ ނުވަތަ ޖަމާޢަތް
ޤާނޫނުގެ 79 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، "ޖަމްޢިއްޔާ" އަދި "ޖަމާޢަތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ޝަރުޠުތަކުންކުރެ ޝަރުތެއް ފުރިހަމަވާ ކޮންމެ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތަކަށެވެ.
(ހ) ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ
(1-ހ) ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ
(2-ހ) ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ
(ށ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ދިވެހިރާއްޖޭގައި އުފައްދައިފައިވާ ފަރާތަކަށްވުން.
45. ޢާންމު މަންފާތައް
ޤާނޫނުގެ 79 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، "އެނޫންވެސް ޢާންމު މަންފާއެއް ކުރިއެރުވުމަށް" ކުރާ ކަންތައްތައް ކަމުގައި ބެލެވޭނީ އަންނަނިވި ކަންތައްތަކެވެ.
(ހ) އިންސާނީ އެހީ ފޯރުކޮށްދިނުން؛
(ށ) ތިމާވެށި ނުވަތަ "ވައިލްޑްލައިފް" ޙިމާޔަތްކުރުން؛
(ނ) އިޖްތިމާޢީ ދުޅަހެޔޮކަމާއި ފުދުންތެރިކަން އިތުރުކުރުން؛
(ރ) ޘަޤާފީ ޙަރަކާތްތައް ކުރިއެރުވުން؛
(ބ) ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއެރުވުން؛
(ޅ) ވަކި ޕްރޮފެޝަންއެއް ނުވަތަ އިޤްތިޞާދީ ދާއިރާއެއް ކުރިއެރުވުން؛
(ކ) ސަރަޙައްދެއްގެ ނުވަތަ ރަށެއްގެ މުޖުތަމަޢު ތަރައްޤީކުރުން؛
(އ) ޑިމޮކްރެސީ ކުރިއެރުވުން؛
(ވ) "ގުޑް ގަވަރނެންސް"؛
(މ) "އެޑްވޮކެސީ".
46. ކޮމިޝަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް ހުށަހެޅުން
(ހ) ޤާނޫނުގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް ބޭނުންވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން، "ޗެރިޓަބްލް އޮގަނައިޒޭޝަންތައް ރަޖިސްޓަރީކުރުން" (MIRA 103) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާއިރު، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ބޭނުމަށް، ޓެކްސް ރޫލިންގ TR-2014/B38 (ޗެރިޓަބަލް އޮގަނައިޒޭޝަންތައް) ގެ ދަށުން، މީރާއިން ޤަބޫލުކުރާ ޖަމްޢިއްޔާތަކުގެ ލިސްޓުގައި ހިމެނޭ ފަރާތްތައް، މި ބާބުގެ ދަށުން ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ގޮތުގައި ބެލެވޭނެއެވެ.
47. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ލިސްޓު
(ހ) ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ލިސްޓު މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރަންވާނެއެވެ.
(ށ) މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްގެން، މި ބާބުގެ ދަށުން ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
48. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އަހަރީ ރިޕޯޓު
(ހ) ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ކޮންމެ ކަލަންޑަރު އަހަރަކާ ގުޅޭ އަހަރީ ރިޕޯޓާއި އެ އަހަރެއްގައި ލިބުނު ޑޮނޭޝަންގެ މަޢުލޫމާތު ހިމެނޭ ގޮތަށް އާމްދަނީއާއި ޚަރަދުގެ ބަޔާނެއް ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީރާއިން ކަނޑައަޅާ ފޯމެޓެއްގައި މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ޖެހިގެން އަންނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅައިފައި ނުވާނަމަ، އެ ޖަމްޢިއްޔާއެއް ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ލިސްޓުން އުނިކުރެވޭނެއެވެ. އަދި އެ ޖަމްޢިއްޔާއިން އަލުން ކޮމިޝަނަރ ޖެނެރަލްގެ ހުއްދަ ހޯދަން ބޭނުންވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅަންވާނެއެވެ.
49. ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ޖަމްޢިއްޔާއެއްކަން އަންގައިދޭ ލޯގޯ
(ހ) ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ މާކެޓިންގ މެޓީރިއަލްތަކާއި، ލެޓަރހެޑާއި، ވެބްސައިޓާއި، އީމެއިލް އަދި އެ ފަދަ އެހެނިހެން ލިޔެކިޔުންތަކުގައި، އެ ޖަމްޢިއްޔާއަކީ ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ޖަމްޢިއްޔާއެއްކަން އެންގުމުގެ ގޮތުން މީރާއިން ކަނޑައަޅާ ލޯގޯއެއް ބޭނުންކުރެވިދާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ފިޔަވައި އެހެން ފަރާތްތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލޯގޯ ބޭނުންކޮށްގެން ނުވާނެއެވެ.
50. ޖަމްޢިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދައްކާ ފައިސާ އުނިކުރުން
ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ޑޮނޭޝަންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާ، ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އުނިކުރެވޭނީ އެ ފައިސާ ދިން ތާރީޚުގައި އެ ޖަމްޢިއްޔާއެއް މި ގަވާއިދުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޝާއިޢުކުރާ ލިސްޓުގައި ހިމެނޭ ކަމުގައިވާނަމައެވެ.
51. ޖަމްޢިއްޔާތަކަށް ލިބޭ އާމްދަނީ އިސްތިސްނާވުން
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ލިބޭ އާމްދަނީ، ޤާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގެ ދަށުން އާމްދަނީން ނަގާ ޓެކުހުން އިސްތިސްނާވާނީ، އެ އާމްދަނީ ޓެކުހުން އިސްތިސްނާ ނުވިނަމަ، އެ ފަރާތުން އެ އަހަރަކަށް އާމްދަނީން ނަގާ ޓެކްސްގެ ބަޔާން ހުށަހަޅަންޖެހޭނެ ތާރީޚުގައި ނުވަތަ އޭގެ ކުރިން އެ ފަރާތަކަށް ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާނަމައެވެ.
52. ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތައް
ޤާނޫނުގެ 22 ވަނަ މާއްދާގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކަކީ:
(ހ) އެ ބޭންކު އޮޕަރޭޓުކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ބޭންކިންގ ލައިސަންސް ދޫކޮށްފައިވާ ބޭންކުތައް؛
(ށ) އެ ވިޔަފާރި އޮޕަރޭޓުކުރާ ޤައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެ ވިޔަފާރި ރެގިއުލޭޓްކުރާ ފަރާތުން، ހައުސިންގ ފައިނޭންސް ވިޔަފާރި ނުވަތަ ލީސިންގ ފައިނޭންސް ވިޔަފާރި ކުރުމަށް ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛
(1-ށ) ޑިވެލޮޕްމަންޓް ފައިނޭންސް ވިޔަފާރިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛
(2-ށ) އިންޝުއަރެންސް ވިޔަފާރިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާތައް؛
(ނ) ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެ އިދާރާތަކުން ކޮންޓްރޯލްކުރާ އޭޖެންސީތައް.
52-1. މީރާއިން ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތައް
ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، މީރާއިން ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކަކީ، މި ގަވާއިދުގެ 52 ވަނަ މާއްދާގެ ދަށުން ކޮމިޝަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކެވެ.
53. ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބައިނަލް އަޤްވާމީ މާލީ އިދާރާތަކުގެ ލިސްޓު
(ހ) މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) ރައްދުވާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލިސްޓު، މީރާގެ ބޯޑުން ފާސްކުރުމަށްފަހު، މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޝާއިޢުކުރާ ލިސްޓަށް ބައިނަލްއަޤްވާމީ މާލީ އިދާރާއެއް އިތުރުކުރަން ބޭނުންވާނަމަ ޓެކްސް ދައްކާ ފަރާތްތަކުން ކޮމިޝަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ނ) މީރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލިސްޓަށް، މީރާގެ ބޯޑުން ފާސްކުރުމަށްފަހު، އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ރ) މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) އަށް ޢަމަލުކުރަންވާނީ، ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުގައި ނުވަތަ އޭގެ ކުރިން ކޮމިޝަނަރ ޖެނެރަލް އެ ބައިނަލްއަޤްވާމީ މާލީ އިދާރާ ޤަބޫލުކޮށްފައިވާނަމައެވެ.
54. އިސްތިސްނާއަށް އެދި ހުށަހެޅުން
(ހ) ޤާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމަށް އެދި މީރާއަށް ހުށަހަޅާނީ، އިސްތިސްނާއަށް އެދޭ ފޯމު (MIRA 607) މެދުވެރިކޮށް، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.
(ށ) އިސްތިސްނާއަށް އެދި ހުށަހަޅާ ފަރާތުން އެ ހުށަހެޅުމާއެކު އަންނަނިވި މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
(1) އެ ފަރާތުގެ ހިންގުމާއި ކޮންޓްރޯލް އޮތީ ކޮން ތަނެއްގައިކަން ބަޔާންކޮށްދޭ، އެ ފަރާތުގެ އެކްސްޓަރނަލް އޮޑިޓަރުގެ ލިޔުމެއް؛
(2) އެ ފަރާތުން ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުޢާމަލާތާ ގުޅޭ އެއްބަސްވުންތަކާއި އެހެނިހެން ލިޔެކިޔުންތައް.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނަށް ޢަމަލަކުރަން ފެށިއިރު، ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ފަރާތްތަކަށް ލިބޭ، ޤާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ އާމްދަނީއަކީ މި ބާބުގެ ދަށުން އިސްތިސްނާ ދީފައިވާ އާމްދަނީކަމަށް ބެލެވޭނެއެވެ.
55. އިސްތިސްނާއަށް އެދޭ ފަރާތް ވަޒަންވެރިވެފައިވާ ޤައުމު
ޤާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގެ ބޭނުމަށް އިސްތިސްނާއަށް އެދި ހުށަހަޅާ ފަރާތް ވަޒަންވެރިވެފައިވާ ޤައުމަކީ، އެ ފަރާތުގެ ހިންގުމާއި ކޮންޓްރޯލް އޮތް ތަނެވެ.
56. އިސްތިސްނާ ފެށޭ ތާރީޚު
ޤާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކުރާ އިސްތިސްނާ އެއްވެސް ފަރާތަކަށް ދެވުނު ކަމަށް ބެލެވޭނީ ކޮމިޝަނަރ ޖެނެރަލް އެ ފަރާތަކަށް ލިޔުމުން އެ ކަން އެންގުމުން، އެ އެންގުމުގައިވާ ތާރީޚުން ފެށިގެންނެވެ.
57. ހިސާބުތައް ތައްޔާރުކުރުން
(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނު ހިނގާ ކޮންމެ ފަރާތަކުންމެ، އެ ފަރާތަކަށް ލިބޭ އާމްދަނީގެ ރިކޯޑު ބަލަހައްޓަންވާނެއެވެ.
58. ހިސާބުކުރާ މުއްދަތު
(ހ) ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ކޮންމެ ފަރާތެއްގެވެސް ހިސާބުކުރާ މުއްދަތަކީ 1 ޖަނަވަރީން 31 ޑިސެންބަރުގެ ނިޔަލަށެވެ.
(ށ) ޓެކްސް އަހަރެއްގެ ތެރޭގައި އާމްދަނީ ލިބޭ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު، އެ ޓެކްސް އަހަރުގެ 31 ޑިސެންބަރުގައި ނިންމަންވާނެއެވެ.
(ނ) އެއްވެސް ފަރާތަކުން ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައިސްފިނަމަ، އެ ފަރާތުގެ ހިސާބުކުރާ މުއްދަތު ނިމުމަކަށް އަންނާނެއެވެ.
(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ އަދި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތެއް ނަމަ، އެ ފަރާތުގެ ހިސާބުކުރާ މުއްދަތަކީ އެ ފަރާތަށް ދިވެހިރާއްޖެއިން އާމްދަނީ ލިބެން ފެށި ތާރީޚުން ފެށިގެން އަންނަނިވި ތާރީޚުތަކުގެ ތެރެއިން ކުރިން އަންނަ ތާރީޚެއްގެ ނިޔަލަށެވެ.
(1) އެ ފަރާތަށް ދިވެހިރާއްޖެއިން އާމްދަނީ ލިބުން ނިމުމަކަށް އައި ތާރީޚު؛
(2) އެ ޓެކްސް އަހަރުގެ 31 ޑިސެންބަރު.
59. ހިސާބުކުރުމުގެ އުސޫލުތައް
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އެއްވެސް ފަރާތަކުން 1 (އެކެއް) ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރި ކުރާނަމަ އެ ހުރިހާ ވިޔަފާރިއަކަށް ނިސްބަތްކޮށް ޖުމްލަ ހިސާބެއް ތައްޔާރުކުރަންވާނެއެވެ.
(ށ) އެއްވެސް ފަރާތަކުން އެއްވެސް ދާއިމީ މަރުކަޒެއްގެ ހިސާބުތައް ތައްޔާރުކުރަންޖެހޭނަމަ، އެ ހިސާބުތައް ތައްޔާރުކުރަންވާނީ ހަމައެކަނި އެ މަރުކަޒަކުން ނުވަތަ މަރުކަޒެއް މެދުވެރިވެގެން ކުރި ވިޔަފާރިއަކަށެވެ. އަދި އެ ފަރާތަކުން ދިވެހިރާއްޖޭގައި 1 (އެކެއް) ދާއިމީ މަރުކަޒަށްވުރެ ގިނަ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާނަމަ، އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރަންވާނީ، އެ މަރުކަޒުތަކުގެ ތެރެއިން އެއް ރޭޓެއްގައި ޓެކްސް ދައްކަންޖެހޭ މަރުކަޒުތަކަކީ ވަކި އެއް ޝަޚުޞެއްގެ ގޮތުގައި ބަލައި، އެ ހުރިހާ މަރުކަޒުތަކެއް އެކުލެވޭގޮތަށެވެ.
(ނ) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކުން ކުރާ ވިޔަފާރިއާ އެއްފަދަ އެހެން ވިޔަފާރިއެއް ދިވެހިރާއްޖޭގައި ކުރާނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިއްކާ މުދަލެއް ނުވަތަ މަރޗެންޑައިޒްއެއް، ނުވަތަ އެ މުދަލަކާ ނުވަތަ މަރޗެންޑައިޒްއަކާ އެއް ބާވަތެއްގެ މުދަލެއް ނުވަތަ މަރޗެންޑައިޒްއެއް ދިވެހިރާއްޖޭގައި ވިއްކައިގެން އާމްދަނީ ހޯދާނަމަ މި މާއްދާގެ (ށ) ގެ ބޭނުމަށް ބެލެވޭނީ އެއީ އެ ދާއިމީ މަރުކަޒުންކުރާ ވިޔަފާރިއެއްކަމަށެވެ.
(1-ނ) ދިވެހިރާއްޖޭގައި ވަޒަންވެރިވެރިވެފައިނުވާ ފަރާތެއްގެ ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ޤާނޫނާއި މި ގަވާއިދާ ޚިލާފުނުވާ ގޮތުގެ މަތީން، "އޯ.އީ.ސީ.ޑީ މޮޑެލް ޓެކްސް ކޮންވެންޝަން އޮން އިންކަމް އެންޑް އޮން ކެޕިޓަލް" (2017) ގެ 7 ވަނަ އާޓިކަލްގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާންމު އުސޫލުންނެވެ.
(ރ) މި ގަވާއިދުގެ 57 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ ޤާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް" ބޭނުންކޮށްގެންނެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ޖުމްލަ އާމްދަނީ އަހަރަކަށް 10,000,000/- (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، އެ ފަރާތެއްގެ ހިސާބު ތައްޔާރުކުރުމަށް "ކޭޝް ބޭސިސް" އިޚްތިޔާރު ކުރެވިދާނެއެވެ.
(ޅ) އެއްވެސް ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި މި މާއްދާގެ (ބ) ގެ ދަށުން "ކޭޝް ބޭސިސް" އިޚްތިޔާރުކުރާނަމަ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބަލާނީ އެ ފަރާތަކަށް އެ އަހަރެއްގެ ތެރޭގައި ފައިސާއިން ލިބުނު އާމްދަނީއަށާއި އެ އަހަރުގެ ތެރޭގައި ފައިސާއިން ކުރެވުނު ޚަރަދަށެވެ.
(ކ) ކެޕިޓަލް ގެއިން ހިސާބުކުރުމަށާއި ކެޕިޓަލް ލޮސް ހިސާބުކުރުމަށް މި މާއްދާގެ (ބ) އާއި (ޅ) ރައްދެއް ނުވާނެއެވެ.
60. ހިސާބުކުރުމުގެ ލިޔެކިޔުންތައް ބެލެހެއްޓުން
(ހ) މި ގަވާއިދުގެ ދަށުން މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންމެހައި ފަރާތްތަކުން، މީރާއަށް އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ދެނެގަނެވޭނެ ފަދަ ފެންވަރަކަށް އެ ފަރާތެއްގެ ހިސާބުތައް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ ފަދަ ހިސާބުތައް ހުންނަންވާނީ އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީ އިންނެވެ.
(ށ) އެއްވެސް ފަރާތެއްގެ ފަންކްޝަނަލް ކަރަންސީ ކަނޑައަޅަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިންނެވެ.
(ނ) ފަންކްޝަނަލް ކަރަންސީ ނޫން އެހެން ފައިސާއަކުން ކުރާ މުޢާމަލާތްތައް ރެކޯޑު ކުރަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ޝާއިޢުކުރާ، އެ މުޢާމަލާތް ހިނގި ދުވަހުގެ އެކްސްޗޭންޖް ރޭޓުގެ±2% ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
(ރ) މި މާއްދާގެ ބޭނުމަށް އެކްސްޗޭންޖް ރޭޓު ބެލުމުގައި ރިޢާޔަތްކުރަންވާނީ އެއް މަސްދަރަކަށެވެ.
