ޤާނޫނާއި ގަވާއިދު

×

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު

26/2025

ނެރުނު ތާރީޚް: 06 ޑިސެންބަރު 2025
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 06 ޑިސެންބަރު 2025
ޑައުންލޯޑް: | ދިވެހި | އިނގިރޭސި |

ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.

 

1. ބުނެވިދިޔަ ޤާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

2. ޓޫރިސްޓް ޚިދުމަތްދޭ ތަންތަން

(ހ) ދިވެހިރާއްޖޭގައި އެއްވެސް ޓޫރިސްޓް ޚިދުމަތެއް ދޭންވާނީ އަދި އެފަދަ ޚިދުމަތްދޭ ތަންތަން ހިންގަންވާނީ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ދިވެހިރާއްޖޭގައި ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ހަދައި ތަރައްޤީކުރުމަށްޓަކައި ރަށްރަށާއި ބިންބިމާއި ފަޅު ދޫކުރަންވާނީ، އަދި އެތަންތަން ތަރައްޤީކުރަންވާނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި "ޓޫރިސްޓް ޚިދުމަތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ޓޫރިސްޓް ޚިދުމަތްތަކަށެވެ.

(1) ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް، އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އަދި ޕްރައިވެޓް އައިލެންޑް؛

(2) ޔޮޓް ބަނދަރުފަދަ ތަންތަނާއި، ޓޫރިސްޓުންނަށް ޚާއްޞަކުރެވިގެން ދެވޭ ފީނުމާއި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތްތައް؛

(3) ޓޫރިސްޓުންނަށް ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ޚިދުމަތްތައް.

 

2. ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

4. (ހ) ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓް ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްޤީކުރުމަށާއި ޕްރައިވެޓް އައިލެންޑް ހެދުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ޓޫރިޒަމް ޓްރެއިނިންގ ރިޒޯޓް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅު، އަދި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަޙައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

 

3. ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

4. (ނ) މި މާއްދާގެ (ށ) ގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާ ތަންތަނާއި ސަރަޙައްދުތަކުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓަލެވެ.

 

4. ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅައި، ކުއްޔަށް ދޫކުރާ ތަންތަނާއި ސަރަޙައްދުތަކުގެ ކުލީގެ ގޮތުގައި ކުއްޔަށް ހިފާ ފަރާތްތަކުން ސަރުކާރަށް ދައްކާ ފައިސާ، އެތަނެއް ނުވަތަ ސަރަޙައްދެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލްތަކަށް ދޫކުރަންވާނެއެވެ.

 

5. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

5. (ހ) (4) ދައުލަތުގެ ކުންފުންޏަކަށް، މި މާއްދާގެ (ފ) ގައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން.

 

6. ބުނެވިދިޔަ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

5. (ފ) (1) ދައުލަތުގެ ކުންފުންޏަކަށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދޫކުރަންވާނީ، މި އަކުރުގެ (2) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(2) ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެފަދައިން ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި އެތަނެއް ދޫކުރާނެ ދައުލަތުގެ ކުންފުނި، ވަޒީރުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ.

(3) ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމަށް ކަނޑައަޅާ ދައުލަތުގެ ކުންފުންޏަކީ، އެތަނުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމުގެ މާލީ އަދި ފަންނީ ޤާބިލުކަން ހުރި ކުންފުންޏެއް ކަމުގައި ވާންވާނެއެވެ.

(4) ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަންވާނީ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ދައުލަތުގެ ކުންފުންޏާއި ދިވެހިސަރުކާރާ ދެމެދު މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ވެވޭ އެގްރީމެންޓެއްގެ ދަށުންނެވެ.

(5) ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށްޓަކައި ވެވޭ އެގްރީމެންޓް ނުވަތަ އެގްރީމެންޓުގެ ދަށުން ލިބިދޭ ޙައްޤުތައް، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ. އަދި އެގްރީމެންޓުގެ މުއްދަތުގެ ތެރޭގައި، މި މާއްދާގެ މި އަކުރުގެ (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ދަށްވެގެންދާ ގޮތަށް، ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭ ދައުލަތުގެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާއަށް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

(6) ދައުލަތުގެ ކުންފުންޏަށް ދޫކުރާ ރަށަށް ނުވަތަ ފަޅަށް ނުވަތަ ބިމަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދައްކަންޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެއެވެ.

