ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
3. (ށ) އަލަށް ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓްތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތައް މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުގެ ކުރިން، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކަށް އެ ތަންތަން ތަބާވުމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް އެދި މީރާއަށް ހުށަހަޅައި، އެ ފަދަ އިންސްޕެކްޝަނަކަށް މަގުފަހިކޮށްދޭންވާނެއެވެ.
2. ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
7. (ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަނެއް ނުވަތަ އުޅަނދެއް ހިންގުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ފަރާތަކުން އެއިން ކޮންމެ ތަނަކާއި އުޅަނދެއް ރަޖިސްޓަރީ ކުރަންވާނީ ވަކިންނެވެ. އަދި އެ ފަދަ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހިންގާ، ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަން ރަޖިސްޓަރީ ކުރަންވާނީ، އެ ތަނެއް ހިންގަމުންދާ ތަނާ ނުވަތަ އުޅަނދާ އެކުގައެވެ.
3. ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
7. (ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ދޭ ތަނެއްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އެއްވެސް ފަރާތަކުން އެ ތަނުގައި ހިންގާ ފިހާރަ ރަޖިސްޓަރީ ކުރަންވާނީ އެ ފަރާތުން ހިންގާ ޓެކްސް ނެގޭ އެހެން ހަރަކާތްތަކާ ވަކިންނެވެ.
4. ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
13. (ރ) ޤާނޫނާއި މި ގަވާއިދުގެ ދަށުން ޖީ.އެސް.ޓީ ނެގުން ހުއްދަ ނޫން ފަރާތަކުން ފޯރުވައިދޭ އެއްވެސް މުދަލަކަށް ނުވަތަ ޚިދުމަތަކަށް ޖީ.އެސް.ޓީ ނަގައިފިނަމަ، ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުދަލުގެ ނުވަތަ ޚިދުމަތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ނަގަން ނުޖެހޭ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ޖީ.އެސް.ޓީ ނަގައިފިނަމަ ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ޖީ.އެސް.ޓީ ނަގައިފިނަމަ، މުދާ ނުވަތަ ޚިދުމަތް ލިބިގަތް ފަރާތަށް އެ އަދަދު އަނބުރައި ނުދޭހައި ހިނދަކު، އެގޮތުން ނެގުނު ޖީ.އެސް.ޓީ ގެ އަދަދު ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަންވާނެއެވެ.
5. ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން
43. (ބ) ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަނެއް ނުވަތަ އުޅަނދެއް ހިންގާ ފަރާތަކުން، އެ ތަނެއްގެ ނުވަތަ އެ އުޅަނދެއްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރައަކަށް މުދަލާއި ޚިދުމަތް ފޯރުވައިދޭނަމަ، އަދި އެ ފިހާރަ ހިންގާ ފަރާތަކީ އެ ތަން ނުވަތަ އެ އުޅަނދު ހިންގާ ފަރާތް ކަމުގައި ވާނަމަ، އަދި އެ ފިހާރަ ހިންގާ ފަރާތް ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ފަދަ މުދަލާއި ޚިދުމަތުން، ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަނުން ނުވަތަ އުޅަނދުން އައުޓްޕުޓް ޓެކްސް ނަގާކަށް ނުޖެހޭނެއެވެ.
6. ބުނެވިދިޔަ ގަވާއިދުގެ 54 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
54. (މ) ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގައި ވަޒީފާގައި އުޅޭ، އެ ރިޒޯޓުގައި އޭނާގެ ވަޒީފާ މެދުކެނޑުމެއްނެތި އަދާކުރަމުންދާ މީހަކަށް އެ ރިޒޯޓުގައި ފޯރުވައިދޭ މުދަލާއި ޚިދުމަތްތަކަށް މި މާއްދާގެ (ރ) އާއި، (ބ) އާއި، (ޅ) އާއި ، (ކ) އާއި، (އ) އާއި، (ވ) ރައްދެއް ނުވާނެއެވެ.
7. ބުނެވިދިޔަ ގަވާއިދުގެ 78 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.
78-1. ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާނާއެކު، އަންނަނިވި ލިޔެކިޔުންތައް މީރާއަށް ހުށަހަޅަންވާނެއެވެ.