61. ކުންފުނި އުވައިލުން
(ހ) ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމުން އެ ކުންފުންޏެއްގެ ހިސާބުކުރާ މުއްދަތު ނިމޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުން ކަމަށް ބެލެވޭނީ:
(1) ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) (މީގެ ފަހުން "ކުންފުންޏާބެހޭ ޤާނޫނު") ގެ 76 ވަނަ މާއްދާގެ (ހ) ގެ ދަށުން ޚާއްޞަ ޤަރާރެއް ފާސްކުރުމަށްފަހު، އެ މާއްދާގެ (ނ) ގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އެ ކަން އެންގުމުން؛ ނުވަތަ
(2) ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރެއް ކުރުމުން؛ ނުވަތަ
(3) ކުންފުންޏާބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިޢުލާނެއް ކުރުމުންނެވެ.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޤަރާރެއް ފާސްކޮށްފިނަމަ ނުވަތަ މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ކޮށްފިނަމަ، ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގެ (ށ) ނުވަތަ 81 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކުންފުނި އުވައިލުމުގެ މަސައްކަތް ކުރުމަށް ޢައްޔަންކުރާ ފަރާތުން، އެ ޤަރާރު ފާސްކުރާތާ ނުވަތަ އެ އަމުރު ކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކަމާބެހޭ މަޢުލޫމާތު މީރާއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމާއެކު، ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގެ (ނ) ނުވަތަ 83 ވަނަ މާއްދާގެ ދަށުން ކުރާ ޢާންމު އިޢުލާނުގެ ކޮޕީއަކާއި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ފޮނުވާ އެންގުމުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
(ރ) ޓެކްސް އަހަރެއްގެ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ނުވަތަ އެ ތާރީޚުގެ ކުރިން ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފަށައިފިނަމަ، އެ އިންޓެރިމް ޕޭމަންޓާއި އެ ޓެކްސް އަހަރަށް ދައްކަންޖެހޭ އެހެން އިންޓެރިމް ޕޭމަންޓްތައް އެ ކުންފުނިން ދައްކާކަށް ނުޖެހޭނެއެވެ.
(ބ) ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމާއެކު ނިމޭ ހިސާބުކުރާ މުއްދަތަށް އެ ކުންފުނިން އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅައި، އެ މުއްދަތަށް ދައްކަންޖެހޭ ފައިނަލް ޕޭމަންޓް ދައްކަންވާނެއެވެ.
(ޅ) ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިކުއިޑޭޓަރ ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، އެ ކުންފުނިން މީރާއަށް ދައްކަންޖެހި ނުދައްކައިހުރި އެންމެހައި ފައިސާ ދައްކައި ޚަލާޞްކުރެވުނުކަން ލިކުއިޑޭޓަރ ޔަގީންކުރަންވާނެއެވެ.
(ކ) ލިކުއިޑޭޓަރ ޢައްޔަންކުރާ ތާރީޚުން ފެށިގެން ޤާނޫނުގެ ދަށުން ކުންފުނިން އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ޒިންމާވާ ފަރާތަކީ އެ ލިކުއިޑޭޓަރެވެ.
(އ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމުގެ ފަހުން ފެށޭ އެއްވެސް 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި އެ ކުންފުންޏަށް ޓެކްސް ބިނާކުރެވޭ އާމްދަނީގެ ގޮތުގައި 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރަށް ލިބޭނެކަމަށް ނުވަތަ ލިބުނުކަމަށް ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނަމަ، އެ ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުމުގެ ފަހުން ފެށޭ މުއްދަތަކަށް ނުވަތަ މުއްދަތުތަކަކަށް ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
62. ރެވެނިއު އެކައުންޓާއި ކެޕިޓަލް އެކައުންޓުގައި ހުރި މުދަލާއި ދަރަނި ކަނޑައެޅުން
(ހ) ޤާނޫނުގެ 13 ވަނަ މާއްދާގެ ބޭނުމަށް، "ކެޕިޓަލް އެކައުންޓެއްގައި ހުރި މުދާ" ކަމަށް ބުނެފައި އެވަނީ އެ ފަރާތަކުން ޓްރޭޑް ނުކުރާ މުދަލާއި، ކެޕިޓަލް އެލަވަންސް ދެވޭ މުދަލާއި، ބައިނަލްއަޤްވާމީ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓް ނުވަތަ އިންވެސްޓްމަންޓް ޕްރޮޕަޓީ ނުވަތަ އިންޓެންޖިބަލް އެސެޓް ނުވަތަ މިނޫންވެސް ނޮން-ކަރަންޓް އެސެޓްގެ ގޮތުގައި ބެލެވޭ އެސެޓެވެ.
(ށ) ޤާނޫނުގެ 13 ވަނަ މާއްދާގެ ބޭނުމަށް، "ކެޕިޓަލް އެކައުންޓެއްގައި ހުރި ދަރަނި" ކަމަށް ބުނެފައި އެވަނީ ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން އުނިކުރެވޭ ފަދަ ޚަރަދެއް އެ ދަރަންޏަކާ ގުޅިގެން ނުހިނގާ، ނުވަތަ ބައިނަލްއަޤްވާމީ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޮން-ކަރަންޓް ލައިބިލިޓީގެ ގޮތުގައި ބެލެވޭ ދަރަންޏަށެވެ.
(ނ) "ރެވެނިއު އެކައުންޓެއްގައި ހުރި މުދަލާއި ދަރަނި" ކަމަށް ބުނެފައި އެވަނީ، ކެޕިޓަލް އެކައުންޓެއްގައި ހުރި އެސެޓާއި ދަރަނީގެ ތެރޭގައި ނުހިމެނޭ އެންމެހައި އެސެޓާއި ދަރަންޏަށެވެ.
63. ހެޖިންގ އަދި އެނޫންވެސް އެފަދަ މުޢާމަލާތްތަކަށް ޢަމަލުކުރާނެ ގޮތް
(ހ) ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ހެޖިންގ ނުވަތަ އެނޫންވެސް އެ ފަދަ މުޢާމަލާތްތައްކަމަށް ބުނެފައި އެވަނީ، އެސެޓަކާ ނުވަތަ ލައިބިލިޓީއަކާ ގުޅޭ ވަކި ރިސްކެއްގެ ސަބަބުން ކޭޝް ފްލޯއަށް އަތުވެދާނެ (އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތެއްގެ ފައިދާ ނުވަތަ ގެއްލުމަށް އަސަރު ފޯރުވާ ފަދަ) ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ހެޖް ކުރުމަށެވެ.
(ށ) ހެޖިންގ ޓްރާންޒެކްޝަންތަކުން ލިބޭ އަންރިއަލައިޒްޑް ގެއިން އާއި ލޮސް (އޭގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ހެޖިންގ ޓްރާންޒެކްޝަންތަކުން ލިބޭ އަންރިއަލައިޒްޑް ގެއިން އާއި ލޮސް ވެސް ހިމެނޭ ގޮތުން) އަށް ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ރައްދެއް ނުވާނެއެވެ.
(ނ) ހިސާބުތައް ތައްޔާރުކުރުމުގެ އެކްރޫއަލް ބޭސިސް އެއްވެސް ފަރާތަކުން އިޚްތިޔާރުކޮށްފައިވާނަމަ، އަދި ޤާނޫނުގެ 4 ވަނަ ބާބުގެ ދަށުން އުނިކުރެވޭ ފަދަ ޚަރަދެއް އެކުލެވޭ މުޢާމަލާތަކާ ގުޅިގެން ހެޖިންގ ޓްރާންޒެކްޝަނެއްގައި އެ ފަރާތުން ބައިވެރިވާނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ޚަރަދުގެ ގޮތުގައި އުނިކުރެވޭ ޢަދަދަކަށް ވާނީ އެ ހެޖިންގ ކޮންޓްރެކްޓާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ޢަދަދެވެ.
(ރ) ހިސާބުތައް ތައްޔާރުކުރުމުގެ އެކްރޫއަލް ބޭސިސް އެއްވެސް ފަރާތަކުން އިޚްތިޔާރުކޮށްފައިވާނަމަ، އަދި ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ހިމެނޭ އާމްދަނީއެއް އެކުލެވޭ މުޢާމަލާތަކާ ގުޅިގެން ހެޖިންގ ޓްރާންޒެކްޝަނެއްގައި އެ ފަރާތުން ބައިވެރިވާނަމަ، އެ ހެޖިންގ ކޮންޓްރެކްޓާ ގުޅިގެން އާމްދަނީގެ ގޮތުގައި އެ ފަރާތަކަށް (ޚަރަދު ކަނޑައި ބާކީ) ލިބެންޖެހޭ ޢަދަދު، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ތެރޭގައި ހިމެނޭނެއެވެ.
(ބ) ހެޖިންގ ޓްރާންޒެކްޝަންތަކުން ލިބޭ ގެއިން އާއި ލޮސް (އޭގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ހެޖިންގ ޓްރާންޒެކްޝަންތަކުން ލިބޭ ގެއިން އާއި ލޮސް ވެސް ހިމެނޭ ގޮތުން) ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ތެރޭގައި ހިމަނަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) އާއި (ރ) ގެ ބޭނުމަށް، އެއްވެސް ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ނިމުމުން ހެޖިންގ ކޮންޓްރެކްޓެއް ވެލިއުކޮށްގެން ލިބޭ އަންރިއަލައިޒްޑް ގެއިން އާއި ލޮސް ހިމަނައިގެން ނުވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ވިޔަފާރިއަކީ ހެޖިންގ ޓްރާންޒެކްޝަންތަކުގައި ބައިވެރިވުންކަމުގައިވާނަމަ، ނުވަތަ ފޮރިން އެކްސްޗޭންޖް، އިންޓްރެސްޓް ސްވޮޕް، ޑެރިވެޓިވް ނުވަތަ މި ނޫންވެސް މި ފަދަ ކޮންޓްރެކްޓްތަކުގެ މުޢާމަލާތް ހިންގުން ކަމުގައިވާނަމަ، ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ފަދަ މުޢާމަލާތްތަކުން ލިބޭ އެންމެހައި ރިއަލައިޒްޑް އަދި އަންރިއަލައިޒްޑް ގެއިން އާއި ލޮސް ހިމަނަންވާނެއެވެ.
64. ނުއުފުލޭ މުދަލަކުން ލިބޭ އާމްދަނީ
(އުނިކޮށްފައި).
65. ބިނާކުރާ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުން
(ހ) މި މާއްދާ ރައްދުވާނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބިނާކުރެވޭ ނުއުފުލޭ މުދަލަށް އެކަންޏެވެ.
(ށ) ތިންވަނަ ފަރާތަކަށް އެ މުދާ ކުއްޔަށް ދޫކޮށްގެން ނުވަތަ އެނޫން ގޮތަކުން ވިޔަސް، ބިނާކުރާ ފަރާތަށް އެ މުދަލުން ލިބޭ އެންމެހައި އާމްދަނީ އެ ފަރާތުގެ އާމްދަނީގެ ތެރޭގައި ހިމަނަންވާނެއެވެ.
(ނ) އެ މުދަލުން ލިބޭ އާމްދަނީއާ ގުޅިގެން، ބިނާކުރާ ފަރާތަށް ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރުކުރެވިދާނެއެވެ.
(ރ) ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރުކޮށްފިނަމަ، ބިނާކުރާ ފަރާތުން އެ މުދަލަށް ކުރާ އެއްވެސް ޚަރަދަކާ ގުޅިގެން އިތުރު އެއްވެސް ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.
(ބ) ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރުނުކުރާނަމަ، ބިނާކުރާ ފަރާތުން އެ މުދާ ބިނާކުރުމަށް ކޮށްފައިވާ ޚަރަދު، އެ ފަރާތުން ކެޕިޓަލައިޒް ކުރަންވާނެއެވެ. އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ޚަރަދު އުނި ކުރަންވާނީ އެ ފަރާތާއި ވެރިފަރާތާއެކު ވެފައިވާ ކުލީގެ އެއްބަސްވުމުގެ މުއްދަތާއި، 25 އަހަރާއި، މި ދެ މުއްދަތުންކުރެ ކުރު މުއްދަތަކަށް ސްޓްރެއިޓް ލައިން ބޭސިސްއިން އެ ޚަރަދު ބަހައިލައިގެންނެވެ. އަދި މި ޙާލަތުގައި، އެ ފަރާތުން އެ މުދަލާ ގުޅޭގޮތުން ކޮށްފައިވާ އެހެނިހެން ޚަރަދުތައް، ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވޭނެއެވެ.
(ޅ) މުދަލުގެ އެއްވެސް ބައެއް، ބިނާކުރާ ފަރާތުގެ އަމިއްލަ ބޭނުމަށް ނުވަތަ ވިޔަފާރީގެ ބޭނުން ނޫން އެހެން ބޭނުމަކަށް ބޭނުންކުރާނަމަ، އެ ބަޔަކާ ގުޅޭގޮތުން މި މާއްދާގެ (ބ) ގެ ދަށުން އެއްވެސް ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.
(ކ) ކުއްޔަށް ދޫކޮށްގެން ނުވަތަ އެނޫން ގޮތަކުން ވިޔަސް، ވެރިފަރާތަށް އެ މުދަލުން ލިބޭ އެންމެހައި އާމްދަނީ އެ ފަރާތުގެ އާމްދަނީގެ ތެރޭގައި ހިމަނަންވާނެއެވެ.
(އ) އެ މުދަލުން ލިބޭ އާމްދަނީއާ ގުޅިގެން، ވެރިފަރާތަށް ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރުކުރެވިދާނެއެވެ.
(ވ) ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރުކޮށްފިނަމަ، ވެރިފަރާތުން އެ މުދަލަށް ކުރާ އެއްވެސް ޚަރަދަކާ ގުޅިގެން އިތުރު އެއްވެސް ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.
(މ) ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރު ނުކުރާނަމަ، އަދި ވެރިފަރާތުން އެ މުދާ ބިނާކުރުމަށް އެއްވެސް ޚަރަދެއް ކޮށްފައިވާނަމަ، އެ ޚަރަދަށް ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ. އެބަހީ، އެ މުދާ ބިނާކުރުމަށް ވެރިފަރާތުން ކޮށްފައި ނުވާ ޚަރަދަކަށް، ނުވަތަ ބިނާކުރާ ފަރާތުން ނުވަތަ އެނޫންވެސް ފަރާތަކުން ކޮށްފައިވާ ޚަރަދަކަށް، މުދަލުގެ ވެރިފަރާތަކަށް ކެޕިޓަލް އެލަވަންސެއް އުންޏެއް ނުކުރެވޭނެއެވެ. އަދި މި ޙާލަތުގައި، އެ ފަރާތުން އެ މުދަލާ ގުޅޭގޮތުން ކޮށްފައިވާ އެހެނިހެން ޚަރަދުތައް، ޤާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރެވޭނެއެވެ.
66. ގްރޫޕުގައި ހިމެނޭ އެހެން ކުންފުންޏަކަށް ކެޕިޓަލް އެސެޓެއް ބަދަލުކުރުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޙާލަތުގައި، ކެޕިޓަލް އެސެޓް ބަދަލުކުރާ ފަރާތަށާއި މުދާ ބަދަލުކުރެވޭ ފަރާތަށް މި މާއްދާގެ (ށ)، (ނ) އަދި (ރ) ރައްދުވާނެއެވެ.
(1) ކުންފުނިތަކުގެ ގްރޫޕެއްގައި ހިމެނޭ ކުންފުންޏަކުން، އެ ގްރޫޕްގައި ހިމެނޭ އެހެން ކުންފުންޏަކަށް ކެޕިޓަލް އެސެޓެއް ބަދަލުކުރުން، އަދި އެ ދެ ކުންފުންޏަކީވެސް ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ، ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައިފައިވާ "ޓެކްސް-ފްރީ ތްރެޝޯލްޑް" ހިއްސާކުރާ ދެ ކުންފުނި ކަމުގައިވުން؛ އަދި
(2) ކެޕިޓަލް އެސެޓް ބަދަލުކުރުމުގެ މުޤާބިލުގެ ގޮތުން، އެސެޓް ބަދަލުކުރާ ފަރާތަށް ނުވަތަ އެ ފަރާތުގެ ޙިއްޞާދާރުންނަށް ދޫކުރެވޭ އަދި/ނުވަތަ ބަދަލުކުރެވޭ ޙިއްޞާ ނޫން އެހެން މުޤާބިލެއް ނެތުން؛ އަދި
(3) އެސެޓް ބަދަލުކުރެވޭ ފަރާތުން އެ ކެޕިޓަލް އެސެޓް ބޭނުންކުރަނީ، އެސެޓް ބަދަލުކުރުމާ ހަމައަށް އެ އެސެޓް ބަދަލުކުރާ ފަރާތުން ކުރަމުންދިޔަ ވިޔަފާރި ކުރުމަށް ކަމުގައިވުން.
(ށ) މި މާއްދާގެ (ހ) ރައްދުވާ ޙާލަތުގައި، އެސެޓް ބަދަލުކުރާ ފަރާތަށާއި އެސެޓް ބަދަލުކުރެވޭ ފަރާތަށް އަންނަނިވި ގޮތް އިޚްތިޔާރުކުރެވިދާނެއެވެ.