(7) ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށްޓަކައި، މި އަކުރުގެ (6) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ އެކުއިޒިޝަން ފީގެ އިތުރުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޙާލަތްތަކުގައި، އެ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން މިނިސްޓްރީން ކަނޑައަޅާ ޢަދަދެއްގެ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢަކަށް ޚަރަދުކުރުމަށް މިނިސްޓްރީއަށް ޝަރުޠުކުރެވިދާނެއެވެ.

(8) މި މާއްދާގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާބެހޭ އުސޫލުތަކާއި، އެތަންތަން ވަކިކުރުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(9) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށް، "ދައުލަތުގެ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން %45 (ސާޅީސްފަހެއް އިންސައްތަ) ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

(10) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށްފަހުގައި، އެކަމާބެހޭ ތަފްޞީލީ މަޢުލޫމާތު ލިޔުމުން އޮޑިޓަރ ޖެނެރަލްގެ އޮފީހާ، މިނިސްޓްރީން ހިއްސާކުރަންވާނެއެވެ.

 

7. ބުނެވިދިޔަ ޤާނޫނުގެ 6 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

6.

(ވ) ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްޤީކުރުމަށް މި މާއްދާގެ (ނ) ގެ ދަށުން ކުއްޔަށް ދޫކުރާ މުއްދަތު، މި ޤާނޫނުގެ 1-6 ވަނަ މާއްދާގެ ދަށުން އިތުރުކޮށްދިނުމާއި، އެ މުއްދަތުގައި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތް.

(މ) މި ޤާނޫނުގެ 2-6 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކުއްޔަށް ދޫކުރާ ތަނުގެ ފަޅުގެ ސަރަޙައްދާއި، އެ ސަރަޙައްދު އިތުރުކުރުމުގައި ޢަމަލުކުރާނެ ގޮތް.

(ފ) ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީކޮށް ހިންގަމުންދާ ތަންތަން، މި ޤާނޫނުގެ 1-45 ވަނަ މާއްދާގެ ދަށުން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމާއި، އެފަދައިން ބަންދުކުރެވޭނެ މުއްދަތާއި، އެ މުއްދަތުގައި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތް.

 

8. ބުނެވިދިޔަ ޤާނޫނުގެ 6 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

6-1. ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ދެވޭ މުއްދަތު އިތުރުކުރުން

(ހ) މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށްޓަކައި ސަރުކާރާއި ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާ ފަރާތާއެކު ވެފައިވާ އެގްރީމެންޓުގައި، އެތަނެއް ތަރައްޤީކޮށް ނިންމައި، ތަން ހުޅުވައި، ޚިދުމަތްދޭން ފަށާނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި ތަން ތަރައްޤީކޮށް ނިންމައި، އެތަނެއް ހުޅުވާފައިނުވާނަމަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްޤީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު މި މާއްދާގެ (ހ) ގެ ދަށުން އިތުރުކޮށްދެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން، މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތަކަށެވެ. އަދި އެފަދައިން ކަނޑައަޅާ ކަނޑައެޅުމަށް ޢަމަލުކުރެވޭނީ، ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ކުލީގެ އެގްރީމެންޓް އިޞްލާޙުކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަން ތަރައްޤީކުރުމުގެ މުއްދަތު އިތުރުކޮށްދެވޭނީ، ސަރުކާރާއި އެތަނެއް ކުއްޔަށް ހިފާ ފަރާތާއެކު ވެފައިވާ އެގްރީމެންޓުގައި، އެތަނެއް ތަރައްޤީކޮށް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށިފައިވާ ތަންތަން އެކަންޏެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ތަން ތަރައްޤީކުރުމުގެ މުއްދަތު އިތުރުކޮށްދިނުމުގެ ގޮތުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފީއެއް ނަގަންވާނެއެވެ. އަދި، އެފަދައިން މުއްދަތު އިތުރުކޮށްދިނުމުގެ ފީ ނެގުމާއެކު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، މިނިސްޓްރީން ކަނޑައަޅާ ޢަދަދެއްގެ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢަކަށް ޚަރަދުކުރުމަށް ޝަރުޠުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ތަން ތަރައްޤީކުރުމުގެ މުއްދަތު އިތުރުކޮށްދިނުމާއެކު، އެފަދައިން އިތުރުކޮށްދެވޭ މުއްދަތަށް މި ޤާނޫނުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ ކުއްޔާއި، މުއްދަތު އިތުރުކޮށްދިނުމާ ހަމައަށް މި ޤާނޫނުގެ ދަށުން އެފަރާތުން ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކުލީގެ އެގްރީމެންޓަށް ގެނެވޭ އިޞްލާޙުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތަން ތަރައްޤީކުރުމުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ޚިދުމަތްދޭން ފަށާފައިނުވާނަމަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެފަރާތަކާމެދު ފިޔަވަޅު އަޅައި، ކުލީގެ އެގްރީމެންޓް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ކުލީގެ އެގްރީމެންޓް ބާޠިލުކުރާ ޙާލަތެއްގައި، ތަން ހިފާފައިވާ ފަރާތަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.