(1) ރަޖިސްޓަރީކޮށްފައިވާ ފަރާތުން އިންޕުޓް ޓެކުހުގެ ގޮތުގައި އެއްވެސް އަދަދެއް އުނިކުރާނަމަ، މީރާއިން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކޮށްފައިވާ އިންޕުޓް ޓެކްސް ސްޓޭޓްމަންޓެއް؛
(2) މި އަކުރުގެ (1) ވަނަ ނަންބަރު ރައްދުވާނަމަ، އިންޕުޓް ޓެކުހުގެ ގޮތުގައި އުނިކުރާ ކޮންމެ އަދަދެއް ނިސްބަތްވާ ޓެކްސް އިންވޮއިސްގެ އަސްލު؛
(3) މީރާއިން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކޮށްފައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށް ޢަމަލަކުރާނީ، ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ފަރާތްތަކުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅާ ޓެކްސް އިންވޮއިސްތައް ތަރުތީބުކޮށްފައި ހުންނަންވާނީ، އިންޕުޓް ޓެކްސް ސްޓޭޓްމަންޓުގައި އެ އިންވޮއިސްތައް ލިސްޓުކޮށްފައިވާ ތަރުތީބުންނެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ޓެކްސް އިންވޮއިސްއަކީ ޤާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ ޓެކްސް އިންވޮއިސްއެއް ކަމަށް މީރާގެ އޮފިސަރަކަށް ފެނިއްޖެނަމަ، އަންނަނިވި ތާރީޚުތަކުން ފެށިގެން 30 (ތިރީސް) ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެ ޓެކްސް އިންވޮއިސް ހިފެހެއްޓިދާނެއެވެ.
(1) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިއުތިރާޒުކޮށްފައި ނުވާނަމަ، ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނުވަތަ ކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފުކޮށްފައި ނުވާނަމަ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީޚު ނުވަތަ އިސްތިއުނާފުކުރުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީޚު؛
(2) ރަޖިސްޓަރީކޮށްފައިވާ ފަރާތުން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިއުތިރާޒުކޮށްފައިވާނަމަ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނުވަތަ ކޯޓަކުން އެ އިއުތިރާޒާމެދު ފަހުގެ ނިންމުން ނިންމާ ތާރީޚު.
(ބ) މި މާއްދާގެ (ރ) ރައްދުވާނަމަ:
(1) އެ ޓެކްސް އިންވޮއިސް ބެލުމުގެ ހުއްދައަކަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އެދެވިދާނެއެވެ. އަދި އެ ޓެކްސް އިންވޮއިސް ބެލުމުގެ ހުއްދަ ދީފިނަމަ، އެ ފަރާތަށް އެ ޓެކްސް އިންވޮއިސް ބެލޭނީ މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.
(2) އެ ޓެކްސް އިންވޮއިސްގެ ފޮޓޯއަކަށް ނުވަތަ ކޮޕީއަކަށް، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އެދެވިދާނެއެވެ. އަދި:
(i) މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އެ ޓެކްސް އިންވޮއިސްގެ ފޮޓޯއެއް ނުވަތަ ކޮޕީއެއް ނެގިދާނެއެވެ؛ ނުވަތަ
(ii) މީރާގެ އޮފިސަރަކު އެ ޓެކްސް އިންވޮއިސްގެ ފޮޓޯއެއް ނުވަތަ ކޮޕީއެއް ނެގުމަށްފަހު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ފޮނުވަންވާނެއެވެ.
(ޅ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން މި މާއްދާގެ (ބ) ގެ ދަށުން އެދޭ އެދުމަކަށް އިޖާބަދީފިނަމަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނުވަތަ ކޯޓަކަށް ހުށަހަޅައިފައިވާ ނުވަތަ ހުށަހަޅާނެ މައްސަލައަކަށް ހުރަސްއެޅޭނެކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެ ފަދަ އެދުމަކަށް އިޖާބައެއް ނުދެވޭނެއެވެ.
(ކ) ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅާ ޓެކްސް އިންވޮއިސްއެއް ނުވަތަ ޖީ.އެސް.ޓީ ބަޔާނުގައިވާ އިންޕުޓް ޓެކްސް އުނިކުރުމެއް (އެ އުނިކުރުމާ ގުޅޭ ޓެކްސް އިންވޮއިސް އޮތްކަމުގައި ނުވަތަ ނެތްކަމުގައި ވީ ނަމަވެސް) ޤާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްތޯ ކަނޑައެޅުމަށް މީރާގެ އޮފިސަރަކު ކުރާ މުރާޖަޢާއަކީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 3 ވަނަ ބާބުގެ ބޭނުމަށް، އޮޑިޓެއް ނުވަތަ ތަޙުޤީޤެއް ކަމުގައެއް ނުބެލެވޭނެއެވެ.