(1) ބަދަލުކުރެވުނު ކެޕިޓަލް އެސެޓަކީ، އެ އެސެޓް ބަދަލުކުރެވުނު ވަގުތު އެ އެސެޓްގެ ޓެކްސް ރިޓްން ޑައުން ވެލިއުގައި ވިއްކައިލެވުނު އެސެޓެއް ކަމުގައި ބެލެވުން؛ އަދި
(2) ކެޕިޓަލް އެސެޓް ބަދަލުކުރުމަށްފަހު އެ އެސެޓާ ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ މުދާ ބަދަލުކުރެވުނު ފަރާތަށް ކަމުގައިވުން، އަދި އެ ގޮތުން ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ (އެސެޓް ބަދަލުކުރި ފަރާތުން އެ އެސެޓް ބޭނުންކުރަމުން ގެންދިޔަނަމަ ކެޕިޓަލް އެލަވަންސް އުނިކުރާނެ ބީދައިން) އެ އެސެޓް ބޭނުންކުރެވޭނެކަމަށް އަންދާޒާކޮށްފައިވާ މުއްދަތުން ބާކީ އޮތް މުއްދަތަށް ކަމުގައިވުން؛ އަދި
(3) ކެޕިޓަލް އެސެޓް ބަދަލުކުރުމަށްފަހު އެ އެސެޓާ ގުޅިގެން ބެލެންސިންގ އެލަވަންސް އުނިކުރެވޭނީ ނުވަތަ ބެލެންސިންގ ޗާޖް ހިނގާނީ (އެސެޓް ބަދަލުކުރި ފަރާތުން އެ އެސެޓް ބޭނުންކުރަމުން ގެންދިޔަނަމަ ބެލެންސިންގ އެލަވަންސް އުނިކުރާނެ ނުވަތަ ބެލެންސިންގ ޗާޖް ހިނގާނެ ބީދައިން) އެސެޓް ބަދަލުކުރެވުނު ފަރާތަށް ކަމުގައިވުން.
(ނ) އެއް ކެޕިޓަލް އެސެޓަށްވުރެ ގިނަ ކެޕިޓަލް އެސެޓް ބަދަލުކުރާނަމަ މި މާއްދާގެ ދަށުން އެ ހުރިހާ ކެޕިޓަލް އެސެޓަކަށް ވެސް އިޚްތިޔާރުކުރަންވާނީ އެއްގޮތެކެވެ. އަދި މި ގޮތުން އިޚްތިޔާރުކުރާ ގޮތް ބަދަލެއް ނުކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ށ) އިޚްތިޔާރުކުރާ ޙާލަތުގައި އެ ކަން މީރާއަށް އަންގަންވާނީ، އެ މުޢާމަލާތް ހިންގުމުގެ ކުރިން، އެސެޓް ބަދަލުކުރާ ފަރާތާއި އެސެޓް ބަދަލުކުރެވޭ ފަރާތުން ސޮއިކޮށް އަންގާ ލިޔުމަކުންނެވެ. މި މާއްދާ ރައްދުވާނީ އެސެޓް ބަދަލުކުރާ ފަރާތާއި އެސެޓް ބަދަލުކުރެވޭ ފަރާތުން އިޚްތިޔާރުކޮށްފައިވާ ގޮތް ޤަބޫލުކޮށް ކޮމިޝަނަރ ޖެނެރަލް އެ ކަން ލިޔުމުން އެންގުމުންނެވެ.
67. ޚަރަދުގެ ނިސްބަތް ބަހައިލުން
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ޖުމްލަ އާމްދަނީ ހޯދުމަށް ހިނގާފައިވާ ޚަރަދުގެ ނިސްބަތް ބަލާނީ އެ ޚަރަދެއް ބަހައިލުމަށް އެކަށީގެންވާ އަދި އަދުލުވެރި އަސާސެއްގެ މައްޗަށް ބިނާކޮށެވެ.
(ށ) މި މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ޚަރަދެއް ބަހައިލައިފިނަމަ، އެ ޚަރަދެއް ބަހައިލުމުގައި ބޭނުންކޮށްފައިވާ އަސާސަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަސާސެއްކަމަށް އެ ފަރާތަކުން ދެކޭ ސަބަބާއި އެ އަސާސް ހިސާބުކޮށްފައިވާ ގޮތުގެ ތަފްސީލު ލިޔެ ބަލަހައްޓަންވާނެއެވެ.
68. މުދަލު ޒަކާތް
ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މުދަލު ޒަކާތުގެ ގޮތުގައި އުނިކުރެވޭނީ އެ ހިސާބުކުރާ މުއްދަތުގެ ތެރޭގައި ދައުލަތުގެ ކަމާބެހޭ އޮފީހަކަށް އެ ފަރާތަކުން މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ޢަދަދެވެ. އަދި މި ޢަދަދު އުނިކުރެވޭނީ، އެ އޮފީހަކުން ދޫކޮށްފައިވާ، މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ޢަދަދު އެނގޭނެ ރަސީދެއް ނުވަތަ ލިއުމެއް އޮތްނަމައެވެ.
69. ދާއިމީ މަރުކަޒުގެ ހެޑް އޮފީސް
(ހ) ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒެއް ހުރި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތެއްގެ "ހެޑް އޮފީސް" ކަމަށް ބުނެފައިވަނީ:
(1) ދާއިމީ މަރުކަޒުގެ ވެރިފަރާތް؛ ނުވަތަ
(2) ދާއިމީ މަރުކަޒުގެ ވެރިފަރާތުގެ، ދިވެހިރާއްޖެއިން ބޭރުގައި ހުރި، އެހެން ދާއިމީ މަރުކަޒެއް؛ ނުވަތަ
(3) ދާއިމީ މަރުކަޒާ ގުޅުންހުރި، ނުވަތަ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތަކާ ގުޅުންހުރި އެއްވެސް ފަރާތަކަށެވެ.
(ށ) ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ދާއިމީ މަރުކަޒާއި ދާއިމީ މަރުކަޒުގެ ހެޑް އޮފީހަކީ ގުޅުންހުރި ފަރާތްތަކެވެ.
70. ހެޑް އޮފީސް ޚަރަދު
(ހ) ޤާނޫނުގެ 24 ވަނަ މާއްދާގެ ބޭނުމަށް، "ހެޑް އޮފީސް ޚަރަދު" ގެ ތެރޭގައި ހިމެނެނީ ދާއިމީ މަރުކަޒެއްގެ ހެޑް އޮފީހަކުން ދިވެހިރާއްޖޭގައި ހުންނަ ދާއިމީ މަރުކަޒަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ކޮށްފައިވާނަމަ އެ ޚަރަދުތަކެވެ.
(ށ) ހެޑް އޮފީސް ޚަރަދު ކުރެވުނީ ހަމައެކަނި އެ ދާއިމީ މަރުކަޒުގެ އާމްދަނީ ހޯދުމަށް އެކަނިކަމަށް ކަނޑައެޅިގެން އެނގެން ނެތްނަމަ، އެ ޚަރަދުގެ ސަބަބުން ދާއިމީ މަރުކަޒަށް ލިބޭ މަންފާގެ ނިސްބަތުން، އެ ޚަރަދު އަދުލުވެރިކަމާއެކު ބަހައިލުމުން ދާއިމީ މަރުކަޒަށް ނިސްބަތްވާ މިންވަރު ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.
71. އެކްސެސިވް ކޮމްޕެންސޭޝަން
ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރުގެ ބޭނުމަށް، ޤާނޫނުގެ 79 ވަނަ މާއްދާގެ (ޕ) ގައި މާނަކޮށްދީފައިވާ "އެކްސެސިވް ކޮމްޕެންސޭޝަން" ކަނޑައެޅުމުގެ ބޭނުމަށް، މުޢާމަލާތެއްގެ އަގުކަމަށް ބަލާނީ އެ މުޢާމަލާތެއްގެ އޯޑިނަރީ އޯޕަން މާކެޓް ވެލިއުއެވެ.
72. ގެއްލުން ކުރިއަށްހުރި ހިސާބުކުރާ މުއްދަތުތަކުގައި އުނިކުރުން
ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގެއްލުމުގެ ޢަދަދު ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭނީ ވިޔަފާރި އާމްދަނީންނެވެ.
72-1. އޮޕަރޭޓިންގ ލީސްއެއްގެ ދަށުން ދައްކާ ކުލި
(ހ) ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އޮޕަރޭޓިންގ ލީސްއެއްގެ ދަށުން ދައްކާ ކުއްޔާ ގުޅިގެން އުނިކުރެވޭނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އެ ހިސާބުކުރާ މުއްދަތުގެ ޚަރަދެއްގެ ގޮތުގައި ހިމަނާފައިވާ އަދަދެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ ޓެކްސް އަހަރެއްގައި އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ޓެކްސް ރޫލިންގ ނަންބަރު TR-2018/B64 (ތިން ކެޕިޓަލައިޒޭޝަން) ގެ 11 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކޮށްފައި އޮތުމުގެ ސަބަބުން، ލީސްގެ މުއްދަތުގައި އެ ލީސްއާ ގުޅިގެން އުނިކުރެވޭ ޖުމުލަ އަދަދު، ލީސްގެ މުއްދަތުގައި ދައްކާ ކުލީގެ ޖުމުލަ އަދަދަށްވުރެ މަދުވާނެ ހާލަތުގައި، އެ މަދުވާ މިންވަރު ޓެކްސް އަހަރު 2020 ގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ ޓެކްސް އަހަރެއްގައި އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ޓެކްސް ރޫލިންގ TR-2018/64 (ތިން ކެޕިޓަލައިޒޭޝަން) ގެ 11 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކޮށްފައި އޮތުމުގެ ސަބަބުން، ލީސްގެ މުއްދަތުގައި އެ ލީސްއާ ގުޅިގެން އުނިކުރެވޭ ޖުމުލަ އަދަދު، ލީސްގެ މުއްދަތުގައި ދައްކާ ކުލީގެ ޖުމުލަ އަދަދަށްވުރެ އިތުރުވާނެ ހާލަތުގައި، އެ އިތުރުވާ މިންވަރު ޓެކްސް އަހަރު 2020 ގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އާމްދަނީގެ ގޮތުގައި ބަލަންވާނެއެވެ.
73. ކެޕިޓަލް އެލަވަންސާގުޅޭ
މި ބާބުގެ ބޭނުމަށް:
(ހ) "ކެޕިޓަލް އެލަވަންސް" ކަމަށް ބުނެފައިވަނީ، ކެޕިޓަލް ޚަރަދަކާ ގުޅިގެން ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސަށެވެ.
(ށ) "ބެލެންސިންގ އެލަވަންސް" ކަމަށް ބުނެފައިވަނީ، ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ ބެލެންސިންގ އެލަވަންސަށެވެ.
(ނ) "ބެލެންސިންގ ޗާޖް" ކަމަށް ބުނެފައިވަނީ، ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އިތުރުކުރެވޭ ބެލެންސިންގ ޗާޖަށެވެ.
(ރ) "ޓެކްސް ރިޓްންޑައުން ވެލިއު" ކަމަށް ބުނެފައިވަނީ، ކެޕިޓަލް އެސެޓެށް ގަތުމަށް ހިނގި ޚަރަދާއި، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެ އެސެޓްގެ އަގުގެ ގޮތުގައި މި ގަވާއިދުގެ 80 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރެވޭ ޢަދަދާއި، މި ދެ ޢަދަދުންކުރެ ކުޑަ ޢަދަދަކުން، ކުރީގެ ހިސާބުކުރާ މުއްދަތުތަކުގައި ކެޕިޓަލް އެލަވަންސްގެ ގޮތުގައި އުނިކުރެވިފައިވާ ޢަދަދުތަކުގެ ޖުމްލަ އުނިކުރުމުން އަންނަ ޢަދަދަށެވެ.
(ބ) "ޢިމާރާތް" ކަމަށް ބުނެފައިވަނީ، ޢިމާރާތްތަކާއި، ޖެޓީތަކާއި، ސްލިޕްވޭތަކާއި، މަގުތަކާއި މިނޫންވެސް މި ފަދަ އެހެނިހެން ދާއިމީ ބިނާތައްވެސް ހިމެނޭ ގޮތުންނެވެ.
(ޅ) "އެއަރކްރާފްޓް" ކަމަށް ބުނެފައިވަނީ، މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި، ސީޕްލޭން، އަދި މިނޫންވެސް އޭރޯޑައިނަމިކްސް ބޭނުންކޮށްގެން ދުއްވާ އެންމެހައި އުޅަނދުތައް ހިމެނޭ ގޮތުންނެވެ.
(ކ) "ރެލަވަންޓް އިވެންޓް" ކަމަށް ބުނެފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމަކަށެވެ.
(1) ކެޕިޓަލް އެސެޓެއް ވިއްކައިލުން ނުވަތަ ދިނުން؛
(2) ކެޕިޓަލް އެސެޓެއްގެ މިލްކުވެރިކަން އެ އެސެޓްގެ ވެރިފަރާތުން ދާއިމީކޮށް ނެތިދިއުން؛
(3) ހަލާކުވެގެން ނުވަތަ އެނޫންވެސް ގޮތަކަށް ކެޕިޓަލް އެސެޓެއް ނެތިދިއުން؛
(4) ކެޕިޓަލް އެސެޓް ބޭނުންކުރުން ދާއިމީކޮށް ހުއްޓާލުން ނުވަތަ އެ އެސެޓް ބޭނުންކުރަމުންދިޔަ ވިޔަފާރި ދާއިމީކޮށް ހުއްޓާލުން ނުވަތަ ނިމުމަކަށް ގެނައުން ނުވަތަ އުވައިލުން؛
(5) ކެޕިޓަލް އެސެޓެއްގެ ވެރިފަރާތުން އެ އެސެޓް ބޭނުންކޮށްގެން ކުރަމުންދާ ވިޔަފާރިއަކުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައުން؛
(6) އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓެއްގެ ބައެއް ވިއްކައިލުން ނުވަތަ ބޭނުންކުރުމުގެ ޙައްޤު އެހެން ފަރާތަކަށް ދިނުން.
74. ކެޕިޓަލް ޚަރަދު އަގުކުރުން
މި ބާބުގެ ދަށުން އެ ޚަރަދަކާއި ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކުރެވޭ އެއްވެސް ޚަރަދަކީ ބާޒާރުގައި ހިނގާނެ ޚަރަދަކަށްވުރެ އިތުރު ޚަރަދެއްނަމަ، އެ ޚަރަދެއްގެ ޢަދަދު ކަމަށް ބެލެވޭނީ ޤާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.
75. ބާޒާރުގައި ކެޕިޓަލް އެސެޓުގެ އަގު
މި ބާބުގެ ބޭނުމަށް، މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ތަޢާރުޒުނުވާ ގޮތުގެމަތިން، ތިރީގައިވާ ޙާލަތްތަކުގައި ކެޕިޓަލް އެސެޓެއް ގަތުމަށް ކުރެވުނު ޚަރަދުކަމަށް ބަލާނީ އެ އެސެޓެއް އެންމެ ފުރަތަމަ ބޭނުންކުރިއިރު ހުރި އަގު ކަމަށް ޤާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.
(ހ) ވިޔަފާރިއެއް ހިންގާ ފަރާތަކުން، އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ފެށުމުގެ ކުރިން ކެޕިޓަލް އެސެޓެއް ގަތުމަށް ހިނގާފައިވާ ޚަރަދަކާއި ގުޅިގެން ކެޕިޓަލް އެލަވަންސް ހޯދުމަށް އެދުން؛
(ށ) އެ ކެޕިޓަލް އެސެޓެއް ފުރަތަމަ ބޭނުންކުރި އިރު، އެ އެސެޓް އަސްލު ގަތް އަގަށްވުރެ އޭގެ ބާޒާރުގެ އަގު ކުޑަވުން.
76. ހިސާބުކުރާ މުއްދަތުން ބައެއްގައި ކެޕިޓަލް އެސެޓް ބޭނުންކުރުން
ކެޕިޓަލް އެސެޓް ގަންނަ ހިސާބުކުރާ މުއްދަތުގައި އެ އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ އެ މުއްދަތެއްގެ ބޮޑު ބައެއްގައި އެ އެސެޓް ބޭނުންކޮށްފައިވާނަމައެވެ. އެއީ، ފުރިހަމަ ހިސާބުކުރާ މުއްދަތެއްގައިނަމަ މަދުވެގެން 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު އެ އެސެޓް ބޭނުންކޮށްފައިވާނަމައެވެ.
77. ވިޔަފާރީގެ ބޭނުމަށް ނޫން ގޮތަކަށް ކެޕިޓަލް އެސެޓް ބޭނުންކުރުން
އެއްވެސް މިންވަރަކަށް ވިޔަފާރީގެ ބޭނުމަށް ނޫން ގޮތަކަށް ބޭނުންކުރާ ކެޕިޓަލް އެސެޓެއްނަމަ، އެ އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ އެ ވިޔަފާރީގެ ބޭނުމަށް އެ އެސެޓެއް ބޭނުންކޮށްފައިވާ ނިސްބަތަކުންނެވެ.
78. ކެޕިޓަލް ޚަރަދު އެއްފަހަރާ އުނިކުރުން
(ހ) މި ބާބުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ކެޕިޓަލް އެސެޓެއް ނުވަތަ އެއް ބާވަތެއްގެ ކެޕިޓަލް އެސެޓްތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ޚަރަދު 5,000/- (ފަސް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ އެ ފަރާތަކުން އެ ޚަރަދު ހިނގި ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ޚަރަދެއް އެއްފަހަރާ އުނިކުރުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން އެއްފަހަރާ އުނިކުރުމަށް އިޚްތިޔާރުކުރާ ޚަރަދުގެ ޖުމްލަ އެއްވެސް ހިސާބުކުރާ މުއްދަތެއްގައި 100,000/- (އެއް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކޭޝް ބޭސިސްއަށް ހިސާބު ތައްޔާރުކުރާ ފަރާތްތަކުން އެއްވެސް ކެޕިޓަލް އެސެޓެއް ނުވަތަ އެއް ބާވަތެއްގެ ކެޕިޓަލް އެސެޓްތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ޚަރަދު 50,000/- (ފަންސާސް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ އެ ޚަރަދުކުރި ހިސާބުކުރާ މުއްދަތުގައި އެ ޚަރަދެއް އެއްފަހަރާ އުނިކުރުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.
79. އެއް ޚަރަދެއް ދެ ފަހަރު އުނި ނުކުރުން
މި ބާބުގެ ބޭނުމަށް، އެއްވެސް ޚަރަދެއް 1 (އެކެއް) ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރީގެ ހިސާބުތަކުން ނުވަތަ އެލަވަންސް އުނިކުރެވޭ 1 (އެކެއް) ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީއަކުން އުންޏެއް ނުކުރެވޭނެއެވެ.
80. ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު ކެޕިޓަލް އެސެޓް އަގުކުރުން
(ހ) ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ކެޕިޓަލް އެސެޓަކީ، ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 46 ވަނަ މާއްދާގެ (ހ) ދަށުން އަގު ކަނޑައަޅައިފައިވާ މުދަލެއްނަމަ، ކެޕިޓަލް އެލަވަންސް ހިސާބުކުރުމުގައި އެ މުދަލުގެ އަގު ކަމަށް ބަލާނީ އެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފައިވާ ޢަދަދެވެ.
(ށ) ވިޔަފާރިކުރާ ފަރާތެއްގެ އަތުގައި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ހުރި ކެޕިޓަލް އެސެޓަކީ، ގަވާއިދު ނަންބަރު 2011/R-35 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ ދަށުން އަގު ކަނޑައަޅައިފައި ނުވާ އެސެޓެއްނަމަ، އެ އެސެޓުގެ އަގު ކަނޑައަޅާނީ އެ އެސެޓް ގަތް ދުވަހުން ފެށިގެން ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހާ ހަމައަށް އެ އެސެޓް ބޭނުންކުރެވުނު ކޮންމެ އަހަރަކަށް ނުވަތަ އަހަރަކުން ބަޔަކަށް، އެ އެސެޓް ގަތް އަގާއި މި ބާބުގައި ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާ ގުނަކުރުމުން އަންނަ ޢަދަދު (ނޮޝަނަލް އެޖަސްމަންޓް)، އެ އެސެޓް ގަތް އަގުން އުނިކޮށްގެންނެވެ.
(ނ) ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭންކުތަކަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެސެޓް ގަތް އަގުން އުނިކުރާ ޢަދަދަކީ ޤާނޫނުގެ ބޭނުމަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައެއް ނުބެލެވޭނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ ބޭނުމަށް، އެސެޓް ގަތް އަގު އެނގެން ނެތްނަމަ އެ ޢަދަދުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ ބޭނުމަށް، އެސެޓް ބޭނުންކޮށްފައިވާ މުއްދަތު އެނގެން ނެތްނަމަ އެ މުއްދަތުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން އެސެޓް ގަތް އަގުކަމަށް ނުވަތަ އެ އެސެޓް ބޭނުންކޮށްފައިވާ މުއްދަތުކަމަށް ކޮށްފައިވާ އަންދާޒާއަށް ބަދަލު ގެނައުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
81. ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ހުރި ކެޕިޓަލް އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރުން
ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ކެޕިޓަލް އެސެޓަކަށް އުނިކުރެވޭ ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ އެ އެސެޓް ގަތް އަގާއި މި ބާބުގައި ބަޔާންކޮށްފައިވާ އެ އެސެޓެއްގެ ކެޕިޓަލް އެލަވަންސް ރޭޓާ ގުނަކޮށްގެންނެވެ.
82. ކެޕިޓަލް އެލަވަންސްއާ ގުޅޭ ޢާންމު މާއްދާތައް
(ހ) ކެޕިޓަލް އެސެޓަކާ ގުޅިގެން އެއްވެސް ފަރާތަކަށް އުނިކުރެވޭ ކެޕިޓަލް އެލަވަންސް ބެލެވޭނީ އެ އެލަވަންސް ދެވުނު މުއްދަތެއްގައި އެ ފަރާތެއްގެ ޚަރަދެއްގެ ގޮތުގައެވެ.
(ށ) މި ބާބުގެ ދަށުން އެއްވެސް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭ އެލަވަންސެއް ހިމެނޭނީ އެ ހިސާބުކުރާ މުއްދަތު ނިމޭ ޓެކްސް އަހަރެއްގެ އެ ފަރާތެއްގެ ޓެކްސް ބަޔާނުގައެވެ.
(ނ) އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު 12 (ބާރަ) މަސްދުވަހަށްވުރެ ކުރުނަމަ، މި ގަވާއިދުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް އުނިކުރަންވާނީ އެ ހިސާބުކުރާ މުއްދަތުގެ ނިސްބަތުންނެވެ.
(ރ) ކެޕިޓަލް ޚަރަދަކާ ގުޅިގެން މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް ނުވަތަ އެހާތަނަށް ދެވުނު ޖުމްލަ އެލަވަންސް، އެ ޚަރަދުގެ ޖުމްލަ ޢަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.
(ބ) ކެޕިޓަލް އެސެޓެއްގެ ޓެކްސް ރިޓްންޑައުން ވެލިއު 0 (ސުމެއް) އަށް ވުމަށްފަހު، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ މުދަލެއްގެ ކެޕިޓަލް އެލަވަންސްގެ ގޮތުގައި އެއްވެސް ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.
83. ކެޕިޓަލް އެލަވަންސްގެ ރޭޓްތައް
(ހ) މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް އުނިކުރެވޭ އެސެޓްގެ ބާވަތްތަކާއި ކެޕިޓަލް އެލަވަންސް އުނިކުރެވޭ ރޭޓް ތިރީގައިވާ ތާވަލުގައި އެވަނީއެވެ.
| އެސެޓްގެ ބާވަތް | ރޭޓް (%) |
| ޢިމާރާތް | 4 |
| އެއަރކްރާފްޓް | 7 |
| ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު | 7 |
| ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު ނޫން އެހެނިހެން އުޅަނދު | 5 |
| ފަރުނީޗަރާއި ފިޓިންގ | 10 |
| އިންޖީނުލީ އެއްގަމު އުޅަނދުފަހަރު | 20 |
| އާރތް މޫވިންގ ވެހިކަލް | 5 |
| ޕްލާންޓް އަދި އިކުއިޕްމަންޓް (އޮފީސް އިކުއިޕްމަންޓް ފިޔަވައި) | 10 |
| އޮފީސް އިކުއިޕްމަންޓް | 20 |
| ކޮމްޕިއުޓަރ ސޮފްޓްވެއަރ | 33⅓ |
| ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށި ފަދަ)، ލިނެން، އަދި ހިފާ ގެންގުޅޭ ސާމާނު | 33⅓ |
(ށ) މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް، އެ އެސެޓް ގަތް އަގާއި މި މާއްދާގެ (ހ) ގައިވާ ތާވަލުގައި އެ އެސެޓެއް ނިސްބަތްވާ ބާވަތަށް ކަނޑައަޅައިފައިވާ ރޭޓާ ގުނަކޮށްގެން ހިސާބުކުރުމަށްފަހު، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގެންގުޅޭ ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށި ފަދަ)، ލިނެން އަދި ހިފައި ގެންގުޅޭ ސާމާނުގެ ބަދަލުގައި އަލަށް ގަންނަ އެ ފަދަ އެސެޓް ގަތުމަށް ހިނގާ ޚަރަދު، އެ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެކުގައި އުނިކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ބައެއް ހެދުމުގެ ޚަރަދު ހޯދާފައިވަނީ ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކަކުން ނުވަތަ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު-ނޫން މާލީ އިދާރާއަކުން ގެދޮރު ޢިމާރާތްކުރުމަށް ނަގާފައިވާ ލޯނަކުން ކަމުގައިވާނަމަ، އެ ޚަރަދަށް، އަންނަނިވި ގޮތަށް ހިސާބުކުރުމަށްފަހު، ޓެކްސް ނެގޭ އާމްދަނީ ހިސާބުކުރުމުގައި ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.
(1) ޢިމާރާތުގެ އަގުގެ ތެރެއިން ލޯނުގެ ޚަރަދު ނުހިމެނޭ ބަޔަށް ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
(A-B) × 4%
A = ޢިމާރާތުގެ ޖުމްލަ އަގު
B = ޢިމާރާތުގެ ޖުމްލަ އަގުގެ ތެރޭގައި ހިމެނޭ ލޯނުގެ ޢަދަދު
(2) ޢިމާރާތުގެ އަގުގެ ތެރެއިން ލޯނުގެ ޚަރަދުގެ ބަޔަށް ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
(i) ލޯނު ނަގާފައިވަނީ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ދުވަހުގެ ކުރިން ކަމުގައިވާނަމަ:
(E-(E × 4% × n)) / m
E = ޢިމާރާތުގެ ޚަރަދަށް ލޯނުން ބޭނުންކުރި މިންވަރު
n = އެ ޚަރަދުކުރެވުނު ތާރީޚުން ފެށިގެން 1 ޖަނަވަރީ 2020 އަށް ހޭދަވި މުއްދަތު (އަހަރުން)
m = ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތުން 1 ޖަނަވަރީ 2020 ގައި ބާކީ އޮތް މުއްދަތު (އަހަރުން)
(ii) ލޯނު ނަގާފައިވަނީ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށި ދުވަހު ނުވަތަ އޭގެ ފަހުން ކަމުގައިވާނަމަ:
E/m
E = ޢިމާރާތުގެ ޚަރަދަށް ލޯނުން ބޭނުންކުރި މިންވަރު
m = ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތު (އަހަރުން)
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކުރަން އެއްވެސް ފަރާތަކުން އިޚްތިޔާރުކޮށްފިނަމަ، ޢިމާރާތުގެ އަގުގެ ތެރޭގައި 1 (އެކެއް) ލޯނަށްވުރެ ގިނަ ލޯނު ހިމެނޭނަމަ އެއިން ކޮންމެ ލޯނަކުން ޢިމާރާތުގެ އަގުގެ ތެރޭގައި ހިމަނާފައިވާ މިންވަރު ވަކިކޮށް އެއިން ކޮންމެ ބަޔަކަށް ވަކިވަކިން މި މާއްދާގެ (ރ) ގައިވާ ގޮތަށް ކެޕިޓަލް އެލަވަންސް ހިސާބުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގެ ދަށުން ކެޕިޓަލް އެލަވަންސް އުނިކުރަން އެއްވެސް ފަރާތަކުން އިޚްތިޔާރުކޮށްފިނަމަ، އެ އިޚްތިޔާރު ބަދަލެއް ނުކުރެވޭނެއެވެ. އަދި، ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތުގެ ގޮތުގައި މި މާއްދާގެ (ރ) ގެ ދަށުން ބޭނުންކޮށްފައިވާ މުއްދަތު ބަދަލެއް ނުކުރެވޭނެއެވެ.
84. އިންޓޭންޖިބަލް އެސެޓަށް އުނިކުރެވޭ އެލަވަންސް
(ހ) ވިޔަފާރިއެއް ކުރަމުންދާ ފަރާތަކުން އިންޓޭންޖިބަލް އެސެޓެއް ގަތުމަށް ޚަރަދެއް ކޮށްފައިވާނަމަ، އެ ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.
E/n
E = ޚަރަދު
n = އެ އެސެޓެއް ބޭނުންކުރެވޭނެކަމަށް އެ ފަރާތުން އަންދާޒާކޮށްފައިވާ މުއްދަތު (އަހަރުން)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، އެ އެސެޓެއް ބޭނުންކުރެވޭނެކަމަށް އެ ފަރާތުން އަންދާޒާކޮށްފައިވާ މުއްދަތަށް ބަދަލު ގެނައުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތާއަބަދަށް ބޭނުންކުރެވޭނެ އިންޓޭންޖިބަލް އެސެޓެއްނަމަ، އެ އިންޓޭންޖިބަލް އެސެޓް ބޭނުންކުރެވޭނެ މުއްދަތު ކަމުގައި ބަލާނީ 10 (ދިހައެއް) އަހަރެވެ.
85. ބިން ހިއްކުމާ ގުޅޭ ކެޕިޓަލް ޚަރަދަށް އުނިކުރެވޭ އެލަވަންސް
(ހ) ހިސާބުކުރާ މުއްދަތެއްގައި އެއްވެސް ފަރާތަކުން ބިން ހިއްކުމާ ގުޅިގެން ޚަރަދެއް ކޮށްފައިވާނަމަ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.
E/n
E = ބިން ހިއްކުމަށް ކުރި ޚަރަދުގެ ޖުމްލަ
n = 25 ނުވަތަ ލީޒްގެ މުއްދަތު (އަހަރުން)، މި ދެ ޢަދަދުގެ ތެރެއިން ބޮޑު ޢަދަދު
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ބިން ހިއްކުމާ ގުޅޭގޮތުން ހިނގާފައިވާ ޚަރަދުތައް ބެލެވޭނީ، އެ ފަރާތުން ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަޑާ އެއްގޮތްވާ ގޮތުގެމަތިން އެ ޚަރަދުތައް ކެޕިޓަލް އެސެޓެއްގެ ގޮތުގައި އެ ފަރާތުގެ ހިސާބުތަކުގައި ހިމަނާފައިވާ ހިސާބުކުރާ މުއްދަތުގައި ހިނގާފައިވާ ޚަރަދުތަކުގެ ގޮތުގައެވެ.
86. ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ޚަރަދުތައް
(ހ) ޤާނޫނުގެ 26 ވަނަ މާއްދާގެ ބޭނުމަށް، ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ޚަރަދުކަމަށް ބެލެވޭނީ، އެ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު ފެށުމުގެ ކުރިން ވިޔަފާރި އާމްދަނީ ހޯދުމަށް ކޮށްފައިވާ ޚަރަދަށެވެ.
(ށ) ވިޔަފާރި ފެށުމުގެ ކުރިން ހިނގާފައިވާ ޚަރަދުތަކުގެ ތެރެއިން، އެ ޚަރަދަކީ ވިޔަފާރި ފެށުމުގެ ފަހުން ހިނގިނަމަ ކެޕިޓަލް ޚަރަދެއްގެ ގޮތުގައި ނުބަލާނެ ޚަރަދެއްނަމަ، ފުރަތަމަ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ޚަރަދު އުނިކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ރައްދުނުވާ ޙާލަތުގައި، ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ޚަރަދަށް މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.
87. ކެޕިޓަލް އެލަވަންސް އުނި ނުކުރެވޭ އެސެޓްތައް
އަންނިވި ބާވަތްތަކުގެ އެސެޓަކަށް ކޮށްފައިވާ ޚަރަދަކަށް ކެޕިޓަލް އެލަވަންސް އުނި ނުކުރެވޭނެއެވެ.
(ހ) ބިން؛
(ށ) ގުޑްވިލް؛
(ނ) ސާބިތުކޮށް އަގު ކަނޑައެޅެން ނެތް ޣައިރު މާއްދީ މުދާ؛
(ރ) މި ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) އާއި 84 ވަނަ މާއްދާގެ (ހ) އާއި 85 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ އެސެޓްތައް ފިޔަވައި އެހެނިހެން އެސެޓްތައް.
88. ބެލެންސިންގ އެލަވަންސް އަދި ބެލެންސިންގ ޗާޖް
(ހ) މި މާއްދާ ރައްދުވާނީ މި ބާބުގެ ދަށުން ކެޕިޓަލް އެލަވަންސް ދެވިފައިވާ އެސެޓެއް ތަޞައްރުފުކުރާ ޙާލަތުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި، އެ އެސެޓެއް ތަޞައްރުފުކުރި އަގަކީ 0 (ސުމެއް) ނަމަ، ނުވަތަ އެ އެސެޓެއްގެ ތަޞައްރުފުކުރި އަގަކީ ޓެކްސް ރިޓްން ޑައުން ވެލިއުއަށްވުރެ ދަށް ޢަދަދެއްނަމަ، ހިސާބުކުރާ މުއްދަތުގައި ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ އެލަވަންސްގެ ގޮތުގައި އެ ދަށްވި ޢަދަދު އުނިކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އެއްވެސް އެސެޓަކަށް ރައްދުވާނަމަ، އަދި އޭގެ ޓެކްސް ރިޓްން ޑައުން ވެލިއުއަށްވުރެ ތަޞައްރުފުކުރި އަގު އިތުރުނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖްގެ ގޮތުގައި އެ އިތުރުވާ ޢަދަދު ހިމަނަންވާނެއެވެ.
(ރ)
(1) ކެޕިޓަލް އެސެޓަކަށް މި މާއްދާގެ (ހ) ރައްދުވާނަމަ އަދި އެ އެސެޓްގެ ޓެކްސް ރިޓްންޑައުން ވެލިއުއަށްވުރެ އޭގެ ތަޞައްރުފުކުރި އަގު އިތުރުވާނަމަ؛ އަދި
(2) އެ އެސެޓަކަށް މި ގަވާއިދުގެ 80 ވަނަ މާއްދާގެ (ށ) ރައްދުވާނަމަ، މި ގަވާއިދުގެ 88 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖްގެ ގޮތުގައި އަންނަނިވި ޢަދަދުތަކުގެ ޖުމްލަ ހިމެނޭނެއެވެ.
(i) އަންނަނިވި ޢަދަދުތަކުންކުރެ ކުޑަ ޢަދަދެއް:
(ހހ) އެ އެސެޓެއްގެ ޓެކްސް ރިޓްންޑައުން ވެލިއުއަށްވުރެ އޭގެ ތަޞައްރުފުކުރި އަގު އިތުރުވާ ޢަދަދު؛ ނުވަތަ
(ހށ) އެ އެސެޓަކަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައި ދެވިފައިވާ އުނިކުރުންތަކުގެ ޖުމްލަ؛ އަދ
(ii) އެ އެސެޓް ގަތް އަގަށްވުރެ އޭގެ ތަޞައްރުފު ކުރި އަގު އިތުރުވާ ޢަދަދު.
89. ތަޞައްރުފުކުރި އަގު
(ހ) މެދުވެރިވި ރެލަވަންޓް އިވެންޓަކީ އެސެޓެއް ވިއްކައިލުންނަމަ، އެ އެސެޓުގެ ތަޞައްރުފުކުރި އަގު ކަމަށް ބަލާނީ ތިރީގައިވާ ޢަދަދުތަކުގެ ޖުމްލައެވެ.