(ކ) މި މާއްދާގެ ބޭނުމަށް، "ތަން ތަރައްޤީކޮށް ނިންމުން" ކަމަށް ބުނެފައި އެވަނީ، އެތަނެއް ކުއްޔަށް ދިނުމަށްޓަކައި ސަރުކާރާއި ތަން ކުއްޔަށް ހިފާ ފަރާތާއެކު ވެފައިވާ އެގްރީމެންޓުގައި، އެތަނެއް ޢިމާރާތްކޮށް ތަރައްޤީކުރުމުގެ މަސައްކަތްތައް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ މަސައްކަތްތައް ނިންމައި، ތަން އޮޕަރޭޓިންގ ޙާލަތަކަށް ގެނައުމަށެވެ.

 

6-2. ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުން

(ހ) މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަޙައްދު، އެތަނެއް ކުއްޔަށް ދިނުމަށްޓަކައި ކުއްޔަށް ހިފާ ފަރާތާއެކު މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ސަރުކާރުން އެކުލަވާލާ ކުލީގެ އެގްރީމެންޓުގައި ހިމަނަންވާނެއެވެ.

(ށ) މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަޙައްދު ކަނޑައަޅާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީންނެވެ.

(ނ) މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ފަޅުގެ ސަރަޙައްދުގެ ގޮތުގައި އެތަންތަނުގެ ކުލީގެ އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ސަރަޙައްދު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި، އެފަދައިން ފަޅުގެ ސަރަޙައްދު އިތުރުކޮށްދިނުމުގެ ގޮތުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފީއެއް ނެގުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

9. (ނ) މި މާއްދާގެ (ށ) ގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ތިރީގައި ބުނެފައިވާ ގޮތަށް ފީއެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.

(1) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެއެވެ.

(2) ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200,000 (ދެލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެއެވެ.

 

10. ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

9. (ކ) ޓޫރިސްޓް ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުފަޅުގެ ތެރެއިން މި މާއްދާގެ ދަށުން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުފަޅު ކުއްޔަށް ހިފާފައިވާ ފަރާތަކީ ތިރީގައި ބުނެފައިވާ ޝަރުޠުތައް ހަމަވާ ފަރާތެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދީފައިވާ މުއްދަތު، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް، އަދި ގިނަވެގެން 49 (ސާޅީސް ނުވައެއް) އަހަރުދުވަހުގެ މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.

(1) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާނަމަ، އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން؛ މީގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާ ނުހިމެނެއެވެ. އަދި،

(2) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 20 (ވިހި) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 2,500,000 (ދެމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ

(3) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 25 (ފަންސަވީސް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 3,000,000 (ތިންމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ

(4) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5,000,000 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން؛ ނުވަތަ

(5) ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް ހުށަހަޅައި، އަންނަނިވި ގޮތުގެމަތިން މުއްދަތު އިތުރުކުރުމުގެ ފީ ދައްކާފައިވުން؛ ނުވަތަ

i. ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި 1,500,000 (އެއްމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމާއެކު، މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން، 4,000,000 (ހަތަރުމިލިއަން) އެމެރިކާ ޑޮލަރު ދައްކާފައިވުން؛ ނުވަތަ

ii. ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި 1,500,000 (އެއްމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމާއެކު، މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން، 4,500,000 (ހަތަރުމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު ދައްކާފައިވުން.

