ޤާނޫނާއި ގަވާއިދު

×
-

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު (ކޮންސޮލިޑޭޓްކުރެވިފައި) (އުވައިލެވިފައި)

2011/R-35

ނެރުނު ތާރީޚް: 18 އޯގަސްޓު 2011
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 31 މެއި 2018
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

1. ތަޢާރުފާއި ނަން

(ހ) މިއީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު" އެވެ.

2. މަޤްޞަދު

މި ގަވާއިދުގެ މަޤްޞަދަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

3. މާނަކުރުން

(ހ) މި ބާބުގެ ބޭނުމަށް، "ހިސާބުކުރުމުގެ ލިޔެކިޔުންތައް" ކަމަށް ބެލެވޭނީ ތިރީގައިވާ ލިޔެކިޔުންތަކެވެ.

(1) ދުވަހުން ދުވަހަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދު، ވިއްކާ ނުވަތަ ގަންނަ ތަކެއްޗާއި ޚިދުމަތް، ހަރުމުދާ އަދި ދަރަންޏާއި އެހެނިހެން ޒިންމާތަކާބެހޭ ތަފުސީލުތަކުގެ ލިޔެކިޔުންތައް؛

(2) ވައުޗަރ، އިންވޮއިސް، ފައިސާގެ ރަސީދު، ބޭންކް ސްޓޭޓްމަންޓް، ލިޔުމުން ކުރެވޭ އެންމެހައި މުޢާމަލާތްތައް، އަދި ހިސާބުތަކުގައިވާ މަޢުލޫމާތުގެ ޞައްޙަކަން ޔަޤީންކުރުމަށް ކޮންމެހެން ބޭނުންވާ ލިޔެކިޔުންތައް؛

(3) އޭޖެންޓެއް ޢައްޔަންކޮށްފައިވާނަމަ، އެ އޭޖެންޓެއް ޢައްޔަންކުރި ޕްރިންސިޕަލްގެ ފަރާތުން އެ އޭޖެންޓް ކޮށްފައިވާ މުޢާމަލާތްތަކުގެ ލިޔެކިޔުންތައް؛

    (4) އިލެކްޓްރޯނިކް، މެކޭނިކަލް ނުވަތަ މެނުއަލްކޮށް ބެހެއްޓިފައިވާ ލިޔެކިޔުންތައް.

(ށ) މި ބާބުގެ ބޭނުމަށް، އެއްވެސް ފަރާތެއް (ޕްރިންސިޕަލް) ދިވެހިރާއްޖޭގައި ޢައްޔަންކޮށްފައިވާ "އޭޖެންޓެއް" ކަމުގައި ބެލެވޭނީ އަންނަނިވި ފަރާތްތަކެވެ.

(1) ޕްރިންސިޕަލްގެ ފަރާތުން އެއްވެސް ގޮތަކަށް ޢައްޔަންކޮށްފައިވާ ނުވަތަ އޭނާގެ ވަޒީފާގައި ހުރި ފަރާތެއް؛

    (2) ޕްރިންސިޕަލްގެ ވަކީލެއް، ފެކްޓަރއެއް، ރިސީވަރއެއް، ޓްރަސްޓީއެއް، މެނޭޖަރެއް؛

    (3) އެ ފަރާތެއް މެދުވެރިކޮށް ޕްރިންސިޕަލްއަށް އެއްވެސް ފައިދާއެއް ނުވަތަ އާމްދަނީއެއް ހޯދައިދޭ ފަރާތެއް.

4. ހިސާބުތައް ތައްޔާރުކުރުން

ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކަކުން މި ގަވާއިދުގައިވާ ގޮތުގެމަތިން ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

5. ހިސާބުކުރާ މުއްދަތު

(ހ) ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ކޮންމެ ފަރާތެއްގެ ވެސް ހިސާބުކުރާ މުއްދަތަކީ 1 ޖަނަވަރީން 31 ޑިސެންބަރުގެ ނިޔަލަށެވެ.

(ށ) ޓެކްސް އަހަރެއްގެ ތެރޭގައި ވިޔަފާރި ފަށާ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު، އެ ޓެކްސް އަހަރުގެ 31 ޑިސެންބަރުގައި ނިންމަންވާނެއެވެ.

(ނ) އެއްވެސް ފަރާތަކުން ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައިސްފިނަމަ، އެ ފަރާތުގެ ހިސާބުކުރާ މުއްދަތު ނިމުމަކަށް އަންނާނެއެވެ.

(ރ) ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދަށް 9 ވަނަ އިސްލާހު ގެނައުމުގެ ޓެކްސް ރޫލިންގއަށް ޢަމަލުކުރަން ފަށާއިރު އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތަކީ 1 ޖަނަވަރީން 31 ޑިސެންބަރަށް ނޫން ކަމުގައި ވާނަމަ، 31 ޑިސެންބަރު 2016 ގެ ނިޔަލަށް މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ބަދަލުކުރަންވާނެއެވެ.

6. (އުވައިލެވިފައި)

7. ހިސާބުކުރާ މުއްދަތު ބަދަލުކުރުން

ވިޔަފާރި ހުއްޓާލުމާ ގުޅިގެންމެނުވީ، އެމް.އައި.އާރ.އޭ އިން ލިޔުމަކުން ހުއްދަ ހޯދުމަކާއިނުލައި އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު ބަދަލެއް ނުކުރެވޭނެއެވެ.

8. ހިސާބުކުރުމުގެ އުސޫލުތައް

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އެއްވެސް ފަރާތަކުން އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރި ކުރާނަމަ އެ ހުރިހާ ވިޔަފާރިއަކަށް ނިސްބަތްކޮށް ޖުމްލަ ހިސާބެއް ތައްޔާރުކުރަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން އެއްވެސް ދާއިމީ މަރުކަޒެއްގެ ހިސާބުތައް ތައްޔާރުކުރަންޖެހޭނަމަ އެ ހިސާބުތައް ތައްޔާރުކުރަންވާނީ ހަމައެކަނި އެ މަރުކަޒަކުން ނުވަތަ މަރުކަޒެއް މެދުވެރިވެގެން ކުރި ވިޔަފާރިއަކަށެވެ. އަދި އެ ފަރާތަކުން ދިވެހިރާއްޖޭގައި އެއް ދާއިމީ މަރުކަޒަށްވުރެ ގިނަ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާނަމަ އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރަންވާނީ، އެ މަރުކަޒުތަކަކީ ވަކި އެއް ޝަޚުޞެއްގެ ގޮތުގައި ބަލައި، އެ ހުރިހާ މަރުކަޒުތަކެއް އެކުލެވޭގޮތަށެވެ.

(ނ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ އައި.އެފް.އާރް.އެސް ނުވަތަ އެމް.އައި.އާރ.އޭ އިން ގަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް" ބޭނުންކޮށްގެންނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ޖުމުލަ އާމްދަނީ އަހަރަކަށް -/10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، އެ ފަރާތެއްގެ ހިސާބު ތައްޔާރުކުރުމަށް "ކޭޝް ބޭސިސް" އިޚްތިޔާރު ކުރެވިދާނެއެވެ.
(ބ) ޓެކްސް ރޫލިންގ TR-2017/B56 މެދުވެރިކޮށް މި މާއްދާގެ (ރ) އަށް ގެނެވުނު އިޞްލާޙަށް ޢަމަލުކުރާނީ ޓެކްސް އަހަރު 2016 އިން ފެށިގެންނެވެ.  

9. ކޭޝް ބޭސިސް

(ހ) އެއްވެސް ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން "ކޭޝް ބޭސިސް" އިޚްތިޔާރުކުރާނަމަ އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބަލާނީ އެ ފަރާތަކަށް އެ އަހަރެއްގެ ތެރޭގައި ފައިސާއިން ލިބުނު އާމްދަނީއަށާއި އެ އަހަރުގެ ތެރޭގައި ފައިސާއިން ކުރެވުނު ޚަރަދަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ހަރުމުދަލަކާ ގުޅިގެން ކުރެވޭ ޚަރަދުތަކާމެދު ޢަމަލުކުރަންވާނީ އަންނަނިވި ގޮތްތަކާ ޚިލާފުނުވާނެ ގޮތަށް، މި ގަވާއިދުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެމަތިންނެވެ.

(1) އެއްވެސް ހަރުމުދަލެއް ނުވަތަ އެއްބާވަތެއްގެ ހަރުމުދާތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ޚަރަދު -/50,000 (ފަންސާސް ހާސް) ރުފިޔާ އަށްވުރެ އިތުރުނުވާނަމަ އެ ޚަރަދުކުރި ހިސާބުކުރާ މުއްދަތުގައި އެ ޚަރަދެއް އެއްފަހަރާ އުނިކުރުމަށް އިޚްތިޔާރު ކުރެވިދާނެއެވެ. 

(2) މި މާއްދާ ރައްދުވާ ފަރާތްތަކަށް މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.

(ށ) ޓެކްސް ދައްކަންޖެހޭ ފަރާތަކުން ހިސާބުތައް ތައްޔާރުކުރަނީ ކޭޝް ބޭސިސް އަށް ކަމުގައިވިޔަސް، އެމް.އައި.އާރ.އޭ އިން ގަބޫލުކުރާ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ހިސާބުތައް، އެމް.އައި.އާރ.އޭ އަށް ހުށަހެޅުމަށް އެ ފަރާތަކަށް އެންގިދާނެއެވެ.

10. ހިސާބުކުރުމުގެ އުސޫލުތައް ދެމެހެއްޓުން

އެމް.އައި.އާރ.އޭ އިން އެހެން ގޮތަކަށް ހުއްދަނުކުރާހާ ހިނދަކު، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑެއް، އަހަރުން އަހަރަށް ބަދަލުކޮށްގެން ނުވާނެއެވެ.

11. ކުންފުނި އުވައިލުން

(ހ) ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމުން އެ ކުންފުންޏެއްގެ ހިސާބުކުރާ މުއްދަތު ނިމޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކުންފުނި އުވާލުމުގެ މަސައްކަތް ފެށުން ކަމަށް ބެލެވޭނީ:

(1) ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) (މީގެ ފަހުން "ކުންފުންޏާބެހޭ ޤާނޫނު") ގެ 76 ވަނަ މާއްދާގެ (ހ) ގެ ދަށުން ޚާއްޞަ ޤަރާރެއް ފާސްކުރުމަށްފަހު، އެ މާއްދާގެ (ނ) ގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އެ ކަން އެންގުމުން؛ ނުވަތަ

(2) ކުންފުންޏާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރެއް ކުރުމުން؛ ނުވަތަ

(3) ކުންފުންޏާބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިޢުލާނެއް ކުރުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ ފަދަ ޤަރާރެއް ފާސްކޮށްފިނަމަ ނުވަތަ މި މާއްދާގެ (ށ) ގެ (2) ގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ކޮށްފިނަމަ، ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގެ (ށ) ނުވަތަ 81 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކުންފުނި އުވައިލުމުގެ މަސައްކަތް ކުރުމަށް ޢައްޔަންކުރާ ފަރާތް ("ލިކުއިޑޭޓަރ")، އެ ޤަރާރު ފާސްކުރާތާ ނުވަތަ އެ އަމުރު ކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކަމާބެހޭ މައުލޫމާތު މީރާއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމާއެކު، ކުންފުންޏާބެހޭ ޤާނޫނުގެ 76 ވަނަ މާއްދާގެ (ނ) ނުވަތަ 83 ވަނަ މާއްދާގެ ދަށުން ކުރާ އާންމު އިޢުލާނުގެ ކޮޕީއަކާއި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ފޮނުވާ އެންގުމުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

(ރ) ޓެކްސް އަހަރެއްގެ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ނުވަތަ އެ ތާރީޚުގެ ކުރިން ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފަށައިފިނަމަ، އެ އިންޓެރިމް ޕޭމަންޓާއި އެ ޓެކްސް އަހަރަށް ދައްކަންޖެހޭ އެހެން އިންޓެރިމް ޕޭމަންޓްތައް އެ ކުންފުނިން ދައްކާކަށް ނުޖެހޭނެއެވެ.

(ބ) ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމާއެކު ނިމޭ ހިސާބުކުރާ މުއްދަތަށް އެ ކުންފުނިން ޓެކްސް ބަޔާނެއް ހުށަހަޅައި، އެ މުއްދަތަށް ދައްކަންޖެހޭ ފައިނަލް ޕޭމަންޓް ދައްކަންވާނެއެވެ.

(ޅ) ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިކުއިޑޭޓަރ ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، އެ ކުންފުނިން މީރާއަށް ދައްކަންޖެހި ނުދައްކައިހުރި އެންމެހައި ފައިސާ ދައްކައި ޚަލާޞްކުރެވުނުކަން ލިކުއިޑޭޓަރ ޔަގީންކުރަންވާނެއެވެ. ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކުންފުނި އުވައިލާއިރު، ލިކުއިޑޭޓަރގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ނުވަތަ އޭނާގެ އިހުމާލުން އެ ފަދަ ފައިސާއެއް ޚަލާޞްނުކޮށް އޮވެއްޖެނަމަ އެ ފައިސާ މީރާއަށް ދެއްކުމަކީ ލިކުއިޑޭޓަރގެ ޒިންމާއެކެވެ.

(ކ) ލިކުއިޑޭޓަރ ޢައްޔަންކުރާ ތާރީޚުން ފެށިގެން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް ޒިންމާވާ ފަރާތަކީ އެ ލިކުއިޑޭޓަރެވެ.

(އ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމުގެ ފަހުން ފެށޭ އެއްވެސް 12 މަސްދުވަހުގެ މުއްދަތެއްގައި އެ ކުންފުންޏަށް ޓެކްސް ބިނާކުރެވޭ ފައިދާގެ ގޮތުގައި -/500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރަށް ލިބޭނެ ކަމަށް ނުވަތަ ލިބުނު ކަމަށް ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނަމަ، އެ ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުމުގެ ފަހުން ފެށޭ މުއްދަތަކަށް ނުވަތަ މުއްދަތުތަކަކަށް ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ވ) ޓެކްސް ރޫލިންގ TR-2017/B56 މެދުވެރިކޮށް މި މާއްދާއަށް ގެނެވުނު އިޞްލާޙުތައް، އެ ޓެކްސް ރޫލިންގ އަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ކުރިން އުވައިލުމުގެ މަސައްކަތް ފަށައިފައިވާ ކުންފުނިތަކަށް ވެސް ރައްދުވާނެއެވެ.

12. "ކޮންސޮލިޑޭޓެޑް އެކައުންޓްސް" ހުށަހެޅުން

(ހ) ޓެކްސް ދައްކަންޖެހޭ ފަރާތަކީ ހޯލްޑިންގ ކުންފުންޏެއްނަމަ، އެ ފަރާތެއްގެ ޓެކްސް ބަޔާނާއެކު، އެ ކުންފުނި ނިސްބަތްވާ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުންޏަކަށް ތައްޔާރުކުރެވިފައިވާ ކޮންސޮލިޑޭޓެޑް އެކައުންޓްސް އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ. އަދި އެ ކޮންސޮލިޑޭޓެޑް އެކައުންޓްސް ތައްޔާރުކުރަންވާނީ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތަށެވެ.

