މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 )ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު( ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގ އެކެވެ. އެހެންގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެވަނީ ޓެކްސް ރޫލިންގ ނަންބަރު 220-PR/TR/2011/8 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގ އަށް ތަބާވުމަށް ޤާނޫނީގޮތުން ލާޒިމުކުރެއެވެ.
ތަޢާރުފް
1. މި ރޫލިންގ ގެ މަޤްޞަދަކީ ގަވާއިދުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާ އިޞްލާޙުކުރުމެވެ.
ރޫލިންގ
2. 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ހ) ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމުވާ ފަރާތްތަކުންނާއި، ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އަމިއްލަ އިޚުތިޔާރުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަތުން ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތިން ޖީ.އެސް.ޓީ ނަގަންވާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގައިވާ ތާރީޚުން ފެށިގެންނެވެ.
3. 12 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ށ) ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމުވާ ފަރާތަކުން، ނުވަތަ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އަމިއްލަ އިޚުތިޔާރުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކުން، އެ ފަރާތަށް ދޫކުރެވިފައިވާ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގައިވާ ތާރީޚުގެ ކުރިން ކޮށްފައިވާ މުޢާމަލާތެއްގެ މަޤްޞަދަކީ ޓެކްސް ދެއްކުމުން އެއްކިބާވުންކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ފޮމިއުލާ ބޭނުންކޮށްގެން އެ މުޢާމަލާތަކުން ހިސާބުކުރެވޭ ޖީ.އެސް.ޓީގެ އަދަދު މީރާއަށް ދެއްކުމަށް އެ ފަރާތަށް އެންގުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
4. 12 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ނ) ޤާނޫނުގެ 51 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ވިޔަފާރި ފަށާ ދުވަސް ކަމަށް ބުނެފައި އެވަނީ، އެ ވިޔަފާރި ހިންގުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ ފަރާތަކަށް ދޫކުރާ ދުވަސް ނުވަތަ، އެފަދަ ހުއްދައެއް ނަގަން ނުޖެހޭ ޙާލަތްތަކުގައި، ވިޔަފާރި ހިންގަން ފަށާ ދުވަހަށެވެ.
5. 12 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ރ) ޤާނޫނުގެ 51 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް، މުދާ އިމްޕޯޓް ކުރަން ފަށާ ތާރީޚު ކަމަށް ބުނެފައި އެވަނީ، މުދާ އިމްޕޯޓް ކުރުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ ފަރާތަކަށް ދޫކުރާ ތާރީޚަށެވެ.
6. 12 ވަނަ މާއްދާގެ (ބ) އުނިކުރުން.
7. 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ހ) އެއްވެސް ފަރާތަކުން، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތިން މީރާގައި ރަޖިސްޓަރީނުކޮށް، ނުވަތަ ރަޖިސްޓަރީ ކުރިކަމުގައިވިޔަސް ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގައިވާ ތާރީޚުގެ ކުރިން، ނުވަތަ ރަޖިސްޓަރީ ބާޠިލުކުރުމަށްފަހު، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަތުން ޖީ.އެސް.ޓީ ނެގުމަކީ ކުށެކެވެ.
8. 13 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ށ) ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމުވާ ފަރާތެއް، އެ ފަރާތެއް މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހެޅުމަށް ޤާނޫނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކުރުމަށް ހުށަނޭޅިކަމުގައިވިޔަސް، އެ ފަރާތެއް މީރާގައި ރަޖިސްޓަރީކުރުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު ހަމަވާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުގެ ތެރޭގައި ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ޖީ.އެސް.ޓީ ހިމެނިފައިވާ ކަމުގައި ބަލައި، އެ ދުވަހުން ފެށިގެން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ ނިސްބަތުން ޤާނޫނުގައިވާ ގޮތުގެމަތިން މީރާއަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ޖީ.އެސް.ޓީ ދައްކަންވާނެއެވެ.
13 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ނ) ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމުވާ ފަރާތަކުން، ނުވަތަ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އަމިއްލަ އިޚުތިޔާރުގައި މީރާގައި ރަޖިސްޓަރީކުރުމުގެ ސަބަބުން ޖީ.އެސް.ޓީ ނަގަންޖެހޭ ފަރާތަކުން، ޤާނޫނާއި މި ގަވާއިދުގެ ދަށުން ޖީ.އެސް.ޓީ ނަގަންޖެހޭ އެއްވެސް މުޢާމަލާތަކުން ޖީ.އެސް.ޓީ ނަގާފައި ނުވާނަމަ، އެ ފަރާތަކީ ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައިވީނަމަވެސް ނުވަތަ ނުވީނަމަވެސް، އެ ފަރާތަކުން އެ މުޢާމަލާތަކާއި ގުޅިގެން މީރާއަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ އަދަދަކީ އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމުން އަންނަ އަދަދެވެ.
މުޢާމަލާތުގެ މުޤާބިލުގެ ގޮތުގައި ލިބުނު ޖުމުލަ އަދަދު × t/(1+t)
t އަކީ ޤާނޫނުގެ 15 ވަނަ މާއްދާ ނުވަތަ 16 ވަނަ މާއްދާގެ ދަށުން އެ މުޢާމަލާތުން ނަގަންޖެހޭ ޖީ.އެސް.ޓީގެ މިންވަރު.
ޢަމަލުކުރަން ފެށުން
10. މި ރޫލިންގ އަށް ޢަމަލުކުރަން ފަށާނީ ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.