(6) ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ފާއިތުވުމަށްފަހުގައި، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދީފައިވާ މުއްދަތަށް އެކީ އެއްފަހަރާ 49 (ސާޅީސް ނުވައެއް) އަހަރުދުވަސް އިތުރުކުރުމަށްޓަކައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 10,000,000 (ދިހަމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުން.

 

11. ބުނެވިދިޔަ ޤާނޫނުގެ 20-16 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ސުރުޚީ އަދި ފަސް މާއްދާ އިތުރުކުރުން.

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް

16-21. ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް

(ހ) ދިވެހިރާއްޖޭގައި ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރަންވާނީ، އަދި ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކޮށް ހިންގަންވާނީ، މި ޤާނޫނުގެ 22-16 ވަނަ މާއްދާއިން ފެށިގެން 24-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމް ދާއިރާގައި ޚިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒެއްގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، އެ މަރުކަޒުގައި ތަމްރީނުވާ ފަރާތްތަކަށް ޢަމަލީ ތަޖުރިބާ ހޯދޭނެ ގޮތުގެމަތިން އެތަނަށް އަންނަ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކުރެވިފައިވާ ރިޒޯޓަކަށެވެ.

 

16-22. ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން

(ހ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރާނީ، މި ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. އެހެންނަމަވެސް، އެފަދައިން ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމުގައި، މި މާއްދާގައި ކަނޑައަޅާފައިވާ ޝަރުޠުތަކާއި ލުއިތައް، މި މާއްދާގައި ބަޔާންކޮށްފައިވާ ނިސްބަތަށް އެކަންކަމުގެ މައްޗަށް ހިނގާނެއެވެ.

(ށ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކޮށް ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރާނީ، ޓްރޭނިންގ ރިޒޯޓް ތަރައްޤީކުރުމަށް މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަނޑައަޅާ ސަރަޙައްދަކުން، އެ އަކުރުގެ ދަށުން ކަނޑައަޅާ ޢަދަދަކަށެވެ.

(ނ) ދިވެހިރާއްޖޭގައި ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކުރާނެ ޢަދަދާއި ސަރަޙައްދުތައް ކަނޑައަޅާނީ، ޓޫރިޒަމް ދާއިރާގެ ޚިދުމަތްތަކާއި އެ ދާއިރާގައި ޚިދުމަތްކުރާ މީހުން ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކަނޑައެޅޭ ލަނޑުދަނޑިތަކަށް ރިޢާޔަތްކުރުމަށްފަހު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މި ޤާނޫނުގެ 5 ވަނަ މާއްދާ އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރަނީ، މި ޤާނޫނުގެ 24-16 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ތަމްރީނުދޭ މަރުކަޒެއް ހިންގުމަށް ޝަރުޠުކޮށް ކަމަށްވާތީ، އެތަނަށް ދައްކަންޖެހޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެފަދަ ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް ކަނޑައެޅޭ އެކުއިޒިޝަން ފީއެވެ.

(ބ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރަންވާނީ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރެވޭ ފަރާތާއި ދިވެހިސަރުކާރާ ދެމެދު ވެވޭ، މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ އެގްރީމެންޓެއްގެ ދަށުންނެވެ. އަދި އެ އެގްރީމެންޓުގައި، މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ރަށް ނުވަތަ ބިން ނުވަތަ ފަޅު ޙަވާލުކުރެވޭ ފަރާތުން މި ޤާނޫނުގެ 24-16 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ތަމްރީނުތައް އެ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހިންގަން ފަށާފައިނުވާނަމަ ނުވަތަ ހިންގަމުންނުދާނަމަ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އެފަރާތުގެ ކިބައިން ވަކިކުރެވޭނެކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކުރުމަށްޓަކައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށްޓަކައި ވެވޭ އެގްރީމެންޓް ނުވަތަ އެގްރީމެންޓުގެ ދަށުން ލިބިދޭ ޙައްޤުތައް، އެހެން އެއްވެސް ފަރާތަކަށް ސަބްލީސްކޮށްގެން ނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކުރުމަށްޓަކައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވިފައިވާ ފަރާތަކުން، އެހެން ފަރާތަކާ އެކުގައި ޕާޓްނަރޝިޕް އުސޫލަކުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކޮށް ހިންގުމަކަށް ނުވަތަ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކޮށް ހިންގުން އެހެން ފަރާތަކާ ޙަވާލުކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.