(ށ) ޤާނޫނުގެ 7 ވަނަ މާއްދާގެ (ބ) އަދި މި މާއްދާގެ (ހ) ގެ ބޭނުމަށް؛

(1) ސަބްސިޑިއަރީ ކުންފުންޏެއްކަމަށް ބެލެވޭނީ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑަކުން އެ ކުންފުންޏަކީ ހޯލްޑިންގ ކުންފުންޏެއްގެ ސަބްސިޑިއަރީއެއްކަމަށް ކަނޑައަޅާނަމައެވެ.

(2) ގްރޫޕެއްގައި ހިމެނޭ ކުންފުނިތަކަކީ ހޯލްޑިންގ ކުންފުންޏާއި އެ ކުންފުނީގެ ދަށުގައިވާ އެންމެހައި ކުންފުނި (ސަބްސިޑިއަރީ) ތަކެވެ.

(ނ) މި މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ކޮންސޮލިޑޭޓެޑް އެކައުންޓްސް ތައްޔާރު ކުރިކަމުގައިވިޔަސް، ގުރޫޕުގައި ހިމެނޭ ކޮންމެ ކުންފުންޏަކުންވެސް ވަކި މާލީ ހިސާބުތަކާއި ވަކި ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ. 

13. މާލީ ހިސާބުތައް ހުށަހެޅުން

(ހ) އެމް.އައި.އާރ.އޭ އިން އެ ފަރާތެއް އިސްތިސްނާ ނުކުރާހާ ހިނދަކު، ޓެކްސް ބަޔާނާއެކު އެ ފަރާތެއްގެ މާލީ ހިސާބުތައް އެމް.އައި.އާރ.އޭ އަށް ހުށައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ އިސްތިސްނާއެއް، އެއް ފަރާތަށް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަށްވެސް ދެވިދާނެއެވެ.

14. އޮޑިޓަރުން ޢައްޔަންކުރުން

އެއްވެސް ޓެކްސް އަހަރެއްގައި އެއްވެސް ފަރާތަކުން އޮޑިޓަރަކު ޢައްޔަންކުރުމަށް އެމް.އައި.އާރ.އޭ އިން ލާޒިމުކުރާނަމަ، އެމް.އައި.އާރ.އޭ ގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އެ ފަރާތަކުން ޢައްޔަންކޮށް، މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހުށައަޅާ މާލީ ހިސާބުތަކާއެކު އެ ފަރާތެއްގެ އޮޑިޓަރުގެ ރިޕޯޓު ހުށައަޅަންވާނެއެވެ.

15. (އުވައިލެވިފައި)

16. ހިސާބުކުރުމުގެ ލިޔެކިޔުންތައް ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންމެހައި ފަރާތްތަކުން، އެމް.އައި.އާރ.އޭ އަށް އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ދެނެގަނެވޭނެފަދަ ފެންވަރަކަށް އެ ފަރާތެއްގެ ހިސާބުތައް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެފަދަ ހިސާބުތައް ހުންނަންވާނީ ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު ނުވަތަ އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީ އިންނެވެ.

(ށ) އެއްވެސް ފަރާތެއްގެ ފަންކްޝަނަލް ކަރަންސީ ކަނޑައަޅަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިންނެވެ.

(ނ) ފަންކްޝަނަލް ކަރަންސީ ނޫން އެހެން ފައިސާއަކުން ކުރާ މުޢާމަލާތްތައް ރެކޯޑު ކުރަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ޝާއިޢުކުރާ، އެ މުޢާމަލާތް ހިނގި ދުވަހުގެ އެކްސްޗޭންޖް ރޭޓުގެ ±2% ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.

(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އެކްސްޗޭންޖް ރޭޓު ބެލުމުގައި ރިޢާޔަތްކުރަންވާނީ އެއް މަސްދަރަކަށެވެ.

(ބ) މި ގަވާއިދުގެ ބޭނުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ރޭޓު ޝާއިޢުކޮށްފައި ނުވާ ދުވަހެއްގެ ރިފަރެންސް ރޭޓަކީ އެ ދުވަހުގެ ކުރިން އެންމެ ފަހުން ޝާއިޢުކޮށްފައިވާ ރޭޓެވެ.

(ޅ) ހިސާބުކުރުމުގެ ލިޔެކިޔުންތައް ބަލަހައްޓަންޖެހޭނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ.

(ކ) ހިސާބުކުރުމުގެ ލިޔެކިޔުންތައް އިލެކްޓްރޯނިކް ފޯމެޓެއްގައި ބެހެއްޓޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.

(1) އެމް.އައި.އާރ.އޭ އިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ލިޔެކިޔުންތައް ކަރުދާހަށް ޕްރިންޓްކުރެވުން، އަދި

(2) އެ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުމަށް އެމް.އައި.އާރ.އޭ އިން ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހޯދައި ބެލޭގޮތަށް ހުރުން، އަދި

(3) އެއް ފޯމެޓުން އަނެއް ފޯމެޓަށް ބަދަލުކުރާއިރު އެ ބަދަލުކުރެވުނު ލިޔެކިޔުންތައް އަސްލާ އެއްގޮތްކަން ޔަޤީންކުރެވުން، އަދި

(4) ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ ލިޔެކިޔުންތަކަށް ބަދަލެއް ނުގެނެވުން، އަދި

(5) އެ ލިޔެކިޔުންތަކާގުޅޭ އޮޑިޓް ލޮގް ރިޕޯޓެއް ނެގޭ ގޮތަށް ހުރުން.

(އ) އިންޓަނެޓް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތަކުން އެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ކުރެވުނު އެންމެހައި މުޢާމަލާތްތަކުގެ ހިސާބުކުރުމުގެ ލިޔެކިޔުންތައް ބަލަހައްޓަންވާނެއެވެ.

(ވ) އެއްވެސް ފަރާތެއްގެ "އެކައުންޓިންގ ސިސްޓަމް" އަދި "ޕްރޮގްރާމް ޑޮކިއުމެންޓޭޝަން" ހޯދުމަށް އެމް.އައި.އާރ.އޭ އިން އެދިއްޖެނަމަ އެ މަޢުލޫމާތު އެމް.އައި.އާރ.އޭ އަށް ހުށަހަޅަންވާނެއެވެ.

(މ) މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ހިސާބުކުރުމުގެ ލިޔެކިޔުންތައް ބަހައްޓަންވާނީ ދިވެހިރާއްޖޭގައި އެ ފަރާތެއް ޢާންމުކޮށް ވިޔަފާރި ހިންގުމަށް ބޭނުންކުރާ ތަނެއްގައެވެ. އަދި މިފަދަ ލިޔެކިޔުންތައް ހުންނަންވާނީ އެމް.އައި.އާރ.އޭ އިން ބޭނުންވެއްޖެ ހިނދެއްގައި ބެލޭނެފަދަ ގޮތަކަށެވެ. މިފަދަ ލިޔެކިޔުންތައް އެ މުޢާމަލާތަކާ ގުޅޭ ހިސާބުކުރާ މުއްދަތު ނިމޭތާ މަދުވެގެން 5 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ.

(ފ) އެއްވެސް ފަރާތެއްގެ ހިސާބުކުރުމުގެ ލިޔެކިޔުންތައް މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެކުރިން ނައްތާލެވޭނީ އެމް.އައި.އާރ.އޭ އިން ލިއުމަކުން ހުއްދަ ދިނުމުންނެވެ.

(ދ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އެމް.އައި.އާރ.އޭ އިން ކުރަމުން ގެންދާ ނުވަތަ ކުރަން ރާވާފައިވާ އޮޑިޓެއްގެ ނުވަތަ ތަޙުޤީޤެއްގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތެއްގެ ލިޔެކިޔުންތައް 5 (ފަހެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތަކަށް ބެލެހެއްޓުމަށް އެފަރާތަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

17. ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވުން

(ހ) ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ވަކިފަރުދެއްގެ ނުވަތަ ޑީމްޑް ޕާޓްނަރޝިޕެއްގެ ހިސާބުކުރާ މުއްދަތެއްގެ ޖުމުލަ އާމްދަނީ -/1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، އެ މުއްދަތަށް އެ ފަރާތުން ޓެކްސް ބަޔާނެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުގެ އެ މުއްދަތުގެ ޓެކްސް ބިނާކުރެވޭ ފައިދާ -/500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވާނަމަ، އެ ފަރާތުން އެ މުއްދަތަށް ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭނެއެވެ.

(ނ) ވަކިފަރުދަކަށް ނުވަތަ ޑީމްޑް ޕާޓްނަރޝިޕަކަށް ހިސާބުކުރާ މުއްދަތެއްގައި ލިބުނު ޖުމުލަ އާމްދަނީ -/1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ ނުވަތަ ޓެކްސް ބިނާކުރެވޭ ފައިދާ -/500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ނިމުމަކަށް އަންނާނެއެވެ. މި އަކުރަށް ޢަމަލުކުރަން ފަށާނީ ޓެކްސް އަހަރު 2016 އިން ފެށިގެންނެވެ. އެބަހީ، ޓެކްސް އަހަރު 2015 ގައި އެ ފަރާތުގެ ޖުމުލަ އާމްދަނީ -/1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ އިތުރުވިނަމަ، ނުވަތަ ޓެކްސް އަހަރު 2015 ގައި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ -/500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވިނަމަ، މި މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނަރ ޖެނެރަލް ހުއްދަ ނުދޭހައި ހިނދަކު، ޓެކްސް އަހަރު 2016 އަދި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށް އެ ފަރާތުން ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ވަކިފަރުދަކަށް ނުވަތަ ޑީމްޑް ޕާޓްނަރޝިޕަކަށް ލިބުނު އިސްތިސްނާ މި މާއްދާގެ (ނ) ގެ ދަށުން ނިމުމަކަށް އައުމަށްފަހު، މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާވުމުގެ ޝަރުޠުތައް ވިދިވިދިގެން 2 (ދޭއް) އަހަރު ފުރިހަމަވެއްޖެނަމަ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ޖެހުމުން އަލުން އިސްތިސްނާކޮށްދިނުމަށް އެދި ކޮމިޝަނަރ ޖެނެރަލްގެ ކިބައިން އެ ފަރާތަށް އެދެވިދާނެއެވެ. އަދި އެ ފަދަ ހުށަހެޅުންތައް މީރާއިން ރިވިއުކުރުމަށްފަހު ކޮމިޝަނަރ ޖެނެރަލް އެ ކަމަށް ހުއްދަ ދިނުމާ ހަމައަށް އެ ފަރާތުން ޓެކްސް ބަޔާން ހުށަހަޅަމުން ގެންދަންވާނެއެވެ.

(ބ) ހިސާބުކުރާ މުއްދަތު 12 (ބާރަ) މަސްދުވަހަށްވުރެ ކުރުނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައިވާ ތްރެޝޯލްޑްތައް އެ މުއްދަތުގައި ހިމެނޭ ދުވަހުގެ އަދަދުގެ ނިސްބަތުން ޕްރޮރޭޓްކުރަންވާނެއެވެ.

18. ޓެކްސް ބަޔާން އިޞްލާޙުކުރުން

އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާނަކާ ގުޅިގެން އެ ފަރާތުން "އިޞްލާޙުކުރެވިފައިވާ ޓެކްސް ބަޔާނެއް" އެމް.އައި.އާރ.އޭ އަށް ހުށަހަޅައިފިނަމަ އެ ބަޔާނަކީ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އެންގުން" ކަމުގައި ބެލެވޭނެއެވެ.

19. ޓެކްސްގެ މިންވަރު ލަފާކުރުން

(ހ) ފުރަތަމަ ޓެކްސް އަހަރުގައި ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް ހިސާބުކުރުމުގައި ޢަމަލުކުރާނީ މި ގަވާއިދުގެ ނުވަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ޤާނޫނުގެ 23 ވަނަ މާއްދާ އާއި މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޢަމަލުކޮށްފައި ނުވާނަމަ، ޤާނޫނުގެ 23 ވަނަ މާއްދާގެ (އ) އަދި 33 ވަނަ މާއްދާ އެފަރާތެއްގެ މައްޗަށް ހިނގާނެއެވެ.

20. ޓެކްސް ބަޔާން ތައްޔާރުކުރުން އަދި ޓެކްސް ދެއްކުން

(ހ) ކޮންމެ ފަރާތެއްގެވެސް ޓެކްސް ބަޔާން ތައްޔާރުކުރަންވާނީ އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީ އިންނެވެ.

(ށ) ޕްރެޒެންޓޭޝަން ކަރަންސީގެ ގޮތުގައި ރުފިޔާ އިޚްތިޔާރުކުރާ ފަރާތަކުން ޓެކްސް ދައްކަންވާނީ ރުފިޔާއިންނެވެ.

(ނ) ޕްރެޒެންޓޭޝަން ކަރަންސީގެ ގޮތުގައި އެމެރިކާ ޑޮލަރު އިޚްތިޔާރުކުރާ ފަރާތަކުން ޓެކްސް ދައްކަންވާނީ ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ. މި ފަދަ ފަރާތަކުން ރުފިޔާއިން ޓެކްސް ދެއްކުމަށް އިޚްތިޔާރުކޮށްފިނަމަ، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ 1 (އެކެއް) އެމެރިކާ ޑޮލަރަށް 15.42ރ (ފަނަރަ ރުފިޔާ ސާޅީސް ދެ ލާރި) ގެ ރޭޓުންނެވެ.

(ރ) ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ޓެކްސް އަހަރެއްގައި ހިމެނެނީ 365 ދުވަހެވެ. އެބަހީ، ޓެކްސް އަހަރެއްގެ ތެރޭގައި ހިމެނޭ ދުވަސްތަކުގެ އަދަދު ބެލުމުގައި ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހެއް ނުހިމެނޭނެއެވެ.

21. އަނބުރާނުލިބޭނެ ދަރަނި

ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރުގެ ބޭނުމަށް، އެއްވެސް ފަރާތަކުން ކޮށްފައިވާ މުޢާމަލާތަކާއި ގުޅިގެން އެ ފަރާތަކަށް ލިބެންޖެހޭ ފައިސާ ނުވަތަ އެއިން ބައެއް އަނބުރާ ނުލިބޭނެކަމަށް ބަލައި، ތިރީގައިވާ އުސޫލުތަކުގެ މަތިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެފަދަ ދަރަނި އުނިކުރެވިދާނެއެވެ.

(ހ) ކޯޓު ޙުކުމަކުން ދަރަންޏެއް އެއްކޮށް ނުވަތަ އެއިން ބައެއް އަނބުރާ ނުލިބޭނެކަމަށް ނިންމުން،

(ށ) ދަރަނި އަދާކުރަންޖެހޭ ފަރާތުގެ ވިޔަފާރި ލިކުއިޑޭޓްކުރުން ނުވަތަ އިފްލާސް ކުރުން،

(ނ) ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ދަށުން އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގ ސްޓޭންޑަޑަކާ އެއްގޮތަށް ހިސާބުތަކުން އެ ދަރަނި އުނިކުރެވިފައިވުން.

