ޤާނޫނާއި ގަވާއިދު

×

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު

11/2026

ނެރުނު ތާރީޚް: 31 އޯގަސްޓު 2026
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 31 އޯގަސްޓު 2026
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

 

1. ބުނެވިދިޔަ ޤާނޫނުގެ 27 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

27.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން މި ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން އުނިކުރާ ޢަދަދަކީ، އެ އަކުރުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ ޢަދަދު ކަމަށް ބެލެވޭނެއެވެ. އަދި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ ހިމަނައިގެން ނުވާނެއެވެ. އަދި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ އަދި އެ އާމްދަނީއާ ގުޅޭ އެއްވެސް ޢަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

(ރ) މި ޤާނޫނުގެ 43 ވަނަ މާއްދާއާއި 44 ވަނަ މާއްދާއަށް ޢަމަލުކުރަންވާނީ، މި މާއްދާގެ (ނ) އާ ޚިލާފުނުވާ ގޮތުގެމަތިންނެވެ.

 

2. ބުނެވިދިޔަ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

55. (ށ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި އެ ފައިސާގެ ޖުމްލައިން %10 (ދިހައެއް އިންސައްތަ) އުނިކުރަންވާނެއެވެ.

 

3. ބުނެވިދިޔަ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

55. (1-ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ފައިސާއަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ފައިސާއެއްގެ ގޮތުގައިވެސް މާނަކުރެވޭ ޙާލަތުގައި، ބަލަންވާނީ އެއީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ފައިސާއެއްގެ ގޮތުގައެވެ.

 

4. ބުނެވިދިޔަ ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

55.

(ނ)

(3) "ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި މުވައްޒަފެއްގެ ގޮތުގައި ނޫން ގޮތަކަށް، ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން:

i. ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށް؛ ނުވަތަ

ii. އެހެން ފަރާތެއްގެ މުދަލެއް ނުވަތަ ޚިދުމަތެއް ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ނުވަތަ ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުގެ ހުއްދަ ދޭ ފަރާތަކަށެވެ.

 

5. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

 

 

 

 
 
 
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