(1) އެ އެސެޓެއް ވިއްކައިލުމުން ލިބުނު ޢަދަދުން، އެ އެސެޓް ވިއްކައިލުމަށް ދިޔަ ޚަރަދު އުނިކުރުމަށްފަހު ބާކީވާ ޢަދަދު، އަދި
(2) އެ އެސެޓެއް ވިއްކައިލެވޭނެ އަގަށް އެއްވެސް އަސަރެއް ކޮށްފާނެ ފަދަ ކަމަކާ ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އިންޝުއަރެންސް ފައިސާގެ ޢަދަދު، އަދި
(3) ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުނު އެއްވެސް ފައިސާއެއް ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ ޢަދަދު.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެސެޓް ވިއްކައިފައިވަނީ ބާޒާރުގައި އެ އެސެޓް ވިއްކައިލެވޭނެ އަގަށްވުރެ ދަށް އަގަކަށް ކަމުގައިވާނަމަ، އެ އެސެޓްގެ ތަޞައްރުފުކުރި އަގުކަމަށް ބަލާނީ ޤާނޫނުގެ 79 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.
(ނ) މެދުވެރިވި ރެލަވަންޓް އިވެންޓްއަކީ ދާއިމީކޮށް ގެއްލުން، ނައްތާލުން، ހަލާކުވުން، ނުވަތަ އެސެޓް އެއްކޮށް ދޫކޮށްލުންނަމަ، އެ އެސެޓްގެ ތަޞައްރުފުކުރި އަގު ކަމަށް ބަލާނީ ތިރީގައިވާ ޢަދަދުތަކުގެ ޖުމްލައެވެ.
(1) އެސެޓެއް ނުވަތަ އެ އެސެޓުގެ ބަޔަކަށް ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާގެ ޢަދަދު، އަދި؛
(2) އެސެޓަށް ލިބުނު ގެއްލުމާ ގުޅިގެން ނުވަތަ މި ފަދަ އެނޫން ވެސް ސަބަބަކާ ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް އިންޝުއަރެންސް ފައިސާއެއްގެ ޢަދަދު، އަދި؛
(3) ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ ޢަދަދު.
(ރ) މެދުވެރިވި ރެލަވަންޓް އިވެންޓްއަކީ އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓުގެ ބައެއް ވިއްކައިލުން ނުވަތަ ބޭނުންކުރުމުގެ ޙައްޤު އެހެން ފަރާތަކަށް ދިނުންކަމަށްވާނަމަ؛
(1) މުޤާބިލެއްގެ ގޮތުގައި ދައްކާފައިވަނީ ފައިސާ ނޫންނަމަ އެ އެސެޓެއް ތަޞައްރުފުކުރި އަގުކަމަށް ބަލާނީ ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ޙައްޤު އުނިކުރެވޭނެ ފައިސާގެ ޢަދަދެވެ.
(2) ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ޙައްޤު ދީފައިވަނީ މުޤާބިލެއްގެ ގޮތުގައި އެ އެސެޓަށް ލިބޭނެ ޢަދަދަށްވުރެ ދަށް އަގެއްގައިނަމަ، ތަޞައްރުފުކުރި އަގު ކަމަށް ބަލާނީ ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ޙައްޤު އުނިކުރެވޭނެ ފައިސާގެ ޢަދަދެވެ.
(3) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ނުހިމެނޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ތަޞައްރުފުކުރި އަގުކަމަށް ބަލާނީ ތިރީގައިވާ ޢަދަދުތަކުގެ ޖުމްލައެވެ.
(i) އެ އިންޓޭންޖިބަލް އެސެޓެއް ބޭނުންކުރުމުގެ ޙައްޤު ދިނުމުން ލިބުނު ޢަދަދުން، އެ ޙައްޤު ދިނުމަށް ދިޔަ ޚަރަދު އުނި ކުރުމަށްފަހު ލިބުނު ނުވަތަ ލިބެންޖެހޭ ޢަދަދު؛
(ii) އެ ޙައްޤު ވިއްކައިލެވޭނެ ނުވަތަ އުނިކުރެވޭނެ އަގަށް އެއްވެސް އަސަރެއް ކުރުވައިފާނެ ފަދަ ޢަމަލަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ ޢަދަދު؛
(iii) އެހެން އެއްވެސް ބަދަލެއްގެ ގޮތުގައި ނުވަތަ މުޤާބިލެއްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ ޢަދަދު؛
(ބ) އެހެން އެއްވެސް ރެލަވަންޓް އިވެންޓެއް މެދުވެރިވެއްޖެ ޙާލަތެއްގައި ތަޞައްރުފުކުރި އަގުކަމަށް ބަލާނީ އެ އިވެންޓެއް ހިނގި ވަގުތު، ބާޒާރުގައި އެ އެސެޓެއް ވިއްކައިލެވޭނެ އަގެވެ.
90. ވިޔަފާރި ބަދަލުކުރުމާ ގުޅިގެން ބަދަލުކުރެވޭ އެސެޓް
(ހ) އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޙާލަތްތަކުގައި، ވިޔަފާރި ބަދަލުކުރި ފަރާތަށް އަދި ވިޔަފާރި ބަދަލުކުރެވޭ ފަރާތަށް މި މާއްދާގެ (ށ)، (ނ) އަދި (ރ) ރައްދުވާނެއެވެ.
(1) ފަރުދެއްގެ ނަމުގައި ކުރާ ވިޔަފާރިއެއް، ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ފަހުން ކުންފުންޏެއްގެ ނަމަށް ބަދަލުކުރާނަމަ؛ އަދި
(2) ވިޔަފާރި ބަދަލުކުރުމުގެ މުޤާބިލެއްގެ ގޮތުގައި އެ ފަރުދަކަށް ކުންފުނީގެ ޙިއްޞާ ލިބޭނަމަ؛ އަދި
(3) ވިޔަފާރި ބަދަލުކުރުމުގެ މުޤާބިލެއްގެ ގޮތުގައި ކުންފުނީގެ ޙިއްޞާ ނޫން އެހެން އެއްވެސް އެއްޗެއް ނުލިބޭނަމަ؛ އަދި
(4) ވިޔަފާރި ބަދަލުކުރުމުގައި، ކުރިން ވެސް ވިޔަފާރީގައި ބޭނުންކުރެވުނު އަދި ވިޔަފާރި ބަދަލުކުރި ފަރާތަށް މި ބާބުގެ ދަށުން އެލަވަންސް ދެވިފައިވާ ކެޕިޓަލް އެސެޓެއް ހިމެނޭނަމަ.
(ށ) އެއް އެސެޓަށްވުރެ ގިނަ އެސެޓް ބަދަލުކުރާނަމަ، މި ގަވާއިދުގެ ބޭނުމަށް އެ ހުރިހާ އެސެޓަކަށްވެސް ޚިޔާރުކުރަންވާނީ އެއްގޮތެކެވެ. މި ގޮތުން އިޚްތިޔާރުކުރާ ގޮތް ބަދަލެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ރައްދުވާނަމަ، އެ އެސެޓެއް ބަދަލުކުރުން އެއީ ރެލަވަންޓް އިވެންޓެއްކަމަށް ނުބެލެވޭނެއެވެ. އަދި އެ ފަދަ ބަދަލެއް ކުރާ ދުވަހުން ފެށިގެން އުނިކުރެވޭ ކެޕިޓަލް އެލަވަންސެއް ނުވަތަ ބެލެންސިންގ އެލަވަންސެއް ނުވަތަ ބެލެންސިންގ ޗާޖެއް އުނިކުރެވޭނީ އެ އެސެޓެއް ބަދަލުކުރެވުނު ފަރާތަށެވެ. އަދި މިގޮތަށް ބަދަލުކުރެވުނު ފަރާތަށް އުނިކުރެވޭ އެލަވަންސް އުނިކުރެވޭނީ އެ ބަދަލުކުރި ފަރާތުން އެ ވިޔަފާރިއެއް ކުރަމުންގެންދާކަމަށް ބަލައިގެންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޚިޔާރުކުރާ ގޮތެއް މީރާއަށް އަންގަންވާނީ ވިޔަފާރި ބަދަލުކުރި ފަރާތް އަދި ބަދަލުކުރެވޭ ފަރާތް ސޮއިކޮށް އަންގާ ލިޔުމަކުންނެވެ. އަދި މި ފަދަ އެންގުމެއް އަންގާނީ ތިރީގައިވާ ތާރީޚުތަކުގެ ތެރެއިން ކުރިން އަންނަ ތާރީޚެއްގައެވެ.
(1) އެ ފަދަ ބަދަލެއް ކުރެވުނު ޓެކްސް އަހަރެއް ނިމުމަށްފަހު 6 (ހަޔެއް) މަސްދުވަސް ވުމުގެ ކުރިން، ނުވަތަ
(2) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙިއްޞާގެ ތެރެއިން ޙިއްޞާއެއް ވިއްކައިލާ ދުވަހު.
91. ކެޕިޓަލް އެލަވަންސް އުނިކޮށްފައިވާ ކެޕިޓަލް އެސެޓް ތަޞައްރުފުކުރުން
(ހ) މި މާއްދާ ހިނގާނީ އަންނަނިވި ކަންތައްތައް މެދުވެރިވާ ޙާލަތްތަކުގައެވެ.
(1) މި ބާބުގެ ދަށުން ކެޕިޓަލް އެސެޓަކަށް ކެޕިޓަލް އެލަވަންސް ދީފައިވަނިކޮށް އެ އެސެޓެއް ވަކިން ނުވަތަ އެހެން އެއްވެސް އެސެޓަކާއެކު ވިއްކައިލައިފިނަމަ ނުވަތަ ހަލާކުވެއްޖެނަމަ، އަދި
(2) ކެޕިޓަލް އެސެޓް ވިއްކައިލުމުން ލިބުނު މުޤާބިލަކީ ވިއްކައިލެވުނު ހުރިހާ އެސެޓަކަށް ނިސްބަތްވާ އެއްޗަކަށްވާނަމަ، ނުވަތަ އިންޝުއަރެންސްގެ ގޮތުގައި ލިބުނު ފައިސާއަކީ ހަލާކުވި ހުރިހާ އެސެޓަކަށް ނިސްބަތްވާ ނުވަތަ އެކަމާއި ގުޅޭ އިންޝުއަރެންސް ޕޮލިސީގެ ދަށުން ކުރެވިފައިވާ ކްލެއިމްއަކަށް ވެއްޖެނަމަ، އަދި
(3) ވިއްކި އަގު ނުވަތަ އިންޝުއަރެންސްގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު، ވިއްކުނު ނުވަތަ ހަލާކުވި އެސެޓްގެ ނިސްބަތުން ބަހައިފައި ނުވާނަމަ.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދު އެ އެސެޓުގެ ޞައްޙަ ޢަދަދުތަކަށް ނިސްބަތްކޮށް އެ އެސެޓުތަކުގެ މެދުގައި ޓެކްސް ދައްކާ ފަރާތުން ބަހަންވާނެއެވެ.
91-1. ކެޕިޓަލައިޒްކުރާ ބޮރޮވިންގ ކޮސްޓް
(ހ) މި ބާބުގެ ބޭނުމަށް ކެޕިޓަލް އެސެޓެއް ގަތް އަގުކަމަށް ބަލާނީ، ބޮރޮވިންގ ކޮސްޓްގެ ގޮތުގައި ކެޕިޓަލައިޒްކޮށްފައިވާ އަދަދު ނުހިމަނައި އޮންނަ އަގެވެ.
(ށ) ބޮރޮވިންގ ކޮސްޓް އުނިކުރެވޭނީ، ޤާނޫނުގެ 22 ވަނަ މާއްދާއާއި 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
(ނ) ޓެކްސް އަހަރު 2020 ގެ ކުރީގެ މުއްދަތެއްގައި އެ ކެޕިޓަލް އެސެޓެއްގެ އަގުގެ ތެރޭގައި ބޮރޮވިންގ ކޮސްޓް ހިމަނާފައިވާ ކެޕިޓަލް އެސެޓަކަށް މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.
91-2. ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ ގޮތް ބަދަލުކުރުން
(ހ) ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ ގޮތް، އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ކުރިން ބަދަލުކުރުމަށް ބޭނުންވާނަމަ، ކޮމިޝަނަރ ޖެނެރަލްގެ ހުއްދައަށް އެދި ހުށަހަޅާނީ ލިޔުމުންނެވެ.
(ށ) ނުއުފުލޭ މުދަލެއް ކުއްޔަށްދީގެން ހޯދާ އާމްދަނީއާ ގުޅިގެން އެއްވެސް ޓެކްސް އަހަރެއްގައި ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކުރުމަށް އިޚްތިޔާރުކޮށްފައިވާނަމަ، އެގޮތަށް ޢަމަލުކުރުމަށް އިޚްތިޔާރު ނުކުރިނަމަ، މި ބާބުގެ ދަށުން އުނިކުރެވޭނެ ކެޕިޓަލް އެލަވަންސްގެ އަދަދު، އެ އިޚްތިޔާރު ބަދަލުކޮށްފައިވާ އަހަރެއްގައި އެ ނުއުފުލޭ މުދަލުގެ ޓެކްސް ރިޓްން ޑައުން ވެލިއު ހިސާބުކުރުމުގައި އުނިކުރަންވާނެއެވެ.
92. އިންޝުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުން
(ހ) ޤާނޫނުގެ 39 ވަނަ މާއްދާގެ ބޭނުމަށް، ހަމައެކަނި ލައިފް އިންޝުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުންނާއި ލައިފް އިންޝުއަރެންސް ވިޔަފާރިއާއި އެހެނިހެން އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ، ލައިފް އިންޝުއަރެންސް ވިޔަފާރިތަކަށް ޚާއްޞަ އުސޫލުތަކާ އެއްގޮތަށެވެ.
(ށ) ހަމައެކަނި ލައިފް އިންޝުއަރެންސް ވިޔަފާރިކުރާ ފަރާތްތަކުންނާއި ލައިފް އިންޝުއަރެންސް ވިޔަފާރިއާއި އެހެނިހެން އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތަކުގެ ލައިފް އިންޝުރަންސްގެ ބަޔަށް ނިސްބަތްވާ ޓެކްސް ބިނާކުރެވޭ އާމްދަނީއަކީ އިންވެސްޓްމަންޓުން ލިބޭ އާމްދަނީން، ހިންގުމުގެ ޚަރަދުތައް އުނިކުރުމުން އޮންނަ ޢަދަދެވެ.
(ނ) އިންޝުއަރެންސް ވިޔަފާރީގެ ވެރިފަރާތަކީ "މިއުޗުއަލް" ނުވަތަ "ޕްރޮޕްރައިޓަރީ" ކަމުގައި ވިޔަސް، މި މާއްދާގެ (ށ) ރައްދުވާނެއެވެ.
93. ޤާނޫނުގެ ދަށުން ޓެކްސް ނަގާ ދުވަހުގެ ކުރިން ހޯދާފައިވާ މުދާ
ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހުގެ ކުރިން ގަނެފައިވާ މުދަލެއްގެ އަގުކަމަށް، ޤާނޫނުގެ 30 ވަނަ މާއްދާގެ ބޭނުމަށް، ބަލާނީ 1 ޖަނަވަރީ 2020 ގައި އެ މުދަލެއްގެ އޯޕަން މާރކެޓް ވެލިއުއެވެ.
94. ގުޅުންހުރި ދެ ފަރާތެއްގެ ދެމެދުގައި ގަނެވިއްކާ މުދާ
ގުޅުންހުރި ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މުޢާމަލާތެއްގައި، މުދަލެއް ތަޞައްރުފުކޮށްގެން ލިބުނު މުޤާބިލުގެ ޢަދަދު، ޤާނޫނުގެ 30 ވަނަ މާއްދާގެ ބޭނުމަށް ކަނޑައަޅާނީ، ޤާނޫނުގެ 67 ވަނަ މާއްދާގައިވާ އުސޫލުތަކާ އެއްގޮތަށެވެ.
95. ކެޕިޓަލް ލޮސް އުނިކުރުން
(ހ) ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ކެޕިޓަލް ލޮސް އުނިކުރެވޭނީ ކެޕިޓަލް ގެއިންއިންނެވެ.
(ށ) (އުނިކޮށްފައި).
(ނ) (އުނިކޮށްފައި).
(ރ) ކެޕިޓަލް ލޮސް ނޫން އެހެން ގެއްލުމެއް ކެޕިޓަލް ގެއިންއިން އުންޏެއް ނުކުރެވޭނެއެވެ.
96. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން
(ހ) ޤާނޫނުގެ ދަށުން، އެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް އުޖޫރަ ދޭނަމަ، އެ މަހަކަށް "މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 601) ފޯމު ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ބަޔާނުގައި، އެ ފަރާތަކުން އުޖޫރަ ދޭ މީހުންގެ ތެރެއިން މި ގަވާއިދުގެ 7 ވަނަ މާއްދާ ރައްދުވާ އުޖޫރަ ލިބޭ ހުރިހާ މީހުން ހިމަނަންވާނެއެވެ.
(ނ) އެއްވެސް މަހެއްގައި، މި މާއްދާގެ (ހ) ގެ ދަށުން ބަޔާނެއް ހުށަހަޅައިފިނަމަ، އެ މަހުން ފެށިގެން ކުރިއަށްހުރި އެ އަހަރުގެ ބާކީ މަސްތަކަށް އެ ފަރާތުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަންވާނެއެވެ.
(1-ނ) އެއްވެސް މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމުގެ ކުރިން، އެ މަހުގެ ކުރިން ނިމިފައިވާ މަސްތަކަށް ހުށަހަޅަން ލާޒިމުވެފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅާންވާނެއެވެ.
(ރ) އަހަރުގެ ބާކީ އޮތް މުއްދަތުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނި ކުރަންޖެހޭ ފަދަ ޙާލަތެއް ނާންނާނެކަމަށް ޤަބޫލުކުރެވޭނަމަ، މި މާއްދާގެ (ނ) ގެ ދަށުން ބަޔާން ހުށަހަޅަންޖެހުމުން އިސްތިސްނާކޮށްދިނުން އެދި ކޮމިޝަނަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.
97. ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން
(ހ) ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން ނިސްބަތްވާ ޓެކްސް އަހަރުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއް ހުށަހަޅަން ލާޒިމުވި ފަރާތްތަކުގެ ތެރެއިން މީރާއިން ކަނޑައަޅާ ފަރާތްތަކުން، ޤާނޫނުގެ 59 މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން މީރާއިން ކަނޑައަޅާ ސުންގަޑިއަކަށް ހުށަހަޅަންވާނެއެވެ.
(ށ) ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން، އުޖޫރަ ދޭ ފަރާތުން ހުށަހަޅަންވާނީ، "ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން" (MIRA 650) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.
(ނ) (އުނިކުރެވިފައި)
98. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން
(ހ) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 602) ހުށަހަޅަންޖެހޭނީ، ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ފައިސާއެއް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާނަމަ، އެ ދައްކާ މަހަކަށެވެ.
(ށ) ޤާނޫނުގެ 12 މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދަ މުޢާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ނެގުމުން ނުވަތަ އުނިކުރުމުން އިސްތިސްނާކޮށްފައިވާ ފައިސާއަކަށް މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި ވެސް، މި މާއްދާގެ (ހ) އަށް ޢަމަލުކުރަންވާނެއެވެ.
99. އިންކަމް ޓެކްސް ބަޔާން
(ހ) ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޓެކްސް ބަޔާނަށް މި ގަވާއިދުގައި ހަވާލާދޭނީ "އިންކަމް ޓެކްސް ބަޔާން" މި ފަދައިންނެވެ.
(ށ) އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންކަމް ޓެކްސް ބަޔާން" (MIRA 604) ފޯމެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންޝުއަރެންސްގެ ވިޔަފާރުކުރާ ފަރާތްތަކުން، އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންކަމް ޓެކްސް ބަޔާން-އިންޝުއަރެންސް ވިޔަފާރިކުރާ ފަރާތް" (MIRA 605) ފޯމެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭންކުތަކުން އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންކަމް ޓެކްސް ބަޔާން - ބޭންކު" (MIRA 606) ފޯމެވެ.
(ބ) ޤާނޫނުގެ ދަށުން ޓެކްސް އަހަރަކަށް އިންޓެރިމް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން، އެ ޓެކްސް އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ކުރިން އެ ޓެކްސް އަހަރަށް ހުށަހަޅަންޖެހޭ އިންޓެރިމް ބަޔާންތައް ހުށަހަޅަންވާނެއެވެ.
99-1. ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން
(ހ) ޤާނޫނުގެ 1-50 ވަނަ މާއްދާގެ (ނ) ގެ ދަށުން، މީރާއިން ކަނޑައަޅާ ފޯމަށް، މި ގަވާއިދުގައި ހަވާލާދޭނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން" މިފަދައިންނެވެ.
(ށ) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ "ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 608) ފޯމެވެ.
100. އިންޓެރިމް ބަޔާން
(ހ) ޤާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންޓެރިމް ޕޭމަންޓާ ގުޅޭ ބަޔާނަށް މި ގަވާއިދުގައި ހަވާލާދޭނީ "އިންޓެރިމް ބަޔާން" މި ފަދައިންނެވެ.
(ށ) އިންޓެރިމް ބަޔާނުގެ ގޮތުގައި ހުށަހަޅާނީ، "އިންޓެރިމް ބަޔާން" (MIRA 603) ފޯމެވެ.
100-1. އިންޓެރިމް ޕޭމަންޓް ހިސާބުކުރުން
(ހ) ފުރަތަމަ އިންޓެރިމް ބަޔާނުގައި ނުވަތަ ދެވަނަ އިންޓެރިމް ބަޔާނުގައި ވެސް، އިންޓެރިމް ޕޭމަންޓުގެ އަދަދު، ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ރ) ގެ ދަށުން އަންދާޒާކުރެވިދާނެއެވެ.
(ށ) ޤާނޫނުގެ 43 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށްފައިވާ އަދަދު، އެ ފަރާތުން އެ މުއްދަތަށް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓުގެ އަދަދުން ޓެކްސް ކްރެޑިޓެއްގެ ގޮތުގައި އުނިކުރެވިދާނެއެވެ.
101. އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވުން
(ހ) އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާ ފަރުދަކު އެ ޓެކްސް އަހަރަކަށް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
(1) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000/- (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
(2) ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 720,000/- (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
(3) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000/- (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
(4) ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000/- (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން.
(ށ) އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާނަމަ، ފަރުދުންނާއި ބޭންކުތައް ފިޔަވައި، އެހެން ފަރާތްތަކުން އެ ޓެކްސް އަހަރަކަށް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
(1) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
(2) ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500,000/- (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
(3) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000/- (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން؛ އަދި
(4) ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީ 2,000,000/- (ދެ މިލިޔަން) ރުފިޔާއަށްވުރެ އިތުރު ނުވުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހިސާބުކުރާ މުއްދަތު 365 (ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަހަށްވުރެ ކުރު ނަމަ، އެ މުއްދަތުގެ ނިސްބަތުން، އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ އަދަދުތައް (ތްރެޝޯލްޑްތައް) ކުޑަކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރެއްގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމުލަ އާމްދަނީއަކީ ވަޒީފާ ދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަކަމުގައިވާނަމަ، އެ ޓެކްސް އަހަރަށް އެ ފަރުދަކު އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.
(ބ) ޓެކްސް އަހަރުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތް ފަރާތަކަށް، އެ ޓެކްސް އަހަރުގައި ނިމޭ ހިސާބުކުރާ މުއްދަތުގައި ދިވެހިރާއްޖެއިން ލިބުނު ޖުމުލަ އާމްދަނީއަކީ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމުގައިވާނަމަ، އެ ޓެކްސް އަހަރަށް އެ ފަރާތުން އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.
(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތަކުން އެ ޓެކްސް އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންވާނެއެވެ.
(1) ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދާނީ ލިބޭ ފަރާތްތައް؛
(2) އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތައް؛
(2-1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުރި ފަރާތްތައް؛
(3) އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާ ފަރުދުން.
(i) އެ މީހަކަށް ދިވެހިރާއްޖޭގައި އަދާކުރާ ވަޒީފާއަކުން އުޖޫރަ ލިބުން؛
(ii) އެ މީހަކަށް އުޖޫރަ ދޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށްވުން؛
(iii) އެ މީހަކަށް އުޖޫރަ ދޭ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި ނެތުން؛
(iv) ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޓެކްސްގެ ގޮތުގައި އަދަދެއް ދައްކަންޖެހޭ ފަރާތަކަށްވުން.
(ކ) މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތައް ހިނގާނީ ޓެކްސް އަހަރު 2021 އިން ފެށިގެންނެވެ.
(އ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތައް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށެއް ނުޖެހޭނެއެވެ. މި މާއްދާގެ (ޅ) އަށް ޢަމަލުކުރާނީ، މި އަކުރާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
(1) ދައުލަތުގެ އޮފީސްތައް؛
(2) ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް.
102. އިންކަމް ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭ މާލީ ހިސާބުތައް
(ހ) ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
(1) އާމްދަނީ އާއި ޚަރަދުގެ ބަޔާން؛
(2) ބެލެންސް ޝީޓް؛
(3) ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާން؛
(4) ޙިއްޞާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާން؛
(5) މާލީ ހިސާބުތަކާ ގުޅޭ ނޯޓްސް؛
(6) ޑިރެކްޓަރުންގެ ރިޕޯޓް؛
(7) އޮޑިޓަރުގެ ރިޕޯޓް.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ރައްދުވާ ފަރާތެއްގެ ޖުމުލަ އާމްދަނީ އަހަރަކަށް 10,000,000/- (ދިހަ މިލިޔަން) ރުފިޔާއަށް ވުރެ އިތުރު ނުވާނަމަ، މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓު ހުށަހެޅުން ލާޒިމެއް ނޫނެވެ. އަދި އެ ފަދަ ފަރާތްތަކުން މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) އިޚްތިޔާރުކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގެ (2) އާއި (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން ވެސް އިސްތިސްނާވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ރައްދުވާ ފަރާތަކަށް، ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ހަމައެކަނި އާމްދަނީއަކީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށްވާނަމަ، އަދި ޓެކްސް އަހަރެއްގައި އެ ފަރާތަކުން ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރުކުރާނަމަ، މި މާއްދާގެ (ހ) ގެ (1) އިން (7) ވަނަ ނަންބަރަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން އެ ފަރާތް އިސްތިސްނާވާނެއެވެ. މި އަކުރަށް ޢަމަލުކުރާނީ މި މާއްދާގެ (ރ) އާ ޚިލާފު ނުވާނެ ގޮތުގެ މަތިންނެވެ.
(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުނިތައް ފިޔަވައި އެނޫން ފަރާތްތަކުން މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާކަށް ނުޖެހޭނެއެވެ. ކުންފުނިތަކުން ޑިރެކްޓަރުންގެ ރިޕޯޓް ތައްޔާރުކުރަންވާނީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ފޯމެޓާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ބ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް، ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީ ޓެކްސް އަހަރުގައި ލިބިފައިވާނަމަ، އެ އާމްދަނީގެ ގޮތުގައި އިންކަމް ޓެކްސް ބަޔާނުގައި ހިމަނާ އަދަދުގެ ޞައްޙަކަން ޔަގީންކޮށްދޭ، އޮޑިޓަރުގެ ރިޕޯޓެއް އެ ބަޔާނާއެކު ހުށަހަޅާންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް، ޓެކްސް އަހަރުގައި ލިބިފައިވާ ހަމައެކަނި އާމްދަނީއަކީ ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީ ކަމުގައިވާނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓު ފިޔަވައި އިތުރު މާލީ ހިސާބެއް އެ ޓެކްސް އަހަރަށް ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއެކު ހުށަހަޅާކަށް ނުޖެހޭނެއެވެ.
(ކ) ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ޓެކްސް އަހަރުގައި، ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްދަނީގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް އެހެން އާމްދަނީއެއް ލިބިފައިވާނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓުގެ އިތުރުން، އެ ދާއިމީ މަރުކަޒަށް ނިސްބަތްވާ މާލީ ހިސާބުތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާންވާނެއެވެ. މި އަކުރަށް ޢަމަލުކުރާނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ށ) އާއި (ނ) އާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ އޮޑިޓަރަކީ، ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމަށް ކަމާބެހޭ އިދާރާއިން ހުއްދަ ދީފައިވާ މުސްތަޤިއްލު އޮޑިޓަރެއް ކަމުގައި ވާންވާނެއެވެ.
102-1. ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހެޅުން
(ހ) ޓެކްސް ދައްކާ ފަރާތަކީ ޕޭރެންޓް އެންޓިޓީއެއް ނަމަ، އެ އެންޓިޓީގެ އިންކަމް ޓެކްސް ބަޔާނާއެކު، އެ އެންޓިޓީ ނިސްބަތްވާ ގުރޫޕުގައި ހިމެނޭ، ހުރިހައި އެންޓިޓީއެއް ހިމެނޭ ގޮތުން ތައްޔާރުކޮށްފައިވާ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންވާނެއެވެ. އަދި އެ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރަންވާނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް؛
(1) ޕޭރެންޓް އެންޓިޓީއެއް ކަމުގައި ބެލެވޭނީ މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކުން އެ އެންޓިޓީއަކީ ޕޭރެންޓް އެންޓިޓީއެއް ކަމަށް ކަނޑައަޅާނަމައެވެ.
(2) ގުރޫޕް ކަމަށް ބުނެފައި އެ ވަނީ، ޕޭރެންޓް އެންޓިޓީއާއި އެ ޕޭރެންޓް އެންޓިޓީގެ އެންމެހައި ސަބްސިޑިއަރީތަކަށެވެ.
(ނ) (އުނިކޮށްފައި).
(ރ) މި މާއްދާގެ ބޭނުމަށް، ސަބްސިޑިއަރީއެއް ކަމުގައި ބެލެވޭނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކުން އެ އެންޓިޓީއަކީ ޕޭރެންޓް އެންޓިޓީއެއްގެ ސަބްސިޑިއަރީއެއްކަމަށް ކަނޑައަޅާނަމައެވެ.
(ބ) މި މާއްދާގެ ދަށުން އެއްވެސް އެންޓިޓީއަކުން ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރިކަމުގައި ވިޔަސް، ގުރޫޕުގައި ހިމެނޭ ކޮންމެ އެންޓިޓީއަކުންވެސް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ އެންޓިޓީއަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންދާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތްވާ ގޮތުގެ މަތިން ސެޕަރޭޓް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކޮށް ވަކި އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.
102-2. ބައެއް ހާލަތުތަކުގައި ޓެކްސް ބަޔާން ހުށަހެޅުމަށް ކޮމިޝަނަރ ޖެނެރަލް އެންގުން
(ހ) ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އާމްދަނީއަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަމާއި ހާލަތުތައް ހިމެނެއެވެ.
(1) އެހެން ޤައުމެއްގައި ދާއިމީކޮށް ދިރިއުޅުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން؛
(2) 5 (ފަހެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ވަޒީފާއެއް އަދާކުރުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން؛
(3) ޓެކްސް އަހަރެއްގެ ތެރޭގައި -/10,000,000 (ދިހަ މިލިޔަން) ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ނުވަތަ މުދާ ދިވެހިރާއްޖެއިން ބޭރަށް ގެންދިއުން ނުވަތަ ބަދަލުކުރުން؛
(4) ޤާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (2) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރޝިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ވެލިއުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނިސްބަތްވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށްވެފައި، އެއިން ފަރާތެއްގެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކުރުން؛
(ށ) ޤާނޫނުގެ 48 ވަނަ މާއްދާއަށް ޢަމަލުކުރުމަށް، އެ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ދަށުން ކަނޑައަޅާ ކަންތައްތައް:
(1) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ނިސްބަތްވާ އެސެޓެއް ނުވަތަ އެސެޓްތަކެއް، ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ހެޑްއޮފީހަށް ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ބަދަލުކުރުން؛
(2) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ހެޑްއޮފީހަށް ނިސްބަތްވާ އެސެޓެއް ނުވަތަ އެސެޓްތަކެއް، ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކަށް ބަދަލުކުރުން؛
(3) ހެޑްއޮފީސް ބަދަލުކުރުމުގެ ސަބަބުން ނުވަތަ ހިންގުމާއި ކޮންޓްރޯލް ބަދަލުކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ނިމުމަކަށް އައުން؛
(4) ޤާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (2) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރޝިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ވެލިއުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ބައެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ނިސްބަތް ވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށްވެފައި، އެއިން ފަރާތެއްގެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކުރުން؛
(5) ޤާނޫނުގެ 11 ވަނަ މާއްދާގެ (ލ) ގެ (3) ވަނަ ނަންބަރު ރައްދުވާ ހާލަތުގައި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްގެ ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕެއްގެ ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓެއްގެ ޙިއްޞާއެއް ނުވަތަ މަޞްލަޙަތެއް ތަޞައްރުފުކުރުން.
(ނ) މި މާއްދާގެ (ށ) ގެ (1) ނުވަތަ (2) ނުވަތަ (3) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބަދަލުކުރެވޭ އެސެޓަކީ، ޤާނޫނުގެ 3 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ފަދަ މުދަލެއްނަމަ، އެ އެސެޓެއް ބަދަލުކުރުމަކީ މި ގަވާއިދުގެ 73 ވަނަ މާއްދާގެ (ކ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ "ރެލަވަންޓް އިވެންޓް" އެކެވެ.
(ރ) މި މާއްދާގެ (ށ) ގެ (1) ނުވަތަ (2) ނުވަތަ (3) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ބަދަލުކުރެވޭ އެސެޓަކީ، ޤާނޫނުގެ 3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދަ މުދަލެއްނަމަ، އެ އެސެޓެއް ބަދަލުކުރުމަކީ ޤާނޫނުގެ 3 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ފަދަ ތަޞައްރުފުކުރުމެއްކަމަށް ބެލެވޭނެއެވެ.
(ބ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި، މި މާއްދާގެ (ނ) އާއި (ރ) ގެ ބޭނުމަށް، ތަޞައްރުފުކުރި އަގުކަމަށް ބަލާނީ، އެ އެސެޓް ތަޞައްރުފުކުރި ވަގުތުގައި، އެ އެސެޓުގެ އޯޕަން މާކެޓް ވެލިއުއެވެ.
(ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަމެއް ހިނގުމުގެ 15 (ފަނަރަ) ދުވަސް ކުރިން، އެ ކަމެއް ހިނގާނެކަމަށް ލަފާކުރެވޭ ދުވަހުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނުގައި، މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތަށް އެސެޓެއް ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީގެ އިތުރުން، އެ ބަޔާން ތައްޔާރުކުރަންޖެހޭ މުއްދަތުގެ ނިޔަލަށް އެ ޓެކްސް އަހަރުގައި ލިބިފައިވާ ޖުމުލަ އާމްދަނީ ހިމަނަންވާނެއެވެ.
(އ) މި މާއްދާގެ (ޅ) ގެ ދަށުން ހުށަހަޅާ ބަޔާނުގައި ހިމަނާފައިވާ އާމްދަނީގެ އަދަދު އިތުރުވެއްޖެނަމަ، އެ ބަދަލު އައި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ.
(ވ) މި މާއްދާގެ (ޅ) ނުވަތަ (އ) ގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައެޅިފައިވާ ސުންގަޑިއަށް ހުށަނާޅައިފިނަމަ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
103. މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން
(ހ) އަންނަނިވި ޓެކްސް ބަޔާންތައް ހުށަހަޅަންވާނީ، މީރާކަނެކްޓް މެދުވެރިކޮށެވެ. އަދި އެ ބަޔާންތަކާ ގުޅޭ ފައިސާ ދައްކަންވާނީ، މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.
