ޤާނޫނާއި ގަވާއިދު

×

ގްރީން ޓެކްސް ގަވާއިދު (ކޮންސޮލިޑޭޓްކުރެވިފައި)

2015/R-181

ނެރުނު ތާރީޚް: 12 އޮކްޓޫބަރު 2015
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 25 ނޮވެމްބަރު 2024
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

1. ތައާރަފާއި ނަން

(ހ) މިއީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ގްރީން ޓެކްސް ގަވާއިދު" އެވެ.  

2. މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) ގެ ދަށުން ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، ގްރީން ޓެކްސް ނެގުމަށް ޓަކައި މީރާއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި ކަމާބެހޭ އެނޫންވެސް އުސޫލުތައް ކަނޑައެޅުމެވެ.

3. ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން

(ހ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ތާރީޚުން ފެށިގެން އެ ތަނެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވުނީއެވެ. މި ގޮތުން އެ ޓޫރިސްޓު ރިޒޯޓު ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓް ނުވަތަ ޓޫރިސްޓު ހޮޓާ ނުވަތަ ރިޒޯޓް ހޮޓާ ނުވަތަ ހޮޓާ ނުވަތަ އުޅަނދު ނުވަތަ ގެސްޓްހައުސް ނުވަތަ އެނޫންވެސް އެފަދަ ތަނެއް މީރާގައި ރަޖިސްޓަރީކުރެވޭނީ އެ ތަން ނުވަތަ އެ އުޅަނދު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ނަމުގައެވެ. އަދި އެއިން ކޮންމެ ތަނަކާއި އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީކުރެވޭނީ ވަކިންނެވެ.

(1-ހ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓު ހޮޓަލަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ހިންގުމުގެ ހުއްދަ، ޤާނޫނު ނަންބަރު 2022/8 (ޤާނޫނު ނަންބަރު 99/2، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން ބަދަލުކޮށްފިނަމަ، އެ ބަދަލުކުރެވުނު ކެޓަގަރީއަށް، އެ ތަނެއް ގްރީން ޓެކުހަށް ކޮށްފައިވާ ރަޖިސްޓަރީ އަންނަނިވި ތާރީޚުތަކުގެ ތެރެއިން ފަހުން އަންނަ ތާރީޚަކުން ފެށިގެން ބަދަލުކުރެވޭނެއެވެ.

(1) ޤާނޫނު ނަންބަރު 2022/8 (ޤާނޫނު ނަންބަރު 99/2، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން ހިންގުމުގެ ހުއްދަ ބަދަލުކުރި ތާރީޚު؛

(2) 1 ޖަނަވަރީ 2023.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދުތައް މީރާގައި ރަޖިސްޓަރީކުރެވޭނީ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ދަށުން ޢައްޔަންކޮށްފައިވާ، އެ އުޅަނދުގެ ލޯކަލް އޭޖެންޓުގެ ނަމުގައެވެ.

(ނ) ޤާނޫނުގެދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކުރަންޖެހޭ ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އެ މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށް ހިންގިކަމުގައި ވިޔަސް، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ނުވަތަ އެ ތަން ނުވަތަ އުޅަނދު ހިންގަން ފެށީ މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށް ފަހުގައި ކަމަށް ވާނަމަ، އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށި ތާރީޚުން ފެށިގެން، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.

(ރ) ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކުރަންޖެހޭ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް ނުވަތަ އުޅަނދެއް އެ މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށް ހިންގިކަމުގައި ވިޔަސް، އެ ތަނަކުން ނުވަތަ އެ އުޅަނދަކުން، ޤާނޫނުގެ ދަށުން ގްރީން ޓެކްސް ނެގުން ލާޒިމުވާ ތާރީޚުން ފެށިގެން، ނުވަތަ އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށީ އެ ތަނަކުން ނުވަތަ އެ އުޅަނދަކުން ޤާނޫނުގެ ދަށުން ގްރީން ޓެކްސް ނެގުން ލާޒިމުވާ ތާރީޚުގެ ފަހުން ކަމަށްވާނަމަ، އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށި ތާރީޚުން ފެށިގެން، އެ ތަން ނުވަތަ އެ އުޅަނދު ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރެވޭނެއެވެ. އަދި އެ ތަން ނުވަތަ އެ އުޅަނދު ހިންގާ ފަރާތުން ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.