22. ކުއްޔަށް ހިފާފައިވާ މުދަލުގެ ކުލި

(ހ) ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި އަދި މި ގަވާއިދުގެ 67 ވަނަ މާއްދާ އާއި ޚިލާފުނުވާ ގޮތުގެމަތިން، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ޓެކްސް އަހަރެއްގައި ވިޔަފާރީގައި ބޭނުންކުރާ ތަނެއްގެ ކުލީގެ ގޮތުގައި ދައްކާ ފައިސާ އުނިކުރެވިދާނެއެވެ.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 6 ވަނަ މާއްދާ އާއި 25 ވަނަ މާއްދާގެ ބޭނުމަށް، ކުއްޔަށް ދޫކުރާ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ނޫންނަމަ، ކުއްޔަށް ދޫކުރުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ދޫކުރާ ފަރާތަށް ދައްކާ އެއްވެސް އަދަދެއް ބެލެވޭނީ އޮޕަރޭޓިންގ ލީޒްއެއްގެ ދަށުން ދައްކާ ކުއްޔެއްގެ ގޮތުގައެވެ.

23. މުދަލު ޒަކާތް

ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، މުދަލު ޒަކާތުގެ ގޮތުގައި އުނިކުރެވޭނީ އެ އަހަރެއްގެ ތެރޭގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް އެފަރާތަކުން ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާގެ އަދަދެވެ. އަދި މި އަދަދު އުނިކުރެވޭނީ، އެ އިދާރާއަކުން ދޫކޮށްފައިވާ ފައިސާ ދެއްކިކަމުގެ ރަސީދެއް ނުވަތަ ލިއުމެއް އޮތްނަމައެވެ.

24. ހެޑް އޮފީސް

ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ދާއިމީ މަރުކަޒެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ "ހެޑް އޮފީސް" ކަމަށް ބުނެފައިވަނީ،

(ހ) އެ ދާއިމީ މަރުކަޒުގެ ވެރިފަރާތުގެ ހެޑް އޮފީސް، ނުވަތަ

(ށ) ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ އެހެން ދާއިމީ މަރުކަޒެއް، ނުވަތަ

(ނ) އެ ފަރާތަކާއި ގުޅުންހުރި އެހެން އެއްވެސް ފަރާތަކަށެވެ.

25. ހެޑް އޮފީސް ޚަރަދު

(ހ) ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، "ހެޑް އޮފީސް ޚަރަދު" ތަކުގެ ތެރޭގައި ހިމެނެނީ ކޮންސަލްޓަންޓުންނަށް ކުރާ ޚަރަދާއި، ދިރާސާކުރުމާއި ތަރައްޤީކުރުމުގެ ޚަރަދާއި، ޑޭޓާ ޕްރޮސެސިންގ ޚަރަދާއި، އިންޓޭންޖިބަލް އެސެޓެއް ނުވަތަ ފިކުރީ މުދަލެއް ބޭނުންކުރުމުގެ ޙައްޤު ދިނުމަށް ކުރާ ޚަރަދާއި، ހިންގުމުގެ ޚަރަދާއި، އަދި އެފަދަ ޚަރަދެއް، ދާއިމީ މަރުކަޒެއްގެ ހެޑް އޮފީހަކުން ދިވެހިރާއްޖޭގައި ހުންނަ ދާއިމީ މަރުކަޒަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ކޮށްފައިވާނަމަ އެ ޚަރަދުތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހެޑް އޮފީހުގެ ޚަރަދުކަމަށް ބެލެވޭނީ ޤާނޫނުގެ 29 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން ކަނޑައެޅޭ އަދަދެވެ.

26. ހެޑް އޮފީސް ޚަރަދު އުނިނުކުރެވޭނެ ޙާލަތްތައް

ދާއިމީ މަރުކަޒަކާއި ގުޅޭގޮތުން ހެޑް އޮފީހުން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ސުޕަވައިޒް ކުރުންފަދަ ކަމެއްނަމަ، އެ ދާއިމީ މަރުކަޒުގެ ޓެކްސް ބިނާކުރެވޭފައިދާ ހިސާބުކުރުމުގައި، ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް ހެޑް އޮފީހުގެ ޚަރަދުގެ ގޮތުގައި އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ. އަދި މި ގަވާއިދުގެ 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއަށް ޢަމަލުކުރާނީ މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

27. ސީދާ ދާއިމީ މަރުކަޒަށް ކޮށްފައިވާ ޚަރަދު

ދާއިމީ މަރުކަޒެއްގެ ހެޑް އޮފީހުން ސީދާ އެ ދާއިމީ މަރުކަޒަށް ކޮށްފައިވާކަމަށް ކަނޑައެޅިގެން އެނގެންހުރި ޚަރަދުތައް، އެ ޚަރަދެއް ކުރެވުނީ ހަމައެކަނި އެ ދާއިމީ މަރުކަޒެއްގެ އާމްދަނީ ހޯދުމަށްކަމަށްވާނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

28. ނުސީދާކޮށް ދާއިމީ މަރުކަޒަށް ކޮށްފައިވާ ޚަރަދު

ދާއިމީ މަރުކަޒެއްގެ ހެޑް އޮފީހުން ސީދާ އެ ދާއިމީ މަރުކަޒަށް ކޮށްފައިވާކަމަށް ކަނޑައެޅިގެން އެނގެންނެތް ޚަރަދުތައް، އެ ޚަރަދެއް ކުރެވުނީ ހަމައެކަނި އެ ދާއިމީ މަރުކަޒެއްގެ އާމްދަނީ ހޯދުމަށް ކަމަށްނުވާނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވޭނީ، އެ ޚަރަދުގެ ތެރެއިން އެ ދާއިމީ މަރުކަޒުގެ ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަކީ އެ ދާއިމީ މަރުކަޒުން ލިބޭ މަންފާގެ ނިސްބަތުން، އަދި އެމް.އައި.އާރ.އޭ އަށް ގަބޫލުކުރެވޭފަދަ އުސޫލަކުން ބަހާލެވިފައިވާ އަދަދެއްކަމުގައި ވާނަމައެވެ.

29. ހެޑް އޮފީސް ޚަރަދުގެ ގޮތުގައި ގިނަވެގެން އުނިކުރެވޭނެ އަދަދު

ދާއިމީ މަރުކަޒެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި މި ގަވާއިދުގެ 27 ވަނަ މާއްދާ އަދި 28 ވަނަ މާއްދާގެ ދަށުން، ހެޑް އޮފީސް ޚަރަދުގެ ގޮތުގައި ގިނަވެގެން އުނިކުރެވޭނެ ޖުމްލަ އަދަދަކީ ތިރީގައިވާ އަދަދުތަކުގެ ތެރެއިން ކުޑަ އަދަދެކެވެ.

(ހ) އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑާއި އެއްގޮތަށް ހިސާބުތައް ތައްޔާރުކުރުމުން އަންނަ އަދަދު، ނުވަތަ

(ށ) އެ ހިސާބުކުރުމުގެ މުއްދަތުގައި ވިޔަފާރިކޮށްގެން އެ ދާއިމީ މަރުކަޒަކަށް ލިބުނު ޖުމްލަ އާމްދަނީގެ 3 އިންސައްތަ.

30. މުވައްޒަފުންގެ ވެލްފެއަރ ޚަރަދު

(ހ) ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް، ތިރީގައި ބަޔާންކުރެވޭގޮތަށް މުވައްޒަފުންގެ ވެލްފެއަރއަށް އަމާޒުކޮށް ކުރެވޭ ޚަރަދަކީ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވިދާނެ ޚަރަދެކެވެ.

(1) ޞިއްޙީ ޙާލަތަކާ ގުޅިގެން މަސައްކަތްކުރުމަށް ނުކުޅެދޭ މުވައްޒަފަކަށް ކުރާ ޚަރަދު، ނުވަތަ

(2) ނިޔާވެފައިވާ މުވައްޒަފެއްގެ ދިރިހުރި އަންބެއް ނުވަތަ ފިރިއެއް ނުވަތަ 18 އަހަރު ނުވާ ދަރިއަކަށް ކުރާ ޚަރަދު، ނުވަތަ

(3) އެ ފަރާތެއްގެ މުވައްޒަފުންގެ ފައިދާއަށް އަމާޒުކޮށް އުފައްދާފައިވާ، އަދި މުވައްޒަފުންނަށް ޞިއްޙީ އަދި އެނޫންވެސް ވެލްފެއަރ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވޭ ފަންޑަކަށް ކުރާ ޚަރަދު، ނުވަތަ

(4) މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއް ނެތި، މުވައްޒަފުންގެ އާންމު މަންފާއެއް ކުރިއެރުވުމަށް ކުރާ ޚަރަދު.

(ށ) މި މާއްދާގެ (ހ) ގެ (3) ގެ ދަށުން އެއްވެސް އަދަދެއް އުނިކުރެވޭނީ އެމް.އައި.އާރ.އޭ އިން ހުއްދަކޮށްފައިވާ ފަންޑަކަށް ކޮށްފައިވާ ޚަރަދެއްނަމައެވެ.

31. ހަދިޔާ

(ހ) ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) ގެ ބޭނުމަށް، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރުމަށް ހުއްދަ ދެވޭނީ މި މާއްދާގެ (ށ) ގައިވާގޮތަށް އެމް.އައި.އާރ.އޭ އިން ހުއްދަކުރާ ފަރާތަކަށް ފައިސާއިން ދެވޭ ހަދިޔާއާއި މުދާ ހޯދުމަށްފަހު 12 މަސްދުވަސް ހަމަވުމުގެ ކުރިން ހަދިޔާކުރެވޭ މުދާ ގަތުމަށް ކުރެވުނު ޚަރަދެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް އަދަދެއް އުނިކުރެވޭނީ އެ ހަދިޔާ ލިބުނު ފަރާތުގެ ރަސީދެއް ނުވަތަ ލިޔުމެއް އޮތްނަމައެވެ.

32. ޕެންޝަން ޚަރަދު

ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ޕެންޝަން ޚަރަދުގެ ގޮތުގައި އުނިކުރުމަށް ހުއްދަ ދެވޭނީ؛

(ހ) ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޕެންޝަނަށް ދައްކާ އަދަދު، އަދި

(ށ) ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ، ޕެންޝަނަށް ދައްކާފައިވާ ފައިސާގެ އަދަދު އެނގޭނެ ރަސީދެއް ނުވަތަ ލިޔުމެއް އޮތްނަމައެވެ.

33. ފައިސާ ނޫންގޮތަކަށް ދެވޭ އުޖޫރަ އަގުކުރުން

(ހ) ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އާއި (ރ) އަދި 43 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ފައިސާ ނޫން ގޮތަކަށް ދެވޭ އުޖޫރައިގެ ތެރޭގައި ހިމެނޭ ޢިނާޔަތެއްގެ އަގު ކަމަށް ބަލާނީ އެ ޢިނާޔަތެއްގެ ބާޒާރުގެ އަގެވެ.

(ށ) ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ (1) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ކުންފުންޏެއްގެ ހަރުމުދަލެއް ބޭނުންކުރާ ކުރުމަކީ ފައިސާ ނޫން ގޮތަކަށް އެ ފަރާތަށް ދެވޭ އުޖޫރަ ކަމުގައި ބެލެވޭނެއެވެ. އަދި، މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އުޖޫރައިގެ އަގު ކަމުގައި ބަލާނީ އެ ހަރުމުދަލަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައި އުނިކުރެވޭނެ އަދަދެވެ. އަދި މި އަކުރު ރައްދުވާ ޙާލަތުގައި އެ ހަރުމުދަލަށް ކެޕިޓަލް އެލަވަންސް އުންޏެއް ނުކުރެވޭނެއެވެ.

34. ރީއިމްބަރސް ކުރެވޭ ޚަރަދު

އެއްވެސް ފަރާތަކުން ކޮށްފައިވާ ޚަރަދަކާއި ގުޅޭގޮތުން ރީއިމްބަރސްމަންޓެއްގެ ގޮތުގައި އެއްވެސް އަދަދެއް އަނބުރާ ލިބިއްޖެނަމަ، އެ ޚަރަދުގެ ގޮތުގައި އުނިކުރެވޭނީ ރީއިމްބަރސް ކުރެވުނު އަދަދު އަޅައިކެނޑުމަށްފަހުގައެވެ.

35. އުނިކުރެވޭ އެންމެ ބޮޑު އަދަދު

އެއްވެސް ޚަރަދަކާއި ގުޅިގެން އެކި ގޮތްގޮތުން ދެވޭ އުނިކުރުންތަކުގެ ޖުމްލަ އަދަދު، އެ ޚަރަދުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެގެންނުވާނެއެވެ.

36. ޖޫރިމަނާގެ މާނަ

ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށް، ޖޫރިމަނާ ކަމަށް ބަލާނީ ދައުލަތުގެ މުއައްސަސާއަކުން، ރެގިއުލޭޓްކުރާ އިދާރާއަކުން، ކޯޓަކުން، ޓްރައިބިއުނަލް އަކުން، ނުވަތަ ދިވެހިރާއްޖޭގައި ނުވަތަ ބޭރު ޤައުމެއްގައި ޖޫރިމަނާއެއް ކުރުމުގެ ޤާނޫނީ ބާރެއް ލިބިފައިވާ އެނޫންވެސް އެފަދަ ފަރާތަކުން ކުރާ ޖޫރިމަނާއެކެވެ.

37. (އުވައިލެވިފައި) 

38. ކެޕިޓަލް އެލަވަންސާގުޅޭ

މި ބާބުގެ ބޭނުމަށް:

(ހ) "ކެޕިޓަލް އެލަވަންސް" ކަމަށް ބުނެފައިވަނީ، ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ކެޕިޓަލް ޚަރަދަކާ ގުޅިގެން ދެވޭ ކެޕިޓަލް އެލަވަންސަށެވެ.

(ށ) "ބެލެންސިންގ އެލަވަންސް" ކަމަށް ބުނެފައިވަނީ، މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރެވޭ އަދަދަށެވެ.

(ނ) "ބެލެންސިންގ ޗާޖް" ކަމަށް ބުނެފައިވަނީ، މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އިތުރުކުރެވޭ އަދަދަކަށެވެ.

(ރ) "ރިޓްންޑައުން ވެލިއު" ކަމަށް ބުނެފައިވަނީ، ހަރުމުދަލެއް ގަތުމަށް ހިނގި ޚަރަދާއި، ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެ މުދަލުގެ އަގުގެ ގޮތުގައި މި ގަވާއިދުގެ 46 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރެވޭ ޢަދަދާއި، މި ދެ ޢަދަދުންކުރެ ކުޑަ ޢަދަދަކުން، ކުރީގެ ހިސާބުކުރާ މުއްދަތުތަކުގައި ކެޕިޓަލް އެލަވަންސްގެ ގޮތުގައި އުނިކުރެވިފައިވާ ޢަދަދުތަކުގެ ޖުމުލަ އުނިކުރުމުން އަންނަ ޢަދަދަށެވެ.

(ބ) "ޑިސްޕޯސަލް ވެލިއު" ކަމަށްބުނެފައިވަނީ، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާފަދަ ޙާލަތަކާ ގުޅިގެން، މި ގަވާއިދުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިސާބުކުރެވިފައިވާ އަދަދަށެވެ.