(1) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
(2) ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން؛
(3) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
(4) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން.
(ށ) އަންނަނިވި ޓެކްސް ބަޔާންތައް ހުށަހަޅަންވާނީ މީރާކަނެޓް މެދުވެރިކޮށެވެ.
(1) އިންކަމް ޓެކްސް ބަޔާން؛
(2) އިންޓެރިމް ބަޔާން.
(ނ) އެ ޓެކްސް ބަޔާނެއް ނިސްބަތްވާ ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި 10,000,000/- (ދިހަ މިލިޔަން) ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ އަންނަނިވި ފަރާތްތަކަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.
(1) ފަރުދެއް؛
(2) ޑީމްޑް ޕާޓްނަރޝިޕް.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާންތަކާ ގުޅޭ ފައިސާ ދައްކަންވާނީ، މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.
(ބ) އެ ޓެކްސް ބަޔާން ނިސްބަތްވާ ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި 20,000,000/- (ވިހި މިލިޔަން) ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް މި މާއްދާގެ (ރ) ރައްދެއް ނުވާނެއެވެ.
(ޅ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތްގޮތުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިޚްތިޔާރު، ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ ބޭނުމަށް އާމްދަނީގެ މިންވަރު ބަލާނީ، ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ އާމްދަނީއާއި ޤާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ އާމްދަނީ ވެސް ހިމެނޭ ގޮތުންނެވެ.
104. މާލީ ހިސާބުތައް އޮޑިޓްކުރުން
މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓުގައި، އެ ފަރާތުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅާއިރު ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ މުސްތަޤިއްލު އޮޑިޓަރަކު ސޮއިކުރަންވާނެއެވެ.
105. މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ކަރަންސީ
މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް ތައްޔާރުކުރަންވާނީ އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއިންނެވެ.
106. ޕްރެޒެންޓޭޝަން ކަރަންސީ
(ހ) ޓެކްސް ބަޔާންތަކާއި، މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މީރާއަށް ހުށަހަޅާ ކަރަންސީއަކީ އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއެވެ.
(ށ) އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ކަމުގައިވާނަމަ އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ ރުފިޔާއެވެ.
(ނ) އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ކަމުގައި ވާ ނަމަ، އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ އެމެރިކާ ޑޮލަރެވެ.
(ރ) މި މާއްދާގެ (ނ) ހިނގާނީ، ޓެކްސް އަހަރު 2024 އިން ފެށިގެންނެވެ.
(1-ރ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރު 2024 އަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ތައްޔާރުކުރުމަށް، މި މާއްދާގެ (ނ) ރައްދެއް ނުވާނެއެވެ.
(ބ) އެއްވެސް ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީ އާއި ފަންކްޝަނަލް ކަރަންސީ ތަފާތުނަމަ، އެ ފަރާތެއްގެ މާލީ ހިސާބުތައް އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަށް ބަދަލުކުރަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ޝާއިޢުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ ±2% ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
107. ބަޔާން ތައްޔާރުކުރަންޖެހޭ ކަރަންސީ
(ހ) އިންޓެރިމް ބަޔާނާއި އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރަންވާނީ އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީންނެވެ.
(ށ) އަންނަނިވި ބަޔާންތައް ތައްޔާރުކުރަންވާނީ ދިވެހި ރުފިޔާއިންނެވެ.
(1) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
(2) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
(3) ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން؛
(4) ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބަޔާން ހުށަހަޅަންޖެހޭ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާންތައް ތައްޔާރުކުރަންވާނީ އެމެރިކާ ޑޮލަރުންނެވެ.
(ރ) މި މާއްދާގެ (ނ) އަށް ޢަމަލުކުރާނީ 31 އޮކްޓޫބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ނިމޭ މުއްދަތުތަކަށް ބަޔާން ތައްޔާރުކުރުމަގައެވެ.
(ބ) މި މާއްދާގެ ބޭނުމަށް ކަރަންސީ ބަދަލުކުރަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ±2% ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
108. ޓެކްސް ދައްކަންޖެހޭ ކަރަންސީ
(ހ) އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ ރުފިޔާ ކަމުގައި ވާ ނަމަ، ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް، މީރާއަށް ދައްކަންވާނީ އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.
(ށ) އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ އެމެރިކާ ޑޮލަރު ކަމުގައި ވާ ނަމަ، ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް މީރާއަށް ދައްކަންވާނީ އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.
(ނ) މި މާއްދާގެ (ށ) ހިނގާނީ ޓެކްސް އަހަރު 2024 އިން ފެށިގެންނެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރު 2024 އަށް ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.
(ބ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ޓެކްސް ދައްކަންޖެހޭ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓެކްސްތައް މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.
(ކ) މި މާއްދާގެ (ޅ) އަށް ޢަމަލުކުރާނީ، 31 އޮކްޓޫބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ނިމޭ މުއްދަތުތަކަށް ފައިސާ ދެއްކުމުގައެވެ.
(އ) މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ބ) ގެ ދަށުން އެމެރިކާ ޑޮލަރުން ޓެކްސް ދެއްކުމަށް އިޚްތިޔާރުކުރުމުން، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ރުފިޔާއިން އެމެރިކާ ޑޮލަރަށް ބަދަލުކުރަން ޖެހިއްޖެ ނަމަބަދަލުކުރާނީ، 15/42 (ފަނަރަ ރުފިޔާ ސާޅީސް ދެ ލާރި) އަށް 1 (އެކެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.
109. ޓެކްސް ދައްކާ މީހަކު މަރުވުން
(ހ) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ އޭނާ މަރުވި ދުވަހުން ފެށިގެން ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ ވާރިސުން އެ ކަން މީރާއަށް އަންގަންވާނެއެވެ. މި ގޮތަށް އަންގާއިރު އެ މީހާ މަރުވިކަން އެނގޭނެ ރަސްމީ ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
(ށ) ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށް ޓަކައި، އެ މީހާ މަރުވި ދުވަހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމަކީ އޭނާގެ ވާރިސުންގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މަރުވި މީހާގެ ވާރިސުން ޢަމަލުކޮށްފައި ނުވާނަމަ، މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށްޓަކައި މީރާއަށް އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅިދާނެއެވެ.
(ރ) ޓެކްސް ދައްކާ ފަރާތް މަރުވެފައިވީ ނަމަވެސް، ދިރިހުރި މީހަކަށް ލިބިދެވޭ ފަދައިން ޤާނޫނުން ލިބިދޭ އެންމެހައި ޙައްޤުތައް މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާ ފަރާތަށް ލިބިދޭންވާނެއެވެ.
(ބ) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ އޭނާގެ އާމްދަނީން ނަގާ ޓެކުހާ ގުޅިގެން ޢަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(1) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ އޭނާ މަރުވި ދުވަހު އޭނާގެ އެންމެފަހު ހިސާބުކުރާ މުއްދަތު ނިމުނީއެވެ.
(2) މަރުވި މީހާގެ ފަރާތުން އޭނާގެ އެންމެފަހު ހިސާބުކުރާ މުއްދަތަށް ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭނަމަ، ނުވަތަ ޓެކްސް ދައްކަންޖެހޭނަމަ ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމުގެ ސުންގަޑިއަކީ ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގެ ތެރެއިން ފަހުން އަންނަ ދުވަހެކެވެ.
(i) ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީޚު؛
(ii) މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ޝަރުޢީ ކޯޓުން ކަނޑައަޅާ ދުވަހުން ފެށިގެން އަންނަ ފުރަތަމަ ޖޫން މަހުގެ 30 ވަނަ ދުވަސް.
(3) މި މާއްދާގައި ބަޔާންކުރާ އެންމެފަހު ހިސާބުކުރާ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދަށް ބިނާކޮށް އެއްވެސް އިންޓެރިމް ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެއެވެ.
(ޅ) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ، ޤާނޫނުގެ 54 ވަނަ މާއްދާއާއި 55 މާއްދާގައި ބަޔާންކޮށްފައިވާ އޭނާގެ ވިތުހޯލްޑިންގ ޓެކުހުގެ އިލްތިޒާމުތަކާ ގުޅިގެން ޢަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(1) އެ މީހާ މަރުވި ދުވަހު ހިނގަމުންދާ މަހަށް ހުށަހަޅަންޖެހޭ، ޤާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގެ ތެރެއިން ފަހުން އަންނަ ދުވަހެކެވެ.
(i) ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތާރީޚު؛
(ii) މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ޝަރުޢީ ކޯޓުން ކަނޑައަޅާ ދުވަހާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަސް.
(2) އެ މީހާ މަރުވި ދުވަހު ހިނގަމުންދާ ޓެކްސް އަހަރަށް ހުށަހަޅަންޖެހޭ ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ، މަރުވި މީހާގެ ޓެކުހާގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ޝަރުޢީ ކޯޓުން ކަނޑައަޅާ ދުވަސް ހިމެނޭ ޓެކްސް އަހަރަށް ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއެވެ.
(ކ) މީހަކު މަރުވިއިރު އޭނާގެ ޓެކުހާގުޅޭ އިލްތިޒާމެއް އޮތްނަމަ، ނުވަތަ އޭނާގެ އެންމެފަހު ހިސާބުކުރާ މުއްދަތަށް ނުވަތަ މަހަކަށް އިލްތިޒާމެއް އުފެދޭނެކަމަށް އަންދާޒާކުރެވޭނަމަ، މި މާއްދާގެ (ށ) އަށް ޢަމަލުކުރުން އެ މީހާގެ ވާރިސުންގެ މައްޗަށް ލާޒިމެވެ.
(އ) ޓެކްސް ދައްކާ މީހަކު މަރުވުމަށްފަހު، އޭނާގެ ވާރުތައިން ލިބޭ އާމްދަނީ އެއްވެސް ފަރާތަކުން ބޭނުންކުރަމުންދާނަމަ، އެ ގޮތުން ބޭނުންކުރަމުންދާ އާމްދަނީއަކީ، ޤާނޫނުގެ ބޭނުމަށް، އެ އާމްދަނީ ބޭނުންކުރަމުންދާ ފަރާތުގެ އާމްދަނީއެކެވެ. އަދި އެ އާމްދަނީން ޓެކްސް ދެއްކުމަށް އެ އާމްދަނީ ބޭނުންކުރަމުންދާ ފަރާތުން ފުރިހަމައަށް ޒިންމާވާންވާނެއެވެ.
(ވ) ޓެކްސް ދައްކާ މީހަކު މަރުވުމަށްފަހު، އޭނާގެ ނަމުގައި ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއް އެހެން ފަރާތަކުން ހިންގަމުންދާނަމަ، އެ ވިޔަފާރިއަކާ ގުޅިގެން އުފެދޭ ޤާނޫނުގެ 54 ވަނަ މާއްދާއާއި 55 މާއްދާގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކުހުގެ އެންމެހައި އިލްތިޒާމުތަކަކީ އެ ވިޔަފާރިއެއް ހިންގާ ފަރާތެއްގެ އިލްތިޒާމުތަކެކެވެ.
110. ދިވެހިރާއްޖެއިން ބޭރުން ލިބުނު ޢަދަދުން ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދު
(ހ) ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދުން ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދު ހިސާބުކުރާނީ، އަންނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
(A / B) × C
A = ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދު
B = ޤާނޫނުގެ ދަށުން ހިސާބުކުރެވޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ޖުމްލަ
C = ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދު (ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރެވޭ ޓެކްސް ކްރެޑިޓް ގެ ޢަދަދު އުނިކުރުމުގެ ކުރިން)
(ށ) ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދު ހިސާބުކުރުމުގައި، ހިސާބުކުރާ މުއްދަތެއްގައި ވެފައިވާ ގެއްލުމެއް ނުވަތަ ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދު ހިސާބުކުރުމުގައި ވެފައިވާ ގެއްލުމެއް އުނި ނުކުރެވޭނެއެވެ.
111. ހިސާބުކުރާ މުއްދަތު ތަފާތުވުން
ދިވެހިރާއްޖެއިން ބޭރުގައި ޓެކްސް ދައްކަންޖެހޭ ހިސާބުކުރާ މުއްދަތާއި މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިސާބުކުރާ މުއްދަތު ތަފާތުނަމަ، ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް "ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް" ގެ ޢަދަދު ހިސާބުކުރާނީ، ދިވެހިރާއްޖެއިން ބޭރުގައި ޓެކްސް ދައްކާފައިވާ އާމްދަނީން، އެ ފަރާތުގެ ޖުމްލަ އާމްދަނީގައި ހިމަނާފައިވާ ޢަދަދުގެ ނިސްބަތުންނެވެ.
112. ކްރެޑިޓްގެ ގޮތުގައި ޢަދަދެއް އުނި ނުކުރެވޭނެ ޙާލަތްތައް
އަންނަނިވި ޙާލަތްތަކުގައި، ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖެއިން ބޭރުގައި ދައްކާ ޓެކުހަށް ދެވޭ ކްރެޑިޓްގެ ގޮތުގައި ޢަދަދެއް އުނި ނުކުރެވޭނެއެވެ.
(ހ) ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، "ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް" ގެ ޢަދަދަކީ 0 (ސުމެއް) ނުވަތަ އެއަށްވުރެ ކުޑަ ޢަދަދަކަށްވުން؛ ނުވަތަ
(ށ) ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ (2) ނަންބަރުގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދުން ދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކްސް" ގެ ޢަދަދަކީ 0 (ސުމެއް) ނުވަތަ އެއަށްވުރެ ކުޑަ ޢަދަދަކަށްވުން.
113. ކޮންޓްރޯލްޑް ފޮރިން އެންޓިޓީޒް ކޮންޓްރޯލްކުރާ ފަރާތްތަކަށް ދެވޭ ޓެކްސް ކްރެޑިޓް
(ހ) ޤާނޫނުގެ 72 ވަނަ މާއްދާގެ ބޭނުމަށް، ޤާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންޓްރޯލްޑް ފޮރިން އެންޓިޓީއަކުން ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކުހުގެ ޢަދަދުން، އެފަދަ ޝަޚްސެއް ކޮންޓްރޯލްކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަށް ނިސްބަތްވާ މިންވަރަކީ، ދިވެހިރާއްޖޭއިން ބޭރުގައި ދައްކާފައިވާ ޓެކްސް ކަމަށް ބެލިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ރައްދުވާ ޙާލަތުގައި، ޤާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް" ހިސާބުކުރާނީ އަންނިވި ފޯމިއުލާ ބޭނުންކޮށްގެންނެވެ.
(A / B) × C
A = ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ޙިއްޞާ
B = ޙިއްޞާގެ ޖުމްލަ
C = އެ ކޮންޓްރޯލްޑް ފޮރިން އެންޓިޓީއިން ދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސްގެ ޖުމްލަ
(ނ) މި މާއްދާގެ (ހ) ރައްދުވާ ޙާލަތުގައި، ޤާނޫނުގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދު" އަކީ ޤާނޫނުގެ 70 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާ ޢަދަދެވެ.
114. ފައިސާ ދައްކާ ތާރީޚު
ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ފައިސާ ދައްކާ ތާރީޚުގެ ގޮތުގައި ބެލެވޭނީ އަންނަނިވި ތާރީޚުތަކެވެ.
(ހ) ފައިސާ ދައްކާފައިވަނީ ނަގުދު ފައިސާއިން ކަމަށްވާނަމަ، ފައިސާ ލިބެންޖެހޭ ފަރާތަށް ނުވަތަ އެ ފަރާތުގެ ބަދަލުގައި ފައިސާ ބަލައިގަންނަ ފަރާތަށް އެ ފައިސާ ދެއްކި ތާރީޚެވެ.
(ށ) ފައިސާ ދައްކާފައިވަނީ ޗެކުން ނަމަ، އެ ޗެކު ތައްޔާރުކުރާ ތާރީޚެވެ.
(ނ) ފައިސާ ދައްކާފައިވަނީ ޓެލެގްރެފިކް ޓްރާންސްފަރ މެދުވެރިކޮށް ކަމަށްވާނަމަ، އެ ޓެލެގްރެފިކް ޓްރާންސްފަރ ކުރަން ހުށަހެޅި ތާރީޚެވެ.
(ރ) ފައިސާ ދައްކާފައިވަނީ ހިސާބުތަކުން އަޅައިކަނޑައިގެން ކަމަށްވާނަމަ، ނުވަތަ އެ ފަރާތުގެ އެކައުންޓަށް (ކަރަންޓް އެކައުންޓް ހިމެނޭގޮތުން) ކްރެޑިޓްކޮށް ދީގެން ކަމަށްވާނަމަ، އެ އެޖަސްޓްމަންޓް ހަދާ އެކައުންޓިންގ އެންޓްރީ ފޮތްތަކުގައި ރިކޯޑްކުރާ ތާރީޚެވެ.
115. ފައިސާ ދައްކަންޖެހުނު ތާރީޚު
(ހ) ޤާނޫނުގެ 80 ވަނަ މާއްދާގެ ބޭނުމަށް އެއްވެސް ފަރާތެއްގެ ހިސާބުތަކުގައި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައެޅުނު ތާރީޚު ކަމަށް ބުނެފައި އެވަނީ އަންނަނިވި ތާރީޚުތަކުގެ ތެރެއިން ކުރިން އަންނަ ތާރީޚަށެވެ.