4. އޮޕަރޭޓްކުރަމުންދާ ރިޒޯޓުތަކާއި ހޮޓާތަކާއި އުޅަނދުތަކާއި ގެސްޓްހައުސްތައް ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން

(ހ) ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން 31 އޮކްޓޫބަރު 2015 ގެ ނިޔަލަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެ ފަދަ ރިޒޯޓުތަކާއި ހޮޓާތަކާއި އުޅަނދުތައް މީރާއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ތަން ހިންގުމުގެ ހުއްދަ އޮންނަ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(ށ) ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން 30 ސެޕްޓެންބަރު 2016 ގެ ނިޔަލަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސްތައް ރަޖިސްޓަރީކުރުމަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެ ފަދަ ގެސްޓްހައުސްތައް މީރާއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ތަން ހިންގުމުގެ ހުއްދަ އޮންނަ ފަރާތަށް ފޯރުވައިދެވޭނެއެވެ.

5. ޓިން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޓޫރިސްޓު ރިޒޯޓަކަށާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށާއި، ޓޫރިސްޓު ހޮޓަލަކަށާއި، ރިޒޯޓް ހޮޓަލަކަށާއި، ހޮޓަލަކަށާއި، ޓޫރިސްޓު އުޅަނދަކަށާއި، ޓޫރިސްޓު ގެސްޓްހައުސްއަކަށާއި އެނޫންވެސް އެފަދަ ތަންތަނަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ.

6. ގްރީން ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓް

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޓޫރިސްޓު ރިޒޯޓަކަށާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށާއި، ޓޫރިސްޓު ހޮޓަލަކަށާއި، ރިޒޯޓް ހޮޓަލަކަށާއި، ހޮޓަލަކަށާއި، ޓޫރިސްޓު އުޅަނދަކަށާއި، ޓޫރިސްޓު ގެސްޓްހައުސްއަކަށާއި، އެނޫންވެސް އެފަދަ ތަންތަނަށް ގްރީން ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓެއް ދޫކުރެވޭނެއެވެ..

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ތަނަކުންނާއި ކޮންމެ އުޅަނދަކުން، އެ ތަނެއް ނުވަތަ އެ އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާކަން ކަސްޓަމަރުންނަށް އަންގައިދިނުމުގެ ބޭނުމަށް، މީރާއިން ދޫކޮށްފައިވާ ގްރީން ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނޭހެން އެ ތަނެއްގައި ނުވަތަ އެ އުޅަނދެއްގައި ބަހައްޓަންވާނެއެވެ.

7. ރަޖިސްޓަރީ ބާޠިލުކުރުން

ޓޫރިސްޓު ރިޒޯޓު، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓު، ޓޫރިސްޓު ހޮޓާ، ރިޒޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓު އުޅަނދު ނުވަތަ ޓޫރިސްޓު ގެސްޓްހައުސް ނުވަތަ އެނޫންވެސް އެފަދަ ތަނެއްގެ ހިންގުމުގެ ހުއްދަ ބާޠިލުކުރާ ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ގްރީން ޓެކްސް ރެޖިސްޓޭޝަން ބާޠިލުކުރުމަށް އެދި  އެ ހުއްދަ އޮތް ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

8. ގްރީން ޓެކްސް ހިސާބުކުރުން

ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) ގެ ބޭނުމަށް، ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގްރީން ޓެކްސް ނަގަން ފަށާނީ، ޓޫރިސްޓަކު ޓޫރިސްޓު ރިޒޯޓަކަށް، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށް، ޓޫރިސްޓު ހޮޓަލަކަށް، ރިޒޯޓް ހޮޓަލަކަށް، ހޮޓަލަކަށް، ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ޗެކް-އިން ވާ ވަގުތުން ފެށިގެންނެވެ.

(ށ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، އެ ނޫން ވެސް އެފަދަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި ނުވަތަ އެ އުޅަނދުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް، އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި ރޭޓުތަކުގައެވެ.

(1) 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު؛

(2) 1 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 12 (ބާރަ) އެމެރިކާ ޑޮލަރު.

(1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓު ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް، އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި ރޭޓުތަކުގައެވެ.

(1) 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރު؛

(2) 1 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު.

(ނ) މި މާއްދާގެ (1-ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 50 (ފަންސާސް) ކޮޓަރިއަށް ވުރެ ގިނަ އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓު ގެސްޓްހައުސްތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި ރޭޓުތަކުގައެވެ.