(އ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކުރުމަށްޓަކައި ދޫކުރެވޭ ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމާއި، އެތަންތަން ވަކިކުރުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

16-23. ޓޫރިޒަމް ޓްރޭނިންގ ރިޒޯޓަށް ހުއްދަ ދިނުމުގެ ޝަރުޠުތައް

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓެއް ހިންގުމުގެ ހުއްދަ ދެވޭނީ، އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.

(ހ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާއި ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިޒަމް ދާއިރާގައި ޚިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒެއް ޢިމާރާތްކޮށްފައިވުމާއެކު، މި ޤާނޫނުގެ 16-24 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން އެ މަރުކަޒާ ގުޅޭގޮތުން ފުރިހަމަވެފައިވުން؛

(ށ) އެތަނުގައި ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ރިޒޯޓް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކޮށްފައިވުން؛

(ނ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓަކުން ލިބެންޖެހޭނެކަމަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ވަސީލަތްތަކާއި ޚިދުމަތްތައް އެތަނަކުން ލިބެންހުރުން.

 

16-24. ޓޫރިޒަމް ދާއިރާގައި ޚިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒު

(ހ) މި ޤާނޫނުގެ 21-16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޓޫރިޒަމް ދާއިރާގައި ޚިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒަކީ، އަންނަނިވި ކަންކަން ފުރިހަމަވާ ގޮތުގެމަތިން ޤާއިމުކޮށް ހިންގޭ މަރުކަޒެއް ކަމުގައި ވާންވާނެއެވެ.

(1) މަރުކަޒު ހިންގަނީ، ރަޖިސްޓަރީކޮށްފައިވާ ތަމްރީނުދޭ މަރުކަޒަކުން ކަމުގައިވުން؛

(2) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ވަސީލަތްތައް މަރުކަޒުގައި ޤާއިމުވެފައިހުރުން؛

(3) މަރުކަޒުގައި ހިންގާ ތަމްރީނު ޕްރޮގްރާމުތަކަކީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ އަދި ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހުއްދަކޮށްފައިވާ މަންހަޖަކަށް ބިނާކޮށް، ތިއޮރެޓިކަލް ބައިތަކާއި، ޢަމަލީ ތަމްރީނާއި ތަޖުރިބާ ހިމެނޭގޮތުން ފަރުމާކޮށް ހިންގޭ ޕްރޮގްރާމުތަކެއް ކަމުގައިވުން؛

(4) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަން މަރުކަޒާއި މަރުކަޒުން ހިންގާ ޕްރޮގްރާމުތަކުގައި ފުރިހަމަވުން.

(ށ) ޓޫރިޒަމް ޓްރޭނިންގ ރިޒޯޓެއްގައި ދޭންޖެހޭ ތަމްރީނު ދިނުމާއެކު އެތަނުގައި ތަމްރީނުވާ ފަރާތްތަކުން ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި ޢަމަލުކުރަންޖެހޭ އަސާސީ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(1) މަރުކަޒުގައި މަދުވެގެން ހިންގުން ލާޒިމު ޕްރޮގްރާމުތައް؛

(2) މަރުކަޒުގައި ހިންގާ ޕްރޮގްރާމުތަކަށް ބިނާކޮށް އެތަނުގައި މަދުވެގެން ޤާއިމުކޮށްފައި ހުންނަންޖެހޭ ވަސީލަތްތައް؛

(3) މަރުކަޒުގައި ތަމްރީނުވަމުންދާ ފަރާތްތައް ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ސުޕަވައިޒުކުރާނެ ފަރާތްތަކުގެ ޝަރުޠުތަކާއި، ސުޕަވައިޒަރުން ތިބެންޖެހޭ ނިސްބަތް؛

(4) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެހެނިހެން ކަންކަން.