(ޅ) "ޢިމާރާތް" ކަމަށް ބުނެފައިވަނީ، ޢިމާރާތްތަކާއި، ޖެޓީތަކާއި، ސްލިޕްވޭތަކާއި، މަގުތަކާއި މިނޫންވެސް މިފަދަ އެހެނިހެން ދާއިމީ ބިނާތައްވެސް ހިމެނޭ ގޮތުންނެވެ.

(ކ) "އެއަރކްރާފްޓް" ކަމަށް ބުނެފައިވަނީ، މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި، ސީޕްލޭން، އަދި މިނޫންވެސް އޭރޯޑައިނަމިކްސް ބޭނުންކޮށްގެން ދުއްވާ އެންމެހައި އުޅަނދުތައް ހިމެނޭ ގޮތުންނެވެ.

(އ) "ރެލަވަންޓް އިވެންޓް" ކަމަށް ބުނެފައިވަނީ، ތިރީގައި ބަޔާކުރެވިފައިވާ ކަމަކުންކުރެ ކަމަކަށެވެ.

(1) ހަރުމުދަލެއް ވިއްކާލުން،

(2) ހަރުމުދަލެއްގެ މިލްކުވެރިކަން އެ މުދަލުގެ ވެރިފަރާތުން ދާއިމީކޮށް ނެތިދިއުން،

(3) ހަލާކުވެގެން ނުވަތަ އެނޫންވެސް ގޮތަކަށް ހަރުމުދަލެއް ނެތިދިއުން،

(4) ހަރުމުދާ ބޭނުންކުރުން ދާއިމީކޮށް ހުއްޓާލުން ނުވަތަ އެ މުދާ ބޭނުންކުރަމުންދިޔަ ވިޔަފާރި ދާއިމީކޮށް ހުއްޓާލުން ނުވަތަ ނިމުމަކަށް ގެނައުން ނުވަތަ އުވާލުން،

(5) ހަރުމުދަލެއްގެ ވެރިފަރާތުން އެ މުދާ ބޭނުންކޮށްގެން ކުރަމުންދާ ވިޔަފާރިއަކުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައުން،

(6) އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓެއްގެ ބައެއް ވިއްކާލުން ނުވަތަ ބޭނުންކުރުމުގެ ޙައްޤު އެހެން ފަރާތަކަށް ދިނުން.

39. ކެޕިޓަލް ޚަރަދު އަގުކުރުން

މި ބާބުގެ ދަށުން އެ ޚަރަދަކާއި ގުޅިގެން ކެޕިޓަލް އެލަވަންސް ދެވޭ އެއްވެސް ޚަރަދަކީ ބާޒާރުގައި ހިނގާނެ ޚަރަދަކަށްވުރެ އިތުރު ޚަރަދެއްނަމަ، އެ ޚަރަދެއްގެ އަދަދު ކަމަށް ބެލެވޭނީ އެޚަރަދެއްގެ ބާޒާރުގެ އަގެވެ.

40. ބާޒާރުގައި ހަރުމުދަލުގެ އަގު

މި ބާބުގެ ބޭނުމަށް، މި ގަވާއިދުގެ އެއްވެސް މާއްދާއަކާއި ތަޢާރުޒުނުވާ ގޮތުގެމަތިން، ތިރީގައިވާ ޙާލަތްތަކުގައި ހަރުމުދަލެއް ގަތުމަށް ކުރެވުނު ޚަރަދުކަމަށް ބަލާނީ އެ މުދަލެއް އެންމެ ފުރަތަމަ ބޭނުންކުރިއިރު ބާޒާރުގައި އެ މުދަލުގެ އަގެވެ.

(ހ) ވިޔަފާރިއެއް ހިންގާ ފަރާތަކުން، އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ފެށުމުގެ ކުރިން ހަރުމުދަލެއް ގަތުމަށް ހިނގާފައިވާ ޚަރަދަކާއި ގުޅިގެން ކެޕިޓަލް އެލަވަންސް ހޯދުމަށް އެދުން؛

(ށ) އެ މުދަލެއް ފުރަތަމަ ބޭނުންކުރިއިރު، އެ މުދާ އަސްލު ގަތް އަގަށްވުރެ އޭގެ ބާޒާރުގެ އަގު ކުޑަވުން.

41. ހިސާބުކުރާ މުއްދަތުން ބައެއްގައި ހަރުމުދާ ބޭނުންކުރުން

ހަރުމުދާ ގަންނަ ހިސާބުކުރާ މުއްދަތުގައި އެ މުދަލަކަށް ކެޕިޓަލް އެލަވަންސް ދެވޭނީ އެ މުއްދަތެއްގެ ބޮޑުބައެއްގައި އެ މުދާ ބޭނުންކޮށްފައިވާނަމައެވެ. އެއީ، ފުރިހަމަ ހިސާބުކުރާ މުއްދަތެއްގައިނަމަ މަދުވެގެން 183 ދުވަހު އެ މުދާ ބޭނުންކޮށްފައިވާނަމައެވެ.

42. ވިޔަފާރީގެ ބޭނުމަށް ނޫން ގޮތަކަށް ހަރުމުދާ ބޭނުންކުރުން

އެއްވެސް މިންވަރަކަށް ވިޔަފާރީގެ ބޭނުމަށް ނޫންގޮތަކަށް ބޭނުންކުރާ ހަރުމުދަލެއްނަމަ، އެ މުދަލަކަށް ކެޕިޓަލް އެލަވަންސް ދެވޭނީ އެވިޔަފާރީގެ ބޭނުމަށް އެ މުދަލެއް ބޭނުންކޮށްފައިވާ ނިސްބަތަކުންނެވެ. 

43. އެއްފަހަރާ އުނިކުރުން

(ހ) މި ބާބުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެއްވެސް ހަރުމުދަލެއް ނުވަތަ އެއްބާވަތެއްގެ ހަރުމުދާތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ޚަރަދު -/5,000 (ފަސް ހާސް) ރުފިޔާއަށްވުރެ އިތުރުނުވާނަމަ އެ ފަރާތަކުން އެ ޚަރަދު ހިނގި ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެ ޚަރަދެއް އެއްފަހަރާ އުނިކުރުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން އެއްފަހަރާ އުނިކުރުމަށް އިޚްތިޔާރުކުރެވޭ ޚަރަދުގެ ޖުމްލަ އެއްވެސް ހިސާބުކުރާ މުއްދަތެއްގައި -/100,000 (އެއް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެގެންނުވާނެއެވެ.

44. މުދަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ކެޕިޓަލް އެލަވަންސް ދިނުން

މުދަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ކެޕިޓަލް އެލަވަންސް ދެވޭނީ އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގ ސްޓޭންޑަޑްގައިވާ ގޮތުގެމަތިން އެ ފަރާތަކަށް އެމުދަލުގެ ޑިޕްރިސިއޭޝަން އުނިކުރެވޭ ޙާލަތްތަކުގައެވެ.

45. އެއް ޚަރަދެއް ދެފަހަރު އުނިނުކުރުން

މި ބާބުގެ ބޭނުމަށް، އެއްވެސް ޚަރަދެއް އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރީގެ ހިސާބުތަކުން ނުވަތަ އެލަވަންސް ދެވޭ އެއް ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީއަކުން އުންޏެއް ނުކުރެވޭނެއެވެ.

46. ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު ހަރުމުދާ އަގުކުރުން

(ހ) ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ހަރުމުދަލެއްގެ އަގު ކަނޑައަޅާނީ، އެ މުދާ ގަތް ދުވަހުން ފެށިގެން ޤާނޫނަށް ޢަމަލުކުރަންފަށާ ދުވަހާ ހަމައަށް އެ މުދާ ބޭނުންކުރެވުނު ކޮންމެ އަހަރަކަށް ނުވަތަ އަހަރަކުން ބަޔަކަށް، އެ މުދާ ގަތް އަގާއި މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާއި ގުނަކުރުމުން އަންނަ ޢަދަދު، އެ މުދާ ގަތް އަގުން އުނިކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުދާ ގަތް އަގުން އުނިކުރާ ޢަދަދަކީ ޤާނޫނުގެ ބޭނުމަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައެއް ނުބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް، މުދާ ގަތް އަގު އެނގެން ނެތްނަމަ އެ ޢަދަދުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށް، މުދާ ބޭނުންކޮށްފައިވާ މުއްދަތު އެނގެން ނެތްނަމަ އެ މުއްދަތުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން މުދާ ގަތް އަގުކަމަށް ނުވަތަ މުދާ ބޭނުންކޮށްފައިވާ މުއްދަތުކަމަށް ކޮށްފައިވާ އަންދާޒާއަށް ބަދަލުގެނައުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.

47. ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު ހުރި ހަރުމުދަލަށް ކެޕިޓަލް އެލަވަންސް ދިނުން

ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ހަރުމުދަލަކަށް ދެވޭ ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ އެ މުދާ ގަތް އަގާއި މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާއި ގުނަކޮށްގެންނެވެ.

48. ފުރިހަމަ ހިސާބުކުރާ މުއްދަތަށް މާލީ ހިސާބުތައް ތައްޔާރުކުރާ ފަރާތްތަކުން ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚް

މި ގަވާއިދުގެ 79 ވަނަ މާއްދާގެ (ނ) ގެ (2) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިނަލް ޕޭމަންޓް ހިސާބުކުރާ ފަރާތްތަކުން މި ގަވާއިދުގެ 46 ވަނަ މާއްދާއަށް ޢަމަލުކުރަންވާނީ އެ ފަރާތަކުން ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚަކީ އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ފެށޭ ތާރީޚުކަމުގައި ބަލައިގެންނެވެ.

49. ކެޕިޓަލް އެލަވަންސްއާ ގުޅޭ ޢާންމު މާއްދާތައް

(ހ) ހަރުމުދަލަކާ ގުޅިގެން އެއްވެސް ފަރާތަކަށް ދެވޭ ކެޕިޓަލް އެލަވަންސް ބެލެވޭނީ އެ އެލަވަންސް ދެވުނު މުއްދަތެއްގައި އެ ފަރާތެއްގެ ޚަރަދެއްގެ ގޮތުގައެވެ.

(ށ) މި ބާބުގެ ދަށުން އެއްވެސް ހިސާބުކުރާ މުއްދަތެއްގައި ދެވޭ އެލަވަންސެއް އެ ހިސާބުކުރާ މުއްދަތު ނިމޭ ޓެކްސް އަހަރެއްގެ އެ ފަރާތެއްގެ ޓެކްސް ބަޔާނުގައި ހިމަނަންވާނެއެވެ.

(ނ) އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު 12 މަސްދުވަހަށްވުރެ ކުރުނަމަ، މި ގަވާއިދުގެ ދަށުން ދެވޭ ކެޕިޓަލް އެލަވަންސް އުނިކުރަންވާނީ އެ ހިސާބުކުރާ މުއްދަތުގެ ނިސްބަތުންނެވެ.

(ރ) ކެޕިޓަލް ޚަރަދަކާ ގުޅިގެން މި ބާބުގެ ދަށުން ދެވޭ ކެޕިޓަލް އެލަވަންސް ނުވަތަ އެހާތަނަށް ދެވުނު ޖުމްލަ އެލަވަންސް، އެ ޚަރަދުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ބ) ހަރުމުދަލެއްގެ ރިޓްންޑައުން ވެލިއު ސުމަކަށް ވުމަށްފަހު، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެ މުދަލެއްގެ ކެޕިޓަލް އެލަވަންސްގެ ގޮތުގައި އެއްވެސް ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

50. ކެޕިޓަލް އެލަވަންސްގެ ރޭޓްތައް

މި ބާބުގެ ދަށުން ދެވޭ ކެޕިޓަލް އެލަވަންސް، މުދާ ގަތް އަގާއި ތިރީގައިވާ ތާވަލުގައި އެ މުދަލެއް ނިސްބަތްވާ ކެޓަގަރީއަށް ކަނޑައަޅާފައިވާ ރޭޓާއި ގުނަކޮށްގެން ހިސާބުކުރުމަށްފަހު، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރަންވާނެއެވެ.

މުދަލުގެ ކެޓަގަރީ ރޭޓް  (%)
ޢިމާރާތް 4
އެއަރކްރާފްޓް 7
ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު 7
ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު ނޫން އެހެނިހެން އުޅަނދު 5
ފަރުނީޗަރާއި ފިޓިންގ 10
އިންޖީނުލީ އެއްގަމު އުޅަނދުފަހަރު 20
އާރތް މޫވިންގ ވެހިކަލް 5
ޕްލާންޓް އަދި އިކުއިޕްމަންޓް (އޮފީސް އިކުއިޕްމަންޓް ފިޔަވައި) 10
އޮފީސް އިކުއިޕްމަންޓް 20
ކޮމްޕިއުޓަރ ސޮފްޓްވެއަރ 331/3
ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށިފަދަ)، ލިނެން، އަދި ހިފާ ގެންގުޅޭ ސާމާނު 331/3
އެހެނިހެން މުދާ 10

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގެންގުޅޭ ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށިފަދަ)، ލިނެން އަދި ހިފައި ގެންގުޅޭ ސާމާނުގެ ބަދަލުގައި އަލަށް ގަންނަ އެ ފަދަ މުދާ ގަތުމަށް ހިނގާ ޚަރަދު، އެ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެކުގައި އުނިކުރެވިދާނެއެވެ.

51. އިންޓޭންޖިބަލް އެސެޓަށް ދެވޭ އެލަވަންސް

(ހ) ވިޔަފާރިއެއް ކުރަމުންދާ ފަރާތަކުން އިންޓޭންޖިބަލް އެސެޓެއް ހޯދުމަށް ޚަރަދެއް ކޮށްފައިވާނަމަ، އެ ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު ކެޕިޓަލް އެލަވަންސް އުނިކުރަންވާނެއެވެ.

A / E

E = ޚަރަދު

A = އެ މުދަލެއް ބޭނުންކުރެވޭނެކަމަށް އެ މީހަކު އަންދާޒާކޮށްފައިވާ މުއްދަތު (އަހަރުން)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، އެ މުދަލެއް ބޭނުންކުރެވޭނެކަމަށް އެ މީހަކު އަންދާޒާކޮށްފައިވާ މުއްދަތަށް ބަދަލުގެނައުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށް، "ގުޑްވިލް" އަކީ އިންޓޭންޖިބަލް އެސެޓެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތާއަބަދަށް ބޭނުންކުރެވޭނެ އިންޓޭންޖިބަލް އެސެޓެއްނަމަ، އެ އިންޓޭންޖިބަލް އެސެޓް ބޭނުންކުރެވޭނެ މުއްދަތު ކަމުގައި ބަލާނީ 10 (ދިހައެއް) އަހަރެވެ.