(1) 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު؛

(2) 1 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 12 (ބާރަ) އެމެރިކާ ޑޮލަރު.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، 50 (ފަންސާސް) ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަކަށް އަންނަނިވި މުއްދަތުތަކުގައި، އަންނަނިވި ރޭޓުތަކުގައެވެ.

(1) 1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް، މީހަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރު؛

(2) 1 ޖަނަވަރީ 2025 އިން ފެށިގެން، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު.

(1-ރ) މި މާއްދާގެ ބޭނުމަށް، ޓޫރިސްޓަކު އެ ތަނުން ޗެކް-އައުޓް ވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައިވާނަމައެވެ.

(ބ) މަސް ނިމޭއިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރުމުގައި ބަލާނީ، އެ މަސް ނިމޭ ދުވަހުގެ 23:59 ނިސްބަތްވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ތެރޭގައި އޭނާ އެ ތަނުގައި ހޭދަކޮށްފައިވާ ވަގުތަށެވެ. އެ ގޮތުން އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް އެ މަހުގައި ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރު ގުނަން ފަށާ ވަގުތުން ފެށިގެން އެ މަސް ނިމޭ ދުވަހުގެ 23:59 އާ ހަމަޔަށް އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައިވާ ނަމައެވެ. އެ ނޫން ހާލަތުތަކުގައި އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، ޖެހިގެން އަންނަ މަހުގައެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަކަށް ގްރީން ޓެކްސް ދައްކަން ޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ފުރަތަމަ 12 (ބާރަ) ގަޑިއިރު ނިމޭ ތާރީޚުގައި އެ ފަރާތަކުން ގްރީން ޓެކްސް ދައްކަންޖެހޭ ރޭޓުގައެވެ.

(1-ޅ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އުމުރުން 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުދީންގެ އަތުން 1 ޖަނަވަރީ 2025 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ގްރީން ޓެކްސް ނަގާކަށް ނުޖެހޭނެއެވެ.

(2-ޅ) މި މާއްދާގެ (1-ޅ) ގެ ބޭނުމަށް، 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުއްޖެއް ކަމުގައި ބެލެވޭނީ، އެ ތަނަކަށް ނުވަތަ އެ އުޅަނދަކަށް ޗެކް-އިން ވާ ދުވަހާ ހަމަޔަށް، އެ ކުއްޖާއަށް އުމުރުން 2 (ދޭއް) އަހަރު ފުރިހަމަވެފައި ނުވާނަމައެވެ.

(3-ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 1 ޖަނަވަރީ 2025 ގެ 00:00 ގައި، ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓު ހޮޓަލެއްގައި ނުވަތަ ރިޒޯޓް ހޮޓެލެއްގައި ނުވަތަ ހޮޓަލެއްގައި ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއްގައި ނުވަތަ ޓޫރިސްޓު އުޅަނދެއްގައި ނުވަތަ އެނޫންވެސް އެފަދަ ތަންތަނުގައި، 1 ޖަނަވަރީ 2025 އާ ހަމަޔަށް 2 (ދޭއް) އަހަރު ފުރިހަމަނުވާ ކުޑަކުއްޖަކު ހުރި ނަމަ، 31 ޑިސެންބަރު 2024 ގެ 23:59 ގައި އެ ކުއްޖާ އެ ތަނުން ޗެކް-އައުޓް ވި ކަމަށް ބަލަންވާނެއެވެ. އަދި 1 ޖަނަވަރީ 2025 ގެ 00:00 ގައި އެ ކުއްޖާ އެ ތަނަށް ޗެކް-އިން ވީ ކަމަށް ބަލަންވާނެއެވެ.

(4-ޅ) މި މާއްދާގެ (3-ޅ) އަށް، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ޅ) ރައްދެއް ނުވާނެއެވެ.

(ކ) ބޭރުގެ ޓޫރިސްޓު އުޅަނދުތަކުން ގްރީން ޓެކްސް ހިސާބުކުރަންޖެހެނީ މަހުން މަހަށް ކަމުގައި ނުވާތީ، އެ ފަދަ އުޅަނދުތަކަށް މި މާއްދާގެ (ބ) ރައްދެއް ނުވާނެއެވެ.

(އ) ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ވެސް، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.