(އ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އިންޕުޓް ޓެކްސް ސްޓޭޓްމަންޓާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް މީރާއަށް ހުށަހަޅާނީ، އަންނަނިވި ވަސީލަތްތަކުގެ ތެރެއިން، މީރާއިން ކަނޑައަޅާ ވަސީލަތެއް މެދުވެރިކޮށެވެ.
(1) މީރާކަނެކްޓް؛
(2) އީމެއިލް؛ ނުވަތަ
(3) ޕޯޓަބަލް ސްޓޯރޭޖް ޑިވައިސްއެއް.
(ވ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި މި މާއްދާގެ (އ) ރައްދުވާނީ، އެ ފަރާތަށް ފައިބެ ޓެކްސް އަހަރުގައި ނިމުނު ޓެކްސް ނެގޭ މުއްދަތުތަކުގެ ޖުމުލަ އާމްދާނީ 5,000,000/- (ފަސް މިލިޔަން) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކަށެވެ.
78-2. މީރާކަނެކްޓް މެދުވެރިކޮށް ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން
(ހ) އަންނަނިވި ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށެވެ.
(1) ފައިބެ ޓެކްސް އަހަރުގައި ނިމުނު ޓެކްސް ނެގޭ މުއްދަތުތަކުގެ ޖުމުލަ އާމްދާނީ 2,500,000/- (ދެ މިލިޔަން ފަސް ލައްކަ) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތައް؛
(2) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެއްވެސް ޓެކްސް ބަޔާނެއް މީރާކަނެކްޓް މެދުވެރިކޮށް ހުށަހަޅަންޖެހުނު ފަރާތްތައް.
(ށ) ފައިބެ ޓެކްސް އަހަރުގައި ނިމުނު ޓެކްސް ނެގޭ މުއްދަތުތަކުގެ ޖުމުލަ އާމްދާނީ 20,000,000/- (ވިހި މިލިޔަން) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކުން ޖީ.އެސް.ޓީ.އާއި ޖީ.އެސް.ޓީ.އާ ގުޅޭ ޖޫރިމަނާ ދައްކަންވާނީ، މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އަށް ޢަމަލުކުރަން ފަށާނީ، 1 މޭ 2023 އިން ފެށިގެންނެވެ.
8. ބުނެވިދިޔަ ގަވާއިދުގެ 83 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
83. (ރ) މި މާއްދާގެ ދަށުން ހުށަހަޅާ އިޞްލާޙުކުރެވިފައިވާ ޖީ.އެސް.ޓީ ބަޔާނަކާ ގުޅިގެން އެ ފަރާތަށް ޖީ.އެސް.ޓީ ރީފަންޑް ލިބެންޖެހޭނަމަ، ރީފަންޑް ދިނުމުގައި ޢަމަލުކުރާނީ، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
9. ބުނެވިދިޔަ ގަވާއިދުގެ 88 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
88. ރަޖިސްޓަރީ ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅުމާއި، ރަޖިސްޓަރީން އުނިކޮށްދިނުމަށް އެދި ހުށަހެޅުން
(ހ) ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ބާޠިލުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުންނާއި، ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީން އުނިކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަންވާނީ، "ރަޖިސްޓަރީން އުނިކުރުން" (MIRA 106) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.
10. ބުނެވިދިޔަ ގަވާއިދުގެ 88 ވަނަ މާއްދާގެ (ށ) އުނިކުރުން.
88. (ށ) (އުނިކޮށްފައި).
11. ބުނެވިދިޔަ ގަވާއިދުގެ 2-113 ގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
113-3. އުވައިލެވޭ ޓެކްސް ރޫލިންގ
(ހ) ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް 29 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ޓެކްސް ރޫލިންގ ނަންބަރު TR-2015/G23 (ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް) އުވުނީއެވެ.
(ށ) މި ގަވާއިދުގެ 2-78 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ޓެކްސް ރޫލިންގ ނަންބަރު TR-2019/A18 (އޮންލައިންކޮށް ޓެކްސް ދެއްކުން ލާޒިމުކުރުން) ގެ 3 ވަނަ ޕެރެގްރާފުގެ (ހ) އުވުނީއެވެ.
(ނ) ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށް 29 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ޓެކްސް ރޫލިންގ ނަންބަރު TR-2015/G26 (ޖީ.އެސް.ޓީ ބަޔާން އިޞްލާޙުކުރުން) އުވުނީއެވެ.
12. ބުނެވިދިޔަ ގަވާއިދުގެ 117 ވަނަ މާއްދާގެ (ހ) އަށް އަންނަނިވި ޢިބާރާތުގެ މާނަ އިތުރުކުރުން.
117. (ހ) "ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، މީލާދީ އަހަރުގެ 1 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށެވެ.
13. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.