(1) ފައިސާ ދައްކަންޖެހޭ ފަރާތުގެ ހިސާބުތަކުގައި، އެ ފައިސާގެ ޢަދަދަކީ އެހެން ފަރާތަކަށް ދެއްކުން ލާޒިމު ފައިސާއެއްގެ ގޮތުގައި ކަނޑައަޅާ ތާރީޚު؛
(2) މާޒީގައި ހިނގާފައިވާ ކަމަކާ ގުޅިގެން، ފައިސާ ދައްކަންޖެހޭ ފަރާތުން، އެހެން ފަރާތަކަށް އަދާކުރުން ލާޒިމު ޒިންމާއެއް އުފެދުނު ތާރީޚު.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް އެ ފަރާތަކަށް ދައްކަންޖެހެނީ އެ މަހެއްގެ ކޮން ދުވަހެއްގައިކަން ޔަގީން ކުރެވެން ނެތް ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ ތާރީޚުގެ ގޮތުގައި ކަނޑައަޅާނީ އެ މަހެއްގެ އެންމެ ފަހު ދުވަހެވެ.
116. ކޮމިޝަނަރ ޖެނެރަލް ހުއްދަކުރާ ބައިނަލްއަޤްވާމީ އިދާރާތައް
ޤާނޫނުގެ 12 ވަނަ މާއްދާގެ (މ) ގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް ހުއްދަކުރާ ބައިނަލް އަޤްވާމީ އިދާރާތަކުގެ ތެރޭގައި ހިމެނެނީ:
(ހ) ދިވެހިރާއްޖެއިން މެންބަރެއްގެ ގޮތުގައި ބައިވެރިވާ އެންމެހައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢައްތަކާއި އިދާރާތައް؛
(ށ) ދުނިޔޭގެ ޤައުމުތަކުގެ މައްޗަށް އެކުލެވޭ އިއްތިހާދުތަކާއި ޖަމާޢަތްތައް؛
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ކޮންޓްރޯލްކުރާ އޭޖެންސީތައް.
117. ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ތަޢުލީމު ދޭ މަރުކަޒުތަކާއި ރިސާޗް މަރުކަޒުތައް
ޤާނޫނުގެ 12 ވަނަ މާއްދާގެ (ލ) ގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ތަޢުލީމު ދޭ މަރުކަޒުތަކާއި ރިސާޗްކުރާ މަރުކަޒުތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމު ދޭ މަރުކަޒުތަކާއި ރިސާޗްކުރާ މަރުކަޒުތަކެވެ.
118. ތަޢުލީމާގުޅޭ އެހީއާއި ސްކޮލަރޝިޕް
(ހ) ޤާނޫނުގެ 12 ވަނަ މާއްދާގެ (ލ) ގެ ބޭނުމަށް، ތަޢުލީމާގުޅޭ އެހީއާއި ސްކޮލަރޝިޕްގެ މިންވަރަކީ، އަންނަނިވި ޢަދަދުތަކުގެ ޖުމްލައެވެ.
(1) ތަޢުލީމު ދޭ މަރުކަޒަށް ނުވަތަ ރިސާޗް މަރުކަޒަށް ދައްކާ ޓިއުޝަން ފީ؛
(2) ސްޓައިޕެންޑް (މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅައިފައިވާ ރޭޓަށްވުރެ އިތުރު ނޫން މިންވަރަކަށް)؛
(3) ދިވެހިރާއްޖެއިން ބޭރުގައި ތަޢުލީމު ހާޞިލުކުރުމަށް ނުވަތަ ރިސާޗްކުރުމަށް ދީފައިވާ އެހީއެއް ނުވަތަ ސްކޮލަރޝިޕެއްނަމަ، ދިވެހިރާއްޖެއާ އެ ޤައުމާ ދެމެދު އިކޮނޮމީ ކުލާހުގައި ދަތުރުކުރުމަށް ދެވޭ ޓިކެޓްގެ އަގު (އަހަރަކު 1 (އެކެއް) ފަހަރު)؛
119. ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ
(އުނިކޮށްފައި).
120. ދިރިއުޅޭ ތަން ނުވަތަ ދިރިއުޅުން މައިގަނޑު ގޮތެއްގައި ޤާއިމުވެފައިވާ ތަން
(އުނިކޮށްފައި).
121. ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭ އަގުމަގުކުރުމުގެ އުސޫލުތައް
އުޖޫރައިގެ ތެރޭގައި ހިމެނޭ އިނާޔަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާރކެޓް ވެލިއު ހިސާބުކުރާނެ ގޮތް މި ގަވާއިދުގެ ހަތަރު ވަނަ ބާބުގައި ކަނޑައަޅައިފައި ނުވާ އިނާޔަތާއި މަންފާއާއި ޤާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން އަގު ކަނޑައެޅެން ނެތް އެނޫންވެސް މުދަލެއް ނުވަތަ ޚިދުމަތެއް ނުވަތަ މަންފާއެއްގެ އޯޕަން މާރކެޓް ވެލިއު ކަނޑައަޅާނީ، ޤާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން، އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑް 13 (ފެއަރ ވެލިއު މެޝަރމެންޓް) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
122. ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ހިސާބުކުރުމުގެ މިންގަޑުތައް
ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް ޤަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަޑުތަކަކީ؛
(ހ) އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް (IFRS) އަދި އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްސް (IAS)؛
(ށ) އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސް (IFRS for SMEs)؛
(ނ) އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭޝަން ފޮރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް (AAOIFI) ސްޓޭންޑަޑްސް.
123. ރީފަންޑް ދިނުން
(ހ) ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނުވަތަ އިޞްލާޙުކުރުމުގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ދައްކައިފައި ވުން ކަމަށް ވާނަމަ، އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ރީފަންޑް ކުރުމުގައި ޢަމަލުކުރާނީ، މި މާއްދާގެ (ނ) އާއި (ރ) އާ ޚިލާފުނުވާ ގޮތުގެ މަތީން، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައިވާ ގޮތަށެވެ.
(ށ) (އުނިކޮށްފައި).
(ނ) މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި އުޖޫރަ ދޭ ފަރާތަކުން މީރާއަށް ދައްކާ ފައިސާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރެވުނު މުވައްޒަފު ދައްކާ ޓެކުހެވެ. އެބަހީ، ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިޞްލާޙުކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގެ ނަތީޖާއަކީ އުޖޫރަ ދޭ ފަރާތުން އިތުރަށް ޓެކްސް ދެއްކުން ކަމަކަށް ނުބެލެވޭނެއެވެ.
(ރ) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އާމްދަނީއަކާ ގުޅިގެން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން މީރާއަށް ދައްކާ ފައިސާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރެވުނު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ދައްކާ ޓެކުހެވެ. އެބަހީ، ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިޞްލާޙުކޮށްފައިވާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގެ ނަތީޖާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތުން އިތުރަށް ޓެކްސް ދެއްކުން ކަމަކަށް ނުބެލެވޭނެއެވެ.
124. އެސެޓެއްގެ ވެރިފަރާތް
(ހ) މި ގަވާއިދުގެ ބޭނުމަށް، އެސެޓެއްގެ ވެރިފަރާތަކީ، އެ އެސެޓުގެ ޤާނޫނީ ވެރިފަރާތެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފައިނޭންސް ލީސްއެއްގެ ދަށުން ހޯދާފައިވާ އެސެޓެއްގެ ވެރިފަރާތަކީ އެ އެސެޓުގެ "ލެސީ" އެވެ. އަދި މި ޙާލަތުގައި "ލެސޯ" އަކީ، އެސެޓުގެ ވެރިފަރާތެއް ނޫނެވެ.
125. އުޖޫރަ ލިބޭ މީހާއަށް އުޖޫރައިގެ މަޢުލޫމާތު ދިނުން
އެ ފަރާތުން އުޖޫރަ ދޭ ކޮންމެ މީހަކަށް، އެ ފަރާތުން ދޭ އުޖޫރައިގެ ތަފްސީލު އަންނަނިވި ގޮތުގެމަތިން ލިއުމުން ދޭންވާނެއެވެ.
(ހ) އުޖޫރަ ލިބޭ މީހާއަކީ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މީހެއްނަމަ، އެ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޢަދަދު އެ މަހެއްގެ މުސާރަ ސްލިޕްގައި ހިމަނައިގެން؛
(ށ) އުޖޫރަ ލިބޭ މީހާއަކީ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ނުޖެހޭ މީހެއްނަމަ، ޓެކްސް އަހަރެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ޓެކްސް އަހަރަށް ދޭން ޖެހުނު އުޖޫރައިގެ ޖުމްލަ ޢަދަދު.
126. ހިންގުމާއި ކޮންޓްރޯލް
ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއްގެ ހިންގުމާއި ކޮންޓްރޯލް އޮތް ތަން ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކުރަންވާނެއެވެ. އެހެން ނަމަވެސް މިއީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއްގެ ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތް ތަން ކަނޑައެޅުމުގައި ރިޢާޔަތްކުރާނެ ހަމައެކަނި ކަންތައްތަކެއް ނޫނެވެ.
(ހ) ޑިރެކްޓަރުންގެ ބޯޑުގެ ބައްދައްލުވުންތައް ނުވަތަ ޕާޓްނަރުންގެ ބައްދަލުވުންތައް ޢާންމު ގޮތެއްގައި ބާއްވާ ތަން؛
(ށ) ޢާންމު ސިޔާސަތުތަކާއި ސްޓްރެޓީޖިކް މިސްރާބުތަކާއި މުހިއްމު އެއްބަސްވުންތަކާއި މުހިއްމު މާލީ ނިންމުންތައް ފަދަ ކަންކަން ނިންމާ ތަން؛
(ނ) ޕަރފޯމަންސް ޖުމްލަ ގޮތެއްގައި މޮނިޓަރކޮށް، ޕަރފޯމަންސްއަށް ރިޢާޔަތްކޮށް އެކުލަވައިލެވޭ ސްޓްރެޓީޖިކް ރެކޮމެންޑޭޝަންތައް މުރާޖަޢާކުރާ ތަން.
127. ނުއުފުލޭ މުދާ
ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، "ނުއުފުލޭ މުދާ" ކަމަށްބުނެފައި އެވަނީ، އަންނަނިވި މުދަލަށެވެ.
(ހ) އިމާރާތްތަކާއި، ގުދަންތަކާއި، ޕްލާންޓްތަކާއި، ކާރުޚާނާތަކާއި، ބިންތަކާއި، ފަޅުރަށްރަށާއި، ފަޅުތަކާއި، ފަރުތަކާއި، ގިރި ފަދަ ތަންތަނާއި ބިނާތަކާއި އަދި އެނޫންވެސް އެފަދަ މުދާ؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލަކަށް ގެނެވޭ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓް ނުވަތަ އެއިން މުދަލެއްގައި ނުވަތަ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓެއްގައި ހިމެނޭ މަޞްލަޙަތު؛
(ނ) ސަބްލީސް ވެސް ހިމެނޭ ގޮތުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުދަލެއްގެ ލީސް ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސްޓްރަކްޗަރަލް އިމްޕްރޫވްމަންޓެއްގެ ލީސް؛
(ރ) ލައިވްސްޓޮކާއި، ދަނޑުވެރިކަމަށް ނުވަތަ ފޮރެސްޓްރީއަށް ބޭނުންކުރާ އިކުއިޕްމަންޓާއި ލޭންޑެޑް ޕްރޮޕަޓީއަކާ ގުޅިގެން ޤާނޫނެއްގެ ދަށުން ލިބޭ ޙައްޤުތަކާއި، ވަގުތީގޮތުން ދެވަނަ ފަރާތެއްގެ ނުއުފުލޭ މުދަލަކުން ފައިދާއެއް ލިބިގަތުމުގެ ޙައްޤާއި، މަޢުދަން ނުވަތަ އެހެން ނެޗުރަލް ރިސޯސްއެއް ނެގުމުގެ މަސައްކަތާ ގުޅިގެން މުޤާބިލެއް ލިބުމުގެ ޙައްޤާއި، އެފަދަ މަސައްކަތެއް ކުރުމުގެ ޙައްޤާއި، ދިވެހިރާއްޖެއަށް ނުވަތަ ދިވެހިރާއްޖޭގެ ބަޔަކަށް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ލައިސަންސް ނުވަތަ ހުއްދަ؛
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ މުދަލަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ބޭނުންކުރާ މުދާ.
128. ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތް
ޤާނޫނުގެ 55 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށް، އަންނަވި ޙާލަތްތަކުގައި ބަލަންވާނީ ޚިދުމަތް ފޯރުކޮށްދިނީ ދިވެހިރާއްޖޭގައިކަމަށެވެ.
(ހ) އެ ޚިދުމަތް ނުވަތަ އެ ޚިދުމަތުން ބައެއް ފޯރުކޮށްދިން ވަގުތު ޚިދުމަތް ފޯރުކޮށްދޭ ފަރާތް ދިވެހިރާއްޖޭގައި ހުރުން؛ ނުވަތަ
(ށ) އެ ޚިދުމަތް ނުވަތަ އެ ޚިދުމަތުން ބައެއް ފޯރުކޮށްދިނީ، ޚިދުމަތް ދޭ ފަރާތުގެ ދިވެހިރާއްޖޭގައި ހުރި މުވައްޒަފެއް ނުވަތަ ދިވެހިރާއްޖޭގައި ހުރި އޭޖެންޓެއް މެދުވެރިކޮށް ކަމަށްވުން.
128-1. ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން
(ހ) ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، އަންނަނިވި ކަންތައްތަކުންކުރެ ކަމެއް ކުރުމަކީ، އެ އިންތިޒާމެއްގެ ނުވަތަ މުޢާމަލާތެއްގެ އެއް މަޤްޞަދަކީ ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުންކަމުގައި ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނެ އެކަށީގެންވާ ސަބަބެކެވެ.
(1) މުޢާމަލާތް ހިންގި ނިޔަތް ރަނގަޅު ނުވުން؛
(2) ވިޔަފާރީގެ ބުރަދަނެއް ނެތް މުޢާމަލާތެއް ހިންގުން؛
(3) އެ ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރުން؛
(4) އިންތިޒާމެއްގެ ނުވަތަ މުޢާމަލާތެއްގެ އަސްލު ބަދަލުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، އަންނަނިވި ހާލަތުތަކުގައި، މުޢާމަލާތަކާ ގުޅޭގޮތުން ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގައި ބެލެވޭނެއެވެ.
(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް ނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ ޓެކްސް ރޭޓަށްވުރެ ދަށް އިފެކްޓިވް ޓެކްސް ރޭޓެއް އޮންނަ ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިވެގެން، ނުވަތަ އެފަދަ ޤައުމެއްގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް ނުވަތަ ދާއިމީ މަރުކަޒުތަކެއް މެދުވެރިވެގެން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުގެ ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒުގެ މިލްކުވެރިކަން ނުސީދާ ގޮތެއްގައި އެހެން ފަރާތަކަށް ނިސްބަތްވުން؛ ނުވަތަ
(2) ޑަބަލް ޓެކްސް އެގްރީމަންޓެއް ދިވެހިސަރުކާރާއެކު ވެފައިވާ ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ:
(i) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް އެ ފަރާތުން ކޮންޓްރޯލްކުރުން، ނުވަތަ، އެ ފަރާތުގެ ނުވަތަ ދާއިމީ މަރުކަޒުގެ މިލްކުވެރިކަމުގައި އެ ފަރާތުގެ މަޞްލަޙަތު އޮތުން، ނުވަތަ އެނޫންވެސް ގޮތަކުން އެ ފަރާތާ ނުވަތަ ދާއިމީ މަރުކަޒާއި އެ ފަރާތާ ގުޅުން އޮތުން؛ އަދި
(ii) އެފަދަ ޤައުމެއްގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ނުވަތަ ޑަބަލް ޓެކްސް އެގްރީމަންޓެއް ދިވެހިސަރުކާރާއެކު ވެފައިނުވާ ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތަކުން، ސީދާކޮށް ނުވަތަ ނުސީދާކޮށް އެ ފަރާތް ކޮންޓްރޯލްކުރުން ނުވަތަ މިލްކުވެރިކަން އޮތުން.
128-2. ވަކި ޚިދުމަތަކަށް ނުވަތަ ހިންގުމާ ގުޅިގެން ދައްކާ ކަމިޝަން
ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، ދާއިމީ މަރުކަޒަށް ފޯރުވައިދީފައިވާ ވަކި ޚިދުމަތަކަށް ނުވަތަ ހިންގުމާ ގުޅިގެން ދައްކާ ކަމިޝަނުގެ މާނައިގެ ތެރޭގައި ފައިދާގެ މިންވަރަށް ނުވަތަ އާމްދަނީގެ މިންވަރަށް ބިނާކޮށް ވަކި ޚިދުމަތަކަށް ދައްކާ އެންމެހައި ފައިސާއާއި، ފައިދާގެ މިންވަރަށް ނުވަތަ އާމްދަނީގެ މިންވަރަށް ބިނާކޮށް ހިންގުމާ ގުޅިގެން ދައްކާ އެންމެހައި ފައިސާ ހިމެނެއެވެ.
129. މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާހާ ހިނދަކު:
(ހ) "އިންޓްރެސްޓް" ގެ މާނައިގެ ތެރޭގައި، ޤާނޫނުގެ 79 ވަނަ މާއްދާގެ (ހޅ) ގައި މާނަކޮށްދީފައިވާ ފައިނޭންސް ލީސް ގެ އިންޓްރެސްޓް ހިމެނެއެވެ.
(1-ހ) "އިންޓްރެސްޓް" ގެ މާނައިގެ ތެރޭގައި، މި ގަވާއިދުގައި މާނަކޮށްދީފައިވާ އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ދައްކާ އިންޓްރެސްޓް ނުހިމެނެއެވެ.
(2-ހ) "އޮޕަރޭޓިންގ ލީސް" ކަމަށް ބުނެފައި އެވަނީ، ފައިނޭންސް ލީސްގެ މާނައިގެ ތެރޭގައި ނުހިމެނޭ ލީސްއަށެވެ.
(ށ) "ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ.
130. ގަވާއިދަށް ޢަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
131. އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން، ގަވާއިދު ނަންބަރު 2019/R-1090 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އުވުނީއެވެ.