9. ޗެކް-އިން ކުރުމާއި ޗެކް-އައުޓް ކުރުން

(ހ) މި ގަވާއިދުގެ ބޭނުމަށް، އެއްވެސް މީހަކު، ޓޫރިސްޓު ރިޒޯޓަކަށް، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށް، ނުވަތަ ޓޫރިސްޓު ހޮޓަލަކަށް، ނުވަތަ ރިޒޯޓް ހޮޓަލަކަށް، ނުވަތަ ހޮޓަލަކަށް، ނުވަތަ ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ޗެކް-އިން ވީ ކަމުގައި ބަލާނީ، އެ މީހަކީ އެ ތަނުގައި ނުވަތަ އެ އުޅަނދުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ނުވަތަ އެ އުޅަނދުގެ ސިސްޓަމުގައި ނުވަތަ ލިޔެކިޔުންތަކުގައި ރިކޯޑުކުރުމުންނެވެ. އަދި އެ މީހާ އެ ތަނުން ނުވަތަ އެ އުޅަނދުން ޗެކް-އައުޓް ވީ ކަމުގައި ބަލާނީ، އެ ތަނުގެ ނުވަތަ އެ އުޅަނދުގެ ސިސްޓަމުގައި ނުވަތަ ލިޔެކިޔުންތަކުގައި އެކަން ރިކޯޑުކުރުމުންނެވެ.

(ށ) ޓޫރިސްޓުން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހުއްދަ ދީފައިވާ ކޮޓަރިއެއްގައި ވަގުތު ހޭދަކުރާ ކޮންމެ މީހަކީ ވެސް އެ ތަނަށް ޗެކް-އިން ވީ މީހެއްގެ ގޮތުގައި ރެކޯޑުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، ބޭރުގެ ޓޫރިސްޓް އުޅަނދަކަށް މީހަކު ޗެކް-އިން ވީ ވަގުތު ކަމަށް ބަލާނީ އެ އުޅަނދުގެ "ކަސްޓަމްސް އިންވަރޑް ކްލިއަރެންސް ޓައިމް" އަށެވެ. އަދި ޗެކް-އައުޓްވި ވަގުތު ކަމަށް ބަލާނީ އެ އުޅަނދުގެ "އެސްޓިމޭޓެޑް ޓައިމް އޮފް ޑިޕާޗަރ" އަށެވެ.

(ރ) މި މާއްދާގެ (ހ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، 1 ނޮވެންބަރު 2015 ގެ 00:00 ގައި ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި ނުވަތަ ޓޫރިސްޓް އުޅަނދެއްގައި ހުރި މީހަކު އެ ތަނަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ 1 ނޮވެންބަރު 2015 ގެ 00:00 އެވެ.

(ބ) މި މާއްދާގެ (ހ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، 1 އޮކްޓޫބަރު 2016 ގެ 00:00 ގައި ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުރި މީހަކު އެ ތަނަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ 1 އޮކްޓޫބަރު 2016 ގެ 00:00 އެވެ.

(ޅ) މީހަކު، ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ ޓޫރިސްޓު ހޮޓަލަކުން، ނުވަތަ ރިޒޯޓް ހޮޓަލަކުން، ނުވަތަ ހޮޓަލަކުން، ނުވަތަ ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކުން ނުވަތަ އެނޫންވެސް އެފަދަ ތަނަކުން ޗެކް-އައުޓް ވާތާ 12 (ބާރަ) ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކީ އެ ތަނުން ނުވަތަ އެ އުޅަނދުން ޗެކް-އައުޓް ވެފައިވާ މީހެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އަދި އެ މީހަކު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ވެސް ހިސާބުކުރަންވާނީ، ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައި ބަލައިގެންނެވެ.

9-1. އިންތިޤާލީ ކަންކަން

(އުނިކޮށްފައި)

10. ގްރީން ޓެކްސް ބަޔާން

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން ގްރީން ޓެކްސް ހިސާބުކުރާނީ، އަދި މީރާއަށް ގްރީން ޓެކްސް ބަޔާން ހުށަހަޅާނީ، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ށ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން، ކޮންމެ ކަލަންޑަރު މަހަކާ ގުޅޭ ގޮތުން MIRA 501 (ގްރީން ޓެކްސް ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅަންޖެހޭނެއެވެ.

(ނ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓް ނުކުރިކަމުގައި ވިޔަސް، ނުވަތަ އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ނުބޭތިއްބި ކަމުގައި ވިޔަސް، އެ ތަނުގެ ނުވަތަ އުޅަނދުގެ ގްރީން ޓެކްސް ރެޖިސްޓްރޭޝަން ބާޠިލު ނުކުރާހައި ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގްރީން ޓެކްސް ބަޔާން، އެ އަކުރުގައިވާ ގޮތުގެ މަތީން މީރާއަށް ހުށަހަޅަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއިން ފުރުމުގެ ކުރިން، އެ އުޅަނދު ދިވެހިރާއްޖޭގައި ހޭދަކުރި މުއްދަތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ MIRA 502 (ގްރީން ޓެކްސް ބަޔާން: ބޭރުގެ ޓޫރިސްޓް އުޅަނދުތައް) މީރާއަށް ހުށަހަޅަންޖެހޭނެއެވެ. ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ބޭރުގެ ޓޫރިސްޓް އުޅަނދަކުން MIRA 502 ހުށަހަޅަންޖެހޭ ސުންގަޑިކަމުގައި ބަލާނީ އެ އުޅަނދަށް "ކަސްޓަމްސް އައުޓްވަރޑް ކްލިއަރެންސް" ލިބުނު ތާރީޚެވެ.

(ބ) ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއިން ފުރި ގަޑިއާއި މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެސްޓިމޭޓެޑް ޓައިމް އޮފް ޑިޕާޗަރ" ތަފާތުވެއްޖެނަމަ، އަދި އެ އުޅަނދުގައި ތިބި ޓޫރިސްޓުން ޗެކް-އައުޓް ވީ އެ އުޅަނދު ފުރި ގަޑީގައި ކަމަށް ބަލައިގެން ގްރީން ޓެކްސް ހިސާބުކޮށްފިނަމަ އެ އުޅަނދުން ގްރީން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދަށް ބަދަލެއް އަންނާނެ ކަމަށް ވާ ނަމަ، އެ އުޅަނދު ދިވެހިރާއްޖެއިން ފުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިޞްލާޙުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް ހުށަހަޅައި، އިތުރަށް ޓެކްސް ދައްކަންޖެހޭ ކަމަށް ވާ ނަމަ އެ ފައިސާ ދައްކަންޖެހޭނެއެވެ.

11. އޮންލައިންކޮށް ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ގްރީން ޓެކްސް ބަޔާނާއި، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭޝަން ޝީޓު މީރާއަށް ހުށަހަޅަންވާނީ، މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި ގްރީން ޓެކުހާ ގުޅޭ ގޮތުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ވެސް އެ ޕޯޓަލް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތްގޮތުން ހުށަހަޅާ ގްރީން ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިޚްތިޔާރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ގްރީން ޓެކްސް ބަޔާނުގައި ސޮއިކުރަންވާނީ، އެ ތަން ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް MIRA 117 (ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ބަދަލުކުރުން) ފޯމު މެދުވެރިކޮށް މީރާއަށް އަންގައިފައިވާ ފަރާތަކުންކުރެ ފަރާތެކެވެ.

12. ޓެކްސް ބަޔާން އިޞްލާޙުކުރުން 

(ހ) ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ ޓޫރިސްޓު ހޮޓަލަކުން، ނުވަތަ ރިޒޯޓް ހޮޓަލަކުން، ނުވަތަ ހޮޓަލަކުން، ނުވަތަ ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކުން ނުވަތަ އެނޫންވެސް އެ ފަދަ ތަނަކުން މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިޞްލާޙުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިޞްލާޙުކުރެވިދާނެއެވެ.

(ށ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން އިޞްލާޙުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް ހުށަހަޅާނަމަ، އެ ބަޔާން އިޞްލާޙުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި ކަމާ ގުޅޭ ލިޔެކިޔުންތައް އެ ބަޔާނާއެކު ހުށަހަޅަންވާނެއެވެ.

(ނ) (އުނިކޮށްފައި).

(ރ) (އުނިކޮށްފައި).

(ބ) (އުނިކޮށްފައި).

(ޅ) (އުނިކޮށްފައި).

13. އިންފޮމޭޝަން ޝީޓު ހުށަހެޅުން

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން ހުށަހަޅާ ގްރީން ޓެކްސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭޝަން ޝީޓެއް ހުށަހަޅަންވާނެއެވެ. މި އިންފޮމޭޝަން ޝީޓުގައި، އެ މުއްދަތެއްގެ ތެރޭގައި އެ ތަނުގައި ނުވަތަ އެ އުޅަނދުގައި ތިބި ހުރިހާ ގެސްޓުންގެ މަޢުލޫމާތު ހިމަނަންވާނެއެވެ.