 

16-25. ޓޫރިސްޓް ރިޒޯޓާގުޅޭ އުސޫލުތައް ޓޫރިޒަމް ޓްރޭނިންގ ރިޒޯޓަށް ހިނގުން

ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން މި ޤާނޫނުގެ 21-16 ވަނަ މާއްދާއިން ފެށިގެން 24-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެނޫން ކަންކަމާ ގުޅޭގޮތުން ހިނގާނީ، މި ޤާނޫނުގައި ޓޫރިސްޓް ރިޒޯޓުތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކެވެ.

 

12. ބުނެވިދިޔަ ޤާނޫނުގެ 28 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

28. ޔޮޓް ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރުން

(ހ) މި ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔޮޓް ބަނދަރު ހިންގުމުގެ ހުއްދަ ދޫކުރަންވާނީ ތިރީގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ ތަންތަނަށެވެ.

(1) ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ލިބިފައިވުން؛

(2) އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް އެތަނަކުން ލިބެންހުރުން.

(ށ) ޔޮޓް ބަނދަރު ހެދުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރާނީ، މި ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ. އަދި އެފަދަ ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ޓޫރިސްޓް ރިޒޯޓުތަކާމެދު ޢަމަލުކުރުމަށް މި ޤާނޫނުގައި ބަޔާންކުރާ އުސޫލުތައް ޔޮޓް ބަނދަރުތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

 

13. ބުނެވިދިޔަ ޤާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

32. ޓުއަރ އޮޕަރޭޓަރ ލައިސަންސް

(ހ) ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، މި ޤާނޫނުގެ ދަށުން ދޫކުރާ ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.

(ށ) ދަތުރު ރާވައި ހިންގުމުގެ ޚިދުމަތުގެ ބާވަތްތަކަށް ބިނާކޮށް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޓުއަރ އޮޕަރޭޓަރ ލައިސަންސްގެ ބާވަތްތައް ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި ޤާނޫނުގެ ދަށުން ޓުއަރ އޮޕަރޭޓަރ ލައިސަންސް ދޫކުރެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ޝަރުޠުތައް ފުރިހަމަވާ ވިޔަފާރި ތަންތަނަށެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލައިސަންސް ދޫކުރުމުގެ ޢާންމު ޝަރުޠުތަކުގެ އިތުރުން، ލައިސަންސްގެ ވަކި ގިންތިތަކަށް ޚާއްޞަކޮށް އިތުރު ޝަރުޠު ކަނޑައެޅިދާނެއެވެ.

(ރ) ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭ ވިޔަފާރި ތަންތަނުން، އެ ޚިދުމަތް ދިނުމަށްޓަކައި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން އޮފީހެއް ޤާއިމުކުރަންވާނެއެވެ. މި އޮފީސް، ފިޒިކަލް އޮފީހެއްގެ ގޮތުގައި ނުވަތަ އޮންލައިން ޕްލެޓްފޯމެއްގައި ޑިޖިޓަލް އޮފީހެއްގެ ގޮތުގައި ޤާއިމުކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.

(ބ) ޓޫރިސްޓް ޚިދުމަތްދޭ ފަރާތެއްގެ ޚިދުމަތެއް، ޓުއަރ އޮޕަރޭޓަރުން ވިއްކަންވާނީ ނުވަތަ ވިއްކުމަށް ހުށަހަޅަންވާނީ، އެފަރާތެއްގެ ހުއްދަ ހޯދައި، ޓުއަރ އޮޕަރޭޓަރާއި ޓޫރިސްޓް ޚިދުމަތްދޭ ފަރާތުގެ މެދުގައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން އެއްބަސްވުމަކަށް ވާޞިލުވުމަށްފަހުގައެވެ.

(ޅ) ޓުއަރ އޮޕަރޭޓަރުންގެ ޚިދުމަތްތައް އެއަރޕޯޓުން ފޯރުކޮށްދިނުމަށްޓަކައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ އެއަރޕޯޓް ރެޕްރެޒެންޓެޓިވުން ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން ޢައްޔަންކުރެވިދާނެއެވެ.