52. ބެލެންސިންގ އެލަވަންސް އަދި ބެލެންސިންގ ޗާޖް

(ހ) މި މާއްދާ ރައްދުވާނީ މި ބާބުގެ ދަށުން ކެޕިޓަލް އެލަވަންސް ދެވިފައިވާ ހަރުމުދަލަކަށް އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތުގައި މި ގަވާއިދުގެ 38 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި، އެ ހަރުމުދަލެއްގެ ޑިސްޕޯސަލް ވެލިއުއަކީ ސުމެއްނަމަ، ނުވަތަ އެ މުދަލެއްގެ ޑިސްޕޯސަލް ވެލިއު އަކީ ރިޓްން ޑައުން ވެލިއުއަށްވުރެ ދަށް އަދަދެއްނަމަ، ހިސާބުކުރާ މުއްދަތުގައި ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބެލެންސިންގ އެލަވަންސްގެ ގޮތުގައި އެ ދަށްވި އަދަދު އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އެއްވެސް ހަރުމުދަލަކަށް ރައްދުވާނަމަ، އަދި އޭގެ ރިޓްން ޑައުން ވެލިއުއަށްވުރެ ޑިސްޕޯސަލް ވެލިއު އިތުރުނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖްގެ ގޮތުގައި އެ އިތުރުވާ އަދަދު ހިމަނަންވާނެއެވެ.

(ރ)

(i) ހަރުމުދަލަކަށް މި މާއްދާގެ (ހ) ރައްދުވާނަމަ އަދި އެ މުދަލުގެ ރިޓްންޑައުން ވެލިއުއަށްވުރެ އޭގެ ޑިސްޕޯސަލް ވެލިއު އިތުރުވާނަމަ؛ އަދި

(ii) އެ މުދަލަކަށް 46 ވަނަ މާއްދާ ރައްދުވާނަމަ،

މި ގަވާއިދުގެ 52 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖްގެ ގޮތުގައި އަންނަނިވި ޢަދަދުތަކުގެ ޖުމުލަ ހިމެނޭނެއެވެ.

(1) އަންނަނިވި ޢަދަދުތަކުންކުރެ ކުޑަ ޢަދަދެއް:

(ހހ) އެ މުދަލެއްގެ ރިޓްންޑައުން ވެލިއުއަށްވުރެ އޭގެ ޑިސްޕޯސަލް ވެލިއު އިތުރުވާ ޢަދަދު؛ ނުވަތަ

(ށށ) އެ މުދަލަކަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައި ދެވިފައިވާ އުނިކުރުންތަކުގެ ޖުމުލަ؛ އަދި

(2) އެ މުދާ ގަތް އަގަށްވުރެ އޭގެ ޑިސްޕޯސަލް ވެލިއު އިތުރުވާ ޢަދަދު.

53. ޑިސްޕޯސަލް ވެލިއު

(ހ) މެދުވެރިވި ރެލަވަންޓް އިވެންޓަކީ މުދަލެއް ވިއްކާލުންނަމަ، އެ މުދަލުގެ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.

(1) އެ މުދަލެއް ވިއްކާލުމުން ލިބުނު އަދަދުން، އެ މުދާ ވިއްކާލުމަށް ދިޔަ ޚަރަދު އުނިކުރުމަށްފަހު ބާކީވާ އަދަދު، އަދި

(2) އެ މުދަލެއް ވިއްކާލެވޭނެ އަގަށް އެއްވެސް އަސަރެއް ކޮށްފާނެފަދަ ކަމަކާއި ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އިންޝުއަރެންސް ފައިސާގެ އަދަދު، އަދި

(3) ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުނު އެއްވެސް ފައިސާއެއް ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، މުދާ ވިއްކާލާފައިވަނީ ބާޒާރުގައި އެ މުދާ ވިއްކާލެވޭނެ އަގަށްވުރެ ދަށް އަގަކަށް ކަމުގައިވާނަމަ، އެ މުދަލުގެ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ އެ މުދަލުގެ ބާޒާރުގެ އަގެވެ.

(ނ) މެދުވެރިވި ރެލަވަންޓް އިވެންޓް އަކީ ދާއިމީކޮށް ގެއްލުން، ނައްތާލުން، ހަލާކުވުން، ނުވަތަ ހަރުމުދާ އެއްކޮށް ދޫކޮށްލުންނަމަ، އެ މުދަލުގެ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.

(1) މުދަލެއް ނުވަތަ އެ މުދަލުގެ ބަޔަކަށް ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާގެ އަދަދު، އަދި؛

(2) މުދަލަށް ލިބުނު ގެއްލުމާ ގުޅިގެން ނުވަތަ މިފަދަ އެނޫންވެސް ސަބަބަކާ ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް އިންޝުއަރެންސް ފައިސާއެއްގެ އަދަދު، އަދި؛

(3) ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު.

(ރ) މެދުވެރިވި ރެލަވަންޓް އިވެންޓް އަކީ އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓުގެ ބައެއް ވިއްކާލުން ނުވަތަ ބޭނުންކުރުމުގެ ޙައްޤު އެހެންފަރާތަކަށް ދިނުންކަމަށްވާނަމަ؛

(1) މުޤާބިލެއްގެ ގޮތުގައި ދައްކާފައިވަނީ ފައިސާ ނޫންނަމަ އެ މުދަލެއްގެ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ ބާޒާރުގައި އެ މުދަލެއް ބޭނުންކުރުމުގެ ޙައްޤު ދެވޭނެ ފައިސާގެ އަދަދެވެ.

(2)  ބާޒާރުގައި އެ މުދަލެއް ބޭނުންކުރުމުގެ ޙައްޤު ދީފައިވަނީ މުޤާބިލެއްގެ ގޮތުގައި އެ މުދަލަކަށް ލިބޭނެ އަދަދަށްވުރެ ދަށް އަގެއްގައިނަމަ، ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ ބާޒާރުގައި އެ މުދަލެއް ބޭނުންކުރުމުގެ ޙައްޤު ދެވޭނެ ފައިސާގެ އަދަދެވެ.

(3) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ނުހިމެނޭ ޙާލަތެއް މެދުވެރިވެއްޖެނަމަ ޑިސްޕޯސަލް ވެލިއު ކަމަށް ބަލާނީ؛

(ހހ) އެ އިންޓޭންޖިބަލް އެސެޓެއް ބޭނުންކުރުމުގެ ޙައްޤު ދިނުމުން ލިބުނު އަދަދުން، އެ ޙައްޤު ދިނުމަށް ދިޔަ ޚަރަދު އުނިކުރުމަށްފަހު ލިބުނު ނުވަތަ ލިބެންޖެހޭ އަދަދު؛

(ށށ) އެ ޙައްޤު ވިއްކާލެވޭނެ ނުވަތަ ދެވޭނެ އަގަށް އެއްވެސް އަސަރެއް ކުރުވައިފާނެފަދަ ޢަމަލަކާ ގުޅިގެން އިންޝުއަރެންސްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު؛

(ނނ) އެހެން އެއްވެސް ބަދަލެއްގެ ގޮތުގައި ނުވަތަ މުޤާބިލެއްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު؛

(ބ) އެހެން އެއްވެސް ރެލަވަންޓް އިވެންޓެއް މެދުވެރިވެއްޖެ ޙާލަތެއްގައި ޑިސްޕޯސަލް ވެލިއުކަމަށް ބަލާނީ އެ އިވެންޓެއް ހިނގި ވަގުތު، ބާޒާރުގައި އެ މުދަލެއް ވިއްކާލެވޭނެ އަގެވެ.

54. ވިޔަފާރި ބަދަލުކުރުމާ ގުޅިގެން ބަދަލުކުރެވޭ މުދާ

(ހ) އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޙާލަތްތަކުގައި، ވިޔަފާރި ބަދަލުކުރި ފަރާތަށް އަދި ވިޔަފާރި ބަދަލުކުރެވޭ ފަރާތަށް މި މާއްދާގެ (ށ)، (ނ) އަދި (ރ) ރައްދުވާނެއެވެ.

(1) ވަކިފަރުދެއްގެ ނަމުގައި ކުރާ ވިޔަފާރިއެއް، ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ކުންފުންޏެއްގެ ނަމަށް ބަދަލުކުރާނަމަ، އަދި

(2) ވިޔަފާރި ބަދަލުކުރުމުގެ މުޤާބިލެއްގެ ގޮތުގައި އެ ފަރުދަކަށް ކުންފުނީގެ ހިއްސާ ލިބޭނަމަ، އަދި

(3) ވިޔަފާރި ބަދަލުކުރުމުގެ މުޤާބިލެއްގެ ގޮތުގައި ކުންފުނީގެ ހިއްސާ ނޫން އެހެން އެއްވެސް އެއްޗެއް ނުލިބޭނަމަ، އަދި

(4) ވިޔަފާރި ބަދަލުކުރުމުގައި، ކުރިންވެސް ވިޔަފާރީގައި ބޭނުންކުރެވުނު އަދި ވިޔަފާރި ބަދަލުކުރި ފަރާތަށް މި ބާބުގެ ދަށުން އެލަވަންސް ދެވިފައިވާ ހަރުމުދަލެއް ހިމެނޭނަމަ.

(ށ) އެއް މުދަލަށްވުރެ ގިނަ މުދާ ބަދަލުކުރާނަމަ މި ގަވާއިދުގެ ބޭނުމަށް އެ ހުރިހާ މުދަލަކަށްވެސް ޚިޔާރުކުރަންވާނީ އެއްގޮތެކެވެ. އަދި މިގޮތުން އިޚްތިޔާރުކުރާ ގޮތް ބަދަލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ރައްދުވާނަމަ، އެ މުދަލެއް ބަދަލުކުރުން އެއީ ރެލަވަންޓް އިވެންޓެއްކަމަށް ނުބެލެވޭނެއެވެ. އަދި އެފަދަ ބަދަލެއްކުރާ ދުވަހުން ފެށިގެން ދެވޭ ކެޕިޓަލް އެލަވަންސެއް ނުވަތަ ބެލެންސިންގ އެލަވަންސެއް ނުވަތަ ބެލެންސިންގ ޗާޖެއް ދެވޭނީ އެ މުދަލެއް ބަދަލުކުރެވުނު ފަރާތަށެވެ. އަދި މިގޮތަށް ބަދަލުކުރެވުނު ފަރާތަށް ދެވޭ އެލަވަންސް ދެވޭނީ އެ ބަދަލުކުރި ފަރާތުން އެ ވިޔަފާރިއެއް ކުރަމުންގެންދާކަމަށް ބަލައިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ޚިޔާރުކުރާ ގޮތެއް އެމް.އައި.އާރ.އޭ އަށް އަންގަންވާނީ ވިޔަފާރި ބަދަލުކުރިފަރާތް އަދި ބަދަލުކުރެވޭފަރާތް ސޮއިކޮށް އަންގާ ލިއުމަކުންނެވެ. އަދި މިފަދަ އެންގުމެއް އަންގާނީ ތިރީގައިވާ ތާރީޚުތަކުގެ ތެރެއިން ކުރިން އަންނަ ތާރީޚެއްގައެވެ.

(1) އެފަދަ ބަދަލެއް ކުރެވުނު ޓެކްސް އަހަރެއް ނިމުމަށްފަހު 6 މަސްދުވަސް ވުމުގެ ކުރިން، ނުވަތަ

(2) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިއްސާގެ ތެރެއިން ހިއްސާއެއް ވިއްކާލާ ދުވަހު.

55. ކެޕިޓަލް އެލަވަންސް ދެވިފައިވާ ހަރުމުދާ ޑިސްޕޯސްކުރުން

(ހ) މި މާއްދާ ހިނގާނީ އަންނަނިވި ކަންތައްތައް މެދުވެރިވާ ޙާލަތްތަކުގައެވެ.

(1) މި ބާބުގެ ދަށުން ހަރުމުދަލަކަށް ކެޕިޓަލް އެލަވަންސް ދެވިފައިވަނިކޮށް އެ މުދަލެއް ވަކިން ނުވަތަ އެހެން އެއްވެސް މުދަލަކާއެކު ވިއްކާލައިފިނަމަ ނުވަތަ ހަލާކުވެއްޖެނަމަ، އަދި

(2) ހަރުމުދާ ވިއްކާލުމުން ލިބުނު މުޤާބިލަކީ ވިއްކާލެވުނު ހުރިހާ މުދަލަކަށް ނިސްބަތްވާ އެއްޗަކަށްވާނަމަ، ނުވަތަ އިންޝުއަރެންސްގެ ގޮތުގައި ލިބުނު ފައިސާއަކީ ހަލާކުވި ހުރިހާ މުދަލަކަށް ނިސްބަތްވާ ނުވަތަ އެކަމާއި ގުޅޭ އިންޝުއަރެންސް ޕޮލިސީގެ ދަށުން ކުރެވިފައިވާ ކްލެއިމްއަކަށް ވެއްޖެނަމަ، އަދި

(3) ވިއްކި އަގު ނުވަތަ އިންޝުއަރެންސްގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު، ވިއްކުނު ނުވަތަ ހަލާކުވި މުދަލުގެ ނިސްބަތުން ބަހާފައި ނުވާނަމަ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދު އެމް.އައި.އާރ.އޭ ގެ ނަޒަރުގައި އެ މުދާތަކުގެ ޞައްޙަ އަދަދުތައް ކަމަށް ފެންނަ އަދަދަށް ނިސްބަތްކޮށް އެ މުދާތަކުގެ މެދުގައި ބަހާލެވިދާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މުޢާމަލާތުގެ މުޤާބިލުގެ ގޮތުގައި ލިބުނު ފައިސާ ނުވަތަ އިންޝުއަރެންސްގެ ގޮތުގައި ލިބުނު ފައިސާ، ދެފަރާތުގެ މެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ރޭވޭ ރޭވުމަކުން އެ މުދާތަކުގެ މެދުގައި ބަހާލެވިފައިވާނަމަ؛

(1) އެ މުޤާބިލު ނުވަތަ އިންޝުއަރެންސް ފައިސާ، މުދާތަކުގެ މެދުގައި އެ ފަރާތުން ބަހާލާފައިވާ ބަހާލުން އެމް.އައި.އާރ.އޭ އަށް ޤަބޫލްކުރެވިދާނެއެވެ. ނުވަތަ؛

(2) އެ ފަރާތުން ބަހާލާފައިވާ ބަހާލުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުޙައްޤު ޓެކްސް ފައިދާއެއް ލިބިދާނެކަމަށް އެމް.އައި.އާރ.އޭ އަށް ގަބޫލުކުރެވޭނަމަ، އެމް.އައި.އާރ.އޭ ގެ ނަޒަރުގައި އެ މުދާތަކުގެ ޞައްޙަ އަގުކަމަށް ފެންނަ އަދަދަށް ނިސްބަތްކޮށް އެ މުދާތަކުގެ މެދުގައި އެ މުޤާބިލު ނުވަތަ އިންޝުއަރެންސް ފައިސާ ބަހާލެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަހާލެވޭ ބަހާލުމެއްގެ ސަބަބުނު އެއްވެސް ފަރާތަކަށް އަސަރެއްކުރާނަމަ އެމް.އައި.އާރ.އޭ އިން އެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.

(ބ) އެއްވެސް މުދަލަކަށް މި މާއްދާގެ ދަށުން އަދަދެއް ކަނޑައެޅިއްޖެނަމަ އެ މުޢާމަލާތުގައި ހިމެނޭ ދެފަރާތުގެ މައްޗަށްވެސް އެ އަދަދެއް ހިނގާނެއެވެ.