(ށ) އިންފޮމޭޝަން ޝީޓް ތައްޔާރުކުރާނީ އަންނަނިވި އުސޫލުންނެވެ.

(1) ގެސްޓުންގެ ނަންތައް ތަރުތީބުކުރާނީ ގެސްޓް ރެޖިސްޓްރޭޝަން ނަންބަރު ތަރުތީބުންނެވެ.

(2) އެ މަސް ނިމޭ ދުވަހުގެ 23:59 ގެ ނިޔަލަށް ޗެކް-އިން ވާ ހުރިހާ ގެސްޓުންގެ މަޢުލޫމާތު މި ޝީޓުގައި ހިމަނަންވާނެއެވެ.

(3) މަސް ނިމޭއިރު ޗެކް-އައުޓް ނުވާ ގެސްޓުން، ޖެހިގެން އަންނަ މަހުގެ އިންފޮމޭޝަން ޝީޓުގައި ހިމަނަންވާނެއެވެ. ޖެހިގެން އަންނަ މަހުގެ އިންފޮމޭޝަން ޝީޓުގައި އެ ގެސްޓުން ހިމަނަންވާނީ ކުރިން ވެސް ބޭނުންކުރި ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުގެ ދަށުން، އެ ޝީޓުގެ އެންމެ ކުރީގައެވެ.

(4) ކޮންމެ ކަލަންޑަރު އަހަރެއް ފެށުމާއެކު ގެސްޓް ރެޖިސްޓްރޭޝަން ނަންބަރު 1 (އެކެއް) އަށް ރީސެޓްކުރަންވާނެއެވެ. އަދި 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުން ދިޔަ ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް، އެ ތަރުތީބުންނެވެ.

(5) މި މާއްދާގެ (ށ) ގެ (4) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް ގެސްޓްހައުސްތަކުން 1 އޮކްޓޫބަރު 2016 އިން ފެށިގެން ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، 30 ސެޕްޓެންބަރު 2016 އާ ހަމައަށް ބޭނުންކުރަމުން ދިޔަ ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް، އެ ތަރުތީބުންނެވެ.

14. ގްރީން ޓެކްސް ދެއްކުން

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޯޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ މަހަކަށް ދައްކަންޖެހޭ ގްރީން ޓެކްސް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއިން ފުރުމުގެ ކުރިން އެ އުޅަނދު ދިވެހިރާއްޖޭގައި ހޭދަކުރި މުއްދަތަށް ދައްކަންޖެހޭ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހޭނެއެވެ.

(ނ) ބޭރުގެ ޓޫރިސްޓް އުޅަނދެއްގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގައި މީރާއަށް ދެއްކުމަކީ އެ އުޅަނދެއްގެ ލޯކަލް އޭޖެންޓުގެ ޒިންމާއެކެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި އެ އުޅަނދަކުން އިތުރަށް ދައްކަންޖެހޭ އެއްވެސް އަދަދެއް ނުވަތަ ޖޫރިމަނާއެއް ވާނަމަ، އެ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ދެއްކުމަކީ ވެސް ލޯކަލް އޭޖެންޓުގެ ޒިންމާއެކެވެ.

(ރ) ޓޫރިސްޓް އުޅަނދެއް ޗާޓަރުކޮށްފައިވާ ހާލަތުގައި އެ އުޅަނދުގައި ތިބޭ ގެސްޓުންގެ ފަރާތުން ގްރީން ޓެކްސް ދެއްކުމަކީ އެ އުޅަނދު ހިންގާ ފަރާތުގެ ޒިންމާއެކެވެ. މި ގަވާއިދުގެ ބޭނުމަށް، ޓޫރިސްޓް އުޅަނދެއް ޗާޓަރުކޮށްފައިވާ ކަމުގައި ބަލާނީ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގައި ޓޫރިސްޓް އުޅަނދެއް ޗާޓަރުކުރުން ކަމަށް ބުނެފައިވާ ހާލަތުގައެވެ.

15. ގްރީން ޓެކްސް ދައްކަންޖެހޭ ފައިސާ

ގްރީން ޓެކްސް މީރާއަށް ދައްކަން ވާނީ އެމެރިކާ ޑޮލަރުންނެވެ.