(ކ) މި މާއްދާގެ ދަށުން ދޫކުރާ ޓުއަރ އޮޕަރޭޓަރ ލައިސަންސްއަށް އެދި ހުށަހެޅުމުގައާއި، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގައާއި، ލައިސަންސް ހިފެހެއްޓުމާއި ބާޠިލުކުރުމުގައާއި، ލައިސަންސް ދޫކުރުމާއި އާކުރުމަށް ފީ ނެގުމުގައާއި، ލައިސަންސްގެ ދަށުން ޚިދުމަތްދޭ ފަރާތްތަކާގުޅޭ ޝަކުވާ ހުށަހެޅުމާއި އެފަދަ ފަރާތްތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

14. ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

33. ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސް

(ހ) ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް، ދިވެހިރާއްޖޭގައި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއެއް ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސެއްގެ ދަށުން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭންވާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ދިވެހިރާއްޖޭގެ ޓުއަރ އޮޕަރޭޓަރަކާ ގުޅިގެން، އެފަދަ ފަރާތެއް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، ފޮރިން ޓުއަރ އޮޕަރޭޓަރާއި އެފަރާތަކާ ގުޅިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޓުއަރ އޮޕަރޭޓަރާ ދެމެދު އެފިލިއޭޝަން އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އެ އެއްބަސްވުމުގައި އެންމެ މަދުވެގެން ހިމެނެންވާނެ ކަންކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ދޫކުރާ ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއަށް އެދި ހުށަހެޅުމުގައާއި، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގައާއި، ލައިސަންސް ދޫކުރުމުގައާއި، ލައިސަންސް ހިފެހެއްޓުމާއި ބާޠިލުކުރުމުގައާއި، ލައިސަންސް ދޫކުރުމާއި އާކުރުމުގެ ފީއާއި، އަދި ޚިދުމަތްދޭ ފަރާތްތަކާގުޅޭ ޝަކުވާ ހުށަހެޅުމާއި އެފަރާތްތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. 

 

15. ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

34.

(ނ) ޓުއަރ ގައިޑުކަން ކުރާ ފަރާތްތަކުން ޚިދުމަތް ދިނުމުގައި ފަތުރުވެރިންނަށް ދޭންވާނީ ތެދު މަޢުލޫމާތެވެ. އަދި ޚިދުމަތް ދިނުމުގައި ޢަމަލުކުރަންވާނީ ކަނޑައެޅިފައިވާ ސުލޫކީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) ޓުއަރ ގައިޑުކަން ކުރުމުގެ ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ޚިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ އަސާސީ ސުލޫކީ މިންގަނޑުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

16. ބުނެވިދިޔަ ޤާނޫނުގެ 1-45 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

45-1. (ރ) ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރުމަށް، މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދިނުމާއެކު، އެފަދައިން ބަންދުކުރެވޭ މުއްދަތަށް މި ޤާނޫނުގެ ދަށުން ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތުން ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް މި ޤާނޫނުގެ ދަށުން އެފަރާތުން ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

17. ބުނެވިދިޔަ ޤާނޫނުގެ 48 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

48. 

(ހ) މި ޤާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ޚިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެފަރާތެއް ފޯރުކޮށްދިން ޚިދުމަތުގެ ބާވަތަށާއި ޤާނޫނާ ޚިލާފަށް ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

(ށ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ޚިދުމަތެއް މި ޤާނޫނާ ޚިލާފަށް ހުއްދަ ހޯދުމަކާ ނުލައި ހިންގަމުންދާނަމަ، އަދި ޚިދުމަތް ދިނުން ހުއްޓާލުމަށް އެންގުމަށްފަހު ހުއްދަނެތި ޚިދުމަތް ފޯރުކޮށްދެމުންދާނަމަ، އެފަދައިން ޚިދުމަތް ދެމުންދާ ކޮންމެ ދުވަހަކަށް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ނ) މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފުވުމުން ވަކި ފިޔަވަޅެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއްގެ ކުޑަބޮޑު މިނަށް ބަލައި ޚިލާފުވި ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

18. ބުނެވިދިޔަ ޤާނޫނުގެ 53 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.

53. (އ) "ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންނާއި ޓޫރިޒަމްގެ ބޭނުމަށް ދިވެހިރާއްޖެއިން ބޭރަށްދާ މީހުންގެ ދަތުރާއި، އެ ދަތުރުގެ އެހެނިހެން ކަންކަން ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުންދޭ އެންމެހައި ޚިދުމަތްތަކަށެވެ.

 

19. މި ޤާނޫނުން ބުނެވިދިޔަ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.

 

20. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