ނޮވެންބަރު 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.20 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %16.6 އިތުރު އަދަދެކެވެ. އަދި، ނޮވެންބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %6.7 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، ނޮވެންބަރު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ނޮވެންބަރު 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ އާއި ގްރީން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއީ، އޮކްޓޫބަރު 2024 އާ އަޅައިބަލާއިރު އޮކްޓޫބަރު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %10.3އަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެންވެސް ނޮވެންބަރު 2025 ގެ އާމްދަނީ ނޮވެންބަރު 2024 ގެ އާމްދަނީއަށްވުރެ ވަނީ އިތުރުވެފައެވެ.
ނޮވެންބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %6.7 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ގްރީން ޓެކުހާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސްޓީ ގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުންނެވެ. އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ލިބުނު އާމްދަނީއަކީ ނޮވެންބަރު މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިނުވާ އާމްދަނީތަކެވެ. މީގެ އިތުރުން، ނޮވެންބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ %19.7 އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %21.0 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.
ނޮވެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %59.1 ނުވަތަ 1.30 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %8.7 ނުވަތަ 191.06 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 175.87 މިލިއަން ރުފިޔާ (%8.0)، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 164.99 މިލިއަން ރުފިޔާ (%7.5)، އާމްދަނީ އިން ނަގާ ޓުކުހުގެ ގޮތުގައި 131.67 މިލިއަން ރުފިޔާ (%6.0) އަދ ވާރކް ޕާމިޓް ފީގެ ގޮތުގައި 63.86 މިލިއަން ރުފިޔާ (%2.9) ބަލައިގަނެފައިވެއެވެ.
ނޮވެންބަރު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 103.23 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/Files/GetFile/95d892da-ab25-4e2f-b189-05b32532cd2a