16. ގްރީން ޓެކުހުން ޖީ.އެސް.ޓީ ނުނެގުން

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ބޭނުމަށް ތައްޔާރުކުރާ ޓެކްސް އިންވޮއިސްއެއްގައި ނުވަތަ ރަސީދެއްގައި ގްރީން ޓެކްސް ހިމެނިފައިވާނަމަ، އެ މުއާމަލާތަށް ޖީ.އެސް.ޓީ ހިސާބުކުރުމުގައި އެ މުއާމަލާތުގައި ހިމެނޭ ގްރީން ޓެކުހުގެ އަދަދު ހިމަނައިގެން ނުވާނެއެވެ. މުއާމަލާތެއްގައި ހިމެނޭ ގްރީން ޓެކުހުގެ އަދަދު ކަމުގައި ބަލާނީ، އެ މުއާމަލާތާ ގުޅިގެން ދޫކޮށްފައިވާ ޓެކްސް އިންވޮއިސްގައި ނުވަތަ ރަސީދުގައި ސާފުކޮށް ފެންނާނެހެން ލިޔެފައިވާ، ޤާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިސާބުކުރެވިފައިވާ ގްރީން ޓެކުހުގެ އަދަދެވެ.

17. ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ނަގާ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހުން

ޤާނޫނާއި މި ގަވާއިދުގެ ދަށުން ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ގްރީން ޓެކްސް ނަގައިފިނަމަ، ޤާނޫނުގެ 35 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަރާތުން އެ ފައިސާ ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންވާނެއެވެ.

18. ރިކޯޑު ބެލެހެއްޓުން

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި ޓޫރިސްޓު ގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، އަންނަނިވި ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.

(ހ) ގެސްޓް ރެޖިސްޓަރ؛

(ށ) ގެސްޓް ރެޖިސްޓްރޭޝަން ކާޑުތައް؛

(1-ށ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުންގެ ގޮތުގައި ތިބޭ ޓޫރިސްޓުންގެ ތެރެއިން، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (2-ޅ) ގައި ބަޔާންކޮށްފައިވާ ކުޑަކުދީންގެ ޕާސްޕޯޓުގެ ކޮޕީ؛

(ނ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ގޮތުގައި ތިބޭ ދިވެހި ރައްޔިތުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛

(ރ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ގޮތުގައި ތިބޭ ރެސިޑެންޓް ޕާރމިޓް ހޯލްޑަރުންގެ ވިސާގެ ކޮޕީ.

19. ޖޫރިމަނާ

ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭ ތަނަކުން ރަޖިސްޓަރީ ނުކޮށްފިނަމަ، ނުވަތަ ގްރީން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތަނަކުން ބަޔާން ހުށަނާޅައިފިނަމަ ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ ގްރީން ޓެކްސް ދައްކަންޖެހޭ ތާރީޚަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ވާ ގޮތުގެ މަތިން އެ ތަނެއް ޖޫރިމަނާ ވާނެއެވެ. 

20. ޤާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔާނީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި އެ ޤާނޫނުތަކުން ބާރު ލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައި ނުވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ޤާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ. 

21. ގަވާއިދަށް ޢަމަލުކުރަން ފެށުން 

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2015 އިން ފެށިގެންނެވެ. 

22. މާނަކުރުން 

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:

"ޤާނޫނު" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށެވެ. 

"ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދުތަކަށެވެ.

ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓު ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް "ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ތަނުގެ އޮޕަރޭޓިންގ ލައިސަންސް، މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ފަރާތަށެވެ. މި މާނަކުރުން، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) އަށް ރައްދެއް ނުވާނެއެވެ.

"24 ގަޑިއިރުގެ ބްލޮކް" ކަމަށް ބުނެފައި އެ ވަނީ، ޗެކް-އިން ވާ ވަގުތުން ފެށިގެން މެދުކެނޑުމަކާ ނުލައި ގުނާ ކޮންމެ 24 ގަޑިއިރަކަށެވެ.

"ޓޫރިސްޓެއް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖެއަށް އަންނަ ދިވެހިރައްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެވެ.

"ގްރީން ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) ގެ ދަށުން ނެގޭ ޓެކުހަށެވެ.

"މީރާ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ. 

(ށ) މި ގަވާއިދުގެ ބޭނުމަށް، ޢިބާރާތްކުރުމުގައި އެކަހެރި ނަން ގިނަނަމުގެ ތެރޭގައި އަދި ގިނަނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