56. އިންޝުއަރެންސް ކުންފުނިތައް

(ހ) ޤާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް ލައިފް އިންޝުއަރެންސްކޮށްދޭ ކުންފުންޏެއް ފިޔަވައި އެހެން އިންޝުއަރެންސް ކުންފުންޏެއްގެ ބޭނުންނުކޮށް ބެހެއްޓިފައިވާ ރިޒަރވް (އަންއެކްސްޕަޔަރޑް ރިސްކް ރިޒާރވް) އަކީ އިންޝުއަރެންސް ޕޮލިސީތަކުގެ ބާކީއޮތް މުއްދަތަށް ނިސްބަތްވާ، އަނބުރާދެވޭނެކަމަށް ލަފާކުރެވޭ އަދަދު (އެކްސްޕެކްޓެޑް ވެލިއު) އިން އެ ކުންފުނީގެ އަންއަރންޑް ރިޒާރވް އުނިކުރުމަށްފަހު ބާކީ އަންނަ އަދަދެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާ އިންޝުއަރެންސް ކުންފުންޏަކުން، އާންމުކޮށް ގަބޫލުކުރެވޭ އެކްޗުއޭރިއަލް އުސޫލެއް ބޭނުންކޮށްގެން އެ ކުންފުންޏެއްގެ ބޭނުންނުކޮށް ބެހެއްޓިފައިވާ ރިޒަރވް ހިސާބުކުރަންވާނެއެވެ.

(ނ) ޤާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، ހިސާބުކުރާ މުއްދަތު ފެށުނުއިރު ދިމާވެފައިނުވާ ރިސްކްތަކަށް ބޭނުންނުކޮށް ބެހެއްޓިފައިވާ ރިޒާރވްގެ ތެރޭގައި ހިމެނެނީ ޤާނޫނަށް ޢަމަލުކުރަންފަށާ ދުވަހު ބެހެއްޓިފައިވާ އެފަދަ ރިޒަރވް އެވެ.

(ރ) ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރުމަށް ހުއްދަދެވޭ ހެޑް އޮފީސް ޚަރަދުތައް ޢަދުލުވެރިގޮތަކަށް ބަހާލުމުގައި މި ގަވާއިދުގެ 24 ވަނަ މާއްދާއިން އިން 29 ވަނަ މާއްދާއަށް ޢަމަލުކުރެވޭނެއެވެ.

(ބ) ޤާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް:    

(1) ލައިފް އިންޝުއަރެންސް ކުންފުންޏެއްކަމަށް ބުނެފައިވަނީ، ހަމައެކަނި ލައިފް އިންޝުއަރެންސްގެ ވިޔަފާރިކުރާ ކުންފުނިތަކާއި ލައިފް އިންޝުއަރެންސް އަދި ޖެނެރަލް އިންޝުއަރެންސްގެ ވިޔަފަރިކުރާ ކުންފުނިތަކަށެވެ. މިފަދަ ޙާލަތްތަކުގައި ޤާނޫނުގެ 14 ވަނަ މާއްދާގެ (ނ) ހިނގާނީ ހަމައެކަނި އެ ކުންފުންޏެއްގެ ލައިފް އިންޝުއަރެންސްގެ ވިޔަފާރިއަށެވެ.

(2) މެނޭޖްމަންޓް ޚަރަދުތައް ކަމަށްބަލާނީ އިންވެސްޓްމަންޓް އާމްދަނީ ހޯދުމުގައި ސީދާ އަދި ނުސީދާކޮށް ހިނގާފައިވާ މެނޭޖްމަންޓް އަދި އިދާރީ ޚަރަދުތަކާއި ކޮމިޝަންތަކެވެ.

(3) ޤާނޫނުގެ 14 ވަނަ މާއްދާގެ (ނ) ގައި ކޮމިޝަން ކަމަށް ބުނެފައިއެވަނީ ހަމައެކަނި އިންވެސްޓްމަންޓް އާމްދަނީއާ ގުޅޭ ކޮމިޝަނަށެވެ.

(ޅ) އިންވެސްޓްމަންޓް އާމްދަނީ ހޯދުމުގައި، މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ޚަރަދުތައް ނުސީދާކޮށް ހިނގާފައިވާނަމަ އެ ޚަރަދު، އިންވެސްޓްމަންޓް އާމްދަނީ އަދި އެހެނިހެން އާމްދަނީގެ މެދުގައި އެމް.އައި.އާރ.އޭ އިން ހުއްދަކުރާ ޢަދުލުވެރި އަދި އިންސާފުވެރި ގޮތަކަށް ބަހަންވާނެއެވެ.

(ކ) ޤާނޫނުގެ 14 ވަނަ މާއްދާ ގެ (ށ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް، ހިސާބުކުރާ މުއްދަތުގައި ނުކުންނަ ޙަޤީޤީ ގެއްލުން ހިސާބުކުރުމުގައި؛

(1) އަނބުރާ ދޭންޖެހޭކަމަށް ރިޕޯޓްކޮށްފައިވާ، ނަމަވެސް އެ މުއްދަތެއް ނިމުނުއިރު ނުދައްކާހުރި އަދަދު (ރިޕޯޓެޑް ބަޓް ނޮޓް ޕެއިޑް) ގެ ގޮތުގައި ޢަދުލުވެރިގޮތަކަށް އަންދާޒާކުރާ އަދަދު ހިމެނޭނެއެވެ.

(2) ހިސާބުކުރާ މުއްދަތު ނިމުނުއިރު އަނބުރާ ދޭންޖެހޭ، ނަމަވެސް ރިޕޯޓުކޮށްފައިނުވާ އަދަދުތައް (އިންކަރޑް ބަޓް ނޮޓް ރިޕޯޓެޑް ނުވަތަ އައި.ބީ.އެން.އާރް)، އެ އަދަދު ހިސާބުކޮށްފައިވަނީ އާންމުކޮށް ގަބޫލްކުރެވޭ އަދި އެމް.އައި.އާރ.އޭ އިން ހުއްދަކޮށްފައިވާ އެކްޗުއޭރިއަލް އުސޫލެއް ބޭނުންކޮށްގެންނަމަ އެ އަދަދު ހިމަނަންވާނެއެވެ.

(3) އެ ކްލެއިމްއަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި އަނބުރާ ލިބޭނެކަމަށް އަންދާޒާކުރާ އަދަދުން ކުޑަކުރެވޭނެއެވެ.

(4) އަނބުރާ ދޭންޖެހޭކަމަށް ރިޕޯޓްކޮށްފައިވާ، ނަމަވެސް އެ މުއްދަތެއް ފެށުނުއިރު ނުދައްކާހުރި އަދަދުގެ ގޮތުގައި ޢަދުލުވެރިގޮތަކަށް އަންދާޒާކުރާ އަދަދަކުން ކުޑަކުރެވޭނެއެވެ.

(5) ހިސާބުކުރާ މުއްދަތު ފެށުނުއިރު އަނބުރާ ދޭންޖެހޭ، ނަމަވެސް ރިޕޯޓުކޮށްފައިނުވާ އަދަދުން ކުޑަކުރެވޭނެއެވެ.

57. ނުއުފުލޭ މުދާ

މި ބާބުގެ ބޭނުމަށް، ނުއުފުލޭ މުދާކަމަށް ބުނެފައިވަނީ އެއްވެސް ބޭނުމަކަށް ކުއްޔަށް ދޫކޮށްފައިވާ ޢިމާރާތްތަކާއި، ގުދަންތަކާއި،  ޕްލާންޓްތަކާއި، ކާރުޚާނާތަކާއި، ބިންތަކާއި، ފަޅުރަށްރަށާއި، ފަޅުތަކާއި، ފަރުތަކާއި، ގިރި ފަދަ ތަންތަނާއި ބިނާތަކާއި އަދި މިނޫންވެސް މިފަދަ މުދަލަށެވެ.

58. ކުލީގެ ޖުމްލަ އަދަދު

ނުއުފުލޭ މުދަލުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށް ބެލެވޭނީ ތިރީގައި ބަޔާންކުރެވޭ އަދަދުތަކުގެ ޖުމްލައެވެ.

(ހ) ނުއުފުލޭ މުދަލުން ކުލީގެ ގޮތުގައި ލިބޭ އެންމެހައި ފައިސާ، އަދި

(ށ) ސެކިއުރިޓީ ޑިޕޮސިޓް، އެޑްވާންސަށް ދައްކާ ކުލި ނުވަތަ ނުއުފުލޭ މުދަލާ ގުޅިގެން އެނޫންވެސް ގޮތަކަށް ލިބޭ ފައިސާގެ ތެރެއިން މުދާ ކުއްޔަށް ދޫކުރާ ފަރާތަށް އެ ފައިސާގެ ބައެއް ނުވަތަ އެއްކޮށްވިއަސް ބޭނުން ކުރުމުގެ ޙައްޤު ލިބޭ ޓެކްސް އަހަރެއްގައި އެ ޙައްޤު ލިބުނު މިންވަރަކަށް، އަދި

(ނ) ކުއްޔަށް ދޫކުރުމަށް ވެވޭ އެއްބަސްވުމުގައި ކުއްޔަށް ހިފާ ފަރާތުގެ އިލްތިޒާމުތަކުގެ ތެރޭގައި ނުހިމެނޭ ކަމަކަށް، ކުއްޔަށް ދޫކުރެވޭ މުދަލާ ގުޅިގެން ލިބޭ އެންމެހައި ފައިސާ، އަދި

(ރ) ނުއުފުލޭ މުދަލެއްގައި ހަރުކުރެވިފައިވާ އެއްވެސް އެއްޗަކާ ގުޅިގެން ލިބޭ ފައިސާ، އަދި

(ބ) ކުލި ނުދެއްކުމުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށް ނަގާފައިވާ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ އެންމެހައި ފައިސާ، އަދި

(ޅ) ކުއްޔަށް ދޫކުރުމަށް ވެވޭ އެގްރީމެންޓާއި، ކުއްޔާ ހިފާ ފަރާތުން ޚިލާފުވުމުގެ ސަބަބުން ލިބޭ ފައިސާ.

59. ކުލިން އުނިކުރެވޭނެ އަދަދު

(ހ) ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތަކަށް ނުއުފުލޭ މުދަލުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީއިން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ތިރީގައިވާ އަދަދުތައް އުނިކުރެވިދާނެއެވެ.

(1) ކުއްޔަށް ދިނުމަށް ވެވޭ އެގްރީމެންޓް ކުރުމަށް ހިނގާ އެންމެހައި ޚަރަދު؛

(2) ކުއްޔަށް ދޫކުރާ މުދަލެއްގެ އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައްކާ ފައިސާ؛

(3) ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އޭޖެންޓަކަށް ދައްކާ ފީ ނުވަތަ ކޮމިޝަން؛

(4) އެ މަރާމާތުގެ ސަބަބުން މުދަލުގެ އަގަށް ބަދަލެއް ނާންނަފަދަ މަރާމާތެއްކުރުމަށް ހިނގާ ޚަރަދު،

(5) ކުއްޔަށް ދޫކޮށްފައިވާ މުދާ މަރާމާތުކުރުމުގެ މަސައްކަތްކުރަނީ މުދާ ކުއްޔަށްދޫކޮށްފައިވާ ފަރާތުންނަމަ، އެ މަސައްކަތަށް ބޭނުންކުރާ ތަކެތީގެ އަގު،

(6)  ކުއްޔަށް ދޫކޮށްފައިވާ މުދާ ހޯދުމަށް، ނުވަތަ މަރާމާތުކުރުމަށް، ނުވަތަ ތަރައްޤީކުރުމަށް ނުވަތަ ބިނާކުރުމަށް ލޯނެއް ނަގާފައިވާނަމަ، ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ޚިލާފުނުވާ ގޮތުގެމަތިން، އޭގެ އިންޓްރެސްޓް.

(7) މި ގަވާއިދުން ހުއްދަ ކޮށްފައިވާ މިންވަރަކަށް ކެޕިޓަލް އެލަވަންސް.

(8) ކުއްޔަށް ދޫކޮށްފައިވާ މުދަލަށް ސީދާގޮތުން ހިނގާ އެހެނިހެން ޚަރަދު.

(9) ނުއުފުލޭ މުދަލެއް ކުއްޔަށް ދޫކުރެވިފައިވަނީ ފަރުނީޗަރު ނުވަތަ އެހެން އުފުލޭ މުދަލަކާއެކު ކަމަށް ވަނީނަމަ، އެފަދަ ތަކެއްޗަށް މި ގަވާއިދު ހުއްދަކުރާ ގޮތުގެމަތިން ކެޕިޓަލް އެލަވަންސް.

(ށ) އެއްވެސް ފަރާތަކުން ޤާނޫނުގެ 9 ވަނަ މާއްދާ އިޚްތިޔާރުކޮށްފިނަމަ، އެ ފަރާތަކުން ކުލީގެ ގޮތުގައި އާމްދަނީ ހޯދާ ހުރިހާ ނުއުފުލޭ މުދަލަކަށްވެސް އެ އިޚްތިޔާރުކުރުން ރައްދުވާނެއެވެ.

(ނ) އެއްވެސް ފަރާތަކުން ޤާނޫނުގެ 9 ވަނަ މާއްދާ އިޚްތިޔާރުކޮށްފިނަމަ، 5 (ފަހެއް) އަހަރު ވުމުގެ ކުރިން، ކޮމިޝަނަރ ޖެނެރަލްގެ ހުއްދައާ ނުލައި އެ އިޚްތިޔާރުކުރުން ބަދަލުކޮށްގެން ނުވާނެއެވެ.

(ރ) ޓެކްސް އަހަރެއްގައި އެ ފަރާތަށް ލިބުނު ހަމައެކަނި އާމްދަނީއަކީ ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ ކުލި ކަމުގައިވާނަމަ، އެ އަހަރަށް އެފަރާތުން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ އަހަރުގެ ޓެކްސް ހިސާބުކުރުމުގައި އެ ފަރާތުން ބޭނުންކުރި އަސާސް (އެބަހީ ޤާނޫނުގެ 9 ވަނަ މާއްދާ އިޚްތިޔާރުކުރުން ނުވަތަ ނުކުރުން) ބަދަލެއް ނުކުރެވޭނެއެވެ.

60. ކުލިން އުނިނުކުރެވޭނެ އަދަދު

ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީއިން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ޚަރަދުތަކެއް އުނިކުރުމަށް ހުއްދައެއް ނުދެވޭނެއެވެ.

(ހ) މުދަލެއް ގަތުމަށް ނުވަތަ ބިނާކުރުމަށް ކޮށްފައިވާ ކެޕިޓަލް ޚަރަދު.

(ށ) މުދަލެއް ގަތުމަށް ނުވަތަ ބިނާކުރުމަށް ނަގާފައިވާ ލޯނުގެ ޕްރިންސިޕަލް ޢަދަދު.

(ނ) މުދަލެއް މަރާމާތުކުރުމަށް ނުވަތަ ތަރައްޤީކުރުމަށް ހިނގާ ޚަރަދުގެ ސަބަބުން އެ މުދަލުގެ އަގަށް ބަދަލެއް އަތުވެދާނެނަމަ، އެފަދަ ޚަރަދެއް.

(ރ) މުދަލެއް ގަތުމަށް ނުވަތަ ބިނާކުރުމަށް އޭޖެންޓަކަށް ނުވަތަ އެއްވެސް ފަރާތަކަށް ދައްކާ ފީ ނުވަތަ ކޮމިޝަން.

(ބ) އެ މުދަލެއް ގަތުމުގެ ނުވަތަ ބިނާކުރުމުގެ މުޢާމަލާތާ ގުޅޭގޮތުން ޤާނޫނީ ވަކީލަކަށް ދައްކާ ފައިސާ.

(ޅ) އެ މުދަލެއް ބޭނުންކުރެވޭ ޙާލަތަކަށް ގެނައުމަށް ހިނގާ އެހެނިހެން ކެޕިޓަލް ޚަރަދު.

61. މުދަލުގެ ބައިތަކެއް ވަކި ވަކި ފަރާތްތަކުން ކުއްޔަށް ދިނުން

ނުއުފުލޭ މުދަލެއްގެ ވަކި ބައެއް ނުވަތަ ބައިތަކެއް އެކި ފަރާތްތަކެއް އެއްކޮށް ނުވަތަ ވަކިވަކިން ވިޔަސް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ފަރާތްތަކަކީ ޤާނޫނީ ގޮތުން އެ މުދަލުގެ ވެރިފަރާތަށް ނުވިނަމަވެސް، އެ މުދަލަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ހިއްސާކުރާނަމަ، ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރާނީ އެ ފަރާތްތަކަކީ ޕާޓްނަރޝިޕެއް ކަމަށް ބަލައިގެންނެވެ.

62. މުދަލުގެ ވެރިފަރާތް ނޫން އެހެން ފަރާތްތަކަށް ކުލީގެ ގޮތުގައި ލިބޭ އާމްދަނީ

އެގްރީމެންޓެއްގެ ދަށުން ނުވަތަ އެނޫންގޮތަކަށްވިޔަސް ނުއުފުލޭ މުދަލެއްގެ ޤާނޫނީ ވެރިފަރާތާއެކު ކުރެވިފައިވާ މުޢާމަލާތެއްގެ ދަށުން އެ މުދަލަކުން އެއްވެސް ފަރާތަކަށް ކުލީގެ ގޮތުގައި އާމްދަނީއެއް ލިބޭނަމަ އެ ފަރާތަކުން އެ މުދަލުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީއިން ޓެކްސް ދައްކަންވާނެއެވެ.

63. މުދަލެއް ކުއްޔަށް ހިފާފައިވާ ފަރާތަކުން އެހެންފަރާތަކަށް އެ މުދާ ކުއްޔަށް ދޫކުރުން

އެގްރީމެންޓެއްގެ ދަށުން ނުވަތަ އެނޫންގޮތަކަށްވިއަސް، ނުއުފުލޭ މުދަލެއް ކުއްޔަށް ދޫކުރުމުގެ ބާރު ލިބިފައިވާ ފަރާތަކާއެކު ކުރެވިފައިވާ މުޢާމަލާތެއް ނުވަތަ އެގްރީމެންޓެއްގެ ދަށުން އެ މުދަލަކުން އެއްވެސް ފަރާތަކަށް ކުލީގެ ގޮތުގައި އާމްދަނީއެއް ލިބޭނަމަ އެ ފަރާތަކަށް އެ މުދަލުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީއިން ޓެކްސް ދައްކަންވާނެއެވެ.

64. ނުއުފުލޭ މުދަލަކުން ލިބޭ އާމްދަނީ ވާރިޘުންގެ މެދުގައި ކޯޓަކުން ބެހުން

ނިޔާވެފައިވާ ފަރާތެއްގެ ނަމުގައި ހުރި ނުއުފުލޭ މުދަލަކުން ލިބޭ އާމްދަނީ އޭނާގެ ވާރިޘުންގެ މެދުގައި ވަކި އުސޫލަކުން ކޯޓަކުން ބަހައިފިނަމަ، އެއިން ކޮންމެ ވާރިޘަކަށް ލިބޭ އާމްދަނީގެ ގޮތުގައި ބަލަންވާނީ ކޯޓުގެ އެ ނިންމުމުގެ ދަށުން އެ ވާރިޘަށް ޙައްޤުވާ އާމްދަނީގެ ނިސްބަތެވެ.

65. ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުން

(ހ) މި ގަވާއިދަށް ގެނެވުނު 10 ވަނަ އިޞްލާޙު (ޓެކްސް ރޫލިންގ TR-2016/B54) އަށް ޢަމަލުކުރަން ފަށާ ތާރީޚުގައި ނުވަތަ އެ ތާރީޚުގެ ފަހުން ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ފައިސާގެ ތަފުސީލު، އެ ފައިސާ ދައްކާ ވަގުތާއި ފައިސާ ދައްކަންޖެހޭ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތެއް ނިސްބަތްވާ މަހަށް ހުށަހަޅާ ވިތުހޯލްޑިންގ ޓެކްސް ބަޔާން (MIRA 301) ގައި ހިމަނަންވާނެއެވެ.

(ށ) ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކަންޖެހިފައިވާ ފައިސާއެއް، މި ގަވާއިދަށް ގެނެވުނު 10 ވަނަ އިޞްލާޙު (ޓެކްސް ރޫލިންގ TR-2016/B54) އަށް ޢަމަލުކުރަން ފެށުމާ ހަމައަށް އެ ފަރާތަށް ދައްކައިފައިނުވާނަމަ، މި ގަވާއިދަށް ގެނެވުނު 10 ވަނަ އިޞްލާޙު (ޓެކްސް ރޫލިންގ TR-2016/B54) އަށް ޢަމަލުކުރަން ފަށާ ތާރީޚާއި 15 ޑިސެންބަރު 2016 އާ ދެމެދު ހުށަހަޅާ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގައި އެ ފައިސާގެ ތަފުސީލު ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ރައްދުވާ ފަރާތަކުން އެ އަކުރުގައިވާ ގޮތުގެ މަތިން އެ ފަދަ ފައިސާއެއް ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގައި ހިމަނައިފައިނުވާނަމަ، 30 ނޮވެންބަރު 2016 ގައި އެ ފަދަ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް ނަގަންޖެހޭނެ ކަމަށް ކަނޑައެޅުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ރ)  މި މާއްދާގެ ބޭނުމަށް، އެއްވެސް ފައިސާއެއް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ މީހަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގެ ތެރެއިން ކުރިން އަންނަ ތާރީޚުގައެވެ.  

(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން، ފައިސާ ދައްކަންޖެހޭ ފަރާތަށް (އޭގެ ހާޑްކޮޕީ ނުވަތަ އިލެކްޓްރޯނިކް ޒަރީޢާއެއް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް) އިންވޮއިސްއެއް ފޮނުވާ ތާރީޚު.

(2) ފައިސާ ދައްކަންޖެހޭ ފަރާތުގެ ހިސާބުތަކުގައި، އެ ފައިސާގެ އަދަދަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް ދެއްކުން ލާޒިމު ފައިސާއެއްގެ ގޮތުގައި ކަނޑައަޅާ ތާރީޚު.

(3) މާޒީގައި ހިނގައިފައިވާ ކަމަކާ ގުޅިގެން، ފައިސާ ދައްކަންޖެހޭ ފަރާތުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް އަދާކުރުން ލާޒިމު ޒިންމާއެއް އުފެދުނު ތާރީޚު.

(ބ)  މި މާއްދާގެ (ރ) ގައި ވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް އެ ފަރާތަށް ދައްކަންޖެހެނީ ކަނޑައެޅިފައިވާ މަހެއްގެ ވަކި ދުވަހެއްގައި ކަން ޔަގީންކުރެވެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ ތާރީޚުގެ ގޮތުގައި ކަނޑައަޅާނީ އެ މަހެއްގެ އެންމެ ފަހު ދުވަހެވެ.

(ޅ)  އެއްވެސް ފަރާތަކުން، ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަކަށް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ ކަނޑައެޅިގެން ކިހާވަރެއްކަން ޔަގީންނުކުރެވެނީސް، އެ ފަދަ ފައިސާއަކާ ގުޅިގެން މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ވިތްހޯލްޑިންގ ޓެކްސް ދައްކައިފިނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ ކަނޑައެޅިގެން ކިހާވަރެއްކަން ކަށަވަރުވުމުން، އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ރަނގަޅު މިންވަރު ހާމަކޮށް، އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހަޅަންވާނެއެވެ. އަދި މި ފަދަ ހާލަތުތަކުގައި، ސުންގަޑީގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނޭޅުމުގެ ސަބަބުންނާއި ފައިސާ ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާތައް ހިނގާނެއެވެ.

66.  ބޭރު ފައިސާއިން ދައްކާ ފައިސާ ރުފިޔާއަށް ބަދަލުކުރުން

(ހ) ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ކަމަކަށް ފައިސާ ދައްކަނީ ރުފިޔާއިން ނޫންނަމަ، މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި އެ ފަރާތަކުން އެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ އެ ފައިސާ ވިތުހޯލްޑްކުރަން ޖެހުނު ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކޮށްފައިވާ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ. އަދި އެކްސްޗޭންޖް ރޭޓް ބެލުމުގައި ރިޢާޔަތްކުރަންވާނީ އެއް މަސްދަރަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެ ފަދަ ފައިސާ ދައްކަނީ ދިވެހިރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ އެ ބޭންކަކުން އެ މުއާމަލާތަކަށް ހަމަޖައްސައިދިން އެކްސްޗޭންޖް ރޭޓު ބޭނުންކޮށްގެންނެވެ.

67. ގިނަ މުއްދަތުތަކަށް ދެމިގެންވާ މަންފާ

މި މާއްދާ ހިނގާނީ މި ގަވާއިދުގެ 22 ވަނަ މާއްދާ ރައްދުވާ ފަރާތްތަކަށެވެ.

(ހ) ހިސާބުކުރާ މުއްދަތެއްގައި އެއްވެސް ފަރާތަކުން ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއަކީ ހިސާބުކުރާ އެއް މުއްދަތަށްވުރެ ގިނަ މުއްދަތަށް އޭގެ މަންފާ ދެމިގެންދާ ފައިސާއެއްނަމަ، އެ ހިސާބުކުރާ މުއްދަތުގައި ހިނގާފައިވާ ޚަރަދުކަމަށް ބަލާނީ ހަމައެކަނި އެ ހިސާބުކުރާ މުއްދަތުގައި ލިބޭ މަންފާއަށް ނިސްބަތްވާ އަދަދެވެ.

(ށ) ޖުމްލަ ޚަރަދުގެ ތެރެއިން އެ ހިސާބުކުރާ މުއްދަތުގައި ލިބޭ މަންފާއަށް ނިސްބަތްވާ އަދަދު ކަނޑައަޅާނީ އެކްރޫއަލް ބޭސިސް އިންނެވެ.

68. ޕްރެޒެންޓޭޝަން ކަރަންސީ

(ހ) އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ކަމުގައިވާނަމަ އެ ފަރާތެއްގެ މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ ރުފިޔާއިންނެވެ.

(ށ) އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ އެމެރިކާ ޑޮލަރު ކަމުގައިވާނަމަ އެ ފަރާތެއްގެ މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ އެމެރިކާ ޑޮލަރުންނެވެ

(ނ) އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު ފިޔަވައި އެހެން ފައިސާއެއް ކަމުގައިވާނަމަ އެ ފަރާތެއްގެ މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުންނެވެ.

(ރ) އެއްވެސް ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީ އާއި ފަންކްޝަނަލް ކަރަންސީ ތަފާތުނަމަ، އެ ފަރާތެއްގެ މާލީ ހިސާބުތައް އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީ އަށް ބަދަލުކުރަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ޝާއިޢުކުރާ، އެފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.

69. އިންވެންޓްރީ

(ހ) މި މާއްދާ ރައްދުވާނީ އެ ފަރާތެއްގެ މައްޗަށް މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ނުހިނގާ ފަރާތްތަކަށެވެ.

(ށ) މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެމަތިން، ހިސާބުކުރާ މުއްދަތެއް ފެށޭއިރު އަދި ޤާނޫނަށް ޢަމަލުކުރަންފަށާ ދުވަހު އިންވެންޓްރީ އަގުކުރަންވާނީ އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިން ސްޓޭންޑަޑާ އެއްގޮތަށެވެ.

(ނ) އިންވެންޓްރީ އަގުކުރުމުގައި އެއްވެސް ފަރާތަކުން "ލާސްޓް އިން ފަސްޓް އައުޓް" (ފަހުން ގަންނަ މުދާ ފުރަތަމަ ވިއްކުން) ގެ އުސޫލު ބޭނުންކޮށްގެން ނުވާނެއެވެ.

70. އިންވެންޓްރީ ވިއްކުން

ބާޒާރުގައި ލިބޭނެ އަގަށްވުރެ ކުޑަ އަގަކަށް އެފަރާތާ ގުޅުންހުރި ފަރާތަކަށް އިންވެންޓްރީ ވިއްކާލާނަމަ، ނުވަތަ އަމިއްލަ ބޭނުމަކަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް ނޫން ބޭނުމަކަށް އެ އިންވެންޓްރީ ބަދަލުކުރާނަމަ، އެ އިންވެންޓްރީގެ އަގު ކަމަށް ބަލާނީ ބާޒާރުގައި އެ އިންވެންޓްރީ ވިއްކާލުމުން ލިބޭނެ އަގެވެ. އަދި އެގޮތުން އިންވެންޓްރީ ބަދަލުކުރެވޭ ބަދަލުކުރުމަކީ އިންވެންޓްރީ ވިއްކުން ކަމުގައި ބެލެވޭނެއެވެ.

71. ޓެކްސް ދެއްކުމުން އެއްކިބާވުން

(ހ) ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، އެއްވެސް ފަރާތަކުން ތިރީގައިވާފަދަ މުޢާމަލާތެއް ހިންގައިފިނަމަ، އެ މުޢާމަލާތެއްގެ މައިގަނޑު މަޤްޞަދަކީ ނުވަތަ މައިގަނޑު އެއް މަޤްޞަދަކީ ޓެކްސް ދެއްކުމުން އެއްކިބާވުން ކަމުގައި ބެލެވޭނެއެވެ.

(1) މުޢާމަލާތް ހިންގި ނިޔަތް ރަނގަޅު ނުވުން؛ ނުވަތަ

(2) ވިޔަފާރީގެ ބުރަދަނެއް ނެތް މުޢާމަލާތެއް ހިންގުން؛ ނުވަތަ

(3) އެ ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރުން.

(ށ) މި މާއްދާގެ (ހ) ގެ (3) ގެ ބޭނުމަށް، އަންނަނިވި ޙާލަތުތަކުގައި، މުޢާމަލާތަކާ ގުޅޭގޮތުން ވިޔަފާރިއެއްގެ އޮނިގަނޑު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގައި ބެލެވޭނެއެވެ.

(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްނަމަ ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއްނަމަ، ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަޔާންކޮށްފައިވާ ޓެކްސް ރޭޓަށްވުރެ ދަށް އިފެކްޓިވް ޓެކްސް ރޭޓެއް އޮންނަ ޤައުމެއްގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނުވަތަ ކުންފުނިތަކެއް މެދުވެރިވެގެން، ނުވަތަ އެފަދަ ޤައުމެއްގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް ނުވަތަ ދާއިމީ މަރުކަޒުތަކެއް މެދުވެރިވެގެން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުނީގެ ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒުގެ މިލްކުވެރިކަން ނުސީދާ ގޮތެއްގައި އެހެން ފަރާތަކަށް ނިސްބަތްވުން؛ ނުވަތަ

(2) ޑަބަލް ޓެކްސް ނެގޭ ޙާލަތުތަކުގައި ދެވޭ ލުއިގެ އެއްބަސްވުމެއް ދިވެހިސަރުކާރާއެކު ވެފައިވާ ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތެއްނަމަ:

(ހހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނުވަތަ ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ދާއިމީ މަރުކަޒެއް އެފަރާތުން ކޮންޓްރޯލްކުރުން، ނުވަތަ އެ ކުންފުނީގެ ނުވަތަ ދާއިމީ މަރުކަޒުގެ މިލްކުވެރިކަމުގައި އެފަރާތުގެ މަސްލަހަތު އޮތުން، ނުވަތަ އެނޫންވެސް ގޮތަކުން އެ ކުންފުންޏާ ނުވަތަ ދާއިމީ މަރުކަޒާއި އެފަރާތާ ގުޅުން ހުރުން؛ އަދި

(ށށ) އެފަދަ ޤައުމެއްގައި ވަޒަންވެރިވެފައި ނުވާ ފަރާތަކުން ނުވަތަ ޑަބަލް ޓެކްސް ނެގޭ ޙާލަތުތަކުގައި ދެވޭ ލުއިގެ އެއްބަސްވުމެއް ދިވެހިސަރުކާރާއެކު ވެފައި ނުވާ ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތަކުން، ސީދާކޮށް ނުވަތަ ނުސީދާކޮށް އެފަރާތް ކޮންޓްރޯލްކުރުން ނުވަތަ މިލްކުވެރިކަން އޮތުން.

72. މުޢާމަލާތުގެ މާނަ

ޤާނޫނުގެ 30 ވަނަ މާއްދާ އަދި މި ގަވާއިދުގެ 71 ވަނަ މާއްދާގެ ބޭނުމަށް، އެއްވެސް ފަރާތަކުން ހިންގާފައިވާ ޙަރަކާތެއްގައި އެއްވެސް ބަދަލުކުރުމެއް ނުވަތަ އެހެން ފަރާތެއް ނުހިމެނޭކަމުގައިވިޔަސް އެ ޙަރަކާތަކީ "މުޢާމަލާތް" ކަމުގައި ބެލެވޭނެއެވެ.

73. އިތުރަށް ދެއްކިފައިވާ ޓެކްސް

އެއްވެސް ޓެކްސް އަހަރަކަށް އެއްވެސް ފަރާތަކުން ދައްކާފައިވާ ޓެކްސް އެ ފަރާތެއްގެ އެ އަހަރަކަށް ބިނާކުރެވުނު ޓެކްސްގެ އަދަދަށްވުރެ އިތުރުނަމަ އަންނަނިވި ދެގޮތުންކުރެ ގޮތެއް އެމް.އައި.އާރް.އޭ އަށް ކަނޑައެޅިދާނެއެވެ.

(ހ) ޤާނޫނުގެ ދަށުން އެ ފަރާތަކުން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ، އިތުރުވި އަދަދު އޭނާއަށް އަނބުރާ ދިނުން.

(ށ) ކުރިއަށްއޮތް ޓެކްސް އަހަރުގައި އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދުން އެ އަދަދު އުނިކުރުން.

74. ކުޑަކުއްޖާގެ ބަލަދުވެރިޔާ

ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޑަކުއްޖެއްގެ ބައްޕަ ނިޔާވެފައިވާނަމަ އެ މާއްދާގެ ބޭނުމަށް އެ ކުއްޖާގެ ބަލަދުވެރިޔާކަމަށް ބަލާނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަނޑައެޅޭ މީހެކެވެ.

75. ޓެކްސް އޭޖެންޓުން

(ހ) އެމް.އައި.އާރ.އޭ އިން ލައިސަންސް ދީފައިވާ ޓެކްސް އޭޖެންޓުންނަށް، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ހިސާބުތައް ބަލަހައްޓައި އެ ފަރާތްތަކުގެ ނަމުގައި ޓެކްސް ބަޔާން ހުށަހެޅިދާނެއެވެ.

(ށ) ޓެކްސް އޭޖެންޓުންނަށް ލައިސަންސް ދިނުމުގައި ބަލާނެ ޝަރުޠުތައް ކަނޑައެޅުމުގެ އިޚްތިޔާރު އެމް.އައި.އާރ.އޭ އަށް ލިބިގެންވެއެވެ.

76. ޓެކްސް ރޫލިންގ

(ހ) ޤާނޫނު އެ ފަރާތެއްގެ މައްޗަށް ހިނގާ ކޮންމެ ފަރާތެއްމެ، މި ގަވާއިދާއި ޤާނޫނު ހިންގުމަށް އެމް.އައި.އާރ.އޭ އިން ނެރޭ ކޮންމެ ޓެކްސް ރޫލިންގއަކަށް ތަބާވާންވާނެއެވެ. އަދި މިފަދަ ޓެކްސް ރޫލިންގތަކަކީ މި ގަވާއިދުގެ ބައެކެވެ.

(ށ) ޓެކްސް ރޫލިންގ އަކުން ނުވަތަ އެނޫންގޮތަކުންވިޔަސް މި ގަވާއިދު އިޞްލާޙުކޮށްފިނަމަ، ގަވާއިދަށް އެ އިޞްލާޙެއް ގެނެސް، މާއްދާތައް ތަރުތީބުކުރުމާއި މާއްދާތަކަށް ޙަވާލާދީފައިވާ ތަންތަން ބަދަލުކުރަންޖެހޭ ޙާލަތްތަކުގައި އެކަންކަން އެ އިޞްލާޙާ އެއްގޮތަށް ބަދަލުކުރަންވާނެއެވެ. އޭރުން މި ގަވާއިދު ކިޔަންވާނީ އެ އިޞްލާޙުތައް އޭގައި ހިމެނި، އެއްކޮށްލެވިފައިވާ ގަވާއިދެއްގެ ގޮތުގައެވެ.

77. ޤާނޫނުތަކާއި އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔަންވާނީ ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި އެ ޤާނޫނުތަކުން ބާރު ލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ އެ ޤާނޫނުތަކުގައި އެ ލަފްޒެއް ނުވަތަ އެ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

78. ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

79. ފުރަތަމަ ޓެކްސް އަހަރުގެ އިންޓެރިމް ޕޭމަންޓް އަދި ފައިނަލް ޕޭމަންޓް

(ހ) ޤާނޫނުގައިވާ ގޮތުގެމަތިން ފުރަތަމަ ޓެކްސް އަހަރު ފެށެނީ 18 ޖުލައި 2011 ގައި ކަމަށްވާތީ، ފުރަތަމަ ޓެކްސް އަހަރުގެ އިންޓެރިމް ޕޭމަންޓްގެ ގޮތުގައި ދައްކަންވާނީ، 18 ޖުލައި 2011 އާއި އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ނިމޭ ތާރީޚާ ދެމެދު އެ މީހެއްގެ ބިނާކުރެވޭނެ ޓެކްސްގެ އަދަދު ޢަދުލުވެރިގޮތަކަށް ލަފާކުރުމަށްފަހު، 31 ޖެނުއަރީ 2012 ގައި ނުވަތަ އޭގެ ކުރިންނެވެ.

(ށ) 31 ޖެނުއަރީ 2012 ގެ ނިޔަލަށް އިންޓެރިމް ޕޭމަންޓް ދައްކަންޖެހޭ ފަރާތްތަކުން އެ ތާރީޚުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރުމުގައި ތިރީގައިވާ ގޮތުންކުރެ ގޮތެއް އިޚްތިޔާރުކުރެވިދާނެއެވެ.

(1) ކޮންމެ މަހަކަށް ވަކިން ހިސާބުތައް ތައްޔާރުކުރާ ފަރާތެއްނަމަ، 2011 ގެ ޖުލައި މަހުގައި އެ ފަރާތެއްގެ މައްޗަށް ޤާނޫނު ހިނގާ ދުވަސްތަކުގެ ނިސްބަތުން އެ މަހުގެ ފައިދާ ބަހާލުމާއެކު، ވިދިގެން އަންނަ މަސްތަކަށް ވަކިވަކިން ހިސާބުތައް ތައްޔާރުކުރުން، ނުވަތަ

(2) 18 ޖުލައި 2011 އިން ފެށިގެން ހިސާބުކުރާ މުއްދަތު ނިމުމާ ހަމައަށް ވަކި ހިސާބުތަކެއް ތައްޔާރުކުރުން، ނުވަތަ

(3) އެ ފަރާތެއްގެ ފުރިހަމަ ހިސާބުކުރާ މުއްދަތަށް ހިސާބުތައް ތައްޔާރުކުމަށްފަހު، 18 ޖުލައި 2011 އިން ފެށިގެން ހިސާބުކުރާ މުއްދަތު ނިމުމާއި ހަމައަށް ބާކީ އޮތް ދުވަސްތަކުގެ ނިސްބަތުން އެ އަދަދު ކުޑަކުރުން.

(ނ) ފުރަތަމަ ޓެކްސް އަހަރުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް ދައްކަންޖެހޭ ފަރާތްތަކުން މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.

(1) 18 ޖުލައި 2011 އިން ފެށިގެން އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ނިމޭ ދުވަހާ ހަމައަށް ވަކިން ހިސާބުތައް (ނުވަތަ "ސްޕެޝަލް ޕަރޕަސް ފައިނޭންޝަލް ސްޓޭޓްމަންޓްސް") ތައްޔާރުކުރުން؛ ނުވަތަ

(2) ފުރަތަމަ ޓެކްސް އަހަރުގެ ތެރޭގައި ނިމޭ އެ ފަރާތެއްގެ ފުރިހަމަ ހިސާބުކުރާ މުއްދަތަށް ހިސާބުތައް ތައްޔާރުކުރުމަށްފަހު، 18 ޖުލައި 2011 އިން ފެށިގެން ހިސާބުކުރާ މުއްދަތު ނިމޭ ދުވަހާ ހަމައަށް، އޭގެ ތެރޭގައި 18 ޖުލައި 2011 އަދި ހިސާބުކުރާ މުއްދަތު ނިމޭ ދުވަސްވެސް ހިމެނޭގޮތުން، ބާކީ އޮތް ދުވަސްތަކުގެ ނިސްބަތުން އެ ފަރާތެއްގެ ފައިދާ ބަހާލުން.

80. މާނަކުރުން
(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު:

"ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ.

"އެމް.އައި.އާރ.އޭ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

"ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށެވެ.

"ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަސް" ކަމަށް ބުނެފައި އެވަނީ، 18 ޖުލައި 2011 އަށެވެ.

"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު އަދި މި ގަވާއިދުގެ ދަށުން އުނިކުރެވޭ އަދަދުތައް އުނިކުރުމުގެ ކުރިން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ބެލެވޭ އާމްދަނީ އަށެވެ.

"މާލީ ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރުމުގައި ބޭނުންކުރަމުންގެންދާ އެކައުންޓިންގ ސްޓޭންޑަޑުގެ ދަށުން ތައްޔާރުކުރަންޖެހޭ އާމްދަނީއާއި ޚަރަދުގެ ބަޔާނާއި، ބެލަންސް ޝީޓާއި، ހިއްސާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާނާއި، ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާނާއި، އެ ބަޔާންތަކާގުޅޭ ނޯޓްސް ހިމެނޭ ގޮތުންނެވެ.

"އައި.އެފް.އާރް.އެސް" ކަމަށް ބުނެފައި އެވަނީ، އިންޓަނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްސް ބޯޑުން ޝާއިޢުކުރާ އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑަޑްސް އަށާއި އިންޓަނޭޝަނަލް އެކައުންޓިން ސްޓޭންޑަޑްސް އަށެވެ.

"ޕާޓްނަރޝިޕް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 9/96 (ދިވެހިރާއްޖޭގެ ޕާޓްނަރޝިޕާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕާޓްނަރޝިޕްތަކާއި، ވިޔަފާރި ޙަރަކާތަކުން ލިބޭ ޖުމްލަ އާމްދަނީ ޙިއްޞާކުރާގޮތަށް، އެއާމްދަނީ ހޯދުމަށް ބޭނުންކުރާ މުދަލުގެ މިލްކުވެރިކަން އެހުރިހާ ފަރާތްތަކުން ޙިއްޞާނުކުރިކަމުގައިވީނަމަވެސް، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން އާމްދަނީ ހޯދުމުގެ ނިޔަތުގައި ވަކިނަމެއްގައި ނުވަތަ ވަކި ޚާއްޞަ ނަމެއްނެތި ހިންގާ، ވިޔަފާރި ޙަރަކާތަކަށެވެ.

ޤާނޫނުގައި "ފައިދާގެ ފުރިހަމަ އަދަދު" ނުވަތަ "އެންމެހައި ފައިދާ" ނުވަތަ "ޖުމްލަ ފައިދާ" ކަމަށް ބުނެފައި އެވަނީ، ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތަކަށް ލިބޭ އެންމެހައި ފައިދާއެއް، އެ ފައިދާއަކީ އާންމުގޮތެއްގައި ހިންގަމުންގެންދާ ވިޔަފާރީގެ މުޢާމަލާތްތަކުން ލިބުނު ފައިދާއަކަށްވީނަމަވެސް، ނުވަތަ އާންމުގޮތެއްގައި ނޫން ގޮތަކަށް މުދަލެއް ވިއްކައިގެން ލިބުނު ފައިދާއަކަށްވީނަމަވެސް ނުވަތަ އެނޫންގޮތަކަށް ލިބުނު ފައިދާއަކަށްވީނަމަވެސް އެ ފައިދާ ހިމެނޭގޮތަށެވެ.

"ފައިސާ" ކަމަށްބުނެފައިއެވަނީ، ފައިސާއާއި ފައިސާއިން އަގުކުރެވޭ ކޮންމެ އެއްޗެއް ހިމެނޭގޮތުންނެވެ.

"ފަންކްޝަނަލް ކަރަންސީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތް މައިގަނޑު ގޮތެއްގައި އޮޕަރޭޓްކުރާ އިޤްތިޞާދީ މާޙައުލެއްގެ ފައިސާ އަށެވެ.

"ޕްރެޒެންޓޭޝަން ކަރަންސީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތުން މާލީ ހިސާބުތައް ތައްޔާރުކުރާ ފައިސާ އަށެވެ.

(ށ) މި ގަވާއިދުގެ ބޭނުމަށް، ޢިބާރާތްކުރުމުގައި އެކަހެރި ނަން ގިނަ ނަމުގެ ތެރޭގައި އަދި ގިނަ ނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